بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وأصـحَابِه أجمـعـين.

އާދެ! އަޅުގަނޑު އައްޑުއަތޮޅަށް މިހާރު ކުރަމުންމިދާ ޒިޔާރަތުގައި، މިވަގުތު އައިސް މިހިރީ ތިޔަބޭފުޅުންގެ ލޮބުވެތި ރަށް މަރަދޫގައި. މަރަދޫގެ ރައްޔިތުންގެ ފަރާތުން ދެންމެ މިތާނގައި ވާހަކަފުޅު ދެއްކެވި މަރަދޫ ބޮޑުކަތީބު އަލްފާޟިލް މުޙަންމަދު ދީދީގެ ވާހަކަފުޅުގައި އަޅުގަނޑަށް ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، އޭނާއަށާއި ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެފަދައިން، އޭނާގެ ވާހަކަފުޅުގައި، އަޅުގަނޑާ ބެހޭގޮތުން ވިދާޅުވި ހެޔޮ ބަސްފުޅުތަކަށްޓަކައިވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! އަލްފާޟިލް މުޙަންމަދު ދީދީއަކީ، ތަންކޮޅެއް ހަރު ބޭފުޅަކަށްވުމާއި، ތަންކޮޅެއް ގިނަދުވަސްތައް ދެކެވަޑައިގެންފައިވާ ބޭފުޅަކަށްވާތީ، އަދި ރާއްޖޭގެ ކަންތައްތައް ކުރީގައި އޮތްގޮތް އޭނާގެ އަމިއްލަ ލޯފުޅުން ދެކެވަޑައިގެންފައިވާ ބޭފުޅަކަށްވާތީ، އޭރު ކަންތައްތައް ހުރިނެތްގޮތާއި، މިހާރު ކަންތައްތައް ހުރިނެތްގޮތާ އަޅުއްވައި ބައްލަވައިލެއްވި ބައްލަވައިލެއްވުމަކީ، އަޅުގަނޑު ހިތުން މިތާނގައި ތިއްބެވި އޭނާ ވިދާޅުވިފަދައިން ޢުމުރުން 40 އަހަރު ނުފުރޭ ހަގު މީހުންނަށް ވަރަށްބޮޑު ފިލާވަޅަކަށް ވާނެ ކަމެއްކަމަށް އަޅުގަނޑު ދެކެން.

އާދެ! ކުރީގައި ކަންތައްތައް އޮތްގޮތް އަޅުގަނޑުމެން ހަނދާނެއް ނުހުރޭ. ނުވަތަ އަޅުގަނޑުމެން އެތަނެއް ނުދެކެމު. އެހެންވީމާ، އެކަމެއް ނޭނގޭނެ. ޢުމުރުން 40 އަހަރު ވެފައިވާ ނުވަތަ އެއަށްވުރެ ދޮށީ މީހުންނަށް، އޭރު ރާއްޖެ އޮތްގޮތާއި މިހާރު ރާއްޖެ މިއޮތްގޮތާ، ދެޙާލަތުގެ ތަފާތު ވަރަށް ރަނގަޅަށް ވަޒަން ކުރެވޭނެ. ކޮންމެއަކަސް މިވޭތުވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު ކަންތައްތަކުގެ ވާހަކަ މިތާނގައި ދައްކާކަށެއް އަޅުގަނޑު ނެތިން. އެއީ އަޅުގަނޑު ކުރަން ޖެހޭނެ ކަމެއް ނޫން. އެކަން ދިވެހި ރައްޔިތުން ކުރައްވާނެ. ދިވެހި ރައްޔިތުންގެ ތެރެއިން ތެދަށް ލޯބިކުރައްވާ ބޭފުޅުން ގަބޫލު ކުރައްވާނެ. ހަމައެހެންމެ، އެއީ އަޅުގަނޑުމެންގެ ތާރީޚުގެ ބައެއް ކަމުގައި އޮންނާނެ. އެކަމަކަށް އިންކާރެއް ނުކުރެވޭނެ. އަޅުގަނޑު ވާހަކަ ދައްކަން ބޭނުންވަނީ، އޭނާ ވިދާޅުވި އެހެން ބައެއް ކަންތައްތަކާ ބެހޭގޮތުން.

