بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.


އާދެ! އަޅުގަނޑު ދިއްލީއަށް މިހާރު މި ކުރާ ދަތުރުގައި، ދިއްލީގައި ދިރިއުޅުއްވަމުން ގެންދަވާ ދިވެހި ޢާއިލާތަކުގެ ބޭފުޅުންނާއި، އަދި ދިވެހި ކިޔަވާކުދިންނާ މިރޭ ބައްދަލުކޮށްލުމަކީ، އަޅުގަނޑަށާއި ނަސްރީނާއަށް ލިބޭ ވަރަށްބޮޑު އުފަލެއް. ދެންމެ މި ބައްދަލުވުން ތަޢާރުފުކޮށްދެއްވުމުގެ ގޮތުން، ދިވެހިރާއްޖެއިން އިންޑިޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަންބަރީ ޢަބްދުއްސައްތާރު ދެއްކެވި ވާހަކަފުޅުގައި، އަޅުގަނޑަށް މަރްޙަބާ ވިދާޅުވުމުގެ ގޮތުން ވިދާޅުވި ހެޔޮ ބަސްފުޅުތަކަށްޓަކައި އޭނާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ހަމައެޔާއެކީގައި، މިދޭތެރެއިން މި ބޭއްވުނު ދެމެހެއްޓެނިވި ތަރައްޤީއާބެހޭ އެންމެމަތީ ވެރިންގެ ޖަލްސާގައި، ތިމާވެށީގެ ރޮނގުން އެބޭފުޅުން އަޅުގަނޑަށް ދެއްވި އިނާމަށްޓަކައި، ފާޅުކުރެއްވި އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައިވެސް އެމަނިކުފާނަށާއި އަދި ދިވެހި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.


ޢަންބަރީގެ ވާހަކަފުޅުގައި، އަޅުގަނޑު ކޮންމެވެސް އެއްޗެއް ބުނެލާށޭ ވިދާޅުވި. ދެން އަޅުގަނޑު ބޭނުންވަނީ ކޮންމެވެސް އެއްޗެއް ބުނާކަށްނޫން. އެހެންނަމަވެސް، ތަންކޮޅެއް ރަނގަޅު އެއްޗެއް ބުނެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ދަންނަވާލަން.


އާދެ! މިހާރު ދިވެހިރާއްޖޭގައި މިވަނީ ކުރިއެރުމުގެ ވަރަށްގިނަ ކަންތައްތަކެއް ޙާޞިލު ކުރެވިފައި. އަދި މިދަނީ އިތުރު ކުރިއެރުންތައް ޙާޞިލު ކުރަމުން. އޭގެތެރެއިން އެއްކަމަކީ، ބައިނަލްއަޤްވާމީ ދާއިރާގައި އަޅުގަނޑުމެން ޙަރަކާތްތެރިވާ މިންވަރު. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، އެކަންވެސް މިހާރު މިވަނީ ވަރަށްބޮޑުތަން އިތުރުވެފައި. އޭގެ ހެތްކަކީ ދުނިޔޭގައި ކުރިން އަޅުގަނޑުމެންގެ ތަމްސީލު ކުރުމެއްނުވާ، އާދެ! އަޅުގަނޑުމެންގެ ފަރާތުން އެ ޤައުމުތަކުގައި ތަމްސީލު ކުރައްވާ ބޭފުޅަކު ނެތް ކިތަންމެ ޤައުމެއްގައި މިހާރު މިވަނީ އަޅުގަނޑުމެންގެ ރާއްޖެ ތަމްސީލު ކުރައްވާނެ ބޭފުޅުން ހަމަޖެހިފައި.


އޭގެތެރެއިން އެއްތަނަކީ ނިއުދިއްލީ. އާދެ! މިތާނގައި މިހާރު މިވަނީ ދިވެހިރާއްޖޭގެ ހައިކޮމިޝަނެއް އުފެދިފައި. އަދި ހައިކޮމިޝަނަރަކަށް މިހާރު އެ ހުންނެވީ، ލެފްޓެނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަންބަރީ ޢަބްދުއްސައްތާރު. ޝައްކެއްނެތް. އޭނާއަކީ ސަރުކާރަށްވެސް ރައްޔިތުންނަށްވެސް ވަރަށް އިޚްލާޞްތެރި ބޭފުޅެއް. ވަރަށްގިނަ ދުވަސްތަކެއް ވަންދެން ސަރުކާރުގެ ޚިދްމަތުގައި އުޅުއްވައި، ވަރަށްގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެއް. އެފަދަ ބޭފުޅަކު ސަފީރު ކަމުގައި ހުންނެވުމުން، ޝައްކެއްނެތްގޮތުގައި އެއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު ކުރިއެރުމެއް. ދިވެހިރާއްޖެއާއި އިންޑިޔާއާ ދޭތެރޭގައި މިއޮތް ގުޅުން، އެއްދުވަހުން އަނެއް ދުވަހަށް ބަދަހިވެ، އަދި އަޅުގަނޑުމެންނަށް ބޭނުންވާ ކަންތައްތަކުގައި އިންޑިޔާ ސަރުކާރުގެ އެހީތެރިކަން ލިބުމުގައި އޭނާ އެ ކުޅުއްވާ ބަޔަކީ ވަރަށް މުހިންމު ބަޔެއް. އެކަމަށްޓަކައި ޢަންބަރީ ޢަބްދުއްސައްތާރަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.


މި ބައްދަލުކޮށްލުން އިންތިޒާމު ކުރެއްވީވެސް ދިވެހިރާއްޖޭގެ ސަފީރު. އެހެންވީމާ، މިފަދަ ފުރުޞަތެއް އަޅުގަނޑަށް ހޯއްދަވައިދެއްވި ކަމަށްޓަކައި، އަޅުގަނޑާ ތިޔަބޭފުޅުންނާ ބައްދަލުކޮށްލައި، މިގޮތަށް ވާހަކަ ދައްކާލުމުގެ ފުރުޞަތު ތަނަވަސްކޮށްދެއްވި ކަމަށްޓަކައިވެސް އޭނާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.


ދެންމެ ޢަންބަރީގެ ވާހަކަފުޅުގައި އެ ވިދާޅުވި ފަދައިން، އަޅުގަނޑު މިހާރު މި ކުރާ ދަތުރަކީ، ދެ ބޭނުމެއްގައި ކުރާ ދަތުރެއް. އެއް ބޭނުމަކީ، މިމަހު 7 ވަނަ ދުވަހު ބޭއްވުނު ދެމެހެއްޓެނިވި ތަރައްޤީއާބެހޭ އެންމެމަތީ ވެރިންގެ ބައްދަލުވުމުގައި ބައިވެރިވުން. މިކަންވަނީ މިހާރު ނިމިފައި.


ދެވަނަކަމަކީ އިރާދަކުރެއްވިއްޔާ، މާދަމާ އަޅުގަނޑު އިންޑިޔާއަށް ކުރަން ޖެހިފައިވާ ރަސްމީ ޒިޔާރަތް ކުރުން. ރަސްމީ ޒިޔާރަތް ކުރުމޭ މި ދެންނެވީ، އެއީ އިންޑިޔާ ސަރުކާރުން އެދިވަޑައިގަތީ، އަޅުގަނޑު އިންޑިޔާއަށް އަނެއްކާވެސް ސްޓޭޓް ވިޒިޓެއް ކުރަން. އާދެ! ސްޓޭޓް ވިޒިޓަކީ ދިވެހިބަހުން އަޅުގަނޑުމެން މިހާރު މި ކިޔާ ފުރަމާނަ ދަތުރު. އެއީ އެންމެމަތީ ފެންވަރުގެ ދަތުރު. މިދަތުރުގައި އިންޑިޔާ ސަރުކާރުން އެހެން ޤައުމުތަކުގެ ވެރިންނަށް ދެއްވާ ޢިނާޔަތްތައް އަޅުގަނޑަށްވެސް ދެއްވާނެ. މާދަމާ އެކަން އޮންނާނެ. އަދި މާދަމާ އަޅުގަނޑު އިންޑިޔާގެ ބޮޑުވަޒީރާ ބައްދަލުކުރުމާއި، އެ ސަރުކާރުގެ ބައެއް އެހެން ބޭފުޅުންނާ ބައްދަލުކުރުމާއި އަދި މާދަމާރޭ އިންޑިޔާގެ ރައީސާއާ ބައްދަލުކުރުމާއި، އެކަމަނާ ދެއްވާ ފަރިއްކޮޅެއްގައި ބައިވެރިވުންވެސް ހިމެނޭ. މިގޮތުން، މިދަތުރަކީ ވަރަށް މުހިންމު ދަތުރެއް.


