بســم اللّـه الرّحمـن الرّحيــم

اَلْحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّـلام على أشرف المرسـلين، سيدنا محـمَّدٍ وَعلى آلـه وأصـحَابِه أجمـعـين.

އާދެ! އަމިއްލައަށް އެދިގެން ލޭ ހަދިޔާ ކުރުމުގެ ރޫޙު އާލާކޮށް ދިރުވުމަށްޓަކައި މިރޭ މިފެށޭ މުހިންމު ޤައުމީ ކެމްޕޭން، މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން އިފްތިތާޙުކޮށްދިނުމަކީ، އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް.

އާދެ! ރާއްޖޭގައި ލޭއަޅަންޖެހޭ މީހުންނާއި ކުދިންގެ އަދަދު، ޚާއްޞަކޮށް ތެލަސީމިއާ ބަލީގެ ކުދިންގެ ޢަދަދު ވަރަށްގިނަ. އެމީހުންނަށާއި ކުދިންނަށް ބޭނުންވާ ލޭ ގަވާއިދުން ލިބޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމަކީ، ޝައްކެއްނެތްގޮތުގައި ވަރަށް މުހިންމު ކަމެއް.

ދެންމެ މި ޕްރޮގްރާމް ތަޢާރުފުކޮށްދިނުމުގެ ގޮތުން، ވާހަކަފުޅު ދެއްކެވި ބޭފުޅަކާއި އަދި މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް އިލްޔާސް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މީހުން އެކިސަބަބުތަކަށްޓަކައި ލެޔަށް ބޭނުންވެފައިވާ މިންވަރު ބަޔާންކޮށްދެއްވި. ރާއްޖޭގައި ތެލަސީމިއާ ބަލީގެ ކުދިން ވަރަށްގިނަ. އެކުދިންނަށް ގަވާއިދުން ލޭ ބޭނުންވޭ. ހަމައެހެންމެ، ތަފާތު އެހެން ޞިއްޙީ މައްސަލަތަކާހެދި ކުއްލިއަކަށް ލޭ ބޭނުންވާ މީހުންގެ އަދަދުވެސް މިދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން. ފަހަރެއްގައި، ނުރައްކާތެރި އެކްސިޑެންޓެއްވުމުގެ ސަބަބުން ގިނަ އަދަދަކަށް ލޭ ގެއްލި، ލެޔަށް ބޭނުންވެފައިވާ މީހުން އެބަތިބޭ. އަދި ބައެއް އެހެން ބަލިބައްޔާ ގުޅިގެން، އެމީހުންގެ ގައިން ވަރަށްގިނަ ޢަދަދަކަށް ލޭ ބޭރުވުމުގެ ސަބަބުން، ވަގުތުން ލޭ އަޅަންޖެހޭ މީހުން ވަރަށްގިނަ. މި އެންމެންވެސް ތިބެނީ ލެޔަށް ބޭނުންވެފައި.

އެހެންވީމާ، ރައްކާތެރި ގޮތެއްގައި އަބަދުވެސް ލޭ ލިބޭނެ އިންތިޒާމެއް ހަމަޖެހިފައި އޮތުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ގަބޫލުކުރަން އަޅުގަނޑުމެންނަށް ޖެހޭ. މިހާރު ރާއްޖޭގައި ބްލަޑް ބޭންކެއް އެބަހުރި. އަދި ރައްކާތެރިކަމާއެކުގައި ޞިއްޙީގޮތުން ބަލަންޖެހޭ މިންގަނޑުތަކަށް ފެތޭގޮތަށް ލޭ ރައްކާތެރި ކުރެވޭ ތަންތަން އެބަހުރި. ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި އެ ވާހަކަ ވިދާޅުވެއްޖެ. މިތަންތަން ތައްޔާރުކޮށްފައި މިހުރީ ކުރިއްސުރެ ލޭ ހަދިޔާ ކުރަން ބޭނުންވާ މީހުން، ލޭ ދިނީމާ، އެތަންތާނގައި ރައްކާތެރިކަމާއެކީގައި ލޭ ބެހެއްޓުމަށްޓަކައި. އަދި ކުއްލިއަކަށް ލެޔަށް ބޭނުންވާ ކުއްޖަކު ނުވަތަ މީހަކު ހުރެއްޖެނަމަ، ވަގުތުން އެއްވެސް ދަތިކަމަކާނުލާ އެމީހާއަށް ނުވަތަ އެކުއްޖާއަށް ބޭނުންވާ ލޭ ލިބޭގޮތަށް ހަމަޖެއްސުމަށްޓަކައި.

