މިހިނގާ ޖޫން މަހުގެ 19 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2019 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 10 ވަނަ ޖަލްސާއިން ފާސްކުރެއްވި "ރިޔާސީ ކޮމިޝަންތަކުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

މި ބިލަކީ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން އެކިއެކި ތަޙުޤީޤުތައް ކުރުމަށް ނުވަތަ ޤައުމީ މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާ ކޮމިޝަންތަކުގެ މަސްއޫލިއްޔަތުތައް އެކަށައެޅޭ ގޮތާއި، އެކޮމިޝަންތަކުގެ ބާރުތަކާއި، މަސައްކަތްތައް އިންތިޒާމުކޮށް ހިންގުމާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ބިލެކެވެ.

މި ބިލުގެ މަޤްޞަދަކީ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން އެކިއެކި ތަޙްޤީޤުތައް ކުރުމަށް ނުވަތަ ޤައުމީ މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާ ކޮމިޝަންތަކުގެ ބާރުތަކާއި އެ ކޮމިޝަންތަކުގެ މަސްއޫލިއްޔަތުތައް އެކަށައެޅޭނެގޮތް ބަޔާންކުރުމެވެ.

މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ.