بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

އާދެ! އައްޑުއަތޮޅަށް އިއްޔެ އަޅުގަނޑު ކުރަން މި ފެށި ޒިޔާރަތުގައި، މިވަގުތު އައިސް މިހިރީ ތިޔަބޭފުޅުންގެ ލޮބުވެތި ރަށް، މީދޫގައި. މީދޫ ރައްޔިތުންގެ ފަރާތުން ދެންމެ ވާހަކަފުޅު ދެއްކެވި މީދޫ ކަތީބު އަލްފާޟިލް ޢަބްދުﷲ ރަޝީދުގެ ވާހަކަފުޅުގައި، ތިޔަބޭފުޅުންގެ ނަންފުޅުގައި އަޅުގަނޑަށް ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި އަދި ފާޅުކުރެއްވި އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި ކަތީބު އަލްފާޟިލް ޢަބްދުﷲ ރަޝީދަށާއި، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

މީދުއަށް އައުމަކީވެސް އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. މިއަތޮޅުގެ ހުރިހާ ރަށަކަށްވެސް ޒިޔާރަތް ކުރުމަށް ޚިޔާލުކޮށްގެން، މި ދަތުރު އަޅުގަނޑު ފެށީ. އެންމެ ފުރަތަމަ މަޤްޞަދަކަށްވީ، މި އަތޮޅުގައި އަލަށް އިފްތިތާޙު ކުރެވޭ ވަރަށް މުހިންމު ދެ ކަމެއް ނުވަތަ ދެ މަޝްރޫޢެއް އިފްތިތާޙުކޮށްދިނުން. އެންމެ ފުރަތަމަ ކަމަކީ ގަމުގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް އިފްތިތާޙު ކުރުން. ދެވަނަކަމަކީ ހެރަތެރާގައި ތަރައްޤީ ކުރެވުނު ޓޫރިސްޓް ރިޒޯޓް އިފްތިތާޙުކޮށްދިނުން. މި ދެ ކަންތައްވެސް މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން އެކަލާނގެ ވާގިފުޅާއެކު މިހާރު މިވަނީ ކޮށް ނިމިފައި.

އާދެ! އިއްޔެ ގަމުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ރަސްމީގޮތުން އިފްތިތާޙު ކުރެވުނީ. އޭގެ ކުރިންވެސް، އެ ވައިގެ ބަނދަރަށް ބޭރުން ބޯޓުފަހަރު އައިސް ޖައްސަން ފަށައިފި. އެވައިގެ ބަނދަރަކީ، އައްޑުއަތޮޅާއި ދުނިޔޭގެ އެހެން ތަންތަނާ ދޭތެރޭގައި އެޅުނު ވަރަށް ފުޅާ، ވަރަށް ތަނަވަސް ފާލަމެއް. އަދި އެ ފާލަން މެދުވެރިކޮށް، ރާއްޖެއަށް ޒިޔާރަތް ކުރަން ބޭނުންވާ ފަތުރުވެރިންނަށް، ރާއްޖެއަށް ޒިޔާރަތް ކުރެވޭނެ މަގު މިއޮތީ ތަނަވަސްވެފައި. ހަމައެޔާއެކީގައި، މިއަދު މެންދުރުގެ ވަގުތެއްގައި މި ހުޅުވުނު ހެރަތެރަ ރިޒޯޓަކީވެސް، އޭގެ ސަބަބުން މީދޫގެ ރައްޔިތުންނަށާއި، ހުޅުދޫގެ ރައްޔިތުންނަށާއި، އައްޑުއަތޮޅުގެ ރައްޔިތުންނަށާއި، ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ވަރަށްބޮޑު ދިރުމެއް ގެނެސްދޭނެ ކަމެއް.

ފަތުރުވެރިކަމަކީ އަޅުގަނޑުމެންގެ އިޤްތިޞާދުގެ ވަރަށް މުހިންމު ބިންގަލެއް. ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ބޭރު ފައިސާ އެތެރެކޮށްދެނީ ފަތުރުވެރިކަމުން. ހަމައެހެންމެ، ފަތުރުވެރިކަން ކުރިއަށް ދިޔުމުގެ ސަބަބުން، ރާއްޖޭގެ ވަރަށްގިނަ ޞިނާޢަތްތައް މިހާރުވަނީ ކުރިއަށް ގޮސްފައި. ކުރިން ނެތިދާން އުޅުނު ކިތަންމެ މަސައްކަތްތަކެއްވެސް މިހާރުވަނީ އަލުން ދިރި، ތަރައްޤީވެ އާލާވެފައި. އަދި ވަރަށްގިނަ ބަޔަކަށް އޭގެ ސަބަބުން ވަޒީފާ އެބަލިބޭ.

