1. ސުވާލު: މި ދަތުރުފުޅުގައި ވާހަކަފުޅު ދެކެވުނީ ކޮން ދާއިރާތަކަކާ ބެހޭގޮތުންތޯ؟


ރައީސުލްޖުމްހޫރިއްޔާ

އަޅުގަނޑު ސްރީލަންކާއަށް މިކުރި ރަސްމީ ދަތުރުގައި، ޙަޤީޤަތުގައި ވާހަކަ ދެކެވުނީ ދެ ޤައުމުގެ ގުޅުން، ހުރިހާ ދާއިރާއެއްގައިވެސް ބަދަހިކުރުމުގެ މައްޗަށް. ވަރަށްގިނަ ގުޅުންތައް މިހާރުވެސް އެބައޮތް. އެނގިވަޑައިގަންނަވާނެ، އެއްކަމަކަށް ތަޢުލީމީ ގުޅުން. އަޅުގަނޑުމެންގެ ވަރަށްގިނަ ޢަދަދެއްގެ ކިޔަވާ ކުދިން ސްރީލަންކާގައި މިހާރުވެސް ކިޔަވަން އެބަތިބި. އަދި ކިޔަވަންދޭ. އަދި ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ސްކޮލަރޝިޕްތައްވެސް އެބަ ދެއްވާ. އެހެންވީމާ، މިބައިވެސް އިތުރުކުރުމަށް ވާހަކަ ދެކެވުނު. ސްރީލަންކާއިން އެގޮތަށް ވިސްނަވާނެ ކަމަށްވެސް ވިދާޅުވި.

ދެން ވިޔަފާރީގެ ގުޅުންވެސް ހަމަ އެހެން. ވިޔަފާރީގެ ގުޅުންވެސް މިހާރު ވަރަށް ބޮޑަށް ކުރިއަށް ގޮސްފައިވަނީ. ކުރިއަށް އޮތް ތާނގައި، ދެ ޤައުމުން ބައިވެރިވެގެން އިތުރު ކަންތައްތައް ކުރުމުގެ ވާހަކަވެސް ދެކެވުނު. ދެން ފަތުރުވެރިކަމުގެ ރޮނގުންވެސް ވަރަށްގިނަ ކުރިއެރުންތަކެއް ވަނީ ލިބިފައި. ހަމައެހެންމެ، އެއްބަޔަކު އަނެއް ބަޔެއްގެ ޤައުމުގައި އިންވެސްޓް ކުރުން. މިހާރު ސްރީލަންކާގެ ވަރަށްގިނަ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކޮށްގެން އެބައުޅޭ.

ހަމައެގޮތަށް ރާއްޖޭގެ އިންވެސްޓަރުންވެސް ސްރީލަންކާގައި އިންވެސްޓް ކޮށްގެން އެބައުޅޭ. މިކަންތައްތައްވެސް ތަރައްޤީ ކުރުމަށާއި، އަދި މިސާލަކަށް، ދެ ޤައުމު ބައިވެރިވެގެން ބައެއްކަހަލަ ކަންތައް ކުރުން. މިސާލަކަށް، އެބޭފުޅުން ވިދާޅުވަނީ ސްރީލަންކާގައި ވަރަށްބޮޑު ބިން އެބައޮތޭ. އެހެންވީމާ، ދެޤައުމު ބައިވެރިވެގެންވެސް، މިސާލަކަށް، ދަނޑުވެރިކަމުގެ މަސައްކަތްތަކެއް ކުރެވިދާނެއޭ. ރާއްޖޭގެ މީހުންވެސް ބައިވެރިވެގެން. ސްރީލަންކާވެސް ބައިވެރިވެގެން. އޭރުން ރާއްޖެއަށް ބޭނުންވާ ވަރަށްގިނަ އަދަދެއްގެ ތަރުކާރީއާއި މޭވާއާއި، މިކަހަލަ އެއްޗެތި މިހާރު ލިބޭ ވަރަށްވުރެ އަގުހެޔޮކޮށް، ރާއްޖެއަށް ގެނެވިދާނެއޭ. އެހެންވީމާ، މިއީވެސް އޮތް ކަމެއް. މިކަންކަމާ ދޭތެރޭގައި ކުރިއަށް އެބައޮތް ވިސްނަން. މިގޮތަށް ވަރަށްގިނަ ދާއިރާތަކުގައި ވާހަކަ ދެކެވުނު އިނގޭތޯ.

