بســم اللّـه الرّحمـن الرّحيــم

اَلْحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّـلام على أشرف المرسـلين، سيدنا محـمَّدٍ وَعلى آلـه وأصـحَابِه أجمـعـين.

އާދެ! ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑަކީ ވަރަށްގިނަ ތަންތާނގައި ވާހަކަ ދައްކާފައި ހުރި މީހެއް. މާލޭގައިވެސް، އަތޮޅުތަކުގައިވެސް، ރާއްޖެއިން ބޭރުގައިވެސް، ތަފާތު މުނާސަބަތުތަކުގައި އަޅުގަނޑު ވާހަކަ ދައްކަންޖެހޭ. އަދި މާތްﷲގެ ވާގިފުޅާއެކު، ކޮންމެ މުނާސަބަތެއްގައިވެސް ކޮންމެވެސް އެއްޗެއް ބުނެވޭތޯ އޮންނާނީ ބަލާފައި. އެހެން ނަމަވެސް، މިރޭ އަޅުގަނޑަށް ދަންނަވަން ޖެހެނީ، މިރޭ މިތަނަށް އަޅުގަނޑު އައިސް ހުއްޓިފައި، ހަމަ ދަންނަވާނެ އެއްވެސް އެއްޗެއް ނޭނގެއޭ. އާދެ! ތިޔަބޭފުޅުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއާއި، ތިޔަ ފާޅުކުރެއްވި އިޚްލާޞްތެރި ޝުޢޫރުތަކުގެ ސަބަބުން، އަޅުގަނޑު މިވަނީ އެކަމަށް ޝުކުރުވެރިވުމަށްވެސް ހަމަ ނުކުޅެދިފައޭ.

ޝައްކެއްނެތް. މިތަނަށް ދިވެހި ރައްޔިތުންގެ ފަރާތުން ވަރަށް ޢިއްޒަތްތެރި އަޚުންތަކަކާއި އުޚުތުންތަކެއް ދެންމެ ވަޑައިގެން، އަޅުގަނޑަށް މަރްޙަބާ ވިދާޅުވެ، އިންޑިޔާއިންނާއި ޝްރީލަންކާއިން މިލިބުނު އެވޯޑާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައި، އަޅުގަނޑަށް ތަހުނިޔާ އަދާކޮށްދެއްވައިފި. އެކަމަށްޓަކައި އެހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މިތަނަށް ވަޑައިގެން ތިޔަ ތިއްބެވި ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! މިރޭގެ މިކަންތައް ހަމަޖެހިގެން މިދިޔައީ، ވަރަށް އާދަޔާ ޚިލާފު ގޮތަކަށޭ ދަންނަވާލަން އެބަޖެހޭ. ހަނދާންވާ ގޮތުގައި މީގެ ދިހަވަރަކަށް ދުވަސް ކުރިން، އަޅުގަނޑު ގާތު އޮފީހުން ބުނީ، މިމަހު ފަހުކޮޅު ކޮންމެވެސް ފަސޭހަ ދުވަހެއް ބުނެދޭށޭ، ބައެއް ބޭފުޅުން އެބަ ވިދާޅުވެޔޭ. އަޅުގަނޑު އަހާލީ ކޮން ކަމަކާ ބެހޭގޮތުންތޯއޭ؟ ދެން އޮފީހުން އަޅުގަނޑު ގާތު ބުނީ، އަމިއްލަ ފަރާތްތަކުން ރައީސަށް މަރްޙަބާ ކިޔުމުގެ ގޮތުން ކޮންމެވެސް ކަހަލަ ކަމެއް ކުރަން ބޭނުންވާތީއޭ. އަޅުގަނޑު އަހާލިން އަމިއްލަ ކޮންފަރާތެއްތޯ؟ ދެން އޭގެ ޖަވާބެއް މާރަނގަޅަކަށް ނުލިބުނު. ދެން ކޮން މުނާސަބަތެއްތޯ އަހާލީމާ، ފަހުން މިއެނގުނީ އިންޑިޔާއިން މި ލިބުނު ދެމެހެއްޓެނިވި ތަރައްޤީއާބެހޭ ލީޑަރޝިޕް އެވޯޑާއި، އަދި ޝްރީލަންކާ ސަރުކާރުން މި ދެއްވި ޝްރީލަންކާ މިތުރަ ވިބޫށަނަ އެވޯޑާއި، މި ދެ އެވޯޑު ލިބުމުގެ މުނާސަބަތުގައި، ރައްޔިތުން އުފާފާޅުކުރުމުގެ ގޮތުން ބާއްވަވާ ކަމެކޭ. ދެން އެހެން ނަމަވެސް، މިކަން ކުރައްވާ ވަކިބޭފުޅުންނެއް އަޅުގަނޑަކަށް އޮޅުމެއްނުފިލި.