ފަތުރުވެރިކަމަކީ، އޭގެ ފައިދާ ރައްޔިތުންގެ ވަރަށްގިނަ ބަޔަކަށް މިހާރު ލިބެމުންދާ ކަމެއް. އެ ފައިދާ ރައްޔިތުންނަށް އިތުރަށް ލިބިދިނުމަށްޓަކައި ސަރުކާރުން ގަސްދުކުރީ، ސަރުކާރާއި ޢާންމު ރައްޔިތުންގެ އަފްރާދުން ބައިވެރިވާ ކުންފުންޏެއް އުފައްދައިގެން، އެ ކުންފުނިން ފަތުރުވެރިކަމުގެ މަސައްކަތް ކުރަމުން ގެންދިޔުމަށް. އެގޮތުން އުފެއްދުނު ކުންފުންޏަކީ އެމް.ޓީ.ޑީ.ސީ. އެކުންފުނީގެ ފަރާތުން ހެރަތެރަ މިހާރު އެވަނީ ތަރައްޤީ ކުރައްވާފައި. އަދި މިއަދު އެވަނީ ރަސްމީގޮތުން އެ ރިޒޯޓު އިފްތިތާޙު ކުރެވިފައި. އެކުންފުންޏަށް ލިބޭ ފައިދާއަކީވެސް އޭގެ ޙިއްޞާދާރުންނަށް ލިބޭ ފައިދާއެއް. ޙިއްޞާދާރުންގެ ތެރޭގައި، އާދައިގެ ދިވެހި ރައްޔިތުން ވަރަށްގިނަ އަދަދަކަށް ހިމެނޭ. އެހެންވީމާ، މި ރިޒޯޓުން ލިބޭ ފައިދާއާއި އަދި އެމް.ޓީ.ޑީ.ސީ އިން ކުރިއަށް އޮތްތާނގައި ތަރައްޤީ ކުރައްވަން ގަސްދު ކުރައްވާ ރިޒޯޓުތަކުން ލިބޭ ފައިދާގެ ވަރަށްބޮޑު ބައެއް، ދާނީ ހަމަ ތިޔަބޭފުޅުންގެ ޖީބުތަކަށް. އާދެ! ޢާންމު ރައްޔިތުންގެ ޖީބުތަކަށް. އެއީ ޝައްކެއްނެތްގޮތުގައި ވަރަށް މުހިންމު ކަމެއް.

ރާއްޖޭގައި ޓޫރިޒަމް ފެށިގެން އައީ އެހެން ގޮތަކަށް. އަމިއްލަ އަފްރާދުން އެކަން ކުރާ ގޮތަކަށް. ސަރުކާރުން އެކަމުގެ މަގުފަހިކޮށްދީ، އެކަމަށް ބޭނުންވާ ސިޔާސަތު އެކަށައަޅައި، ބޭނުންވާ ފަސޭހަތައް ހަމަޖައްސައިދިނުމުން، އަމިއްލަ އަފްރާދުން އެސައްކަތް ކުރަމުން ގެންދިޔައީ. ސަރުކާރުންވެސް އެންމެ ކުރިން ބައެއް ރިޒޯޓުތައް ތަރައްޤީ ކުރި. އެކަމަކު ފަހަކަށްއައިސް މުޅިންވެސް އަމިއްލަ ފަރާތްތަކުން ތަރައްޤީ ކުރަމުން ގެންދަނީ. އޭގެ ފައިދާ އެ ލިބެނީ އެފަރާތްތަކަށް. އަދި އެފަރާތްތަކުގެ ޢާއިލާތަކަށާއި، ވަޒީފާތަކުގައި އުޅޭ މީހުންނަށް.

އެހެންނަމަވެސް، މިހާރު އަލަށް މި އުފެއްދުނު ކުންފުނީގެ ސަބަބުން، ފަތުރުވެރިކަމުން ލިބޭ ފައިދާ މާބޮޑަށް ބެހިގެންދާނެ. އެ ކުންފުނީގެ ކޮންމެ ޙިއްޞާދާރަކަށްވެސް އެއިން ކޮންމެވެސް އެއްޗެއް ލިބޭނެ. އެހެންވީމާ، ފަތުރުވެރިކަމަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ވަރަށްބޮޑު މުއްސަނދި ކަމެއް ކަމަށްވާތީ، އެ މުއްސަނދިކަން ވީހާގިނަ ރައްޔިތުންތަކަކަށް ބެހިގެން ދިޔުމަކީ، ސަރުކާރުގެ ވަރަށް ބޮޑު އެދުމެއް ކަމަށްވާތީ، އެގޮތަށް އެ މަސައްކަތް ޚިޔާރުކޮށް، މިހާރު ކުރަމުން އެ ގެންދަނީ.

އާދެ! ތަރައްޤީވަމުންދާ ފަތުރުވެރިކަމުގެ ސަބަބުން، މުޅި ރާއްޖެއަށް ދަނީ ވަރަށްގިނަ ފައިދާތަކެއް ކުރަމުން. އޭގެތެރޭގައި އަޅުގަނޑުމެންގެ ޤައުމީ އުފެއްދުންތެރިކަން އިތުރުވުން، އަޅުގަނޑުމެންގެ ރައްޔިތުންގެ ބޮލަކަށްޖެހޭ އާމްދަނީ އިތުރުވެގެންދިޔުން، އަދި ކުރިންވެސް ދެންނެވި ފަދައިން، ރާއްޖޭގެ އިތުރު ޞިނާޢަތްތައް ތަރައްޤީ ކުރެވި، އާލާވެ، އެކަމުގައި އުޅޭ މީހުންނަށް އިތުރު އާމްދަނީ ލިބެމުންދިޔުން، މުޅި ރާއްޖޭގެ އިޤްތިޞާދަށް އެކަމުގެ ފައިދާ ކުރުން. މިކަންކަން ހިމެނޭ. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، ފަތުރުވެރިކަން ރަނގަޅަށް ތަރައްޤީ ކުރުމަށް، މަޝްރޫޢުތަކެއް ރާވައިގެން ކަންތައް ކުރަން. ކޮންމެ ކަމެއްވެސް ކާމިޔާބުވާނީ، ރަނގަޅަށް ރާވައިގެން ކުރިއްޔާ. ދުރާލާ ވިސްނައިގެން، އެކަމަށް ބޭނުންވަނީ ކޮންކޮން ކަންކަމެއްތޯ ހޯދައިގެން، އެކަންތައްތައް ކޮށްގެން. އެހެންވީމާ، ރާއްޖޭގެ ފަތުރުވެރިކަމާބެހޭ ޤައުމީ މަޝްރޫޢުތަކެއް ހިނގަމުން މިދަނީ. އެއް މަޝްރޫޢެއް ނިމުމަށްފަހުގައި، އަނެއް މަޝްރޫޢެއް ފެށިގެން، އޭގެ ދަށުން ކަންތައްތައް ކުރަމުން މިގެންދަނީ.

