بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

އައްޑުއަތޮޅަށް އަޅުގަނޑު މިހާރު ކުރަމުންގެންދާ ޒިޔާރަތުގައި ހުޅުދުއަށް އައުމަކީ މިއަދު އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. ހުޅުދުއަށް އައުމުން، ހުޅުދޫގެ ވެރިންނާއި ރައްޔިތުންގެ ފަރާތްޕުޅުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއާއި އަދި ބެހެއްޓެވި ގާތްކަމަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އައްޑުއަތޮޅަށް ޒިޔާރަތް ކުރުމަކީ، އަޅުގަނޑަށް އަބަދުވެސް ލިބޭ ވަރަށްބޮޑު އުފަލެއް. އަޅުގަނޑު މިއަތޮޅަށް ކުރާ ދަތުރުތަކުގެ ގިނަކަމުން މިކަން ތިޔަބޭފުޅުންނަށް އޮޅުމެއްނެތި އިޙްސާސް ކުރެއްވޭނެ. އަޅުގަނޑު އައްޑުއަތޮޅަށް މިކުރާ އެކިއެކި ދަތުރުތަކުގައި، ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށް، އެމީހުންގެ ހާލުއަހުވާލު ބަލައިލެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަން. އަދި ތަރައްޤީގެ މަގުގައި އެ ރަށްރަށުގައި ކުރެވޭ މަސައްކަތްތަކާއި، އެކަމަށް އެޅޭ ހުރަސްތަކާއި، އަދި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތާ، މިކަންކަމާ ބެހޭގޮތުންވެސް އަޅުގަނޑު މަޢުލޫމާތު ހޯދައި ހަދަން. މިގޮތުން، ހުޅުދުއަށްވެސް އަޅުގަނޑު ވަރަށްގިނަފަހަރު ޒިޔާރަތްކޮށްފިން. ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން ހަނދުމަފުޅު ހުންނާނެ ފަދައިން، މިއީ، އަޅުގަނޑު މިރަށަށް ކުރާ 13 ވަނަ ދަތުރު. އެންމެފަހުން އަޅުގަނޑަށް ހުޅުދުއަށް އާދެވިފައިވަނީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު.

އާދެ! ހުޅުދުއަކީ ރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން، ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއްދޭ ރަށެއް. އަދި ވަރަށްގިނަ މަޝްރޫޢުތައް ހިންގަމުން ގެންދާ ރަށެއްވެސްމެ. މިހާރު މިވަގުތު ހިނގަމުންދާ އެއް މަޝްރޫޢަކީ، މިރަށުގެ ޞިއްޙީ މަރްކަޒަށް އިތުރުކުރެވޭ ބައި އިމާރާތް ކުރުމުގެ މަސައްކަތް. ބޮޑުކަތީބު އަލްފާޟިލް މުޙަންމަދު ޖަމީލުގެ އަރިހުން އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އިމާރާތް ކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައި. ދެން އެތާނގެ ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތް ކުރެވުނީމާ، ޚިދްމަތް ދޭން ފެށޭ ހިސާބަށް އޮތީ މަސައްކަތް ތައްޔާރު ކުރެވިފައި.