މި ދަތުރަށް އިންޑިޔާ ސަރުކާރުންވަނީ ވަރަށްމަތީ ގޮތްތަކެއް ހަމަޖައްސަވައިދެއްވާފައި. އަބަދުވެސް އިންޑިޔާއާއި ދިވެހިރާއްޖެއާ މި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި އަޅުގަނޑުމެންގެ ދަތުރުތަކަށް އިންޑިޔާ ސަރުކާރުން ވަރަށް ބޮޑެތި އެހީތައް ވެދެއްވާ. އޭގެތެރެއިން އެއްކަމަކީ، އަޅުގަނޑުމެން ދަތުރުކުރާނެ މަތިންދާބޯޓެއް ދެއްވިކަން. މާލެއިން ފެށިގެން ދިއްލީއަށް. އަދި ދިއްލީ ނޫން އެހެން ތަންތަނަށް ދިޔުމަށްވެސް އެ މަތިންދާބޯޓު އަޅުގަނޑުމެން ބޭނުންކުރާގޮތަށް ވަނީ ހަމަޖައްސަވައިދެއްވާފައި. އަދި މިދަތުރު މިއީ ކާމިޔާބު ދަތުރަކަށް ހެދުމަށްޓަކައި މިނޫނަސް ކިތަންމެ ކަމެއް އިންޑިޔާ ސަރުކާރުން މިވަނީ ހަމަޖައްސަވައި ދެއްވާފައި.


އާދެ! މި ދަތުރުގައި ދެ ޤައުމުގެ ގުޅުން ވަރަށްގިނަ ދާއިރާތަކުގައި ބަދަހިކުރުމަށް ވާހަކަ ދެކެވޭނެ. އެނގިވަޑައިގަންނަވާނެ ފަދައިން، އިންޑިޔާއަކީ ތަރައްޤީގެ ވަރަށްގިނަ ކަންތައްތަކުގައި ދިވެހިރާއްޖެއަށް އެހީވެދޭ ޤައުމެއް. އޭގެތެރެއިން އެންމެ މުހިންމު އެއްކަމަކީ، ތިޔަބޭފުޅުންގެ ތެރެއިން، މިތާނގައި ތިއްބެވި ކިޔަވާކުދިން އެ ކުރާ މަސައްކަތް. އާދެ! އިންޑިޔާގެ ޔުނިވަރސިޓީތަކާއި، އެކިއެކި އިންސްޓިޓިއުޓްތަކުގައި ދިވެހި ކުދިންނަށް ތަޢުލީމު ޙާޞިލު ކުރެވޭނެ، ކިޔެވުމުގެ ފުރުޞަތު ތަނަވަސްކޮށްދެއްވުން. އެގޮތުން މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައިވެސް އަދި މިހާރުވެސް އިންޑިޔާގައި ހަމައެކަނި ދިއްލީއަކު ނޫން. ދިއްލީގަޔާއި އަދި އެނޫން ތަންތާނގައި ވަރަށްގިނަ ޢަދަދަކަށް ދިވެހި ޒުވާނުން ތަޢުލީމު ޙާޞިލު ކުރަމުން އެބަދޭ. ދިވެހި އަންހެން ކުދިންނާއި، ދިވެހި ފިރިހެން ކުދިން.


ހަމައެހެންމެ، ތަރައްޤީގެ ތަފާތު މައިދާންތަކުގައި، ދެ ޤައުމުގެ ގުޅުން މިވަނީ ވަރަށް ބޮޑަށް ބަދަހިވެފައި. އޭގެތެރޭގައި، ވިޔަފާރިއާއި، ފަތުރުވެރިކަމާއި އަދި އެނޫން ކިތަންމެ ކަމެއް ހިމެނޭ. މިދަތުރުގައި ވަރަށް މުހިންމު އެގްރީމެންޓެއްގައި ސޮއިކުރާގޮތަށް ވަނީ ހަމަޖެހިފައި. އެއީ ސައެންސާއި ޓެކްނޯލޮޖީގެ އެއްބަސްވުމެއް. އިރާދަކުރެއްވިއްޔާ، މި އެގްރީމެންޓްގެ ސަބަބުން، ސައެންސާއި ޓެކްނޯލޮޖީގެ ރޮނގުން އިތުރު ކުރިއެރުންތައް ލިބުމަށް އަޅުގަނޑުމެންނަށް މަގުފަހިވެގެންދާނެ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، އިންޑިޔާއަކީ މި ރޮނގުން މިހާރު ވަރަށް މަތީ ކާމިޔާބީތަކެއް ހޯދާފައިވާ އަދި ހޯދަމުން ގެންދާ ޤައުމެއް. އެހެންވީމާ، މިފަދަ އެގްރީމެންޓެއް އޮތުމުން، އޭގެ ފައިދާއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ލިބޭނެ ވަރަށްގިނަ ކުރިއެރުންތަކެއް އޮންނާނެ.


ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުމެން ދިވެހިން ރާއްޖޭގައި އުޅެމުންދާއިރު، ވިސްނާލަންޖެހޭ ނުކުތާއެއްގެ ވާހަކަ. އާދެ! އަޅުގަނޑުމެން ކޮންމެ ޤައުމެއްގައި އުޅެމުންދިޔަ ކަމުގައިވިޔަސް، އެ ޤައުމެއްގެ ޤާނޫނުތަކަށާއި ޤަވާޢިދުތަކަށް ޙުރްމަތްތެރިކޮށްހިތަންޖެހޭނެ. އެޤައުމަކަށް އަޅުގަނޑުމެން ކުރާ އިޙްތިރާމް ވަރަށް މަތީ ދަރަޖައަކަށް ކުރަންވާނެ. އެހެންވީމާ، އަޅުގަނޑު މިވާހަކަ މި ދަންނަވާލީ.


ބޭރުގައި އަޅުގަނޑުމެން އުޅޭއިރު، އަޅުގަނޑުމެން ވީޒާ އެބަ އިތުރުކުރަންޖެހޭ. ވަކިގޮތަކަށް މި އޮންނަނީ އަޅުގަނޑުމެންނަށް ބޭރު ޤައުމުތަކުގައި ތިބެވޭ ތިބެވުން ހަމަޖެހިފައި. ވަކި މުއްދަތަކުން އަހަރަކު އެއްފަހަރު ނަމަވެސް، އަދި އެނޫން ގޮތްގޮތުން ނަމަވެސް ވީޒާ އިތުރުކުރަން އެބަޖެހޭ. އެކަން ކުރުމުގައި އަޅުގަނޑުމެން އެބަޖެހޭ ވަރަށް ބޮޑަށް ސަމާލުވާން. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ދިމާވާ ބައެއް ސަބަބުތަކާހުރެ ނަމަވެސް، އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުންނަށް އެކަމަށް ދެއްވަންޖެހޭ ސަމާލުކަން ނުދެއްވި އެބަދޭ. މީގެ ސަބަބުން، އެބޭފުޅުންނަށް ކުރިމަތިވާ ވަރަށް ބޮޑެތި ދަތިތަކެއްވެސް ހުންނާނެ. އަދި އެބަހުރި. ހަމައެހެންމެ، ސަރުކާރުގެ ފަރާތްތަކަށް ދިމާވާ ދަތިތަކެއްވެސް ހުންނާނެ. އަދި އެބަހުރި.