ދެންމެ ކަތީބު އަލްފާޟިލް ޢަބްދުﷲ ރަޝީދުގެ ވާހަކަފުޅުގައި، މި ރަށުގެ ފަޅުތެރޭގައި ހުރި ބައެއް ރަށްރަށް، ރިޒޯޓުތަކެއްގެ ގޮތުގައި ތަރައްޤީ ކުރެވިއްޖިއްޔާ، އެއީ މިރަށުގެ ރައްޔިތުންނަށް ވަރަށްބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް ކަމުގައި ވިދާޅުވި. އެކަމަށް އަޅުގަނޑުވެސް އެއްބަސް. އެހެންނަމަވެސް، ދަންނަވަން މިއުޅޭ ވާހަކައަކީ، އެކަންވެސް ވާންޖެހޭނީ، އަޅުގަނޑުމެންގެ ޤައުމީ ތަރައްޤީގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ ކަމަކަށޭ. ޤައުމީ މަޝްރޫޢުގެ ތެރޭގައި މި ހިމެނެނީ މުޅި ރާއްޖެއަށް ފައިދާވާ ކަންތައްތައް. އިސްކަންދޭން ވަކި ތަރުތީބެއް ކަނޑައެޅިގެން މިދަނީ.

ސަރުކާރުން މިހާރު އިޢުލާނުކޮށްގެން، ބިޑްކޮށްގެން ހުޅުވާލާ ރިޒޯޓުތަކަކީވެސް ހުރިހާ އަތޮޅަކަށް އޭގެ ފައިދާ ލިބޭނެ ރިޒޯޓުތަކެއް. ކޮންމެ އަތޮޅެއްގައިވެސް ހުރި ފަޅު ރަށްތައް ބަލައި، ދިރާސާކޮށް، އޭގެތެރެއިން ފަތުރުވެރިކަން ތަރައްޤީ ކުރުމަށް އެންމެ އެކަށީގެންވަނީ ކޮން ތަންތަނެއްތޯ، އެންމެބޮޑު ފައިދާއެއް ލިބޭނީ ކޮން ތަންތަނަކުންތޯ ބަލައި، އެތަންތާނގައި އެންމެ ފުރަތަމަ ރިޒޯޓުތައް ތަރައްޤީކުރާ ގޮތަށް ސަރުކާރުން މަސައްކަތް މިގެންދަނީ. އެ މަޝްރޫޢަކީ ވަރަށް ކާމިޔާބު މަޝްރޫޢެއް. އެހެން މިދެންނެވީ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު ގިނަވުމާއި، ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީ، އެއް އަހަރުން އަނެއް އަހަރަށް ގިނަވަމުންދާތީ.

އެހެންވީމާ، ފަހަރެއްގައިވެސް އަޅުގަނޑު ނުދަންނަވަން، އޭނާ އެ ވިދާޅުވި ވާހަކައަކީ އެއަކަށް ޢަމަލު ނުކުރެވޭނެ އެއްޗެކޭ. އެހެނެއް ނޫން މި ދަންނަވަނީ. މި ދަންނަވާ ވާހަކައަކީ އެކަންވެސް ކުރިޔަށްދާންވާނީ، އަޅުގަނޑުމެންގެ ޤައުމީ ތަރައްޤީގެ މަޝްރޫޢުގެ ތެރޭގައި ހިމެނިގެންނޭ.