މިއީ އަޅުގަނޑު މަރަދުއަށް ކުރާ 14 ވަނަ ދަތުރު. އެންމެފަހުން މިރަށަށް އަޅުގަނޑު އައީ، މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި. އެއީ މިއަތޮޅުގެ ބައެއް ރަށްރަށަށް އުދައެރުމާ ގުޅިގެން ލިބުނު ގެއްލުންތައް ބަލައިލުމަށް ކުރި ދަތުރެއްގައި.

އާދެ! މަރަދުއަކީ މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ސަރުކާރުން ތަރައްޤީގެ ތަފާތު މަޝްރޫޢުތަކެއް ހިންގާފައިވާ ރަށެއް. އަދި މިހާރުވެސް ބައެއް މަޝްރޫޢުތައް މިތާނގައި ހިނގަމުން އެބަދޭ. އޭގެތެރެއިން މާބޮޑު މަޝްރޫޢަކަށް ނުވިޔަސް، ޞިއްޙީ މަރްކަޒަށް އިތުރު ކުރެވޭ ބައި އިމާރާތް ކުރުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. އިމާރާތުގެ މަސައްކަތް ވަނީ ނިމިފައި. ކުރީގެ އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ހިނގަމުންދަނީ.

މިރަށުގެ ބަނދަރުގެ ވާހަކަ، ދެންމެ ބޮޑުކަތީބުގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ. އާދެ! ބަނދަރުވަނީ ކުރިން ހަދާފައި. އެހެން ނަމަވެސް، ސުނާމީ ކާރިސާގައި މި ބަނދަރަށްވަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައި. އެހެންވީމާ، ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ހިނގަމުން އެ ދަނީ. ބަނދަރު މަރާމާތު ކުރާއިރު، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ޙާލަތަށް އަދި އަޅުގަނޑުމެން މިކުރާ މަސައްކަތްތަކަށް އަންނަ ބަދަލު، އެކަންކަމަށްވެސް އަންނަން އެބަޖެހޭ. އެއީ ކުރިން ބަނދަރު އޮތް ފެންވަރަށް، އޮތް މިންވަރަށް، އޮތް ބޮޑުމިނަށް ހަދައިގެން މިހާރަކު ނުފުދޭނެ.

ކަތީބުގެ ވާހަކަފުޅުގައި އެ ވިދާޅުވީ، ކުރިން އޮތް ވަރަށްވުރެ ބޮޑުކޮށް ބަނދަރު ހައްދަވަން ބޭނުންފުޅޭ. އެއީ ރައްޔިތުންގެ ބޭނުންތަކަށާއި، މަސްވެރިންގެ ބޭނުންތަކަށާއި، އަދި އޮޑިވެރިންގެ ބޭނުންތަކަށް، އަދި ޢާންމުކޮށް މި ރަށުގެ އިޤްތިޞާދަށް އެކަމުން އަސަރުކުރާނީ، އެކަމުގެ ފައިދާ ކުރާނީ ބަނދަރު ބޮޑުވެގެން ކަމަށްވާތީ. މި ރަށަށް ވަޑައިގެންނެވި ސަރުކާރުގެ ކަމާބެހޭ އޮފީސްތަކުގެ ބޭފުޅުންނާ ވާހަކަ ދައްކަވައިގެން، އެގޮތް މިހާރު އެއޮތީ ހަމަޖެހިފައި ކަމަށް، ދެންމެ ބޮޑުކަތީބު ވިދާޅުވި. ހަމަނުޖެހި އޮތް ކަމެއްގެ ވާހަކަވެސް ވިދާޅުވި. ކޮންމެވެސް ތޮށިގަނޑެއްގެ ވާހަކަ. އަޅުގަނޑަށް ހީވަނީ އެއީ ދެން މާބޮޑު ކަމަކަށް ނުވާނެހެން. އިރާދަކުރެއްވިއްޔާ، އެކަންވެސް ސަރުކާރުން ހަމަޖައްސައިދޭނެ.