ދެން ވަކި ޖަވާބެއްނުދީ ހުއްޓައި، އޭގެ ދެތިން ދުވަސް ފަހުން، އަޅުގަނޑުމެންގެ ޕާޓީ އޮފީހުން، އާދެ! ޑީ.އާރު.ޕީ އޮފީހުގެ އިސްބޭފުޅަކު އަޅުގަނޑާ ގުޅުއްވާފައި މި ވިދާޅުވަނީ، ރައީސަށް ވަރަށް އިޚްލާޞްތެރި، ސަރުކާރަށް ވަރަށް ތާއީދު ކުރައްވާ ބޭފުޅުންކޮޅެއް އެބަ އެދިވަޑައިގަންނަވައޭ، މި ލިބުނު ދެ އެވޯޑާ ބެހޭގޮތުން ރައީސަށް މަރްޙަބާ ކިޔުމުގެ ކޮންމެވެސް ޙަފްލާއެއް ބާއްވަން. އެހެންވީމާ، އެކަމަށް ދުވަހެއް ކަނޑައަޅައިދޭށޭ. ދެން އަޅުގަނޑު ދެންނެވީ، އެއީ ކޮން ބޭފުޅުންނެއްތޯއޭ؟ ދެން އޭނާވެސް ވަކި ނަންތަކެއް ވިދާޅެއްނުވޭ. ވިދާޅުވީ، މި ބޭފުޅުންނަކީ ވަރަށް ތެދުވެރި އަދި ސަރުކާރަށް ވަރަށް އިޚްލާޞްތެރި، ރައީސަށް ވަރަށް ތާއީދު ކުރައްވާ ބޭފުޅުންކޮޅެކޭ. އޭނާ ވިދާޅުވިގޮތުގައި، ޑައިހާޓް ބޭފުޅުންކޮޅެއް. ދެން ކޮންމެއަކަސް އަޅުގަނޑު ހިތަށްއަރައިފި. އަޅުގަނޑުމެން ޕާޓީ އޮފީހުން އެހެން ބުނާނީ، ޕާޓީ އޮފީހުގެ ވެރިންނަށްވެސް، މިކަމުގެ ޙަޤީޤަތް ކޮންމެވެސްވަރަކަށް އެނގިވަޑައިގަންނަވާތީއޭ. އަދި މިކަން ކުރައްވާ ބޭފުޅުންނަކީ، ކަމަށް އެކަށީގެންވާ، ވަރަށް އިޚްލާޞްތެރިކަމާއެކު އެކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން ކަމަށްވާތީއޭ. އެހެން އަޅުގަނޑަށް މަޢްލޫމާތު ލިބުނީމާ، އަޅުގަނޑަށް ވިސްނުނީމާ، އަޅުގަނޑު ދަންނަވައިފިން، އެންމެ ރަނގަޅޭ. ދެން ކޮންމެވެސް ދުވަހެއް އަޅުގަނޑު ބުނާނަމޭ. ދެން ވިސްނާލާފައި އަޅުގަނޑަށް ދެން ބުނެވުނީ މިރޭގެ ވާހަކަ.

ދެން އޭގެފަހުންވެސް މިކަން ހިނގަމުންދާކަމުގެ މާ ތަފްޞީލް މަޢްލޫމާތެއް އަޅުގަނޑަކަށް ނުލިބޭ. އެހެން އޮއްވައި، މީގެ ދެތިން ދުވަސް ކުރިން، އަޅުގަނޑަށް މި ލިބުނީ މީގެ ޕްރޮގްރާމެއް. މިހާރު މިހެނޭ ހަމަޖައްސަވާފައި މިއޮތީ. އަޅުގަނޑު ހިތަށްއަރައިފި، އާނއެކޭ ބުނެވިފައި އޮތީމާ، މިކަންވާނީ ކުރާށޭ. ދެން ކޮންމެއަކަސް މިތަނަށް އައީމާ އަޅުގަނޑަށް މި އެނގުނީ، މިކަން ކުރެއްވި ބޭފުޅުން މިކަން ކުރައްވާފައި މިއޮތީ ވަރަށް ފުރިހަމަކޮށް ކަމަށް. ވަރަށް ބޮޑަށް އިންތިޒާމު ކުރައްވައިގެން، ވަރަށްގިނަ ބޭފުޅުންނަށް ދަޢުވަތު ދެއްވައިގެން، އަދި އެބޭފުޅުންގެ ފުރިހަމަ އެއްބާރުލެއްވުމާ އެކީގައި މިކަން ކުރައްވާފައި މިއޮތީ.

