بســم اللّـه الرّحمـن الرّحيــم

اَلْحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّـلام على أشرف المرسـلين، سيدنا محـمَّدٍ وَعلى آلـه وأصـحَابِه أجمـعـين.

އާދެ! އައިލެންޑް އޭވިއޭޝަން ސަރވިސަސުން ރާއްޖެއިން ބޭރަށް ވައިގެ ދަތުރުފަތުރު ކުރުން، މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން ރަސްމީގޮތުން އިފްތިތާޙުކޮށްދިނުމަކީ، މިރޭ އަޅުގަނޑަށް ލިބޭ އެންމެބޮޑު އުފާ. މިއުފާވެރި މުނާސަބަތުގައި، އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ ޗެއަރމަން އަލްފާޟިލް މުޙަންމަދު ޢުމަރު މަނިކަށާއި، އެ ކުންފުނީގެ މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް ބަންދު އިބްރާހީމް ސަލީމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނަށާއި، އެ ކުންފުނީގެ ހީވާގި އެހެން ވެރިންނަށާއި، ހުރިހާ މުވައްޒަފުންނަށާއި، އެ ކުންފުނީގެ ވައިގެ ދަތުރުފަތުރުގެ ޚިދްމަތް ހޯއްދަވާ ހުރިހާ ފަރާތްތަކަށާއި، ޢާންމުކޮށް މުޅި ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

މިރޭގެ މި ޙަފްލާގައި އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އަނެއް އުފަލަކީ، ރާއްޖޭގެ ފުރަތަމަ އަންހެން އެއަރލައިން ކެޕްޓަން އާމިނަތު އިބްތިސާމަށާއި، ފުރަތަމަ އަންހެން އެއަރޮނޯޓިކަލް އެންޖިނިއަރ މަރިޔަމް ޝިފްޒާނަށް ހަނދާނީ ފިލާ ޙަވާލުކުރުން. މި މުނާސަބަތުގައި އެ ދެބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަރްޙަބާ ދަންނަވައި ތަހުނިޔާ އަދާކުރަން.

އާދެ! އާމިނަތު އިބްތިސާމާއި، މަރިޔަމް ޝިފްޒާން އެ ސާބިތުކޮށްދެއްވީ، ރާއްޖޭގެ އަންހެނުންނަށް ކޮންމެ މައިދާނެއްގައިވެސް ކުރިއަށް ދެވިދާނެކަން. ސަރުކާރުގެ ސިޔާސަތަކީވެސް ތަރައްޤީގެ މައިދާނުގައި މަސައްކަތް ކުރުމުގެ ފުރުޞަތު، ދެޖިންސަށް ހަމަހަމަކޮށް ހޯދައިދިނުން. ފިރިހެނުންނެކޭ އަންހެނުންނެކޭ ތަފާތެއްނެތި، ތަފާތު ދާއިރާތަކުގައި ޚިދްމަތް ކުރުމުގެ ހަމަހަމަ ފުރުޞަތު ހޯދައިދިނުން. އެހެންކަމުން، މި ސިޔާސަތުގެ ދަށުން އެ ދެބޭފުޅުން އެހޯއްދެވި ކާމިޔާބީއަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް، އެ ދެބޭފުޅުންނަށާއި، އަދި ރާއްޖޭގެ ހުރިހާ އަންހެނުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އަދާކުރަން.

ދެންމެ މިތާ ވާހަކަފުޅު ދެއްކެވި ބޭފުޅުން އަޅުގަނޑާ ބެހޭގޮތުން ވިދާޅުވި ހެޔޮ ބަސްފުޅުތަކަށްޓަކައި، އެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އެންމެ ފުރަތަމަ އައިލެންޑް އޭވިއޭޝަންގެ ޑައިރެކްޓަރ، ފައިނޭންސް އަލްފާޟިލް ޢަބްދުލްޙާރިޘް. އޭގެފަހުން، އައިލެންޑް އޭވިއޭޝަންގެ ބޯޑުގެ ޗެއަރމަން އަލްފާޟިލް މުޙަންމަދު ޢުމަރު މަނިކު. އަދި އޭގެފަހުން، މިހާރުގެ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލްއޭވިއޭޝަން ޑޮކްޓަރ މަޙްމޫދު ޝައުޤީ. މި ހުރިހާ ބޭފުޅުން އަޅުގަނޑާ ބެހޭގޮތުން ވަރަށް އިޚްލާޞްތެރި ހެޔޮ ބަސްފުޅުތަކެއް ވިދާޅުވެއްޖެ. އެކަމަށްޓަކައި އެ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

