بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

އާދެ! މިއަދު އަޅުގަނޑުގެ ވާހަކަކޮޅު ފެށެން މި އަންނަނީ، ވަރަށް ހިތާމަވެރި ވާޖިބެއް އަދާކުރަމުން. ރޭ މާލޭގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި، ޒުވާނުންގެ ފަސް ކުއްޖަކުވަނީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކޮށްފައި. މި ހިތާމަވެރި މުނާސަބަތުގައި، އަޅުގަނޑުމެންނާ ވަކިވެ އެދިޔަ ފަސް ޒުވާނުންގެ ފުރާނައަށް މާތްﷲ ހެޔޮ ރަޙްމަތް ލެއްވުން އެދި އަޅުގަނޑު ދުޢާކުރަން. އަދި އެޒުވާނުންގެ ޢާއިލާތަކަށް ތަޢުޒިޔާ އަދާކޮށް، ކެތްތެރިކަން ދެއްވައި، ސަވާބު އިތުރުކުރެއްވުމަށް އަޅުގަނޑު ދުޢާކުރަން. ހަމައެޔާއެކީގައި، މީގެތެރެއިން ގިނަ ޒުވާނުންނަކީ، ތ. އަތޮޅު ދިޔަމިގިލީގެ ޒުވާނުން ކަމަށްވާތީ، ދިޔަމިގިލީގެ ރައްޔިތުންނަށާއި، ދިޔަމިގިލީގެ ޒުވާނުންނަށާއި، އަދި ޢާންމުކޮށް ރާއްޖޭގެ ހުރިހާ ޒުވާނުންނަށާއި ރައްޔިތުންނަށް، މި ހިތާމަވެރި މުނާސަބަތުގެ ތަޢުޒިޔާ އަޅުގަނޑު އަދާކުރަން.

އާދެ! މިފަދަ ހާދިސާތައް މި ދިމާވަނީ، އެކަންކަމަށް ދޭންޖެހޭ ސަމާލުކަން އަޅުގަނޑުމެންނަށް ނުދެވިގެންކަން އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ. ރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށްދާއިރު، އަޅުގަނޑުމެންގެ ތެރޭގައި ތަފާތު މަސައްކަތްތައް އެބަ ތަޢާރުފު ކުރެވޭ. ތަފާތު ކަންތައްތައް ކުރަން އެބަޖެހޭ. މިކަންތައްތަކުގެ ތެރޭގައި، ކަމަށް ދޭންވާ އަހަންމިއްޔަތު ނުދެވި، ބަލަންޖެހޭ ބެލުންތައް އަޅުގަނޑުމެންނަށް ނުބެލުމުގެ ސަބަބުން ވަރަށް ހިތާމަހުރި ހާދިސާތައް ދިމާވަމުން އެބަދޭ.

އާދެ! މިދޭތެރެއިން ލ. އަތޮޅު ގާދޫގައިވެސް މިފަދަ ވަރަށް ހިތާމަވެރި ހާދިސާއެއް ހިނގައިފި. އަޅުގަނޑު ހަނދާންވާ ގޮތުގައި، ދޯންޏެއް ބަނުމުގެ ތެރޭގައި، ފައިބަރު މަސައްކަތް ކުރުމުގެ ތެރޭގައި، ތާނގީއެއް ގޮވައިގެން އެތައް ބަޔަކަށް އެކަމުގެ އަނިޔާ ނުވަތަ ގެއްލުންވަނީ ލިބިފައި. އަދި މިނޫނަސް ގެދޮރު އިމާރާތް ކުރަން އުޅޭ އުޅުމުގެ ތެރޭގައި، މީހުން ވެއްޓިގެން މަރުވުމާއި، ކަރަންޓްގެ މަސައްކަތް ކުރަން އުޅޭއިރުވެސް، މިކަހަލަ ހާދިސާތައް ދިމާވުމާއި، އަދި މަގުމަތީގައި ބާރުބާރަށް އެއްޗެތި ދުއްވާއިރުވެސް ނުރައްކާތެރި ހާދިސާތައް ދިމާވުމާ، މި ހުރިހާ ކަމަކުން މި އެނގެނީ، މިކަންކަމަށް ދޭންޖެހޭ ސަމާލުކަން ނުދެވި އަޅުގަނޑުމެން ތިބޭކަން.