އައްޑުއަތޮޅުގެ ކުރިއެރުމުގެ ތަރައްޤީގެ ތަޞައްވުރެއް، ރޭ އައްޑުއަތޮޅު އަތޮޅު ކޮމިޓީން އަޅުގަނޑަށް ދެއްވި. އޭގައި އެބަހުރި ވަރަށްގިނަ ކަންތައްތައް. އެއީ އައްޑުއަތޮޅުގެ ވަރަށްގިނަ ފަރާތްތަކުގެ ޚިޔާލު ލިބިވަޑައިގަންނަވައިގެން ތައްޔާރު ކުރައްވާފައިވާ ތަޞައްވުރެއް. 2015 ވަނަ އަހަރު އައްޑުއަތޮޅު އޮންނާނެ ގޮތުގެ ތަޞައްވުރު އޭގައި އެއޮތީ. އަދިވެސް ރައްޔިތުންގެ ޚިޔާލަށް އެބޭފުޅުން އެދިވަޑައިގަންނަވާ. އެ މަސައްކަތް ކުރެއްވީ، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓާއި، އަދި އެމިނިސްޓްރީގެ ދަށުގައިވާ ތަންތަނާއި، ސަރަޙައްދީ އޮފީހާއި، އަތޮޅުއޮފީހާއި، މިއަތޮޅުގެ ރަށުއޮފީސްތަކާއި، ރައްޔިތުންނާއި، ޢާންމު ޖަމާޢަތްތައް ބައިވެރިވެގެން. އެ އިތުރަށް ފުރިހަމަ ކުރުމަށްފަހުގައި، އެ ތަންފީޒު ކުރެވޭތޯ ބެލުމަކީވެސް އަޅުގަނޑު ހިތުން އަތޮޅުގެ ކުރިއެރުމަށް ވަރަށް މުހިންމު ކަމެއް. އޭގައި ހުރި ކަންތައްތަކަށް ފައިސާވެސް ހޯދަން އެބަޖެހޭ. އެ ކަންތައްތަކަށް އިންވެސްޓް ކުރާނެ ފަރާތްތަކެއް ހޯދަން އެބަޖެހޭ. އަދި އިންވެސްޓް ކުރަން އެމީހުންނަށް ހިތްވަރު ލިބޭކަހަލަ މާޙައުލެއް ޤާއިމުކުރަން އެބަޖެހޭ. އެއީ އަމަންއަމާންކަމުގެ މާޙައުލު. ޞުލްޙަވެރިކަމުގެ މާޙައުލު. ބަޔަކު އެޚަރަދު ކުރާ ފައިސާއަކީ، އެ ބަޔަކަށް ގެއްލިގެންދާނެ އެއްޗެއް ނޫން ކަމަށް، އެބަޔަކަށް ޔަޤީންކޮށްދެވޭކަހަލަ މާޙައުލެއް. މީހަކު އެތައް މިލިޔަން ޑޮލަރެއް ޚަރަދު ކުރުމަށްފަހުގައި، ތަނުގައި އުފެދޭ ޙާދިސާއެއްގެ ސަބަބުން ނުވަތަ އުފެދޭ ހަމަނުޖެހުމެއްގެ ސަބަބުން، އެ ފައިސާތައް ގެއްލިގެން ހިނގައްޖެނަމަ، އެފަދަ މީހަކު ނުވަތަ އެނޫން މީހަކުވެސް ދެން ރާއްޖޭގައި އިންވެސްޓް ކުރާކަށް ފައިސާ ޚަރަދު ކުރާކަށް ނާންނާނެ.

އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، މި މާޙައުލުވެސް ރާއްޖޭގައި ޤާއިމުކުރަން. ރާއްޖޭގެ ރައްޔިތުންނަކީ، މިހާރެކޭ އެއްފަދައިން އަދި މިހާރަށްވުރެވެސް ބޮޑަށް ފަތުރުވެރިންނަށް ކަމޭހިތާ، ހެޔޮކޮށްހިތާ، އެމީހުންނަށް ރައްކާތެރި، ސަލާމަތް ވެށްޓެއް ރާއްޖޭގައި ޤާއިމުކޮށްދޭ ބަޔަކަށް ވާންޖެހޭނެ. އެއްވެސް މީހަކު ކުރާ ޢަމަލަކުން ފަތުރުވެރިއަކަށް ގެއްލުމެއް ލިބިގެން ނުވާނެ. އޭނާއަށް ނުރައްކަލެއް ކުރިމަތިވެގެނެއް ނުވާނެ. އެކަން އެހެން ވެއްޖިއްޔާ، އަޅުގަނޑުމެން މި އުންމީދު ކުރާ އެއްވެސް ކަމެއް ޙާޞިލެއް ނުވާނެ.

އާދެ! މީދޫގައި މީގެކުރިންވެސް ވަނީ ސަރުކާރުން ކަންތައްތަކެއް ހިންގާފައި. ދެންމެ ކަތީބުގެ ވާހަކަފުޅުގައި، މިދިޔަ އަހަރު އަޅުގަނޑު ދެއްކި ވާހަކައިގައި، މިރަށުގައި ރަށުއޮފީހެއް އިމާރާތް ކުރާނެ ވާހަކަ ދެންނެވި ކަމަށް ވިދާޅުވި. އަދި ބަނދަރުގެ ވާހަކަވެސް ވިދާޅުވި. ޙަޤީޤަތުގައި ކުރިން ރޭވިފައި އޮތީ ހުޅުދޫ މީދޫ ދެ ރަށަށް އެއް ބަނދަރު ހަދަން. އެއް ބަނދަރެއްގެ ގޮތުގައި ތަރައްޤީ ކުރަން. އަދި ހުޅުދޫ މީދުއަކީ އިދާރީ ގޮތުން އެއް އޮފީހެއް ހުންނަ ތަނަކަށް ހަދަން. އެގޮތަށް ވާހަކަ ދެކެވިގެން މަޝްރޫޢު ރޭވިފައި އޮތީ އެގޮތަށް. އެހެންވީމާ، މިދިޔަ އަހަރު އަޅުގަނޑު ދެންނެވި ވާހަކައަކީ، އެގޮތަށް އެކަން އޮތްއިރު، އެކަން ކުރިއަށް ގެންދެވޭނެ ވާހަކަ.