އެހެންވީމާ، މި ދެންނެވީ އަޅުގަނޑަށް ހަމަ މިރޭ ދަންނަވާނެ އެއްވެސް އެއްޗެއް ނޭނގެއޭ. މިތަނަށް އައިސް އަޅުގަނޑު މިހިރީ ހަމަ ޙައިރާންވެފައި. މިހާ ގިނަ ބޭފުޅުން މިތަނަށް ވަޑައިގެން ތިއްބެވީތީ. އަދި މި މާލަން ފުރިގެން، އެހެން މާލަންތަކުގައިވެސް ބޭފުޅުން ތިއްބެވި ވާހަކަ އަޅުގަނޑު އަހާފައި މިއޮތީ. ކޮންމެއަކަސް މިކަން މި ކުރެއްވި ބޭފުޅުން، އޭގެތެރެއިން ބައެއް އިސްބޭފުޅުންނާ ދެންމެ އަޅުގަނޑަށް ބައްދަލުވެވިއްޖެ މިތާނގައި. އައިސް ވަންއިރު އިސްމާޢީލް ޝުޖާޢު ހުންނެވި. އޭނާގެ އެހެން އަޚުން ތިއްބެވި. އަދި ޙަބީބާ ޙުސައިން ޙަބީބް ހުންނެވި. ޢަބްދުﷲ ޝާކިރު ހުންނެވި. އަދިވެސް ވަރަށްގިނަ ބޭފުޅުން ތިއްބެވި. އަޅުގަނޑަށް ވިސްނުނީ، މިބޭފުޅުންގެ އިސްނެންގެވުމެއް، އެކަމުގެ ތެރޭގައި އުޅޭކަމަށް. އެހެންވީމާ، އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ދެންމެ މިތާނގައި ވާހަކަފުޅު ދެއްކެވި އަލްފާޟިލް ޢަބްދުﷲ ޝާކިރު، ވަރަށް މޮޅަށް ވާހަކަފުޅު ދެއްކެވީ. އޭނާއަކީ އަބަދުވެސް ވަރަށް މޮޅަށް ވާހަކަފުޅު ދައްކަވާ، އަޅުގަނޑުމެން ނުހޭން ތިއްބާވެސް ހެއްވާލައްވާ ބޭފުޅެއް. އެހެންވީމާ، ވަރަށް މަޖާ ވާހަކަ ދައްކަވައިފި. ވަރަށް ރަނގަޅު ވާހަކަ ދައްކަވައިފި. އޭނާ ފާޅުކުރެއްވި ހުރިހާ ޝުޢޫރުތަކަކީ، ވަރަށް އިޚްލާޞްތެރިކަމާއެކީގައި، ތެދުވެރިކަމާއެކީގައި ފާޅުކުރެއްވި ޝުޢޫރުތަކެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ، އޭނާއަށް އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އަލްފާޟިލާ ޙަބީބާ ޙުސައިން ޙަބީބުވެސް ވަރަށް ހެޔޮ ބަސްފުޅުތަކެއް އަޅުގަނޑަށް ރައްދު ކުރެއްވި. އެކަމަށްޓަކައި އެކަމަނާއަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ޢަބްދުﷲ ޝާކިރުގެ ވާހަކަފުޅުގައި، އަޅުގަނޑު ބޭރަށްކުރާ ކޮންމެ ދަތުރެއް ކޮށްފައި އައިސް، ކުދިންދެކެ ލޯބިވާ ބައްޕައެއްގެ ގޮތުން، ކުދިންނަށް ކޮންމެވެސް އެހީއެއް، ނުވަތަ ކޮންމެވެސް ހަދިޔާއެއް ގެނެސްދެޔޭ ވިދާޅުވި. ދެން އަޅުގަނޑުގެ ކުދިން މިތާ ތިބީމާ، އެކުދިން ނޭނގެ މިއާ އެއްބަސްވާނެ ކަމެއް. އެހެންނަމަވެސް، މިފަހަރު މި ދިމާވީ އެކަހަލަ ގޮތެއްކަންނޭނގެ. އެއީ އަޅުގަނޑަށް މި އިނާމު ލިބުނީމާ، އަޅުގަނޑު ވިސްނާލިއިރު، އަޅުގަނޑަށް ހަމަ ޙަޤީޤަތުގައިވެސް ގަބޫލުކުރެވުނީ، މިއިނާމަކީ އަޅުގަނޑަށް ލިބޭ އިނާމެއް ނޫން ކަމަށް. މި ދެ އިނާމަކީވެސް. އެންމެ ފުރަތަމަ އިންޑިޔާގެ "ޓެރީ" އިން އެ ދެއްވި އިނާމު. އެ އިނާމަކީ، ދި އެނަރޖީ އެންޑް ރިސޯސަސް އިންސްޓިޓިއުޓް އޮފް އިންޑިޔާ. އެތަނުން ދެއްވި އިނާމު. އެއީ ދެމެހެއްޓެނިވި ތަރައްޤީއާބެހޭ އިނާމު. ދެމެހެއްޓެނިވި ތަރައްޤީގެ ލީޑަރޝިޕާބެހޭ އިނާމު. މި އެވޯޑަކީ އެތަނުން އެކި ޤައުމުތަކުގެ ވެރިން ނުވަތަ އެކި ޤައުމުތަކުގެ ފަރާތުން ތިމާވެށި ރައްކާތެރި ކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީ ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރާ ފަރާތްތަކަށް ދެއްވާ އިނާމެއް. މި އިނާމު ދެން އެބޭފުޅުން މިފަހަރު މި ކަނޑައެޅުއްވީ އަޅުގަނޑަށް ދެއްވަން.

އެހެންނަމަވެސް، ޙަޤީޤަތަށް ދަންނަވަންޏާ، އެ މަސައްކަތަކީ އަޅުގަނޑު އެކަނި ކުރި މަސައްކަތެއް ނޫން. އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަމާއި، ރާއްޖެއަށް މި ދިމާވާ ބޮޑެތި މައްސަލަތަކާއި، މި ގޮންޖެހުންތަކުގެ ވާހަކަ، ދިވެހި ސަރުކާރުންނާއި، ދިވެހި ރައްޔިތުން، ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ދައްކާތާ މިހާރު 21 އަހަރުވެއްޖެ. 1987 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުގެ އެންމެ އިސްބޭފުޅުން، ވަޒީރުންނާއި، އެނޫން ބޭފުޅުން، އަޅުގަނޑުމެންގެ ވަފްދުތައް، އަޅުގަނޑުމެންގެ ސަފީރުން، ދުނިޔޭގެ އެތަން މިތާނގައި މި ވާހަކަ މި ގެންދަވަނީ ދައްކަވަމުން. އެއީ އަޅުގަނޑުމެންނަށް ކުރިމަތިވާނެ ވަރަށްބޮޑު މައްސަލައަކަށްވާތީ. އަޅުގަނޑުމެންނަށް އެކަންޏެއް ނޫން. ޙަޤީޤަތުގައި މުޅި ދުނިޔެއަށް. އަދި ޚާއްޞަކޮށް، އެންމެ ފަސްގަނޑު ތިރި ޤައުމުތަކަށް، މީގެ އެންމެ ބޮޑެތި ނުރައްކާ ކުރިމަތިވާނެ ކަމަށް، ހުރިހާ ހޯދުންތަކުން މި ދައްކަނީ.

އެހެންވީމާ، އިންޑިޔާގެ "ޓެރީ" އިން މިކަން ފާހަގަކުރައްވައި، އެ އިނާމު ދެއްވިކަން އެއީ، އަޅުގަނޑު ދަންނަވާނީ، މުޅި ދިވެހިރާއްޖެ މިކަމުގައި ޝާމިލުވެ، މި ކުރި މަސައްކަތުގެ ނަތީޖާއޭ. ޙަޤީޤަތުގައިވެސް މި އިނާމުގެ ޙައްޤުވެރި ފަރާތަކީ، ތިޔަބޭފުޅުން. ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން. މިތާ ތިއްބެވި ބޭފުޅުންނާއި، މިރޭ މިތަނަށް ވަޑައިގެން ތިޔަ ތިއްބެވި ޢިއްޒަތްތެރި އަޚުންނާއި އުޚުތުންނާއި އަދި މާލެއާއި އަތޮޅުތަކުގައި ދިރިއުޅުއްވަމުން ގެންދަވާ އަޅުގަނޑުމެންގެ ލޮބުވެތި އަޚުންނާއި އުޚުތުންތައް. މި ލިބުނު އިނާމަކީ، އެ ހުރިހާ ބޭފުޅުންގެ ޙައްޤެއް. އެހެންވީމާ، ކުރިންވެސް އަޅުގަނޑު ދެންނެވިފަދައިން، އެ އިނާމު އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއި ހިތްހެޔޮކަމާއެކީގައި ދިވެހި ރައްޔިތުންނަށް ހަދިޔާކުރާ ވާހަކަ މިރޭވެސް ދަންނަވާލަން.