އެހެންވީމާ، މިކަމަށް ހުރިހާ ބޭފުޅުންވެސް ވަރަށް ބޮޑަށް ވިސްނާވަޑައިގަތުން އެދެން. އަދި ވީޒާ ކަންތަކުގެ އިތުރުންވެސް ތަނުގެ ޤަވާޢިދުތަކަށާއި ޤާނޫނުތަކަށް ޙުރްމަތްތެރިކޮށްހިއްތަވައި، ޤާނޫނުގެ ޙުކުމަށް ތަބާވެވަޑައިގަންނަވާ، ލޯބިކުރައްވާ ބަޔެއްގެ ގޮތުގައި ހުރިހާ ދިވެހިންވެސް، ހުރިހާ ޤައުމެއްގައިވެސް ދިރިއުޅުއްވަމުން ގެންދެވުމަކީ، އަޅުގަނޑުމެންނަށް ލިބޭނޭ ވަރަށްބޮޑު ރަނގަޅެއް. އޭގެ ސަބަބުން ދިވެހިރާއްޖެއަށް ލިބޭނެ ރީތި ނަންވެސް ވަރަށްބޮޑުވާނެ. އެއާ ޚިލާފަށް، ތަންތާނގެ ޤާނޫނާއި ގަވާއިދާ ޚިލާފަށް ދިވެހިން އުޅޭ ކަމަށްވަންޏާ، ދިވެހިރާއްޖެއަށް އެކަމުގެ ސަބަބުން ނުލިބި ނުދާނެ ހުތުރު ނަން ލިބެމުންވެސްދާނެ.


އާދެ! ދެން ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ރާއްޖެއަށް ފުރިހަމަ މިނިވަން ޒަމާނީ ޑިމޮކްރަސީއެއް ގެނައުމަށްޓަކައި އަޅުގަނޑު ފަށާފައިވާ އިޞްލާޙީ ޕްރޮގްރާމާބެހޭ ބައެއް ވާހަކަ. އިޞްލާޙީ އެޖެންޑާގައި ހިމެނޭ އެންމެ މުހިންމު ކަމަކީ، ޤާނޫނުއަސާސީ އިޞްލާޙު ކުރުން. ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ އިތުރުން، އިޞްލާޙީ ޕްރޮގްރާމްގައި ހިމެނޭ ވަރަށްގިނަ ކަންތައްތަކެއް އެބަހުރި. އެކަންތައްތަކުގެ ތެރެއިން ވަރަށްގިނަ ކަންތައްތައް މިހާރުވަނީ ކާމިޔާބު ކުރެވިފައި. މިސާލެއް ދަންނަވަންޏާ، ރާއްޖޭގައި ސިޔާސީ ޕާޓީ އުފެދުމުގެ މައްސަލަ. އެކަންވަނީ ހަމަޖެހިފައި. މިހާރުވެސް ޤަވާޢިދުން ރަޖިސްޓްރީވެގެން ހިނގަމުންދާ ސިޔާސީ ހަތް ޕާޓީ ރާއްޖޭގައި އެބައޮތް. އަދި އިތުރު ޕާޓީ އުފައްދަން ބަޔަކު އުޅުނު ނަމަވެސް، އެކަމަށް ސަރުކާރުން މަރްޙަބާ ކިޔާނެ. މިއީ ޝައްކެއްނެތްގޮތުގައި، ޒަމާނީ ޑިމޮކްރަސީގެ ވަރަށްބޮޑު ކަމެއް.


އޭގެއިތުރުން، ރާއްޖޭގައި މިހާރު ޤާނޫނުގެ ބާރު ލިބިގެން އުފެދިފައިވާ އިންސާނީ ޙައްޤުތަކާބެހޭ މުސްތަޤިއްލު ޖަމުޢިއްޔާއެއްވެސް އެބައޮތް. އެ ޖަމުޢިއްޔާވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރައްވަމުން އެބަގެންދަވާ. މީގެއިތުރުން، ދިވެހިރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކަށް މިވަނީ ވަރަށްބޮޑު މިނިވަންކަމެއް ލިބިފައި. ދުވަހަކުވެސް ރާއްޖޭގައި ނެތްފަދަ ބޮޑު މިނިވަންކަމެއް، އަޅުގަނޑުމެންގެ ނޫސްތަކަށާއި މަޖައްލާތަކަށާއި އަދި އެނޫންވެސް ޚަބަރުފަތުރާ ވަސީލަތްތަކަށް މިވަނީ ލިބިފައި. އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު ސަރުކާރުން ހިންގާ ޓީ.ވީ. ސްޓޭޝަންގެ އިތުރުން އަދި ބައެއް އަމިއްލަ ފަރާތްތަކުން ހިންގަވާ ޓީ.ވީ ސްޓޭޝަންތަކަށްވެސް ހުއްދަ ލިބޭގޮތަށްވަނީ ހަމަޖެހިފައި. ހަމައެފަދައިން، މިހާރު ހިންގަމުންގެންދާ އަމިއްލަ ދެ ރޭޑިޔޯ ސްޓޭޝަންވެސް ރާއްޖޭގައި އެބަހުރި. އެހުރިހާ ފަރާތްތަކުން އެ މަސައްކަތް ކުރައްވާއިރު، އެ ފަރާތްތަކަށް ލިބެންވާ ފުރިހަމަ މިނިވަންކަންވަނީ ސަރުކާރުން ހޯދައިދީފައި. މިއީވެސް ޒަމާނީ ޑިމޮކްރަސީއެއް ރާއްޖެއަށް ތަޢާރުފު ކުރުމުގައި، ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން.


ހަމައެހެންމެ، ޤާނޫނީ ގޮތުން ކުރަންޖެހޭ ކަންތައްތައް. އާދެ! އެއީ ރާއްޖޭގެ ޖިނާއީ ނިޒާމު އިތުރަށް ހަރުދަނާކޮށް ކުރިއެރުވުން. މިކަމަށްޓަކައިވެސް ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިފައި އެބަހުރި. ވަރަށްގިނަ ކަންތައްތަކެއް ފަހިވެފައިވެސް އެބަހުރި. މީހުން ބަންދުކުރުމާބެހޭ ޤަވާޢިދުތަކެއްވެސް ވަނީ ހެދިފައި. ވަކި މުއްދަތެއް ވަންދެން ބަންދުގައި ހުރެފައި، ދެން ބަންދުގެ މުއްދަތު އިތުރުކުރެވޭނީ، ޤާޒީގެ ކުރިމައްޗަށް ހުށަހަޅައިގެން، ޤާޒީ ހުއްދަ ދެއްވިއްޔާ ކަމަށްވެސްވަނީ ހަމަޖެހިފައި. އަދި ތަޙުޤީޤު ކުރާއިރު، ޤާނޫނީ ވަކީލުން ތިބެން މިހާރު މަޖުބޫރު. ޤާނޫނީ ވަކީލެއްގެ ޙާޒިރުގައި ނޫނީ ސުވާލެއް ނުކުރެވޭނެ. އެހެންވީމާ، މިގޮތުން ބަލާއިރު ދުނިޔޭގެ އެހެން ތަންތާނގައިވެސް މި އޮންނަ މިކަހަލަ ހުރިހާ ފަސޭހަތަކެއް ނުވަތަ ޙައްޤުތަކެއް، އެކިއެކި ތުހުމަތުގައި ބަންދުކުރާ މީހުންނަށްވެސް މި އޮންނަނީ ލިބިފައި.


ހަމައެހެންމެ، ޖަލުގެ ނިޒާމުތައްވެސް ވަނީ ވަރަށް ބޮޑަށް ތަރައްޤީ ކުރެވިފައި. ބޭރުގެ ފަރާތްތަކުން މިހާރު ރާއްޖެއަށް ވަޑައިގެން، އެ ޖަލުތަކަށް ޒިޔާރަތް ކުރައްވައި، އެތަންތާނގެ ކަންތައްތައް ހުރިނެތްގޮތް ބައްލަވައި ހައްދަވާ. އަދި އަޅުގަނޑުމެންގެ ޖަލުގެ ނިޒާމު، މިހިސާބުގަނޑުގެ އެހެން ސަރަޙައްދުތަކުގެ، މި ސަރަޙައްދުގެ އެހެން ޤައުމުތަކުގެ މި ނިޒާމަށްވުރެ މާރަނގަޅު ކަމަށްވެސް އެބޭފުޅުން ވަނީ ވިދާޅުވެފައި.