އަޅުގަނޑުގެ ވާހަކައިގެ ކުރިން، މިރަށުގެ ބޮޑުކަތީބު އަލްފާޟިލް މުޙަންމަދު ޖަމީލު ދެއްކެވި ވާހަކަފުޅުގައި، އަޅުގަނޑަށް އިޝާރާތް ކުރައްވައި ވިދާޅުވި ހެޔޮބަސްފުޅުތަކަށްޓަކައި، އޭނާއަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ވޭތުވެދިޔަ ތިރީހަކަށް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖެއަށް މިއައި ކުރިއެރުމާއި ތަރައްޤީގެ ފަހަތުގައި ހުރީ އަޅުގަނޑޭ އޭނާ ވިދާޅުވި. އެހެން ނަމަވެސް، އަޅުގަނޑު އެވާހަކަ އެގޮތަކަށް ގަބޫލުކުރާހިތެއްނެތް. އެހެން މިދެންނެވީ، އަޅުގަނޑު ހުރި މަގާމުގެ ގޮތުން، މަސައްކަތްތަކެއް ކުރި ކަމުގައިވިޔަސް، ޙަޤީޤަތުގައި ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތައް ކާމިޔާބު ގޮތެއްގައި ކޮށްދެއްވީ ރާއްޖޭގެ ރައްޔިތުން. އަޅުގަނޑުމެންނަށް މިހާރު ތަރައްޤީގެ މަގުގައި އާދެވިފައި މިތިބަ މަންޒިލަށް އާދެވިފައި މިތިބީ ރާއްޖޭގެ ރައްޔިތުންގެ ބުރަ މަސައްކަތާއި ހިންމަތުން. ސަރުކާރުން ކޮށްދޭ ކަމަކީ، ކަންތައްތައް ކުރުމަށް މަގުފަހިކޮށްދިނުން. ސަރުކާރުގެ ސިޔާސަތު އެގޮތަށް ބައްޓަން ކުރުން. ހަމައެހެންމެ، ތަރައްޤީގެ މަސައްކަތް ކުރެވޭފަދަ މާޙައުލެއް ޤާއިމުކުރުން. ޤާނޫނީގޮތުންނާއި، އެނޫން ގޮތްގޮތުންވެސް އެކަން ކުރިޔަށް ގެންދެވޭނެ މަގުތައް ތަނަވަސްކޮށްދިނުން.

އޭގެއިތުރުން، ސަރުކާރުގެ ބަޖެޓުން ރައްޔިތުންނަށް ދެވޭ ޚިދްމަތްތަކަށް ޚަރަދުކުރުން. އާދެ! މީގެތެރޭގައި ބޮޑެތި އިޖްތިމާޢީ ޚިދްމަތްތައް ހިމެނޭ. އަދި އެނޫން ކަންތައްތައްވެސް، އިޤްތިޞާދީ ގޮތުން ކުރިއަށް ދެވޭނެ މަގުތައްވެސް ހިމެނޭ. އެކަންކަމަށް ސަރުކާރުގެ ބަޖެޓު ތަންދިން މިންވަރަކުން މިގެންދަނީ ޚަރަދު ކުރަމުން. މިހެން ދަންނަވާއިރު އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖެއަކީ ވަރަށް ކުޑަކުޑަ ޤައުމެއްކަން. ރާއްޖޭގެ ރައްޔިތުންގެ އަދަދުވެސް، ދުނިޔޭގެ އެހެން ޤައުމުތަކާ އަޅައިބަލާއިރު، ވަރަށް މަދުކަން. އަދި ރާއްޖެއަށް ލިބޭ އާމްދަނީވެސް ކުޑަކަން. އެހެންވީމާ، އަޅުގަނޑުމެން އެދޭހާ ހަލުވިކޮށެއް އެދޭހާ ގިނަ ކަންތައްތަކެއް ނުކުރެވޭނެ. ކޮންމެ ކަމެއް ކުރުމަށްވެސް ފައިސާ ބޭނުންވޭ. އެފައިސާ އަޅުގަނޑުމެންނަށް ހޯދިގެން، އެޚަރަދު އެގޮތަށް ކުރެވޭނީ. އެހެންވީމާ، ކުރަން ބޭނުންވާ ކިތަންމެ ކަމެއް ނުކުރެވި، އެތައް ދުވަހެއް ވެގެން ހިނގައިދާނެ.