މިފަދަ ތަންތަން ހުރުމުގެ ބޭނުން އަޅުގަނޑުމެން އެބަ ޙާޞިލު ކުރަންޖެހޭ. ތަނެއް ހަދާފައި ހުއްޓަކަސް، އެތަނުގެ ޚިދްމަތް ލިބެންވާ ފެންވަރަށް، ލިބެންވާ ވަގުތަށް ނުލިބޭކަމަށްވަންޏާ، އެފަދަ ތަންތަން ހަދާފައި ހުރުމުގެ ބޭނުމެއްވެސް ނެތް. އެކަމަށް އެކުރާ ޚަރަދުގެ ބޭނުމެއްވެސް ނެތް.

އެހެންވީމާ، މި ދެންނެވި ތަންތާނގައި ރައްކާތެރިކަމާއެކު، އެކަށީގެންވާ ދިގު މުއްދަތަކަށް ލޭ ބެހެއްޓުމުގެ ނިޒާމު ހަމަޖެހިފައިވާތީ، ލެޔަށް ބޭނުންވެގެން ފުރާނައަށް ގެއްލުންވާ ހިސާބަށްދާ މީހުންނަށާއި، އަދި ފުރާނައަށް ގެއްލުންނުވި ނަމަވެސް، އެމީހެއްގެ ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ލެޔަށް ބޭނުންވާ މީހުންނަށް، ލޭ ލިބޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމަކީ، ޝައްކެއްނެތްގޮތުގައި، ޤައުމީ ފެންވަރުގައި ބަލާއިރު ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކީވެސް، ކުރިން ނުވެސް އެނގި ކުއްލިއަކަށް ލެޔަށް ބޭނުންވެދާނެ މީހެއް. މިކަންވެސް އަޅުގަނޑުމެން އެބަ ގަބޫލުކުރަންޖެހޭ. ކޮންމެ މީހަކީވެސް މިކަހަލަ ކަމަކަށް ހުށަހެޅިފައިވާ މީހަކަށްވާއިރު، އެމީހަކު ގަދަވެ ސަލާމަތުން ހުރި ވަގުތެއްގައި، އެހެން މީހުންނަށްޓަކައި، އެމީހާގެ ލޭ ހަދިޔާ ކުރުމަކީ، އަޅުގަނޑު ހިތުން އެކަމާ ދޭތެރޭގައި އެމީހަކު ވިސްނައި، ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެ ކަމެއް.

އާދެ! ލޭ ހަދިޔާ ކުރުމުގައި، ޞިއްޙީ އުޞޫލުތަކެއް އޮންނާނެ. އެއީ އަޅުގަނޑު ހިތުން ލޭ ހަދިޔާ ކުރެވޭނީ، ޞިއްޙަތު ސަލާމަތުން ހުރި މީހުންނަށް. އަދި ވަކިކަހަލަ ބަލިތަކެއް، އެމީހުންގެ ހަށިގަނޑުގައި ނެތް މީހުންނަށް. އަދި ޑަބްލިޔޫ.އެޗް.އޯ ގަބޫލުކުރާ މިންގަނޑުތަކަށް، އެމީހުންގެ ލޭ ހުންނަ މީހުންނަށް. އެހެންނަމަވެސް، އެކަހަލަ މީހުން، މާތްﷲގެ ވާގިފުޅާއެކީގައި ރާއްޖޭގައި ވަރަށްގިނަ. އެމީހުން ލޭ ހަދިޔާ ކުރުމަކީ މި ދެންނެވި ޞިއްޙީ އަދި އިންސާނީ ބޭނުންތަކަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް.