ދެން ޤާނޫނުއަސާސީ އިޞްލާޙު ކުރުން. އެ މަސައްކަތް މިހާރު ވަރަށް ބާރަށް ހިނގަމުން އެބަދޭ. މިހާރުވަނީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް ނިމުމަކާ ވަރަށް ކައިރިއަށް ގެންދަވާފައި. އަޅުގަނޑު އުންމީދުކުރާ ގޮތުގައި، މާލަހެއްނުވެ އެމަސައްކަތް ރައްޔިތުންގެ ޚާއްޞަ މަޖިލީހުން މުޅިން ނިންމަވައިދެއްވާނެ. ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ނިންމަވައިދެއްވުމަށްފަހުގައި، އެ މަޖިލީހުން އެޤާނޫނުއަސާސީ ތަޞްދީޤު ކުރުމަށްޓަކައި އަޅުގަނޑަށް ފޮނުއްވައިދެއްވާނެ. އާދެ! އެއީ ޤާނޫނުއަސާސީގައި އޮންނަގޮތް. ރައީސުލްޖުމްހޫރިއްޔާ ޤާނޫނުއަސާސީ ތަޞްދީޤު ކުރަންޖެހޭ. އެކަމަށްވެސް ވަކި މުއްދަތެއް އެބައޮތް. އެ މުއްދަތުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކު، އެ ޤާނޫނުއަސާސީ ބަލާފައި، އޭނާއަށް ފެންނަ ކަންތައްތަކެއް ހުރިއްޔާ އަނބުރާ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި އެވާހަކަތައް ދެންނެވުމުގެ ފުރުޞަތުވެސް އޮންނާނެ. އެހެން ނޫނީވިއްޔާ، ތަޞްދީޤު ކޮށްފައި ނިންމާލާނެ ވަކި މުއްދަތެއްވެސް އޮވޭ.


ޤާނޫނުއަސާސީ އިޞްލާޙުވެ ތަޞްދީޤު ކުރުމަށްފަހުގައި، އޭގެ މައްޗަށް ބިނާކޮށް ހަދަންޖެހޭ ވަރަށްގިނަ ޤާނޫނުތަކެއްވެސް ހުންނާނެ. ޚާއްޞަކޮށް، މިއަހަރަކީ ރިޔާސީ އިންތިޚާބު ބޭއްވޭ އަހަރު ކަމަށްވާތީ. ރިޔާސީ އިންތިޚާބާބެހޭ ޤާނޫނެއް، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅަން މިހާރުވަނީ ތައްޔާރުކޮށްފައި. ހަމައެހެންމެ، ޢާންމު އިންތިޚާބާބެހޭ ޤާނޫނެއްވެސް ހުށަހެޅުމަށްވަނީ ތައްޔާރުވެފައި. އަދި މިނޫންވެސް ކިތަންމެ ޤާނޫނުތަކެއް އެބަހުރި. މި ހުރިހާ ޤާނޫނުތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން، ރައްޔިތުންގެ މަޖިލީހުން ފާސްވީމާ، އޭގެ މައްޗަށް ބިނާކޮށް އިރާދަކުރެއްވިއްޔާ، މިއަހަރު އެންމެ ފުރަތަމަފަހަރަށް ރާއްޖޭގައި ތަފާތު ޕާޓީތަކުގެ މެދުގައި ވާދަކުރެވިގެން ބޭއްވޭ ރިޔާސީ އިންތިޚާބެއް ބޭއްވޭނެ. އަދި އެ ރިޔާސީ އިންތިޚާބަކީ، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ، ހުރިހާ ގޮތަކުންވެސް މިނިވަން، އިންޞާފުވެރި އިންތިޚާބަކަށް ހެދޭތޯ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދާނެ. މިހާރުވެސް ވަރަށްގިނަ މަސައްކަތްތައް މިވަނީ ކޮށްފައި.


އޭގެތެރޭގައި އަޅުގަނޑުމެންގެ އިލެކްޝަންސް ކޮމިޝަނަރ ބޭނުންވާ ބޭރުގެ ފަންނީ އެހީ ހޯދަމުން އެބަގެންދަން. މިހާރުވެސް ރާއްޖޭގައި އެކަމުގެ މާހިރުން އެބަ އުޅުއްވާ. ހަމައެހެންމެ، އަޅުގަނޑުމެން މި ތައްޔާރުކުރާ ޤާނޫނުތައް ތައްޔާރުކުރުމުގައިވެސް ބޭރުގެ ފަރާތްތަކުގެ ލަފައާއި މަޝްވަރާ ހޯދަމުން އެބަގެންދަން. ބޭނުމަކީ ރާއްޖޭގައި ބޭއްވޭ ރިޔާސީ އިންތިޚާބަކީ، ހަމަ ދުނިޔެ ގަބޫލުކުރާ ފެންވަރުގެ ވަރަށް އިންޞާފުވެރި، ވަރަށް ހާމަކަންބޮޑު ގޮތުގައި ބޭއްވޭ، ވަރަށް މިނިވަން އިންތިޚާބަކަށް ހެދުން. އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ސަރުކާރުން މިގެންދަނީ ކުރަމުން. އަދި އިންތިޚާބު ހިނގަމުންދާއިރުވެސް، އެ އިންތިޚާބުގެ ކަންތައްތައް ހިނގަމުންދާގޮތް، ބޭރުގެ އޮބްޒަރވަރުން ބައްލަވާގޮތަށް ވަނީ ހަމަޖެހިފައި. އެގޮތުން ސަރުކާރުން މިހާރުވަނީ ބޭރުގެ ބައެއް ފަރާތްތަކަށް ދަޢުވަތުދީފައި. ޔޫރަޕިއަން ކޮމިޝަނަށާއި ކޮމަންވެލްތަށް. އެތަންތަނުން މީހުން ފޮނުއްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައި. އެނގިވަޑައިގަންނަވާނެ، މީގެކުރިންވެސް ރާއްޖޭގައި ބޭއްވުނު އިންތިޚާބުތައް ބޭއްވުނުއިރު، ހަމަ އެގޮތަށް ބޭރުގެ އޮބްޒަރވަރުންގެ ޓީމުތައް ވަޑައިގެން ވަނީ ބައްލަވާފައި. ބައްލަވާފައި އެބޭފުޅުންގެ ރިޕޯޓުވެސް ވަނީ ހުށަހަޅުއްވާފައި.

އާދެ! މިވާހަކަ ދައްކާލާއިރު، އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައެއް އެބައޮތް. އެއީ ތިޔަ ހުރިހާ ބޭފުޅުންނަކީވެސް ދިވެހި ރައްޔިތުން. ރާއްޖޭގައި ހިނގާ ކަންތައްތައް ތިޔަބޭފުޅުންނަށް ވަރަށް މުހިންމުވާނެ. އަދި ރާއްޖޭގައި ކުރިއަށް އޮތް ތާނގައި ކަންތައްތައް ހިނގާނެގޮތާ ދޭތެރޭގައި ތިޔަބޭފުޅުންވެސް ޚިޔާލު ކުރައްވާނެ. ތިޔަބޭފުޅުންވެސް އެކަމުގައި ބައިވެރިވެވަޑައިގަންނަވަންވެސް އެބަޖެހޭ. އެހެންވީމާ، މިހާރު ރާއްޖޭގައި ދެކެވޭ ވާހަކައަކާ ބެހޭގޮތުން އެއްޗެއް ދަންނަވާލަން ބޭނުންވޭ.

ރާއްޖޭގައި މި އަހަރު މި ބޭއްވޭ ރިޔާސީ އިންތިޚާބު، މިނިވަން އިންޞާފުވެރި އިންތިޚާބަކަށް ހެދޭނީ ވަގުތީ ސަރުކާރެއް ޤާއިމު ކުރެވިގެންނޭ. މިހެން ކިޔާފައި މާލޭގަޔާއި އަތޮޅުތެރޭގައި ބައެއް ފަރާތްތަކުން ވާހަކަ ދައްކަވަމުން އެބަގެންދަވާ. ނަމަވެސް އަޅުގަނޑު ދަންނަވަން ބޭނުންވަނީ އެއީކީ އެއްގޮތަކަށްވެސް އެކަން އޮންނަންވީ ގޮތެއް ނޫނޭ. އެއީ ދުނިޔޭގެ ތަންތާނގައި ވަގުތީ ސަރުކާރެއް މި ޤާއިމުކުރަނީ ތަފާތު ސަބަބުތަކެއް ދިމާވެގެން. ބައެއްފަހަރަށް ތަނުގައި ހަމަނުޖެހުން އުފެދިގެން، އަހުލީ ހަނގުރާމައެއް، ނުވަތަ ސިވިލް ވޯ ކަހަލަ ކަމެއް އުފެދިގެން، މީހުން ތަޅާފޮޅާ، މަރާ، ސަރުކާރުގެ ބާރު ނުހިނގާގޮތް ހެދީމާ، ދެން ހުރިހާ ޕާޓީތަކެއް ވާހަކަ ދައްކައިގެން، ކޮންމެވެސް ނަމެއްގައި ވަގުތީ ސަރުކާރެއް އުފައްދަފާނެ. ހުރިހާ ޕާޓީތައް ބައިވެރިވާ ސަރުކާރެއް ނުވަތަ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރޭ ކިޔާފައިވެސް ހަދާނެ.


އެކަހަލަ ކަމެއް އިރާދަކުރެއްވީތީ ރާއްޖެއަކު ނެތް. ރާއްޖޭގައި އޮތީ އަމަންއަމާންކަން. ޞުލްޙަމަސަލަސްކަން. އެއްވެސްކަހަލަ ސިޔާސީ ހަމަނުޖެހުމެއް ނެތް. އެހެންވީމާ، އެގޮތުން ބަލާއިރުވެސް ރާއްޖެއަކު ވަގުތީ ސަރުކާރެއް އުފައްދަންޖެހޭ އެއްވެސް ސަބަބެއް ނެތް.


ދެވަނަ ސަބަބަކީ ބައެއް ތަންތާނގެ ޤާނޫނުތަކުގައި ބުނާނެ. ވަކިކަހަލަ ކަންތައްތަކެއް ދިމާވީމާ، ނުވަތަ ވަކިކަހަލަ އިންތިޚާބެއް، މިސާލަކަށް، ރިޔާސީ އިންތިޚާބު، ނުވަތަ އެނޫންވެސް އިންތިޚާބެއް އަންނައިރު، ވަގުތީ ސަރުކާރެއް އުފައްދަން ޖެހޭނެޔޭ. އެއީ އެތަންތާނގެ ޤާނޫނުތަކުގައި އެހެން ބުނެފައި ހުންނާތީ. އެކަމަކު ރާއްޖޭގެ ޤާނޫނަކު ނޯވޭ، އެކަހަލަ ވާހަކައެއް ބުނެފައެއް. ޤާނޫނުއަސާސީއަކުވެސް ނެތް. އެހެން ޤާނޫނަކުވެސް ނެތް. އެހެންވީމާ، ރާއްޖޭގައި ވަގުތީ ސަރުކާރެއް އުފެއްދުމަކީ ކުރަން ޖެހޭނެ ކަމެއް ނޫން. ކުރުމުގެ ބޭނުމެއްވެސް އޮތް ކަމެއް ނޫން.


ދެން މީގެ ޙަޤީޤީ ބޭނުމަކީ، ބައެއް ފަރާތްތަކުން ބޭނުންވަނީ، ކޮންމެ ގޮތަކުންވެސް ސަރުކާރު ބަދަލުކޮށްލަން. އެއީ އެއްގޮތަކުން ނުވިއްޔާ، އަނެއް ގޮތަކުން ބަދަލުކޮށްލަން މަސައްކަތް ކުރާ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އުޅޭތީ، މިވާހަކަތައް ފެތުރިގެން މިހެން މިދަނީ. އެއީ އެއްވެސް ކަހަލަ ސަބަބެއް، ސިޔާސީ ނުވަތަ ޤާނޫނީ ސަބަބެއް އޮވެގެނެއް ނޫން. އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ މިވާހަކަ ހަމަ ދަންނަވާލާނަމޭ.


އެބޭފުޅުން އެ ވިދާޅުވާ ވާހަކައަކީ، މި ދެންނެވިކަހަލަ ވަގުތީ ސަރުކާރެއް ޤާއިމުކުރެވިގެންނޭ، ރާއްޖޭގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ، މިނިވަން އިންޞާފުވެރި އިންތިޚާބަކަށް ހެދޭނީ. އެކަމަކު އެއީ ޙަޤީޤަތެއް ނޫން. އިންތިޚާބު މިނިވަން ނުވަތަ އިންޞާފުވެރި އިންތިޚާބަކަށް ހެދޭނީކީ ވަކި ސަރުކާރެއް އޮތީމަކާ ނޫން. އެއީ އެކަމަށް ބޭނުންވާ ޤާނޫނުތަކާއި ޤަވާޢިދުތަކާއި، އެކިއެކި ވަސީލަތްތައް ހަމަޖެހިފައި އޮވެގެން. އެކަން ކުރަމުން ގެންދާ ވާހަކަ މި ދެންނެވީ. ރިޔާސީ އިންތިޚާބާބެހޭ ޤާނޫނަކާއި، ޢާންމު އިންތިޚާބާބެހޭ ޤާނޫނަކާ އުފެދޭނެ. އަދި މިނިވަން އިލެކްޝަންސް ކޮމިޝަނެއްވެސް އުފެދޭނެ. މިހާރު ޤާނޫނުއަސާސީގައި އޮތްގޮތަށް މިއޮތީ. އަލަށް މި އުފެދޭ ޤާނޫނުއަސާސީ ބުނާގޮތުން ރާއްޖޭގައި އޮންނަން ޖެހޭނެ، މިނިވަން މުސްތަޤިއްލު އިލެކްޝަންސް ކޮމިޝަނެއް. އެ ކޮމިޝަނަކީ ރައީސުލްޖުމްހޫރިއްޔާ އެ ކޮމިޝަންގެ މެންބަރުންގެ ނަންތައް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާ ބޭފުޅުން ތިއްބަވާ ކޮމިޝަނެއް. އެހެންވީމާ، އެއީކީ ސަރުކާރުގެ ނުފޫޒު ހިނގާނެ ނުވަތަ ބާރު ހިނގާ ކޮމިޝަނަކަށް ނުވާނެ. މުސްތަޤިއްލު ކޮމިޝަނަކަށްވާނީ. މިނޫންވެސް ކިތަންމެ ކަންތައްތަކެއް، ކިތަންމެ ވަސީލަތްތަކެއް އުފައްދަން އެބަޖެހޭ، މިއީ އިންޞާފުވެރި އިންތިޚާބަކަށް ހެދުމަށްޓަކައި. އެހެންވީމާ، އެއީ ކުރަން ބޭނުންވާ ކަމަކީ. އެކަން ކޮށްފިއްޔާ، ކޮންމެ ސަރުކާރެއް އޮތަކަސް، އެކަންތައްތައް ދާނީ ރަނގަޅަށް. އަދި ކުރިންވެސް ދެންނެވި ފަދައިން، ބޭރުގެ އެކި ފަރާތްތަކުން، ބޭރުގެ ކަމާބެހޭ ފަރާތްތަކުން އެ އިންތިޚާބުތައް ބަލަމުން ގެންދާނެ. ބަލާފައި ކަމާބެހޭ ރިޕޯޓުދޭނެ.


މީގެކުރިން މިހާތަނަށް ރާއްޖޭގައި ބޭއްވުނު އިންތިޚާބުތަކެއް، ކުރިން ވަރަށްގިނަ އިންތިޚާބުތަކެއް ވަނީ މި ދެންނެވި އުޞޫލުން ބޭރުގެ އޮބްޒަރވަރުން ގެނެސްގެން، އޮބްޒަރވަރުން ބައްލަވާފައި. އަދި އެބޭފުޅުން ވަނީ އެ ރިޕޯޓުތައް ދެއްވާފައި. އެ ހުރިހާ ރިޕޯޓުތަކެއް އަޅުގަނޑު އަތުގައި އެބަހުރި. އެ ހުރިހާ ރިޕޯޓެއްގައިވެސް ބުނެފައިވަނީ އެ އިންތިޚާބުތަކަކީ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ބޭއްވުނު އިންތިޚާބުތަކެކޭ. ޤާނޫނާއި ޤަވާޢިދާ ޚިލާފު ކަންތައްތަކެއް ހިނގާފައިވާ ކަމަކަށް، އެއިން އެއްވެސް ރިޕޯޓެއްގައި ބުނެފައެއް ނެތް. އެހެންވީމާ، ވަކި މިއަހަރު ބޭއްވޭ އިންތިޚާބަކީވެސް ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ދާނެ އިންތިޚާބެއް ކަމަށް ބުނާނެ ޖާގައެއް ނެތް.


އާދެ! އެހެން މި ދެންނެވީ، ރާއްޖެއަކީ ކުޑަކުޑަ ޤައުމަކަށްވާތީ. އެންމެންވެސް މި ތިބެނީ ކޮންމެވެސް ސިޔާސީ ކުލަވަރެއް ޖެހިފައި. ކޮންމެހެން ސިޔާސީ ކުލަވަރެއް ޖެހުމުގެ މާނައަކީ، އުފެދިފައި މިވާ ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށް، އެބޭފުޅުން ވެވަޑައިގަންނަވާ ވާހަކައެއް ނޫން. ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށްވެސް ވެދާނެ. އަދި ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށް ނުވާ މީހުންވެސް ސިޔާސީ ގޮތުން މި ތިބެނީ ކޮންމެވެސް އެއްގޮތަކަށް ލެނބިފައި.


އެހެންވީމާ، ކޮންމެ ސަރުކާރެއް އަޔަސް، ކޮންމެ ނަމެއް ކިޔާ ބަޔަކު ސަރުކާރު ހިންގިޔަސް، އެބަޔަކީވެސް އެބަޔެއްގެ ސިޔާސީ ކުލަވަރެއް ޖެހިފައިވާ ބަޔަކަށްވާނެ. ކޮންމެވެސް ކަހަލަ ސިޔާސީ ކުލަވަރެއް ޖެހިފައިވާ ބަޔަކަށްވާނެ. އަދި ކޮންމެވެސް ކަހަލަ އެޖެންޑާއެއް، އެމީހުންގެ ހިތުގައި އޮންނަ ބަޔަކަށްވާނެ. އެހެންވީމާ، ވަކި މިހާރުގެ ސަރުކާރުން އިންތިޚާބު ގޯސްކުރަން އުޅެފައި، ދެން އަންނަ ވަގުތީ ސަރުކާރަކުން، އެ ސަރުކާރުގައިވެސް ތިބޭނީ ހަމަ ދިވެހިން. ހަމަ އަޅުގަނޑުމެންގެ ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ މީހުން. އެމީހުންވެސް އެމީހުންގެ އަމިއްލަ އެޖެންޑާއެއްނެތި، ޢަދުލާއި އިންޞާފުވެރި ގޮތަކަށް ގެންދާނެ ކަމަކަށް އަޅުގަނޑު ހިތެއް ނުބުނޭ. އެހެންވީމާ، މިއީކީ އެއްގޮތަކަށްވެސް ޙަޤީޤީ ވާހަކައެއް ނޫން.


ދެން މިކަމާ ބެހޭގޮތުން ބައެއް ފަރާތްތަކުން ވަރަށް ދެރަވަރު ވާހަކަވެސް އެބަ ދައްކަވާ. އަޅުގަނޑުމެން އެބަޖެހޭ، އެކަމާ ދޭތެރޭގައިވެސް ވިސްނަން. މި ދެންނެވީ މި ދަތުރާ ގުޅިގެން ދިވެހިރާއްޖޭގެ ނޫހެއްގައި ޖެހި ކޮންމެވެސް ބޭފުޅެއްގެ ޚިޔާލުފުޅުތަކެއްގައި މިބުނަނީ. "ދިވެހި ސަރުކާރުން އެދުނަކަސް، އިންޑިޔާ ސަރުކާރަކުން ރާއްޖޭގައި ބޭއްވޭ އިންތިޚާބު އޮޅުވާލާކަށް އެހީތެރިވެއެއް ނުދޭނެއޭ." އަޅުގަނޑު ހިތަށްއެރި ކޮންކަހަލަ ވާހަކައެއްބާވައޭ؟ މީގައި އެ ވާހަކަ ނިސްބަތްވަނީކީ ހަމައެކަނި އަޅުގަނޑަކަށް ނޫން. ދިވެހި ސަރުކާރަކަށް ނޫން. މި ވާހަކަ އެބަ ނިސްބަތްވޭ، އިންޑިޔާ ސަރުކާރަށްވެސް. ޙަޤީޤަތުގައި މިއީ އިންޑިޔާ ސަރުކާރާ ދޭތެރޭގައި ވަރަށް އިހާނެތިކޮށް ބުނެވޭ ބަހެއް. އެއް ޤައުމަކުން އަނެއް ޤައުމެއްގައި ބާއްވާ އިންތިޚާބު އޮޅުވާލަން މަސައްކަތް ކުރާނީ ކިހިނެއްތޯ؟ ކާކުތޯ އެހެން ބުނާނީ؟ އެހެން ހިތަށް އަރާނީވެސް. ކާކަށްތޯ އެކަން ކުރެވޭނީވެސް.


މި ދެންނެވީ މިސާލަކަށް، އަޅުގަނޑު އެހެން ބުނަންޏާ، އަޅުގަނޑު އައިސް ކިހިނެއްތޯ ދަންނަވާނީ، ވަޑައިގެން އަޅުގަނޑުމެންގެ ރާއްޖޭގައި އޮތް އިންތިޚާބު އޮޅުވާލަދެއްވާށޭ. ކިހިނެއްތޯ އެހެން ބުނާނީ؟ އަޅުގަނޑެއް ނޫން. އެހެން އެއްވެސް މީހަކުވެސް ނުބުނާނެ. ބުނެވޭނެ ވާހަކައެއްވެސް ނޫން. އަނެއްކާ ބޭރު ޤައުމަކުން ކިހިނެއްތޯ، ރާއްޖެ އައިސް އިންތިޚާބު އޮޅުވާލާނީ؟ ކޮން ކަމެއްތޯ ކުރާނީ؟ މި ރަށުންވިއްޔާ މެހެތާއާއި، މޯހަންއާއި، ކުމާރާއި، ސިންހްޢާއި، ޗޯޕްރާއާ، މިހެންކިޔާ އެތައްހާސް ބަޔަކު ފޮނުވައިގެން، އެމީހުން ލައްވާ ވޯޓު ދެއްވާނީތޯ؟ އެއީވެސް ވާނެ ކަމެއް ނޫން. ދިވެހިންނަށް ވޯޓުލެވޭނީ. ނޫނީވިއްޔާ މިދެންނެވި މުސްތަޤިއްލު އިލެކްޝަންސް ކޮމިޝަންގައި ތިބޭނީ މި މީހުންތޯ. މިރަށު މީހުން. ކިހިނެއްތޯ ތިބޭނީ؟ އެހެން އެއްވެސް ޤައުމަކުންވެސް ނުތިބޭނެ. ވޯޓު ގުނަން ތިބޭނީ މިތާ މީހުންތޯ؟ ނުތިބޭނެ. ހަމަ ދިވެހިން. ހަމަ އަޅުގަނޑުމެންގެ ޤާނޫނާއި ގަވާއިދު ބުނާ ގޮތުގެ މަތިން، އެކަމަށް އިޚްތިޔާރު ކުރެވޭ ދިވެހިން މިހުރިހާ ކަމެއްގައި އުޅޭނީވެސް. އެމީހުންނަށް އެ ޙައްޤު އޮންނާނީވެސް.