އަދި ޘަޤާފީ ދާއިރާގައި، ކަލްޗަރަލް ކޯޕަރޭޝަން. މި ދާއިރާގައިވެސް ވަރަށް ވާހަކަ ދެކެވުނު ދެޤައުމުގެ ގުޅުން ބަދަހިކުރުމަށް.

ވަރަށް ޚާއްޞަ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން މި ސޮއިކުރި ވީޒާ އެގްރީމެންޓް ފާހަގަކުރެވޭ. އޭގެ ސަބަބުން ވަރަށް ބޮޑެތި ފަސޭހަތަކެއް ދިވެހިންނަށްވެސް އަދި ސްރީލަންކާ މީހުންނަށްވެސް ލިބޭނެ. މިހާރު އާ އެގްރީމެންޓްގައި އޮންނަގޮތުންވިއްޔާ، 90 ދުވަހުގެ ވީޒާ، ކޮންމެ ދިވެއްސަކަށްވެސް ހަމަ ސްރީލަންކާއަށް ދާތަނުން ލިބޭނެ. ހަމަ އެހެންމެ، ކޮންމެ ސްރީލަންކާ މީހަކަށް ރާއްޖެ އަންނަތަނުން ލިބޭނެ އެއްވެސް ފީއަކާނުލާ. އޭގެ މާނައަކީ 90 ދުވަހުގެ ފްރީ، ހަމަ ހިލޭ ވީޒާ ލިބޭނެ. އެކަމަކު އެއީ ގަވާއިދުން އެ ހުންނަންޖެހޭ ރަސްމީ ލިޔުންތައް ހުރެގެން. ޕާސްޕޯޓާއި އަދި އެނޫންވެސް ރަސްމީ ލިޔުންތައް ބަރާބަރަށް ހުރެގެން. އަދި އެމީހަކު އެ ހުންނަ މުއްދަތުގައި، ޚަރަދުކުރާނެ ފައިސާވެސް އެމީހަކު އަތުގައި ހުރެގެން. މި ޝަރުޠުތައް ހަމަވަންޏާ، 90 ދުވަހުގެ ވީޒާ ލިބޭނެ.

ދެން ކިޔަވާ ކުދިންނަށް ވީޒާ ލިބޭނެ، މިހާރު އެ ކުދިން ކިޔަވާ މުއްދަތަށް އެކީގައި. އެއް އަހަރުން އަނެއް އަހަރަށް އާކުރާކަށް ނުޖެހޭނެ. މުޅި މުއްދަތަށް އެކީގައި ލިބޭނެ. އަދި އެމީހުންނާ އެކީ އުޅޭ މައިންބަފައިންނާއި، ބެލެނިވެރިންނަށްވެސް ހަމަ އެމުއްދަތަށް ވީޒާ ލިބޭނެ. އިތުރު ކަމަކަށް އަނެއްކާ މި ވީޒާ އެގްރީމެންޓްގައި މި ހަމަޖެހުނީ، އެކިއެކި އިންވެސްޓަރުންނަށާއި، ވިޔަފާރިވެރިންނަށް 12 މަސްދުވަހަށްވުރެ އިތުރަށް މަލްޓިޕްލް ވީޒާ ލިބޭގޮތަށް. މާނައަކީ މަދުވެގެން 12 މަސްދުވަސް. އިތުރުވެގެން އަދި ވަކި މުއްދަތެއް ނެތް. އެމީހުންނަށް އިތުރަށް ވީޒާ ނަގަން ނުޖެހޭ ގޮތަކަށް. އެއީ، އޭރުން ކޮންމެ ބަޔަކުވެސް، އަނެއް ބަޔެއްގެ ގައުމުގައި، ދިގު މުއްދަތަކަށް ތިބެގެން، އެމީހުން އިންވެސްޓް ކޮށްގެން ވިޔަފާރި ކުރިއަށް ގެންދިޔުމަށްޓަކައި. އެހެންވީމާ، މިހިރަ މިހިރަ ކަންތައްތަކާ ބެހޭގޮތުން ވާހަކަ ދެކެވި، މިހާރު މިވަނީ އެއްބަސްވެވިފައި. ޚާއްޞަކޮށް، ވީޒާ ކަންތަކުގައި މިހާރު މިވަނީ އެއްބަސްވެ ނިމިފައި.