ދެން އޭނާ ވިދާޅުވެއްޖެ، މަރަދޫ ރައްޔިތުންނަށް ދިމާވެފައިވާ އެންމެބޮޑު ދަތިކަމަކީ، ބިމުގެ ދަތިކަމުގެ ވާހަކަ ކަމުގައި. އެއީ ތެދުފުޅެއް. އޭނާ އެ ވިދާޅުވިހެން ވަރަށްގިނަ މީހުން އެ އުޅެނީ ގޯތިގެދޮރުގެ ތަނަވަސްކަން ނުލިބި. މިއީ ހަމައެކަނި މަރަދޫ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލައެއް ނޫން. މި މައްސަލައަކީ، އަޅުގަނޑު މީގެކުރިން، މިއަދު މި ޒިޔާރަތް ކުރި މަރަދޫފޭދޫ ރައްޔިތުންނަށްވެސް ވަރަށް ބޮޑަށް ދިމާވެފައިވާ މައްސަލައެއް. އަދި މިނޫނަސް ރާއްޖޭގެ ވަރަށްގިނަ ރަށްތަކަށް ދިމާވެފައިވާ ވަރަށްބޮޑު މައްސަލައެއް.

އެކަން އެހެންވާން ދިމާވާ ސަބަބަކީ، އަޅުގަނޑުމެންގެ އާބާދީ އިތުރުވަމުންދާ ދިޔުން. އަޅުގަނޑު ކުޑައިރު ހަނދާންހުރޭ. މި ދަންނަވަނީ ވަރަށްކުރީގެ ވާހަކައެއް. އޭރު ރާއްޖޭގައި ތިބީ އަށްޑިހަ ދެހާސް މީހުން. މިހާރު ރާއްޖޭގެ އާބާދީ ތިންލައްކައަށްވުރެ އިތުރުވެގެން ހިނގައްޖެ. އެހެންވީމާ، މި އިތުރުވާ އެންމެންނަށް، ގޯތިގެދޮރު ބޭނުންވާނެ. އެމީހުންނަށް ކާބޯތަކެތި ބޭނުންވާނެ. އެމީހުންނަށް ޞިއްޙީ ޚިދްމަތް ބޭނުންވާނެ. އެމީހުންނަށް ތަޢުލީމު ބޭނުންވާނެ. އެކިއެކި އުފެއްދުންތެރި މަސައްކަތް ކޮށްގެން ކުރިއަށް ދެވޭނެ މަގު ތަނަވަސްވާން އެމީހުން ބޭނުންވާނެ. އާމްދަނީ އިތުރުކުރަން ބޭނުންވާނެ. މިހުރިހާ ކަންތައްތަކެއް މި އަންނަނީ ތަރައްޤީއާ އެކީގައި. މި ކަންތައްތައް އައިމާ، މި ހުރިހާ ކަންތައްތަކަށް އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ. މި ކަންތައްތައް ޙައްލުކޮށްދޭން އެބަޖެހޭ.

އެހެންވީމާ، މިހާރު އަޅުގަނޑުމެންނާ ކުރިމަތިވެގެން މި އުޅޭ މައްސަލަތަކަކީ، ތަރައްޤީގެ ސަބަބުން ދިމާވާ މައްސަލަތަކެއް. ކުރިން ތިބިގޮތަށް، ރާއްޖޭގައި އަށްޑިހަ ދެހާސް މީހުން ދިރިއުޅޭނަމަ، އެތަނުން ގޯއްޗެއް ބޭނުންވާ މީހަކު ނުހުންނާނެ. އޭރު ގޯތިތައްވެސް ވަރަށް ބޮޑެތި. މާލޭގައިވެސް ބޮޑެތި ފަޅުރަށްރަށް ކަހަލަ ގޯތި ހުރި. އެކަމަކު މިހާރު ގޯތިތައް ކުދިވަމުން ކުދިވަމުން އައިސް 1200 އަކަފޫޓް، އެއަށްވުރެވެސް ކުޑަކޮށް، ބައެއް ގޯތިތައް މި ހުންނަނީ. ރާއްޖޭގެ ބައެއް ރަށްރަށުގައި 3000 ވެސް އެބަހުރިކަންނޭނގެ. 2000 އެބަހުރި. އެކަމަކު މާލޭގައި މިހާރު ކުޑަވެގެން ދިޔަދިޔައިނުންގޮސް، މި އަދަދު މާބޮޑުތަން މިވަނީ ކުޑަވެފައި. އެއީ، މީހުން ގިނަވުމުގެ ސަބަބުން ދިމާވާ ކަމެއް. އެކަން އަޅުގަނޑުމެން ޙައްލުކުރަން އެބަޖެހޭ. އެހެންވީމާ، އެކަން ޙައްލު ކުރުމުގެ މަސައްކަތް މިހާރު މި ކުރަނީ.