އާދެ! ދެން އޮތީ ޝްރީލަންކާއިން މި ދެއްވި އިނާމު. އެއަށް މި ކިޔަނީ، "ޝްރީލަންކާ މިތުރަ ވިބޫށަނަ". އެއީ ޝްރީލަންކާގެ ރަޙްމަތްތެރިކަމުގެ އެންމެމަތީ އިނާމު ކަމަށް، އެބޭފުޅުން ވިދާޅުވަނީ. އެ އިނާމު ދެއްވީވެސް ސަބަބުތަކެއް މެދުވެރިކުރައްވާ. އޭގެތެރޭގައި، ދިވެހިރާއްޖެއާއި ޝްރީލަންކާއާ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، އަދި ސާކް ޤައުމުތަކުގެ މެދުގައި އެއްބާރުލުމުގެ ޙަރަކާތްތައް ބަދަހިކުރުމާއި، ތިމާވެށްޓާ ބެހޭގޮތުން ދިވެހިރާއްޖެއިން އެކުރާ މަސައްކަތާއި، މި ތިން ކަންތައް ފާހަގަކުރައްވާފައި، އެ އިނާމު މި ދެއްވީ. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، މިއީވެސް ހަމަ ޙަޤީޤަތުގައި މުޅި ދިވެހި ސަރުކާރާއި، ދިވެހި ރައްޔިތުންގެ މަސައްކަތޭ.

ޝްރީލަންކާއަކީ އަޅުގަނޑުމެންނާ އެންމެ އަވަށްޓެރި ޤައުމު. އެންމެ ޒަމާނުއްސުރެ، އެންމެ އެކުވެރި ރަޙްމަތްތެރި ގުޅުން އުފެދިފައިވާ ޤައުމު. އަޅުގަނޑުމެންގެ ހުރިހާ ކަންތައްތަކެއްގައި އެންމެ ކުރިއްސުރެ ގުޅިފައިވާ ޤައުމު. އެހެންވީމާ، އެޤައުމާއި ދިވެހިރާއްޖެއާ ދޭތެރޭގައި މިއޮތް ގުޅުން އިތުރަށް ބަދަހިކޮށް، އޭގެ ދާއިރާ ފުޅާކޮށް ކުރިއަށް ގެންދިޔުމަކީ، ހަމައެކަނި އަޅުގަނޑު ކުރި ކަމެއް ނޫން. އަދި ކުރާ ކަމެއްވެސް ނޫން. ޙަޤީޤަތުގައި އަޅުގަނޑުގެ މާކުރިންވެސް އެ މަސައްކަތް އޮތީ ފެށިފައި. ސަރުކާރު ހިންގަވަން ތިއްބެވި ވަރަށްގިނަ ޢިއްޒަތްތެރިންވަނީ އެ މަސައްކަތް ކުރައްވާފައި. އަޅުގަނޑާ ޖެހުނީމާ، އިރާދަކުރެއްވީތީ އަޅުގަނޑުވެސް އެ މަސައްކަތް މިގެންދަނީ ކުރަމުން. އަދި އަޅުގަނޑުގެ އިތުރުން، ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުންނާއި، ސަރުކާރުގެ މިނިސްޓަރުންނާއި، ވަޒީރުންނާއި، އަދި އޭގެއިތުރުން، އަޅުގަނޑުމެންގެ އަމިއްލަ ފަރާތްތަކުން އަޅުގަނޑުމެން ދިވެހިން، ޢާންމު ރައްޔިތުން، ވިޔަފާރިވެރިން، އެކިއެކި ފަންނުތަކުގެ ހުނަރުވެރިން، މިހެންގޮސް ރައްޔިތުންގެ ތެރޭގައި ހިމެނޭ ހުރިހާ ފަރާތްތަކުންވެސް ވަނީ މިމަސައްކަތް ކޮށްފައި.

ހަމައެއާއެކީގައި، ސާކް ޤައުމުތަކުގައި މި އޮންނަ އެއްބާރުލުން އިތުރުކުރުން. އެއީވެސް ހަމަ މުޅި ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތެއް. ތެދުފުޅެއް. ސާކް އުފެދުނީއްސުރެ، ސާކްގެ ސަމިޓުގެ ހުރިހާ ޖަލްސާއެއްގައި ބައިވެރިވުމުގެ މަތިވެރި ނަޞީބާއި ޝަރަފް، މާތްﷲ އަޅުގަނޑަށްވަނީ ދެއްވާފައި. އެހެންނަމަވެސް، އޭގެއިތުރުން ސާކްގައި ހިނގާ ޙަރަކާތްތައް، ސަމިޓުގެ އިތުރުން، ޚާރިޖީ ވަޒީރުންގެ ޖަލްސާތަކާއި، ކަމާބެހޭ އެކިއެކި ވުޒާރާތަކުގެ ވަޒީރުންގެ ޖަލްސާތަކާއި، އަދި އެނޫން ފެންވަރުގެ ބައިވަރު ޖަލްސާތައް ބޭއްވޭ. މި ހުރިހާ ތަނަކަށް އަޅުގަނޑުމެންގެ ވަޒީރުންނާއި، އެނޫން ބޭފުޅުން ވަޑައިގެން، ވަރަށްގިނަ މަސައްކަތްޕުޅުތަކެއް އެބަ ކުރައްވާ. ސާކްގެ ޙަރަކާތްތައް ކުރިއަށް ގެންދަވާ، ސާކްގެ ރައްޔިތުންނަށް، އެ ޙަރަކާތްތަކުން އެކަށީގެންވާ ފައިދާއެއް ލިބިދެއްވޭތޯ. އެހެންވީމާ، މި އިނާމަކީވެސް އަޅުގަނޑު ދަންނަވާނީ، ހަމަ ދިވެހި ޤައުމަށް ޙައްޤު އިނާމެކޭ. އެހެންވީމާ، މީގެވެސް ޙައްޤުވެރިންނަކީ، މި އިނާމުގެވެސް ޙައްޤުވެރިންނަކީ ހަމަ ތިޔަބޭފުޅުންނޭ. ހަމަ ރާއްޖޭގެ ލޮބުވެތި ރައްޔިތުންނޭ. މި އިނާމުވެސް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހަދިޔާކުރާ ވާހަކަ އަދިވެސް އެއްފަހަރު ވަރަށް އުފަލާއެކު އަޅުގަނޑު ދަންނަވާލަން.