އާދެ! މީގެތެރެއިން އެއްކަމެއް، މިރަށުގެ ބަނދަރުގެ ކަންތައް. ދެންމެ ބޮޑުކަތީބު މުޙަންމަދު ޖަމީލުގެ ވާހަކަފުޅުގައި އެ ވިދާޅުވިފަދައިން، ބަނދަރަށް ބޭނުންވާ ސަރަޙައްދު ފުރަތަމަ ފުންކޮށް ހެދީ ސަރުކާރުގެ ޚަރަދުގައި 1991 ވަނަ އަހަރު. އޭގެފަހުން، އެތަން ޙިމާޔަތްކުރުމަށްޓަކައި ރައްޔިތުން ތޮށިގަނޑެއް ލައްވާފައި އެވަނީ. ސުނާމީ ކާރިސާގައި އެތަނަށްވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި. މިއީ ހަމައެކަނި ހުޅުދުއަށް ލިބުނު ގެއްލުމެއް ނޫން. އަޅުގަނޑުމެންގެ ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގެ ބަނދަރުތަކަށްވަނީ ސުނާމީ ކާރިސާގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި. އެހެންވީމާ، އެލިބުނު ގެއްލުންތައް މަރާމާތުކޮށް އަދި ވެވެން އޮތް ވަރަކުން ބަނދަރުގެ ތަނަވަސްކަން އިތުރުކުރުމަށް ސަރުކާރުން މިގެންދަނީ ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުން. ރާއްޖޭގެ އެތަން މިތާނގައި އެމަސައްކަތްތައް ހިނގަމުން އެބަދޭ.

ދެންމެ ބޮޑުކަތީބުގެ ވާހަކަފުޅުގައި އެވިދާޅުވި ފަދައިން، މިހާރު އަޅުގަނޑުމެން ގެންގުޅޭ އޮޑިދޯނިފަހަރުވެސް ކުރިއަށްވުރެ މާ ބޮޑެތިވެއްޖެ. މާ ބޮޑެތި އޮޑިދޯނިފަހަރު މިގެންގުޅެނީ. އެހެންވީމާ، ކުރިން އަޅުގަނޑުމެން ފަޅު ފުންކުރިއިރު، އެކަންކުރި ސަރަޙައްދު މިހާރު އެކަމަކަށް ނުފުދޭ. އެއްދުވަހުން އަނެއް ދުވަހަށް އެތަންވެސް އެބަޖެހޭ ބޮޑުވާން. މިއީ ތަރައްޤީގެ ސަބަބުން ދިމާވާ މައްސަލަތަކެއް. ދިރިއުޅުން ތަރައްޤީވާތީ، އަޅުގަނޑުމެންގެ ތަނަވަސްކަން އިތުރުވާތީ، އަޅުގަނޑުމެން ބޮޑެތި އޮޑިދޯނިފަހަރު މި ބަންނަނީ. އެހެން ނޫނިއްޔާ އެފަދަ ދޯނިފަހަރު ބަންނާނެ ގޮތެއްވެސް ނޯންނާނެ. އެއަށް ބޭނުންވާ ފައިސާއެއްވެސް ނުލިބޭނެ. އޭގެ ބޭނުމެއްވެސް ނޯންނާނެ.