އެހެން ނަމަވެސް، އެނގިވަޑައިގަންނަވާނެ ފަހުންވީގޮތް. ފަހުން ވީގޮތަކީ ބައެއް ރައްޔިތުން އެކަމާ ދޭތެރޭގައި ހިތްހަމަނުޖެހުނީ. އެމީހުން ބޭނުމެއްނުވި، ދެ ރަށުގައި އެއް އޮފީހެއް ހުންނާކަށެއް. ދެ ރަށުގައި އެއް ބަނދަރެއް އޮންނާކަށެއް. ބޭނުންވީ ހުޅުދުއަށް ވަކި ބަނދަރެއް. މީދުއަށް ވަކި ބަނދަރެއް. ހުޅުދުއަށް ވަކި އޮފީހެއް. މީދުއަށް ވަކި އޮފީހެއް. މި މައްސަލަ ޙައްލު ނުކުރެވިގެން، އަތޮޅުވެރިން މިދިޔަ އަހަރު ސަރުކާރަށް ލަފާދެއްވީ، ދެން ފެނިވަޑައިގަންނަވަނީ އިހަށް މިކަން މަޑުޖައްސާލާފައި، އެހެން ރަށަކަށް ބަދަލުކުރާށޭ. އެއީ ބަޖެޓުގައި ހިމެނިފައި އޮތް ފައިސާއެއް. އައްޑުއަތޮޅަށް ހިމެނިފައި އޮތް ފައިސާއެއް. އެ ޚަރަދު ކުރަން ޖެހެނީ އައްޑުއަތޮޅުގައި. އެހެންވީމާ، އޭގެ ބަދަލުގައި މަރަދޫ އޮފީސް އިމާރާތް ކުރަން އެ ފެށީ. އެއީ މި މައްސަލަ މިތާނގައި ޖެހިގެން. އެއީކީ ސަރުކާރުން ކުރި ކަމެއް ނޫން. ރައްޔިތުންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުމުގެ ސަބަބުން، އެ މަސައްކަތް ކުރިއަށް ނުގެންދެވި ހުއްޓިފައި އޮތީ. މިހާރުވެސް ހުޅުދޫ ރައްޔިތުންނާއި މީދޫ ރައްޔިތުންނާ ވާހަކަފުޅު ދައްކަވާފައި، އެއްގޮތަކަށް އެއްބަސްވެވަޑައިގެން ވިދާޅުވަނިކޮށް، އެގޮތަށް އިރާދަކުރެއްވިއްޔާ، ކަންތައް ކުރިއަށް ގެންދެވޭތޯ ސަރުކާރުން ބަލާނެ.

ސަރުކާރުން ބޭނުންވާ ވަކިގޮތެއް ރައްޔިތުންނަށް މަޖުބޫރު ކުރުވާކަށް ސަރުކާރުން ބޭނުމެއް ނޫން. ތިޔަބޭފުޅުންގެ އަމިއްލަ ހިތުން ރުހުމުން ގޮތެއް އިޚްތިޔާރު ކުރައްވަންވީ. ބޭނުންފުޅީ އެއް ބަނދަރުތޯ. ދެ ބަނދަރުތޯ. ބޭނުންފުޅީ ކޮންމެ ރަށެއްގައި ވަކި އޮފީހެއްތޯ. ނޫނީ އެއް އޮފީހެއްތޯ. އެއް އޮފީހަކަށް ހަދަން އޭރު ޚިޔާލުކުރެވުނީ، ތަރައްޤީއާއި އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން. އެއީ ރާއްޖޭގައި ހުރި ވަރަށްގިނަ ރަށްތައް އެއްކޮށްލާފައި، ބޮޑެތި ރަށްތަކެއް ހެދުމުގެ މަޤްޞަދުގައި. އެހެން ހެދީމާ، އިޤްތިޞާދީ ގޮތުން ވަރަށްގިނަ ފައިދާތަކެއް ކުރޭ. އެ ސަބަބަށްޓަކައި ކުރިން އެގޮތަށް ޚިޔާލުކުރެވިފައި އޮތީ. އެހެންނަމަވެސް، އެ ޚިޔާލަކީ، މި ދެރަށުގެ ރައްޔިތުންނަށް މާހިތްޕުޅުހަމަޖެހޭ ޚިޔާލަކަށް ނުވަންޏާ، އެކަން ސަރުކާރުން ދޫކޮށްލާނެ. ދޫކޮށްލާފައި ރައްޔިތުން އެދޭގޮތަކަށް އެކަން ކުރާނީ. އެހެންނަމަވެސް، އެކަން ކުރާއިރު އެކަމަށް އިތުރު ވަގުތު ބޭނުންވޭ. އެހެންވެގެން އެކަން މިހާތަނާ ޖެހެންދެން ތަންފީޒު ނުކުރެވި މިއޮތީ.

އާދެ! ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މީދޫ ރައްޔިތުންނަކީ ދީނީ ކަންތައްތަކަށް ވަރަށްބޮޑަށް ފަރުވާތެރިކަން ބަހައްޓަވާ ރައްޔިތެކޭ. އެކަން އަޅުގަނޑަށް ވަރަށް ކުރިއްސުރެ އެނގޭ. އިސްލާމީ ޢަޤީދާއާއި، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތަކާއި ޙުކުމްތަކަށް ވަރަށް ބޮޑަށް ޙުރްމަތްތެރިކޮށްހިއްތަވާ ރައްޔިތެއް. އެކަމާ އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އަޅުގަނޑުމެން ވިސްނަންޖެހޭނެ، އިސްލާމްދީނުގެ ޙަޤީޤީ މަޤްޞަދާއި ޙުކުމްތަކަކީ ކޮބައިތޯ. އެކަން އަޅުގަނޑުމެން ދެނެގަންނަން އެބަޖެހޭ. މީހުން ދައްކާ ވާހަކަތައް އެއީކީ އިތުބާރު ހުރި އެއްޗެއް ކަމުގައި އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނީ، އެއީ ޞައްޙަ މިންގަނޑެއްގެ މައްޗަށް ބިނާވެގެން ދެކެވޭ ވާހަކައަކަށްވަންޏާ.