މީގައި އަޅުގަނޑު ވަކިފަރާތަކަށް އިނގިލި ދިއްކުރާކަށް ނެތިން. އެހެން ނަމަވެސް، މިއީ އެންމެންގެ މަސްއޫލިއްޔަތެއް ކަމުގައި އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ. އަޅުގަނޑުމެންގެ ތެރެއިން މަސައްކަތްކުރާ މީހުންނާއި، އެ މަސައްކަތް ހަވާލުކުރާ ފަރާތްތަކާއި، އަދި ސަރުކާރުގެ ކަމާބެހޭ ދާއިރާތަކާ، މި ހުރިހާ ފަރާތަކުންވެސް އަޅުގަނޑުމެންގެ އެންމެންގެ ފުރާނައަށް ރައްކާތެރިވާން އެބަޖެހޭ. އަޅުގަނޑުމެންގެ ފުރާނައަށް ރައްކާތެރިވެ، އަޅުގަނޑުމެންގެ ހަށިތަކަށް ގެއްލުންތަކެއް ނުލިބޭ ގޮތެއްގެ މަތިން، މަސައްކަތްތައް ރާވައި ހިންގަން އެބަޖެހޭ. އެކަމަށް ހަދަންޖެހޭ ގަވާއިދުތައްވެސް ހަދަން އެބަޖެހޭ. އެގަވާއިދުތައް ހިންގަންވެސް އެބަޖެހޭ. އެހެންވީމާ، އަޅުގަނޑު ހިތުން މިއަދު އަޅުގަނޑުމެން ވަރަށް ޚާއްޞަ ގޮތެއްގައި، މިކަމާ ދޭތެރޭގައި ވިސްނާފައި ފިޔަވަޅުތަކެއް އަޅަން އެބަޖެހޭ.

އަޅުގަނޑު އެދެނީ، ދިވެހި ރައްޔިތުން މިފަދަ ކަންތައްތަކަށް އިތުރު ސަމާލުކަމެއް ދެއްވުން. ރައްޔިތުންނާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި، އަދި އަމިއްލަ މަސައްކަތްތައް ކުރުވާ ފަރާތްތަކާއި، އެކިއެކި ޖަމުޢިއްޔާތަކާއި، ކްލަބްތަކާއި، ކުންފުނިތަކާ، މި ހުރިހާ ފަރާތްތަކަކުންވެސް އަޅުގަނޑުމެންގެ މަސައްކަތްކުރާ މީހުންގެ ނުވަތަ އެކި ކަންތައްތަކާ ހަވާލުވެ ތިބޭ މީހުން އެކުރާ މަސައްކަތުން އެމީހުންނަށް އެއްވެސްކަހަލަ ގެއްލުމެއް ނުލިބޭ ގޮތެއްގެ މަތިން ކަންތައްތައް ރާވައި ހިންގުމަށް، މިހާރުއްސުރެ ފެށިގެން ވަރަށް ވަރުގަދަ ޢަޒުމެއް ކަނޑައަޅައި މަސައްކަތް ކުރަން އެބަޖެހޭ.

އާދެ! ދެން މިއަދުގެ މި ޙަފްލާއާ ދޭތެރޭގައި އަޅުގަނޑު އެއްޗެއް ދަންނަވާލާނަން. އެންމެ ފުރަތަމަވެސް، މި އަހަރުގެ ޒުވާނުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ރާއްޖޭގެ ހުރިހާ ޒުވާނުންނަށް އަޅުގަނޑު އަދާކުރަން. އެކިކަންކޮޅުތަކުގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަކީ، މިއަދު އެމީހުންގެ ދުވަސް ފާހަގަކުރެވެމުންދާތީ، ވަރަށްބޮޑު އުފަލެއް އިޙްސާސް ކުރަމުންދާ ބަޔެއް. އެހެންވީމާ، މި އުފާވެރި މުނާސަބަތުގެ ތަހުނިޔާ، ރާއްޖޭގެ ހުރިހާ ޒުވާނުންނަށް އަޅުގަނޑު ރައްދުކުރަން. އަދި ޒުވާނުންގެ ކަންތައްތަކާބެހޭ ވުޒާރާގެ އިސް ވެރިޔާ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނަށާއި، އެ މިނިސްޓްރީގެ އެންމެހާ ވެރިންނަށާއި މުވައްޒަފުންނަށާއި، އަދި ޒުވާނުންގެ ދުވަސް މިފަހަރު ބޭއްވެނީ، އަރިއަތޮޅު ދެކުނުބުރީގައި ކަމަށްވާތީ، އަރިއަތޮޅު ދެކުނުބުރީގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުﷲ ޖަމީލަށާއި، އަތޮޅުއޮފީހުގެ އިސްވެރިންނަށާއި އަދި ޚާއްޞަ ގޮތެއްގައި، ދަނގެތީގެ ވެރިންނަށާއި، ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދީ އަޅުގަނޑު އަދާކުރަން.

ހަމައެހެންމެ، ޒުވާނުންގެ އޮޑީގެ ދަތުރުވެރިންނަށްވެސް ތަހުނިޔާ އަދާކުރަން. އާދެ! އަޅުގަނޑު އެ ދަތުރުވެރިންނާ އެކީގައި، މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ދަތުރެއްކޮށްލިން. ވަރަށް އުފާވެރި ތަޖުރިބާއެއް. އަޅުގަނޑު ހިތުން އެކުދިންވެސް އެކަންތައް ދުށީ ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި. އެހެންވީމާ، އެ އޮޑީގެ ހުރިހާ ދަތުރުވެރިންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، މިއަދުގެ މުނާސަބަތުގައި މަރްޙަބާކިޔާ ތަހުނިޔާ އަދާކުރަން.

އާދެ! އެ އޮޑީގައި އަޅުގަނޑު ދަތުރުކުރި ކުރުމުގައި، ޒުވާނުން ވަރަށްގިނަ ސުވާލުތަކެއް ކުރި. އެމީހުންނަށް ދިމާވާ އެކިކަންތައްތަކާއި، އެކި މައްސަލަތަކުގައި ސަރުކާރުން ޢަމަލުކުރާގޮތާއި، މިގޮތުން އެމީހުންގެ އިޙްސާސްތައް އަޅުގަނޑުމެންނަށް ހާމަކޮށްދިން. އެކަމަށްޓަކައި އެ ދަތުރުގައި ބައިވެރިވި ހުރިހާ ކުދިންނަށް އަޅުގަނޑު ޝުކުރު އަދާކުރަން. އަދި އަޅުގަނޑުވެސް އެކުދިން ކުރި ސުވާލުތަކަށް ޖަވާބުދެވޭތޯ ބެލިން. އަދި މިނިސްޓަރ އަލްފާޟިލް މުޙަންމަދު ވަޙީދުއްދީންވެސް އެމަސައްކަތްޕުޅު ކުރެއްވި.

އަޅުގަނޑު ދަންނަވަން މި އުޅޭ ވާހަކައަކީ، ޒުވާނުންނާއި ރާއްޖޭގެ މަސްއޫލު ފަރާތްތަކާ ދެމެދު ކުރެވޭ މިފަދަ މުޢާމަލާތުތަކަކީ، ވަރަށް މުހިންމު މުޢާމަލާތުތަކެކޭ. އޭގެ ފައިދާ ދެފަރާތަށްވެސް ލިބޭނެއޭ. އެހެންވީމާ، އެދުވަހުގެ އެ ތަޖުރިބާއަކީ އަޅުގަނޑަށް ލިބުނު ވަރަށް އުފާވެރި ތަޖުރިބާއެއް ކަމަށްވާތީ، އަދި އަޅުގަނޑާ ސުވާލުކުރި ކުދިންނަށާއި، ސުވާލުނުކޮށް އަޑުއަހަން ތިބި ކުދިންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން. މިއަދުގެ މުނާސަބަތުގައި ޒުވާނުންނާބެހޭ އެކިކަންކަމުގައި ޙަރަކާތްތެރިވާ ކްލަބް، ޖަމުޢިއްޔާތަކަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން.

އާދެ! ދެންމެ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީންގެ ވާހަކަފުޅުގައި، ޒުވާނުންގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް އަޅުގަނޑު ކުރާ މަސައްކަތްތަކުގެ ވާހަކަ ވިދާޅުވެއްޖެ. އެކަމަށްޓަކައި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، މުޙަންމަދު ވަޙީދުއްދީނަށް ޝުކުރު ދަންނަވަން.

މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ދަނގެތީގައި މި ބާއްވާ ޖަލްސާގައި ބައިވެރިވުމަށް އަޅުގަނޑަށް މި ފުރްޞަތު ލިބުނުކަމީ، އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ކަމެއް. އަޅުގަނޑާއި ނަސްރީނާ މިއަދު ދަނގެއްޗަށް އައުމުން، މި އަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިންގެ ފަރާތްޕުޅުންނާއި، އަތޮޅުއޮފީހުގެ އިސްވެރިންނާއި އަދި ދަނގެތީގެ ވެރިންނާއި، ލޮބުވެތި ރައްޔިތުންނާއި، ދަނގެތީގެ ކޮމިޓީތަކުގެ މެންބަރުންނާއި، ކިޔަވާ ކުދިންނާއި، ޒުވާނުންނާއި، ޢާންމުކޮށް ދަންނަވަންޏާ، ދަނގެތީގެ ލޮބުވެތި ހުރިހާ ރައްޔިތުންގެ ފަރާތުން އަޅުގަނޑުމެންނަށް ތިޔަ ވިދާޅުވި ވަރަށް ހޫނު އިޚްލާޞްތެރި މަރްޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ، މިރަށުގައި، އާދެ! އދ. ދަނގެތީގައި ކަމަށްވާތީ، ދަނގެތީގެ ވެރިންނާއި ރައްޔިތުން، މި އިޙްތިފާލަށް މިރަށް ތައްޔާރު ކުރެއްވުމަށްޓަކައި ކުރައްވާފައިވާ ބޮޑެތިބޮޑެތި މަސައްކަތްތައް އަޅުގަނޑަށް ފެނި، ވަރަށް ބޮޑަށް އުފާކޮށް، ރަށުގެ ވެރިންނަށާއި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! މިމަސައްކަތްތައް ދަނގެތީ ރައްޔިތުން ކުރައްވަމުން ގެންދެވިއިރު، އެކަމުގެ ޚަބަރުތައް އަޅުގަނޑު ބަލަމުން ގެންދިޔައިން. އަދި ޓީ.ވީ މޯލްޑިވްސްގެ ބައެއް ޚަބަރުތަކުގައިވެސް އެ މަންޒަރުތައް ދެއްކި. އަޅުގަނޑު ވަގުތުން ރަށުގެ ކަތީބާ ގުޅައި ތަހުނިޔާ އަދާކޮށް، މިމަސައްކަތް އެބޭފުޅުން ކުރައްވާލެއް ފުރިހަމަކަމަށްޓަކައި ޝުކުރު ދެންނެވިން. އެހެންވީމާ، މިއަދު އެ ޝުކުރު، ދަނގެތީގެ ވެރިންނަށާއި ރައްޔިތުންނަށް ތަކުރާރުކޮށްލުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

ދެންމެ ވަޙީދުއްދީންގެ ވާހަކަފުޅުގައި ވިދާޅުވިހެން، މިކަމުގައި އެންމެން މަސައްކަތް ކުރީ އެއްރޫޙެއްގައި، އެއްމަޤްޞަދެއްގައި. އެއްވެސް ތަފާތެއްނެތި. އެހެންވީމާ، މި އެއްބައިވަންތަކަމުގެ ރޫޙު މިރަށުގައި ދިރިގެން މިދިޔައީ، މި މުނާސަބަތުގެ ސަބަބުން ކަމަށްވަންޏާ، އެއީވެސް އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ކަމެއް. އެކަމަށްޓަކައި ރަށުގެ ހުރިހާ ރައްޔިތުންނަށް އަދިވެސް އެއްފަހަރު އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ ޝުކުރުގެ ޝުޢޫރުތައް ދަންނަވާލަން.

ހަމައެއާއެކު، މިއަދުގެ ޒުވާނުންގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށާއި، ޝަހީދު ޖަވާދު ޢުމަރުގެ ހަނދާނީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅަކަށާއި، ޖަމްޢިއްޔާތަކުގެ އިނާމު ލިބުނު ޖަމްޢިއްޔާތަކަށް އަޅުގަނޑު މުބާރަކްބާދީ ދަންނަވަން. އަދި އެބޭފުޅުންނާއި އެފަރާތްތަކުން އެކުރައްވާ މަސައްކަތްތަކުގައި، އިތުރަށް ކުރިއަށް ވަޑައިގަތުމަށް އަޅުގަނޑު ހިތްވަރު އަރުވައި ސާބަސްދެން.

މި އަހަރުގެ ޒުވާނުންގެ ދުވަހުގެ ޝިޢާރަކީ، "ޒުވާނުންގެ ތަރައްޤީއަށްޓަކައި ޒުވާނުން" މިޝިޢާރު. އާދެ! އޭގެ މާނައަކީ ހުރިހާ ޒުވާނުންގެ ޙައްޤުގައި މަސައްކަތްކޮށް، ހެޔޮ ފާގަތި ދުވަސްތަކެއް ޒުވާނުންނަށް ފަހިކޮށްދިނުމަކީ، މާތްﷲގެ ވާގިފުޅާއެކު، ޒުވާނުންނަށް ކުރެވިދާނެ ކަމެކޭ. ޒުވާނުންގެ ތަރައްޤީގައި، ޒުވާނުން އަދާކުރާ ދައުރު ވަރަށް މުހިންމޭ. ވަރަށް ބޮޑޭ. ޒުވާނުންގެ ތަރައްޤީގައި ވަރަށްގިނަ ފަރާތްތަކުން ޙިއްޞާވޭ. އޭގެ ތެރޭގައި، ސަރުކާރުގެ ފަރާތްތައް، ކްލަބް ޖަމްޢިއްޔާތައް، އަދި މުޖްތަމަޢުގައި ހިމެނޭ ބޮޑެތިމީހުން، ހަރުމީހުން ހިމެނޭ. އެހެންނަމަވެސް، މި އެންމެން ކުރާ މަސައްކަތުގެ އިތުރަށް، ޒުވާނުން އަމިއްލައަށް، އެމީހުންގެ ތަރައްޤީއަށް ކުރާ މަސައްކަތަކީ މާ މުހިންމު މަސައްކަތެއްކަން، އަޅުގަނޑުމެންނަށް މި ޝިޢާރުން އެބަ ހާމަކޮށްދޭ. އެހެންވީމާ، މިކަމަކީ މިއަދުގެ ޒުވާނުން ވަރަށް ބޮޑަށް ވިސްނައި، ޒުވާނުންގެ ތަރައްޤީއަށް، އެމީހުން އަމިއްލައަށް މަސައްކަތް ކުރުމުގެ ރޫޙު، އެމީހުންގެ ތެރޭގައި އިތުރަށް އާލާކުރުމަށް ލިބޭ ވަރަށްބޮޑު ބާރެއް ކަމުގައި އަޅުގަނޑު ދެކެން.

މި އަހަރުގެ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި، މި ޝިޢާރުގެ ދަށުން އާ ޕްރޮގްރާމެއް އިޢުލާނު ކުރުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އެ ޕްރޮގްރާމަކީ، "ދެވަނަ ފުރުޞަތު"ގެ ނަމުގައި ހިންގޭ ޕްރޮގްރާމެއް. މަޤްޞަދަކީ، މުޖްތަމަޢުގެ ހަވާސާގައި ދިރިއުޅެމުންދާ ޒުވާނުންނާއި އަދި ދިރިއުޅުމުގައި ތަފާތު ސަބަބުތަކާހެދި ފުރުޞަތުތަކާއި ޚިދްމަތްތަކުން މަޙްރޫމް ވެފައިވާ ޒުވާނުން މުޖްތަމަޢަށް އަނބުރާ އައުމަށް އަދި އެ ޒުވާނުންވެސް އަދި ޤައުމުވެސް އެދޭ ފަދައިން ޚިދްމަތްތެރި، އުފެއްދުންތެރި ޒުވާނުންތަކަކަށްވުމުގެ ދެވަނަ ފުރުޞަތެއް އެ ކުދިންނަށް ހޯދައިދިނުން.

ޝައްކެއްނެތް. މިއީ ވަރަށް މުހިންމު ކަމެއް. ޒުވާނުންނަށް ލިބޭ ފުރުޞަތުތަކުގެ ބޭނުން، ހަމަ އެންމެ ފުރިހަމަގޮތުގައި ބޭނުންނުކުރެވޭ ބައިވަރު ޒުވާނުން ތިބޭނެ. އެ ފުރުޞަތު ގެއްލުނީމާ، އެމީހުންނަށް ދެން ހަދާނެ ގޮތެއް ނޭނގިފައި ތިބޭ އެތައް ބަޔަކު ތިބޭނެ. މިފަދަ މީހުންނަށް ސަރުކާރުގެ ފަރާތުންނާއި އަދި ޒުވާނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ދެވަނަ ފުރުޞަތެއް ހޯދައިދިނުމަކީ، ވަރަށް މުހިންމު ކަމެއް. އޭރުން އެ ޒުވާނުންނަށް، އެ ފުރުޞަތުގެ ބޭނުންކޮށްގެން، ކުރިއަށް ދިޔުމުގެ ފުރުޞަތު އޮންނާނީ ހުޅުވިފައި.

އާދެ! ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން މިގެންދަނީ، ރާއްޖޭގެ އެކިކަންކޮޅުގައި ދިރިއުޅެމުންދާ ރާއްޖޭގެ ޒުވާނުންނަށް ފުޅާ ދާއިރާއެއްގައި ޚިދްމަތް ފޯރުވައިދިނުމުގެ މައްޗަށް. މިގޮތުން، މިއަދު އަޅުގަނޑު ދަންނަވާލަން ބޭނުންވާ އެއް ވާހަކައަކީ، ރާއްޖޭގެ ތިން އަތޮޅެއްގައި ޒުވާނުންގެ މަރްކަޒު ބިނާކޮށްދިނުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ވާހަކަ.