ދަންނަވާލަން މި އުޅޭ ވާހަކައަކީ، މި އަތޮޅުގެ ހަތަރު ރަށް، ފޭދޫ، މަރަދޫފޭދޫ، މަރަދޫ، ހިތަދޫ، މި ރަށްރަށުގެ ބިން ހިއްކުމުގެ ވަރަށްބޮޑު މަޝްރޫޢެއް މިހާރުވަނީ ރޭވިފައޭ. އެއަށް މި ކިޔަނީ ޗެއިން ރިކްލަމޭޝަން ޕްރޮޖެކްޓް. ސިލްސިލާ ގޮތުގައި ކުރެވޭ ވަރަށްބޮޑު މަސައްކަތެއް. އޭނާ އެވިދާޅުވިގޮތަށް. އަޅުގަނޑަކަށް ޢަދަދުތަކެއް ބަލައިލެވިފައެއް ނެތް. އެހެން ނަމަވެސް، އޭނާ ވިދާޅުވީ ތެދެއް ކަމަށް ގަބޫލުކުރެވޭ. އެއީ ހުޅުމާލެއަށްފަހުގައި، މި ގޮތަށް ބިން ހިއްކޭ އެންމެބޮޑު ސަރަޙައްދު ކަމަށް ވެދާނެ. އެ މަސައްކަތް މިހާރު މިއޮތީ ރޭވިފައި. އެ މަސައްކަތް ޙަވާލުވާނެ ފަރާތެއް ހޯދުމަށްޓަކައި މިހާރުވަނީ ފިނޭންސް މިނިސްޓްރީން ބައިނަލްއަޤްވާމީ ބީލަމަށް ހުޅުއްވާފައި. އެ ބީލަން، މި އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު އެބަ ހުޅުވޭ. ބީލަން ހުޅުވީމާ އެނގޭނީ، އެތަނުން ކޮން ބަޔެއްކަން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާފައި އޮތީ. އެ ބަޔަކާ މަސައްކަތް ޙަވާލުކޮށްގެން ކުރިއަށް ގެންދާގޮތަށް މިއޮތީ.

ބޮޑުކަތީބު މުޙަންމަދުދީދީގެ ވާހަކަފުޅުގައި ވިދާޅުވި، ތިމަންނާމެންނަށް ތިކަން ވަރަށް ރަނގަޅޭ. އެކަމަކު ތިމަންނާމެން ބޭނުންވަނީ، އެތަން ފެންނާނެ ދުވަހެއް އައުމޭ. އަޅުގަނޑު ހިތުން އެންމެންވެސް ބޭނުންވާނެ، އަޅުގަނޑުވެސް ބޭނުންވަނީ އެހެން. މަޝްރޫޢެއް ރޭވިފައި އޮތަކަސް ނުވަތަ އޭގެ ވާހަކަ ދެކެވުނަކަސް، އެއަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތް. އެކަން އެބަ ހިނގަންޖެހޭ. މިހާރު ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ފެށުނީމާ އެނގިވަޑައިގަންނަވާނެ، އެކަންވެސް އެބަ ހިނގާކަން. ހަމަ އެގޮތަށް އިރާދަކުރެއްވިއްޔާ، ބީލަން ކާމިޔާބުކުރާ ފަރާތަކުން މި އަހަރުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ފެށީމާ، ދެން އެނގިވަޑައިގަންނަވާނެ އެކަންވެސް އެބަ ހިނގާކަން.

މިހެން ދަންނަވާއިރު، ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދޭގޮތަށް ވަރަށްގިނަ ގޮތްގޮތަށް މީހުން ވާހަކަ ދައްކާކަން އަޅުގަނޑަށް އެނގޭ. އެންމެފަހުން ހެރަތެރާގައި އިއްޔެ މި ހުޅުވުނު ރިޒޯޓު ހުޅުވުނުއިރު، އެތާނގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި މި ވިދާޅުވަނީ، އެ ރިޒޯޓު ތަރައްޤީ ކުރެއްވުމުގެ ވާހަކަ، މީގެ ދެ އަހަރު ކުރިން އައްޑުއަތޮޅުގައި ދެއްކެވީމާ، ވަރަށްގިނަ ބަޔަކު ގަބޫލެއްނުކުރިއޭ. އެމީހުން ބުންޏޭ، ތިއީ އަނެއްކާ ހުވަފެނެއް ދައްކަވަނީއޭ. ތިޔަ ހުވަފެން ދުވަހަކުވެސް ޙަޤީޤަތަކަށް ނުވާނެޔޭ. މި ސަރުކާރަކުން ތިޔަ ކަމެއް ކޮށެއްނުދޭނެޔޭ. މިކަހަލަ ވާހަކަ މީހުންގެ ތެރޭގައި އެ ފަތުރަނީ. އެހެން ނަމަވެސް، އޭރުއްސުރެ ފަށައިގެން ވަރަށް ބާރަށް މަސައްކަތް ކޮށްގެން، އިރާދަކުރެއްވީތީ، އެންމެ 16 މަސް ދުވަހުގެ ތެރޭގައި އެއޮތީ ހެރަތެރަ ތަރައްޤީ ކުރެވި، އެތަން ރަސްމީގޮތުން ހުޅުވިފައި. މިއީ ޙަޤީޤަތަކީ.

ހަމަ އެގޮތަށް، ގަމުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުވެސް އެއޮތީ މިހާރު ހުޅުވި އިފްތިތާޙު ކުރެވިފައި. ބޭރުން އަންނަ ބޯޓުފަހަރު ސީދާ އެ ޖައްސަނީ ގަމަށް. މާލެއަށް ދިޔުމަކާނުލާ. ދަތުރުފަތުރު ކުރުމުގެ ލުއިފަސޭހަތައް އެ ލިބުނީ ފަތުރުވެރިންނަށާއި އަދި އެނޫން މީސްމީހުންނަށް. އޭގެ ސަބަބުން މި އަތޮޅުގެ ތަރައްޤީއަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެ. މިހިރީ ކަންތައްތައް ވަމުންދާގޮތް. އެހެންވީމާ، މި ދައްކާ ވާހަކަތައް އެއްގޮތަކަށްވެސް އަޑު ނާއްސަވާށޭ ދަންނަވަން ބޭނުންވަނީ. މިވެނި ކަމެއް ކޮށެއްނުދޭނެއޭ، ނުކުރާނެއޭ، އެއީ ހުވަފެނެކޭ. މިހެން މި ދައްކާ ވާހަކަ އެދައްކަނީ ހަމައެކަނި ފިތުނަ އުފައްދަން. ރައްޔިތުންގެ މެދުގައި ހިތްހަމަނުޖެހުން އުފައްދަން ކުރާ މަސައްކަތެއްގެ ގޮތުގައި.

އާދެ! ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް މި ކުރާ މަސައްކަތްތައް އިރާދަކުރެއްވިއްޔާ، ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ. ރައްޔިތުންނަށް ދޭންޖެހޭ ޚިދްމަތްތަކަށް، ކޮންމެ އަހަރެއްގެ ބަޖެޓުގައި ވަރަށްގިނަ ކަންތައްތަކެއް އެބަ ހިމެނޭ. މި އަހަރުގެ ބަޖެޓަކީ ވަރަށްބޮޑު ބަޖެޓެއް. ވަރަށްގިނަ އަތޮޅުތަކަށް، ވަރަށްގިނަ ރަށްރަށަށް ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދިނުމުގެ ކަންތައް އެބަޖެޓުގައި ހިމެނިފައިވާނެ.