އެހެންވީމާ، ކިހިނެއްތޯ ބޭރު ޤައުމަކުން އައިސް އެހެން ތަނެއްގެ އިންތިޚާބު އޮޅުވާލަން މަސައްކަތް ކުރާނީ. އެގޮތަކަށް ނުކުރެވޭނެ. މިކަހަލަ ބުއްދި ޤަބޫލުނުކުރާ ވާހަކަ އަޅުގަނޑުމެންގެ ތެރޭގައި ދެކެވި އަދި ނޫސްތަކުގައި ޖެހޭތީ، އެކަމާ އަޅުގަނޑުމެން ވިސްނާލަންޖެހޭ. އެކަމަކު ނޫސްތަކުގެ މިނިވަންކަން އޮތްގޮތުން، ޖެހުމަކާ ދޭތެރޭގައި މައްސަލައެއް އޮތީކީ ނޫން. އެ ނޫހަކުން ޖަހަން ބޭނުންވާ ވާހަކައެއް ޖަހާފާނެ. އެކަމަކު އަޅުގަނޑުމެންނަކީވެސް ވިސްނުމެއް ހުރި ބަޔެއް. އެހެންވީމާ، އަޅުގަނޑުމެންގެ ބުއްދި ގަބޫލުކުރާ އެއްޗެހި ގަބޫލުކުރަންވާނީ. އެނޫން ވާހަކައަކީ އަޅުގަނޑުމެން ހަމަ ކިޔާލާފައި ދޫކޮށްލަންޖެހޭ ވާހަކަތައް.


ދެން ވިދާޅުވަނީ، އިންޑިޔާއާއި ދިވެހިރާއްޖެއާ ދޭތެރޭގައި އޮންނަ ގުޅުން މި ބަދަހިވަމުންދަނީ ވަކި މައުމޫން ކުރާ މަސައްކަތަކުން ނޫނޭ. ތެދުފުޅެއް. ވަރަށްބޮޑު ޙަޤީޤަތެއް. އަޅުގަނޑު ހަމަ އެއްބަސް. އަޅުގަނޑު ކުރާ މަސައްކަތުން އެކަންޏެއް ނޫން. ދިވެހި ސަރުކާރު ކުރާ މަސައްކަތުން. އެކަން އެނގިވަޑައިގަންނަވާނެ. ސަރުކާރުގައިވެސް ކަންތައް ކުރަން ތިބެނީ ވަކިބަޔަކު. އޭގެތެރެއިން އެކަކު، ޤައުމުގެ ރައީސް. އަޅުގަނޑު އިރާދަކުރެއްވީތީ މިމަގާމުގައި ހުންނަތާ 30 އަހަރުވާން މިއުޅެނީ. މިވޭތުވެދިޔަ ގާތްގަނޑަކަށް ތިރީހަކަށް އަހަރު ދުވަހުގެ ތެރޭގައި، ކިތައްފަހަރު އަޅުގަނޑު އިންޑިޔާއަށް ޒިޔާރަތްކޮށްފިންތޯ؟ ވަރަށްގިނަފަހަރު. ރަސްމީ ދަތުރުތައްވެސް ވަރަށްގިނަ. އަދި އެ ކިޔާ ބައިލެޓްރަލް ދަތުރުތައް. ދެ ޤައުމުގެ ދޭތެރޭގައި އޮންނަ ކަންތައްތައް ކުރިއަށް ގެންދަން ކުރި ދަތުރުތައްވެސް ވަރަށްގިނަ. "ސާކް" ގެ ޖަލްސާތަކުގައި ބައިވެރިވުމަށް ކުރި ދަތުރުތައްވެސް ވަރަށްގިނަ. މިވޭތުވެދިޔަ 12 މަސް ދުވަހުގެ ތެރޭގައި މިއީ އަޅުގަނޑު އިންޑިޔާއަށް ކުރާ ތިންވަނަ ދަތުރު. މިއިން ކޮންމެ ފަހަރަކު އިންޑިޔާ ސަރުކާރުގެ އެންމެ އިސްބޭފުޅުންނާ އަޅުގަނޑާ ބައްދަލުކުރުމުގެ ފުރުޞަތު ލިބޭ. އަޅުގަނޑުމެންގެ ދެޤައުމުގެ ދޭތެރޭގައި އޮންނަ ގުޅުން ބަދަހިކުރަން ވާހަކަ ދެއްކުމުގެ ފުރުޞަތު އެބަ ލިބޭ. އެބޭފުޅުން އެކަން އެބަ ކޮށްދެއްވާ.


މިސާލަކަށް، ރާއްޖެއަށް އެތެރެކުރާ ބައެއް ވައްތަރުގެ ތަކެތި. ކާބޯތަކެތި ނުވަތަ އިމާރާތް ކުރުމަށް ބޭނުންކުރާ ބައެއް އެއްޗެތި. ހިލަވެލި، މިކަހަލަ އެއްޗެތި މިގެންދަނީ މިތަނުން. އެކަންކަމަށް އޮވޭ ވަކިކަހަލަ މިންގަނޑުތަކެއް ކަނޑައަޅުއްވާފައި. އެހެންނަމަވެސް، އިންޑިޔާ ސަރުކާރުން ރާއްޖެއަށް ޚާއްޞަ ޢިނާޔަތެއްގެ ގޮތުން، އެ މިންގަނޑުތައް މިހާރު މައްޗަށް ޖައްސަވާލަދެއްވައިފި. ރާއްޖެއަށް ބޭނުންވާ ވަރަށް، އެ އެއްޗެތި އިންޑިޔާއިން ރާއްޖެއަށް އެކްސްޕޯޓް ކުރުމުގެ ހުއްދަވަނީ އިންޑިޔާ ސަރުކާރުން ދެއްވާފައި.


އޭގެއިތުރުން، މި ދެންނެވި އެކިއެކި ދާއިރާތަކުގެ އެއްބާރުލުން، އެއް ދުވަހުން އަނެއް ދުވަހަށް މިދަނީ އިތުރުވަމުން. އަޅުގަނޑުމެން ހަމަ ކޮންމެ ވާހަކައެއް ދަންނަވާލާއިރަށް، އިންޑިޔާއިން އެކަން ކޮށްނުދެއްވާ ކަމެއް ނާދޭ. އަޅުގަނޑުމެން ދަންނަވަނީ މުހިންމު ކަންތައްތަކުގެ ވާހަކަ. އެއްގޮތަކަށްވެސް ކުދިކުދި ކަންތައްތަކުގެ ވާހަކައެއް ނޫން. މިސާލަކަށް، އަޅުގަނޑުމެންގެ ރާއްޖޭގެ ކުދިންނަށް ލިބޭ ތަޢުލީމު ޙާޞިލު ކުރުމުގެ ފުރުޞަތުގެ ވާހަކަ. މިއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންގެ ރާއްޖެ ކުރިއަށްދާނީ، ރާއްޖޭގައި ތަޢުލީމީ މީހުން ގިނަވިވަރަކަށް. އެހެންވީމާ، އެކަމަށް ބޭނުންވާ މީހުން ތިބުމާ އެކީގައި، އިންޑިޔާ ސަރުކާރުން އެ ފުރުޞަތުތައް އަބަދުވެސް ހަމަޖައްސަވައިދެއްވާ. އެހެންވީމާ، މިހާރުވެސް އިންޑިޔާގައި ތަޢުލީމު ޙާޞިލު ކުރަން ތިބި ރާއްޖޭގެ ކުދިން، ވަރަށްގިނަ ތަންތާނގައި އެބަތިބި.

އަޅުގަނޑު ކުރާ މަސައްކަތާއި، އެއިރަކު ޚާރިޖީ ވަޒީރަކަށް ހުންނަވާ ބޭފުޅަކު ކުރައްވާ މަސައްކަތާއި، އަދި ސަރުކާރުގެ އެހެން ވަޒީރުން ކުރައްވާ މަސައްކަތާ، މި ހުރިހާ ކަމެއް އެކުލެވިގެން، ދެ ޤައުމުގެ ދޭތެރޭގައި އޮންނަ ގުޅުން ބަދަހިވެގެން މިދަނީ. އެހެންވީމާ، އަޅުގަނޑު ދުވަހަކުވެސް ނުބުނަން، އިންޑިޔާއާއި ރާއްޖެއާ ދޭތެރޭގައި އޮންނަ ގުޅުން ބަދަހިވަނީ، އަޅުގަނޑު ހުރީމައެކޭ ނުވަތަ އަޅުގަނޑު ކުރާ މަސައްކަތަކުންނެކޭ. އެކަމުގެ އެއްވެސް ކަހަލަ ތަޢުރީފެއް އަޅުގަނޑު އަމިއްލައަކަށް ހޯދާކަށް ބޭނުމެއްވެސް ނޫން. އެކަމަކު ޙަޤީޤަތް ބަލާ މީހަކަށް އެނގޭނެ. އަޅުގަނޑުވެސް ކޮށްފައި ހުރި މަސައްކަތާއި، އެހެން މީހުންވެސް ކޮށްފައި ހުރި މަސައްކަތާ. ކޮށްފައި ހުރި ދަތުރުތަކާއި އެނޫން ދަތުރުތަކާ. އިންޑިޔާގެ ހުރިހާ ބޮޑުވަޒީރުން މިދޭތެރެއިން މި ވަޑައިގެންނެވީ. ގާތްގަނޑަކަށް ހުރިހާ ބޮޑުވަޒީރުން ރާއްޖެއަށް ޒިޔާރަތް ކުރައްވައިފި. ފަހަރެއްގައި އެއް ބޭފުޅަކު، ދެ ބޭފުޅަކު ވަޑައިނުގެން ވެދާނެ. އެހެންނަމަވެސް، އިންޑިޔާ ސަރުކާރާ ޙަވާލުވެވަޑައިގަންނަވާ ކޮންމެ ބޮޑުވަޒީރަކުވެސް ރާއްޖެއަށް ޒިޔާރަތް ކުރައްވާ. ރާއްޖޭގެ ވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާ. އެ ކަންތައް ކުރިއަށް އެބަގެންދަވާ. އޭގެ ބައިވަރު ކަންތައްތައް އެހެރީ ރާއްޖޭގައިވެސް ފެންނަން. މިސާލަކަށް، އައި.ޖީ.އެމް.އެޗް.ވެސް އެހެރީ. އަދި ހޮޓެލް ސްކޫލްވެސް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ހެދޭނެ. މިހެންގޮސް އަޅުގަނޑުމެންނަށް ފެންނަ ތާނގައި ވަރަށްގިނަ ކަންތައްތަކެއްވަމުން އެބަދޭ. އަދި މިހާރުގެ ބޮޑުވަޒީރުވެސް އިރާދަކުރެއްވިއްޔާ މާލަހެއްނުވެ ރާއްޖެއަށް ޒިޔާރަތް ކުރައްވާނެ.


އެހެންވީމާ، މި ދެންނެވި ވާހަކައަކީ، މިހިރީ ބައިނަލްއަޤްވާމީ ގޮތުން ހިނގާ ކަންތައްތަކޭ. އެއީ އެހެންވީމާ، އެކަމަށް ނިސްބަތްކޮށް، އިނގިލި ދިއްކޮށް، ވަކިކަހަލަ ގޮތަކަށް ވާހަކަ ދެއްކުމަކީ، އެއްވެސް މީހަކު ކުރަން ޖެހޭނެ، ކުރަންވީ ކަމެއްވެސް ނޫނޭ. އެކަމަކުން އެއްވެސް ފައިދާއެއްވެސް ނުކުރާނެއޭ. ޙަޤީޤަތުގައި އެ ޚިޔާލެއް ފާޅުކުރާ މީހެއްގެ ވިސްނުމުގައި ހުރި މިންވަރު މި އެނގެނީ. އެހެންވީމާ، އެކަހަލަ ކަންތައްތަކަށް އަޅުގަނޑުމެންވެސް ސަމާލުވާންޖެހޭނެ ވާހަކަ ދަންނަވާލީ. މިނިވަންކަން އޮތަކަސް، އެ މިނިވަންކަމުގެ ބޭނުންކުރަންވާނީ މަސްއޫލު ގޮތެއްގައި. އެމީހަކުވެސް ޚިޔާލު ފާޅުކުރާއިރުވެސް އޮށްޓަރު ހުރި، ރަނގަޅު، ހަރުދަނާ ޚިޔާލެއް ފާޅުކުރެވޭތޯ ބަލަންވާނެ. ހަމަ ހިތަށްއެރި ކޮންމެ އެއްޗެއް ކިޔުމަކީ އަދި ކޮންމެ ބޭނުމެއްގައިވެސް އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއް ނޫންކަންނޭނގެ.


އާދެ! މިހާރުވެސް ވަރަށްގިނަ ވާހަކަ ދެއްކިއްޖެކަންނޭނގެ އަޅުގަނޑަށް. އެހެންނަމަވެސް، އަޅުގަނޑު ހިތަށްއެރީ، މިފަދަ މުނާސަބަތެއްގައި ދިވެހި ބަޔަކާ ބައްދަލުކުރާއިރު، ރާއްޖޭގެ ކަންތައް ހިނގަމުންދާ ގޮތާއި، ރާއްޖޭގައި ކުރިއަށް އޮތް ތާނގައި ކަންތައްތައް ހިނގަމުންދާނެ ގޮތާއި، އަދި އެކި މީހުން ޚިޔާލު ގެންގުޅޭގޮތާ، މި ކަންތައްތައް، ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ޖެހޭނެއޭ. ތިޔަބޭފުޅުންނަށް އަޅުގަނޑު ނުދެންނެވިޔަސް އެނގިވަޑައިގަންނަވާނެ. އެހެންނަމަވެސް، ސަރުކާރުން މިކަން ދެކޭގޮތާއި، މިކަމުގައި ކަންތައްތައް ގެންދަން ގަސްދުކުރާގޮތް ދަންނަވާލުމަކީ، ހަމަ ތިޔަބޭފުޅުންގެ ޙައްޤަކަށްވާތީ، އެހެންވީމާ އަޅުގަނޑުވެސް މި ވާހަކަ މިދަންނަވާލީ.


އާދެ! އަޅުގަނޑު އެދެނީ، މިރޭގެ މިބައްދަލުވުމަކީ ވަރަށް އުފާވެރި ބައްދަލުވުމަކަށްވާން. އަޅުގަނޑާއި ނަސްރީނާއަށް ލިބުނު ވަރަށްބޮޑު އުފަލެއް، މިރޭ ތިޔަ ހުރިހާ ބޭފުޅުންނާ ބައްދަލުކޮށްލުމަކީ. އެހެންވީމާ، އެކަމަށް ހުރަސް އެޅުމުގެ ގޮތުން މާގިނަ ވާހަކަތަކެއް ނުދައްކައި އަޅުގަނޑު ދެން އިށީންނާނަން.


އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى، އަޅުގަނޑުމެންނަށް އަބަދުވެސް ހެޔޮ ވިސްނުން ދެއްވުން. އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް އެޅުމުގެ ތައުފީޤު، އެކަމުގެ ވިސްނުމާއި ޤާބިލުކަމާއި، ކެރުމާއި ހިތްވަރު އަޅުގަނޑުމެން އެންމެންނަށް ދެއްވުން. އަދި ދިވެހިރާއްޖޭގެ ކިޔަވާ ކުދިންނަށް ތަޢުލީމު ހާސިލު ކުރުމުގެ އިތުރު ފުރުޞަތުތައް ތަނަވަސްވެގެން ގޮސް، ރާއްޖެއަކީ ކުރިޔަށް އޮތް ތާނގައި ވަރަށް އުފަލާއި ހިތްހަމަޖެހުމާ އެކީގައި ރައްޔިތުން ދިރިއުޅޭ އަދި އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަން ޤާއިމުވެފައިވާ ރާއްޖެއަކަށް، ޤައުމަކަށް ވެގެންދިޔުން.


والســّلام عليــكم ورحـمــة اللّـه وبـركاتـه.