ޑޮކްޓަރ މަޙްމޫދު ޝައުޤީގެ ވާހަކަފުޅުގައި، ސިވިލްއޭވިއޭޝަންގެ ދާއިރާގައި ނުވަތަ ވައިގެ ދަތުރުފަތުރު ކުރުމުގެ ދާއިރާގައި، ވޭތުވެދިޔަ ތާނގައި އަޅުގަނޑަށް ކޮންމެވެސްވަރެއްގެ ޚިދްމަތެއް ކޮށްދެވިފައިވާކަން ފާހަގަކުރެއްވީތީ، އެކަމާވެސް އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އެކަމަކީ އޭނާ ވަރަށް ތުއްޕުޅުއިރު ވެފައި އޮންނާނެ ކަމެއް ކަމަށް އަޅުގަނޑަށް ފެންނަނީ. އެ ވިދާޅުވި މަގާމުގައި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް ކަމުގެ މަގާމުގައި ހުރެގެން އަޅުގަނޑު މި މަސައްކަތް ކުރިއިރު އެއީ މީގެ 30 އަހަރު ކުރި. ޙަޤީޤަތުގައި 31 އަހަރު ކުރި. އެހެންވީމާ، އޭނާގެ ހަނދުމަފުޅުގައިވެސް އެ ވާހަކަތައް އެހާ ރަނގަޅަކަށް ހުންނާނެ ކަމެއް ނޭނގެ. އެހެން ނަމަވެސް، ލިޔެކިޔުންތައް ބައްލަވައިގެން، އެމަޢްލޫމާތުތައް ހޯއްދެވީ ކަމަށްވެދާނެ.

އޭރާ މިހާރާ ވަރަށް ތަފާތު. އޭރު އަޅުގަނޑު މިނިސްޓަރ އޮފް ޓްރާންސްޕޯޓް ކަމުގެ މަގާމުގައި ހުރިއިރު، ރާއްޖޭގައި ސިވިލްއޭވިއޭޝަންގެ ޙަރަކާތްތައް އުފެއްދުމާއި، ތަރައްޤީ ކުރުމާއި، އަދި އެއާ ގުޅިގެން މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ބިނާކުރުމާއި، މި ހުރިހާ ކަމެއް ކުރުމުގެ ބުރަ މަސްއޫލިއްޔަތުތަކެއް އަޅުގަނޑު އުފުލަންޖެހުނު.

އާދެ! އަޅުގަނޑު މިގޮތުން ވަރަށް މުހިންމު ދަތުރެއްކުރި ވާހަކަ ދަންނަވާލަން ބޭނުންވޭ. އެއީ ދިވެހިރާއްޖެއާ އެންމެ އެކުވެރި ގާތް ޤައުމުގެ ގޮތުގައި މި އޮންނަ ސްރީލަންކާއާ ދޭތެރޭގައި، ސިވިލްއޭވިއޭޝަންގެ އެގްރީމެންޓެއް ކުރުމަށްޓަކައި ކޮޅުނބަށް ދާން އަޅުގަނޑަށް ޖެހުނު. އަޅުގަނޑާއެކު ވަޑައިގެންނެވީ، އޭރުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ފަތުޙުﷲ ޖަމީލު. އަޅުގަނޑުމެން ދެމީހުން ގޮސް، އެތާނގެ ކަމާބެހޭ ފަރާތްތަކާ ވާހަކަ ދެއްކިއިރު، ވަރަށްދަތި ކަންތައްތަކަކާ ދިމާވި. ދެންމެ ޑޮކްޓަރ ޝައުޤީގެ ވާހަކަފުޅުގައި ވިދާޅުވި ފަދައިން، މި ދާއިރާއަކީ ވަރަށް ވާދަވެރި ވިޔަފާރީގެ ދާއިރާއަކަށްވާތީ، ކޮންމެ ތަނަކުންވެސް ބޭނުންވަނީ، އެތަނަކަށް އެންމެ ފައިދާހުރި ގޮތުގައި ކަންތައްތައް ކުރުން. އެހެންވީމާ، އެނގިވަޑައިގަންނަވާނެ، މިކަހަލަ ކަންތައްތަކުގައި މާފަސޭހަކޮށް ކަންތައްތަކެއް ނުހިނގާނެކަން. ކޮންމެއަކަސް އެދަތުރު އަޅުގަނޑު އެނބުރި އަންނަން ޖެހުނީ ހުސްއަތާ. އެ އެގްރީމެންޓް ނުކޮށް.

އެހެންނަމަވެސް، އޭގެފަހުން ސަރުކާރުން އޭރު އެޅުއްވި ބައެއް ފިޔަވަޅުތަކުގެ ސަބަބުން، އެންމެފަހުން އެ އެގްރީމެންޓް ކުރެވޭ ހިސާބަށް ދިޔައީ. ރާއްޖޭގެ އެއަރލައިނެއް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި، މީގެކުރިންވެސް އެބަހުރި މި ތަޖުރިބާ ކޮށްފައި. އެތައް ނަމެއްގައި ރާއްޖެއިން ބޭރަށްވަނީ ރާއްޖޭގެ އެއަރލައިނެއް ދަތުރުފަތުރުކޮށްފައި. އެކަންތައްތައް ކުރުމުގައިވެސް ކޮންމެވެސްވަރެއްގެ ޙިއްޞާއެއް އެދުވަސްވަރު އަދި އޭގެފަހުންވެސް އަޅުގަނޑަށް ކުރެވިފައިވާތީ، އެއީވެސް އަޅުގަނޑުގެ ހިތުގައިވެސް ވަރަށް ބިންވަޅު ނެގިފައިވާ ހަނދާންތަކެއް ކަމުގައި ދަންނަވަން.

މިގޮތުން ރާއްޖެ މިހާރު މިވަނީ މި ދާއިރާގައި ކުރިއަށްވުރެ މާބޮޑަށް ތަރައްޤީވެފައި. މިހާރު އަޅުގަނޑުމެން މިފެށީ، އަޅުގަނޑުމެންގެ އަމިއްލަ މަތިންދާބޯޓެއްގައި، ރާއްޖެއިން ބޭރަށް ދަތުރުކުރަން. އެންމެ ފުރަތަމަ މި ދަތުރުކުރަން ފެށީ އަވަށްޓެރި އިންޑިޔާގެ ވަރަށް މުހިންމު އަދި ވަރަށްގިނަ ދިވެހިން ދަތުރުފަތުރުކޮށް އުޅޭ ރަށަކަށް. އާދެ! ޓްރިވެންޑްރަމް ނުވަތަ ތިރިވަނަންތަޕޫރަމް. އެތަނަށް ދަތުރުފެށީ މިދިޔަ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު. އެ ދަތުރު ފެށުމުގެ ރަސްމިއްޔާތު ހުޅުލޭގައި ހިނގަމުންދިޔައިރު، ޓީ.ވީ މޯލްޑިވްސުން އެ ރަސްމިއްޔާތު ދުރަށް ދައްކަވަމުން ގެންދެވި. އަޅުގަނޑުވެސް އެ ބަލަމުން ގެންދިޔައިން. އަޅުގަނޑުގެ ހިތަށް ވަރަށް އުފާވެރިކަމުގެ ވަރަށް ފުން އިޙްސާސްތަކެއް ކުރެވިގެންދިޔަ.

އެހެންވީމާ، އެ ފްލައިޓް ހަމަ ނައްޓާލުމާ ގުޅިގެން، އަޅުގަނޑަށް ދެން ކެތްނުކުރެވިގެން، ނީނދެވިގެން އެންމެ ފުރަތަމަ ގޮސް މެނެޖިންގ ޑިރެކްޓަރ ބަންދު އިބްރާހީމް ސަލީމަށް ފޯނުކޮށްފައި ވަރަށް ބޮޑަށް ތަހުނިޔާ ދެންނެވިން. އެއީ އަޅުގަނޑުމެން މިހާރު އަލަށް ފަށައިގެން މި އުޅޭ އައިލެންޑް އޭވިއޭޝަންގެ ޙަރަކާތްތައް، ބައިނަލްއަޤްވާމީ ދާއިރާއަށް ފެތުރިގެންދިޔަ ކަމަށްވާތީ. އެއީ އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންގެ މި އެއަރލައިނަށް ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް.

ޙަޤީޤަތުގައި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި، އައިލެންޑް އޭވިއޭޝަނުން އަދާކުރައްވަމުން އެ ގެންދަވަނީ ވަރަށް މުހިންމު ދައުރެއް. 2000 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހު އެ ކުންފުނި އުފެދުނުފަހުން މިވީ 8 އަހަރު ދުވަހުގެ ތެރޭގައި، އެ ކުންފުނިވަނީ ތަފާތު ކުރިއެރުންތައް ހޯއްދަވާފައި. މާތްﷲގެ ވާގިފުޅާއެކު، އެ ކުންފުނީގެ ޚިދްމަތް، ވަރަށް ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ރައްޔިތުންނަށާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް މިދަނީ ލިބެމުން.

އައިލެންޑް އޭވިއޭޝަނަކީ ދިވެހިންގެ ވަރަށްގިނަ ބަޔަކު ބޭނުންކުރާ އެއަރލައިނެއް. އަޅުގަނޑުވެސް ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ގިނަފަހަރަށް ބޭނުންކުރަނީ އައިލެންޑް އޭވިއޭޝަން. ކަނޑަށް ޖައްސާ ބޯޓު ބޭނުންނުކުރާ ކޮންމެފަހަރެއްގައި، މި ބޭނުންކުރަނީ އައިލެންޑް އޭވިއޭޝަންގެ ބޯޓު. އަޅުގަނޑަށް ފެނިފައި އޮތް ގޮތުގައި، އައިލެންޑް އޭވިއޭޝަނުން މިކަން ކުރައްވަނީ ވަރަށް ރަނގަޅަށް. އެ ކުންފުނީގެ ޚިދްމަތް ގެންދަވަނީ، އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީ ކުރައްވަމުން. ކޮންމެ ދަތުރެއް ކޮށްފައި އައިސް، އަޅުގަނޑު ބަންދު ސަލީމާ ގުޅާލާފައި ދަންނަވާލަން، ވަރަށް ރަނގަޅޭ. އަދި ޚާއްޞަކޮށް ފަހަކަށް އައިސް އިނގޭތޯ، އަޅުގަނޑަށް ފާހަގަކުރެވުނީ، އެ އެއަރލައިންގެ ޕައިލޮޓުންނާއި، އަދި ސްޓުވާޑުންނާއި، ޚިދްމަތް ކުރައްވަން ތިއްބަވާ ބޭފުޅުންގެ ފެންވަރު މަތިކަން. ވާހަކަފުޅު ދެއްކެވުންވެސް އެހާ ރީތި. ދިވެހިބަހުންވެސް، އިނގިރޭސި ބަހުންވެސް އެ ދެއްވާ އިރުޝާދުތަކާއި، އެ ވިދާޅުވާ އެއްޗެތި ވިދާޅުވަނީ ވަރަށް ރީތިކޮށް. ވަރަށް އުފާވާގޮތަކަށް. އެހެންވީމާ، އަޅުގަނޑު އައިސް ދެންނެވިން، އެބޭފުޅުން ދިވެހިބަހުންވެސް ވާހަކަ ދައްކަވާލެއް ހާދަމޮޅޭ.

އެހެން މި ދެންނެވީ، ވަރަށްގިނަފަހަރަށް ވާގޮތަކީ، އަޅުގަނޑުމެންގެ ޒުވާން ކުދިންނަށް އަދި އިނގިރޭސި ބަހުން ރަނގަޅަށް ވާހަކަ ދެއްކުނަސް ނުވަތަ އެހެން ބަހަކުން ވާހަކަ ދައްކަން އެނގުނަސް، ދިވެހިބަހުން އެހާ ފަރިތަކޮށް، ރީތިކޮށް ވާހަކަ ދައްކާކަށް ނޭނގެ. އެހެންނަމަވެސް، މިކަމެއް އެއްގޮތަކަށްވެސް އައިލެންޑް އޭވިއޭޝަންގެ ބޭފުޅުންގެ ފަރާތަކުން ނުފެނޭ. ހުރިހާ ބޭފުޅުން ދިވެހިބަހުންވެސް ވާހަކަފުޅު ދައްކަވަނީ ވަރަށް ރީތިކޮށް، ވަރަށް އޮމާންކޮށް. އަޅުގަނޑު އެންމެފަހުން ކުރި ދަތުރުގެ ފަހުންވެސް ބަންދު ސަލީމާ ފޯނުން ގުޅާލާފައި އެކަމަށްޓަކައި މަރްޙަބާ ދެންނެވިން.

އާދެ! ރާއްޖެއިން ބޭރަށް އައިލެންޑް އޭވިއޭޝަނުން ދަތުރުތައް ފެށްޓެވިކަން އެއީ، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި، އެ ކުންފުނި ޙާޞިލު ކުރެއްވި ވަރަށްމަތީ ކާމިޔާބީއެއް. ކުންފުނީގެ ދަތުރުތައް، ރާއްޖެއިން ބޭރަށް ފެށުމަކީ، ކުންފުނި ރަނގަޅަށް ހިނގަމުންދާކަމުގެ ވަރަށް ވަރުގަދަ ދަލީލެއް. ހެތްކެއް. އަދި ވިސްނުންތެރިކަމާއި ހަރުދަނާކަމާއެކު ކުންފުނި ހިންގުމަށް، ކުންފުނީގެ ވެރިން ކުރައްވާ މަސައްކަތުގެ ނަތީޖާ.

މި މުނާސަބަތުގައި، އަޅުގަނޑުމެންގެ ޓޫރިޒަމްގެވެސް ވަރަށް އިސް ބޭފުޅެއް ކަމަށްވާ އަލްފާޟިލް މުޙަންމަދު ޢުމަރު މަނިކު، އައިލެންޑް އޭވިއޭޝަންގެ ޗެއަރމަންގެ ގޮތުގައި ހުންނަވައިގެން، އެ ކުންފުނީގެ ޚިދްމަތްތައް ތަރައްޤީ ކުރައްވައި، ދިވެހި ރައްޔިތުންނަށާއި އަދި އެކުންފުނީގެ ބޭނުންކުރައްވާ ހުރިހާ ފަރާތްތަކަކަށް ރަނގަޅު ފެންވަރުގެ ޚިދްމަތްތަކެއް ހޯއްދަވައިދެއްވުމަށް ކުރައްވާ މަސައްކަތްތަކަށްޓަކައި، އަލްފާޟިލް މުޙަންމަދު ޢުމަރު މަނިކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެހެންމެ، އައިލެންޑް އޭވިއޭޝަންގެ އެންމެގިނަ މަސައްކަތްތައް އަބަދާއި އަބަދު ކުރައްވާ ބޭފުޅެއް ކަމަށް އަޅުގަނޑަށް ފާހަގަކުރެވިފައިވާ މެނެޖިންގ ޑިރެކްޓަރ ބަންދު އިބްރާހީމް ސަލީމް އެކުރައްވާ މަސައްކަތްޕުޅުތަކަށްޓަކައި، އޭނާއަށްވެސް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އައިލެންޑް އޭވިއޭޝަންގެ ޚިދްމަތްތައް ފުޅާވެގެން ދިޔުމަކީ، ވައިގެ ދަތުރުފަތުރު ކުރުމުގައި ދިވެހިންގެ ވަރަށްގިނަ ބަޔަކަށް ލިބިގެންދާނެ ވަރަށްބޮޑު ފަސޭހައެއް. އަދި ދިވެހިންގެ އެތައް ބަޔަކަށް ވަޒީފާގެ ފުރުޞަތު ލިބިދެވޭނެ ކަމެއްވެސްމެ. މިހާރުވެސް އައިލެންޑް އޭވިއޭޝަންގެ ވަޒީފާތަކުގައި ކަމަށް ޤާބިލް، ފަންނީ ދިވެހި މުވައްޒަފުން ތިއްބެވިކަން އެއީ، އަޅުގަނޑުމެން އުފާކުރަންޖެހޭ ކަމެއް. ކުރިއަށް އޮތް ތާނގައި އަދި މިހާރަށްވުރެވެސް ގިނައިން ޤާބިލް ދިވެހިން، ދިވެހި ޒުވާނުން މިކަމަށް ކުރިމަތިލާ މީހުން، އައިލެންޑް އޭވިއޭޝަންގެ ތަފާތު ވަޒީފާތަކުގައި އެބޭފުޅުންގެ ޚިދްމަތް އަޅުގަނޑުމެންނަށް ލިބެމުންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އަދި އެފަދަ މީހުން ތަމްރީނު ކުރައްވައި، އެމީހުންނަކީ ކަމަށް އެކަށީގެންވާ ޤާބިލް، ހުނަރުވެރި ބަޔަކަށް ހެއްދެވުމަށް، އައިލެންޑް އޭވިއޭޝަނުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާނެ ކަމަށްވެސް އަޅުގަނޑު ޔަޤީންކުރަން.

އާދެ! އައިލެންޑް އޭވިއޭޝަނުން ބައިނަލްއަޤްވާމީ ވައިގެ ދަތުރުތައް ފެށުމުގައި، ވަރަށްގިނަ ފަރާތްތަކެއްގެ ހީވާގި އަދި ބުރަ މަސައްކަތްތައް ހިމެނޭ. އެހެންކަމުން، އެ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުން އެ ކޮށްދެއްވި މަސައްކަތްތަކަށްޓަކައި، އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ޚާއްޞަކޮށް، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލްއޭވިއޭޝަން ޑޮކްޓަރ މަޙްމޫދު ޝައުޤީއާއި، އަދި އެމިނިސްޓްރީގައި އުފެދިފައިވާ ސިވިލްއޭވިއޭޝަނާބެހޭ ބައިގެ އިސްވެރިންނާއި މުވައްޒަފުން މިކަމަށް ކޮށްދެއްވި މަސައްކަތްތައް އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކޮށް، އެބޭފުޅުންނަށް ޝުކުރު ދަންނަވަން. ހަމައެއާއެކުގައި، ރާއްޖޭގެ ކަމާބެހޭ ދާއިރާތަކުން ބޭރުގެ ފަރާތްތަކާ ގުޅުއްވައިގެން ހޯއްދަވަންޖެހޭ ހުއްދަތައް ހޯއްދެވުމާއި، މި ކަންތައްތައް ކުރެއްވުމުގައި ޙަރަކާތްތެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

މި އާ ޞަފްޙާ ފެށުމުގައި، މި ދެންނެވީ އައިލެންޑް އޭވިއޭޝަނުން ވައިގެ ދަތުރުފަތުރުތައް ރާއްޖެއިން ބޭރަށް ކުރަން ފެށުނީ، ވަރަށްގިނަ ބޭފުޅުންގެ އެއްބާރުލެއްވުމާއި އެހީތެރިކަން ލިބިގެން ކަމަށްވާތީ، އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އޭގެތެރޭގައި، ޚާއްޞަ ގޮތެއްގައި ކުންފުނީގެ ޗެއަރމަން އަލްފާޟިލް މުޙަންމަދު ޢުމަރު މަނިކާއި، މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް ބަންދު އިބްރާހީމް ސަލީމާއި، ކުންފުނީގެ އެހެން ވެރިންނާއި މުވައްޒަފުން، އަޅުގަނޑު މިޝުކުރުގައި ޝާމިލުކުރަން. ހަމައެހެންމެ، މިހާތަނަށް ކުންފުންޏަށް ޚިދްމަތްކޮށްދެއްވި ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އާދެ! އެހުރިހާ ބޭފުޅުންގެ ނަންފުޅުތައް އަޅުގަނޑު ނުދެންނެވި ކަމުގައިވިޔަސް، މީގެކުރިން ކަމާބެހޭ މިނިސްޓްރީގެ މިނިސްޓަރުކަން ކުރެއްވި ބޭފުޅުންނާއި، ސިވިލްއޭވިއޭޝަން ދާއިރާގައި ޚިދްމަތް ކުރެއްވި ބޭފުޅުންނާއި، އަދި މިގޮތުން އެކި ކަންކަމުގައި ޙަރަކާތްތެރިވެވަޑައިގެންދެއްވި ހުރިހާ ބޭފުޅުންނަށް، ޖުމްލަ ގޮތެއްގައި މިމުނާސަބަތުގެ ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވައި ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، ދިވެހިރާއްޖެއަށް ހެޔޮގޮތްތައް މިންވަރުކޮށްދެއްވުން އެދި اللّـه سبحـانـه وتعـالىގެ ޙަޟުރަތުގައި ދުޢާ ދަންނަވަމުން. އަދި ރާއްޖޭގެ ތަރައްޤީއަށް ދިވެހި ސަރުކާރުންނާއި، ދިވެހިރާއްޖޭގެ ރައްޔިތުން ކުރަމުން ގެންދާ މަސައްކަތްތަކުގައި، އެކަލާނގެ ބަރަކާތް ލައްވައި، އެކަމުގެ ފައިދާ ދިވެހި ރައްޔިތުންނަށް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވަމުން.

والسّلام عليكم ورحمة اللّـه وبركاته.