އެހެންވީމާ، ތަރައްޤީގެ ސަބަބުން، ބޮޑެތި އޮޑިދޯނިފަހަރު ބަންނަން ޖެހުނީމާ، އެއަށް ބޭނުންވާ އިތުރު ޚިދްމަތްތައް އަޅުގަނޑުމެން ކުރަން މިޖެހެނީ. އޭގެތެރޭގައި، ކުރިން އޮތްވަރަށްވުރެ ބަނދަރު ފުންކުރުމާއި، ބަނދަރު ބޮޑުކުރުން ހިމެނޭ. އަދި ކޮންމެ ގޮތެއްގައިވެސް އަޅުގަނޑުމެން މި ހަދާ ބަނދަރަކީ، އޭގެ ޙިމާޔަތުގައި ތޮށިގަނޑެއްލާންޖެހޭ ބަނދަރެއް. ރާއްޖޭގައި އަޅުގަނޑުމެންނަށް މި ތޮށިގަނޑުލެވޭ އުޞޫލުންލާއިރު، އެ ދެމިއޮންނަނީ ދުވަސްކޮޅަކު. ގަދަ ވިއްސާރައެއް އަތުވެއްޖިއްޔާ ނުވަތަ އެނޫންވެސް ކަމެއް ދިމާވެއްޖިއްޔާ ވަރަށް ފަސޭހައިން އެ ތޮށިގަނޑު ހަލާކުވެގެންދޭ. އެ ހަލާކުވާއިރަށް ހަދަން އެބަޖެހޭ. އެހެން ނަމަވެސް، އެއީކީ މާފަސޭހަ ކަމަކަށްނުވޭ. މިގޮތަށް ވަރަށްގިނަ ރަށްރަށުގައި ލާފަ ހުންނަ ތޮށިތައްވަނީ ހަލާކުވެފައި. މަރާމާތު ކުރަން ޖެހިފައި. ވަރަށްގިނަ ރަށްރަށުގެ ބަނދަރުތައްވަނީ ކުދިވެފައި. ބަނދަރުތައްވަނީ ތިލަވެފައި. އެ ބަނދަރުތައް ފުންކުރަން އެބަޖެހޭ. ބޮޑުކުރަން އެބަޖެހޭ. މިހުރިހާ ކަމެއް ކުރަން މިޖެހެނީ އެއްފަހަރާ. އެހެންވީމާ، އެކަންތައްތައް ލަސްވަމުން މިދަނީ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މާލަހެއްނުވެ އިރާދަކުރެއްވިއްޔާ މިރަށުގެ ބަނދަރުގެ މަސައްކަތް ފެށޭނެ. މިހާރު މަރަދޫގައި އެ ކުރާ މަސައްކަތް ނިމުމުން، މިތަނަށް އެ އެއްޗެތި ގެންނަވާނެ ކަމަށް، ކަމާބެހޭ ފަރާތުން އަޅުގަނޑަށް ވަނީ މަޢުލޫމާތު ދެއްވާފައި.

ދެން ދަންނަވާލަން އޮތީ، އައްޑުއަތޮޅަކީ ތަރައްޤީގެ ވަރަށްގިނަ މަސައްކަތްތައް ހިނގާ އަތޮޅެކޭ. އާދެ! މީގެކުރިންވެސްވަނީ އައްޑުއަތޮޅުގައި ވަރަށްގިނަ ކަންތައްތަކެއް، ވަރަށްގިނަ މަޝްރޫޢުތަކެއް ހިންގިފައި. ވަރަށް ކާމިޔާބުކަމާއެކީގައި އެ މަޝްރޫޢުތައްވަނީ ކުރިއަށް ގެންގޮސް ނިންމިފައި. އަދި އޭގެ ފައިދާ ރައްޔިތުންނަށް ލިބެމުން އެބަދޭ. އެންމެފަހުން މިހާރު މި އިފްތިތާޙު ކުރެވުނު ދެ މަޝްރޫޢަކީވެސް މިއަތޮޅަށާއި، މިސަރަޙައްދުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ދެކަންތައް.

އޭގެތެރެއިން އެއްކަމަކީ، މިއަދު މެންދުރު މި ހުޅުވުނު ހެރަތެރަ ރިޒޯޓު ހުޅުވުން. ޝައްކެއްނެތް. އެއީ އައްޑުއަތޮޅުގެ ރައްޔިތުން، ވަރަށްގިނަ ދުވަސްތަކެއް ވަންދެން އުންމީދު ކުރައްވަމުން ވަޑައިގެންނެވި ކަމެއް. އެ އުންމީދު މިއަދު މިވަނީ ޙާޞިލުވެފައި. އަޅުގަނޑަށް އެނގޭ، އުންމީދު ކުރައްވަން ޖެހުނު ދުވަސްތައް ގިނަކަމުން، ބައެއް ބޭފުޅުންގެ ހިތްޕުޅުގައި އެކަމާ ދޭތެރޭގައިވަނީ ޝައްކު އުފެދިފައިކަން. މިއަދު ޓޫރިޒަމް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައިވެސް އެކަހަލަ ވާހަކަފުޅެއް ވިދާޅުވި. މީގެކުރިން އައްޑުއަތޮޅަށް ވަޑައިގެން، އައްޑުއަތޮޅު ހެރަތެރަ ހެދޭ ވާހަކަ ދެއްކެވީމާ، ބައެއް މީހުންނަށް އެވާހަކަފުޅު ގަބޫލު ނުކުރެވުނު ވާހަކަ. "އަނެއްކާ ތިޔައީ ހުވަފެނެކޭ" އެހެން ދެންނެވި ވާހަކަ.