ދެންމެ މިޖަލްސާ ފަށައިދިނުމަށް ދަރިވަރަކު ކިޔަވައިދިން އާޔަތް ދޮގެއްތޯ. "يَا أَيُّهَا الَّذِينَ آمَنُوا إِن جَاءكُمْ فَاسِقٌ بِنَبَأٍ فَتَبَيَّنُوا أَن تُصِيبُوا قَوْماً بِجَهَالَةٍ فَتُصْبِحُوا عَلَى مَا فَعَلْتُمْ نَادِمِينَ." (الحجرات: 6) ވަރަށް ވަރުގަދަ އިލާހީ އިރުޝާދެއް. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖިއްޔާ، އޭގެ ތެދު ދޮގު ބަލާފައި ހުށިކަމޭ. ތިޔަބައިމީހުންގެ ގާތަށް ފާސިޤަކު، މާނައަކީ ނުރަނގަޅު މީހަކު ޚަބަރަކާއިގެން އަތުވެއްޖިއްޔާ، އެކަމުގެ ތެދު ދޮގު ބަލާފައި ހުށިކަމޭ." އެއީ ކީއްވެގެންތޯ؟ އޭގެ ސަބަބު އެބަ ބަޔާންކޮށްދެއްވާ. އެހެން ނަހަދައިފިއްޔާ ތިޔަބައިމީހުން ތިޔަކުރި ކަންތަކާ ހިތާމަކުރަން ޖެހިދާނެޔޭ. "أَن تُصِيبُوا قَوْماً بِجَهَالَةٍ" "ތިޔަބައިމީހުންގެ ހުރި ނުކުޅެދުންތެރިކަމުން، ޖާހިލުކަމުން އެހެން ބަޔަކަށް އެއިން ގެއްލުމެއް ލިބިދާނެތީއޭ." "فَتُصْبِحُوا" "އެހެން ހަދައިފީވިއްޔާ ތިޔަބައިމީހުންވާނެއޭ" "عَلَى مَا فَعَلْتُمْ" "ތިޔަބައިމީހުން ކުރި ކަމެއްގެ މައްޗަށް" "نَادِمِينَ" "ހިތާމަކުރާ ބަޔަކު ކަމުގައި."

އެހެންވީމާ، އަޅުގަނޑުމެންގެ ގާތަށް މީހަކު ޚަބަރަކާއިގެން އަތުވެއްޖިއްޔާ، ވާހަކައެއް ދައްކައިފިއްޔާ، އެއީ ތެދެއްތޯ، ދޮގެއްތޯ ބަލަންޖެހޭނެ. ތެދެއް ކަމަށްވަންޏާ ގަބޫލުކުރަންވީ. އެހެން ނޫނިއްޔާ ގަބޫލުކޮށްގެން ނުވާނެ. އެހެން ނޫނިއްޔާ ވާނެގޮތަކީ، އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ކަމެއްގެ ސަބަބުން ބަޔަކަށް އަޅުގަނޑުމެންނަށް ކުޑައިމީސްކަމެއް ކުރެވެނީ. ބަޔަކާ ދޭތެރޭގައި ކުށްގޮތަކަށް ހީކުރެވެނީ. އެ ބަޔަކާ ދޭތެރޭ ގޯސްކޮށް ކަންތައް ކުރެވެނީ. އޭގެ ސަބަބުން، އަޅުގަނޑުމެން އެންމެން ހިތާމަކުރަންޖެހޭނެ. އެހެންވީމާ، އިސްލާމްދީނުގައި އޮތީ މިހެން.

ދެން އަނެއް އާޔަތުގައިވެސް އެ ދަރިވަރު ކިޔައިދިން. "إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ" (الحجرات: 10) "ހަމަކަށަވަރުން މުއުމިނުންނަކީ އަޚުންތަކެކެވެ. ފަހެ ތިޔަބައިމީހުން، ތިޔަބައިމީހުންގެ ދެއަޚުންގެ ދެމެދު އިޞްލާޙު ކުރާށޭ!"

އެހެންވީމާ، އެއީ އަޅުގަނޑުމެން އިސްލާމްދީން ދެކެންވީ ގޮތަކީ. އިސްލާމްދީނަކީ އުޚުއްވަތްތެރިކަމުގެ ދީންކަން. އިސްލާމްދީނަކީ އެންމެންގެ މެދުގައި އެއްބަނޑުއެއްބަފާކަން ޤާއިމުކޮށްދޭ ދީންކަން. އަދި ދޭދޭ ދެމީހުންގެ ދޭތެރޭގައި ޚިލާފެއް އުފެދިއްޖިއްޔާ، އެ އިޞްލާޙު ކުރަން ޖެހޭނެކަން. އިޞްލާޙު ކުރަން ޖެހެނީކީ ވަކި ސަރުކާރަކުން ނޫން. ވަކި މީހަކު ނޫން. ތިޔަބައިމީހުން. "فَأَصْلِحُوا بَيْنَ" "ތިޔަބައިމީހުން އިޞްލާޙު ކުރާށޭ!" މާނައަކީ، ދޭދޭ މީހުންގެ މެދުގައި އުފެދޭ ފިތުނަތަކާއި ޚިޔާލުތައް އިޞްލާޙު ކުރުން އެއީ އިސްލާމީ އުންމަތުގެ އެންމެންގެ ވާޖިބެކޭ. އެހެންވީމާ، އެގޮތަށް އަޅުގަނޑުމެން އިޞްލާޙުވެގެން، އެންމެން އެކުވެރިވެގެން މަސައްކަތް ކުރަންޏާ، އަޅުގަނޑުމެން ކުރާ ކަންތައްތަކުގައި މާތްﷲ ބަރަކާތް ލައްވާނެ.