ދެން އަޅުގަނޑު ވަރަށް ހިތާމަކުރަން. ބައެއް ކަންތައްތައް ވާނެކަމުގެ އުންމީދު ލިބިފައި ނުވަތަ ފެށޭގޮތަށް އޮތް ކަމުގެ ޚަބަރު ލިބިފައި، އެ ކަންތައްތައް ނުހިނގާތީ. އެ ކަންތައްތައް އެހެން ވެފައި ހުރުމަކީ ވަރަށް ދެރަ ކަމެއް. އެ ވިދާޅުވި ބޯޅަދަނޑުގެ ވާހަކަ. އަދި މިސްކިތެއްގެ ވާހަކަ ވިދާޅުވެއްޖެ. އަޅުގަނޑު ވަރަށް ހިތާމަކުރަން. އެކަންތައް އެހާ ކުރިން ތިޔަބޭފުޅުންނާ ހަމައަށް އައިސް، އެކަންތައް ނުވެ އޮތީމާ. އެއީ އެއްގޮތަކަށްވެސް އެހެން ވެގެންވާނެ ކަމެއް ނޫން. އެކަން ބެލީމާ އަޅުގަނޑަށް އެނގޭނީ، ކީއްވެގެންކަން ލަސްވެފައި އެއޮތީ. އެކަންތައްތައް އެބޭފުޅުން އެވިދާޅުވިގޮތަށް ނުހިނގާ އެހުރީ ކޮން ސަބަބެއް ދިމާވެގެންކަން. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ އެކަން ބަލާނަން.

ދަންނަވާލަން މިއުޅެނީ، ފަހަރެއްގައި ވެދާނެއޭ އެއީ ބަޖެޓުގެ މައްސަލައަކަށް. އެއީ މިޒަމާނުގެ ފެންވަރަށް މިސްކިތެއް އިމާރާތް ކުރުމަކީވެސް ވަރަށްގިނަ އަދަދަކަށް ފައިސާ ޚަރަދުވާނެ ކަމެއް. އެފައިސާ ބަޖެޓުގައި ހިމެނިފައި ނެތިއްޔަކާ، ބިން އޮތަކަސް ޚަރަދު ކުރެވޭނެ ގޮތެއް ނޯންނާނެ.

އެހެން ކަންތައްތައްވެސް މިހުރީ ހަމައެހެން. ސަރުކާރުގެ އެކި ދާއިރާތަކުން އިހުމާލުވެވަޑައިގަންނަވާތީކީ ނޫން. މިސާލަކަށް، ކަމާބެހޭ ވުޒާރާއިން އޮވެދާނެ ހަމަ އެކަން ބަޖެޓުގައި ހިމަނުއްވާފައި. އެހެން ނަމަވެސް، ބަޖެޓުގައި ހިމަނުއްވާ ހުރިހާ ކަމެއް ހަމަޖެހިގެނެއް ނާދޭ. އެއީ ހުރިހާ ދާއިރާތަކުން ހުށަހަޅުއްވާ ބަޖެޓުގެ ޖުމްލައަށް ބަލާއިރު، އެއީ ސަރުކާރުން ކުރެވޭވަރުގެ ޚަރަދަކަށް ނުވޭ. އޭގެތެރެއިން އެތައް ބައެއް އުނިކުރަން އެބަ މަޖުބޫރުވޭ. އުނިކުރާ އުނިކުރުމުގެ ތެރޭގައި، ބައެއް ކަންތައްތައް އެބަދޭ ހުއްޓިގެން ނުވަތަ ލަސްވެގެން.

އެހެންވީމާ، ބަޖެޓުގައި ފައިސާ ނެތިގެން، ބައެއް ކަންތައްތައް ނުކުރެވި ހުރުމަކީ، ވަރަށް އެކަށީގެންވާ ކަމެއް. އެކަން އަޅުގަނޑުމެން އެބަޖެހޭ ގަބޫލުކުރަން. އެއީ ދިވެހިރާއްޖެއަކީ ވަރަށް ކުޑަކުޑަ ޤައުމަކަށްވެފައި، މުއްސަނދިކަމުގެ ވަސީލަތްތައް ވަރަށްމަދު ޤައުމަކަށްވާތީ. ސަރުކާރަށް ލިބޭ އާމްދަނީވެސް މަދުކަމަށްވާތީ. ސަރުކާރުން ޚަރަދެއް ކުރެވޭނީ، ޚަރަދު ކުރަން އެ ފައިސާ ސަރުކާރުގެ ޚަޒާނާއަށް ވަދެގެން. އަތުގައި ނެތް އެއްޗަކުން ޚަރަދެއް ނުކުރެވޭނެ. ބަޖެޓު މި ހަދަނީ ލިބޭނެ ކަމަށް އަންދާޒާ ކުރާ ފައިސާގެ ތެރެއިން ހެދޭ ގޮތަކަށް. އެހެންވީމާ، ސަރުކާރުން ތިލަފަތް ހަމަ ބަޖެޓެއް، ރައްޔިތުންގެ މަޖިލީހަށް މި ހުށަހަޅަނީ. މި އަހަރުވެސް އަދި ކުރީ އަހަރުތަކުގައިވެސް. މާނައަކީ، ސަރުކާރުން ކުރާ ޚަރަދު ދެކޮޅުޖެއްސޭ ބަޖެޓެއް. ލިބޭ އެއްޗަކުން ޚަރަދު ކުރެވޭ ބަޖެޓެއް. މި ވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި އެހެން މި ދިޔައީ.

އެހެން ނަމަވެސް، މި އަހަރު އެފަދަ ބަޖެޓެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީމާ، ވަރަށް ޚާއްޞަ ބޭނުމަކަށް މަޖިލީހުން 100 މިލިޔަން ރުފިޔާ އިތުރުކުރެއްވީމާ، މިހާރު މިއޮތީ 100 މިލިޔަން ރުފިޔާ ޑެފިސިޓްވާ ބަޖެޓެއްގެ ގޮތުގައި. އެ 100 މިލިޔަންވެސް، ކޮންމެވެސް ގޮތަކުން ސަރުކާރުން ހޯދަން އެބަޖެހޭ. ހޯދައިގެން ނޫނީ ބަޖެޓް ދެކޮޅެއް ނުޖެއްސޭނެ. އެ މަސައްކަތްވެސް ސަރުކާރުން ކުރާނެ.

ދަންނަވަން މި އުޅޭ ވާހަކައަކީ، އަޅުގަނޑުމެންނަށް އާމްދަނީ ލިބޭ ވަރަކުންނޭ ޚަރަދު ކުރެވޭނީ. އެހެންވީމާ، އަޅުގަނޑުމެން ބޭނުންވާ ކިތަންމެ ކަމެއް ނުކުރެވި ހުރެދާނެ. ކުރަން ބޭނުންވާ، ރައްޔިތުންވެސް ބޭނުންވާ، ސަރުކާރުންވެސް ބޭނުންވާ ކިތަންމެ ކަމެއް ނުކުރެވި ހުރެދާނެ. އެއީ އަޅުގަނޑުމެންގެ އަތުގައި އެވަރަށް ފައިސާ ނެތީމާ. ބޭރުގެ އެހީވެސް މި ލިބެނީ ވަކިގޮތަކަށް. ވަކިކަހަލަ މަޝްރޫޢުތަކަކަށް. ބޭނުންވާ ހުރިހާ ކަމަކަށް ނުވެސް ލިބޭނެ. އެ މަސައްކަތްވެސް ޖެހޭނެ ވަރަށް ބާރަށް ކުރަން. އެހީގެ ގޮތުގައި ދެގޮތަކަށް ފައިސާ އެބަ ލިބޭ. އެއްގޮތަކީ ބައެއް ޤައުމުތަކުން ނުވަތަ ބައެއް ޖަމާޢަތްތަކުން ދީފާނެ ހިލޭ އެހީ. އަނބުރާ ދައްކަން ނުޖެހޭގޮތަށްދޭ ފައިސާ. އެއީ ދެން ވަރަށްބޮޑު ހެވެއް. އެހެން ނަމަވެސް، ގިނަ ޖަމާޢަތްތަކުން، ގިނަ އިދާރާތަކުން، ބައިނަލްއަޤްވާމީ ގިނަ ތަންތަނުން މި ދެނީ ލޯނު. ދަރަންޏަށް ފައިސާ ދޫކުރަނީ. އެ ދަރަނި އަޅުގަނޑުމެން އަނބުރާ ދައްކަން އެބަޖެހޭ. އޭގެ އިންޓްރެސްޓާ އެކީގައި. މިއީވެސް ވަރަށްބޮޑު ބުރައެއް. ބަޖެޓަށްވެސް އަންނަ، ރައްޔިތުންނަށް އަންނަ. އެހެންވީމާ، ލޯނު ނަގާއިރުވެސް އެބަ ވިސްނަންޖެހޭ، އަޅުގަނޑުމެންނަށް ދެއްކޭވަރުގެ ލޯނު ނެގުމަށް. އަޅުގަނޑުމެން ނަގާ ލޯނުތަކުގެ ބުރަ އުފުލޭވަރުގެ ލޯނެއް ނެގުމަށް. ބޭނުންވާ ހުރިހާ ކަމަކަށް ލޯނު ނަގައިގެން، މިހެނެއް ނެހެދޭނެ. މި ކަންތައްތައް މިހެން ހުރީމާ، ބައެއް ކަންތައްތައް އެބަ ލަސްވޭ. އެކަން ރައްޔިތުން ގަބޫލު ކުރައްވާނެ ކަމަށް އަޅުގަނޑު ހީކުރަން.

އާދެ! އަޅުގަނޑު އައްޑުއަތޮޅަށް މި ކުރާ ދަތުރުގައި، މިރަށުގެ ލޮބުވެތި ދަރިޔަކު އެބަ ބައިވެރިވެވަޑައިގެންދެއްވާ. ފުރަތަމަ ސަފުގެ އެންމެ އެކޮޅުގައި އެ އިންނެވީ. އަލްފާޟިލް އިބްރާހީމް ޝަރީފް. އެހެންނަމަވެސް، މަޝްހޫރު ނަމަކީ މަވޯޓާ ޝަރީފް. އަލްފާޟިލް އިބްރާހީމް ޝަރީފަކީ ވަރަށް ޚިދްމަތްތެރި ބޭފުޅެއް. ރައްޔިތުންގެ މަޖިލީހުގެ މި އަތޮޅުގެ ޢިއްޒަތްތެރި މެންބަރެއް. އަދި އެގޮތުން ޚާއްޞަ މަޖިލީހުގެވެސް ޢިއްޒަތްތެރި މެންބަރެއް. އޭނާއަކީ ސަރުކާރުގެ ދިފާޢުގައި ވަރަށް ރަނގަޅަށް ވަކާލާތުކޮށްދެއްވައި، އަޅުގަނޑުމެން ބޭނުންވާ ގޮތަށް ކަންތައްތައް ގެންދިޔުމަށް ވަރަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވާ ބޭފުޅެއް. ވަރަށްމޮޅު ވާހަކަ ދެއްކުންތެރިއެއް. އެހެންވީމާ، އެފަދަ ބޭފުޅަކު މި ރަށުން އުފެދުނީމާ، ރަށުގެ ރައްޔިތުންނަށް އަޅުގަނޑު ތަހުނިޔާ އަދާކުރަން. އަދި ދިވެހި ރައްޔިތުންނަށާއި، އައްޑުއަތޮޅުގެ ރައްޔިތުންނަށާއި، އަދި ޚާއްޞަކޮށް މަރަދޫގެ ރައްޔިތުންނަށާއ، ދިވެހި ސަރުކާރަށް އިބްރާހީމް ޝަރީފް އެ ކޮށްދެއްވާ ޚިދްމަތްތަކަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު އޭނާއަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ފަހުން، ޝަރީފްގެ ވާހަކަފުޅުވެސް އެބައޮތް. އެހެންވީމާ، ދެން މާ ދިގުކުރާކަށް އަޅުގަނޑު ނެތިން. ޝަރީފަކީ އަޅުގަނޑު ދެންނެވިހެން، ވަރަށްމޮޅު ވާހަކަ ދެއްކުންތެރިއެއް. ދައްކަވާ ވާހަކަފުޅު ވަރަށް މޮޅުވާނެ.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، ތިޔަ ހުރިހާ ބޭފުޅުންނަށް އުފާވެރިކަމާއި، ފުރިހަމަ ޞިއްޙަތާއި ޢާފިޔަތަށް އެދެމުން. اللّـه سبحـانـه وتعـالى ތިޔަބޭފުޅުންނަށާއި އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވާށި! އަޅުގަނޑުމެން އެންމެން މި ކުރާ މަސައްކަތުގައި ބަރަކާތް ލައްވާށި! ދިވެހިރާއްޖެއަށާއި، ދިވެހި ރައްޔިތުންނަށާއި، އަޅުގަނޑުމެން އެންމެންނަށް ހެޔޮގޮތްތައް މިންވަރުކޮށްދެއްވާށި! އަދި އަޅުގަނޑުމެންނަކީ އަބަދުވެސް މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭ ބަޔަކު ކަމުގައި ލައްވާށި! އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން މިންވަރުކޮށްދެއްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه