1. ސުވާލު: މަނިކުފާނު އިންޑިޔާއަށް މި ކުރައްވާ ދަތުރުފުޅުގެ މައިގަނޑު ބޭނުންފުޅަކީ ކޮބައިތޯ؟

 

ރައީސުލްޖުމްހޫރިއްޔާ:

މިދަތުރުގައި މައިގަނޑު ދެ ބޭނުމެއް އެބައޮތް. އެއްކަމަކީ، އިންޑިޔާގެ "ޓެރީ" ކިޔާ އޯގަނައިޒޭޝަނަކުން ބާއްވާ ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް ސަމިޓް. އެއީ ދެމެހެއްޓެނިވި ތިމާވެށްޓާބެހޭ ސަމިޓް. އެޖަލްސާގައި ބައިވެރިވުމަށް އަޅުގަނޑަށް އެފަރާތުން ދަޢުވަތު ދެއްވާފައިވާތީ، އެޖަލްސާގައި ބައިވެރިވުން. އެކަން މިއޮތީ އިރާދަކުރެއްވިއްޔާ މާދަމާ. އެއީ އެއްބައި. އެ ޖަލްސާގައި އަޅުގަނޑު ވާހަކަ ދެއްކުމާއި، އަދި ޕެނަލް ޑިސްކަޝަނެއްގައި ބައިވެރިވުމާއި، އަދި އެތާނގައި ކްލައިމެޓް ޗޭންޖާ ބެހޭގޮތުން ތައްޔާރު ކުރައްވާފައިވާ މަޢުރަޒެއް ހުޅުވައިދިނުމާއި، މިކަންތައްތައް އެބައޮތް. ދެން އޭގެފަހުން، މިމަހުގެ 11 ވަނަ ދުވަހު އެބައޮތް އިންޑިޔާއަށް ކުރާ ސްޓޭޓް ވިޒިޓެއް. އެންމެމަތީ ފެންވަރުގެ ފުރަމާނަ ދަތުރެއް. އެއީ އިންޑިޔާ ސަރުކާރުގެ ދަޢުވަތަކަށް އަޅުގަނޑު ކުރާ ދަތުރެއް. އެދަތުރުގައި އިންޑިޔާގެ ރައީސާގެ އަރިހަށް ޒިޔާރަތް ކުރުން އެބައޮތް. އަދި ރައީސާ ދެއްވާ ފަރިއްކޮޅެއްގައި ބައިވެރިވުންވެސް އެބައޮތް. ބޮޑުވަޒީރާ ބައްދަލުކޮށް ވާހަކަ ދެއްކުން އެބައޮތް. އަދި އެހެން ބައެއް ވަޒީރު ބޭފުޅުންނާވެސް ބައްދަލުކުރުން އެބައޮތް. މި ދެބޭނުމުގައި އަޅުގަނޑު މިދަތުރު މިކުރަނީ.

2. ސުވާލު: އެގްރީމެންޓެއްގައި ސޮއިކުރުންވެސް އެބައޮތް އެހެންނޫންތޯ؟ އެއީ ކޮން އެގްރީމެންޓެއްތޯ؟


ރައީސުލްޖުމްހޫރިއްޔާ:

އާދެ! ދެން ތިޔަ އެގްރީމެންޓްތަކަކީ އަބަދުވެސް އަޅުގަނޑުމެން ދެޤައުމުގެ ދޭތެރޭގައި މި އޮންނަ އެއްބާރުލުމުގެ ގޮތުން، ތަފާތު ކަންތައްތަކުގައި ކުރެވޭ އެގްރީމެންޓްތައް. އޭގެތެރެއިން ވަރަށް މުހިންމު އެއްޗެއް އެބައޮތް. އަދި އެގްރީމެންޓްގެ އިތުރަށް އިންޑިޔާއާއި ދިވެހިރާއްޖެއާ ދޭތެރޭގައި މިއޮންނަ ގުޅުން އިތުރަށް ބަދަހިކޮށްދޭނެ ޖަމާޢަތެއް އުފެއްދުން. އެކަންތައްވެސް އޮންނާނެ. އޭގެ ބޭނުމަކީ، އަބަދުވެސް އަޅުގަނޑުމެންގެ ރައްޔިތުންގެ މެދުގައި، ދިވެހި ރައްޔިތުންނާއި އިންޑިޔާ ރައްޔިތުންނާ ދޭތެރޭގައި އެއްބާރުލުން އުފެއްދުމާއި، އެކިކަންކަމުގައި އެކިއެކި ފުރްޞަތުތައް ހޯދުމާއި، މިގޮތަށް މަސައްކަތް ކުރުން. އެހެންވީމާ، މިއީ ދެން އަބަދުވެސް މިކަހަލަ ދަތުރުތަކުގައި އެކަން އޮންނަގޮތް.

3. ސުވާލު: އިންޑިޔާއާއި ރާއްޖެއާ ދެމެދު ވަރަށް ރަނގަޅު ގުޅުމެއް އެބައޮތް އެހެން ނޫންތޯ! މިދަތުރުފުޅުގައި މިގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ކިހާވަރަކަށް ބައްލަވާނަންތޯ؟


ރައީސުލްޖުމްހޫރިއްޔާ:

މިދަތުރުގެ އެންމެބޮޑު ބޭނުމަކީ އެއީ. މިދެންނެވީ ތިމާވެށްޓާބެހޭ ޖަލްސާގައި ބައިވެރިވުން މިކަމުގެ ތެރޭގައި އޮތް ނަމަވެސް، ދަތުރުގެ އެންމެބޮޑު ބޭނުމަކީ، ދިވެހިރާއްޖެއާއި އިންޑިޔާއާ ދޭތެރޭގައި މިއޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ތަރައްޤީ ކުރުން. އިތުރު ދާއިރާތަކުގައި ގުޅުން އުފެއްދުން. އެނގިވަޑައިގަންނަވާނެ ފަދައިން، އިންޑިއާއަކީ ތިޔަ ވިދާޅުވިހެން އޭޝިޔާގެ ވަރަށް ބުރަދަން ބޮޑު ޤައުމެއް. އަދި ޚާއްޞަކޮށް، ދެކުނު އޭޝިޔާގެ އެންމެބޮޑު ޤައުމު. އެންމެ މީސްގިނަ ޤައުމު. އަދި ހުރިހާ ގޮތަކުން ބަލާއިރުވެސް އަޅުގަނޑުމެންނަށް އެންމެ އެހީތެރިކަން ބަހައްޓާ ޤައުމު. ދިވެހިރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި އިންޑިއާގެ އެހީތެރިކަން ލިބެމުންދަނީ ވަރަށް ފުރިހަމަކޮށް. ވަރަށް އަވަހަށް. ނޮވެމްބަރ 88ގެ ހާދިސާގައިވެސް އެކަން އެއޮތީ ސާބިތުވެފައި. އަދި ސުނާމީ ކާރިސާގެ ފަހުންވެސް އެކަން ވަރަށް ބޮޑަށް ފާޅުވެގެން ގޮސްފައި އެވަނީ. އެހެންވީމާ، އިންޑިޔާއާއި ރާއްޖެއާ ދޭތެރޭގައި މި އޮންނަ ގުޅުން ޙަޤީޤަތުގައި މިހާރު މިއޮތީ ވަރަށް މަތީ ފެންވަރެއްގައި. އިންޑިއާގެ އެންމެ މަތީ ވެރިންނާއި ރާއްޖޭގެ އެންމެމަތީ ވެރިންނާ ވަރަށް ބޮޑަށް ދެބައިމީހުންގެ ދޭތެރޭގައި ރަޙްމަތްތެރިކަން މިއޮތީ ބަދަހިވެފައި. އެއްބާރުލުން މިއޮތީ ބަދަހިވެފައި. އެހެންވީމާ، އަޅުގަނޑުމެންގެ ޤައުމުގެ ތަރައްޤީއަށާއި ސަލާމަތަށްޓަކައި އިންޑިއާއި ރާއްޖެއާ ދޭތެރޭގައި އޮންނަ ގުޅުން އަބަދުވެސް ވަރަށް ރަނގަޅު ފެންވަރެއްގައި ބަދަހިކޮށް ތަރައްޤީ ކުރުމަކީ، ވަރަށް މުހިންމު ކަމަކަށް މި އޮންނަނީ ވެފައި. އެހެންވީމާ، އެއީ ދެން މި ދަތުރުގައި، އިންޑިއާއާ ދޭތެރޭގައި ހަމަ އަޅުގަނޑުމެން ގެންގުޅެން ބޭނުންވާ ސިޔާސަތަކީ. އަދި ކުރަން ބޭނުންވާ ކަންތައްތަކަކީ.

4. ސުވާލު: ތިމާވެށީގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަކީ، ރާއްޖެއަށް ކިހާ މުހިންމު ކަމެއްތޯ؟


ރައީސުލްޖުމްހޫރިއްޔާ:

ދިވެހިރާއްޖެއަށް ތިމާވެށީގެ މައްސަލަތަކަކީ އެންމެ މުހިންމު މައްސަލަތައް. އެއީ ރާއްޖޭގެ ކުޑަކަމާއި އަދި ރާއްޖޭގެ ޖަޒީރާތަކުގެ ފަސްގަނޑު ތިރިކަމާއި، މޫސުމަށް މި އަންނަ ބަދަލާއި، އަދި ޖައްވު ހޫނުވުމާއި، އޭގެ ސަބަބުން ދިމާވާނެ ކަނޑުގެ ލޮނުގަނޑު އުފުލުމާއި، މިކަންކަން މިގޮތަށް ދިމާވާތީ، ތިމާވެށީގެ މައްސަލަތަކަކީ، ރާއްޖެ އެންމެބޮޑަށް ކަންބޮޑުވާން ޖެހިފައި އޮތް މައްސަލަތައް.

އެހެންވީމާ، މިކަމުގައި އަޅުގަނޑުމެން މި ކުޅޭ ބައި، މިދެންނެވީ ދިވެހިރާއްޖެއިން 1987ން ފެށިގެން މިވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ބައިނަލްއަޤްވާމީ ޖަމާޢަތުގެ ތެރޭގައި ކުރެވިފައި. ވަރަށްގިނަ ޖަލްސާތަކުގައި ސީދާ އަޅުގަނޑުވެސް ވާހަކަ ދައްކައި ވަކާލާތުކޮށްފައިވާނީ. އަދި އަޅުގަނޑު ނޫނަސް ރާއްޖޭގެ ތަފާތު ވަޒީރުން، އަދި އެނޫން ބޭފުޅުންވަނީ މިޖަލްސާތަކުގައި ބައިވެރިވެވަޑައިގެން، އަޅުގަނޑުމެންނަށް މި ދިމާވާ މައްސަލަތަކާއި އަދި ތިމާވެށީގެ ނުރައްކާތައް ހުރިގޮތް ވަރަށް ބޮޑަށް ކިޔައިދެއްވާފައި.

އެންމެ ފުރަތަމަ އަޅުގަނޑުމެން މިކަން ފެށިއިރު ބައިނަލްއަޤްވާމީ ޖަމާޢަތްތަކަށް މިކަން އެހާ ބޮޑަކަށް އެނގިފައެއްވެސް ނެތް. މި ދެންނެވީ ޖައްވު ހޫނުވުމަކީ ކޮބައިކަމާއި، ކަނޑުގެ ލޮނުގަނޑު އުފުލެމުންދާނެކަމާއި، މިކަންކަމަކީ ބައެއް ބޭފުޅުންނަށް އަޅުގަނޑުމެން ވާހަކަ ދައްކަން ފެށިއިރު، މުޅިން އާ ކަންތައްތައް. ނުވެސް އައްސަވާ. އެހެންނަމަވެސް، ދިވެހިރާއްޖެފަދަ ކުޑަ ޤައުމަކުން މިކަން ފަށައިގެން ގެންދިޔައީމާ، ބައްލަވާ މިހާރު މުޅި ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް މިކަން ދެނެގަނޭ. އަދި ދިވެހިރާއްޖޭގައި 1989ވަނަ އަހަރު، ގާތްގަނޑަކަށް މީގެ 19 އަހަރު ކުރިން ބޭއްވި ކުދި ޖަޒީރާ ޤައުމުތަކުގެ ޖަލްސާއެއް. މި ޖަލްސާ ބާއްވައިގެން، ތިމާވެށްޓާ ބެހޭގޮތުން ވާހަކަ ދައްކާފައި، އޭގެ މައްޗަށް ބިނާކޮށް، "އެއޯސިސް" މިއުފެދުނީ. އެއީ ކުދި ޖަޒީރާ ޤައުމުތަކުގެ ޖަމުޢިއްޔާއެއް ޔޫ.އެން.ގައި އޮންނަ. މި ޖަމުޢިއްޔާއިން ވަރަށް ބޮޑެތި މަސައްކަތްތައް ކޮށްގެން ކިޔޯޓޯ ޕްރޮޓޮކޯލް ކާމިޔާބުވީ.

އެހެންވީމާ، އަޅުގަނޑުމެން ކުދި ޤައުމުތަކުން އެންމެން އެއްބާރުލައިގެން މަސައްކަތް ކުރީމާ، އިރާދަކުރެއްވިއްޔާ ވަރަށް ބޮޑެތި ކަންތައްތައް ބައިނަލްއަޤްވާމީ މައިދާނުގައި އެބަ ޙާޞިލުވޭ. ދަންނަވަން މިއުޅޭ ވާހަކައަކީ، ތިމާވެށީގެ މައްސަލަތަކަކީ ރާއްޖެއަށް އެންމެ ނުރައްކާތެރި، އެންމެ ނާޒުކު މައްސަލަތަކޭ. މިކަންކަމުގައި އަޅުގަނޑުމެން ވާނެޔޭ، އަޅުގަނޑުމެންނަށް ދިމާވާ ކަންތައްތައް ބައިނަލްއަޤްވާމީ ޖަމާޢަތަށް ރަނގަޅަށް ކިޔައިދީ، އަދި އެފަރާތްތަކުގެ ހަމްދަރުދީއާއި އެއްބާރުލުން ހޯދައި، އަދި މިކަންތައްތަކުން މުޅި ދުނިޔެއާއި ރާއްޖެއާއި އަދި އެހެން ކުދި ޤައުމުތައް ސަލާމަތް ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރަން.

5. ސުވާލު: މިދަތުރުފުޅުގައި އިޞްލާޙީ ޕްރޮގްރާމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުން އޮންނާނެތޯ؟


ރައީސުލްޖުމްހޫރިއްޔާ:

އިޞްލާޙީ ޕްރޮގްރާމަކީ ވަރަށް މުހިންމު ޕްރޮގްރާމެއް. އިރާދަކުރެއްވިއްޔާ ވަރަށް ކާމިޔާބުކޮށް ހިނގަމުންދާ، ނިމުމާ ވަރަށް ކައިރިއަށް މިހާރު ގޮސްފައި އޮތް ޕްރޮގްރާމެއް. މި ޕްރޮގްރާމަކީ އެންމެ ފުރަތަމަ ދިވެހި ރައްޔިތުންގެ ތާއީދު ލިބިފައިވާ ޕްރޮގްރާމެއް. އަޅުގަނޑަށް އެންމެ މުހިންމީ ދިވެހި ރައްޔިތުންގެ ތާއީދު. އެންމެ ފުރަތަމަ ދިވެހި ރައްޔިތުންގެ ތާއީދު މި ޕްރޮގްރާމަށް ވަނީ ލިބިފައި. އޭގެފަހުން، ބޭރު ދުނިޔޭގެ ތަރުޙީބު. އެވެސް ވަނީ ވަރަށް މަތީ ދަރަޖައަކަށް ލިބިފައި. ޚާއްޞަކޮށް، އިންޑިޔާއާއި އަވަށްޓެރި ޤައުމުތަކާ އަދި އަޅުގަނޑުމެންނާ ގުޅުންހުރި ހުޅަނގުގެ ޤައުމުތައް. ޔޫރަޕިއަން ޔޫނިއަނާއި، ކޮމަންވެލްތާއި އަދި އެހެން ޤައުމުތައް. މިހުރިހާ ޤައުމުތަކަކުންވެސް އަޅުގަނޑުމެންގެ އިޞްލާޙީ ޕްރޮގްރާމަށް ވަރަށް ބޮޑަށް ބައްލަވާ. ވަރަށް ބޮޑަށް ތަރުޙީބު ދެއްވާ.

އެހެންވީމާ، މިފަހަރު އިންޑިޔާއާ ދެމެދު ދެކެވޭ ވާހަކަތަކުގައިވެސް އެ ވާހަކަވެސް ދެކެވޭނެ. އެއީ މިހާތަނަށްވެސް އިންޑިޔާ ސަރުކާރުން މި ޕްރޮގްރާމަށް ވަނީ ވަރަށްބޮޑު ތަރުޙީބެއް ދެއްވާފައި. އަދި ހުރިހާ ކަމެއްގައިވެސް އެހީތެރިވެދެއްވާނެ ކަމަށް އިންޑިޔާ ސަރުކާރުން ވަނީ ވިދާޅުވެފައި. އެހެންވީމާ، އަޅުގަނޑު މި ވާހަކަ އެތާ ދައްކާނަން. ދެން ތިޔަ ވިދާޅުވާހެން އިންތިޚާބާބެހޭ ކަންތައްތަކުގައި. މިސާލަކަށް، އިލެކްޓްރޯނިކް ވޯޓިންގ ސިސްޓަމެއް ރާއްޖެއަށް ތަޢާރުފު ކުރުމުގައި، އިންޑިއާގެ އެހީ ބޭނުންވާނެ. އެ ވާހަކަ އަޅުގަނޑު އޮންނާނެ، މީގެކުރިން އިންޑިއާއަށް ކުރި ދަތުރެއްގައި ބޮޑުވަޒީރު އަރިހުގައި ދަންނަވާފައި. ބޮޑުވަޒީރު ވަނީ އެކަން ގަބޫލު ކުރައްވާފައި. އެގޮތަށް މަސައްކަތް އެބަ ކޮށްދެއްވާ. އެހެންވީމާ، އެ ސިސްޓަމް، އެނިޒާމު އިރާދަކުރެއްވިއްޔާ ރާއްޖެއަށް ތަޢާރުފު ކުރެވޭނެ.

ކޮންމެހެން މި ރިޔާސީ އިންތިޚާބަކު ނޫންކަންނޭނގެ. އެސިސްޓަމް ރާއްޖެއަށް ގެނެސްގެން، އަޅުގަނޑުމެން އެ ސިސްޓަމް ފުރަތަމަ ދެނެގަންނަންޖެހޭ. ކިހިނެއް މަސައްކަތްކުރާ ނިޒާމެއްތޯ؟ އަދި ރައްޔިތުންނަށްވެސް އޭގެ ފުރިހަމަ އިތުބާރު ލިބިދޭންޖެހޭ. އެހެންވީމާ، ފުރަތަމަޖެހޭ އޭގެ ބައެއްކަހަލަ ޕްރޮޖެކްޓްތައް ހިންގައިގެން، ތަންކޮޅެއް ކުދިކުދި އިންތިޚާބުތަކުގައި ބައެއް ދާއިރާތަކުގައި އެ ބޭނުންކޮށްގެން، އެ ރަނގަޅަށް ކާމިޔާބު އެއްޗަކަށްވީމަކަންނޭނގެ، މުޅި ޤައުމީ ފެންވަރުގައި ބޭނުންކުރެވޭނީ.

އެހެންނަމަވެސް، އެއީ ވަރަށް ފަސޭހަ ނިޒާމެއް. އެއީ ވަގުތުން ނަތީޖާ ދައްކައިދޭނެ. ކޮންމެ ދާއިރާއެއްގެ ނަތީޖާވެސް ވަގުތުން ދައްކައިދޭނެ. ނުޖެހޭ ގުނާކަށެއް. ކަރުދާސްކޮޅުތަކެއް ގުނައިގެން، އެ ބޮޑެތި މަސައްކަތް ކުރާކަށް ނުޖެހޭނެ. އިލެކްޓްރޯނިކް ވޯޓިންގ ސިސްޓަމް ބޭނުންކުރަން ފެށީމަކާ. އެހެން ނަމަވެސް، އެކަމާ އަޅުގަނޑުމެން ތައްޔާރުވާންޖެހޭ. އަދި ރައްޔިތުންނަށް އެކަމުގެ ހޭލުންތެރިކަން އުފައްދަން އެބަޖެހޭ. އެހެންވީމާ، އެއީ އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި ރާއްޖެއަށް ތަޢާރުފުވާނެ ނިޒާމެއް. އެހެންނަމަވެސް މިހާރު އެވާހަކަތައް ދެކެވެމުންދަނީ. އަދި އިންޑިޔާ ސަރުކާރުން އޮތީ ރާއްޖެއަށް ބޭނުންވާ އޭގެ އިކްވިޕްމަންޓް ދެއްވާނެ ކަމަށް ވިދާޅުވެފައި.

 

 6. ސުވާލު: މި ދަތުރުފުޅުގައި ވިޔާފާރީގެ ރޮނގުން ވާހަކަ ދެކެވޭނެތޯ؟


ރައީސުލްޖުމްހޫރިއްޔާ:

އިންޑިޔާގެ ބައިވެރިވުން މިހާރުވެސް ރާއްޖޭގެ ވިޔަފާރީގައި ވަރަށްބޮޑު. މި ދެންނެވީ ވިޔަފާރީގައި، ފަތުރުވެރިކަންވެސް ހިމެނޭގޮތަށް މި ދެންނެވީ. މިހާރުވެސް އަޅުގަނޑަށް ހީވަނީ 4 ރިޒޯޓެއް އެބައޮތްހެން، އިންޑިޔާ މީހުން އެތަންތަން ހިންގާ ނުވަތަ އެމީހުން ތަރައްޤީކުރި ޕްރޮޖެކްޓްތަކުގެ ގޮތުގައި. އޭގެއިތުރުން، ވަރަށްގިނަ އެހެން ވިޔަފާރި އެބަ ހިނގާ އިންޑިޔާއާއި ރާއްޖެއާ ދޭތެރޭގައި. މުދާ އިމްޕޯޓް އެކްސްޕޯޓް ކުރުމާއި، މިނޫން ވަރަށްގިނަ ކަންތައްތައް އެބަ ހިނގާ. އެހެންވީމާ، ވިޔަފާރީގެ ދާއިރާ ތަރައްޤީ ކުރުމަކީވެސް މިކަހަލަ ދަތުރެއްގައި ވަރަށް މުހިންމު ކަމެއް. އެ ވާހަކަ އިރާދަކުރެއްވިއްޔާ ދައްކާނަން. އަޅުގަނޑުމެން ދައްކާ ވާހަކައިގެ ތެރޭގައި ހުރިހާ ދާއިރާއެއް ހިމެނޭނެ.

އެހެންވީމާ، ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މިހާރު ރާއްޖެއަށް ބޭނުންވަނީ ވަރަށް ބޮޑެތި މަޝްރޫޢުތަކޭ. އެކިޔާ މެގަ ޕްރޮޖެކްޓްތައް ބޭނުންވަނީ. މިހާރު މިސާލަކަށް، ކުރިން ހެދިހެން 10 މިލިއަން، 15 މިލިއަން، 20 މިލިއަން ޔޫ.އެސް. ޑޮލަރުގެ ޕްރޮޖެކްޓްތަކެއް ބޭނުމެއްނޫން. ބޭނުން ނޫނެކޭ ނޫން މި ދަންނަވަނީ. އެއަށްވުރެ ބޮޑަށް މިހާރު ރާއްޖެ ތަރައްޤީވެއްޖެ. މިހާރު މި އަހަރުން ފެށިގެން 1 ޖަނަވަރީން ފެށިގެން މި ބަދަލުވަނީ، ތަރައްޤީވަމުން އަންނަ ޤައުމަކަށް. ކުރިން އޮތީ އެންމެ ކުޑަކޮށް ތަރައްޤީވެފައި އޮތް ލިސްޓުގައި. 50 ޤައުމު އޮތްއިރު، އޭގެ އެއްޤައުމަކަށް ރާއްޖެ މިއޮތީ ރާއްޖެ މިނިވަންވީއްސުރެ. އެކަމަކު އޭގެތެރެއިން ވަރަށްމަދު ޤައުމެއް ނޫނީ ގްރެޖުއޭޓެއްނުވޭ. އެއިން ނުނުކުމޭ. އަޅުގަނޑު ހަނދާންވާގޮތުގައި އެންމެ ޤައުމެއްކަންނޭނގެ މީގެކުރިން އޮތީ. ދެ ޤައުމުކަންނޭނގެ. އެހެންވީމާ، އަޅުގަނޑުމެންނަށް މި ކާމިޔާބު ކުރެވެނީ ވަރަށް މުހިންމު ކަމެއް. އެންމެ ކުޑަކޮށް ތަރައްޤީވެފައި އޮތް ޤައުމުގެ ލިސްޓުން އަޅުގަނޑުމެން ނުކުމެ، މި އަހަރުން ފެށިގެން އިރާދަކުރެއްވިއްޔާ މިދަނީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތެރެއަށް. އެއީ ވަރަށްބޮޑު ކާމިޔާބީއެއް.

މިހާރު އަޅުގަނޑުމެން ބޭނުންވަނީ މަޑުމަޑުން ހިނގާކަށް ނޫން. އެނގިވަޑައިގަންނަވާނެ، ކޮންމެ ކުއްޖަކުވެސް އެންމެ ފުރަތަމަ އުފަންވާއިރު، އެންމެ ފުރަތަމަ ފިރުކޭނީ. ދެން މަޑުމަޑުން ހިނގާނީ. ދެން ތަންކޮޅެއް ޒުވާންވީމާ، ތަންކޮޅެއް ބާރަށް ހިނގާނީ. ދެން ދުވަން ފަށާނީ. އަޅުގަނޑުމެން މިހާރު މިތިބީ ދުވަން ފަށަން ބޭނުންވެފައި. މިހާރަކު ކުދިކުދި ޕްރޮޖެކްޓްތަކެއް އަޅުގަނޑުމެންނަކަށް އެހާބޮޑު ފައިދާއެއް ގެނެހެއް ނުދޭނެ. ބޭނުންވަނީ މެގަ ޕްރޮޖެކްޓްތައް. މާނައަކީ، 500 މިލިއަން، 600 މިލިއަން ޑޮލަރު. ނުވަތަ 1000 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓްތައް. އެހެންވީމާ، އެ މިހާރު އަޅުގަނޑުމެން މި ގެންނަނީ. މިހާރު ދުބާއީ ވާރލްޑުން އެ ހަދާ ހުޅުމާލެ ޕްރޮޖެކްޓް އިނގޭތޯ. ދެން އަނެއްކާ ގުޅީ ފަޅު ޕްރޮޖެކްޓް. ދެން އިހަވަންދިއްޕޮޅު ޕްރޮޖެކްޓް. މިހިރީ ވަރަށް ބޮޑެތި، އެތައް ސަތޭކަ މިލިއަން ޑޮލަރެއް ޚަރަދުވާނެ ޕްރޮޖެކްޓްތައް. މި ޕްރޮޖެކްޓްތައް އަޅުގަނޑުމެން ރާއްޖެއަށް ގެންނަން ބޭނުންވި. އޭރުން ރާއްޖެ މިހާރު ދެން ދުވެފައި ދާނީ. ކުރިން ދިޔައީ ފިރުކިފައި. ހިނގާފައި. ދެން އިރާދަކުރެއްވިއްޔާ ދާނީ ދުވެފައި.

އެހެންވީމާ، ބޭރުގެ އެހީ މި ލިބެނީ މިކަހަލަ ކަންތައްތަކުގައި. އަޅުގަނޑުމެންގެ ރާއްޖޭގެ އަމާންކަމާއި ހަމަޖެހުން މިހެން އޮތީމާ. އެއީ އެމީހުންނަށް އެނގޭ، އެމީހުން އެ ކުރާ އިންވެސްޓްމަންޓް ރައްކާތެރި ކުރެވިފައި އޮންނާނެކަން. އެ ހަލާކެއް ނުވާނެކަން. އެވަރުގެ ޔަޤީންކަން އޮންނާތީ، އެވަރުގެ މެގަ ޕްރޮޖެކްޓްތައް ހިފައިގެން އެ އަންނަނީ. މިދޭތެރެއިން ވަޒީރުން ވަޑައިގެންފި، މީގެ ބައެއް ޕްރޮޖެކްޓްތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަން ދުބާއީއަށް. އެއްބައި ބޭފުޅުން މިއަދު ވަޑައިގަންނަވާނެ. އަނެއްބައި ބޭފުޅުން އޭގެފަހުން ވަޑައިގަންނަވާނެ. އެހެންވީމާ، އަދި އަޅުގަނޑަކަށް ނުލިބޭ އެބޭފުޅުން ގެނެސްދެއްވާ މަޢްލޫމާތެއް. އެހެންނަމަވެސް، އެކޮޅުގައި އުޅުއްވަނިކޮށްވެސް އަޅުގަނޑު ފޯނުން ވާހަކަ ދައްކައި ހެދިން. ވިދާޅުވި، ވަރަށް ރަނގަޅަށޭ ވާހަކަތަކާ އެއްޗެތިދަނީ. އެހެންވީމާ، ވަރަށްބޮޑު އުންމީދު އެބައޮތް، އިރާދަކުރެއްވިއްޔާ، މިކަހަލަ މެގަ ޕްރޮޖެކްޓްތައް ރާއްޖޭގައި ފެށޭނެކަމާ ދޭތެރޭގައި.