بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

އާދެ! ހއ. އަތޮޅުގެ ބައެއް ރަށްރަށަށް އަޅުގަނޑު ކުރަމުން މިގެންދާ ދަތުރުގައި، ކެލައަށް އައުމަކީ، އަޅުގަނޑަށް މިއަދު ލިބުނު ވަރަށްބޮޑު އުފަލެއް. މިއަދު އަޅުގަނޑު ކެލައަށް އައުމުން، ކެލާގެ ވެރިންނާއި، ކޮމިޓީތަކުގެ މެންބަރުންނާއި، ޢާންމު ރައްޔިތުންނާއި، ކިޔަވާ ކުދިންނާއި، ކެލާގައި ދިރިއުޅޭ އެންމެންގެ ފަރާތުން އަޅުގަނޑަށް މި ލިބުނު ހޫނު ތަރުޙީބަށްޓަކައި، އަދި ތިޔަ ހުރިހާ ބޭފުޅުން ތިޔަ ވިދާޅުވި ވަރަށް އިޚްލާޞްތެރި މަރްޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އާދެ! މަރްޙަބާގެ ނަންބަރުތައް ފުރިހަމަވަމުން ދިޔައިރު، ކެލާ ރައްޔިތުން އެދިވަޑައިގަންނަވާ ކަންތައްތަކުގެ ވާހަކަވެސް އެތާ ލިޔެފައިވެސް ހުރި. އެ ލިޔުންތައް އަޅުގަނޑު ބަލައިލިން. އަދި މިތާނގައިވެސް އެކަހަލަ ފޮތިގަނޑުތަކެއް އެބަހުރި. ހަމައެހެންމެ، ދެންމެ ކަތީބުގެ ވާހަކަފުޅުގައިވެސް ބައެއް ވާހަކަފުޅު ވިދާޅުވެއްޖެ. އަދި އަޅުގަނޑު މި ރަށަށް އައުމުން، ރަށްކުރިއަރުވާ ކޮމިޓީގެ ރައީސް، މިރަށު ކުޑަކަތީބު އަޅުގަނޑަށް ދެއްވި ލިޔުމެއްގައިވެސް ރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ކަންތައްތަކުގެ ވާހަކަ ލިޔުއްވާފައި އެބަހުރި. އެހެންކަމުން، އެ ހުރިހާ ކަންތައްތަކާ ދޭތެރޭގައި ސަރުކާރުން ވިސްނަމުން ގެންދާނެ ވާހަކަ ދަންނަވާލަން.

އާދެ! ދެންމެ ކެލާ ކަތީބު އަލްފާޟިލް އަޙްމަދު ނަސީމު ދެއްކެވި ވާހަކަފުޅުގައި، އަޅުގަނޑާ ބެހޭގޮތުން ފާޅުކުރެއްވި އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި، އޭނާއަށް ޝުކުރު ދަންނަވަން. ހަމައެހެންމެ، މިއަދު ދިމާވި ޙާދިސާއާ ބެހޭގޮތުން ކެލާގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން އޭނާ އެ ވިދާޅުވި ވިދާޅުވުމަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް މަރްޙަބާ ކިޔާ ޝުކުރު ދަންނަވަން.