2. ސުވާލު:

މަނިކުފާނު މި ދަތުރުފުޅު ފަށްޓަވަމުންވެސް ވިދާޅުވި، ރާއްޖެއަށް މިހާރު ކުދިކުދި ޕްރޮޖެކްޓްތަކެއް ބޭނުމެއް ނޫނޭ. ބޭނުންވަނީ މެގަ ޕްރޮޖެކްޓްތަކެކޭ. މިކަންތައްތަކަށް ބަލާފައި، މި ދަތުރުފުޅުގައި އެއްވެސްވަރަކަށް ފެހި ސިގްނަލެއް ލިބިފައިވޭތޯ، މިކަންތައް ކުރިއަށް ގެންދެވުމަށްޓަކައި.

ރައީސުލްޖުމްހޫރިއްޔާ

މެގަ ޕްރޮޖެކްޓަށް އަޅުގަނޑުމެން މި ހަދަނީ، ސްރީލަންކާއާއި ނުވަތަ އަދި އިންޑިޔާއާ ގުޅިގެނެއް ނޫން. އެއަށްވުރެ އެހެން ޤައުމުތަކުން އަންނަ މާ ބޮޑެތި ވިޔަފާރި ކުންފުނިތަކާ އެކީގައި. މިސާލަކަށް، ދުބާއީ ވާރލްޑް ކަހަލަ. މިހާރު ހުޅުމާލެ ޕްރޮޖެކްޓް ހިންގަން އެ އަންނަނީ އެމީހުން. މިކަހަލަ އެތައް ބިލިޔަން ޑޮލަރެއްގެ ވިޔަފާރިކުރާ ބޮޑެތި ކުންފުނިތަކާ އެކީގައި. ދެން ބޮސްކާލިސް ކަހަލަ ޔޫރަޕްގެ ކުންފުންޏެއް އެބައާދޭ، މިކަހަލަ ބައެއް ޕްރޮޖެކްޓްތަކަށް. އެހެންވީމާ، މިކަހަލަ ބޮޑެތި ބައިނަލްއަޤްވާމީ ކުންފުނިތަކާ ގުޅިގެން ސަރުކާރުން އެ މަސައްކަތް މިކުރަނީ. އެހެންވީމާ، މިދަތުރުގައި އެވާހަކައެއް ނުދެކެވޭ.

3. ސުވާލު:

އަޅުގަނޑުމެންނަށް މިފާހަގަ މިކުރެވުނީ ސްރީލަންކާގެ ނޫސްތަކުގައިވެސް ޖަހާފައި މި އޮންނަނީ، ރާއްޖެއާއި ސްރީލަންކާއާ ގުޅުމުގެ އާ ޗެޕްޓަރެއް ފެށިގެން ދިޔައީ ކަމަށް. ދެން އަނެއްކޮޅުން މަނިކުފާނަށް ސްރީލަންކާ ސަރުކާރުން މިވަނީ އެ ސަރުކާރުން ބޭރު ޤައުމެއްގެ ޢިއްޒަތްތެރިއަކަށް އަރުވާ އެންމެމަތީ ޢިއްޒަތް އަރުވާފައި. އެހެންވީމާ، މިދަނޑިވަޅުގައި މަނިކުފާނު ދެޤައުމުގެ ގުޅުން ސިފަކުރައްވަނީ ކިހިނެއްތޯ؟ ކީކޭތޯ ވިދާޅުވަނީ.

ރައީސުލްޖުމްހޫރިއްޔާ

ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެމެދުގައި މި އޮންނަ ގުޅުމަކީ ވަރަށް ޒަމާންވީ ގުޅުމެއް. ވަރަށް އެކުވެރި ގާތް ރަޙްމަތްތެރި ކަމުގެ ގުޅުމެއް. އެކަން އެހެން އޮއްވާ، އަޅުގަނޑުމެން މިހާރު މަސައްކަތް ކޮށްގެން، އިތުރު އުސްމިންތަކަކަށް މި ގުޅުންތައް މި އުފުލައިލަނީ. އެހެންވީމާ، މިފަހަރު މިކުރި ދަތުރުގެ ސަބަބުން އިރާދަކުރެއްވިއްޔާ އެހެންވާނެ.

ސްރީލަންކާ ސަރުކާރުން ރާއްޖެއިން ސްރީލަންކާ ދޭތެރޭގައި ބާއްވާ ގާތްކަމާއި އަދި ސާކުގެ ޙަރަކާތްތަކުގައި ރާއްޖެއިން މި ބައިވެރިވާ މިންވަރާއި، ހަމައެހެންމެ، ތިމާވެށި ރައްކާތެރި ކުރުމުގެ ގޮތުންނާއި، އެކަމުގެ ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން، ދިވެހި ސަރުކާރުން ކުރާ މަސައްކަތްތަކާއި، މިހުރިހާ އެއްޗެއްގެ އަގު ވަޒަންކޮށްފައި، ސްރީލަންކާ ސަރުކާރުން ނުވަތަ އެތާނގެ ރައީސް ތިޔަ ވިދާޅުވާ، ސްރީލަންކާ ސަރުކާރުންދޭ އެންމެމަތީ ޢިއްޒަތް އަޅުގަނޑަށް މި ދެއްވީ. އެކަމަށްޓަކައި ދެން އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ސްރީލަންކާގެ ސަރުކާރަށާއި، ސްރީލަންކާގެ ރައީސަށް. އަޅުގަނޑު ދެކޭގޮތުގައި އެއީ އަޅުގަނޑަށް ލިބުނު ޝަރަފެއް ނޫން. އެއީ މުޅި ރާއްޖެއަށް ލިބުނު ޝަރަފެއް. އެއީ ރާއްޖެއިން މިކުރާ މަސައްކަތް އެބޭފުޅުން ބަލައިގަންނަވައި، އަދި އެބޭފުޅުން އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެއްވި ވަރަށް މަތިވެރި ޢިއްޒަތެއް ކަމުގައި އަޅުގަނޑު ދެކެނީ. އެހެންވީމާ، މި ދަތުރުގެ ސަބަބުން އިތުރު އުސްމިންތަކަކަށް އަޅުގަނޑުމެން ދެ ޤައުމުގެ ދޭތެރޭގެ ގުޅުންދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ.

4. ސުވާލު:

ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެމެދު ވަނީ ކުށްވެރިން ބަދަލުކުރުމުގެ އެގްރީމެންޓެއްގައި ސޮއިކުރެވިފައި. މި އެގްރީމެންޓްގައި އެންމެ ބޮޑަށް ބަލާލެވިފައިވަނީ ކޮންކަހަލަ ކަންތައްތަކަކަށްތޯ؟

ރައީސުލްޖުމްހޫރިއްޔާ

ކުށްވެރިންނޭ ބުނީމާ، އަޅުގަނޑުމެން އެބަ ޔަޤީންކުރަންޖެހޭ. ޢާންމުކޮށް ހުރިހާ ކުށްވެރިންނެއް ނޫން. އެއީ މި ޙުކުމް ތަންފީޒު ކުރަމުންދާ މީހުން. މިހާރު ރާއްޖޭގެ ޖަލުގައި ތިބޭ ސްރީލަންކާ ބަޔަކު، މިސާލަކަށް، ޙުކުމް ތަންފީޒު ކުރުމުގެ ގޮތުން ނުވަތަ އަރުވާލާފައި ތިބި ބަޔެއް. ހަމަ އެގޮތަށް، ސްރީލަންކާ ޖަލުގައި ނުވަތަ ސްރީލަންކާގެ އެހެން ތަނެއްގައި ބަންދުވެފައި ތިބި، އެމީހުންގެ މައްޗަށް ޙުކުމް ތަންފީޒު ކުރެވެމުންދާ މީހުން. އެމީހުން، އެއް ސަރުކާރަކުން އެދިއްޖިއްޔާ، އަނެއް ސަރުކާރަކުން ވަކި ގަވާއިދެއްގެ މަތިން ދޫކުރާގޮތަށް، މި އެގްރީމެންޓްގައި މި ހަމަޖެހުނީ. އޭގައި އެބަހުރި ވަރަށްގިނަ ޝަރުޠުތަކެއް. މިދެންނެވީ އެއީ އަނެއް ޤައުމުގެ ޤާނޫނުވެސް އެކަމަށް ތަންދޭ ކަމަށްވާން އެބަޖެހޭ. އަނެއްކާ އެއީ ކުށެއް ކަމަށް، ކްރިމިނަލް އޮފެންސެއް ކަމަށްވެސް ވާން އެބަޖެހޭ. އަދި މިހެންގޮސް ވަރަށްގިނަ ކަންތައްތަކެއް އެބަހުރި. އެކަންތައްތައް ޙާޞިލުވާ ކަމަށްވަންޏާ، އެއްޤައުމެއްގެ ބަންދުގައި، ޙުކުމް ތަންފީޒު ކުރުމުގެ ބަންދުގައި ތިބޭ ބަޔަކު، އަނެއް ޤައުމަކުން އެދިއްޖިއްޔާ، އެމީހުންގެ އަޞްލު ގައުމުގެ ސަރުކާރުން އެދިއްޖިއްޔާ، އެ ޤައުމަށް ގޮސް، އެ ޤައުމުގައި ޙުކުމް ތަންފީޒުކުރާ ގޮތަށް މިއެއްބަސްވެވުނީ.

5. ސުވާލު:

އިންޑިޔާއާއި ލަންކާއާ ދެމެދުގައި ދެކެވުނު ވާހަކަތަކުގައި ސިޔާސީ ގޮތުން 2008 ވަނަ އަހަރު ބޭއްވޭ އިންތިޚާބާބެހޭ އެއްވެސް ވާހަކައެއް ދެކެވުނުތޯ؟ އަދި އެއީ ކޮންވާހަކައެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ

އާދެ! އަޅުގަނޑުގެ އިޞްލާޙީ ޕްރޮގްރާމްގެ ވާހަކަ ހުރިހާ ބޭފުޅުންވެސް އައްސަވާ. މިދާ ކޮންމެ ޤައުމެއްގައިވެސް، އެބޭފުޅުން ވަރަށްބޮޑު ޝައުޤުވެރިކަމެއް ދެއްވާ. އެހެންވީމާ، އަޅުގަނޑު ދެންނެވިން. މިހާރު 2008 ވަނަ އަހަރު ރާއްޖެއިން ގަސްދުކުރާ ގޮތް. މިހާރު ޤާނޫނުއަސާސީ ނިމެމުންދާކަމާއި، އަދި އޭގެ މައްޗަށް ބިނާކޮށް ޤާނޫނުތަކެއް ހަދަންޖެހޭނެ ކަމާއި، އިރާދަކުރެއްވިއްޔާ މިއަހަރު ރިޔާސީ އިންތިޚާބު ބޭއްވޭނެކަމާއި، އަދި އެ އިންތިޚާބަކީ ހުރިހާ ޕާޓީތަކެއް ވާދަކުރާ އިންތިޚާބަކަށްވާނެކަމާއި، އަދި އެ އިންތިޚާބަކީ މިނިވަން، އިންޞާފުވެރި، އެންމެންނަށްވެސް ވާނުވާގޮތް އެނގޭ އިންތިޚާބަކަށްވާނެކަމާއި، ދިވެހި ރައްޔިތުންވެސް ހިތްހަމަޖެހޭ، އަދި ރާއްޖޭގެ ބޭރުގެ ފަރާތްތަކުންވެސް ވަރަށް ހިތްހަމަޖެހޭ ފެންވަރަށް ގެންދާނެ ވަރަށް ރަނގަޅު އިންތިޚާބަކަށް ހަދަން ސަރުކާރުން ބޭނުންވާކަމާއި، މި ވާހަކަތައް ދައްކައި، އެބޭފުޅުން އެކަންކަމަށް ވަރަށް ބޮޑަށް ތަރުޙީބު ދެއްވައި، ވަރަށް ބޮޑަށް މަރްޙަބާ ވިދާޅުވި. އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރުން މިކުރަމުން ގެންދާ މަސައްކަތަކީ ވަރަށް ފައިދާހުރި ވަރަށް ރަނގަޅު މަސައްކަތެއް.


6. ސުވާލު:

މިދަތުރުފުޅާ ގުޅިގެން ބައެއް އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދިޔަ، މަނިކުފާނުގެ ބޭނުންފުޅަކީ، މަނިކުފާނު ކުރިއަށް އޮތް ތަނުގައި ކެމްޕޭން ކުރައްވާއިރުގައި، ސަލާމަތީ ގޮތުން މަނިކުފާނަށް ބޭނުންފުޅުވާ ބައެއް ކަންތައްތައް ޙާޞިލު ކުރެއްވުމޭ އިންޑިއާގެ އެހީގައި. އޭގައި އެއްވެސް ކަހަލަ ޙަޤީޤަތެއް އެބައޮތްތޯ؟

ރައީސުލްޖުމްހޫރިއްޔާ

އޭގައި އެއްވެސް ޙަޤީޤަތެއް ނެތް އިނގޭތޯ. އިދިކޮޅު ފަރާތްތަކުން ބައެއްފަހަރަށް ޙަޤީޤަތެއް ނެތް ވާހަކަ އެބަ ދައްކާ. އަޞްލެއް ނެތް ވާހަކަ. އެއްވެސް ހާލެއްގައި އަޅުގަނޑުގެ އަމިއްލަ ސަލާމަތާ ބެހޭގޮތުން ވާހަކައެއް ނުދެކެވޭ. އެހެނެއްނޫން. އަޅުގަނޑުމެންގެ ސަލާމަތާބެހޭ ކަންތައްތައް. މިސާލަކަށް، ރާއްޖޭގެ ސަލާމަތާބެހޭ ބާރުތަކުގެ މީހުން، ސިފައިން ނުވަތަ ފުލުހުން ތަމްރީނު ކުރުމުގެ ވާހަކަ އެބަދެކެވޭ. މިހާރުވެސް ރާއްޖޭގެ ސިފައިންނާއި ފުލުހުން އިންޑިއާގައިވެސް ތަމްރީނު ކުރެވެމުން އެބަދޭ. ސްރީލަންކާގައިވެސް ތަމްރީނު ކުރެވެމުން އެބަދޭ. އެގޮތަށް އަޅުގަނޑުމެންގެ ތަމްރީނުގެ ފުރުޞަތުތައް، ހުރިހާ ދާއިރާއެއްގައި ފުޅާކުރުމަށް ހަމައެކަނި ސަލާމަތީ ކަންތައްތަކެއް ނޫން. ވާހަކަ ދެކެވުނު. އެހެންނަމަވެސް. އަޅުގަނޑުގެ އަމިއްލަ ސަލާމަތާ ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދެކެވޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑު އެކަމާ އެއްވެސް ބިރެއް ނެތް. މިވޭތުވެދިޔަ ހާދިސާއަކީ ވަރަށް ނާދިރު ކަމެއް އިނގޭތޯ. އިރާދަކުރެއްވިއްޔާ، އެކަހަލަ ކަމެއް ރާއްޖެއަކު ނުވެސް ހިނގާނެ. އަޅުގަނޑު މިހިރީ ހަމަ އާދައިގެ މީހެއްގެ ގޮތުގައި. ހަމަ އަދިވެސް ރައްޔިތުންގެ ތެރެއަށް ނުކުމެވެސް އުޅޭނަން. އިރާދަކުރެއްވިއްޔާ ހަމަ މިސްކިތަށްވެސް ދާނަން. މީސްމީހުންގެ ޕާޓީއަށްވެސް ދާނަން. އިރާދަކުރެއްވިއްޔާ، އޭގައި އެއްވެސް މައްސަލައެއް ނޯންނާނެ.


7. ސުވާލު: ސްރީލަންކާގެ މަސްވެރިންނަށް ވަކި ޚާއްޞަ ޢިނާޔަތެއް އޮންނާނެތޯ؟


ރައީސުލްޖުމްހޫރިއްޔާ

ސްރީލަންކާ މަސްވެރިންނަށް ވަކި ޚާއްޞަ ޢިނާޔަތެއް ނޯންނާނެ. އަޅުގަނޑުމެންގެ ޤާނޫނުތައް ތަންދޭ ގޮތެއްގެ މަތިން، ކޮންމެ ބަޔަކުވެސް އެއީ އިނަސެންޓް ޕެސެޖް މާނައަކީ ބަރީއަ ގޮތެއްގައި އިޤްތިޞާދީ ނުވަތަ އެހެން އެއްވެސް ބޭނުމެއް ނުކޮށް، ހަމަ އަޅުގަނޑުމެންގެ ސަރަޙައްދު ހުރަސްކޮށްފައިދާ ދިޔުން. އެ އޮންނާނީ ބައިނަލްއަޤްވާމީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން. ސްރީލަންކާ ބޯޓުފަހަރަށްވެސް. އެހެން ތަންތާނގެ ބޯޓުފަހަރަށްވެސް. އެނޫން އެއްވެސް ވަކި ޚާއްޞަ ޢިނާޔަތެއް ވަކިދޭކަށް ހަމައެއްނުޖެހޭ.

ދެން އަޅުގަނޑުމެންގެ އޮންނާނެ، ޖޮއިންޓް ކޮމިޝަނެއް. ދިވެހިރާއްޖެއާއި ސްރީލަންކާގެ މަސްވެރިކަމާބެހޭ ޖޮއިންޓް ކޮމިޝަނެއް. އެ ކޮމިޝަން ބައްދަލުވެފައި، ވާހަކަ ދައްކައިގެން، އެ ދެޤައުމު އެއްބަސްވާ ގޮތްތަކަކަށް ކަންތައް ކުރެވިދާނެ. އެކަމަކު އެއްވެސް ހާލެއްގައި ރާއްޖޭގެ މަސްވެރިކަމަށް ނުވަތަ މަސްވެރިންނަށް އެއްވެސްކަހަލަ އުނިކަމެއް، ގެއްލުމެއް ލިބޭ އެއްވެސް ވާހަކައެއް ނުވެސް ދެކެވޭ. އެއީކީ އަޅުގަނޑުމެން ގަބޫލުކުރާނެ ކަމެއްވެސް ނޫން. ހަމަ ދެކެވުނީ މިދެންނެވި އުޞޫލުން. އެހެންވީމާ، ސްރީލަންކާ މަސްބޯޓުފަހަރުވެސް އެ އޮންނަ ގަވާއިދަކުން، ބައިނަލްއަޤްވާމީ ޤާނޫނު ބުނާގޮތުން އިނަސެންޓް ޕެސެޖް އެމީހުންނަށް ލިބޭކަމަށްވަންޏާ، އެ ޝަރުޠުތަކާ އެކީގައި ރާއްޖެއިންވެސް ދޭނެ. އެހެން ގައުމުތަކުންވެސްދޭ ފަދައިން. އެ ނޫން އިތުރު ޚާއްޞަ ޢިނާޔަތެއްގެ ވާހަކައެއް ނުދެކެވޭ.