بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وأصـحَابِه أجمـعـين.

އާދެ! އަޅުގަނޑު މިއަތޮޅުގެ ބައެއް ރަށްރަށަށް މި ކުރަމުން ގެންދާ ދަތުރުގައި، އެންމެފަހު މަންޒިލަކަށްމިވީ، ތިޔަބޭފުޅުންގެ މި ލޮބުވެތި ރަށް. އާދެ! ބާރަށް. ބާރަށަށް އައުމުން، ބާރަށުގެ ވެރިންނާއި، ކޮމިޓީތަކުގެ މެންބަރުންނާއި، ޢާންމު ރައްޔިތުންނާއި، ކިޔަވާ ކުދިންނާއި، ރަށުގައި ދިރިއުޅޭ އެންމެންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ވަރަށް އިޚްލާޞްތެރި، ވަރަށްހޫނު މަރްޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އާދެ! މީގެކުރިން ތިންފަހަރަކު އަޅުގަނޑު ބާރަށަށް ޒިޔާރަތްކޮށްފިން. އެންމެފަހުން އާދެވިފައިވަނީ 1998 ވަނަ އަހަރު. އަޅުގަނޑު އެދޭހާ ގިނައިން، އަޅުގަނޑު ބޭނުންވާހާ ގިނައިން ރަށްރަށަށް ޒިޔާރަތް ނުކުރެވުނު ކަމުގައިވިޔަސް، އަޅުގަނޑު މި ހުރި މަގާމުގެ ގޮތުން، އަތޮޅުތަކާއި ރަށްތަކާ ބެހޭގޮތުން ހޯދަންޖެހޭ މަޢުލޫމާތުތައް ހޯދަމުން ގެންދަން. އަދި އަތޮޅުތަކާއި ރަށްތައް އިތުރަށް ކުރިއަރުވައި ތަރައްޤީ ކުރެވެންހުރި ގޮތްތައް ބަލައި ދިރާސާކޮށް، އެކިއެކި މަޝްރޫޢުތަކާއި މަސައްކަތްތައް ހިންގުމުގައި ވަރަށްބޮޑު ބައެއް އަދާކުރެވޭތޯ ބަލަން. އެހެންވީމާ، މި ރަށަށް އެންމެފަހުން އާދެވުނީ، މީގެ ދިހަވަރަކަށް އަހަރު ކުރިން ކަމުގައިވިޔަސް، މި ރަށުގެ ޙާލަތަކީވެސް އަޅުގަނޑަށް އެނގޭ އެއްޗެއް. އަޅުގަނޑު ބަލަމުން ގެންދާ ކަމެއް. އަދި މި ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި، އަޅުގަނޑަށް ކޮށްދެވެންހުރި ހުރިހާ ކަމެއް މި އަންނަނީ ކޮށްދެމުން.

އާދެ! އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދިޔުމުގެ ކުރިން، އިއްޔެ ދިމާވި ޙާދިސާއާ ބެހޭގޮތުން ކުޑަ އެއްޗެއް ދަންނަވާލަން ބޭނުންވޭ. އަޅުގަނޑު ހޯރަފުށްޓަށް ގޮސް، އެ ރަށުން އަޅުގަނޑަށް މަރްޙަބާ ކިޔަން ފާލަންދޮށަށް ނުކުމެ ތިބި ވަރަށްގިނަ ބަޔަކާ އަޅުގަނޑު ސަލާން ކުރަމުންދިޔަ ދިޔުމުގެ ތެރޭގައި، ކޮންމެވެސް މީހަކު އަޅުގަނޑުގެ ހަށިގަނޑަށް ވަޅީގެ ޙަމަލައެއް ދޭން މަސައްކަތްކުރި. އެހެންނަމަވެސް، މާތްﷲގެ ރަޙްމަތްފުޅުގެ ބޮޑުކަމުން، އެކަން އެމީހަކަށް ކާމިޔާބެއްނުވި. އަދި އިރާދަކުރެއްވީތީ އަޅުގަނޑު މިހިރީ ސަލާމަތުން. އެއްވެސްކަހަލަ ގެއްލުމެއް އަޅުގަނޑުގެ ހަށިގަނޑަކަށް ނުލިބޭ.

މިކަން މިހެން ދިމާވުމުގައި، اللّـه سبحـانـه وتعـالىގެ ފަޟުލުވަންތަވެރިކަން ކިތަންމެހާވެސް ބޮޑު. އެކަލާނގެ ރަޙްމަތްފުޅު ކިތަންމެހާވެސް ތަނަވަސް. އެހެންކަމުން، އަޅުގަނޑު މި ފުރުޞަތުގައިވެސް اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ދަންނަވަން.

ހަމައެޔާއެކުގައި، އިއްޔެ މި ޙާދިސާއިން އަޅުގަނޑު ސަލާމަތްވުމުގައި، ﷲ މެދުވެރިކުރެއްވި ފަރާތްތަކެއްވޭ. އޭގެތެރެއިން އެއް ފަރާތެއްގެ ވާހަކަ، އިއްޔެ ކެލާގައި ދެއްކި ވާހަކައިގައި އަދި އޭގެކުރިން ހޯރަފުށީގައި ދެއްކި ވާހަކައިގައިވެސް، ދިވެހި ރައްޔިތުންނާ މުޚާޠަބުކޮށް ވާހަކަ ދެއްކިއިރުވެސް އަޅުގަނޑު އޮންނާނީ ބުނެފައި. އެއީ ޢުމުރުން 15 އަހަރުވީ ހޯރަފުށީ ބޯއި ސްކައުޓެއްގެ ވާހަކަ. ވަރަށް ހިތްވަރުގަދަ ކުއްޖެއް. އޭނާ ކުރި މަސައްކަތަށް އަޅުގަނޑު ސާބަސްދެން. އަދި އޭނާއަށް މާތްﷲ އަވަސް މަގަކުން ޝިފާ ދެއްވުން އެދި ދުޢާ ދަންނަވަން.

ހަމައެހެންމެ، އިއްޔެ އޭނާއަށް ދިމާވިގޮތުން، އާދެ! އޭނާއަށް ވަރަށްބޮޑު ޒަޚަމެއް ވެފައިވާތީ، އެކަމުގެ ހަމްދަރުދީ ފާޅުކުރުމުގެ ގޮތުން އޭނަގެ ވާހަކަ، ހޯރަފުށީގަޔާއި އަދި ކެލާގައި އަޅުގަނޑު ދެއްކި ކަމުގައިވިޔަސް، އިއްޔެގެ ޙާދިސާއިން އަޅުގަނޑު ސަލާމަތްވުމުގައި، އެހެން ފަރާތްތަކަކުންވެސް ވަރަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކުރައްވާފައި. އެހެންވީމާ، އެ ވާހަކަ މިއަދު އަޅުގަނޑު ދަންނަވާލަން ބޭނުން. އަޅުގަނޑު މި އިޝާރާތް ކުރަނީ، އެމް.އެން.ޑީ.އެފް.ގެ ނުވަތަ ސިފައިންގެ ކްލޯޒް ޕްރޮޓެކްޝަން ޓީމަށް.

އާދެ! ކްލޯޒް ޕްރޮޓެކްޝަން ޓީމުގެ މެންބަރުންނަކީ، ކަމަށް އެކަށީގެންވާ ހުނަރުވެރިކަން ޙާޞިލު ކުރައްވާފައި ތިއްބެވި ބޭކަލުން. އެކަށީގެންވާ ޓްރޭނިންގއެއް ހައްދަވާފައި ތިއްބެވި ބޭކަލުން. މިކަހަލަ ކަންތައްތައް ކޮންޓްރޯލް ކުރެއްވުމުގައި، ވަރަށް ހުޝިޔާރުކަމާއެކީ މަސައްކަތް ކުރައްވާ ބޭކަލުން. އޭގެތެރެއިން އެކަކު، އަޅުގަނޑު ކުރިން މި ދެންނެވި މީހާ އަޅުގަނޑާ ޙަމަލަދޭން އަންނަތަން ފެނުމުން، އެމީހާ ފަހަތަށް، ސަފުތެރެއަށް ކޮއްޕާލި. ހަމައެހެންމެ، ފަހަތުގައި ހުރި ހަމަ ކްލޯޒް ޕްރޮޓެކްޝަން ޓީމުގެ އެހެން މެންބަރަކު، އޭނާ ފަހަތަށް ދަމައިގަނެ، އޭނާ ހިފަހައްޓައި ކޮންޓްރޯލްކޮށް ދުރަށް ގެންދިޔަ. އެހެންވީމާ، މިކަމުގައި އެމް.އެން.ޑީ.އެފް.ގެ ކްލޯޒް ޕްރޮޓެކްޝަން ޓީމުން މި ކުރި މަސައްކަތް އަޅުގަނޑު ފާހަގަކޮށް، ޓީމުގެ ހުރިހާ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން.

އާދެ! މިކަހަލަ ކަންތައްތައް ރާއްޖޭގައި މިހާރު މިދަނީ ގިނަވަމުން. ސިޔާސީ ގޮތުން މީހުންނާ ދިމާކުރުމާއި، މާރާމާރީ ހިންގުމާއި، މީހުންގެ ފުރާނައަށް ގެއްލުންވާފަދަ ކަންތައްތައް ކުރުން، މިއީ ވަރަށް ހިތާމަހުރި ކަމެއް. މިއީ އަޅުގަނޑުމެން އެއްގޮތަކަށްވެސް ތަންދީގެންވާނެ ކަމެއް ނޫން. އިއްޔެ ހެނދުނު އަޅުގަނޑަށް މި ޙާދިސާ ދިމާވީ. ރޭ މާލޭގައި މި ފެންވަރުގައި ނޫނަސް އެހެން ޙާދިސާއެއް ދިމާވެއްޖެ. އާދެ! އެއީ އައްޑުއަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް އިބްރާހީމް ޝަރީފަށް ބަޔަކުދިން ޙަމަލާ. އޭނާ ކޮންމެވެސް ބޭނުންފުޅަކު ހުޅުލެއަށް ވަޑައިގެންފައި، އެނބުރި މާލެ ވަޑައިގެން، މާލެއަށް އަރާވަޑައިގެން ވަގުތު، ބަޔަކު މީހުން އައިސް އޭނާގެ ގައިކޮޅަށް ޙަމަލާދީ މޫދަށް ކޮއްޕާލީ. އަދި އެކަންތައްވުމުގެ ތެރޭގައި، އޭނާގެ އިސްތަށިފުޅަށް ގެއްލުން ލިބިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވަނީ. މާތްﷲގެ ފަޟުލުވަންތަވެރިކަމުން އޭނާގެ ޙާލު މިހާރު ރަނގަޅު.

އެހެންނަމަވެސް، އަޅުގަނޑު ދަންނަވަން މިއުޅެނީ، މިހިރީ ވަރަށް ނުރައްކާތެރި ކަންތައްތަކޭ. ތިޔަބޭފުޅުން ހަނދުމަފުޅުކޮށްލެއްވުން އެކަށީގެންވާ ފަދައިން، އަލްފާޟިލް އިބްރާހީމް ޝަރީފަކީ، ދިވެހި ރައްޔިތުންގެ ޕާޓީގެ މެންބަރެއް. އަދި ރައްޔިތުންގެ މަޖިލީހުގަޔާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ދިވެހި ސަރުކާރާ އެއްކޮޅަށް ވަކާލާތު ކުރައްވަމުން ގެންދަވާ ވަރަށް އަގުހުރި ވާހަކަދެއްކުންތެރިއެއް. ކޮންމެވެސް ބަޔަކު މިކަމާ ދޭތެރޭގައި ހިތްހަމަނުޖެހުނީ ކަމަށްވެސް ވެދާނެ. އެކަން ކުރި ބަޔަކު ނޭނގެ. އެހެންނަމަވެސް، އެކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އަޅުގަނޑުގެ ހިތަށް ވަންނަނީ، މީގައި އެކަހަލަ ބޭނުމެއް ފޮރުވިފައި އޮވެދާނެއޭ.

އެހެންވީމާ، މިކަހަލަ ކަންތައްތަކަށް އަޅުގަނޑުމެން އެބަޖެހޭ ސަމާލުވާން. ރާއްޖެއަކީ ޒަމާނުއްސުރެ އެކުވެރިކަމާއި އެއްބައިވަންތަކަން އޮތް ޤައުމެއް. މިހާތަނާ ޖެހެންދެން މިބާވަތުގެ ގިނަ މައްސަލަތަކެއް ފެނިފައިވާ ޤައުމެއް ނޫން. އެހެންނަމަވެސް، ފަހަކަށްއައިސް މިކަންތައްތައް ފެށިގެން މިހާރު ކުރިއަށް މިދަނީ.

މީގެތެރޭގައި، ހަނދުމަފުޅު ހުންނާނެ، މިދިޔަ އަހަރު ސަލްޓަންޕާކުގައި ބަޔަކު އެއްޗެއް ގޮއްވާލުމުގެ ސަބަބުން، ފަތުރުވެރިންގެ ބަޔަކަށް ހާނިއްކަވެގެންދިޔަ. ހަމައެހެންމެ، އަރިއަތޮޅު ރަށެއްގައި ވަކިބަޔަކު ވަކިގޮތަކަށް އެ މީހުންގެ ދިރިއުޅުން ބައްޓަންކޮށްގެން، ސަރުކާރުގެ ގަވާއިދުތަކާ ޚިލާފަށް ކަންތައްތައް ކުރަމުން ގެންދިޔަ. އެ ހުރިހާ ކަމަކީވެސް އަޅުގަނޑުމެންގެ ތެރެއަށް ކޮންމެވެސްކަހަލަ ނޭދެވޭ ނުފޫޒުތަކެއް އައިސްގެން ވަމުންދާ ކަންތައްތައް. އެކަންތައްތަކަށް އަޅުގަނޑުމެން އެންމެން ސަމާލުވާން އެބަޖެހޭ. އެންމެން ހޭލުންތެރިވާން އެބަޖެހޭ. އެއްވެސް މަޤްޞަދެއްގައި އަޅުގަނޑުމެންގެ މެދުގައި ބަޔަކު ފިތުނަ އުފައްދާކަށް އަޅުގަނޑުމެން ޖާގަދީގެނެއް ނުވާނެ. އެއްވެސް ބަޔަކު، އެހެން ބަޔަކާ ދެކޮޅަށް މާރާމާރީ ހިންގައި، ހަށިގަނޑަށާއި ފުރާނައަށް ގެއްލުންވާކަހަލަ ޢަމަލުތައް ކުރިޔަދީގެން ނުވާނެ. މިކަންތައްތައް ޖެހޭނެ އަޅުގަނޑުމެން ހުއްޓުވަން. މިކަންތައްތައް ހުއްޓުވޭނީ، ރައްޔިތުން އެންމެން އެއްބާރުލައިގެން.

އާދެ! އަޅުގަނޑުވެސް އެއްބަސް. ސިޔާސީ ޚިޔާލު ތަފާތުވުމަކީ އެކަށީގެންވާ ކަމެއް. އަދި ސިޔާސީ އިޞްލާޙުގެ ޕްރޮގްރާމެއް ހިންގާއިރު، އެކި މީހުންގެ ޚިޔާލު އެކިގޮތަށް ހުރީމާ، ބައެއް ކަންތައްތަކުގައި ތަންކޮޅެއް މައްޗަށް ޚިޔާލު ތަފާތުވުންވެސް ހިނގައިދާނެ. އެކަމަކު އެހެންދިޔަނަމަވެސް، އެއްވެސް ހާލެއްގައި މީހުންގެ ހަށިތަކަށާއި ފުރާނަތަކަށް ނުވަތަ ގޯތިގެދޮރަށް ނުވަތަ މުދަލަށް ގެއްލުން ލިބޭކަހަލަ އެއްވެސް ކަމެއް، އެއްވެސް މީހަކު ކޮށްގެނެއް ނުވާނެ.

ތަހުޒީބު ވެފައިވާ ޤައުމުތަކުގައި މިކަހަލަ ކަންތައްތަކެއް ނުހިނގާ. ޑިމޮކްރަސީގެ އެންމެ ޒަމާންވީ ތަންތަން، މިސާލަކަށް، އިނގިރޭސިވިލާތް ކަހަލަ ތަންތާނގައި، ނުވަތަ ޔޫރަޕްގެ އެހެން ޤައުމުތަކުގައި ނުވަތަ އެމެރިކާގައި، މިކަހަލަ ބޭނުމެއްގައި ސިޔާސީ ކަންތައްތައް މި ފެންވަރަކަށް ނުހިނގާ. އެމީހުންގެ މެދުގައިވެސް ޚިޔާލު ތަފާތުވުން ހުރޭ. މަޖިލީސްތަކުގައި މިނިވަންކަމާއެކު ވާހަކަ ދައްކާ. އެހެންނަމަވެސް، މަޖިލީހުން ބޭރުގައި، އެކަކު އަނެކަކާ ދިމާކޮށް، މިކަހަލަ ކަންތައްތަކެއް ނުކުރޭ. އެހެންވީމާ، އަޅުގަނޑުމެންވެސް ދަސްކުރަންވެއްޖެ. އަޅުގަނޑުމެންވެސް ތަޞައްރުފު ފުދެންވެއްޖެ. އަޅުގަނޑުމެންވެސް ހުރިހާ ކަމެއް ކުރަންޖެހޭނީ، ޞުލްޙަވެރިކަމާ އެކީގައިކަން ގަބޫލުކުރަންވެއްޖެ. އާދެ! މިވާހަކަ އަޅުގަނޑު މި ދަންނަވާލީ، މިއަދު ދިވެހި ރައްޔިތުންގެ ސަމާލުކަމަށް، މިކަން ވަރަށް ބޮޑަށް ގެންނަން ޖެހިފައިވާތީ.

އިއްޔެ އެ ދިމާވި ޙާދިސާއާ ގުޅިގެން، ވަރަށްގިނަ ފަރާތްތަކުން އަޅުގަނޑަށް ތާއީދާއި ހަމްދަރުދީގެ މެސެޖްތައް ފޮނުއްވަމުން ގެންދެވި. އަދި މިހާރުވެސް އެބަ ގެންދަވާ. އަދި އެ ހުރިހާ ފަރާތްތަކަކުންވެސް، އިއްޔެ މީހަކު ކުރަން އެ އުޅުނު ޢަމަލު ވަރަށް ބޮޑަށް ކުށްވެރި ކުރެއްވި. އަދި މިހާރުވެސް ގެންދަވަނީ ކުށްވެރި ކުރައްވަމުން. މިއީ އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ކަމެއް. އެއީ، އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު މިކަހަލަ ކަންތައްތަކަށް ތާއީދު ނުކުރަންޏާ، މިކަންތައްތަކެއް ދެން ކުރިއަކަށް ނުގެންދާނެ. އެއްވެސް ބަޔަކަށް ނުގެންދެވޭނެ. މުޅި ދިވެހި ރައްޔިތުން މިތިބީ މިކަހަލަ ކަންތައްތަކާ ދެކޮޅަށް.

ރާއްޖޭގައި ޒަމާނީ ޑިމޮކްރަސީއެއް ތަޢާރުފު ކުރުމުގެ ބޭނުމަކީވެސް، ހުރިހާ ރައްޔިތުންނަށް ފުރިހަމަ ޙައްޤުތަކެއް ލިބިދިނުން. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެމީހަކު ދިރިއުޅުމަށްޓަކައި ކުރަން ބޭނުންވާ މަސައްކަތެއް އިޚްތިޔާރު ކުރުމުގެ މިނިވަންކަމާއި، ފަސޭހަކަމާ އެކީގައި އެއްވެސް ފަރާތެއްގެ ބިރުވެރިކަމެއްގެ ދަށުނުވެ ދިރިއުޅެވޭނެ ގޮތްތައް އެންމެންނަށްވެސް ހަމަޖައްސައިދިނުން. އެހެންވީމާ، މިގޮތަށް އަޅުގަނޑުމެންނަށް ކަންތައް ގެންދެވޭނީ، އަޅުގަނޑުމެން އެންމެންނަކީވެސް ތަޞައްރުފު ފުދިފައިވާ ބަޔަކު ކަމުގައި ވެގެން. ކޮންމެ މީހަކުވެސް އަނެކެއްގެ ޚިޔާލަށް އިޙްތިރާމް ކޮށްގެން. އަނެކެއްގެ ނަފްސަށް، އަނެކެއްގެ ފުރާނައަށް، އަނެކެއްގެ ހަށިގަނޑަށް، އަނެކެއްގެ މުދަލަށް ޙުރްމަތްތެރިކޮށްހިތައިގެން. މިއީ، މާތްވެގެންވާ އިސްލާމްދީނުގައިވެސް އަންގަވާފައިވާ ގޮތް.

އާދެ! ދެންމެ މިތާނގައި، މި ޖަލްސާ ފެށިގެން ދިޔައިރު އިވުނު ކީރިތި ޤުރްއާނުގެ މާތް އާޔަތްތަކުގައިވެސް، މާތްﷲ އަންގަވާފައިވަނީ މި ވާހަކަ. އޭގެތެރޭގައި، އެއް އާޔަތެއްގައި ﷲ ވަޙީކުރައްވަނީ، "وَاعْتَصِمُواْ بِحَبْلِ اللّهِ جَمِيعاً وَلاَ تَفَرَّقُواْ" "ތިޔަބައިމީހުން އެންމެން އެކުގައި ތިބެގެން ﷲގެ ދީނުގައި ހިފަހައްޓާށޭ. އަދި ތިޔަބައިމީހުން ވަކިވަކިވެގެން ނުދާށޭ." ވަރަށް ވަރުގަދަ އަމުރެއް ﷲ ޤުރްއާނުގައި ކުރައްވާފައި އެވަނީ.

ހަމައެހެންމެ، އަންގަވާފައިވޭ. "إِنَّمَا الْمُؤْمِنُونَ إِخْوَةٌ" "ހަމަކަށަވަރުން މުއުމިނުންނަކީ އަޚުންތަކެކޭ." މިފަދަ ވަރަށްގިނަ އިލާހީ އިރުޝާދުތައް، ކީރިތި ޤުރްއާނުގައި ދެއްވާފައިވޭ. ހަމައެހެންމެ، މާތް ރަސޫލާގެ ސުންނަތުގައިވެސް އެފަދަ އަގުހުރި އެންގެވުންތައް އަންގަވާފައި އެބަހުރި. މިހުރިހާ އެންގެވުންތަކުން އެނގޭ އެއްޗަކީ، އަޅުގަނޑުމެން ވާންޖެހޭނީ، އެއްބައިވަންތަ ބަޔެއްކަމުގައިކަން. މުސްލިމުންނަކީ އަޚުންތަކެއް. އެއްބަނޑުއެއްބަފާ ބަޔެއް. އެއީ އަޅުގަނޑުމެން އަމިއްލައަށް ހަމަޖެއްސި ގޮތެއް ނޫން. އެކަން އެގޮތަށް ނިންމަވައި އަންގަވާފައިވަނީ اللّـه سبحـانـه وتعـالى.

އެހެންވީމާ، އެކަލާނގެ އަމުރުފުޅަށް އަޅުގަނޑުމެން ބޯލަނބަން އެބަޖެހޭ. އެކަލާނގެ އަމުރުފުޅަށް ކިޔަމަންވާން އެބަޖެހޭ. އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީ، ﷲ އަންގަވާފައިވާ ފަދައިން، އެންމެން އެކުވެރިވެ އެކަތިގަނޑަކަށްވެގެން ތިބެގެން، އަދި ބައިބައިވުމުން އެއްކިބާވެގެން ތިބެގެން، ﷲގެ ދީނުގައި ހިފެހެއްޓުން. އެގޮތުގައި އަޅުގަނޑުމެން ތިބޭ ކަމަށްވަންޏާ، ޝައްކެއްނެތްގޮތުގައި، މާތްﷲ، އަޅުގަނޑުމެން ކުރާ ކަންތައްތަކުގައި ބަރަކާތް ލައްވާނެ. އެކަމުގެ ފައިދާ، އަޅުގަނޑުމެންނަށް އެކަލާނގެ ދައްކަވާނެ. އެހެން ނޫނީވިއްޔާ، އަޅުގަނޑުމެން މި ކުރާ އެއްވެސް މަސައްކަތެއްގެ ފައިދާއެއް ނުފެންނާނެ.

އާދެ! ބާރަށަކީ، ގިނަ ޢަދަދަކަށް މީހުން ދިރިއުޅޭ ރަށެއް. ވަރަށް ފަސްގަނޑު ބޮޑު ރަށެއް. މި ރަށަކީ އަޅުގަނޑުމެންގެ ތާރީޚުގައިވެސް ވަރަށް ޚާއްޞަކޮށް ފާހަގަކޮށްލެވޭ ރަށެއް. މިތާނގައި ވަރަށްގިނަ ޢަދަދަކަށް އާސާރީ ތަންތަން އެބަހުރި. އާސާރީ ހުކުރު މިސްކިތަކާއި މުންނާރެއްވެސް އެބަހުރި. މި މިސްކިތާއި މުންނާރަކީ، ދެއްވަދޫ ރަސްގެފާނު އިމާރާތް ކުރެއްވި ތަންތަން ކަމުގައި ބުނެވޭ. އެހެން ކަމަށްވާނަމަ، އެއީ މީގެ ގާތްގަނޑަކަށް 380 ވަރަކަށް އަހަރު ކުރީގެ ކަމަކަށްވާނީ. އަދި އޭގެ މާކުރިން، ދިވެހިރާއްޖެ އުފެއްދި އެންމެ ވަރުގަދަ ބަޠަލް، އައްސުލްޠާނުލްޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް، ދިވެހި ޤައުމު ޕޯޗްގީޒުންގެ އަތްދަށުން ސަލާމަތް ކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ތެރެއިން ވަރަށްބޮޑު ބައެއް ކުރައްވާފައިވަނީ، މިރަށުގައި ކަމަށް ތާރީޚުގެ ފަތްފުށްތަކުން އެނގެން އެބައޮތް. ކަޅުއޮށްފުންމި ބެންނެވީ، މިރަށުގައި. އާދެ! މިރަށުގައި އެކަމަށްޓަކައި ހަތަރުމަހެއްހާ ދުވަސް ހޭދަކުރެއްވި ކަމަށް، އަޅުގަނޑުމެންނަށް ތާރީޚުން އެނގޭ. ހަމައެހެންމެ، ކަޅުއޮށްފުންމި ލަފާފުރުމަށް ތައްޔާރު ކުރެވުނު ތަނެއް މިތާނގައި އޮވޭ. އަދި އެ ނައު ތައްޔާރު ކުރުމުގައި ބޭނުންކުރެއްވި ކަންތައްތައް ކުރެއްވުމަށްޓަކައި، މިތާނގައި މަސައްކަތް ކުރެއްވި ތަންތާނގައި ހުރި ބައެއް ގަސްގަހުގެ ވާހަކަވެސް އަޅުގަނޑުމެންނަށް އޮތީ އެނގިފައި. މިނޫނަސް މިރަށުގައި އާސާރީ ކިތަންމެ ތަނެއް އެބަހުރި.

އެހެންވީމާ، އެގޮތުން، އަޅުގަނޑުމެން އެބަޖެހޭ، މިތަންތަން ރައްކާތެރި ކުރަން. އާސާރީ ތަންތަނާއި ތަކެތި ރައްކާތެރި ކުރުމަކީ، ޤައުމުގެ ތާރީޚީ ތަރިކަ، ޤައުމުގެ އާސާރީ ތަރިކަ ރައްކާތެރި ކުރުމަށް ކުރަންޖެހޭ ވަރަށް މުހިންމު މަސައްކަތެއް. އެކަން އަޅުގަނޑުމެން ކުރަންޖެހޭނެ. އެތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމަކީ، ސަރުކާރުގެ ކަމާބެހޭ ފަރާތުން ކުރައްވާނެ ކަމެއް. މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމެއް. އަދި އޭގެއިތުރުން، ޢާންމު ރައްޔިތުންވެސް މިކަމުގައި ވަރަށް ބޮޑަށް އެއްބާރުލައްވައިދެއްވަންވާނެ.

އާދެ! މީގެއިތުރުން، ބާރަށަކީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިނގާފައިވާ ރަށެއް. ތަރައްޤީގެ މަގުގައި ރަށް ކުރިއަރަމުންދާއިރު، ރަށުގައި ހަމަޖެހުމާއި އެއްބައިވަންތަކަން ޤާއިމުވެފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް. އާދެ! މިހާރުވެސް ކޮންމެވެސްވަރަކަށް ޤާނޫނާއި ގަވާއިދާ ޚިލާފަށް ކަންތައްތަކެއް މި ރަށުގައި ހިނގަމުންދާ ވާހަކަ އިވޭ. އަދި މިރަށުގައި ބައެއް ފަރާތްތަކުގެ ނުފޫޒުގެ ދަށުން މިކަހަލަ ކަންތައްތައް ކުރެވޭ ވާހަކަވެސް އަޅުގަނޑު އަހަން. އެއީކީ އެއްގޮތަކަށްވެސް ރަނގަޅު ގޮތެއް ނޫން. ރަށުގެ ހުރިހާ ރައްޔިތުންވެސް ގަވާއިދާއި ޤާނޫނަށް ޙުރްމަތްތެރިކޮށްހިއްތެވުމަކީ، ވަރަށް މުހިންމު ކަމެއް. ހަމައެހެންމެ، މި ރަށުގައި ހިނގާ މިފަދަ ކަންތައްތައް ހުއްޓުވުމަށް ރަށުގެ ރައްޔިތުންނާއި، ރައްޔިތުންގެ އެންމެންނާއި ވެރިންނާ ގުޅިގެން މަސައްކަތް ކުރެއްވުމަކީވެސް ހަމަ ކޮންމެހެން ކުރައްވަން ޖެހޭނެ ކަމެއް.

މި ރަށުގެ ތަރައްޤީއަށްޓަކައި ހިންގާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި، ރަށުއޮފީހާއި ރަށުކޯޓު އިމާރާތް ކުރުމާއި، ދެ މިސްކިތެއް އިމާރާތް ކުރުމާއި، ރަށު މަދަރުސާ އިމާރާތް ކުރުން ހިމެނޭ. އަދި ބަނދަރުވެސް ވަނީ ކުރިން ހަދާފައި. އެހެންނަމަވެސް، އޭގެފަހުން ބަނދަރަށް މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ކަތީބު އަޅުގަނޑު ގާތުގައި ވިދާޅުވި. އާދެ! އެތަނަށް ވެލިއެޅިގެން، ތިލަވެގެން ގޮސްފައިވާ ވާހަކަ. މިހާރު އެކަންތައްވެސް ޙައްލު ކުރެވޭތޯ ސަރުކާރުން މަސައްކަތް ކުރާނެ. މި ރަށުގެ ފަރާތުން އެކަންވަނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގައި މިހާރު ދަންނަވާފައި ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ. އަދި އައުޓަރ އައިލެންޑް އިލެކްޓްރިފިކޭޝަން ޕްރޮޖެކްޓެއްގެ ދެވަނަ މަރްޙަލާގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. އެއީ، ކަރަންޓްލުމުގެ މަސައްކަތް. މިހާރު ހިނގަމުންދަނީ ކޭބަލްލުމުގެ މަސައްކަތް ކަމަށް އަޅުގަނޑަށް އެނގިފައިވޭ. އެހެންވީމާ، މިކަންތައްތައްވަމުން މިދަނީ، ރަށުގެ ތަރައްޤީއަށްޓަކައި. މިކަންތައްތައް މިހެންވެ ނިމުމުން، އިރާދަކުރެއްވިއްޔާ ރަށުގެ ރައްޔިތުންނަށް ވަރަށްބޮޑު ފަސޭހަތަކެއް ލިބިގެންދާނެ.

އާދެ! ކުރިން ދެންނެވި، ކުށް ކުރުމުގެ ކަންތަކުގައި، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މި ރަށުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ ޢަދަދުވެސް މަދެއް ނޫން. މިއީ، މިއަދު މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށްބޮޑު މައްސަލައެއް. ވަރަށްގިނަ ކުށްތަކަށް މީހުން އަރައިގަތުމުގެ ސަބަބަކަށް މަސްތުވާތަކެތި ބޭނުންކުރުން އެބަވޭ. އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި، ވައްކަން ކުރުމާއި، މާރާމާރީ ހިންގުމާއި، މިނޫންވެސް ބޮޑެތި ކުށްތައް އެމީހުން ކުރަމުން ގެންދޭ. މިކަމުގެ ސަބަބުން، އަޅުގަނޑުމެންގެ ގިނަ ޢަދަދެއްގެ ޒުވާނުންނަށާއި ހަރުމީހުންނަށް ވަނީ ގެއްލުންތަކެއް ލިބިފައި. އަދި ވަރަށްގިނަ ޢާއިލާތަކަށް ވަނީ ވަރަށް ބޮޑެތި ހިތާމަތަކެއް ކުރިމަތިވެފައި.

އެހެންވީމާ، މިކަމަކީ އަޅުގަނޑުމެން އެއްގޮތަކަށްވެސް އަޅައިނުލާ ތިބެންވީ ކަމެއް ނޫން. މިކަމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާތާ ވަރަށްގިނަ ދުވަސްތަކެއް ވެއްޖެ. އެކިފަހަރު އެކި މަޝްރޫޢު ރާވައިގެން، ސަރުކާރުން އެކި މަސައްކަތް އެބަ ހިންގާ. އެހެން ނަމަވެސް، އަޅުގަނޑުމެން ބޭނުންވާހާ ހަލުވިކޮށް، މީގެ ނަތީޖާ ފެންނަމަކުން ނުދޭ. އެންމެފަހުން، "ވޭކްއަޕް" ކެމްޕެއިން ނަމުގައި، އާދެ! "ހޭލާށެވެ!" މިނަމުގައިވަނީ ސަރުކާރުން ބޭރުގެ އެހީދޭ ފަރާތްތަކާ ގުޅިގެން ވަރަށްބޮޑު ޤައުމީ މަސައްކަތެއް މިހާރު ފަށާފައި. މި މަސައްކަތް ކާމިޔާބު ކުރުމަކީ، އަޅުގަނޑު ހިތުން ރާއްޖެއިން މަސްތުވާތަކެތީގެ ނުރައްކާ ފޮހެލުމަށްޓަކައި ވަރަށް ބޭނުންތެރި، ވަރަށް މުހިންމު މަސައްކަތެއް. އެހެންވީމާ، މިކަމުގައި ރަށުގެ ރައްޔިތުންނާއި، ކޮމިޓީތަކާއި، ޖަމުޢިއްޔާތަކާއި، ވެރިންނާ، މި ހުރިހާ ފަރާތްތަކެއް އެއްބާރުލައްވައިގެން މަސައްކަތް ކޮށްދެއްވުމަކީ، އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށް ދަންނަވާލަން.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ޝުކުރުގެ ދެތިންބަހެއް ދަންނަވާލަން އެބަޖެހޭ. އެންމެ ފުރަތަމަ ރާއްޖޭގެ އަތޮޅުތައް ތަރައްޤީ ކުރެއްވުމުގެ ހުރިހާ ކަންތައްތަކެއް ބަލަހައްޓަވަމުން ގެންދަވަނީ، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުން ކަމަށްވާތީ، އެ ވުޒާރާ ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީއަށް، އެމަނިކުފާނު އެ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި އެ ވުޒާރާގެ އެހެން ވެރިންނަށާއި މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވަން.

ހަމައެހެންމެ، މިހާތަނަށް އެ ވުޒާރާ ހިންގަވައިދެއްވި ހުރިހާ ވަޒީރުންނަށްވެސް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. އޭގެތެރޭގައި، އެންމެފަހުން އެ މަގާމުގައި ހުންނެވި އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ކުރައްވާފައިވާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެމަނިކުފާނަށްވެސް ޝުކުރު ދަންނަވަން. އާދެ! އޭނާ ފެށްޓެވި ލާމަރްކަޒީ އުޞޫލުން އަތޮޅުތަކުގެ ކަންތައް ހިންގުމުގެ ޕްރޮގްރާމް މިހާރުވެސް އެ ދަނީ ކުރިއަށް. އޭގެދަށުން، ރަށްރަށުގެ ކޮމިޓީތައް މިހާރު މިވަނީ އިންތިޚާބު ކުރެވިފައި. އެހެންވީމާ، އެ ސިޔާސަތަކީ ސަރުކާރުން ބަދަލުކުރި ނުވަތަ ކުރާނެ ސިޔާސަތެއް ނޫން. އިރާދަކުރެއްވިއްޔާ، އޭގެ ލަނޑުދަނޑިތައް ޙާޞިލުވަންދެން ހަމަ އެސިޔާސަތު ސަރުކާރުން ކުރިއަށް ގެންދާނެ.

އާދެ! ދެން އެ މިނިސްޓްރީ އެންމެ ގިނަދުވަހު ހިންގަވައިދެއްވި މިނިސްޓަރަކީ، އަޅުގަނޑުމެންގެ މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ މިހާރު ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މުޝީރު ނުވަތަ ސްޕެޝަލް އެޑްވައިޒަރ އަލްއުސްތާޛު ޢަބްދުﷲ ޙަމީދު. ވަރަށްގިނަ ދުވަސްތަކެއް ވަންދެން، ވަރަށްގިނަ އަހަރުތަކެއް ވަންދެން، އެމަނިކުފާނު ވަރަށް ހީވާގިކަމާއި މުރާލިކަމާ އެކީގައި، އަތޮޅުތަކަށާއި ރަށްރަށަށް ވަރަށްގިނަ ޢަދަދަކަށް ޒިޔާރަތް ކުރައްވައި، އަތޮޅުތަކާއި ރަށްރަށުގެ ޙާލަތު، އެއްދުވަހުން އަނެއް ދުވަހަށް ބައްލަވައި، އަމިއްލަފުޅަށް ދެކިވަޑައިގެން، އަތޮޅުތަކުގެ ތަރައްޤީއަށްވަނީ ވަރަށްގިނަ، ވަރަށްބުރަ އިޚްލާޞްތެރި މަސައްކަތްޕުޅުތަކެއް ކޮށްދެއްވާފައި. އެހެންވީމާ، އެކަމަށްޓަކައި އެމަނިކުފާނަށްވެސް މިއަދު ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން.

އާދެ! ހަމައެހެންމެ، މި އަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް މުޙަންމަދު ރަޝީދު ކުރައްވަމުން އެ ގެންދަވާ މަސައްކަތްތަކަށްޓަކައިވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު މި އަތޮޅަށް އައުމާ އެކީގައި، އޭނާ އަޅުގަނޑާ އެކީގައި ހުރިހާ ރަށަކަށް ވަޑައިގެން، ރަށްރަށުގެ މަޢުލޫމާތު އަޅުގަނޑަށް ދެއްވައި، ކަންތައްތައް ވަމުންދާގޮތް ވިދާޅުވެދެއްވަމުން އެބަ ގެންދަވާ. އެހެންވީމާ، އޭނާ މިކަމަށް އެ ބެހެއްޓެވި ޚާއްޞަގޮތާއި ޢިނާޔަތަށްޓަކައި އަދި އަތޮޅުގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކަށްޓަކައި، އޭނާއަށް އަޅުގަނޑު ޝުކުރު މި ދަންނަވަނީ، ހިތުގެ އިޚްލާޞްތެރިކަމާއެކު.

މި ދެންނެވި ފަރާތްތަކާއި ބޭފުޅުންގެ އިތުރުން، ސަރުކާރުގެ ވަރަށްގިނަ އެހެން ފަރާތްތަކުންވެސް އަތޮޅުތަކުގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ. ޙަޤީޤަތުގައި ރާއްޖޭގެ ކޮންމެ ވުޒާރާއަކީ، އެ ވުޒާރާގެ ކޮންމެވެސްކަހަލަ މަސައްކަތްތަކެއް، ކަންތައްތަކެއް އަތޮޅުތަކުގައި ހިނގާ ވުޒާރާއެއް. އެ ހުރިހާ ދާއިރާތަކުން އަތޮޅުތަކުގެ ތަރައްޤީއަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވާ. އެހެންވީމާ، އެ ހުރިހާ ވުޒާރާތައް ހިންގަވާ ވަޒީރުންނަށްވެސް، މި ފުރުޞަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! މިއަތޮޅުގެ ތަރައްޤީއަށް ކުރެވޭ ކަންތައްތަކުގެ ތެރޭގައި ހުރީ މުޅިން ސަރުކާރުން ކުރާ ކަންތައްތަކެއް ނޫން. އަމިއްލަ ވަރަށްގިނަ ފަރާތްތަކުންވެސް އެކި ކަންތައްތައް ކުރައްވާ. އޭގެތެރޭގައި، ފަތުރުވެރިކަމުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާ ހިމެނޭ. ރާއްޖޭގައި ހިމެނޭ އެންމެ މުހިންމު އިޤްތިޞާދީ ދެ މަސައްކަތް ކަމުގައިވާ، މި ދެ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވާ އަމިއްލަ ބޭފުޅުން، އަތޮޅުގެ ތަރައްޤީއަށް އެ ކޮށްދެއްވާ މަސައްކަތަށްޓަކައިވެސް އަޅުގަނޑު އެބޭފުޅުންނަށް ޝުކުރު ދަންނަވަން.

އޭގެތެރެއިން އެއް ބޭފުޅަކީ، ދިވެހި ރައްޔިތުންގެ ޕާޓީގެ ނައިބު ޒަޢީމެއް. އަލްފާޟިލް އަޙްމަދު ޞިޔާމް މުޙަންމަދު. އޭނާ ތައްޔާރު ކުރެއްވި ފަތުރުވެރިކަމުގެ މަންޒިލެއް، މިއަތޮޅުގައި މިހާރު ހިނގަމުން އެބަދޭ. ވަރަށްމަތީ ފެންވަރަކަށް ތައްޔާރު ކުރެއްވި ތަނެއް. އެހެންވީމާ، އޭގެ ސަބަބުންވެސް، އަތޮޅުގެ ތަރައްޤީއަށް ވަރަށްބޮޑު ކުރިއެރުމެއް ލިބެމުންދާނެ ކަމަށް އަޅުގަނޑު ދެކެން.

ހަމައެހެންމެ، އޭނާ ނޫނަސް އެހެން ބައެއް ފަރާތްތަކުން މި އަތޮޅުގައި ފަތުރުވެރިކަމުގެ ތަންތަން އެބަ ހިންގަވާ. އަދި އޭގެ ސަބަބުން، ގިނަ ބަޔަކަށް ވަޒީފާގެ ފުރުޞަތު ލިބުމާއި، އިޤްތިޞާދީ އެކިއެކި މަސައްކަތްތައް ކުރިއަށް ދިޔުމާއި، މިކަންކަން އިރާދަކުރެއްވީތީ ވަމުންއެބަދޭ.

އޭގެއިތުރުން، މަސްވެރިކަމުގެ ދާއިރާގައިވެސް އަމިއްލަ ފަރާތަކުން ވަރަށްގިނަ މަސައްކަތްތަކެއް މި އަތޮޅުގައި ކުރައްވަމުން އެބަ ގެންދަވާ. އަދި އެފަރާތުން މިރަށަށް ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލަ، އާދެ! އެއީ މަދިރި ގިނަވުމުގެ މައްސަލަ ޙައްލު ކުރުމުގައިވެސް އެހީތެރިވެދެއްވާނެ ކަމަށް އޮތީ ވިދާޅުވެފައި. އެފަރާތާއި ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީއާ ދޭތެރޭގައި ކުރެވޭ އެގްރީމެންޓެއްގެ ދަށުން ކުރެވޭ މަސްވެރިކަމުގެ މަސައްކަތުގެ ތެރޭގައި، މި ރަށުގައި މަދިރި ކޮންޓްރޯލް ކުރުން ހިމެނޭ. އެހެންވީމާ، ލަހެއްނުވެ އިރާދަކުރެއްވިއްޔާ އެ މަސައްކަތް ފެށޭނެ. ފެށިގެން ކުރިއަށްދާއިރު، އޭގެ ސަބަބުން މި ރަށުގެ ރައްޔިތުންނަށް ވަރަށްބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ. އެހެންވީމާ، އެ ވާހަކަވެސް އަޅުގަނޑު ދަންނަވާލީ.

މި ދަތުރުގައި، މި އަތޮޅުގެ ވަރަށް ޢިއްޒަތްތެރި އެހެން ދަރިޔަކު އަޅުގަނޑުމެންނާއެކީ ބައިވެރިވެވަޑައިގަންނަވާ. އެ ވާހަކަވެސް ދަންނަވާލަން ބޭނުންވޭ. އެއީ، ހޯރަފުށީ އަލްފާޟިލް މުޙަންމަދު ސަލީމް. އޭނާއަކީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއް. އަދި ދިވެހި ރައްޔިތުންގެ ޕާޓީގެ ކައުންސިލްގެ މެންބަރެއްވެސްމެ. ރާއްޖޭގައި ސަރުކާރުން ފަށައިގެން ކުރިއަށް މިގެންދާ އިޞްލާޙީ ޕްރޮގްރާމް ކާމިޔާބު ކުރުމުގައި، މި ދެ ޙައިޘިއްޔަތުން ވަރަށް ބޮޑެތި މަސައްކަތްތަކެއް އޭނާ ކޮށްދެއްވަމުން އެބަ ގެންދަވާ. އޭނާއަކީ މީގެކުރިން ނޫސްވެރިކަމުގެ ދާއިރާގައިވެސް ވަރަށް ގިނަދުވަހު މަސައްކަތް ކުރައްވާފައިވާ ވަރަށް ތަޖުރިބާކާރު ބޭފުޅެއް. އެހެންވީމާ، އަލްފާޟިލް މުޙަންމަދު ސަލީމް، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް، އެ ކޮށްދެއްވަމުން ގެންދަވާ އިޚްލާޞްތެރި މަސައްކަތްތަކަށްޓަކައި، މި އަތޮޅުގެ ޢިއްޒަތްތެރި ދަރިޔަކަށްވީތީ، މި ޖަލްސާގައި އޭނާއަށް ޝުކުރު ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، މިފެށުނު ހިޖުރީ އާ އަހަރުގެ ތަހުނިޔާއާއި މުބާރަކްބާދީ، ބާރަށު ރައްޔިތުންނަށް ދަންނަވަމުން. މިއަދަކީ، ސާދަސަތޭކަ އޮނަތިރީސް ވަނަ އަހަރުގެ މުޙައްރަމް މަހުގެ 1 ވަނަ ދުވަސް. މިފަދަ ބަރަކާތްތެރި ދުވަހެއްގެ، މިފަދަ ބަރަކާތްތެރި ވަގުތުކޮޅެއް، މިރަށުގައި ހޭދަކޮށްލަން ލިބުނީތީ، اللّـه سبحـانـه وتعـالى ގެ ޙަޟުރަތަށް އަޅުގަނޑު ޙަމްދާއި ޝުކުރު ދަންނަވަން. އަދި މިފެށުނު އާ އަހަރަކީ، ހުރިހާ ގޮތަކުންވެސް ރާއްޖެއަށް އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަމާއި، ކުރިއެރުމާއި ތަރައްޤީ ލިބިގެންދާނެ އަހަރެއް ކަމުގައި ލެއްވުން އެދި އެކަލާނގެ ޙަޟުރަތުގައި ދުޢާ ދަންނަވަން.

އާދެ! އަޅުގަނޑުގެ ދުޢާއަކީ، ކުރިއަށް އޮތް ތާނގައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ތަނަވަސް އުފާވެރި ދުވަސްތަކެއް މާތްﷲ ދެއްކެވުން. ރާއްޖޭގައި ސިޔާސީ ހަމަޖެހުމާއި، އިޖްތިމާޢީ ހަމަޖެހުން ޤާއިމުވެގެން ދިޔުން. ހަމައެހެންމެ، ދިވެހި ސަރުކާރާއި ރައްޔިތުން ކުރަމުން މިގެންދާ ތަފާތު ގިނަގުނަ މަސައްކަތްތަކުގައި، މާތްﷲ ބަރަކާތް ލައްވައި، އެ މަސައްކަތްތަކުގެ ފައިދާ، ދިވެހި ރައްޔިތުންނަށް އަވަސް މަގަކުން ދެއްކެވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.