އެހެންވީމާ، މިރޭ މި ފެށުނު ކެމްޕޭނަށް ހުރިހާ ދިވެހި ރައްޔިތުން ވަރަށްބޮޑު ސަމާލުކަމެއް ދެއްވުމަކީ، އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް.

އާދެ! އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައިވެސް ފުރާނަ ސަލާމަތް ކުރުމަށް ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވާފައިވޭ. ފުރާނަ ސަލާމަތް ކުރުމަކީ ދީނީގޮތުން ވާޖިބެއް. ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ގޮތުގައި، މީހަކު މަރައިގެން ނުވަތަ ބިމުގައި ފަސާދަ އުފައްދައިގެން، ޝަރީޢަތުން ކުރައްވާ ޙުކުމެއްގެ މަތިން، އެމީހާ މެރުން ފިޔަވައި، އެހެން ގޮތަކަށް މީހަކު މަރައިފި މީހާއީ، މުޅި އިންސާނިއްޔަތުގެ އެންމެން މަރައިފި މީހެއްފަދަ މީހެއް.

ހަމަ އެ އާޔަތުގައި، އެއާ ވިދިގެން އަންގަވަނީ، އެންމެ ނަފްސެއްވެސް، އެންމެ ފުރާނައެއްވެސް ސަލާމަތްކޮށްދީފި މީހާ، މުޅި އިންސާނިއްޔަތުގެ އެންމެންގެ ފުރާނަ، ހުރިހާ އިންސާނުންގެ ފުރާނަ ސަލާމަތްކޮށްދިން މީހަކުފަދައޭ. މިއީ އަޅުގަނޑުމެން ހަނދާން ކުރަންވީ ވަރަށް ވަރުގަދަ އިލާހީ އިރުޝާދެއް. އެންމެ މީހެއްގެ ފުރާނަ ސަލާމަތް ކުރުމަކީވެސް ދީނީގޮތުން ބަލާއިރު، އެންމެންގެ ފުރާނަ ސަލާމަތް ކުރުންފަދަ ހެޔޮކަންބޮޑު ކަމެއް. އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކީވެސް، އެހެން މީހެއްގެ ފުރާނަ ސަލާމަތް ކުރުމުގައި ވަރަށް ބޮޑަށް ފަރުވާތެރިވާންޖެހޭނެ މީހެއް. އެމީހެއްގެ ދީނީ ވާޖިބު އަދާކުރަންޖެހޭނެ މީހެއް. މިކަމަކީ ހަމައެކަނި އަޅުގަނޑުމެންގެ އިޖްތިމާޢީ ވާޖިބެއް ނޫން. މިއީ އަޅުގަނޑުމެންގެ ދީނީ ވާޖިބެއްވެސްމެ. މިކަންކަން އަޅުގަނޑުމެން އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެ.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ރާއްޖޭގައި ލޭ ހަދިޔާކުރާ މީހުންގެ ކަންތައް ބެލެހެއްޓުމާއި، ބްލަޑް ބޭންކް ހިންގެވުމާއި، އަދި މި ޚިދްމަތް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގައި، އެކި މިންވަރަށް ޙިއްޞާ ކުރައްވާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އޭގެތެރޭގައި، ޚާއްޞަ ގޮތެއްގައި މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް އިލްޔާސް އިބްރާހީމްގެ ނަންފުޅު އަޅުގަނޑު ފާހަގަކުރަން. ހަމައެހެންމެ، ހެލްތް މިނިސްޓަރގެ ނައިބު ޑޮކްޓަރ ޢަބްދުލްޢަޒީޒު ޔޫސުފްގެ ނަންފުޅުވެސް އަޅުގަނޑު ފާހަގަކުރަން. އަދި ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ އިސްވެރިންނާއި މުވައްޒަފުންނާއި، ނޭޝަނަލް ތެލަސީމިއާ ސެންޓަރުގެ ވެރިންނާއި މުވައްޒަފުންނާއި، ތެލަސީމިއާ ސޮސައިޓީގެ މެންބަރުންނާއި، ސޮސައިޓީ ފޮރ ހެލްތް އެޑިޔުކޭޝަންގެ މެންބަރުންނާއި އަދި މިމަސައްކަތުގައި ޙިއްޞާވާ ހުރިހާ ޞިއްޙީ ޚިދްމަތްތެރިން އަޅުގަނޑު ޝާމިލުކޮށް، އެ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ހަމައެހެންމެ، މި މުހިންމު މަޝްރޫޢަކީ، ބޭރުގެ އެހީ ލިބިގެން، އާދެ! ގްލޯބަލް ފަންޑުގެ އެހީގައި ހިންގޭ މަޝްރޫޢަކަށްވާތީ، އެކަން އިންތިޒާމު ކުރައްވައި، އަދި އެ އެހީ ރާއްޖެއަށް ލިބިދިނުމަށް މެދުވެރިކުރައްވާ ފަރާތްތަކާއި ބޭފުޅުންވެސް އަޅުގަނޑުގެ މި ޝުކުރުގައި ޝާމިލުކުރަން. ޚާއްޞަކޮށް، ޔޫ.އެން.ޑީ.ޕީ އާއި، ޔުނިސެފާއި، ޑަބްލިޔޫ.އެޗް.އޯ.އާ، މި ޖަމާޢަތްތަކުން އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންގެ ޞިއްޙީ ޚިދްމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކޮށް، އަޅުގަނޑުމެންގެ ޞިއްޙީ ފެންވަރު މަތިކުރުމަށްޓަކައި، ވެދެއްވާ އެހީތަކަށްޓަކައި، އެ ހުރިހާ ޖަމާޢަތްތަކަށްވެސް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ އިޚްލާޞްތެރި އިލްތިމާސަކީ، ރާއްޖޭގެ ރައްޔިތުން، މިރޭ މި ފެށުނު މުހިންމު މަޝްރޫޢަށް އެކަށީގެންވާ ތަރުޙީބެއް ދެއްވުން. އާދެ! އަމިއްލައަށް އެދިގެން ލޭ ހަދިޔާ ކުރުމުގެ ރޫޙު އާލާކޮށް އިތުރުކުރުމަށް، މި ފެށުނު ކެމްޕޭނުގައި، ރާއްޖޭގެ ރައްޔިތުން ވަރަށް ފުރިހަމައަށް ބައިވެރިވެވަޑައިގަތުން. ޙިއްޞާ ކުރެއްވުން. އަދި އަޅުގަނޑުމެންގެ ތެރެއިން ލެޔަށް ބޭނުންވާ ކުދިންނަށާއި، އެކިއެކި ބަލިމީހުންނަށް ފަސޭހައިން އެއްވެސް ދަތިކަމެއްނެތި ބޭނުންވާ ވަގުތު ލޭ ލިބޭގޮތަށް މަސައްކަތް ކުރުމުގައި، ދިވެހިރާއްޖޭގެ ރައްޔިތުންގެ ހުރިހާ އެންމެންގެ ފުރިހަމަ އެއްބާރުލެއްވުމާއި ތަރުޙީބު ލިބުން.

މާތްﷲ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި ބަރަކާތް ލައްވާށި! ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދުޅަހެޔޮކަމާއި ފުރިހަމަ ޞިއްޙަތު މިންވަރު ކުރައްވާށި! އަދި ރާއްޖޭގެ ޞިއްޙީ ޚިދްމަތުގެ ފެންވަރު މަތިކުރުމަށާއި ފުޅާކުރުމަށް، ސަރުކާރާއި، އަމިއްލަ ފަރާތްތަކާއި، ރާއްޖޭގެ ހުރިހާ ޖަމާޢަތްތަކުން މިކުރާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލައްވާށި!

والسلام عليكم ورحمة اللّـه وبركاته.