ޒުވާނުންގެ މަރްކަޒުތަކަކީ، އެ މަރްކަޒުތަކުން ވަރަށްގިނަ ޒުވާނުންނަށް ތަފާތު ގިނަގުނަ އެހީތައް، ޚިދްމަތްތައް ލިބެމުންދާނެ މަރްކަޒުތަކެއް. އެފަދަ މަރްކަޒުތަކެއް ރާއްޖޭގައި ޢާންމުވުމަކީ، ރާއްޖޭގެ ޒުވާނުންނަށް ކަންތައްތައް ފަހިވުމަށްޓަކައި އެޅޭ ވަރަށްބޮޑު ބާރަކަށްވާނެ ކަމަށް އަޅުގަނޑު ދެކެން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި އަހަރު މި މަސައްކަތް ފެށޭނެ ވާހަކަ ދަންނަވާލަން. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް ސަރުކާރުގެ ސިޔާސަތަކަށްވާނީ، މިފަދަ މަރްކަޒުތައް އިތުރުކޮށް، ޒުވާނުންނަށް އެ މަރްކަޒުތަކުގެ ޚިދްމަތްތައް ލިބިދެވޭނެ މަގުތައް ފަހިކުރުން ކަމުގައި މިއަދު އަޅުގަނޑު ދަންނަވާލަން ބޭނުންވޭ.

މިއަދުގެ މިވަގުތަކީވެސް ތިޔަބޭފުޅުންނަށްވެސް މާ ފަސޭހަފުޅު ވަގުތަކަށް ނުވާނެ. ވަރަށް ހޫނުގަދަ ވަގުތެއް. މިހާރުވެސް ޖަލްސާ ވަރަށް ބޮޑަށް ދިގުވެގެން ހިނގައްޖެ. އެހެންވީމާ، ޒުވާނުންނާ ބެހޭގޮތުން އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވާ ވާހަކަ ދަންނަވާލައި މި ނިމުނީ. އަޅުގަނޑު ދެން ދަންނަވާލަން ބޭނުންވަނީ، ދަނގެތީ ރައްޔިތުންނާ މުޚާޠަބުކޮށް ދަންނަވާލާ ވާހަކައެއް. އެއީ މިއަދުގެ މި އިޙްތިފާލް މި ބޭއްވެނީ ދަނގެތީގައި ކަމަށްވާތީ.

އާދެ! އަޅުގަނޑުގެ މި ދަތުރަކީ، އަޅުގަނޑު ރައީސްކަމާ ހަވާލުވިފަހުން ދަނގެއްޗަށް ކުރާ ތިންވަނަ ދަތުރު. އެންމެފަހުން އަޅުގަނޑަށް މި ރަށަށް ޒިޔާރަތް ކުރެވުނުތާ މިހާރު 10 އަހަރު މިވަނީ. އެންމެފަހުން އަޅުގަނޑަށް އާދެވިފައި މިއޮތީ، 1998 ވަނަ އަހަރުގެ މާޗް މަހުގެ 24 ވަނަ ދުވަހު. މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، އެހެން ރަށްތަކެކޭ އެއްފަދައިން، ދަނގެތީގެ ތަރައްޤީއަށްވެސް ސަރުކާރުންވަނީ ތަފާތު މަޝްރޫޢުތަކެއް ހިންގާފައި.

މިހާރު ރައްޔިތުންނަށް ދިމާވެގެން އުޅޭ އެންމެބޮޑު ދަތި މައްސަލައަކީ، ލަފާ ފުރުމުގެ ދަތިކަން ކަމުގައި އަޅުގަނޑަށް ވަނީ އެނގިފައި. އާދެ! މި ދަތިކަން ޙައްލުކޮށްދިނުމަށްޓަކައި ސަރުކާރުން ހިންގާ ޕްރޮގްރާމްގެ ދަށުން މި ރަށު ބަނދަރު ހެދުމަށް މިހާރުވަނީ ރޭވިފައި. ލަފާ ފުރުމުގެ ދަތިކަން އިޙްސާސް ކުރަން ޖެހިފައިވާ ރާއްޖޭގެ ރަށްރަށުގެ ތެރެއިން މިހާރުވެސް މަސައްކަތް ނުފެށި ހުރި ހުރިހާ ރަށެއްގެ މަސައްކަތް، އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް، މި އަހަރުގެ ރިޔާސީ ބަޔާނުގައި އަޅުގަނޑުވާނީ ދަންނަވާފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިރަށުގައިވެސް އެމަސައްކަތް ލަހެއްނުވެ ފެށޭނެ ވާހަކަ ވަރަށް އުފަލާއެކު ދަންނަވާލަން.

އާދެ! ދަނގެއްޗަކީ ވަރަށް މަސައްކަތްތެރި ރައްޔިތަކު ދިރިއުޅުއްވާ ރަށެއް. އަދި އިޖްތިމާޢީ ގުޅުންތައްވެސް ވަރަށް ރަނގަޅު ރަށެއް. މި ރަށުގެ ރައްޔިތުންގެ މެދުގައި އެއްބަނޑުއެއްބަފާކަމުގެ ވަރަށް ގާތް ގުޅުމެއް އޮވޭ. އެހެންވީމާ، މި ގުޅުން އިތުރަށް ބަދަހިކުރައްވައި ދެމެހެއްޓެވުމަކީ، ރައްޔިތުންގެ ތަރައްޤީއަށް އަދި ރައްޔިތުންގެ ހަމަޖެހުމަށް ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވޭ.

ތަރައްޤީގެ ވަރަށްގިނަ ފުރުޞަތުތައް، މި އަތޮޅަށްވެސް މިހާރު މިވަނީ ހުޅުވިފައި. އޭގެތެރެއިން އެންމެ މުހިންމު އެއް ފުރުޞަތަކީ، ފަތުރުވެރިކަމުގެ ފުރުޞަތު. މި އަތޮޅުގައި ފަތުރުވެރިކަމުގެ މަންޒިލްތަކެއްގެ ގޮތުގައި 16 ރަށް ތަރައްޤީ ކުރެވިގެން ހިނގަމުން އެބަދޭ. އެހެންވީމާ، މިއީ ވަރަށްބޮޑު ކަމެއް. އެއް އަތޮޅެއްގައި، މިހާ ގިނަ އަދަދަކަށް ފަތުރުވެރިކަމުގެ މަންޒިލްތައް ޤާއިމުކުރެވިފައިވާކަން އެއީ، ޝައްކެއްނެތް، ރައްޔިތުންގެ ދިރިއުޅުމަށް ލިބޭ ވަރަށްބޮޑު ކުރިއެރުމަކަށް ވެގެންދާނެ. އިޤްތިޞާދީ މަސައްކަތްތައް އިތުރަށް ފެށި ހަރުދަނާވުމަށް ލިބޭ ފުރުޞަތަކަށް ވެގެންދާނެ. މިހާރު ދަނގެތީގައިވެސް އަދި މިރަށް ނޫން މިއަތޮޅުގެ އެހެން ރަށްރަށުގައިވެސް ފަތުރުވެރިކަމުގެ ވިޔަފާރި ވަރަށް ބޮޑަށް ހިނގަމުން އެބަދޭ. އޭގެ ސަބަބުން، ރައްޔިތުންނަށް ގިނަ އާމްދަނީތަކެއް ލިބެމުން އެބަދޭ. ހަމައެހެންމެ، މިކަމުގެ ސަބަބުން ވަޒީފާ އަދާކުރަން ބޭނުންވާ ވަރަށްގިނަ ބަޔަކަށް، ވަޒީފާ އަދާކުރުމުގެ ފުރުޞަތުތައްވެސް ތަނަވަސްވެގެން އެބަދޭ. އެހެންވީމާ، މިކަމަށް އަޅުގަނޑުމެން ސަމާލުކަންދީ، ފަތުރުވެރިކަން އޭގެ ހެޔޮގޮތުގައި ތަރައްޤީކޮށް، އޭގެ ފައިދާ ވީހާ ގިނަ ބަޔަކަށް ލިބޭގޮތަކަށް މަސައްކަތްތައް ރާވައި ހިންގުމަކީ، ވަރަށް ބޭނުންތެރި ކަމެއް ކަމުގައި އަޅުގަނޑު ދަންނަވާލަން.

ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިނިސްޓަރުގެ ވާހަކަފުޅުގައިވެސް ވިދާޅުވި ވާހަކައެއް. އެއީ މަސްތުވާތަކެތީގެ ވާހަކަ. އެވާހަކަ މާ ދިގުކޮށް ދައްކާކަށް ނުޖެހޭ. އަޅުގަނޑުމެން އެންމެންނަށްވެސް، އޭގެ ޙަޤީޤަތް އަދި އޭގެ ނުރައްކާ، އެ ވަބާގައި ޖެހެމުންދާ ޒުވާނުންނަށާއި، ކުދިންނަށާއި، ބޮޑެތި މީހުންނަށް ވަމުންދާގޮތް އެބަ އެނގޭ. އެބަ އިޙްސާސް ކުރެވޭ. އަޅުގަނޑުމެންގެ ލޯމައްޗަށް އެކަންތައްތައް ފެންނަމުން އެބަދޭ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މި ރަށުގައިވެސް އެކަން އެބައުޅޭ.

އަޅުގަނޑު އެދެނީ، ރާއްޖޭގެ ހުރިހާ ރައްޔިތުން މިކަމުގައި އެއްބާރުލައްވައިގެން މަސައްކަތް ކުރެއްވުން. ކޮންމެ ރަށެއްގެ ރައްޔިތުންވެސް، އެ ރަށެއްގައި އެ ކަންތައް ކޮންޓްރޯލް ކުރައްވައި، އަދި އެ ވަބާއިން އެ ރަށެއްގެ ރައްޔިތުންނާއި، ކުޑަކުދިންނާއި ޒުވާނުން ސަލާމަތް ކުރެއްވުމަށްޓަކައި ކުރެއްވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރެއްވުން. މި މަސައްކަތަކީ ހަމައެކަނި ވަކިބަޔަކު ކޮށްގެން ފަރުޖެހޭނެ މަސައްކަތެއް ނޫން. މި މަސައްކަތަކީ ޤައުމުގެ އެންމެން އަތުގުޅާލައިގެން އެއްބާރުލައިގެން ކުރެވޭނެ މަސައްކަތްތަކެއް. ސަރުކާރުގެ ކަމާބެހޭ ދާއިރާތަކާއި އަދި ސްކޫލް މަދަރުސާތަކާއި، ޒުވާނުންނާބެހޭ ދާއިރާތަކާއި އަދި ޢާންމުކޮށް ރާއްޖޭގެ އިޤްތިޞާދީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ، މި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރަން އެބަޖެހޭ. އަމިއްލަ ޖަމްޢިއްޔާތަކާއި ޖަމާޢަތްތައްވެސް މިކަމުގައި އުޅެން އެބަޖެހޭ. އަޅުގަނޑަށް އެނގޭ، މިހާރުވެސް މިމަސައްކަތް ކުރައްވާ ވަރަށްގިނަ ފަރާތްތައް އެބަ ތިއްބެވިކަން.

އެހެންނަމަވެސް، އަޅުގަނޑުމެން ބޭނުންވާ ވަރަށް މި މައްސަލައަށް ޙައްލު ނުހޯދިގެން މިއުޅެނީ އަދިވެސް އިތުރަށް ކުރަންޖެހޭ ކަންތައްތަކެއް ނުކުރެވި ހުރީމާކަން އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ. އެހެންވީމާ، އެ މަސްއޫލިއްޔަތު އެންމެން އުފުލުމަށް، އަޅުގަނޑު މިއަދު އިލްތިމާސް ކުރަން. މި ނުރައްކާތެރި ވަބާއިން ރާއްޖޭގެ ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއްކޮށް، ވާންޖެހުނު ކޮންމެ ޤުރްބާނީއެއްވުމަށް އަޅުގަނޑުމެން އެންމެން ތިބެންޖެހޭނީ ތައްޔާރަށް. އެހެންވީމާ، މިކަމުގައި ދަނގެތީ ރައްޔިތުންނާއި އަދި މިއަތޮޅުގެ ރައްޔިތުންނާއި އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ވަރަށް ބޮޑަށް ގުޅިގެން މަސައްކަތް ކުރައްވައި، އެއްބާރުލައްވައިގެން މި ނުރައްކަލުން ދިވެހި މުޖްތަމަޢު ސަލާމަތް ކުރެއްވޭތޯ ބެއްލެވުމަށް އަޅުގަނޑު އިލްތިމާސް ކުރަން.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، ޒުވާނުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަމަށް އެދެމުން. ޒުވާނުންގެ ތަރައްޤީއަށާއި ކުރިއެރުމަށް ސަރުކާރުންނާއި އަދި އަމިއްލަ ފަރާތްތަކުންނާއި، އެކިއެކި ކްލަބް ޖަމްޢިއްޔާތަކުން އެ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ކާމިޔާބުވުމަށް އެދި ދުޢާކުރަމުން. އަދި ޒުވާނުން އަމިއްލައަށްވެސް އެމީހުންގެ އަމިއްލަ ތަރައްޤީއަށް ކުރަމުންގެންދާ މަސައްކަތްތަކަކީ، އެކަމުގައި މާތްﷲ ބަރަކާތް ލައްވައި، އެކަމުގެ ނަތީޖާ އަވަސް މަގަކުން ފެނިގެންދާނެ މަސައްކަތްތަކެއް ކަމުގައި ލެއްވުން އެދި ދުޢާކުރަމުން. އަދި ދިވެހިރާއްޖެއަށާއި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ތަނަވަސް، ފާގަތި، އަމާން، ޞުލްޙަވެރި މުސްތަޤްބަލެއް މާތްﷲ މިންވަރު ކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި އިބްތިހާލްވަމުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.