އާދެ! މި އުފާވެރި ޙަފްލާ ފެށިގެން އައީވެސް ވަރަށް ރީތި ނެށުންތަކަކާއި މިޔުޒިކާއި ލަވައިން. އެކަން ކުރެއްވި ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ވަރަށް ރީތި ލަވައެއް އިވިގެން ދިޔައީ. ހަމައެއާއެކީ ވަރަށް ރީތި ނެށުމެއް، އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ. އަދި އަޅުގަނޑުމެން މިތަނަށް އައި ތަނުންވެސް، ތުލުސްދޫގެ ކޮންމެވެސް ގްރޫޕަކުން އަޅުގަނޑުމެންނަށް ވަރަށްރީތި ނެށުމެއް ދައްކައިދީފި. މި ހުރިހާ ކަންތައްތަކެއް ރާއްވަވައި އިންތިޒާމު ކުރެއްވި ފަރާތްތަކަށާއި، މިކަން ކޮށްދެއްވި ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑުމެންނަށް މި ލިބުނު ދެ އެވޯޑު މި ރަމްޒުކޮށްދޭ ކަންތައްތަކާ ބެހޭގޮތުން ހަމަ އެއްޗެއް ދަންނަވާލަން ބޭނުންވޭ. އަޅުގަނޑަށް ހީވަނީ، މި ދެ އެވޯޑު ރަމްޒުކޮށްދޭ އެންމެ ފުން މާނައަކީ، ދިވެހިރާއްޖެއަށް ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ލިބިފައިވާ މަގާމޭ. ދިވެހިރާއްޖެއަކީ މިހާރު މުޅި ދުނިޔެ ގަބޫލުކުރާ ޤައުމަކަށްވެއްޖެ. ދިވެހިރާއްޖެއިން ކުރާ ކަންތައްތައް، މުޅި ދުނިޔެ ބަލަމުން އެބަގެންދޭ. ދިވެހިރާއްޖެއިން ކުރާ ކަންތައްތަކުގެ އަގު ވަޒަން ކުރަމުން މުޅި ދުނިޔެ އެބަގެންދޭ. އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު ޝަރަފެއް. ވަރަށްބޮޑު އުފަލެއް. މީގެކުރިން ދުވަހަކުވެސް ދިވެހިރާއްޖެއާ ބެހޭގޮތުން މިގޮތަކަށް ބައިނަލްއަޤްވާމީ ދުނިޔެ ދެކެފައެއް ނެތް.

އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ވަރަށް ކުރީގެ ވާހަކައެއް. އަޅުގަނޑު ވަރަށް ކުޑައިރު މިޞުރަށް ދިޔައީ ކިޔަވަން. މިޞުރަށް ގޮސްފައި، ކޮންތަނަކުންހޭ އެހީމާ، ދިވެހިރާއްޖެއިންނޭ ބުނީމާ، ދިވެހިރާއްޖެ ދަންނަ ހަމަ އެކަކުވެސް ނެތް. އަދި ވަރަށްފަހާ ޖެހެންދެންވެސް ވަރަށްގިނަ ތަންތާނގައި ދިވެހިރާއްޖެއޭ ބުނީމާ، މިއީ ކޮން ތަނެއް ކަމެއް ނޭނގެ. އެހެންނަމަވެސް، މިހާރު މިއެނގެނީ، ދިވެހިރާއްޖެއަކީ ވަރަށްގިނަ ގޮތްގޮތުން މުޅި ދުނިޔެއަށް މަޝްހޫރު ވެފައިވާ ޤައުމެއްކަން. ފަތުރުވެރިކަމުގެ ގޮތުންނާއި، އެނޫން ގޮތްގޮތުން ދިވެހިރާއްޖެއަށް ވަރަށް ބޮޑު ރީތިނަމެއް މިހާރު މިވަނީ ލިބިފައި. އަދި ބައިނަލްއަޤްވާމީ ދާއިރާގައި ދިވެހިރާއްޖެ ޙަރަކާތްތެރިވާ ގޮތުންވެސް، އަޅުގަނޑުމެންނަކީ އުޞޫލެއް ހިފަހައްޓައި، ވަރަށް ހަރުދަނާ ގޮތެއްގައި ކަންތައް ކުރެވޭތޯ ބަލާ ޤައުމެއްކަން މީހުންނަށް އެބަ ގަބޫލުކުރެވޭ. އަޅުގަނޑުމެންނަކީ ކުޑަ ޤައުމަކަށްވީތީ، ނުވަތަ މީސްކޮޅު މަދު ޤައުމަކަށްވީތީ، އެހެން ބަޔަކު އެދޭހާ ގޮތަކަށް ކަންތައް ނުކުރާނެކަމާއި، އަޅުގަނޑުމެންގެ ޢިއްޒަތާއި ޝަރަފު ހިފެހެއްޓުމަށާއި، އަޅުގަނޑުމެންގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤްލާލު ހިފެހެއްޓުމަށާއި، އަޅުގަނޑުމެން ގަބޫލުކުރާ އުޞޫލުތައް ދެމެހެއްޓުމަށް މަސައްކަތްކުރާ ބަޔެއްކަން، މުޅި ދުނިޔެ ގަބޫލުކުރޭ. އެކަމަށްޓަކައި ދިވެހިރާއްޖެއަށް މިހާރު މުޅި ދުނިޔޭގެ ފަރާތުން މި ލިބެމުންދަނީ ވަރަށް ރީތި ނަމެއް. އެއީ، އަޅުގަނޑު ހިތުން މި އެވޯޑު ރަމްޒުކޮށްދޭ އެންމެބޮޑު އެއް މާނައަކީ.

އަނެއް މާނައަކީ، އަޅުގަނޑުމެންނާ އެންމެ އަވަށްޓެރި ދެ ޤައުމުން އަޅުގަނޑުމެންނަށް ހެޔޮއެދޭ ހެޔޮއެދުން، ވަރަށް ފުންކޮށް މި ދެ އެވޯޑު އެބަ ރަމްޒުކޮށްދޭ. އެއީ، އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ކުޑަކުޑަ ރާއްޖެއެއް. އަޅުގަނޑުމެންގެ ރާއްޖެއާނުލާ އަވަށްޓެރި އިންޑިޔާއަށް އުޅުމަކީ އެއްވެސް ކަމެއް ނޫން. އަޅުގަނޑުމެންނާ ނުލާ އަވަށްޓެރި ޝްރީލަންކާއަށް އުޅުމަކީ އެއްވެސް ކަމެއް ނޫން. އަޅުގަނޑުމެންނަކީ އެމީހުންގެ ނިސްބަތުގައި ވަރަށް ކުޑަކުޑަ ތަނެއް. އެހެންނަމަވެސް، އަޅުގަނޑުމެންގެ ރަޙްމަތްތެރިކަމަށް އެމީހުން އެބަ ޤަދަރުކުރޭ. އަޅުގަނޑުމެންނަކީ ބަޔެއް ކަމުގައި އެމީހުން އެބަދެކޭ. އަޅުގަނޑުމެންނާ އެކީގައި ގުޅުން ބަދަހިކުރުމަށް އެމީހުން އެބަ ބޭނުންވޭ. އެހެންވީމާ، މި ދެ ޤައުމުގެ ހެޔޮއެދުން އަޅުގަނޑުމެންނަށް ލިބިފައިވާތީ، އެކަމަށްޓަކައި އަޅުގަނޑު ހިތުން، އަޅުގަނޑުމެން އެންމެން ފަޚްރުވެރިވާން ޖެހޭނެ. ޝުކުރު އަދާކުރަން ޖެހޭނެ. އަދި އެ ހެޔޮއެދުން ދެމެހެއްޓޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަންވާނެ.