އާދެ! އަޅުގަނޑުމެން ކަންތައްތައް ޙާޞިލު ކުރަމުންދާއިރު، ފުރަތަމަ ދެކެންޖެހެނީ ހުވަފެން. އަޅުގަނޑުމެންނަށް ފުރަތަމަ އޮންނަން ޖެހޭނީ ތަޞައްވުރެއް. ބޭނުންވަނީ ކޮންކަމެއްތޯ؟ އެކަން ޙަޤީޤަތަކަށް ނުވަންޏާ، އެއީ ހުވަފެނެއް. ފުރަތަމަ ހުވަފެން ދެކެފައި، ދެން އެ ހުވަފެން ޙަޤީޤަތަކަށް ހެދޭތޯ މަސައްކަތް ކުރަންވީ. އެހެންވީމާ، ހެރަތެރަ އެއީވެސް އެގޮތަށް އަޅުގަނޑުމެން ދުށް ހުވަފެނެއް.

އެނގިވަޑައިގަންނަވާނެ ފަދައިން، ނުވަތަ އައްސަވާފައި އޮވެދާނެ ފަދައިން، ދިވެހި ރައްޔިތުންގެ ގިނަބަޔަކު ޙިއްޞާވާ، ފަތުރުވެރިކަމާބެހޭ ކުންފުންޏެއް ހެދުމަށް ސަރުކާރުންވަނީ ވަރަށް ކުރިއްސުރެ ނިންމާފައި. އެހެންނަމަވެސް، އެކުންފުނި ނުހެދި ވަރަށްގިނަ ދުވަސްތަކެއްވެފައި، މިހާރު އެ ކުންފުނި އެއޮތީ އުފެދިފައި. އެމް.ޓީ.ޑީ.ސީ.ގެ ނަމުގައި އެއޮތީ އުފެދިފައި. އެކުންފުނިން ފުރަތަމަ ތަރައްޤީ ކުރެއްވި ރިޒޯޓަކީ ހެރަތެރަ. އެކަން އިރާދަކުރެއްވިއްޔާ އެއޮތީ މާތްﷲގެ ވާގިފުޅާއެކު ކާމިޔާބު ކުރެވިފައި. ވަރަށްގިނަ ފަތުރުވެރިން މިހާރު އެތަނަށް އަންނަމުން އެބަދޭ. އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި އެތަންވާނީ ވަރަށް ކާމިޔާބު ރިޒޯޓަކަށް. މިހާރުވެސް އެއީ ކާމިޔާބު ރިޒޯޓެއް. އަދި އެ ރިޒޯޓަކީ މިރަށާ ވަރަށް ކައިރީގައި އޮތް ރިޒޯޓަކަށްވާތީ، މިރަށުގެ ރައްޔިތުންނަށް އެކަމުން ވަރަށްބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ. މިރަށުގެ ވަރަށްގިނަ މީހުންނަށް ވަޒީފާ ލިބޭނެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިހާރުވެސް އެތާނގެ ވަޒީފާގައި މިރަށުގެ މީހުން އެބައުޅޭ. އަދި މިރަށުގެ ވަރަށްގިނަ އަންހެނުން، ރަށް ސާފުކުރުމުގެ މަސައްކަތުގައި، އެރަށަށް ގެންދަވާ ވާހަކަ، އެރަށް ހިންގަވާ ފަރާތުން އަޅުގަނޑު ގާތު ވިދާޅުވި. އެގޮތުންވެސް އެމީހުންނަށްވެސް ދާއިމީ ގޮތެއްގައި އާމްދަނީ ލިބޭގޮތް މިއޮތީ ހަމަޖެހިފައި.

މިރިޒޯޓުގެ އިތުރުން، އިއްޔެ ގަމުގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް މިއޮތީ އިފްތިތާޙު ކުރެވިފައި. އޭގެ ސަބަބުންވެސް މިއަތޮޅަށާއި، ދެކުނުގެ ސަރަޙައްދަށް ވަރަށްބޮޑު ދިރުމެއް ލިބިގެންދާނެ. އާދެ! އެ ސަބަބަކީ، ސީދާ ޔޫރަޕުން ނުވަތަ އެހެން ދިމަދިމާއިން އަންނަ މަތިންދާބޯޓުފަހަރު، އެހެން ތާކަށް ނުޖައްސައި، ގަމުގެ އެއަރޕޯޓަށް ޖެއްސޭނެކަން. އެހެންވީމާ، މަގު ކުރުވެފައި، ޚަރަދު ކުޑަވެފައި، ފަތުރުވެރިންނަށްވެސް ފަސޭހަގޮތަކަށްވާނެ. އަދި މި އެއަރޕޯޓް ހުޅުވިގެން ރަނގަޅަށް ހިނގައިގަތީމާ، އޭގެ ސަބަބުން މިއަތޮޅުގެ ރައްޔިތުންނަށް އިތުރު ފައިދާތަކެއް ކުރަމުންދާނެ. މިއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން.

ދެންމެ ކަތީބުގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ. ޔޮޓް މެރީނާއެއްގެ ވާހަކައާއި، އަދި ގޮލްފް ކޯހެއްގެ ވާހަކައާއި، ސީ ޕްލޭން ޖެއްސޭ ބަނދަރެއްގެ ވާހަކަ. އާދެ! މިކަންތައްތަކަކީ މިއަތޮޅުގެ ތަޞައްވުރުގައިވާ ކަންތައްތައް. އައްޑުއަތޮޅު އަތޮޅު ކުރިއަރުވާ ކޮމިޓީގެ ބޭފުޅުން ރޭ، އަޅުގަނޑާ ބައްދަލުކުރައްވައި، އެ ތަޞައްވުރު އަޅުގަނޑަށް ކިޔައިދެއްވި. އޭގެ ލުއި ފޮތެއްވެސް އަޅުގަނޑަށް ހަދިޔާ ކުރެއްވި. އަދި އެކަމާބެހޭ އެހެން މަޢްލޫމާތުތަކެއްވެސް ދެއްވި. މި ތަޞައްވުރަކީ، އައްޑުއަތޮޅުގެ ވަރަށްގިނަ ބަޔެއްގެ ޙިއްޞާ އެކުލެވިގެން ހެދިފައިވާ ތަޞައްވުރެއް.

އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، އެ ތަޞައްވުރު ކާމިޔާބު ކުރެވޭތޯ މަސައްކަތް ކުރަން. އެކަމަށް ބޭނުންވާ އިންވެސްޓްމަންޓް ހޯދަން. ފުރަތަމަ ފައިސާ. ފައިސާ ލިބިގެން ކަމެއް ކުރެވޭނީ. އެކަމަށް ބޭނުންވާ ފައިސާ ހޯދުމާއި، ފަންނީ ގޮތުންވެސް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، މިކަމަށް ރައްޔިތުން ހޭލުންތެރިވުމާއި، ރައްޔިތުންގެ ތެރެއިންވެސް ވަރަށްގިނަ ބަޔަކު މީގައިވާ ކަންތައްތަކާ ކުރިމަތިލުމާއި، އަޅުގަނޑުމެންގެ އެކިއެކި އިޤްތިޞާދީ މަސައްކަތް ކުރައްވާ ބޭފުޅުން، އެކަމަށް ޝައުޤުވެރިކަން ބެހެއްޓެވުމާއި، މިހެންގޮސް އަޅުގަނޑުމެން ކުރަންޖެހޭ ވަރަށްގިނަ ކަންތައްތަކެއް އެބަހުރި. އެކަންތައްތައް ފުރިހަމަކޮށްގެން، އެ ތަޞައްވުރު ޙާޞިލު ކުރެވޭނީ. އެތަޞައްވުރަކީ މިހާރު ހުވަފެނެއްގެ ގޮތުގައި އޮތް އެއްޗެއް. އެހެންނަމަވެސް، މާތްﷲގެ ވާގިފުޅާއެކު، 2015 ވަނަ އަހަރު، އެ ޙަޤީޤަތަކަށްވާނެ ކަމަށް، މިއަތޮޅުގެ އެ ތަޞައްވުރު ތައްޔާރު ކުރެއްވި ބޭފުޅުން ދެކެވަޑައިގަންނަވާ. އަދި އެއީ އަޅުގަނޑުގެވެސް ވަރަށްބޮޑު އުންމީދެއް.

އާދެ! ދެން އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑު މާ ދަންނަވަން ބޭނުންވާ ވާހަކައެއް ނޫން. ތިޔަބޭފުޅުންވެސް މާ އަޑުއައްސަވަން ބޭނުންފުޅުވާނެ ވާހަކައެއް ނޫންކަންނޭނގެ. އެހެންނަމަވެސް، އެކަމުގެ ބާވަތުން ދަންނަވާލަން ޖެހެނީ. އާދެ! އެއީ މަސްތުވާތަކެތީގެ ވާހަކަ. މަސްތުވާތަކެތީގެ ނުރައްކަލަކީ، ދިވެހިރާއްޖެއަށް ދިމާވެފައިވާ ވަރަށްބޮޑު ނުރައްކަލެއް. މަސްތުވާތަކެތީގެ ޝިކާރައަކަށް އަޅުގަނޑުމެންގެ ވަރަށްގިނަ މީހުން މިހާރުވަނީ ވެފައި. ޅަކުދިން، ޒުވާނުން، ހަރުމީހުން، ބޮޑެތި މީހުން. މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތްވެފައިވާ ޢާއިލާތައް ވަރަށްމަދު. އެކަމުގެ ހިތާމަ ކުރަން ނުޖެހޭ ޢާއިލާއެއް ވަރަށް މަދުވާނެ. މިއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް. މިކަން ހުއްޓުވޭތޯ ވަރަށްގިނަ މަސައްކަތްތަކެއް ސަރުކާރުން މިގެންދަނީ ކުރަމުން. އަދި މިހާރުވެސް އިތުރު މަސައްކަތްތަކެއް މިގެންދަނީ ފަށައިގެން ކުރަމުން. އޭގެތެރޭގައި، "ހޭލާށެވެ" "ވޭކަޕް" މިނަމުގައި ކެމްޕޭނެއް މިހާރުވަނީ ފެށިފައި. އެ ކެމްޕޭނުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ ޤައުމީ ފެންވަރެއްގައި އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދެވޭނެ. ކުރިއަށް ގެންދެވިއްޖިއްޔާ އޭގެ ހެޔޮ ނަތީޖާ އަޅުގަނޑުމެންނަށް ފެންނާނެ.

އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މިބާވަތުގެ މައްސަލަތަކަކީ، އެންމެން އަތުގުޅާލައިގެން، އެއްބާރުލައިގެން ނޫނީ ކާމިޔާބު ނުކުރެވޭނެ ކަންތައްތަކޭ. މިއީކީ ހަމައެކަނި ސަރުކާރުން ކުރަންވީ ކަމެއް ނޫން. ނުވަތަ ސަރުކާރުގެ ފަރާތްތަކުން މަސައްކަތް ކޮށްގެން ކާމިޔާބު ކުރެވޭނެ ކަމެއް ނޫން. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި، އަދި އަމިއްލަ ފަރާތްތަކާއި، އަމިއްލަ އަފްރާދުންނާއި، ޢާއިލާތަކާއި، ސްކޫލްތަކާ، މިހެންގޮސް މުޖްތަމަޢުގައި ހިމެނޭ ހުރިހާ ފަރާތްތަކަކުން މިކަމުގައި އެބަޔެއްގެ ފުރިހަމަ ޙިއްޞާ އަދާކުރަންޖެހޭ. އަޅުގަނޑުމެން އެންމެން އެއް ހިތްވަރެއްގައި، އެއް އަމާޒަކަށް ވާޞިލުވުމަށްޓަކައި، އެއް މަޤްޞަދެއްގައި މަސައްކަތް ކުރިއްޔާ ނޫނީ އަޅުގަނޑުމެންނަކަށް މިކަމެއް ކާމިޔާބެއް ނުކުރެވޭނެ.

އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، ހުޅުދޫ ރައްޔިތުންވެސް އަދި ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންވެސް މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޤައުމު ސަލާމަތް ކުރެއްވުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކޮށްދެއްވުން. އެންމެން، އެންމެންނާ ގުޅިގެން ވަރުގަދަ މަސައްކަތްތަކެއް ކޮށްގެން، މިނުރައްކަލުން އަޅުގަނޑުމެންގެ ޤައުމު އަބަދުގެ އަބަދަށް ސަލާމަތް ކުރުން.

އާދެ! އަޅުގަނޑު މިއަދު އަދި ހުޅުދޫ ޒިޔާރަތަށްފަހުގައި މީދުއަށްވެސް ޒިޔާރަތް ކުރަންވަނީ ގަސްދުކޮށްފައި. އެހެންވީމާ، ވަގުތުގެ ގޮތުންނާ އެކީގައި ދެން މާދިގުކޮށް ވާހަކަ ދެއްކޭކަށް ނެތް.

ކޮންމެއަކަސް އަޅުގަނޑުގެ ވާހަކަ ކުރުކޮށްލާނީ، އަދިވެސް އެއްފަހަރު ހުޅުދޫ ރައްޔިތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމުން. އޭގެތެރޭގައި، އައްޑުއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް ސަޢުދު ޢަބްދުﷲ އާއި، އަދި އަތޮޅުއޮފީހުގެ އިސްވެރިންނާއި، މިރަށުގެ ބޮޑުކަތީބު އަލްފާޟިލް މުޙަންމަދު ޖަމީލާއި، މިރަށުގެ އެހެން ވެރިންނާއި، ސަރުކާރުގެ ވަޒީފާތަކުގައި އުޅުއްވާ ބޭފުޅުންނާއި، އާންމު ރައްޔިތުންނާއި، ސްކޫލް ކުދިންނާއި، ރަށުގެ ކުދިބޮޑު އެންމެން އަޅުގަނޑު ޝާމިލު ކުރަން. ތިޔަ ވިދާޅުވި މަރްޙަބާއަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ކުރިއަށް ދިޔުމުގެ މަގުފަހިކޮށްދެއްވުން. އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް ކުރުމުގެ ވަސީލަތްތަކާއި ޤާބިލިއްޔަތާއި ކުޅަދާނަކަން އަޅުގަނޑުމެންނަށް ދެއްވުން. އަދި އަޅުގަނޑުމެންނަކީ ގުޅިގެން މަސައްކަތްކުރާ ބަޔަކު ކަމުގައި ލެއްވުން. އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލައްވައި، އޭގެ ފައިދާ އަޅުގަނޑުމެންނަށް އަވަސް މަގަކުން ދެއްކެވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه