އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ) 2023 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުމަށް ރާއްޖެއިން ކުރާ ބިޑަށް ތާޢީދު ހޯއްދެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސްއަށް މިއަދު ފުރާވަޑައިގެންފިއެވެ.

މިދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް, އަޙްމަދު މަޚްލޫފް ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުފުޅުގައި ސީޝެލްސްގެ ރައީސް ހިޒް އެކްސެލެންސީ މިސްޓަރ ޑެނީ ފޯރ އާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ރަސްމީ ސިޓީފުޅެއް އެރުވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ސީޝެލްސް ސަރުކާރުގެ އިސްބޭފުޅުންނާވެސް މިދަތުރުފުޅުގައި އެބޭފުޅުން ބައްދަލުކުރައްވައި، ސީޝެލްސްއާއި ދިވެހިރާއްޖެއާއި ދެމެދުއޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.