އަޅުގަނޑުމެން ކުރާ އެއްވެސް ކަމަކުން ރާއްޖެއަށް ހުތުރު ނަމެއް ލިބިގެނެއް ނުވާނެ. އަޅުގަނޑުމެން ކުރާ އެއްވެސް ކަމަކުން ރާއްޖެއާއި ޝްރީލަންކާއާ ދޭތެރޭ އޮންނަ ގުޅުމަށް ބުރުލެއް އަރައިގެން ނުވާނެ. އަޅުގަނޑުމެންކުރާ ކަމަކުން ރާއްޖެއާއި އިންޑިޔާއާ ދޭތެރޭ އޮންނަ ގުޅުމަށް އުނިކަމެއް އައިސްގެނެއް ނުވާނެ. ހަމައެގޮތަށް، އަޅުގަނޑުމެންނާ ރަޙްމަތްތެރިކަމުގެ ގުޅުން އުފެދިފައިވާ އެއްވެސް ޤައުމަކާ، ދިވެހިރާއްޖެއާ ދޭތެރޭގައި މި އޮންނަ ބަދަހި އެކުވެރި ކަމުގެ ގުޅުމަށް ބަދަލެއް އަތުވެދާފަދަ އެއްވެސް ކަމެއް އަޅުގަނޑުމެން ކޮށްގެން ނުވާނެ. އަޅުގަނޑުމެން ޢަމަލުކުރަން ޖެހޭނީ، ވަރަށް ތަހުޒީބުވެފައިވާ، ވަރަށް ތަންދޮރުފިލާ، މަސްއޫލިއްޔަތު އުފުލާ، ޒިންމާދާރު ޤައުމެއްގެ ގޮތުގައި. އެހެންވީމާ، އެގޮތަށް އަޅުގަނޑުމެން ކަންތައް ކުރުމަށް، މި ދެ އެވޯޑުން ހިތްވަރު ލިބިގަތުމަކީ، އަޅުގަނޑު ހިތުން ވަރަށް މުހިންމު ކަމެއް.

އަޅުގަނޑުމެން އެބަޖެހޭ މިހާރު ބޭރު ދުނިޔޭގައި އަޅުގަނޑުމެންނަށް ލިބިފައިމިވާ ރީތި ނަން ހިފަހައްޓަން. ދިވެހިރާއްޖެއަކީ އަބަދުވެސް ރާއްޖޭގެ ނަން އިވުނީމާ، ހަމައެކަނި ރީތި ތަނެއްގެ ގޮތުގައެއް ނޫން. އާދެ! ރާއްޖެއަކީ ވަރަށް ރީތި ތަނެއް. އެއެއްނޫންކަންނޭނގެ އަޅުގަނޑުމެންގެ ފަޚްރަކީ. ރާއްޖެއަކީ ރީތި ތަނަކަށްވުމުގެ އިތުރަށް، ހަރުދަނާ ރައްޔިތަކު، އިޚްލާޞްތެރި، ޤައުމަށް ހެޔޮއެދޭ އަދި މުޅި އިންސާނީ ޖަމާޢަތަށް ހެޔޮއެދޭ، ބައިނަލްއަޤްވާމީ ދާއިރާގައި އެކަށީގެންވާ ގޮތެއްގައި ޙަރަކާތްތެރިވާ، ޤައުމުތަކުގެ ގުޅުން ބަދަހިކުރަން މަސައްކަތްކުރާ، މުޅި ދުނިޔޭގައި ޞުލްޙައާއި އަދި ޢަދުލު އިންޞާފުގެ އުޞޫލުތައް ޤާއިމުކުރަން މަސައްކަތްކުރާ ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެން އެބަޖެހޭ ބޭރުދުނިޔެ ދެކެން. އެގޮތުގައި އަޅުގަނޑުމެން ދެމިތިބެން. އެހެންވީމާ، މި ދެ އެވޯޑުން އެ އިލްހާމް ލިބިގަތުމަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން ހަމަ މިއަދު ކުރަންޖެހޭނެ ކަމެއް.

އަދިވެސް އެއްފަހަރު އިސްމާޢީލް ޝުޖާޢު އާއި، ޙަބީބާ އާއި، އަދި އިސްމާޢީލް ޝުޖާޢުގެ އަޚުންނާއި، އަދި މިތަނަށް ވަޑައިގެން ތިއްބެވި އެހެން ހުރިހާ ބޭފުޅުން، މި ވަރުގަދަ ޙަފްލާ އިންތިޒާމުކޮށްދެއްވައި، މިހާ ފުރިހަމަކޮށް މިކަންތައް ކޮށްދެއްވި ކަމަށްޓަކައި، އެ ހުރިހާ ބޭފުޅުންނަށާއި، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް އަބަދުވެސް ހެޔޮގޮތްތައް މިންވަރުކޮށްދެއްވުން. ދިވެހިރާއްޖޭގެ ރައްޔިތުންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭ ބަޔަކު ކަމުގައި ލެއްވުން. އަދި އަޅުގަނޑުމެންނަކީ ޤައުމަށް ފައިދާހުރި އަދި މުޅި އިންސާނިއްޔަތަށް ފައިދާހުރި މަސައްކަތްކުރާ ބަޔެއް ކަމުގައި ލައްވައި، އެކަމުގައި އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.