އާދެ! ދީނީ ކަންތައްތަކާ ދޭތެރޭގައި ވިސްނާއިރު، އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ. މިހާރު ދުނިޔޭގައި އެބައުޅޭ އަޅުގަނޑުމެން ކުރިން ނުދަންނަ ކަހަލަ ޚިޔާލުތަކެއް. ދީނީ ކަންތައްތަކުގައި އެހެން ގޮތަކަށް މާބޮޑަށް ވިސްނާ ބަޔަކު އެބައުޅޭ. އޭގެ އަސަރު ރާއްޖެއަށްވެސް ކުރަމުން އެބަދޭ. އިސްލާމްދީނަކީ ޙަޤީޤަތުގައި ޞުލްޙަވެރި ކަމުގެ ދީން. "އިސްލާމް" އެ ލަފްޒު ނެގިފައިވެސް އޮންނަނީ އެހެން ނޫންތޯ. އިސްލާމަކީ މާތްﷲ އަށް އެންމެން ތަބާވުން. އެ ނެގިފައި އޮތީ "ސަލާމަތް" އެ ބަހުން. ސަލާމަކީ ޞުލްޙަވެރިކަން. އިސްލާމްދީނުގެ ނަމުންވެސް އެނގޭ. އަދި އަޅުގަނޑުމެން އެކަކު އަނެކަކާ ބައްދަލުކުރާއިރު މިބުނަނީ "السّــلام عليــكم" މާނައަކީ، "ތިބާގެ މައްޗަށް ސަލާމް ހުއްޓޭ." ކޮބައިތޯ ސަލާމަކީ. ޞުލްޙަވެރިކަން. "ތިބާގެ މައްޗަށް ހުރީ ޞުލްޙަވެރިކަމޭ" ތިމަންނާގެ ހިތުގައި އޮތީ ހިތްހެޔޮކަމޭ. އިޚްލާޞްތެރިކަމޭ. އެއް މުސްލިމަކު އަނެއް މުސްލިމަކާ ދޭތެރޭގައި އެހެން މި ބުނަނީ. އެހެން ބުނާއިރު، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން އެބަ ބުނޭ، އެހެން މީހަކާ ދިމާއަށް އެއީ ކާފަރެކޭ. އެއީ ދީނުން ބޭރުވެފައި ހުރި މީހެކޭ. އެމީހަކު އެ ބޭނުންވާ ގޮތަށް ނުބުނެފީވިއްޔާ، މި ދެކެނީ އެއީ ކާފަރެއް ކަމުގައި. މިހިރީ ކޮށްގެންވާނެ ކަމެއް ނޫން. އެއީ ވަރަށް ބޮޑެތި ފާފަ. އެއްވެސް މުސްލިމަކު، އަނެއް މުސްލިމަކާ ދިމާއަށް، ތިޔައީ ކާފަރެކޭ ބުނެގެން ނުވާނެ. އެއީ ވަރަށްބޮޑު ފާފައެއް. މާތްﷲ ދެނެވޮޑިގެންވާނީ، އަޅުގަނޑުމެންގެ ހިތްތަކުގައިވާ އީމާންކަން. އެއީ އަޅުގަނޑުމެންގެ މައްޗަށް އޮތް ކަމެއް ނޫން. އެކަކު އަނެކެއްގެ މައްޗަށް މިފަދަ ނުބައި ޙުކުމެއް ކުރުމަކީ.

އެކަމަކު މި ދެންނެވި ކަހަލަ މީހުން އައިސް، އެ ދައްކާ ވާހަކަތަކުގެ ތެރޭގައި، މިވެނި މީހަކީ ކާފަރެކޭ، ދީނުން ބޭރުވެފައޭ، އެހެން ކިޔައިގެން، މިކަހަލަ ވާހަކަ ދައްކައިގެން މީހުންގެ މެދުގައި ފިތުނަ އެބަ އުފައްދާ. ދީނުގައި ނެތް ކިތަންމެ ކަމެއް، ދީނުގެ ކަންތައްތަކެއް ކަމަށް ހަދައިގެން އެބަ ވާހަކަ ދައްކާ. އަޅުގަނޑުމެންގެ ރާއްޖޭގެ ގިނަ މީހުންނަކީ، މާ މައްޗަށް ދީނީ ތަޢުލީމު ޙާޞިލު ކޮށްފައި ތިބި ބަޔެއް ނޫން. އެހެންވީމާ، އެމީހުންނަށް ވާގޮތަކީ، އެ ދައްކާ ވާހަކަތައް ގަބޫލުކުރެވިގެން މަގުފުރެދިގެންދަނީ. އޮޅިގެންދަނީ. މިކަހަލަ ވަރަށްގިނަ ކަންތައްތައް އެބަވޭ. އެހެންވީމާ، އެއީކީ އަޅުގަނޑުމެން ކަން ކުރަންވީ ގޮތެއް ނޫން.

ރަސޫލާ ޢިލްމްވެރިންނަށް ޙަދީޘް ކުރައްވާފައިވެސް އޮންނަނީ "ތިޔަބައިމީހުން މީސްތަކުންނަށް އުފާވެރިކަމުގެ ޚަބަރުދޭށޭ. މީސްތަކުންގެ ހިތްތައް ނަފްރަތުވާކަހަލަ ޚަބަރު ނުދޭށޭ." "بَشِـّرُوا وَلاَ تُنَـفِّـرُوا" "އުފާވެރިކަމުގެ ޚަބަރުދޭށެވެ! މީހުންގެ ހިތްތައް ނަފްރަތު ކުރާކަހަލަ ވާހަކަ ނުދައްކާށެވެ!" އެހެން އަންގަވާފައި އޮންނަނީ. "يَسِّرُوا وَلاَ تُعَسِّرُوا" "ތިޔަބައިމީހުން މީސްތަކުންނަށް ކަންތައްތައް ފަސޭހަކޮށްދޭށެވެ! ތިޔަބައިމީހުން މީސްތަކުންނަށް ކަންތައްތައް ދަތިނުކުރާށެވެ!" މިއީ، ޢިލްމުވެރިންނަށް، رســول اللّـه صـلّى الله علـيـه وسـلّم ދެއްވާފައިވާ އިރުޝާދު.

އެހެންވީމާ، އަޅުގަނޑުމެން އެންމެން އެބަޖެހޭ، އިސްލާމްދީނުގައި ހުރި ލުއިފަސޭހަކަން ގަބޫލުކުރަން. މި ދީނުގެ މާތްކަން ގަބޫލުކުރަން. މި ދީނުގައި އޮތީ ޞުލްޙަވެރިކަން ކަން. އުޚުއްވަތްތެރިކަން ކަން. އެކަކު އަނެކަކު ގައިގައި ޖެހުމެއް، އެކަކު އަނެކަކަށް ޢަދާވާތްތެރިވުމެއް، އެކަކު އަނެކަކާ ދޭތެރޭގައި ރުޅިއައިސްގެން ހަޅޭއްލެވުމެއް، އެކަކު އަނެކަކުގެ ގަޔަށް އެރުމެއް، މާރާމާރީ ހިންގުމެއް، އެކަކު އަނެކަކު މަރާލުމެއް، އެކަކު އަނެކެއްގެ ޙައްޤަށް އަރައިގަތުމެއް، މިއިން އެއްވެސް ކަމެއް މި ދީނަކު ނެތްކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ. އެއްވެސް މާނައެއްގައި، އެއްވެސް މަޤްޞަދެއްގައި މިއިން ކަމެއް ކޮށްގެނެއް ނުވާނެ. އެއީ އިސްލާމްދީނުގައި އޮތް ގޮތަކީ.

އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ ދަންނަވާލާނަމޭ. މީދޫ ރައްޔިތުންނަކީ ދީނުގެ ކަންތައްތަކަށް ވަރަށް ބޮޑަށް ލޯބިކުރައްވާ، އެކަމުގެ ޝައުޤުވެރިކަން ތިޔަބޭފުޅުންގެ ހިތްޕުޅުގައި އޮތް ބަޔަކަށްވާތީ، ތިޔަބޭފުޅުން މި ކަންތައްތައް ރަނގަޅަށް ދެނެވަޑައިގަންނަވާށޭ. ދީނުގައި އޮތީ ކީކޭކަން ރަނގަޅަށް ބައްލަވައިގެން، އެއާ އެއްގޮތަށް ޢަމަލު ކުރައްވާށޭ. އެކިއެކި ގޯސް ހައްދަން އެ މަސައްކަތްކުރާ މީހުންގެ އަޑުތައް ނާއްސަވާށޭ. ﷲ އަންގަވާފައި އެވަނީ، އެ މީހަކު ޚަބަރަކާއިގެން އަތުވެއްޖިއްޔާ، އޭގެ ތެދު ދޮގު ބަލާށޭ. ބަލާފައި ނޫނީ ގަބޫލުނުކުރާށޭ. އެހެންވީމާ، އެގޮތުގެ މަތިން އަޅުގަނޑުމެން ތިބެންވީ.

އާދެ! މި ރަށަށް އަޅުގަނޑު އައުމުން، މި ރަށުގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވުން. މާތްވެގެންވާ އިސްލާމްދީނުގައި އޮތީ ކީކޭކަން ރަނގަޅަށް ވިސްނައިގަތުމުގެ ޤާބިލިއްޔަތު އަޅުގަނޑުމެންނަށް ދެއްވުން. އަޅުގަނޑުމެންނަކީ ހެޔޮބަސް އަހާ، ހެޔޮބަސް ގަބޫލުކުރާ ބަޔަކު ކަމުގައި ލެއްވުން. ހެޔޮބަހަކީ ކޮން އެއްޗެއްކަންވެސް އެނގެން އެބަޖެހޭ. ފުރަތަމަ އަޅުގަނޑުމެންޖެހޭ، ހެޔޮބަހަކީ ކޮބައިކަން ދެނެގަންނަން. އޭގެފަހުން، އެ ބަސް ގަބޫލުކުރެވޭނީ. އަދި އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގައި، އެކަލާނގެ ބަރަކާތް ލެއްވުން. އަޅުގަނޑުމެންގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނާއި އަދި އަމިއްލަ ފަރާތްތަކުން އެ ކުރައްވާ މަސައްކަތްތަކުގައި ބަރަކާތް ލެއްވުން އެދި އަޅުގަނޑު ﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަން. އަދި އަޅުގަނޑުމެން މި ކުރާ އުންމީދުތައް، އަވަސް މަގަކުން ޙާޞިލު ކުރެވޭނެ މަގު ތަނަވަސްކޮށްދެއްވުން އެދި އެކަލާނގެ ޙަޟުރަތުގައި އިބްތިހާލުވަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه