بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

އައްޑުއަތޮޅަށް އަޅުގަނޑު މިހާރު ކުރަމުން މިގެންދާ ދަތުރުގައި، މިއަދު އެންމެ ފުރަތަމަ އަޅުގަނޑަށް މި އާދެވުނީ، ތިޔަބޭފުޅުންގެ ލޮބުވެތި ރަށަށް. އާދެ! މަރަދޫފޭދުއަށް. މިރަށަށް އައުމުން، މިރަށުގެ ބޮޑުކަތީބު އަލްފާޟިލް ޢަލީ ނިޒާރު، ތިޔަބޭފުޅުންގެ ފަރާތްޕުޅުން އެ ދެއްކެވި ވާހަކަފުޅުގައި، އޭނާގެ ފަރާތްޕުޅުންނާއި، ތިޔަބޭފުޅުންގެ ފަރާތްޕުޅުން އަޅުގަނޑަށް އެ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، ބޮޑުކަތީބަށާއި އަދި ތިޔަބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ބޮޑުކަތީބު އަލްފާޟިލް ޢަލީ ނިޒާރަކީ، އަޅުގަނޑުގެ ވަރަށްގާތް އެކުވެރިއެއް. އަޅުގަނޑު ރައީސްކަމާ ހަވާލުވުމުގެ ކުރިއްސުރެ ފެށިގެން ދަންނަ ބޭފުޅެއް. ކޮންމެ އިންސާނެކޭ އެއްފަދައިން، އެއް އަހަރުން އަނެއް އަހަރަށް ޢުމުރަށް އަހަރެއް އިތުރުވާނެ. އެހެން ނަމަވެސް، އަޅުގަނޑު ޢަޖާއިބުވާ ކަމަކީ، އޭނާގެ ޢުމުރުފުޅު މައްޗަށް ދަމުން ދިޔަކަމުގައިވިޔަސް، އޭނާގެ މޫނުފުޅަކުން، ނުވަތަ ހަށިކޮޅަކުން އެކަމެއް ނުފެނޭ. އަބަދުވެސް އެ ހުންނަވާ ޒުވާން ކަމެއްގައި، ދުޅަހެޔޮކަމެއްގައި އެބަ ހުންނަވާ. އެއީ، މާތްﷲ އޭނާއަށް ދެއްވާފައިވާ ވަރަށް މަތިވެރި ނިޢުމަތެއް. އެކަމަށްޓަކައި އަޅުގަނޑުވެސް ވަރަށް އުފާކޮށް އަދި ޢަލީ ނިޒާރަށްވެސް ތަހުނިޔާ ދަންނަވަން.

އާދެ! އޭނާ އެ ވިދާޅުވީ، އޭނާ އަޅުގަނޑުގެ ރައީސް ކަމުގެ ދުވަސްވަރު އުފަންވެވަޑައިގެންނެވިނަމަ، މާ މަތީ ފެންވަރަކަށް ތަޢުލީމު ޙާޞިލު ކުރެއްވުނީހޭ. އެއީ އެކަމަކު ރަނގަޅު ވާހަކައެއް ނޫން. މިހާރުވެސް އޭނާއަކީ ވަރަށްމަތީ ފެންވަރަކަށް ތަޢުލީމު ޙާޞިލު ކުރައްވާފައި ހުންނެވި ބޭފުޅެއް. އެކަން އޭނާގެ ވާހަކަފުޅުން ވަރަށް ރަނގަޅަށް އެނގޭ. އެއަށްވުރެ މައްޗަށް ތަޢުލީމު ޙާޞިލު ކުރެވުނުނަމަ، ދެން ކޮންކަހަލަ ވާހަކައެއްބާވައޭ ދައްކަވާނީ އަޅުގަނޑުގެ ހިތަށްއަރާ.

އޭނާ އެ ވިދާޅުވި ފަދައިން، އެއްފަހަރަށްވުރެ ގިނަފަހަރު އައްޑުއަތޮޅަށް އަޅުގަނޑު ޒިޔާރަތް ކޮށްފިން. އަދި މަރަދޫފޭދުއަށްވެސް ޒިޔާރަތް ކޮށްފިން. މިދިޔަ އަހަރު އެނގިވަޑައިގަންނަވާނެ، އައްޑުއަތޮޅަށް އަޅުގަނޑު ދެފަހަރަކު އައިން. އެއްފަހަރު އައީ ފެބްރުއަރީ މަހު. އަނެއްފަހަރު އައީ މެއި މަހުގެ ތެރޭގައި. މެއި މަހުގެ ތެރޭގައި އައީ، އެދުވަސްވަރު މި ރަށް ރަށަށް އުދައެރުމާ ގުޅިގެން، ލިބިފައިވާ ގެއްލުންތައް ބަލައިލުމަށް. އެގޮތުން، މިދިޔަ އަހަރުގެ މެއި މަހުގެ 26ވަނަ ދުވަހު އަޅުގަނޑު ވަނީ މަރަދޫފޭދުއަށް ޒިޔާރަތްކޮށްފައި.

މަރަދޫފޭދުއަކީވެސް ސަރުކާރުން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް، މި ވޭތުވެދިޔަ ތާނގައި ހިންގާފައިވާ ރަށެއް. އަދި މިހާރުވެސް މިދަނީ ހިންގަމުން. ސަރުކާރުން ތަރައްޤީއަށްޓަކައި މިކުރާ މަސައްކަތްތަކުގެ ކާމިޔާބީގެ ފަހަތުގައި ތިއްބެވީ ތިޔަބޭފުޅުން. ރައްޔިތުން. ރައްޔިތުންގެ ޙިއްޞާއާނުލާ އެއްވެސް ކަމެއް ކާމިޔާބެއް ނުކުރެވޭނެ. ސަރުކާރުން ޚަރަދުތަކެއް ކުރިޔަސް، މަސައްކަތްތަކެއް ކުރިޔަސް، އެ ކުރާ ކަމެއް ކާމިޔާބުވާނީ، ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުމާއި އިޚްލާޞްތެރި ތަރުޙީބު، އެކަމަކަށް ލިބިގެން. އެގޮތުން، މިވޭތުވެދިޔަ ތާނގައި ކުރެވުނު ކަންތައްތައް ކާމިޔާބުވެފައިވަނީ، ތިޔަބޭފުޅުންގެ އާދެ! ރައްޔިތުންގެ އެއްބާރުލެއްވުމާ އެކުގައި ކަމަށް އަޅުގަނޑު މިދަންނަވަނީ ވަރަށް އުފަލާއެކު.

އާދެ! މަރަދޫފޭދޫގެ ނަމަށް އައި ބަދަލާއި، އަދި ތިޔަބޭފުޅުންނަކީ އަޞްލު ފޭދޫ ރައްޔިތުންކަމާ، މިކަމަކީ އަޅުގަނޑުމެން ގަބޫލުކުރަން ޖެހިފައިވާ ޙަޤީޤަތެއް. އަޅުގަނޑު މިތަނަށް އަންނަ ކޮންމެ ފަހަރަކު މި ވާހަކަ ޢަލީ ނިޒާރު ދައްކަވާ. އެހެންނަމަވެސް، ހަމަ އޭނާ ދައްކަވަންޖެހޭތީ، އެ ވާހަކަ އެ ދައްކަވަނީ. އެއީ އަޅުގަނޑުމެންގެ ތާރީޚުގެ ބައެއް. އެކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ.

ކޮންމެއަކަސް މިއަދަކީ، އިއްޔެއެއް ނޫން. މީގެ ފަންސާސް އެތައް އަހަރެއް ކުރިން ވެފައި އޮތް ކަމެއް އަނބުރާ އެހެން ގޮތަކަށް މިހާރަކު އަޅުގަނޑުމެންނަކަށް ނުއެއްގެންދެވޭނެ. އަޅުގަނޑުމެން ހަދަންޖެހޭނެ ގޮތަކީ، މިހާރުގެ ޙާލަތަށް ބަލާފައި، މިހާރު ތިޔަބޭފުޅުން ތިޔަ ދިރިއުޅުއްވާ ފެންވަރަށްވުރެ މަތީ ފެންވަރަކަށް، ތިޔަބޭފުޅުންގެ ދިރިއުޅުއްވުން ގެންދެވޭނީ ކިހިނެއްތޯ އަދި ތިޔަބޭފުޅުން ބޭނުންވާ ކަންތައްތައް ޙާޞިލުކޮށްދެވޭނީ ކިހިނަކުންތޯ ބެލުން. މިއީކަންނޭނގެ، އަޅުގަނޑުމެން މިހާރު ބަލަންވީ ކަމަކީ. މިކަން ސަރުކާރުން ކުރެވޭތޯ މަސައްކަތް ކުރަމުން މިގެންދަނީ.

މަރަދޫފޭދުއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ، ބިމުގެ މައްސަލަކަން އަޅުގަނޑަށް އެނގޭ. މީގެ ކުރީ ފަހަރުފަހަރުވެސް އެ ވާހަކަ، ތިޔަބޭފުޅުންވެސް އަޅުގަނޑު ގާތުގައި ވިދާޅުވޭ. އަދި ޢަލީ ނިޒާރު ވިދާޅުވޭ. ބޮޑުކަތީބެއްގެ ޙައިޘިއްޔަތުންކަންނޭނގެ. މިހާރު ކޮމިޓީގެ ފަރާތުންވެސް އެ ވިދާޅުވީ. އެއީ އަޅުގަނޑު ގަބޫލުކުރާ ޙަޤީޤަތެއް. ބިމުގެ ދަތިކަން، މިރަށަށް އިޙްސާސް ކުރަން ޖެހިފައި އޮތް ވާހަކަ.

ދެންމެ އޭނާގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، މިކަން ޙައްލު ކުރުމަށްޓަކައި ފޭދޫން ފެށިގެން ފޭދޫ، މަރަދޫފޭދޫ، މަރަދޫ، ހިތަދޫ، މި ހުރިހާ ރަށެއްގެ ބިން ހިއްކުމުގެ ވަރަށްބޮޑު މަޝްރޫޢެއް މިހާރު އޮތީ ރޭވިފައި. އަދި އެކަމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށްޓަކައިވަނީ ބީލަންވެސް އިޢުލާނު ކުރެވިފައި. ބީލަން ހުޅުވުން އަންނަ މަހުގެ ތެރޭގައި އޮންނާނެ. އިރާދަކުރެއްވިއްޔާ ފެބްރުއަރީ 12 ގައި. އެ މަސައްކަތް ހަވާލުކުރާނީ ކޮންބަޔަކާތޯ ނިންމޭނީ އޭގެފަހުން. މިކަމަކީ އިރާދަކުރެއްވިއްޔާ، އޭގެ ވަރަށްފަހު މަރްޙަލާއެއްގައި މިހާރުވާ ކަމެއް. އެކަން މާލަހެއްނުވެ ފެށޭނެ ކަމުގެ އުންމީދު ވަރަށްބޮޑު ވާހަކަ އަޅުގަނޑު ވަރަށް އުފަލާއެކު ދަންނަވާލަން.

ދެން އޭނާ ވިދާޅުވި ވާހަކަފުޅުތަކުގެ ތެރޭގައި، ބަނދަރުގެ ވާހަކަ ހިމެނޭ. އާދެ! މިރަށުގެ ބަނދަރު އަޅުގަނޑު ހަނދާންވާ ގޮތުގައި، ސަރުކާރުން ފުރަތަމަ ހަދާފައި އޮންނާނީ 1999 ވަނަ އަހަރު. އެއަށްފަހު، ސުނާމީ ކާރިސާގައި ބަނދަރަށްވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި. އެހެންވީމާ، އެ ގެއްލުންތައް ފޫބެއްދުމުގެ ގޮތުން، ހާބަރ ރިޕެއަރ ޕްރޮޖެކްޓް، އާދެ! ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫޢޭ ކިޔާ މަޝްރޫޢެއް ސަރުކާރުން ހިންގަމުން އެބަގެންދޭ. ސުނާމީ ކާރިސާގެ ސަބަބުން ބަނދަރު ހަލާކުވީ ހަމައެކަނި މިރަށުގައެއް ނޫން. ރާއްޖޭގެ ވަރަށްގިނަ ރަށްތަކުގެ ބަނދަރުތައްވަނީ ސުނާމީ ކާރިސާގައި ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބި، ވަރަށް ބޮޑަށް ހަލާކުވެފައި. އެހުރިހާ ބަނދަރުތަކެއް ހެދުމުގެ ބޮޑު މަޝްރޫޢެއް ރޭވިގެން، އެ މަޝްރޫޢުގެ މަސައްކަތް މިހާރު ހިނގަމުން އެބަދޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިރަށުގެ ބަނދަރުވެސް މަރާމާތު ކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެ.

ދެން ވިދާޅުވި އަނެއް ވާހަކައަކީ، ނަރުދަމާގެ މަޝްރޫޢެއްގެ ވާހަކަ. އެ މަޝްރޫޢުވެސް ވަނީ ރޭވިފައި. ނަރުދަމާއަކީ ޙަޤީޤަތުގައި ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ބޭނުންވާ ކަމެއް. ޞިއްޙީ ގޮތުން ބޯން ކަމުދާ ފެނާއި، ފުރިހަމަ ނަރުދަމާގެ ނިޒާމެއް ޤާއިމުވެފައި އޮތުމަކީ، ޞިއްޙީ ގޮތުންނާއި، އެނޫން ގޮތްގޮތުންވެސް ކޮންމެ ރަށަކަށްވެސް ހަމަ ބޭނުންވެފައިވާ ކަމެއް. އެކަންވެސްވަނީ ސަރުކާރުގެ ވިސްނުމުގެ ތެރޭގައި. އަދި މި ރަށަށްވެސް އެ މަޝްރޫޢުވަނީ ރޭވިފައި. އެހެން ނަމަވެސް، އެ މަޝްރޫޢުގެ ފައިސާގެ ކަންތައް އަދި ހަމައެއްނުޖެހޭ. އެ ވާހަކަވެސް އަޅުގަނޑު ސާފުކޮށް ދަންނަވާލަންޖެހޭ. އައި.ޑީ.ބީ.ގެ ލޯނެއް އެކަމަށް ލިބޭތޯ މިހާރު މި މަސައްކަތް ކުރަނީ. އެލޯނު ލިބުނުހާ އަވަހަކަށް އިރާދަކުރެއްވިއްޔާ އެ މަސައްކަތް ފެށޭނެ. އެހެންވީމާ، އެކަންވެސް އޮތް ހިސާބު އަޅުގަނޑު ދަންނަވާލީ.

އާދެ! ދެން ވިދާޅުވީ ބޯޅަދަނޑުގެ ވާހަކަ. 2001 ވަނަ އަހަރު މި ރަށުގެ ޒުވާނުން އަޅުގަނޑު ގާތުގައި ބޯޅަދަނޑުގެ ވާހަކަ ވިދާޅުވި. އެހެން ނަމަވެސް، މި ވާގޮތަކީ އަދި ކަމެއްގެ ވާހަކަ ވިދާޅުވިޔަސް، އެކަމެއް ކުރުމަށް ކިތަންމެ ކަމެއް ހަމަޖައްސަންޖެހޭ. އެންމެބޮޑު ކަމަކީ ބަޖެޓު. ފައިސާ. އެނގިވަޑައިގަންނަވާނެ، މިހާރު އަޅުގަނޑުމެންގެ ސަރުކާރުގެ ބަޖެޓަކީ، މީގެކުރިން ދުވަހަކުވެސް އެހާވަރަށް ނުދާ މަތީ ޢަދަދުތަކެއް ހިމެނޭ ބަޖެޓެއް. އެތައް ބިލިޔަން ރުފިޔާއެއް. އެތައް ހާސް މިލިޔަން ރުފިޔާއެއް ހިމެނޭ ބަޖެޓެއް. މި ބަޖެޓުގައި އަދި މިވަރުންވެސް ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއް ނުހިމެނޭ. ސަރުކާރުގެ އެކި ދާއިރާތަކުން ފޮނުއްވާ އަޞްލު ބަޖެޓު މި އޮންނަނީ ވަރަށް ކުޑަކޮށްލަން ޖެހިފައި. އެއީ މުޅި ބަޖެޓުގެ ޚަރަދު. އެއީ މިސާލަކަށް، 12 ބިލިޔަން ނުވަތަ 14 ބިލިޔަން ކަމަށްވިޔަސް، އެ ފައިސާއަކީ ސަރުކާރަށް ލިބޭ ފައިސާއަކަށްވެސް ވާންޖެހޭ. ސަރުކާރަށް ލިބޭ ފައިސާއަކުން ޚަރަދު ކުރެވޭނީ. ނުލިބޭ އެއްޗަކުން ޚަރަދެއް ނުކުރެވޭނެ.

އެހެންވީމާ، އެވަރަށް އާމްދަނީ ހޯދައިގެން، އެވަރަށް ޚަރަދު ކުރެވޭނީ. އާމްދަނީ ހޯދުމުގައި އަޅުގަނޑުމެންނަށް ވަނީ ވަރަށް ގޮތްތައް މަދުވެފައި. އެހެން މި ދެންނެވީ، ރާއްޖޭގެ ސަރުކާރަށް އާމްދަނީ އެންމެ ބޮޑަށް ލިބެނީ ފަތުރުވެރިކަމުގެ ދާއިރާއިން. މަސްވެރިކަމުގެ ދާއިރާއިންވެސް ލިބޭ. އެހެންގޮސް އެބަހުރޭ ސަރުކާރަށް އާމްދަނީ ވަންނަ ދާއިރާތައް. އިމްޕޯޓް ޑިއުޓީއިން ލިބޭ. މިކަހަލަ ކަންތައްތަކުން މި ލިބެނީ. އެކަންތައްތަކުން ލިބޭ ފައިސާގެ ޢަދަދަށް ބަލާފައި، ޚަރަދުކުރަން މި ޖެހެނީ. އެހެންވީމާ، މިސާލަކަށް ބޯޅަދަނޑު ހަދަން ދާނެ ޚަރަދު. އެންމެ ބޯޅަދަނޑެއް ނޫން ހަދަން ޖެހެނީކީ. މަރަދޫފޭދޫގައި ބޯޅަދަނޑު ހަދަންޖެހޭ ފަދައިން، އެހެން ރަށްރަށުގެ ބޯޅަދަނޑުވެސް ހަދަން އެބަޖެހޭ. މިހެންގޮސް މި ހުރިހާ ކަންތައްތަކެއް އައިމާ، ބަޖެޓުން ބައިތަކެއް އުނިކުރަން ބަލާއިރު، ހަދަންޖެހޭގޮތަކީ އެންމެ އިސްކަން ދޭންޖެހޭ ކަންތައްތަކަށް އިސްކަންދީފައި، ދެން އެއަށްވުރެ އިސްކަންދޭންޖެހޭ މިންވަރު ކުޑަވާ ކަންތައްތައް ކަނޑަމުން ދާން މި ޖެހެނީ. ފިނޭންސް މިނިސްޓްރީން އެ މަސައްކަތް ކުރައްވަމުން ގެންދަވަންޖެހޭ. މިސާލަކަށް، 12 ބިލިއަންގެ ބަޖެޓެއް ނިމޭއިރު އޮންނާނީ، ސަރުކާރުގެ އޮފީސްތަކުން ހުށަހަޅުއްވާފައި އޮންނާނީ އޭގެ ޑަބަލް. 20 ބިލިޔަން، 24 ބިލިޔަން ނުވަތަ 18 ބިލިޔަން. އެކަމަކު އެހާބޮޑު ޚަރަދު ސަރުކާރުން ކުރެވެން ނޯންނާނެތީ، އެވަރަށް ސަރުކާރަށް އާމްދަނީ ލިބޭނެ ގޮތްތަކެއް ނެތީމާ، އެއިން އެބަޖެހޭ ބައިތަކެއް މަދުކުރަން. މަދުކުރަމުން އައިސް އަޅުގަނޑުމެންނަށް ޚަރަދު ކުރެވޭ މިންވަރަކަށް މި ހަދަނީ.

އެހެން ހަދާއިރުވެސް، މިފަހަރުވެސް އެނގިވަޑައިގަންނަވާނެ، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ތިލަފަތް ހަމަ ބަޖެޓެއް. މާނައަކީ ލިބޭ އެއްޗަކުން ޚަރަދު ކުރެވޭގޮތަށް ރާވާފައި އޮތް ބަޖެޓެއް. އެހެންނަމަވެސް، މަޖިލީހުން ނިންމަވައިދެއްވީ، އެއަށްވުރެ 100 މިލިޔަން ރުފިޔާ އިތުރު ބަޖެޓެއް. އެއީ، ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން މަސްވެރިންނަށް ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ޖެއްސެވި ޢަދަދެއް. އެހެންވީމާ، މިހާރުވެސް މިއޮތީ 100 މިލިޔަން ރުފިޔާ ޑެފިސިޓްވާ ބަޖެޓެއް. މިއީވެސް އަޅުގަނޑުމެން ވިސްނާލަންޖެހޭ ތަންކޮޅެއް. މި ފައިސާވެސް އަޅުގަނޑުމެން އެބަޖެހޭ ހޯދަން. ނުހޯދައިފިއްޔާ، އޭގެ ސަބަބުން ލިބޭ، އިޤްތިޞާދީ ވަރަށްގިނަ ގެއްލުންތައް ހުންނާނެ. އެހެންވީމާ، މިހެން ހުރި ކަމެއްގައި އެ ކަންތައްތައް ލަސްވަމުންދަނީ. އެހެންނަމަވެސް، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މި ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ނިމުނީމާ، ދެން ބޯޅަދަނޑުވެސް ހެދޭނެ. އެކަންތައްވެސް އިރާދަކުރެއްވިއްޔާ އޭގެ ވަގުތުގައި ކުރެވޭނެ. މި ދަނޑު ހެދުމުގެ ކުރިން ޒުވާނުން މިހާރު ފުޓްބޯޅަ ކުޅޭ ސަރަޙައްދުގައި ފެންސް ޖެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދިނުމަށް އެދިވަޑައިގެންފައިވާތީ، މިކަމަށް ބޭނުންވާ ފައިސާ، މަރަދޫފޭދޫ އޮފީހާ ޙަވާލުކުރެވިފައިވާ ކަމަށް އަޅުގަނޑަށް މަޢުލޫމާތު ދެއްވާފައި އެބައޮތް. އެހެންވީމާ، ދެން އެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ ހިނގާނެ.

އާދެ! ޙަޤީޤަތުގައި ޢަލީ ނިޒާރަކީ ވަރަށް ވިސްނުންތޫނު ބޭފުޅެއް. އޭނާގެ ވާހަކަފުޅުގައި ސުވާލުތައްވެސް ކުރެއްވި. އަދި އެއަށް އަމިއްލަފުޅަށް ޖަވާބުވެސް ދެއްވި. އަޅުގަނޑު މާބޮޑު ޖަވާބެއްދޭކަށް ނުޖެހޭ. އޭނާ ވިދާޅުވި މިއީ ތަރައްޤީގެ ސަބަބުން ދިމާވާ މައްސަލަތަކެކޭ. އެއް ހަރުފަތް ގިރާކުރީމާ، ދެން ބަލަންޖެހޭނީ ކުރިއަށް އޮތް ހަރުފަތަށޭ. އެއީ ހަމަ ޙަޤީޤަތެއް. އެހެންވީމާ، މިހާރު ކަންތައްތައް ވަމުންދާގޮތުން، އެއްކަމެއް ހަމަޖެހުނީމާ ދެން އޮތް ކަމަކަށް އަޅުގަނޑުމެން ބަލަން އެބަޖެހޭ. އެއީ ހަމަ ރަނގަޅު ގޮތެއް. ބަލަންވެސް ޖެހޭނެ. އެގޮތަށް އަޅުގަނޑުމެންނަށް ތަރައްޤީވެވޭނީ. އެއް ހަރުފަތުން އަނެއް ހަރުފަތަށް މައްޗަށް ދެވޭނީ.

އެހެންވީމާ، މިހާރު ވަކި ކަންތައްތަކެއް ހަމަޖެހުނީމާ، ދެން އިތުރު ކަންތައްތަކަކަށް ބޭނުންވާނެ. ބޭނުންވާ ކަންތައްތަކުގެ ވާހަކަ މިހާރު އަޅުގަނޑުމެން މި ދައްކަނީ. މިހާރު މި ބޭނުންވާ ކަންތައްތައް ހަމަޖެހުނީމާ، އަދި އެއަށްވުރެ އިތުރަށް ބޭނުންވާ ކަންތައްތަކެއްވެސް ހުންނާނެ. ހުންނަންވެސް ޖެހޭނެ. ދެން އަޅުގަނޑުމެން ވިސްނަންޖެހޭނީ އެ ކަންތައްތަކަށް. އެގޮތުން، މިހާރު ކަންތައް ވެފައިވާ ގޮތާއި، ކުރިއަށް އޮތް ތާނގައި ވާނެ ގޮތުގެ ވާހަކަ ޢަލީ ނިޒާރު ވިދާޅުވެއްޖެ. އެހެންވީމާ، ކޮންމެހެން އަޅުގަނޑު އެ ވާހަކަ ދައްކާކަށް ނުޖެހޭނެކަންނޭނގެ.

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ރާއްޖޭގެ ތަރައްޤީއަށް، ރާއްޖޭގެ ހުރިހާ ރަށަކަށް، ސަރުކާރުން ވަރަށްގިނަ ކަންތައްތަކެއް ކުރަމުން އެބަގެންދެޔޭ. ތަރައްޤީއަށް ކުރަމުން ގެންދާ ވަރަށްގިނަ މަސައްކަތްތަކެއް އެބަހުރެޔޭ. އެހެންވީމައޭ ބަޖެޓުވެސް ބޮޑުވަމުން އެ ދަނީ. އެންމެ ފުރަތަމަ އަޅުގަނޑު ރައީސްކަމާ ޙަވާލުވެ ހުށަހެޅި ބަޖެޓުގައި ޖުމްލަ ޢަދަދަކަށް އޮންނަނީ 35 މިލިޔަން ރުފިޔާ. މިހާރު އަރައިފި 12 ބިލިޔަނަށް. 1200 މިލިޔަނަށް. މި ހުރިހާ ޚަރަދެއް މި ކުރެވެނީ ރައްޔިތުންގެ ފައިދާއަށް. ރާއްޖޭގެ ތަޢުލީމަށް. ރާއްޖޭގެ ޞިއްޙަތަށް. ރާއްޖޭގައި ބަނދަރު ހެދުމަށް. ކަރަންޓްގެ ޚިދްމަތް ދިނުމަށް. ހަސްފަތާލުތައް ހެދުމަށް. އެހެންގޮސް ބައިވަރު ކަންތައްތަކަށް. ރައްޔިތުން އެދޭ ކަންތައްތަކަށް. އަދި އެކިއެކި އިމާރާތްތައް، އަތޮޅުއޮފީސްތައް، ރަށުއޮފީސްތައް، މިސްކިތްތައް ހެދުމަށް މިހެންގޮސް އެ ކުރަންޖެހޭ ޚަރަދުތައް ކުރުމަށް، މި ހުރިހާ ފައިސާއެއް މި ޚަރަދުވަނީ. އެހެންވީމާ، އޭރުކުރި ޚަރަދާއި މިހާރާ އަޅައިބަލާއިރު، މިހާރު ވަރަށްގިނަ އަދަދަކަށް ފައިސާ އެބަ ޚަރަދު ކުރަންޖެހޭ. މި ކަންތައްތަކަށް އެބަކުރަމުން ގެންދަމު. އެހެންވީމާ، މިއީ ތަރައްޤީ. ތަރައްޤީ މިހާހިސާބަށް ދިޔައީމާ އަދި އިތުރަށް ބޭނުންވާ ކަންތައްތަކެއް ހުންނާނެ. މި ކަންތައްތައްވެސް ކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ.

އެހެންނަމަވެސް، މަރަދޫފޭދޫގެ ރައްޔިތުންވެސް ގަބޫލުކުރައްވަން ޖެހޭނެ، އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ކުޑަކުޑަ ޤައުމެއްކަން. އަޅުގަނޑުމެންނަށް ލިބޭ އާމްދަނީވެސް މަދުކަން. އެ އާމްދަނީ ލިބޭ މިންވަރަކުންކަން އަޅުގަނޑުމެންނަށް ޚަރަދު ކުރެވޭނީ. އަޅުގަނޑުމެންގެ ބޭނުންތަކަށް ކަންތައްތައް ކުރެވޭނީ. އެހެންވީމާ، އެގޮތަށް ހުރިހާ ރައްޔިތުންވެސް ވިސްނުން ބެހެއްޓެވިއްޔާ އަޅުގަނޑު ހިތުން ވަރަށް ރަނގަޅުވާނެ.

އާދެ! ދެން ފަހު ނުކުތާއެއްގެ ގޮތުގައި ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިންނޭ. އަޅުގަނޑުމެން ޖެހޭނެއޭ އެކުވެރި، އެއްބަނޑުއެއްބަފާ ބަޔަކަށްވާން. އެއްވެސް ސަބަބަކާހުރެ އަޅުގަނޑުމެންގެ މެދުގައި ބައިބައިވުން އުފެދިގެނެއް ނުވާނެއޭ. މިއީ، އަޅުގަނޑު މިއަދު ދަންނަވާ ވާހަކައެއް ނޫން. އަޅުގަނޑު މި ވާހަކަ ދައްކަމުން ގެންދާތާ މިހާރު 30 އަހަރު ވެއްޖެ. އެއީ އަޅުގަނޑު ރައީސްކަމާ ހަވާލުވިފަހުން މި ވާހަކަ ނުދައްކާ އެއްވެސް ތަނެއް ނުދާނެ. ރާއްޖޭގައި އޮންނަންޖެހޭ އެކުވެރިކަމާއި، ޤައުމީ އެއްބައިވަންތަކަމުގެ ވާހަކަ، ތަކުރާރުކޮށް ހުރިހާ ތަނެއްގައި އަޅުގަނޑު ދައްކަމުން އެބަގެންދަން. މިއަދުވެސް މި ދައްކަނީ. އެއީ އެ ކަމުގެ މުހިންމުކަން ބޮޑުކަމުން.

އަޅުގަނޑުމެންނަށް މިއަދު ޙާޞިލު ކުރެވިފައި މިވާ ތަރައްޤީ ޙާޞިލު ކުރެވިފައި މިވަނީވެސް އަޅުގަނޑުމެންގެ މެދުގައި އޮތް އެކުވެރިކަމެއްގެ ބޮޑުކަމުން. އަޅުގަނޑުމެންގެ ރާއްޖޭގައި މިއޮތް ހަމަޖެހުމެއްގެ ބޮޑުކަމުން. ދުނިޔޭގެ އެހެން ތަންތަނާ އަޅައިބަލާއިރު، އަޅުގަނޑުމެން މާތްﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަންޖެހޭ. އެހެން ތަންތާނގައި ހިނގާ ކަންތައްތަކުގެ ވާހަކަ ތިޔަބޭފުޅުން އައްސަވާނެ. ރޭޑިޔޯއިން އައްސަވާނެ. ޓީ.ވީ އިން ދެކެވަޑައިގަންނަވާނެ. ނޫސްތަކުން ވިދާޅުވާނެ. އެތަންތާނގައި ހިނގާ ހަމަނުޖެހުންތަކުގެ ވާހަކައާއި، އޭގެ ސަބަބުން، މީހުންގެ ފުރާނަތަކަށާއި ގެދޮރަށާއި މުދާތަކަށް ލިބޭ ގެއްލުންތަކުގެ ވާހަކައާއި، މިކަންކަން ތިޔަބޭފުޅުން ރަނގަޅަށް ދެނެވަޑައިގަންނަވާނެ. މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން އަޅުގަނޑުމެންގެ ރާއްޖޭގައި އެކަހަލަ ކަންތައްތަކެއް އެގޮތަކަށް ހިނގަމަކުންނުދޭ. އިރާދަކުރެއްވިއްޔާ ނުވެސްދާނެ.

އެހެންނަމަވެސް، އެކަންތައްތައް ރާއްޖޭގައި ހިނގިޔަނުދީ އަޅުގަނޑުމެންނަށް ހިފެހެއްޓޭނީ، އަޅުގަނޑުމެންނަކީ އެކުވެރި އެއްބައިވަންތަ ބަޔަކަށްވެގެން. އިސްލާމްދީނުގެ މައިގަނޑު ހަމަތަކުގައި ހިފަހައްޓައި، އިސްލާމީ އުޚުއްވަތްތެރިކަމުގެ ރޫޙު އަޅުގަނޑުމެން ދަމަހައްޓައިގެން. އެއްވެސް ކަމެއްގައި ބައިބައިވުން އުފެދޭގޮތަށް މަސައްކަތް ނުކޮށް ތިބެގެން.

ރައްޔިތުންގެ މެދުގައި ފިތުނަ އުފެދުމަށް ނުވަތަ ހަމަނުޖެހުން އުފެދުމަށް މަގުފަހިކޮށްދޭ އެއްކަމަކީ، ނުރަނގަޅު ވާހަކަ ފެތުރުން. ދޮގުވާހަކަ. ވަރަށް ގިނައިން އަޅުގަނޑުމެންގެ ތެރޭގައި އެކަހަލަ ވާހަކަ އެބަދެކެވޭ. އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތައް ފެތުރޭ. ފެތުރުނީމާ މީހުންގެ ހިތް ނުބައިވަނީ. ސަރުކާރުން މިވެނި ކަމެއް ކުރަނީ މިހެންނޭ. މިވެނި ކަމެއް މިވެނި ގޮތަކަށް ނުކުރެއޭ. އެހެން ކިޔާފައި އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތައް، ރައްޔިތުންގެ ތެރޭގައި ފެތުރީމާ، އެއްބައެއްގެ ހިތަށް އެކަން ވަދެގެން، އެކަން ގަބޫލު ކުރެވިގެން، ސަރުކާރާ ދޭތެރޭގައި އެމީހުންގެ ހިތްތަކުގައި ނަފްރަތު އުފެދޭގޮތްވަނީ. އެއީ ވަރަށްދެރަ ކަމެއް. މިސާލަކަށް، ބައެއް މީހުން ބުނާނެ. މިވޭތުވެދިޔަ 30 އަހަރު ވީކޮންކަމެއްހޭ؟ އެއްވެސް ކަމެއް ނުވެޔޭ.

އަޅުގަނޑުގެ ވާހަކައަކީ، މިވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި، ނުވެހުރި ކަންތައްތައް ހުއްޓަސް، ވެފައި ހުރި ކަންތައްތައް ތިޔަބޭފުޅުންނަކަށް ފެނިވަޑައެއްނުގަންނަވާތޯއޭ؟ މި ރަށަށް ބެއްލެވިޔަސް، އެހެން ރަށަކަށް ބެއްލެވިޔަސް، އެ ރަށުގައި މިހާރު ޙާލަތު އޮތްގޮތާއި، މީގެ 30 އަހަރު ކުރިން އެ ރަށް އޮތްގޮތާ ދޭތެރޭގައި ތަފާތެއް ނެތްތޯއޭ؟ އަޅުގަނޑު ހިތުން ވަރަށްބޮޑު ތަފާތެއް އޮތްކަމަށް، ހެޔޮ ވިސްނުންހުރި ކޮންމެ މީހަކުވެސް، ތެދު ގަބޫލުކުރާ ކޮންމެ މީހަކުވެސް ގަބޫލުކުރާނެ. އެހެންނަމަވެސް، މިކަހަލަ ވާހަކަތައް، މީހުންގެ ތެރޭގައި ދައްކައިގެން، ސަރުކާރާ ދޭތެރޭގައި މީހުން ހިތް ނުބައި ކުރުވުމަށް، ބަޔަކު މަސައްކަތް ކުރާތީ، އަޅުގަނޑުމެންގެ ތެރޭގައި ހަމަނުޖެހުން އުފެދޭގޮތް މިވަނީ. އެހެން ނޫންނަމަކަ އެހެނެއް އެކަމެއް ނުވާނެ.

އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، މި ރަށުގެ ރައްޔިތުން، މިހާރުވެސް ތިޔަ ތިއްބެވިހެން ވަރަށް އެކުވެރި ރައްޔިތެއްގެ ގޮތުގައި ތިއްބަވާށޭ. ތިޔަބޭފުޅުންނަކީ، އަދި އަޅުގަނޑުމެން އެންމެންނަކީ، އިސްލާމްދީނުގެ އަހުލުވެރިން ކަމުގައި ގަބޫލު ކުރައްވައިގެން، ދީނީ ހަމަތަކުގެ މަތިން، ދީނުގައިވާ އުޚުއްވަތްތެރިކަން އަޅުގަނޑުމެން ހިފަހައްޓަމާތޯއޭ. އެއްވެސް ކަމަކާ ދޭތެރޭގައި ޚިޔާލު ތަފާތުވިޔަސް، އެއީ ހަމަނުޖެހުމަކަށް ނަހަދަމަތޯއޭ. ފިތުނައަކަށް ނަހަދަމާތޯއޭ. އެއްބަޔަކު އަނެއް ބަޔަކާ އަރާރުންވެ، މަގުމައްޗަށް ނުކުމެ ހަޅޭއްލަވައި، ގާއުކައި ނުވަތަ އެއްބަޔަކު އަނެއް ބަޔެއްގެ ގެދޮރަށާއި މުދަލަށް ގެއްލުންދީ، އެއްބަޔަކު އަނެއް ބަޔެއްގެ ހަށިތަކަށް ގެއްލުންދީ، މިހެން ނަހަދަމާތޯއޭ. އެހެން ހަދައިފިއްޔާ، މި ކުރާ އެއްވެސް މަސައްކަތެއްގެ ފައިދާއެއް އަޅުގަނޑުމެންނަކަށް ނުފެންނާނެ. ވަރަށް މުހިންމު ޙަޤީޤަތެއް އަޅުގަނޑު މި ދެންނެވީ. ހަމަހިމޭންކަމާއެކީ ތިބެގެން، މާތްﷲގެ މިންވަރުފުޅަށް އީމާންވެ ތިބެގެން، އެކަލާނގެއަށް ވަކީލުކޮށްގެން، ތެދު ނިޔަތުގައި އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްފިއްޔާ، އަޅުގަނޑުމެންނަށް ކާމިޔާބުވެވޭނީ. އެނޫން ގޮތަކުން ކާމިޔާބެއް ނުވެވޭނެ.

އާދެ! އަޅުގަނޑުގެ ވާހަކަ މިހާރުވެސް ތަންކޮޅެއް ދިގުވެއްޖެކަންނޭނގެ. އެހެންނަމަވެސް، އަޅުގަނޑުގެ ރަޙްމަތްތެރި ޢަލީ ނިޒާރު ވާހަކަފުޅު ދެއްކެވި ކަންތައްތަކާ ބެހޭގޮތުން އަޅުގަނޑުވެސް އެއްޗެއް ދަންނަވާލަން ބޭނުންވާތީ ދެންނެވީ.

އަޅުގަނޑުގެ އެދުމަކީ، މި ރަށުގެ ހުރިހާ ރައްޔިތުންނަށް މާތްﷲ ހެޔޮ ރަޙްމަތް ލައްވައި، ތިޔަބޭފުޅުންނަށް ފުރިހަމަ ޞިއްޙަތާއި ޢާފިޔަތު ދެއްވުން. އަދި ތިޔަބޭފުޅުން ތަރައްޤީގެ މަގުގައި ތިޔަ ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ބަރަކާތް ލެއްވުން. ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނާ ގުޅިގެން، ރާއްޖޭގެ ހަމަޖެހުމަށާއި އަމަންއަމާންކަމަށާއި، ޞުލްޙަމަސަލަސްކަމަށާއި، ރައްޔިތުންގެ ތަނަވަސްކަމަށާއި، އުފާފާގަތިކަމަށްޓަކައި، މި ކުރާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލައްވައި، އަޅުގަނޑުމެން އެންމެންނަށް ހެޔޮ ގޮތްތައް މިންވަރު ކޮށްދެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه