بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، سَيّدِنا مُحَـمَّدٍ وعلـى آلـه وأصـحابه أجمـعـين.

އާދެ! އަޅުގަނޑު އައްޑުއަތޮޅަށް މި ކުރާ ޒިޔާރަތުގައި، މިހާރު އަޅުގަނޑު އައިސް މިހިރީ ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި. އާދެ! ހިތަދޫ ލޮބުވެތި ރައްޔިތުންގެ ކުރިފުޅުމަތީގައި. ހިތަދުއަށް އައުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަދި މި އުފާ އެތައް ގުނައަކަށް އިތުރުވެގެންދަނީ، ހިތަދޫ ރައްޔިތުން އަޅުގަނޑާ ދޭތެރޭ ބަހައްޓަވާ ގާތްކަމާއި އިޚްލާޞްތެރިކަމުގެ ބޮޑުކަމުން.

އާދެ! މިއަދު އަޅުގަނޑު ހިތަދުއަށް އައުމާ އެކީގައި، ހިތަދޫ ރައްޔިތުން އަޅުގަނޑަށް ވިދާޅުވީ، ވަރަށްވެސް ހޫނު މަރްޙަބާއެއް. އަދި މި ސްކޫލަށް އައިސް ވަންތަނާ، މަރްޙަބާގެ ލަވައެއްވެސް ކިޔައިދިން. އެ ލަވައަކީ ވަރަށްރީތި ލަވައެއް. އޭގައި ފާޅުކޮށްފައިވާ އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި، އެކުދިންނަށާއި، އަދި އެލަވަ ހެއްދެވި ޝާޢިރަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އޭގެފަހުން މި ޖަލްސާ ފެށިގެން ދިޔުމާއެކު، ހިތަދޫ ބޮޑުކަތީބު އަލްފާޟިލް ޙަސަން ލަޠީފް އެ ދެއްކެވި ވާހަކަފުޅުގައިވެސް، އަޅުގަނޑާ ބެހޭގޮތުން ވަރަށް ހިތްޕުޅުހެޔޮ ޢިބާރާތްތަކެއް ބޭނުންކުރެއްވި. އަދި އަޅުގަނޑު ކޮށްދެވޭތޯ ބަލަމުން މިދާ ޚިދްމަތްތަކުގެ މައްޗަށް ވަރަށް ބޮޑަށް ބައްލަވައިލެއްވި. އެހެންކަމުން، އޭނާގެ ވާހަކަފުޅުގައި، އެ ފާޅުކުރެއްވި އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި، އޭނާއަށާއި، ހިތަދޫ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! ދެންމެ ބޮޑުކަތީބުގެ ވާހަކަފުޅުގައި، އެ ވިދާޅުވި ފަދައިން، މި އަތޮޅަށް އިތުރު ކުރިއެރުން ލިބޭފަދަ ވަރަށްބޮޑު ދެ ކަމެއް، މާތްﷲގެ ވާގިފުޅާއެކު ހަމަޖެހިގެން ހިނގައްޖެ. އޭގެތެރެއިން އެއްކަމަކީ، ގަމުގެ އެއަރޕޯޓް، ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކަށް ބަދަލުވެގެންދިޔަދިޔުން. އަނެއްކަމަކީ، މި އަތޮޅުގައި ފުރަތަމަ ތަރައްޤީ ކުރެވޭ ޓޫރިސްޓް ރިޒޯޓް "ހެރެތެރެ" ހުޅުވުން. މި ދެ މަސައްކަތަކީ، ވަރަށްބުރަ ދެ މަސައްކަތް. ވަރަށްގިނަ ޚަރަދުތަކެއް ކުރަން ޖެހުނު ދެ މަސައްކަތް. ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހުނު ދެ މަޝްރޫޢު. މިކަން ހެޔޮގޮތުގައި ނިމިގެންދިޔަ ކަމަށްޓަކައި، اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް އަޅުގަނޑު ޙަމްދާއި ޝުކުރު ދަންނަވަން. ހަމައެޔާއެކީގައި މި މަސައްކަތްތަކުގައި އުޅުއްވައިދެއްވި ހުރިހާ ބޭފުޅުން އެ ކުރެއްވި ބުރަ އަދި އިޚްލާޞްތެރި މަސައްކަތްޕުޅުތަކަށްޓަކައި، އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! ގަމުގެ ވައިގެ ބަނދަރު، ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކަށް ބަދަލުވެގެންދިޔުމުން އަދި ހެރެތެރެ ރިޒޯޓު ހުޅުވުމުން، އެކަމުގެ ސަބަބުން މި އަތޮޅުގެ ރައްޔިތުންނަށް ތަރައްޤީގެ އިތުރު މަގުތަކެއް ކޮށިގެންދާނެ. މި އަތޮޅުގެ އިޤްތިޞާދީ ކުރިއެރުން، އެތައް ގުނައަކަށް މައްޗަށް ޖެހިގެންދާނެ. ހަމައެކަނި މި އަތޮޅެއް ނޫން. ދެކުނުގެ ސަރަޙައްދުގެ އެހެން އަތޮޅުތަކުގެ ރައްޔިތުންނަށްވެސް މިކަމުގެ ފައިދާ ކުރާނެ. ހަމައެޔާއެކީގައި މުޅި ރާއްޖޭގެ އިޤްތިޞާދަށްވެސް އޭގެ ބޮޑެތި މަންފާތަކެއް ލިބިގެންދާނެ. މިއީ ޝައްކެއް އޮތްކަމެއް ނޫން.

ޙަޤީޤަތުގައި މި އަތޮޅުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްޤީ ކުރުމަކީ، މި އަތޮޅުގެ ރައްޔިތުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވަމުން ގެންދެވި ކަމެއް. ރައްޔިތުން ދެކެވަޑައިގަންނަވަމުން އައި ވަރަށް މުހިންމު ހުވަފެނެއް. މިއަދު މާތްﷲގެ ވާގިފުޅާއެކު، އެ ހުވަފެން އެވަނީ ޙަޤީޤަތަކަށްވެފައި. އެހެންވީމާ، މިކަމަކީ އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ކަމެއް ކަމުގައި ދަންނަވަން. އަދި މިކަމުގެ ސަބަބުން ކުރިންވެސް ދެންނެވިފަދައިން، މި އަތޮޅަށާއި މި އަތޮޅުގެ ކައިރީގައިވާ އަތޮޅުތަކަށް އިތުރު ދިރުމާއި، އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރާ ވާހަކަ ދަންނަވަން.

އާދެ! ރާއްޖޭގެ އަތޮޅުތައް ތަރައްޤީ ކުރުމަކީ އަޅުގަނޑު މި މަގާމާ ހަވާލުވިފަހުން ވަރަށްބޮޑު އިސްކަމެއްދީގެން ކުރަމުން އަންނަ ކަމެއް. ތިޔައިގެ ތެރެއިން ޢުމުރުން ތަންކޮޅެއް ދޮށީ ބޭފުޅުން ހަނދުމަފުޅު ހުންނާނެކަންނޭނގެ. މީގެ 30 އަހަރު ކުރީގެ ވާހަކައެއް ދަންނަވާތީ، މިހެން މިދަންނަވަނީ. 1979 ވަނަ އަހަރު ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢެއް އަޅުގަނޑު ފެށިން. އޭރު 1979 އަށް ބަޖެޓު ހެދިއިރު، އެ މަޝްރޫޢަށް ފައިސާ ހަމަޖެއްސިފައެއް ނެތް. އެހެންވީމާ، 1979 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކުރީ. އެއީ "ރާއްޖެތެރެ އިޞްލާޙުކޮށް ތަރައްޤީ ކުރުމަށް" މި ސުރުޚީގައި. މިކަމަށް މަސައްކަތް ކުރުމަށްޓަކައި.

އެ މަޝްރޫޢުގެ ދަށުން ރާއްޖޭގެ އަތޮޅުތަކުގައި ވަރަށްގިނަ ކަންތައްތަކެއް ކުރެވިގެންދިޔަ. ވަރަށްގިނަ ރަށްރަށުގެ ރަށުއޮފީސްތައް ހަދައި، އަދި މިސްކިތާއި، އަތޮޅުއޮފީހާއި، އަތޮޅުގެޔާ، މި ކަންތައްތައްކޮށް، އަދި މިނޫންވެސް ވަރަށްގިނަ ކަންތައްތަކެއް ކުރެވުނު. އެޒަމާނާ އެކަށީގެންވާ ގޮތަކަށް ނެރު ފުންކުރުން، ފަޅު ފުންކުރުން، މި މަސައްކަތްވެސް އޭރު ކުރެވުނު.

ވަރަށްކުރީ ޒަމާނެއްގެ ވާހަކަ މި ދެންނެވުނީ. މީގެ 30 އަހަރު ކުރީގެ ވާހަކަ. އޭގެފަހުން، މިހާރު މިވަނީ އަޅުގަނޑުމެންގެ ޙަޔާތަށް، ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައި. އޭރު މިދެންނެވި މަޝްރޫޢު، އާދެ! "ރާއްޖެތެރެ އިޞްލާޙުކޮށް ތަރައްޤީ ކުރުމުގެ މަޝްރޫޢު" އޭރު ހިންގަން ފެށުނު މަޝްރޫޢު ހިންގި ދުވަސްވަރު، އަޅުގަނޑުގެ ތަޤްރީރެއްގައި އަޅުގަނޑު ބުނި ވާހަކައެއް ދަންނަވާލުމުގެ އިޒުނައަކަށް އެދެން. އެ ތަޤްރީރުގައި އަޅުގަނޑު ބުނެފައި އޮތީ، "މިހާތަނަށް ސަރުކާރުގެ ކަންތައްތައް ހިންގުމުގައި، "ރާއްޖެތެރެ" ލިޔެވިފައި އޮންނަނީ ހަވާސާގައޭ." ނަމަވެސް މިހާރު ރާއްޖެތެރެއަކީވެސް ޤައުމުގެ ތަރައްޤީގެ ބައެއް ކަމުގައި މިގެންދަނީ ހަދަމުންނޭ.

އާދެ! އެނގިވަޑައިގަންނަވާނެ، ފޮތެއްގެ ހަވާސާގައި ހުންނަ ވާހަކަތަކަކީ، އެހާ މުހިންމު ވާހަކަތަކަކަށްނުވެ ހިނގައިދާނެ. ފޮތުގެ އަޞްލު ޞަފްޙާތަކުގައި، އަޞްލު ޕެރެގްރާފްތަކުގައި ލިޔެވިފައި އޮންނަ ވާހަކައެއް އެއީ މުހިންމު ވާހަކައަކީ. އެކަހަލަ ގޮތަކަށް އަޅުގަނޑުގެ ހިތަށް އޭރު ވަދެފައި މިއޮތީ. ”ރާއްޖެތެރެ“ އޭރު އޮތީ ރާއްޖޭގެ ހަވާސާގައި. އެއްވެސްކަހަލަ މުހިންމު ކަމެއް ދެވޭ ތަނެއްގެ ގޮތުގައެއް ނޫން. އެހެން އޮއްވައި، އެއީ ރަނގަޅު ގޮތެއް ކަމަށް ސަރުކާރަށް ނުފެންނާތީ، އެގޮތް ބަދަލުކޮށް، ރާއްޖެތެރެއަކީވެސް ރާއްޖޭގެ މުހިންމު ބައެއް ކަމުގައި ހެދުމަށް ސަރުކާރުން އެދުވަހުން ފެށިގެން މަސައްކަތް ކުރަން ފެށީ. އޭގެ ނަތީޖާ އިރާދަކުރެއްވީތީ މާތްﷲ އަޅުގަނޑުމެންނަށް މިއަދު ދައްކަވާފައި މިވަނީ.

އޭރުއްސުރެ ފެށިގެން އަޅުގަނޑު މަސައްކަތް ކުރަމުން މި އަންނަނީ، މާލެއާއި އަތޮޅުތަކާ ދޭތެރޭގައި ހުރި ތަފާތު ކުޑަކުރެވޭތޯ. އަތޮޅުތަކުގެ ރައްޔިތުންނަށް ދިރިއުޅުމުގެ ފަސޭހަތައް ލިބިދެވޭތޯ. ވަޒީފާގެ ފުރުޞަތުތައް ހޯދައިދެވޭތޯ. އިޖްތިމާޢީ ޚިދްމަތްތައް ދެވޭތޯ. ތަޢްލީމު، ޞިއްޙަތު، މުވާޞަލާތު، މިހެންގޮސް ވަރަށްގިނަ ޚިދްމަތްތަކެއް އޭރު އެއްގޮތަކަށްވެސް އަތޮޅުތަކަކުން ލިބޭކަށް ނުހުރޭ. މިހާރު އެ ޚިދްމަތްތައް ކޮންމެވެސްވަރަކަށް ލިބޭ. އަޅުގަނޑު ނުދަންނަވަން، އެންމެ ފުރިހަމައަކަށް ލިބެއެކޭ. އެހެންނަމަވެސް، މި ސްކޫލް، އާދެ! މުޙިއްބުއްދީން ސްކޫލްވެސް ހެކިދޭ ފަދައިން، މިއީ މިހާރު ރާއްޖޭގައި ހުރި އެންމެ މުހިންމު އެއް މަދަރުސާ. އެންމެ މުހިންމު އެއް ސާނަވީ މަދަރުސާ. މި ސްކޫލްގައި ގާތްގަނޑަކަށް 1000 ކުދިން ކިޔަވަމުން އެބަގެންދޭ. އަދި އެކުދިން އިމްތިޙާނުތަކުގައި ވަރަށް ރަނގަޅު ނަތީޖާތައްވެސް ހޯދަމުން ގެންދޭ. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. ވަރަށް ބޮޑަށް ފަޚްރުވެރިވަން. އެހެންވީމާ، މި ސްކޫލް ހިންގަވާ ފަރާތްތަކަށާއި، ޓީޗަރުންނަށާއި، އަދި މި ސްކޫލްގެ ކަންކަމުގައި އުޅުއްވާ ހުރިހާ ބޭފުޅުންނަށާއި، ކިޔަވާ ކުދިންގެ ބެލެނިވެރިންނަށާއި، ކިޔަވާ ކުދިންނަށް އަޅުގަނޑު ވަރަށް ބޮޑަށް ތަހުނިޔާ އަދާކޮށް މަރްޙަބާ ކިޔަން.

އާދެ! އައްޑުއަތޮޅާ ބެހޭގޮތުން ވިސްނާލާއިރު ދަންނަވާލަންޖެހޭ އަނެއް ވާހަކައަކީ، އަޅުގަނޑު ރައީސް ކަމުގެ މަގާމާ ހަވާލުވިތާ ވަރަށް ކުރީކޮޅު، ގަން ބެލެހެއްޓުމުގެ ކަންތައް، ވަކި ޔުނިޓަކާ ހަވާލުކުރިން. އަދި އައްޑޫ ޑިވެލޮޕްމަންޓް އޮތޯރިޓީގެ ނަމުގައި، އޭ.ޑީ.އޭ.ގެ ނަމުގައި އިދާރާއެއް އުފެއްދިން. އޭގެ ބޭނުމަކީ، އައްޑުއަތޮޅުގެ ތަރައްޤީގައި ކުރެވެންހުރި މަސައްކަތްތައް ދެނެގަނެ ކުރަމުން ގެންދިޔުން. ވަރަށްގިނަ ދުވަސްތަކެއް ވަންދެން، އެ އިދާރާ އެ ޚިދްމަތް ކުރަމުން ގެންދިޔަ. މިހާރުވެސް ގަން ބަލަހައްޓާ ޔުނިޓެއް ހަމަޖެހިފައި އޮވޭ. އެ ޔުނިޓުގެ ފަރާތުން ގަން ބަލަހައްޓަމުން އެ ގެންދަނީ.

މިނޫނަސް ވަރަށްގިނަ ކަންތައްތަކެއް ވަނީ ކުރެވިފައި. އެއީ ގަމުގެ އެއަރޕޯޓް ވަރަށް ބޮޑަށް ހަލާކުވެފައިވާތީ، އޮސްޓްރޭލިޔާގެ އެހީ ހޯދައިގެން، އެ އެއަރޕޯޓް ތަރައްޤީކޮށް، އެއަރޕޯޓަށް އަލުން މާލެއިން އުދުހުންތައް އުދުހެވޭގޮތަށް ހަމަޖެއްސުން. އަޅުގަނޑު ހަނދާންވާ ގޮތުގައި އެއީ 1984 އެހާކަންހާ ހިސާބުގައި، އެކަން ފެށިގެން ހިނގަމުން އައީ. މިއަދު މިއޮތީ އާ މަރްޙަލާއަކަށް ގޮސްފައި. އޭރު އެއޮތީ ދާޚިލީ އެއަރޕޯޓެއް. އޭގެފަހުންވެސް އެތަނަށް ވަރަށްގިނަ ޚިދްމަތްތަކެއް އިތުރުކުރެވުނު. ރަންވޭގެ މަސައްކަތާއި، އަދި އެތަނަށް ބޭނުންވާ ނެވިގޭޝަން އިކްވިޕްމަންޓާއި، އިލެކްޓްރޯނިކް ސާމާނު ހޯދައި، މިކަންތައްތައް ކުރަމުން ގެންގޮސް، އެންމެފަހުން އިއްޔެ ނޫން އިހަށްދުވަހު އެތަން ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ބަދަލުވެގެން އެ ދިޔައީ. ވަރަށްބޮޑު ޚަރަދު ކޮށްގެން. ވަރަށްގިނަ މަސައްކަތް ކޮށްގެން. އެހެންނަމަވެސް، އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށް ސަރުކާރުން ފެނިގެން އެކަން އެ ކުރީ.

ދެން މުޙިއްބުއްދީން ސްކޫލްގެ ވާހަކަ ދަންނަވާލާއިރު ދަންނަވާލަންޖެހެނީ، މާލެއިން ބޭރުގައި އިމާރާތް ކުރެވުނު އެންމެ ފުރަތަމަ ސެކަންޑަރީ ސްކޫލަކީ މިއީއޭ. މިތަން ހުޅުވުނީ 1992 ވަނަ އަހަރު. މީގެއިތުރުން، ދެންމެ ބޮޑުކަތީބުގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ. މިހާރު މި ރަށުގައި ހިނގަމުންދާ ސަރުކާރުގެ 28 މުއައްސަސާ އެބަހުއްޓޭ. އެހެން ވިދާޅުވީމާ، އަޅުގަނޑު ވަރަށް ބޮޑަށް ޙައިރާންވި. އަޅުގަނޑުވެސް ނުވެސް ދެނަހުރިން. އެހެންނަމަވެސް، މިއީ ތަރައްޤީ. 28 މުއައްސަސާ މިހާރު މިތާ ހުރި ކަމަށް މިވަނީ. އޭގެތެރޭގައި ސަރަޙައްދީ ހަސްފަތާލު. އަދި އިތުރު ހަސްފަތާލެއް ހެދުމުގެ މަސައްކަތް ނުވަތަ އެ ޚިޔާލު މިހާރު ކުރަމުން އެގެންދަނީ. އޭގެއިތުރަށް، ސްޓެލްކޯ ކަރަންޓް އެބަހުރި. ހިތަދޫ ބަނދަރުވަނީ ހެދިފައި. ސަރަޙައްދީ ބަނދަރު ހެދިފައި. އަދި ސަރަޙައްދީ އޮފީސްވެސް މިތާ އެބަހުރި. ދެކުނުގެ ސަރަޙައްދީ އޮފީސް. ހަމައެހެންމެ، ދިރާގުގެ ވަރަށްބޮޑު މަރްކަޒެއްވެސް އެބަހުރި. ޓެލެކޮމިއުނިކޭޝަންގެ ވަސީލަތްތައް، ޚިދްމަތްތައް ރައްޔިތުންނަށް ފޯރުކޮށްދޭ ވަރަށްބޮޑު ތަނެއް އެބަހުރި. އަދި ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ޗެމްބަރެއް މިތާ އެބަހުރި. ރެކްޓަރ ޑޮކްޓަރ ޙަސަން ޙަމީދު އެ އިންނެވީ. ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ފަރާތުން މަތީ ތަޢުލީމު ރާއްޖެތެރެއަށް ވާސިލުކޮށްދެއްވުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާ. އެކަމަށްޓަކައި ޑޮކްޓަރ ޙަސަން ޙަމީދަށާއި، އޭނާގެ އެހީތެރިންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

މިހާރު ހިނގަމުންދާ ކަންތައްތަކުގެ ތެރޭގައި، ހިތަދޫ އިސްލާމިއްޔާ ސްކޫލްގެ ތިންބުރި އިމާރާތެއްގެ މަސައްކަތް ހިމެނޭ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މި މަސައްކަތުގެ 70 އިންސައްތަ މިހާރުވަނީ ނިމިފައި. އަދި ފަށަން ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި، ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތާއި، ބިން ހިއްކުމުގެ މަޝްރޫޢު ހިމެނޭ.

އާދެ! ބިން ހިއްކުމުގެ މަޝްރޫޢަކީ ވަރަށްބޮޑު މަޝްރޫޢެއް. އަޅުގަނޑު ޒިޔާރަތްކުރި މިއަތޮޅުގެ އެހެން ހުރިހާ ރަށްރަށެއްގައިވެސް މި ވާހަކަ އޮންނާނީ ދަންނަވާފައި. އެއީ ޗެއިން ރިކްލަމޭޝަން ޕްރޮޖެކްޓްގެ ނަމުން ނަން ދެވިފައިވާ ވަރަށްބޮޑު މަޝްރޫޢެއް. އޭގައި ފޭދޫ، މަރަދޫފޭދޫ، މަރަދޫ، ހިތަދޫ މި ހަތަރު ރަށުގެ ބިން ބޮޑުކުރުމަށްވަނީ ހަމަޖެހިފައި. ވަރަށްބޮޑު މަޝްރޫޢެއް. ވަރަށްބިޔަ މަޝްރޫޢެއް. އެއްބޭފުޅަކު ވިދާޅުވިގޮތުގައި، ހުޅުމާލެ ތަރައްޤީ ކުރުމަށް ބިން ހިއްކިވަރަށް ނޫނަސް، ދެވަނައަށް އެންމެބޮޑު ބިމެއް ހިއްކޭނެ މަޝްރޫޢަކީ މިއީ. އެހެން ކަމަށްވަންޏާ އެ ދެއްކެނީ ވަރަށްބޮޑު ކަމެއްގެ ވާހަކަ. މިހާރުވަނީ މަސައްކަތް ކުރާނެ ފަރާތެއް ހޯއްދެވުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން ބައިނަލްއަޤްވާމީ ބިޑަކަށް އިޢުލާނު ކުރައްވާފައި. އަޅުގަނޑަށް ހީވަނީ މިހާރު ބިޑްތައް އަންނަމުންދާނެހެން. މާދަމާ ފެށޭ، ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު އެ ބީލަންތައް ހުޅުވުން އެބައޮތް. އޭރުން އިރާދަކުރެއްވިއްޔާ ބީލަން ހަވާލުކުރާނެ ފަރާތެއް އެނގޭނީ. އެ މަސައްކަތް އެހިސާބަށް ދިޔައިމާ އަޅުގަނޑު ހިތުން ލަހެއްނުވެ ފެށިގެންދާނެ.

އާދެ! ނަރުދަމާގެ މަޝްރޫޢަކީވެސް ހަމަ ރާއްޖޭގެ ހުރިހާ ރައްޔިތުން ވަރަށް ބޭނުންވާ މަޝްރޫޢެއް. ބޯފެނާއި ނަރުދަމާ. މިއީ ހަމަ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދްމަތްތަކެއް. މިކަންތައްތައް ރާއްޖޭގެ ބައެއް ތަންތާނގައި މިހާރުވެސްވަނީ ކުރެވިފައި. އަނެއްބައި ތަންތާނގައި ކުރެވެމުން އެބަދޭ. ހިތަދޫގައިވެސް އިރާދަކުރެއްވިއްޔާ މި މަސައްކަތް އެބަކުރެވޭ.
ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މިހާރު ރާއްޖެއަށް ބޮޑެތި އިޞްލާޙީ ބަދަލުތަކެއް އަންނަމުންދާ ވާހަކަ. އެނގިވަޑައިގަންނަވާނެ، 2004 ވަނަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު އިސްލާމީ މަރްކަޒުގައި ބޭއްވުނު ޖަލްސާއެއްގައި، އަޅުގަނޑު ޚިޔާލުކުރާގޮތް ރައްޔިތުންނާވަނީ ޙިއްޞާކޮށްފައި. އޭގައި ރާއްޖެއަށް ޒަމާނީ މިނިވަން ޑިމޮކްރަސީއެއް ގެނައުމަށް ގަސްދުކުރާ ވާހަކައާއި، އޭގެތެރޭގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ވާހަކަ، އަޅުގަނޑު ރައްޔިތުންނަށް ދަންނަވާލިން. އެ އިޞްލާޙީ ޕްރޮގްރާމަށް ދިވެހި ރައްޔިތުންގެ ފަރާތުން ލިބުނީ ވަރަށްބޮޑު ތަރުޙީބެއް. ހަމައެޔާއެކީގައި، ބައިނަލްއަޤްވާމީ ފަރާތްތަކުންވެސް އަޅުގަނޑުގެ އިޞްލާޙީ ޕްރޮގްރާމަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާކަން ހާމަކުރެއްވި. އާދެ! އަޅުގަނޑުމެންގެ އަވަށްޓެރި، ރަޙްމަތްތެރި ޤައުމުތަކާއި، އަދި ބައިނަލްއަޤްވާމީ ބޮޑެތި ޖަމާޢަތްތަކުން އެ ޕްރޮގްރާމަށް ތާއީދު ކުރައްވާކަންވަނީ އަޅުގަނޑަށް އަންގަވާފައި. އެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށްޓަކައި މަގުޗާޓެއްވެސް އެކުލަވައިލެވުނު. މަގުޗާޓުގައި ވަރަށްގިނަ ކަންތައްތައް، އެ ކަންތައްތައް ހަމަޖެއްސޭނެ ދުވަސްވަރާ އެކުގައި އޮތީ ބަޔާންކޮށްފައި. އޭގެތެރެއިން ވަރަށްގިނަ ކަންތައްތައް މިހާރުއޮތީ މާތްﷲގެ ވާގިފުޅާއެކު ކާމިޔާބު ކުރެވިފައި.

ބައެއް ފަރާތްތަކުން ބުނަމުން އެބަދޭކަންނޭނގެ، ކާމިޔާބު ނުކުރެވެޔޭ. އެއީކީ ޙަޤީޤަތެއް ނޫން. ވަރަށްގިނަ ކަންތައްތައް މިހިރީ ކާމިޔާބުކޮށް ނިމިފައި. އަނެއްބައި ކަންތައްތައް ކާމިޔާބު ކުރުމަށް މިގެންދަނީ މަސައްކަތް ކުރަމުން. އޭގެތެރެއިން އަދި މުޅިން ކާމިޔާބު ނުކުރެވި އޮތް އެންމެބޮޑު މަސައްކަތަކީ ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް. އެހެންނަމަވެސް، އެ މަސައްކަތް މިހާރު މިއޮތީ ނިމޭ ހިސާބަށް ގޮސްފައި. ތިޔަބޭފުޅުން މިހާރު ޓީ.ވީ.ގެ ޒަރީޢާއިން ޖަލްސާތައް އެބަ ބައްލަވަމުން ގެންދަވާ. މިހާރު ޤާނޫނުއަސާސީ ގޮސްފައި އޮތް ހިސާބު އެނގިވަޑައިގަންނަވާނެ. މިހާރު އެއޮތީ ނިމޭ ހިސާބުގައި. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެ މަސައްކަތް ނިމޭނެ. ނިމުނީމާ އެއޮތީ، އިޞްލާޙީ ޕްރޮގްރާމްގެ އެންމެބޮޑު ބައި ޙާޞިލު ކުރެވިފައި.

ޤާނޫނުއަސާސީގެ އިތުރުން، އިޞްލާޙީ ޕްރޮގްރާމްގެ ވަރަށްގިނަ އެހެން ކަންތައްތައްވެސް ހިމެނޭ. އޭގެތެރޭގައި، ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދުން. މިހާރު ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި ހިނގަމުން އެބަދޭ. ކުއްލިއަކަށް ޢަދަދު ދަންނަވާލާކަށް ނޭނގެ. އެއީ ކޮންމެ ދުވަހަކު ޕާޓީއެއް އެބަ އަލަށް އުފެއްދޭކަންނޭނގެ. އެހެންވީމާ، ދެން 6، 7 ހިސާބުގައި އުޅޭހެން އަޅުގަނޑަށް ހީވަނީ. ކޮންމެއަކަސް ޕާޓީތައް ގިނަވުމަކީ މައްސަލައެއް ނޫން. އެ ބަޔަކު ބޭނުންވާ ގޮތަކަށް ޕާޓީ އުފެއްދުމުގެ އިޚްތިޔާރު އޮތް ކަމެއް. އެކަމަށް އަޅުގަނޑު މަރްޙަބާ ކިޔަން. އެހެންވީމާ، އެއީވެސް އިޞްލާޙީ ޕްރޮގްރާމްގެ ބައެއް. މިހާރު ވަނީ ޙާޞިލުކޮށް ނިމިފައި.

ޚަބަރުފަތުރާ ވަސީލަތްތަކުގެ މިނިވަންކަން، އެއީވެސް އިޞްލާޙީ ޕްރޮގްރާމްގެ ވަރަށްބޮޑު ބައެއް. އެކަންވަނީ ޙާޞިލުކޮށް ނިމިފައި. މިހާރު ރާއްޖޭގައި މި ނުކުންނަ ދުވަހު ނޫސްތަކާއި، ހަފްތާ މަޖައްލާތަކާއި، އަދި އެކިއެކި ވެބްސައިޓްތަކާ، މި ހުރިހާ އެއްޗެއްގައި ހުންނަ ވާހަކަތައް ބައްލަވައިލެއްވީމާ އެނގޭނެ، ޚަބަރުފަތުރާ ވަސީލަތްތަކުގެ މިނިވަންކަން އޮތް މިންވަރު. އުފެދޭ ސުވާލަކީ، އެ މިނިވަންކަން އެގޮތަށް އޮންނަން ރައްޔިތުން އެދޭބާވައޭ؟ އެއީ އަދި މުޅިން އެހެން ކަމެއް. އެހެންނަމަވެސް، މިނިވަންކަން އެއޮތީ ލިބިފައި. އެ މީހަކު ބޭނުންވާ ޚިޔާލެއް ފާޅުކުރުމުގެ މިނިވަންކަން އޮންނާނެ. މީހަކު ފާޅުކުރާ ޚިޔާލަކާ ބެހޭގޮތުން މީހަކާ ސުވާލުކޮށް، މައްސަލައެއް ޖައްސައި، ޝަރީޢަތަށް ފޮނުވައި، އެކަހަލަ އެއްވެސް ކަމެއް ކުރުމެއް ނެތް.

އެހެންވީމާ، އެއޮތީ ދުނިޔޭގައި އޮންނާނެ އެންމެމަތީ މިންވަރަކަށް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިދެވިފައި. އެ މިނިވަންކަމުގެ ބޭނުންކުރާގޮތް އެއީ މުޅިން ތަފާތު އެއްޗެއް. އެއީ،
އެ މިނިވަންކަން ބޭނުންކުރާ ބަޔެއްގެ މަސްއޫލިއްޔަތު. ކޮންމެ މިނިވަންކަމަކީވެސް އެއާއެކީގައި ޙައްޤުތަކެއް، ވާޖިބުތަކެއް އެކުލެވިގެންވާ ކަމެއް. އެއާއެކީގައި ޒިންމާތަކެއް އެކުލެވިގެންވާ ކަމެއް. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް އެކި ކަންތައް ކުރުމަށް މިނިވަންކަން ލިބިގެންވާ މީހެއް. އެހެންނަމަވެސް، އެ މިނިވަންކަމުގެ ބޭނުން، އެހެން މީހުންނަށް ގެއްލުންވާ ގޮތަކަށް ކޮށްގެނެއް ނުވާނެ. އަޅުގަނޑުމެން ގޭގެޔަށް ޒިޔާރަތް ކުރުމަކީ ހުއްދަ ކަމެއް. ގޭގެ ވެރިންގެ އިޒުނައާ އެކީގައި. އެކަމަކު އެގެޔަށް ގޮސް، އެގޭގެ ތަންތަން ތަޅައި ހަދާ، މިހެން ހަދައިގެން ނުވާނެ. އެއީކީ މިނިވަންކަމެއް ނޫން. އެހެން ބަޔަކަށް ގެއްލުމެއް ލިބޭގޮތަކަށް، އަޅުގަނޑުމެންގެ އަމިއްލަ މިނިވަންކަން ބޭނުންކޮށްގެނެއް ނުވާނެ.

އެހެންވީމާ، ޚަބަރުފަތުރާ ވަސީލަތްތަކުގެ މިނިވަންކަން ނުވަތަ ޚިޔާލުފާޅުކުރުމުގެ މިނިވަންކަންވެސް، ވަކި ޙުދޫދެއްގެ ތެރޭގައި އޮންނަންޖެހޭނީ. އެއީ އެބަޔަކު ޖެހޭނެ، އެ މަސްއޫލިއްޔަތު އުފުލަން. އެކަމަށް ޒިންމާވާން. އެމީހުން އެ ބުނަނީ ތެދުކަމުގައި ހަދަންޖެހޭނެ. ރައްޔިތުންނަށް ގަބޫލުކުރެވޭ ވާހަކަ، ނުވަތަ ރައްޔިތުންނަށް ޙަޤީޤަތް އޮޅުންފިލުވައިދޭންޖެހޭނެ. މިހެން ދަންނަވާއިރު އެނގިވަޑައިގަންނަވާނެ، ޙަޤީޤަތާ ޚިލާފު ވާހަކަތައް އަޅުގަނޑުމެންގެ ތެރޭގައި ދައްކަމުން އެބަގެންދޭ. ވަރަށްގިނަ ނުރަނގަޅު ވާހަކަތައް. މީހުންގެ އަބުރާ ބެހުމުގެ ވާހަކަވެސް އެބަ ދައްކާ. އަޅުގަނޑުމެންގެ އިސްލާމީ މުޖްތަމަޢެއްގައި އަޅުގަނޑުމެން ތަރުޙީބު ނުދޭނެ ވަރަށްގިނަ ވައްތަރު ވައްތަރުގެ ވާހަކަ އެބަ ދެކެވޭ. ދެކެވެނީ އެކަންޏެއް ނޫން. އެބަ ލިޔެވޭ. އެކި ސައިޓުތަކުގައި އެބަ ލިޔެވޭ. ނޫސްތަކުގައި އެބަ ލިޔެވޭ. އެކަމަކު މިއީކީ އަޅުގަނޑުމެން އިސްލާމީ މުޖްތަމަޢެއްގައި، ކަންކުރަންވީ ގޮތެއް ނޫން. ކޮންމެ މީހަކުވެސް، އެމީހެއްގެ މަސްއޫލިއްޔަތު ދަންނަންވާނެ. އެމީހެއްގެ ޙުދޫދު، އެމީހަކު ރަނގަޅަށް ވަޒަން ކުރަންވާނެ. އެޙުދޫދުން ބޭރަށް ގޮސްގެނެއް ނުވާނެ.

އެހެންވީމާ، ޚަބަރުފަތުރާ ވަސީލަތްތަކުންވެސް، އެބޭފުޅުން އަމިއްލައަށް އެޒިންމާ އުފުއްލަވަންޖެހޭނެ. ދޮގު މަޢްލޫމާތު ފެތުރުމާއި، އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަތުމާއި، މިކަހަލަ ކަންތައްތައް، އެ ވަސީލަތްތަކުގައި އެގޮތަކަށް ލިޔެވިގެން ނުވަތަ ޝާއިޢު ކުރެވިގެނެއް ނުވާނެ. އެއީކީ، ސަރުކާރުން ބެހޭ ކަމެއް ނޫން. އެއީ އެބޭފުޅުން އަމިއްލައަށް ކުރައްވަންޖެހޭނެ ކަމެއް. ކޮންމެ މީހަކުވެސް މިނިވަންކަން ލިބުނީމާ، އެމީހަކުޖެހޭ އެމީހެއްގެ މިނިވަންކަމުގެ ޙުދޫދު ކަނޑައަޅައި، އެ މިނިވަންކަން ބޭނުންކުރާނެ ގޮތެއް ނިންމައި، އަދި އެމީހަކު، އެޒިންމާ ޤައުމަށްޓަކައި އުފުލަން.

އާދެ! ހަމައެޔާއެކީގައި ރާއްޖޭގެ ޖަލުގެ ޙާލަތުވެސް ވަނީ ކުރިއާ އަޅައިބަލާއިރު ވަރަށް ބޮޑަށް ރަނގަޅު ކުރެވިފައި. އެއީވެސް އިޞްލާޙީ ޕްރޮގްރާމްގެ ބައެއް. ކުށްވެރިންނަށް އަދަބު ދިނުމުގެ ކަންތައްތައް. ކުށްވެރިން ބަންދުގައި ބޭތިއްބުމުގެ ކަންތައްތައް. ވަކި ގަވާއިދެއްގެ މަތިން އެކަން ކުރަން ޖެހޭނީ. ބައިނަލްއަޤްވާމީ ގޮތުންވެސް. އަދި އަޅުގަނޑުމެންގެ ދީނުގައި ބުނާގޮތުންވެސް. އެހެންވީމާ، ކުރިންހުރި ބައެއް އުނި ކަންތައްތައް ފިލުވައިލާފައި، މިހާރު އިރާދަކުރެއްވިއްޔާ، ކުރިއަށްވުރެ މާ ރަނގަޅަށް އެ ކަންތައްތައްވަމުންދަނީ. އެއީވެސް އިޞްލާޙީ ޕްރޮގްރާމްގެ ވަރަށްބޮޑު ބައެއް.

މިހެން ކަންތައް ކުރާއިރު، ދިމާވާ އިތުރު މައްސަލަވެސް އެބަހުރި. އެއީ އަޅުގަނޑު ދާ ވަރަށްގިނަ ތަންތާނގައި މީހުން މި ބުނާ ވާހަކައަކީ، މީހަކު ކުށެއްގެ ތުހުމަތުގައި ގެންގޮސްފައި، އޭގެ އަނެއް ދުވަހު ދޫކޮށްލަފާނެ. ނޫނީ ހަފްތާއެއްފަހުން އެނބުރި އޭނާ ހުރި ގެޔަށް އަތުވެދާނެ. ދެން އޭނާގެ އުނދަގޫ އަދި މާބޮޑުވެޔޭ ކުރިއަށްވުރެ.

މިހެން މިވަނީ ކީއްވެތޯ؟ އެއީ މިހާރު އަޅުގަނޑުމެން ކަންތައް ކުރަން މި ޖެހެނީ، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ބަލައިގެން. ކުށްވެރިން ނުވަތަ ކުށުގެ ތުހުމަތުގައިވާ މީހުން ބަންދުކުރުމާބެހޭ ޤާނޫނެއް ރާއްޖޭގައި އޮވޭ. އޭގެ ދަށުން ހެދިފައި ހުރި ގަވާއިދުތަކެއް އެބަހުރޭ. އެޤާނޫނާއި ގަވާއިދުގައި ބުނާގޮތުން، މީހަކު ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ބެހެއްޓޭނީ ވަކި މުއްދަތަކަށް. ޤާނޫނުގައި ކަނޑައަޅާ މުއްދަތަށް އެކަނި. އޭގެއިތުރުން، އެންމެ ދުވަހަކަށްވެސް ބަންދުގައި ބެހެއްޓޭނީ، ޤާޟީ ކުރިމައްޗަށް ހުށަހަޅައި، ޤާޟީ އެގޮތަށް ޙުކުމް ކުރައްވައިފިއްޔާ. އެގޮތަށް ހުއްދަ ދެއްވައިފިއްޔާ.

އެހެންވީމާ، މިހާރު ކުރިން އޮތްގޮތަކަށް ނޫން މިއޮތީކީ. އެހެންވީމާ، ބައެއް މީހުންގެ މައްސަލަ، އެ މުއްދަތު ހަމަވާއިރު، ތަޙުޤީޤު ކުރެވިފައިވާ މިންވަރުން، އެމީހެއްގެ މައްޗަށް ކުށް ސާބިތުވާ ހިސާބަށް ނުދާނެ ކަމަށް ޤާޟީއަށް ފެނިވަޑައިގެންފީވިއްޔާ އޭނާ ދޫކޮށްލައްވާނެ. ޙަޤީޤަތުގައި ހަމަ ކުށް ކޮށްފައި ހުރި މީހަކަށް ވެދާނެ، އެންމެންގެ ކުރިމަތީގައި. އެހެންނަމަވެސް، ޤާޟީއަށް ހުށަހެޅޭ ހުށަހެޅުމުގައި، އެވަރަށް ނެތީވިއްޔާ އޭނާއަށް އިޚްތިޔާރު ނޯންނާނެ، އޭނާ ބަންދުގައި ބަހައްޓަވާކަށް. ދޫކޮށްލައްވާނެ. އެހެންވީމާ، މިކަހަލަ ކަންތައްތައް އަޅުގަނޑުމެން މިހެން އެބަ ކުރަންޖެހޭ. އެއީ ޙަޤީޤަތުގައި އެންމެންގެ ޙައްޤު ރައްކާތެރިކޮށްދިނުމަށް. ބަންދު މީހުންގެވެސް ޙައްޤުތަކެއް އޮވޭ. އެމީހުންނަކީވެސް އިންސާނުން. މުޖްތަމަޢުގެ މީހުން. އެމީހުންނަށްވެސް ސަރުކާރުން ކަންތައް ކުރަންޖެހޭނީ ވަކި ހަމައަކުން. ވަކި އުޞޫލަކުން. އިންޞާފުވެރި ގޮތެއްގައި. އެހެންވީމާ، އެމީހުންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް މި އޮންނަ ކަންތައްތަކުގެ ތެރޭގައި، މި ދެންނެވި ގޮތަށް ކަންތައްތައް ވަމުންއެބަދޭ.

އަނެއްކަމަކީ، މި ދެންނެވީ މިހާރު ކުށްވެރިން ތަޙުޤީޤު ކުރާއިރު، ޤާނޫނީ ވަކީލުން ގެންދިޔުމުގެ ޙައްޤު މިހާރު އެބައޮތް. ކުރިން އޮންނަ ކަމެއް ނޫން. އެހެންވީމާ، ފުލުސްއޮފީހުން މީހަކާ ސުވާލު ކުރެވޭއިރު، އޭނާ ގެންނަ ޤާނޫނީ ވަކީލަކު އިންނާނެ. އޭނާގެ ޙާޒިރުގައި ސުވާލު ކުރެވޭނީ. އެހެންވީމާ، އެގޮތުންވެސް އެއޮތީ އެ މީހުންގެ ޙައްޤު ވަރަށް ބޮޑަށް ރައްކާތެރިކޮށްދެވިފައި. ދެން ދިމާވާ ކަމަކީ، ބައެއްފަހަރަށް ޤާނޫނީ ވަކީލުން ލިބުން ދަތިވުން. ނުވަތަ އެކަކު އެތައް ކަމަކާ ހަވާލުވެހުރީމާ، އޭނާއަށް ވަގުތު ނުލިބުމުގެ ސަބަބުން، ތަޙުޤީޤުކުރާ ތާކަށް ނުދެވޭ. އެހެން ވެއްޖިއްޔާ ތަޙުޤީޤު ހުއްޓުނީ. ޤާނޫނީ ވަކީލުން ނުދަންޏަކާ ތަޙުޤީޤެއް ނުކުރެވޭ. އެހެންވީމާވެސް އެއްކަލަ މުއްދަތު ދިގުވޭ. މުއްދަތު ދިގުވެގެން، އެ ބުނާ މިތައް ދުވަސް ހަމަވީމާ، އޭނާ ދޫކޮށްލަންވީ. މިކަހަލަ ކަންތައްތައް މިވަނީ. ރައްޔިތުންގެ މަޢްލޫމާތަށްޓަކައި އަޅުގަނޑު މި ވާހަކަ މިދަންނަވާލީ.

އެހެންވީމާ، ދަންނަވަން ބޭނުންވާ ވާހަކައަކީ، އިޞްލާޙީ ޕްރޮގްރާމް، އިރާދަކުރެއްވީތީ، ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް އެބަދެއޭ. އިރާދަކުރެއްވިއްޔާ، ހަމަ ހުރިހާ ކަމެއްވެސް ނިމިގެންދާނީ ކާމިޔާބުކަމާއެކީގައޭ. ދެން އިޞްލާޙީ ޕްރޮގްރާމް ކާމިޔާބުނުވެޔޭ، އެ ފެއިލިއަރ އެކޭ ކިޔައިގެން، މި ވާހަކަ ދައްކާ ބަޔަކު، އެ ވާހަކަ ދައްކަނީ އެ މީހުންގެ އަމިއްލަ މަޤްޞަދުތަކެއް ޙާޞިލު ކުރަންވެގެން. ރައްޔިތުންނަށް ކަންތައްތަކެއް އޮޅުވާލަންވެގެން. އެއީ، ޙަޤީޤަތް އޮޅުވާލައި، އެމީހުންގެ ކޮޅަށް ރައްޔިތުންގެ ހިތްތައް ލަންބުވައި، ސަރުކާރާ ދޭތެރޭ ނަފްރަތު ކުރުވަންވެގެން ދައްކާ ދޮގު ވާހަކަ. އެކަހަލަ ވާހަކަތަކަށް އަޅުގަނޑުމެން ހެއްލިގެނެއް ނުވާނެ.

ކުރިން ދެންނެވިހެން ޤާނޫނުއަސާސީ އިޞްލާޙުކޮށް ނިމުނީމާ، އެކަމަކު އަދި އިޞްލާޙުކޮށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ނިންމެވީމާ އަދި މުޅިން ނިމުނީކީ ނޫން. އަޅުގަނޑުމެންގެ ޤާނޫނުއަސާސީ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރަންޖެހޭ. އަދި އެކަމަށް އޮވޭ ތިންމަސް ދުވަސް. އެހެންވީމާ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ޤާނޫނުއަސާސީ އިޞްލާޙު ކުރައްވައި ނިމިގެން، ރައީސުލްޖުމްހޫރިއްޔާއަކަށް ހުރި މީހެއްގެ ގާތަށް ފޮނުއްވާނެ ތަޞްދީޤު ކުރަން. ރައީސުލްޖުމްހޫރިއްޔާ ބަލާފައި، ތިންމަސް ދުވަސް ތެރޭގައި ތަޞްދީޤު ކުރާނީ. ނުވަތަ ރައީސުލްޖުމްހޫރިއްޔާ ދެކޭގޮތުގައި، އޭގައި ހަމަނުޖެހޭ ކަމެއް އޮވެއްޖިއްޔާ، އެ ވާހަކަ އަލުން ޚާއްޞަ މަޖިލީހުގައި ދަންނަވާނީ. މިވެނި މާއްދާއެއްގައި ވަނީ މިހެންނޭ، އެކަމަކު މިއީކީ ހަމަޖެހޭގޮތެއް ނޫނޭ. މިހެން ހަދައިފިއްޔާ މިހެންނޭ ވާނީ ކިޔާފައި، ސަބަބުތަކާ އެކީގައި ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ މަޖިލީހަށް އެކަން ފޮނުވާނީ. ފޮނުވީމާ، އެ މަޖިލީހުން ދެވަނަފަހަރަށް ބައްލަވާފައި، ކޮންމެވެސް ގޮތަކަށް ނިންމަވާނީ. އެހެންވީމާ، އޭގެ މާނައަކީ، އަދިވެސް މުޅިން ނިމެން ދުވަސްކޮޅެއް ބޭނުންވާނެ.

ކޮންމެއަކަސް މި ހުރިހާ މަރްޙަލާއެއް ކަޑައްތު ކުރުމަށްފަހުގައި، ދެން އަޅުގަނޑުމެން އެބަޖެހޭ، އޭގެ މައްޗަށް ބިނާކޮށް ޤާނޫނުތަކެއް ހަދަން. ޚާއްޞަކޮށް، މި އަހަރުގެ ރިޔާސީ އިންތިޚާބަކީ އަޅުގަނޑުމެން އެންމެންވެސް އުންމީދުކުރާ ގޮތުގައި، ސިޔާސީ ޕާޓީތަކުގެ މެދުގައި ވާދަކުރެވިގެން ބޭއްވޭ ފާޅުކަންބޮޑު، މިނިވަން އިންޞާފުވެރި އިންތިޚާބަކަށް ހެދުމަށްޓަކައި ވަރަށްގިނަ ޤާނޫނުތަކެއް ފާސްކުރަން އެބަޖެހޭ. އަދި ވަރަށްގިނަ މިނިވަން މުއައްސަސާތަކެއް އުފައްދަން އެބަޖެހޭ. އެކަން އަންނާނީ ޤާނޫނުއަސާސީ ނިމުނީމާ. އެކަމަށްވެސް ވަގުތުވެސް ބޭނުންވޭ. އެކަންތައް ކުރަން އެބަޖެހޭ. އޭގެފަހުން ރިޔާސީ އިންތިޚާބަކާ ހަމައަށް މިދަނީ.

އެހެންވީމާ، މި ދެންނެވި ޤާނޫނުތަކުގެ އަލީގައި، އަދި އުފެދޭ އިތުރު ވަސީލަތްތަކާއި މުއައްސަސާތަކުގެ އެހީގައި މި އަންނަ އިންތިޚާބަކީ ވަރަށް މިނިވަން އިންޞާފުވެރި އަދި ހާމަކަންބޮޑު އިންތިޚާބަކަށް ހެދޭތޯ ސަރުކާރުން އެބަ މަސައްކަތްކުރޭ. އިރާދަކުރެއްވިއްޔާ އެ މަސައްކަތް ކާމިޔާބުވާނެ.

ދެން ދެކެވޭ ވާހަކައަކީ، މިނިވަން އިންތިޚާބެއް ބޭއްވޭނީ، އެހެން ސަރުކާރެއް އައިސްގެންނޭ. އިންތިޤާލީ ސަރުކާރެއް ނުވަތަ ވަގުތީ ސަރުކާރެއް އައިސްގެންނޭ، މިނިވަން އިންޞާފުވެރި އިންތިޚާބެއް ބޭއްވޭނީ. އަޅުގަނޑުގެ ސުވާލަކީ، އެ އަންނަ އިންތިޤާލީ ނުވަތަ ވަގުތީ ސަރުކާރުގައި ތިބޭނީ ކޮންބަޔެއްތޯއޭ! ތިބޭނީ ހަމަ ދިވެހިން ނޫންތޯއޭ! ތިބޭނީ ހަމަ ކޮންމެވެސް ގޮތަކަށް ސިޔާސީ ކުލަވަރެއް ޖެހިފައި ހުރި މީހުން ނޫންތޯއޭ! އެހެންވީމާ، މިހާރު މި ސަރުކާރުން ބާއްވާ އިންތިޚާބަކީ، އެއީ މިނިވަން އިންތިޚާބަކަށް ނުވެފައި، ދެން އަންނަ ބަޔެއް ބާއްވާ އިންތިޚާބަކީ މިނިވަން އިންތިޚާބަކަށްވާނެތޯއޭ!

އަޅުގަނޑުމެން އެންމެންނަކީ އިންސާނުން. އުނި ސިފަތައް އެންމެންގެ ހުންނާނެ. އެހެންވީމާ، އެ އަލަށް އުފެދޭ ސަރުކާރުގައި ތިއްބަވާ ބޭފުޅުން، އެބޭފުޅުންގެ ހިތްޕުޅުގައި އޮންނަ ޝުޢޫރުތަކާއި، އެބޭފުޅުން ސިޔާސީ ގޮތުން ބޭނުންފުޅުވާ ކަންތައްތަކާއި، މި ކަންތައްތައް ޙާޞިލު ކުރެއްވުމަށް މަސައްކަތް ކުރައްވައިފިއްޔާ، އެއީ ކޮންކަހަލަ މިނިވަން އިންތިޚާބަކަށްތޯއޭ ވާނީ! ހަމަ އެއް ތަނެއްގައި ޖެހޭނީ. މި ސަރުކާރަކީ، މި ސަރުކާރުގެ ބެލުމުގެ ދަށުގައި ވަރަށްގިނަ އިންތިޚާބު ބާއްވާފައި އޮތް ސަރުކާރެއް. ކޮންމެ ފަސް އަހަރަކުން އެއްފަހަރު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިޚާބު ކުރުމަށްވެސް އިންތިޚާބެއް ބޭއްވޭ. އަދި ކޮންމެ ފަސް އަހަރަކުން އެއް އަހަރު، ރައްޔިތުންގެ މަޖިލީސް އެބަ އިންތިޚާބު ކުރެވޭ. މި ހުރިހާ އިންތިޚާބެއް ހިނގާފައިވަނީ ވަރަށް މިނިވަންކަމާއެކު. ވަރަށް ހާމަކަންބޮޑު ގޮތެއްގައި. އަދި ފަހަކަށްއައިސް އަޅުގަނޑުމެން ބޭރުގެ އެކިފަރާތްތައް އެބަގެންނަމު، މިއިންތިޚާބުތައް ހިންގަމުންދާގޮތް ބަލަން. ކޮމަންވެލްތުން ނުވަތަ ސާކް ޤައުމުތަކުން ނުވަތަ އެނޫން ފަރާތަކުން. އެމީހުން އައިސް އެބަ ބަލާ. މޮނިޓަރ ކުރޭ. މި އަތޮޅަށްވެސް އޭގެ ބޭފުޅުން ވަޑައިގެންނެވި. މިރަށަށްވެސް ވަޑައިގެންނެވި. އަދި ރާއްޖޭގެ އެހެން ތަންތަނަށްވެސް ވަޑައިގެން އިންތިޚާބު ބައްލަވައި، އެބޭފުޅުން ދެއްވާފައިވާ ރިޕޯޓުތަކުގައި މި ހުންނަނީ ކީކޭތޯ؟ ހުންނަނީ މިއީ ވަރަށް ރަނގަޅަށް ބޭއްވުނު އިންތިޚާބެކޭ. ވަރަށް ހާމަކަންބޮޑު ގޮތެއްގައި، ވަރަށް މިނިވަންކަމާ އެކީގައި ބޭއްވުނު އިންތިޚާބެކޭ.

އެހެންތޯ، ދުނިޔޭގެ އެހެން ޤައުމުތަކުގައި އިންތިޚާބުތައް ހިނގަނީ. އަވަށްޓެރި ޤައުމުތަކުގައި ބައްލަވަބައްލަވާ، ކިހިނެއްތޯ އިންތިޚާބުތައް ހިނގަނީ. އެއާ ވަރަށް ތަފާތުކޮށް ރާއްޖޭގައި އިރާދަކުރެއްވީތީ، މިހާތަނަށް ހުރިހާ އިންތިޚާބުގެ ކަންތައްތައް ހިނގާފައިވަނީ ވަރަށް ރަނގަޅަށް.

އަޅުގަނޑު މި ދެންނެވި ގޮތަށް ޤާނޫނުއަސާސީ ފާސްވެ، އަދި އޭގެ މައްޗަށް ހަދަންޖެހޭ ޤާނޫނުތައް ހަދައި، އަދި ޤާއިމުކުރަންޖެހޭ މިނިވަން މުއައްސަސާތައް ޤާއިމުކޮށް، އެ ހުރިހާ ކަމެއް އެހެން ހުރުމާއެކުވެސް، އަޅުގަނޑުމެން އެބަ ގެންނަމު، ބޭރުން މީހުން ބަލަން. އީ.ޔޫ އިން، ޔޫރަޕިއަން ޔޫނިއަނުން މިހާރު ވިދާޅުވެފައި އެބައޮތް، ތިމަންނާމެން ފޮނުއްވާނަމޭ ޓީމެއް، އޮބްޒާރވަރުންގެ ގޮތުގައި އިންތިޚާބުގެ ކަންތައްތައް ވާނުވާގޮތް ބަލަން. އަދި ކޮމަންވެލްތުންވެސް ފޮނުއްވާނެ. އަޅުގަނޑުމެން ބޭނުމިއްޔާ، ސާކް ޤައުމުތަކުންވެސް ގެނެވިދާނެ. އަދި އ.ދ.ގެ އެހީވެސް މިހާރުވެސް ލިބެމުން އެބަދޭ މިކަންތަކުގައި. އ.ދ. މަޖިލީހުން އެބަ ފޮނުއްވާ، މިހާރުވެސް ފޮނުއްވާފައި އެބަހުރި ބޭފުޅަކު، އިލެކްޝަންސް ކޮމިޝަންގައި މަސައްކަތް ކުރައްވާ. އެއީ އޭނާގެ ތަޖުރިބާއާއި އެހީގައި އިޞްލާޙު ކުރަން ހުރި ކަންތައް އިޞްލާޙު ކުރަން. އެކަން ހިނގަމުން އެބަދޭ. އޭނާ އެބަ ހުންނެވި މާލޭގައި މިހާރު.

އެހެންވީމާ، މިހާ ރަނގަޅަށް ކަންތައްތައް ހިނގަމުންދާއިރު، މި ދައްކާ ވާހަކައަކީ އެއްވެސް ބޭނުމެއް ނެތް ވާހަކައެއްކަން، ތިޔަބޭފުޅުންނަށްވެސް ގަބޫލު ކުރެއްވޭނެ. ޙަޤީޤަތުގައި އިންތިޚާބު، މިނިވަން އިންޞާފުވެރި، ހާމަކަންބޮޑު އިންތިޚާބަކަށްވަނީކީ، ވަކި މީހަކު ރައީސަކަށް ހުރީމަކާ ނޫން. ވަކިބަޔަކު ސަރުކާރު ހިންގަން ތިބީމަކާ ނޫން. މިނިވަން، އިންޞާފުވެރި، ހާމަކަންބޮޑު އިންތިޚާބަކަށްވަނީ، އެކަމާބެހޭ ޤާނޫނުތައް ހެދިފައި އޮތީމާ. އެކަމާބެހޭ މިނިވަން މުއައްސަސާތައް ޤާއިމު ކުރެވިފައި އޮތީމާ. އަދި އެ ޤާނޫނުތަކުގައި ބުނާގޮތުގެ މަތިން، އެ މުއައްސަސާތަކުން ބައްލަވައިގެން ކަންތައްތައް ކުރިއަށް ގެންދަވާތީ. އެއީ ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް އޮންނަގޮތް. އެހެންވީމާ، މިރާއްޖެއަކުވެސް މިނޫންގޮތަކަށް އޮންނާކަށް ނުޖެހޭ.

ދެން އިންތިޤާލީ ނުވަތަ ވަގުތީ ސަރުކާރެއް އުފެއްދުމުގައި މި އޮންނަނީ ދެގޮތެއް. އެއްގޮތަކީ ތަނުގެ ޙާލަތު ހަމަނުޖެހުމަކަށް ބަދަލުވެގެންގޮސް، އަހުލީ ހަނގުރާމަ، އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަކޮށް، ލޭއޮހޮރުވައި، މިހެން ހަދަން ފެށީމާ، ދެން ސަލާމަތް ނުވެވިގެން، ކޮންމެވެސް ކަހަލަ ވަގުތީ ސަރުކާރެއް ހަމަޖައްސަނީ. ބައެއް ތަންތާނގައި އެހެން އެބައޮވޭ. އިރާދަކުރެއްވީތީ، މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން އަޅުގަނޑުމެން މިތިބީ ވަރަށްބޮޑު ހަމަޖެހުމެއްގެ ތެރޭގައި. ރާއްޖެއަކު އެކަހަލަ ކަމެއް ނުހިނގާ. އެހެންވީމާ، އެކަން ކުރަންވީ އެއްވެސް ސިޔާސީ ސަބަބެއް ނެތް.

ދެވަނަ ސަބަބަކަށް އޮންނަނީ، ޤާނޫނީ ސަބަބެއް. އެއީ އެތަންތާނގެ ޤާނޫނުގައި އޮވެދާނެ، މިވެނިކަހަލަ ކަމެއް ދިމާވެއްޖިއްޔާ، ވަގުތީ ސަރުކާރެއް ޤާއިމުކުރަންޖެހޭނެއޭ. އެގޮތަކަށް ރާއްޖޭގެ އެއްވެސް ޤާނޫނެއް ލިޔެވިފައެއް ނެތް މިހާތަނާ ޖެހެންދެން. އަދި ނުވެސް ލިޔެވޭނެ. އެހެންވީމާ، މި ދެންނެވީ އެއީކީވެސް ޤާނޫނީގޮތުންވެސް އަދި ސިޔާސީގޮތުންވެސް ކުރަންޖެހޭ ކަމެއް ނޫނޭ. އެކަން ކުރުމަކަށް އެއްވެސް ޙާލެއްގައި ތަންދޮރުފިލާ މީހަކު، ސަލާމަތް ބުއްދި ހުރި މީހަކު ގޮވައެއްނުލާނެއޭ. އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ މި ވާހަކަވެސް ހަމަ ދަންނަވާލާނަމޭ. އެއީ ތިޔަބޭފުޅުންގެ މަޢްލޫމާތަށްޓަކައި. އެއީ ގޯސް، ވަރަށްގިނަ ދޮގު ވާހަކަތައް ބަޔަކު ފަތުރަމުން ގެންދާތީ، އޭގެ ޙަޤީޤަތް އަޅުގަނޑު ސީދާ ދުލުން ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވެގެން.

އާދެ! އައްޑުއަތޮޅުގެ ތަރައްޤީގެ ތަޞައްވުރެއް އަޅުގަނޑަށް އިހަށްރޭ އަތޮޅު ކޮމިޓީގެ ފަރާތުންވަނީ ދެއްވާފައި. އެ ތަޞައްވުރުގައި 2015 ވަނަ އަހަރު އައްޑުއަތޮޅު އޮންނާނެގޮތް ކަމަށް އެބޭފުޅުން ޚިޔާލު ކުރައްވާގޮތްވަނީ ބަޔާން ކުރައްވާފައި. އެ ތައްޔާރު ކުރެއްވީ ވަރަށްގިނަ ފަރާތްތަކެއްގެ އެހީގައި. މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓާއި އަދި އެމިނިސްޓްރީގެ ދަށުން ހިނގަމުންދާ އެހެން ފަރާތްތަކާއި، އަދި މިއަތޮޅުގެ އަތޮޅުވެރިންނާއި އަތޮޅުއޮފީހާއި، ރަށްރަށުގެ ވެރިންނާއި، ކޮމިޓީތަކާއި، އަމިއްލަ ޖަމްޢިއްޔާތަކާ، މި ހުރިހާ އެންމެން ބައިވެރިވެގެން، އެ އެންމެންގެ ޚިޔާލުގެ މައްޗަށް މިތަޞައްވުރު ތައްޔާރު ކުރެވިފައި މިވަނީ. އަދިވެސް އިތުރު ޚިޔާލަށް ބޭނުންވާތީ، އެބޭފުޅުން އެކަމަށް އެބަ އެދިވަޑައިގަންނަވާ. އެހެންވީމާ، އެކަހަލަ ތަޞައްވުރެއް އޮތުމަކީ، ވަރަށް މުހިންމު ކަމެއްކަމަށް އަޅުގަނޑު ދެކޭ ވާހަކައާއި، ސަރުކާރުން އެކަހަލަ ކަންތައްތަކަށް މަރްޙަބާ ކިޔާ ވާހަކަ ދަންނަވަން.

އާދެ! ސިޔާސީ ވާހަކަ ދައްކާއިރު، ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކީ ކޮބައިތޯ، ރިޔާސީ ނިޒާމެއްތޯ، ބަރުލަމާނީ ނިޒާމެއްތޯ، ބެލުމަށް މިދޭތެރެއިން މިބޭއްވުނު ވޯޓުގައި ހިތަދޫ ރައްޔިތުން، ރިޔާސީ ނިޒާމަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާފައިވާތީ، އެކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން ޝުކުރުގެ ދެތިން ބަހެއް ދަންނަވާލަން ބޭނުންވޭ. އާދެ! ރާއްޖޭގެ އަތޮޅުތައް ތަރައްޤީ ކުރެއްވުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވަނީ، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުން. އެހެންކަމަށްވާތީ، އެމިނިސްޓްރީގެ މިނިސްޓަރ އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީ އެކަމަށް ދެއްވާ އަހަންމިއްޔަތާއި، ކުރައްވާ ބުރަ މަސައްކަތްޕުޅުތައް ފާހަގަކޮށް، އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މިހާތަނަށް އެމިނިސްޓްރީ ހިންގަވައިދެއްވި ހުރިހާ ވަޒީރުންނަށްވެސް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

ޚާއްޞަކޮށް، އެ މިނިސްޓްރީ އެންމެ ގިނަދުވަހު ހިންގަވައިދެއްވި ބޭފުޅަކީ، އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ކަމަށްވާތީ، އެމަނިކުފާނަށް ވަކިން ޚާއްޞަ ޝުކުރެއް ދަންނަވަން. ހަމައެހެންމެ، މިހާތަނަށް އައްޑުއަތޮޅުގެ އަތޮޅުވެރިކަން ކުރެއްވި ހުރިހާ ބޭފުޅުން، އެ ކުރެއްވި މަސައްކަތްޕުޅުތަކަށްޓަކައި، އެ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އަދި އައްޑުއަތޮޅުގެ މިހާރުގެ އާ އަތޮޅުވެރިޔާ އަލްފާޟިލް ސަޢުދު ޢަބްދުﷲ އަށް މަރްޙަބާ ދަންނަވައި ތަހުނިޔާ އަދާކުރަން. ފަހަރެއްގައި އަޅުގަނޑަށް އޭނާއަށް މި ދެވުނީ ބޮނޑިއެއްކަންނޭނގެ ދޮގެއްތޯ. އެއީ މިފަދަ ބޮޑު ކަމެއް ކުރިމަތިވެފައި އޮއްވައި، ހަފްތާއެއްހާ ދުވަސް ނުވަނީސް އަތޮޅުވެރިކަމަށް ސަޢުދު ޢަބްދުﷲ އިސްކުރެވުނީ. އެހެންނަމަވެސް، ސަޢުދު ޢަބްދުﷲ އަކީ މިކަމުގެ ތަޖުރިބާހުރި ބޭފުޅެއް. އެހެން އަތޮޅުތައް ހިންގަވައިދެއްވާފައި ހުރި، މި ދާއިރާގައި މަސައްކަތް ކުރައްވައި، މަޢުލޫމާތާއި ތަޖުރިބާ ހުރި، ވަރަށް ޤާބިލް ބޭފުޅެއް. އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ އޭނާއަކަށް މިކަމަކީ ބޮޑުކަމަކަށް ނުވާނެއޭ. އެހެން ހިތަށްއަރާ، ސަޢުދު ޢަބްދުﷲ އާ މި އަތޮޅުގެ އަތޮޅުވެރިކަން އަޅުގަނޑު މިހާރު ހަވާލުކޮށްފައި މިވަނީ.

މިހާރުގެ އަތޮޅުވެރިޔާ އެމަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، މި އަތޮޅުގެ އަތޮޅުއޮފީސް ވަގުތީގޮތުން ހިންގަވައިދެއްވީ، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓްގެ އަތޮޅުވެރިޔާގެ ބަދަލު އަލްފާޟިލް މުޙަންމަދު ޢަބްދުﷲ. މިތާ އެބަ އިންނެވި. އަލްފާޟިލް މުޙަންމަދު ޢަބްދުﷲ އަކީ، ވަރަށް އިޚްލާޞްތެރިކަމާއި ވަރަށް ހިންމަތާ އެކީގައި، އޭނާގެ ވާޖިބު އަދާކޮށްދެއްވި ބޭފުޅެއް. އެހެންވީމާ، އެކަމަށްޓަކައި އަލްފާޟިލް މުޙަންމަދު ޢަބްދުﷲ އަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! ދެން ދަންނަވާލަން އޮތީ، ވަރަށް މުހިންމު ވާހަކައެއް. އެއީ އަޅުގަނޑުގެ މިދަތުރުގައި، މި އަތޮޅު ތަމްސީލު ކުރައްވާ ދެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ވާހަކަ. އެއްބޭފުޅަކީ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު. އާދެ! މިއަތޮޅުން ހޮވިވަޑައިގެންފައިވާ އަދި ޚާއްޞަ މަޖިލީހުގެ މެންބަރު އަލްފާޟިލް އިބްރާހީމް ޝަރީފް. އަނެއް ބޭފުޅަކީ މި އަތޮޅުން ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ހޮވިވަޑައިގެންފައިވާ އަލްފާޟިލް އިބްރާހީމް ޠާހިރު. އާދެ! އިބްރާހީމް ޠާހިރަކީ މިރަށުގެވެސް ވަރަށް ޢިއްޒަތްތެރި ދަރިއެއް. އެހެންވީމާ، އެ ދެބޭފުޅުންނަށް ވަރަށް ބޮޑަށް މަރްޙަބާ ދަންނަވައި އަދި އެ ދެބޭފުޅުން ދިވެހި ރައްޔިތުންނަށާއި، ދިވެހި ސަރުކާރަށް ޚިދްމަތް ކޮށްދެއްވުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގައި އިބްރާހީމް ޝަރީފް އަދި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި އިބްރާހީމް ޝަރީފާއި، އިބްރާހީމް ޠާހިރު އެ ކޮށްދެއްވަމުން ގެންދަވާ އިޚްލާޞްތެރި މަސައްކަތްޕުޅުތަކަށްޓަކައި، އެ ދެބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! މި ޖަލްސާ ހިނގަމުންދާތާ ވަރަށްގިނައިރު ވެއްޖެ. އަދި ވަރަށް ހޫނުވެސް ގަދަ. އެހެންވީމާ، ދެން އަޅުގަނޑު ނިންމާލަން ކަމަށް. ނިންމާލަމުން ދަންނަވާނީ، އަޅުގަނޑު ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމޭ، އެކަލާނގެ އަޅުގަނޑުމެންނަށް އަބަދުވެސް ހެޔޮ ވިސްނުން ދެއްވުމަށް. އަޅުގަނޑުމެންނަށް ހެޔޮގޮތްތައް މިންވަރުކޮށްދެއްވުމަށް. އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގައި ބަރަކާތް ލެއްވުމަށް. ދިވެހިރާއްޖެއަށާއި، ދިވެހި ޤައުމަށް ފާގަތި މުސްތަޤްބަލެއް ދެއްކެވުމަށް. ދިވެހިންނަކީ ތަންދޮރުފިލާ، ދީނަށް ޙުރްމަތްތެރިކޮށްހިތާ، ޤައުމަށް ވަފާތެރި އިޚްލާޞްތެރި ބަޔެއް ކަމުގައި ލެއްވުމަށް. އަދި އަޅުގަނޑުމެން ކުރާ މަސައްކަތުގެ ސަބަބުން، ދިވެހިރާއްޖެއަށް ތަނަވަސްކަމާއި، ޞުލްޙަމަސަލަސްކަމާއި، އަމަންއަމާންކަން އަބަދަށްޓަކައި ލެއްވުމަށް.

والســّلام عليــكم ورحـمــة اللّـه وبـركاتـه

ދީނީ ރޮނގުން އެއްޗެއް ވިދާޅުވެދެއްވުމަށް އެޖަލްސާގައި އިންނެވި އެރަށުގެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގަތުމާ ގުޅިގެން، މި ޖަލްސާގައި ދެވަނަފަހަރަށް ރައީސް ތެދުވެވަޑައިގެން ވާހަކަފުޅު ދެއްކެވީ.

بســم اللّـه الرّحمـن الرّحيــم

ވަރަށް ބޮޑަށް މަޢާފް ކުރެއްވުން އެދެން. ޖަލްސާ މިހާ ދިގުވެފައި އޮއްވާވެސް އެއްޗެއް ދަންނަވާލަން ބޭނުންވީތީ. އާދެ! އެންމެ ފުރަތަމަ ދަންނަވާލަން ބޭނުންވީ، މިތަނުން ދެންމެ ތެދުވެވަޑައިގެންނެވި ބޭފުޅަކު ވިދާޅުވިކަމަށްވަނީ، ދީނީ ރޮނގުން ކޮންމެވެސް އެއްޗެއް ރައީސް ބުނެލަދީބަލާށޭ. އެހެންވީމާ، ދެން ވަރަށް ކުޑަކުޑަ އެއްޗެއް ދަންނަވާލަން ކަމަށް.

އެއީ ޢަރަބި ހަރުބަހެއްގައި އޮންނާނެ، "خير الكلام ماقلّ ودلّ" "އެންމެ ހެޔޮ ވާހަކައަކީ، ކުރުވެފައި އޭގެ މާނަ ފުން ވާހަކައޭ." އެހެންވީމާ ދެން އަޅުގަނޑު ކުރުކޮށް ދައްކާނަން. މާނަ ފުންވާނެކަމެއްނޭނގެ. އޭނާ އެ ވިދާޅުވި ވިދާޅުވުމަށް ދަންނަވާލަން ބޭނުންވާ އެއްޗަކީ، މާތްﷲ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވާފައިވެއޭ. "إِنَّ ٱلدِّينَ عِنـدَ ٱللَّهِ ٱلإِسْـلَـٰمُ" (آل عمران: 19) މާނައަކީ: "ހަމަކަށަވަރުން، اللّه ގެ حضرة ގައި، دين އަކީ، إسلام دين އެވެ." އަދިވެސް ވަޙީ ކުރައްވާފައިވޭ. "وَمَن يَبْتَغِ غَيْرَ الإِسْلاَمِ دِيناً فَلَن يُقْبَلَ مِنْهُ" (آل عمران: 85) ”އިސްލާމްދީން ފިޔަވައި އެހެން ދީނެއް ހޯދައި ބަލައިގެންފި މީހާ، ފަހެ އޭނާގެ ފަރާތުން ﷲ އެދީނެއް ގަބޫލެއް ނުކުރައްވާނެތެވެ.“

މިއީ، އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ. ﷲގެ ޙަޟްރަތުގައި ދީނަކީ އިސްލާމްދީން އެކަނި. އެހެން އެއްވެސް ދީނެއް ނޫން. އެހެން ދީނަކަށް ކިތަންމެވަރަކަށް ބަޔަކު މަސައްކަތް ކުރިޔަސް، އެގޮތަށް ތަބާވާ މީހާގެ އެ ޢަމަލު ﷲ ބަލައެއްނުގަންނަވާނެ. "وَهُوَ فِي الآخِرَةِ مِنَ الْخَاسِرِينَ" (آل عمران: 85) "އޭނާވާހުށީ އާޚިރަތުގައި ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނޭ." އެހެންވީމާ، އަޅުގަނޑުމެން އެންމެން، އިސްލާމްދީނުގައި ތެދުވެރިކަމާއެކު ފައިތިލަ ސާބިތުކުރަމާތޯއޭ. އަޅުގަނޑުމެންގެ ރާއްޖޭގައި އެއްވެސް ހާލެއްގައި އެއްވެސް އެހެން ދީނަކަށް ފުރުޞަތު ނުދެމާތޯއޭ. މިއީ އަޅުގަނޑު ދަންނަވާލަން ބޭނުންވި ވާހަކައަކީ. އެހެންވީމާ، މި ވާހަކަ މިވަގުތަށް ފުދޭނެ ކަމަށް ހީކުރަން.

ދެން އަދިވެސް ދެތިން ވާހަކައެއް ދަންނަވާލަން އެބައޮތް. އެއީ އަޅުގަނޑު ހަމަ ހަނދާނުން ކައްސާލައިގެން ދިޔައީމާ، ނުދެންނެވި އޮތީމާ. އެއްކަމަކީ، އެއް ވާހަކައަކީ މި ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އަދި މި ސްކޫލްގެ އިދާރާގެ ފަރާތުންނާއި، މުދައްރިސުންނާއި ކިޔަވާ ކުދިންގެ ފަރާތުން އަޅުގަނޑަށް ދެންމެ ހަނދާނީ ފިލައެއް ދެއްވި. އެހެންވީމާ، އެކަމަށްޓަކައި ސްކޫލްގެ ވެރިންނަށާއި ޓީޗަރުންނަށާއި، ހުރިހާ ދަރިވަރުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަނެއް ވާހަކައަކީ، މި ރަށުގެ ބޮޑުކަތީބު އަލްފާޟިލް ޙަސަން ލަޠީފްގެ ވާހަކަފުޅުގައި ވިދާޅުވި. އަދި ފަހުން އިބްރާހީމް ޠާހިރުގެ ވާހަކަފުޅުގައިވެސް ވިދާޅުވި. ހޯރަފުށީގައި މީހަކު އަޅުގަނޑަށް ދިން ޙަމަލައެއްގެ ވާހަކަ. އެކަން އެ ބޭފުޅުން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ ވާހަކައާއި، މާތްﷲ އަޅުގަނޑު ސަލާމަތް ކުރެއްވީތީ ޙަމްދު ކުރައްވާ ވާހަކަ. އެކަމަށްޓަކައި އެ ދެބޭފުޅުންނަށް އަދި ތިޔަ ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ދެން ދަންނަވާލަން އޮތް ވާހަކައަކީ، ބޮޑުކަތީބުގެ ވާހަކަފުޅުގައި ވިދާޅުވި، މިރަށުގައި ރައްކާތެރި ކުރެވިފައިވާ ސަރަޙައްދެއް އޮންނަ ވާހަކަ. ތިމާވެށީގެ ގޮތުން. އެތާނގައި އީކޯ ޓޫރިޒަމްގެ ކަމެއް ހިންގުމަކީ، މި ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެކޭ. އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެ ވާހަކަ ކަމާބެހޭ ފަރާތްތަކުގައި އަޅުގަނޑު ދަންނަވާނަމޭ. އެބޭފުޅުން ވަޑައިގެން ބައްލަވަން ޖެހޭނީ، ކޮންކަހަލަ ކަމެއްތޯ ކުރެވޭނީ. އެއީ ތިމާވެށި ރައްކާތެރި ކުރުމަކީ ވަރަށް ޚާއްޞަ ގޮތަކަށް ކުރަންޖެހޭ ކަމެއް. އެތާނގައި ތަފާތު އިމާރާތްތައް ހަދައި ކަންތައް ކުރަން ހަދައިފިއްޔާ، ތަން ހަލާކުވެގެން ހިނގައިދާނެ. އޭގެ އަޞްލު ބޭނުންވެސް ނުފުދި ހިނގައިދާނެ. އެކަމަކު އެހެން ވާނެއެކޭ ދަންނަވަނީކީ ނޫން. ތިމާވެށްޓަށް ގެއްލުން ނުލިބޭ ގޮތަކަށް، ފަހަރެއްގައި ކަމެއް ކުރެވުންވެސް އެއީ އެކަށީގެންވާ ކަމެއް. އެކަން ޖެހޭނީ ދިރާސާ ކުރަން. ދިރާސާކޮށް ބަލާފައި، އެއީ ކުރެވިދާނެ ކަމެއް ކަމަށްވަންޏާ ކުރާގޮތަށް ނިންމުން. އެހެންވީމާ، އެކަން، ކަމާބެހޭ ފަރާތުގައި އަޅުގަނޑު ދަންނަވާނަމޭ، ދަންނަވާލަން ބޭނުންވަނީ.

ދެން ހަތަރުވަނަ ޕޮއިންޓަކަށް ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ވަރަށް އުފާވެރި ވާހަކައެއް. ހަމަގައިމުވެސް އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމެއް އެއީ. އެއީ އަޅުގަނޑު އައްޑުއަތޮޅަށް މިފަހަރު އައިސް، މި ބައިވެރިވި ހުރިހާ ޖަލްސާތަކުގައި ޤުރްއާން ކިޔަވާ ވިދާޅުވި ހުރިހާ ބޭފުޅުން ވަރަށް ރީތިކޮށް ކިޔަވާ ވިދާޅުވީ. އެއީ ހަރު މީހަކަށްވިޔަސް، ނުވަތަ ކިޔަވާ ކުއްޖަކަށްވިޔަސް، ވަރަށް ރީތިކޮށް ކިޔަވާފައިވަނީ. ޞައްދާމް އިބްރާހީމް މިއަދު ކިޔެވީ ވަރަށް ރީތިކޮށް. ވަރަށް ބޮޑަށް މަރްޙަބާ. ހަމަ އެގޮތަށް، އެއް ރަށެއްގައި މުދިމަކު އަޅުގަނޑުމެންނަށް ކިޔަވައިދިން ވަރަށް ރީތިކޮށް. އޭނާގެ ނަމަކީ މުޙަންމަދު ޖުލޫދު. ވަރަށް ރީތިކޮށް ކިޔަވާ ވިދާޅުވި ބޭފުޅެއް. އޭނާވެސް އެހާ ރީތިކޮށް ކިޔަވާ ވިދާޅުވި. އަދި އެހެން ތަންތާނގައި، މިދެންނެވީ ހެރެތެރެ ހުޅުވުމުގެ ރަސްމިއްޔާތުގައި، އެ ކިޔެވި ދަރިވަރުވެސް ވަރަށް ރީތިކޮށް ކިޔެވި. އަދި ގަމުގެ އެއަރޕޯޓް، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބަދަލުވި ޖަލްސާގައި ކިޔެވި ދަރިވަރުވެސް ވަރަށް ރީތިކޮށް ކިޔެވި. އަދި އެހެން ރަށްތަކުގައިވެސް މި ކިޔެވި ހުރިހާ ކުދިން، ކީރިތި ޤުރްއާން ކިޔަވާފައިވަނީ ވަރަށް ރީތިކޮށް، ތަޖުވީދުގެ މަގުން ވަރަށް މޮޅަށް. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް، ބެލެނިވެރިންނަށާއި، އަތޮޅުގެ ރައްޔިތުންނަށާއި، ކިޔެވި ކުދިންނަށް ވަރަށް ބޮޑަށް މަރްޙަބާ ކިޔާ ވާހަކަ ބުނެލަން ބޭނުންވީ.

އާދެ! މި ވާހަކަތައް ދަންނަވާލުމުގެ ފުރުޞަތަކަށް އެދުނީ. ވަރަށް ބޮޑަށް ޝުކުރިއްޔާ.

والســّلام عليــكم ورحـمــة اللّـه وبـركاتـه