ދެން ދަންނަވާލަން އޮތީ، މިއަދު ހޯރަފުށީގައި އެ ދިމާވި ޙާދިސާގެ ވާހަކަ. ތިޔަ ހުރިހާ ބޭފުޅުންވެސް އެ ވާހަކަވަނީ އައްސަވާފައި. އަދި އަޅުގަނޑު މިރަށަށް އައުމުގެ ކުރިންވެސް އަތޮޅުވެރިން މެދުވެރިކުރައްވައި، ރަށުގެ ވެރިން އަޅުގަނޑަށް ވަނީ ހަމްދަރުދީއާއި ތާއީދުގެ މެސެޖެއް ފޮނުއްވާފައި. އެކަމަށްޓަކައި ކެލާގެ ވެރިންނަށާއި ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! މިއަދު މީހަކު އަޅުގަނޑުގެ ހަށިގަނޑަށް ދޭން އުޅުނު ޙަމަލާއިން މާތްﷲ އަޅުގަނޑު ސަލާމަތް ކުރެއްވި ކަމަށްޓަކައި، اللّـه سبحـانـه وتعـالى ގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ކުރަން. ހަމައެހެންމެ، އަޅުގަނޑު ސަލާމަތްވުމުގައި ވަރަށް މުހިންމު ބައެއް ކުޅުނު ހޯރަފުށީގެ 15 އަހަރުގެ ޒުވާން ކުއްޖަކު އެ ކުރި މަސައްކަތަށް ތަޢުރީފުކޮށް، އޭނާއަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން. އޭނާއަކީ ހޯރަފުށީގެ، ޢުމުރުން 15 އަހަރުވީ ސްކައުޓެއް. ނަމަކީ މުޙަންމަދު ޖައިޝަމް. ޝައްކެއްނެތްގޮތުގައި، މިކަހަލަ ހިތްވަރުގަދަ ކުދިން، ހިތްވަރުގަދަ އަބްޠާލުން އަޅުގަނޑުމެންގެ ތެރޭގައި ތިބިކަން އެއީ، ޤައުމުގެ ސަލާމަތަށްޓަކައި އަޅުގަނޑުމެންނަށް މާތްﷲ މިންވަރު ކުރައްވާފައިވާ ވަރަށް ރަނގަޅު ކަމެކޭ އަޅުގަނޑަށް ދަންނަވަންޖެހޭ.

މިއަދު އަޅުގަނޑަށް ބަޔަކު ނުވަތަ މީހަކު ދޭން އެ ޤަޞްދުކުރި ޙަމަލާއިން މާތްﷲ އަޅުގަނޑު ސަލާމަތް ކުރައްވައި، ދިވެހި ޤައުމު ނުރައްކަލުން ސަލާމަތްކޮށްދެއްވީތީ، އަޅުގަނޑުމެން اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ކުރަންޖެހޭނެ. އެކަލާނގެ ފަޟުލުވަންތަވެރިކަން އަބަދުވެސް އަޅުގަނޑުމެންގެ ހިތްތަކުގައި ބާއްވަންޖެހޭނެ.

އާދެ! މިޙާދިސާއާ ގުޅިގެން އަޅުގަނޑު ހޯރަފުށީގައި ވާހަކަ ދައްކަމުންވެސް ބުނި ފަދައިން، ޤައުމު ހަލާކުގެތެރެއަށް އެއްލާލަން ބޭނުންވާ ބަޔަކު، އެ ކުރާ މަސައްކަތެއް އިރާދަކުރެއްވިއްޔާ ކާމިޔާބެއް ނުވާނެ. މިއަދު އެ މީހަކު އެ ކުރަން އުޅުނު ޢަމަލު ކާމިޔާބުވިނަމަ، ޤައުމުގައި ވަރަށް ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިގެންދިޔައީސްކަން ކަށަވަރު. އަޅުގަނޑުމެންގެ އަމަންއަމާންކަން ގެއްލި، ޞުލްޙަމަސަލަސްކަން ގެއްލި، އަޅުގަނޑުމެން ހިތަށްވެސްނާރާހާ އަނދިރި ދުވަސްތަކަކާ އަޅުގަނޑުމެން ކުރިމަތިލާން ޖެހުނީސް. އެހެންނަމަވެސް، މާތްﷲގެ ޙިކުމަތްވަންތަކަމާއި މާތްﷲގެ ފަޟުލުވަންތަވެރިކަން އެއަށްވުރެ މާބޮޑު. އަޅުގަނޑުމެން އެކަމުން މިއަދު ސަލާމަތް ކުރައްވައިފި.

މިކަހަލަ ކަންތައްތަކުން އަޅުގަނޑުމެންގެ ރާއްޖެ އިރާދަކުރެއްވިއްޔާ މާތްﷲ ސަލާމަތް ކުރައްވާނެ. އެކަމުގައި އަޅުގަނޑުމެން ރައްޔިތުން ކުރަންޖެހޭ ވަރަށްބޮޑު މަސައްކަތެއް އެބައޮތް. އެއީ ރައްޔިތުންގެ މެދުގައި ޒަމާނުއްސުރެ މި އޮތް އެކުވެރިކަން އިތުރަށް ބަދަހިކޮށް އާލާކުރުން. އަޅުގަނޑުމެންގެ އަމަންއަމާންކަމާއި ސަލާމަތްކަމާއި، ޤައުމީ މަޞްލަޙަތު ނަގާލަން އުޅޭ ބަޔަކަށް އެއްވެސް ފުރުޞަތެއް ނުދިނުން.

އެކި ބޭނުންތަކުގައި، އެކި ނަންނަމުގައި، އެކި ޢިބާރާތްތައް ބޭނުންކޮށްގެން، ސަރުކާރާ ދެކޮޅަށް ވަރަށްގިނަ ބަޔަކު މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. ވަރަށްގިނަ ބަޔެކޭ ދެންނެވިޔަސް، އެއީ ޙަޤީޤަތުގައި ދިވެހި ރައްޔިތުންގެ ޢަދަދަށް ބަލާއިރު، ވަރަށްމަދު ބަޔެއް. ރާއްޖޭގެ ރައްޔިތުންގެ ވަރަށްބޮޑު އަޣްލަބިއްޔަތު މިއޮތީ ސަރުކާރާ އެކުގައި. ސަރުކާރަށް އިޚްލާޞްތެރިވެ، ސަރުކާރުން ކުރާ ކަންތައްތައް ގަބޫލުކޮށް، އެގޮތުގައި ދެމިތިބުމަށް ތައްޔާރަށް.

އެހެންވީމާ، ދިވެހިރާއްޖޭގެ ވަރަށްބޮޑު އަޣްލަބިއްޔަތެއް ބޭނުންވާ ގޮތަށް ނޫންގޮތަކަށް ރާއްޖޭގައި އެއްވެސް ކަމެއް ހިނގައިގެނެއް ނުވާނެ. މަދު ބަޔަކު އެދޭ ގޮތަކަށް ރާއްޖޭގައި ފިތުނަގަނޑެއް އުފެދިގެނެއް ނުވާނެ. ލޭއޮހޮރުވުމެއް ހިނގައިގެން ނުވާނެ. ރާއްޖޭގައި ސަރުކާރާ ދެކޮޅަށް ބަޔަކު ބަޣާވާތް ކުރިޔަދީގެން ނުވާނެ. މިކަންކަމަކީ، ދިވެހި ރައްޔިތުންގެ ހޭލުންތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަންތައްތަކެއް ކަމަށްވާތީ، އަޅުގަނޑު މިތާނގައިވެސް އެ ވާހަކަ މި ދަންނަވާލީ.

އާދެ! މިއަދު މި ހިނގި ޙާދިސާއާ ގުޅިގެން ވަރަށްގިނަ ފަރާތްތަކުން އަޅުގަނޑާ ގުޅުއްވައި، ހަމްދަރުދީއާއި ތާއީދުގެ ޝުޢޫރުތައްވަނީ ފާޅުކުރައްވާފައި. އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އޭގެތެރޭގައި، އަޅުގަނޑުމެންގެ ޢިއްޒަތްތެރި ވަޒީރުންނާއި، ސަރުކާރުގެ އެހެން ފެންވަރުތަކުގެ ވެރިންނާއި އަދި އަތޮޅުތަކުގެ އަތޮޅުވެރިންނާއި، ރަށްރަށުގެ ވެރިންނާއި، ރަށްރަށުގެ ރައްޔިތުން ހިމެނޭ. އަދި ތަފާތު ޖަމާޢަތްތަކުގެ ވެރިންނާއި މެންބަރުންވެސް ހިމެނޭ. މި ހުރިހާ ބޭފުޅުން އެ ފާޅުކުރެއްވި އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި، އަޅުގަނޑު އެ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ހަމައެޔާއެކީގައި މިފަދަ ކަމެއް ދިމާވުމުން، ނުނުކުމެ ނުދާނެ ބައެއްކަހަލަ ނަތީޖާތައްވެސް ނުކުތުމަކީ އެކަށީގެންވާ ކަމެއް ކަމަށްވާތީ، އެ ވާހަކަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. މިއަދު މި ހިނގި ޙާދިސާގެ ކަންތައްތައް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެ ގެންދަވަނީ ތަޙުޤީޤު ކުރައްވަމުން. އެކަންތައްތައް ވަރަށް ރަނގަޅަށް ތަޙުޤީޤު ކުރައްވާނެ. އަދި އެކަންތައްތަކުގައި ބައިވެރިވާ ބަޔަކު ޝަރީޢަތަށް ހުށަހެޅޭނެ. އެކަންތައް ވަރަށް ފުރިހަމައަށް ސަރުކާރުން ބަލައި، އަޅަންޖެހޭ ފިޔަވަޅުތަކެއް އިރާދަކުރެއްވިއްޔާ އަޅާނެ.

އެހެންވީމާ، އެއްވެސް ދިވެހި ރައްޔިތަކު އެކަމާ ބެހޭގޮތުން އެއްވެސްކަހަލަ ފިކުރެއް ކުރައްވާކަށް ނުޖެހޭނެ. އެއްވެސްކަހަލަ ފިޔަވަޅެއް އަޅުއްވާކަށް ނުޖެހޭނެ. އަޅުގަނޑު މިހެން މިދަންނަވާލީ، ބައެއް މީސްމީހުންނަށް، މިކަމުގެ ސަބަބުން ކޮށްފައިވާ އަސަރެއްގެ ސަބަބުން، އެމީހުންނަށް ނޭނގިވެސް ނުރަނގަޅު ޢަމަލެއް ކުރެވިދާނެތީ. އެއްގޮތަކަށްވެސް ސަރުކާރުގެ ދިފާޢުގައި، އަޅުގަނޑުގެ ދިފާޢުގައި، އެއްވެސް ރައްޔިތަކު އެކަހަލަ ޢަމަލެއް ކުރެއްވުމަކީ، އަޅުގަނޑު އެދޭގޮތެއް ނޫން. ބޭނުންވާ ކަމެއް ނޫން.

އަޅުގަނޑު އެދެނީ، ދިވެހިރާއްޖޭގެ ރައްޔިތުން ކެތްތެރިކަންމަތީ ތިއްބެވުން. ހަމަހިމޭންކަންމަތީ ތިއްބެވުން. މި މައްސަލަ ސަރުކާރުން ރަނގަޅަށް ތަޙުޤީޤުކޮށް، ކުށްވެރިވާ ބަޔަކު ޝަރީޢަތަށް ހުށަހަޅައި، އެ ބަޔަކަށް ލިބެންޖެހޭ އަދަބުދޭނެކަމާމެދަކު ޝައްކެއްނެތް. އެހެންވީމާ، އެގޮތަށް ދިވެހިރާއްޖޭގެ ރައްޔިތުން ހިތްޕުޅު ހަމަޖައްސަވާލައްވައިގެން، މަޑުމަޑުން ކެތްތެރިކަމާއި ސާބިތުކަމާއެކީގައި ތިއްބަވާށޭ، އަޅުގަނޑު ދަންނަވާލަން ބޭނުންވޭ.

އަޅުގަނޑު ދަންނަވާލަން ބޭނުންވި އަނެއް ވާހަކައަކީ، މިފަދަ ފިނޑި ޢަމަލަކުން އަޅުގަނޑުގެ ޢަޒުމަކަށް އިރާދަކުރެއްވިއްޔާ ބަދަލެއް ނާންނާނެއޭ. އަޅުގަނޑު އިރާދަކުރެއްވިއްޔާ ހުންނާނީ ސާބިތުކަންމަތީގައޭ. އާދެ! ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަމާއި އިޚްލާޞްތެރި ތާއީދު ލިބިގެން، އިރާދަކުރެއްވިއްޔާ ތިޔަ ލޮބުވެތި ރައްޔިތުން އަޅުގަނޑާ މަތިކުރައްވާފައިވާ އަމާނާތް، މާތްﷲގެ ވާގިފުޅާއެކު ފުރިހަމަކުރާނަމޭ.

އާދެ! އަޅުގަނޑުގެ ވާހަކައިގައި ދެންހުރި ނުކުތާތަކަށް އެނބުރިލާނަން. މިއީ އަޅުގަނޑު ކެލައަށް ކުރާ ހަތަރުވަނަ ދަތުރު. އެންމެފަހުން އަޅުގަނޑު މިރަށަށް އައީ ނުރަސްމީ ގޮތެއްގައި 2004 ވަނަ އަހަރު. މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ކެލާގެ ތަރައްޤީއަށްވެސް ސަރުކާރުންވަނީ އެކިއެކި މަޝްރޫޢުތައް ހިންގާފައި. މިހާރު މި ރަށުގައި ހިނގަމުންދާ އެންމެ މުހިންމު އެއް މަޝްރޫޢަކީ، ލަފާ ފުރުމުގެ ދަތިކަން ޙައްލު ކުރުމުގެ މަޝްރޫޢު. އެ މަޝްރޫޢުގެ ދަށުން މިހާރުވަނީ ފަޅު ކޮނުމުގެ ބައި ނިމިފައި. އެހެން ނަމަވެސް، ބާކީ އެހެން މަސައްކަތްތަކެއް އެބަހުރި. މި ރަށަށް އައިފަހުން އަޅުގަނޑަށް މަޢުލޫމާތު ލިބުނުގޮތުގައި، ކެލާ ރައްޔިތުން ބޭނުންފުޅުވަނީ، މިހާރު އެ ހެދެމުންދާގޮތާ ތަފާތު ގޮތަކަށް، އެއަށްވުރެ ތަނަވަސް ގޮތަކަށް، ބޮޑުގޮތަކަށް ބަނދަރު ހެދެން. އެ ވާހަކަ މިތާނގައި ލިޔެފައިވެސް އެބަހުރި. ”ބަނދަރެއްގެ ދަތިކަން ވަނީ ކެލާ ރައްޔިތުންނަށް ކުރިމަތިވެފައި.“ އެހެންވީމާ، އެކަން ސަރުކާރުގެ ވިސްނުމުގައި ބަހައްޓާނެ ވާހަކައާއި، އަޅުގަނޑު މާލެގޮސް ކަމާބެހޭ ފަރާތްތަކުގައި ދަންނަވާނެ ވާހަކަ ދަންނަވާލަން.

ހަމައެހެންމެ، ނަރުދަމާ ނިޒާމެއްގެ އިންތިޒާރުގައި ކެލާ ރައްޔިތުން ތިއްބެވި ވާހަކަވެސް އެބައޮތް. ފަތުރުވެރިންގެ މަންޒިލަކަށް، ކެލާ ތުނޑި ހަދައިދިނުމަށް ބޭނުންވާ ވާހަކަވެސް މިތާނގައި ލިޔެފައި އެބައޮތް. އަދި މިނޫނަސް ބައެއް އެހެން ކަންތައްތަކުގެ ވާހަކަ، އަޅުގަނޑު ކުރިން ދެންނެވި ކޮމިޓީގެ ރައީސް އަޅުގަނޑަށް ދެއްވި ލިޔުމުގައި ހިމެނިފައިވޭ.

އެހެންވީމާ، އެކަންކަމަށް ސަރުކާރުން ރިޢާޔަތްކޮށް، ސަރުކާރުން އެކަންތައްތައް ކުރަމުންގެންދާ އުޞޫލާ އެއްގޮތަށް ގެންދެވޭތޯ ބަލާނެ ވާހަކަ ދަންނަވާލަން. އެހެން މި ދެންނެވީ، ރާއްޖޭގައި މީހުން އުޅޭ ސަތޭކަ ނުވަދިހަ އެތަކެއް ރަށް އެބަހުރި. ވަރަށްގިނަ ރަށްރަށަށް، ވަރަށްގިނަ ޚިދްމަތްތައް ބޭނުންވޭ. އެ ޚިދްމަތްތައް ސަރުކާރުން އެ ރަށްރަށަށް ދޭންވެސް ބޭނުންވޭ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ފުދުންތެރިކަމާއި ތަނަވަސްކަންހުރި މިންވަރުން އެ ހުރިހާ ކަމެއް ފުރިހަމަނުކުރެވިގެން މިއުޅެނީ. ވަރަށްގިނަ ރަށްރަށުގެ ބަނދަރު އޮތީ ހަމަ މިފަދަ ހާލެއްގައި. މިއަށްވުރެވެސް ދަށް ހާލުގައި ހުރި ބައިވަރު ބަނދަރު އެބަހުރި.

ހަމައެހެންމެ، ނަރުދަމާގެ ނިޒާމާއި ކަރަންޓްގެ ނިޒާމާއި، ތަޢުލީމާއި، ޞިއްޙަތާ، މިނޫން ގިނަ ކަންތައްތަކެއްވެސް ވަރަށްގިނަ ރަށްރަށަށް ބޭނުންވެފައި އެބަހުރި. އެ ހުރިހާ ކަމެއްވެސް ސަރުކާރުން ކުރަމުން މިގެންދަނީ ވަކި އުޞޫލެއްގެ މަތިން. ވަކި ތަރުތީބެއް ކަނޑައަޅައިގެން. އަދި ބަޖެޓު ތަންދޭ ގޮތެއްގެ މަތިން. އެހެންވީމާ، ކެލާ ރައްޔިތުންގެ ތިޔަ އެދިވަޑައިގަތުމަށްވެސް، މި ދެންނެވި އުޞޫލުން ސަރުކާރުން ވިސްނައި، އެއަށް ޢަމަލު ކުރަމުން ގެންދާނެ ވާހަކަ ދަންނަވާލަން.

އާދެ! ކެލައަކީ ރާއްޖޭގެ ނިސްބަތުގައި ތަޢުލީމީ ގޮތުންވެސް ވަރަށް ކުރިއަރާފައިވާ ރަށެއް. ގްރޭޑް 12 އާ ހިސާބަށް މިރަށުގައި ކިޔަވައިދެމުން އެބަގެންދޭ. މި ރަށުގެ މަދަރުސާއަކީވެސް ވަރަށް މަޝްހޫރު މަދަރުސާއެއް. މަދަރުސަތުއްޝައިޚް އިބްރާހީމް. އެ މަދަރުސާ ނިސްބަތް ވަނީ، މިރަށަށް އުފަން ވަރަށް މަޝްހޫރު ޢިލްމުވެރިއެއްގެ ނަމަށް. އާދެ! އެއީ ފަޟީލަތު އަލްއުސްތާޛުއްޝައިޚު އިބްރާހީމް ރުޝްދީ އަލްއަޒްހަރީ. އެމަނިކުފާނުގެ ނަންފުޅަށް ނިސްބަތްވެގެންވާ މި މަދަރުސާއަކީ، މިރަށުގައި ފަސްދޮޅަސް އެތައް އަހަރެއް ވަންދެން މެދުނުކެނޑި ހިނގާފައިވާ މަދަރުސާއެއް. އެމަދަރުސާގެ ހިޔާވަހިކަމާއި، މަދަރުސާގެ ތަޢުލީމީ ފައިދާ، މިރަށުގެ ދަރިވަރުންނަށް ކުރަމުން ގެންދާތާ ވަރަށްގިނަ ޒަމާންތަކެއް ވެފައިވާ ވަރަށް އަގުހުރި މަދަރުސާއެއް. އެހެންވީމާ، އެކަމަށްޓަކައިވެސް އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން.

ތަރައްޤީގެ މަގުގައި ރާއްޖެއަށް ކުރިއަށް މި ދެވެނީ، ރައްޔިތުންގެ މެދުގައި ވަރަށްބޮޑު އެއްބައިވަންތަކަމެއް އޮވެގެން. މިއީ ޙަޤީޤަތެއް. ޒަމާނުއްސުރެ ދިވެހިރާއްޖޭގައި އޮތީ ވަރަށްބޮޑު އެކުވެރިކަމަކާއި އެއްބައިވަންތަކަމުގެ ގުޅުމެއް. ފަހަކަށްއައިސް، ބަޔަކު މީހުން ޙަރަކާތްތެރިވާން ފެށިގޮތުން، މި ގުޅުމަށް ކޮންމެވެސްވަރެއްގެ ބުރޫތަކެއް އަރަމުންދިޔަ ކަމުގައިވިޔަސް، ޙަޤީޤަތުގައި ރާއްޖޭގެ ރައްޔިތުންގެ ވަރަށްބޮޑު ބަޔަކީ، އަޅުގަނޑު ދަންނަވާނީ 99 އިންސައްތައަކީ ނުވަތަ އެއަށްވުރެ ގިނަބަޔަކީ ހަމަ ވަރަށް އެކުވެރި އެއްބައިވަންތަ ބަޔެކޭ. އަޅުގަނޑުމެންގެ ތެރޭގައި ހަމަނުޖެހުން އުފައްދަން، ފިތުނަ އުފައްދަން މިއުޅެނީ ވަރަށްމަދު ބަޔެކޭ. އެމީހުން އެ ކުރާ މަސައްކަތް، އަޅުގަނޑުމެން އެއްގޮތަކަށްވެސް ކާމިޔާބުވިޔަދީގެނެއް ނުވާނެއޭ.

އާދެ! ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަން އާލާކުރާ ފަދައިން، ޢާއިލީ ގުޅުންވެސް ބަދަހިކުރަން އެބަޖެހޭ. ޢާއިލާތަކަކީ މުޖްތަމަޢުގެ ބިންގާތައް. މުޖްތަމަޢު އެކުލެވިގެންވަނީ، އެތައް ޢާއިލާއެއްގެ މައްޗަށް. ކޮންމެ ޢާއިލާއެއްގެ ތެރޭގައިވެސް އޮންނަންވާނީ، ހަމްދަރުދީއާއި، ލޯތްބާއި، ކުލުނުގެ ގުޅުން. ޢާއިލާ ރޫޅުމަކީ، މުޅި މުޖްތަމަޢަށް ލިބޭ ވަރަށްބޮޑު ގެއްލުމަކަށްނުވެ ނުދާނެ. އޭގެ ސަބަބުން، ބަލާނެ މީހަކުނެތި ވަރަށްގިނަ ކުދިން ބިކަ ހާލުގައިޖެހޭ. ވަރަށްގިނަ އަނބިންނަށް ދަތިގޮތްތައް މެދުވެރިވޭ. ޢާއިލާތަކަށް ވަރަށްގިނަ ހިތާމަތައް ކުރިމަތިވޭ. އެހެންވީމާ، އަޅުގަނޑުމެން، ޢާއިލާގެ ގުޅުމަށް ކަމޭހިތައި، ޢާއިލާ ރޫޅުނަނުދީ، އެއް ޢާއިލާއެއްގެ ގޮތުގައި ދެމިއޮތުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭނެ.

ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމެއް. އެކަންވެސް އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރަންޖެހޭނެ. އަދި އިސްލާމްދީނުގައިވާ ގޮތުގެ މަތިން ކަންތައްތައް ކުރެވޭތޯ ބަލަންވާނެ. އާދެ! އަޅުގަނޑުމެންގެ މެދުގައި އޮންނަ އުޚުއްވަތްތެރިކަން، އެއްބަނޑުއެއްބަފާކަން ބިނާވެފައިވަނީ، އިސްލާމްދީނުގައި ލައްވާފައިވާ އުޚުއްވަތްތެރިކަމުގެ މައްޗަށް. މާތްﷲ ވަޙީކުރައްވަނީ، "إِنَّمَا الْمُؤْمِنُونَ إِخْوَةٌ " "ހަމަކަށަވަރުން މުއުމިނުންނަކީ އަޚުންތަކެކެވެ." އެހެންވީމާ، މި މަތިވެރި ބަސްފުޅުގައިވާ ގޮތުގެ މަތިން، އަޅުގަނޑުމެން އަޚުންތަކެއް ކަމަށްވާއިރު، އަޅުގަނޑުމެންގެ ޢަމަލުތައް ހުންނަންވާނީ، މާތްﷲ ލައްވާފައި އެވާ އުޚުއްވަތްތެރިކަން، އޭގެ އެންމެމަތީ ފެންވަރުގައި ހިފެހެއްޓޭ ގޮތަށް.

އާދެ! މިހެން ދަންނަވާއިރު، މާދަމާއަކީ ހިޖުރީ އާ އަހަރެއްގެ ފެށުންކަން، އަޅުގަނޑުގެ ހަނދާނުގައި އެބަހުރި. އެހެންވީމާ، މި އުފާވެރި މުނާސަބަތުގައި، ކެލާގެ ލޮބުވެތި ވެރިންނަށާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން. އަދި މިރޭ މިފެށޭ ހިޖުރީ އާ އަހަރަކީ، ހުރިހާ ގޮތަކުންވެސް ރާއްޖެއަށް އުފާފާގަތި އަދި ރާއްޖެއަށް އަމަންއަމާންކަމާއި ސަލާމަތްކަން ލިބިގެންވާ، ރާއްޖޭގެ ރައްޔިތުންނަށް ތަރައްޤީއާއި ކުރިއެރުމުގެ މަގުތައް، މާތްﷲ ތަނަވަސްކޮށްދެއްވާ އަހަރެއް ކަމުގައި ލައްވާށި!

އާދެ! އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން، އަތޮޅުތަކުގެ ތަރައްޤީއަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ކުރަމުން މިގެންދަނީ، ކަމާބެހޭ ވުޒާރާ ނުވަތަ ވުޒާރާތައް މެދުވެރިކޮށްކަން، ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވޭ. އޭގެތެރެއިން އެންމެ އިސް ވުޒާރާއަކީ، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް. އެ މިނިސްޓްރީގެ މިނިސްޓަރ އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީ، އަޅުގަނޑުމެންނާއެކު ވަޑައިގެން އެބަ އިންނެވި. އެމަނިކުފާނު އަތޮޅުތަކުގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކަށްޓަކައި އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މި ދާއިރާ ވަރަށްދިގު ޒަމާންތަކެއް ވަންދެން ބަލަހައްޓަވައިދެއްވި ވަޒީރު، މިހާރު ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރ އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، ރާއްޖޭގެ އަތޮޅުތަކުގެ ތަރައްޤީއަށާއި ކުރިއެރުމަށް ވަރަށްގިނަ އަހަރުތަކެއް ވަންދެން، ވަރަށް އިޚްލާޞްތެރިކަމާއެކު ކޮށްދެއްވާފައިވާ ގިނަގުނަ ބުރަ މަސައްކަތްތަކަށްޓަކައި، އެމަނިކުފާނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

ހަމައެހެންމެ، ތަފާތު ދުވަސްވަރު، އެމިނިސްޓްރީ ހިންގެވި އެހެން ވަޒީރުންނަށާއި، އަދި ސަރުކާރުގެ ޚިދްމަތްތައް، އަތޮޅުތަކުގެ ރައްޔިތުންނަށް ވާޞިލުކޮށްދެމުން މި ގެންދަނީ، ތަފާތު ދާއިރާތައް މެދުވެރިކޮށް ކަމަށްވާތީ، އެ ހުރިހާ ދާއިރާތަކުގެ ވަޒީރުންނަށްވެސް އަޅުގަނޑު މިފުރުޞަތުގައި ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى ކެލާ ރައްޔިތުންނަށާއި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަބަދުވެސް ހެޔޮ ގޮތްތައް މިންވަރުކޮށްދެއްވުން. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ސާފު ސީދާ ތެދުމަގުގައި އަބަދުމެ، ވަރުގަދަ ޢަޒުމަކާ އެކުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭ ބަޔަކު ކަމުގައި ލެއްވުން. ދިވެހިރާއްޖެއަށް އަބަދުވެސް އަމަންއަމާންކަމާއި ސުލްހަމަސަލަސްކަމާއި، ތިޔާގިކަމާއި އުފާފާގަތިކަން އެކަލާނގެ މިންވަރު ކުރެއްވުން. އެކިއެކި ގޯސް މީހުން ކުރާ ނުރަނގަޅު ކަންތައްތަކުން ރާއްޖެއާއި ރާއްޖޭގެ ރައްޔިތުން ސަލާމަތް ކުރައްވައި، ދިވެހި ރައްޔިތުންނަށް އަމާން ބާއްޖަވެރި ދިރިއުޅުމެއް، އެކަލާނގެ މިންވަރު ކުރެއްވުން. ހަމައެހެންމެ، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ގުޅިގެން ކުރަމުން މިގެންދާ ތަފާތު އިޤްތިޞާދީ އަދި އިޖްތިމާޢީ މަސައްކަތްތައް ކާމިޔާބު ކުރައްވައި، އެ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ، ދިވެހި ރައްޔިތުންނަށް ދެއްކެވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.