بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

އާދެ! މި އަހަރުގެ ޒުވާނުންގެ ދުވަސް ރަސްމީގޮތުން ފާހަގަކުރުމަށްޓަކައި މިއަތޮޅު ދަނގެތީގައި ބޭއްވުނު އިޙްތިފާލުގައި ބައިވެރިވުމަށް، މި އަތޮޅަށް މި ކުރާ ދަތުރުގައި، މިއަދު އެންމެ ފުރަތަމަ އަޅުގަނޑު އައިސް މިހިރީ ތިޔަބޭފުޅުންގެ މި ލޮބުވެތި ރަށުގައި. އާދެ! ދިގުރަށުގައި. މިރަށަށް އައުމާ އެކީގައި، މިރަށުގެ ވެރިންނާއި، މިރަށުގެ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ވަރަށް އިޚްލާޞްތެރި، ވަރަށް ހޫނު މަރްޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

ދެންމެ ކަތީބުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، މި ރަށުގެ ރައްޔިތުން މިއަދަށްޓަކައި ރަށް މިވަނީ ވަރަށް ބޮޑަށް ތައްޔާރުކުރައްވާފައި. ވަރަށް ބޮޑަށް ޒީނަތްތެރި ކުރައްވާފައި. ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވައިގެން، އަޅުގަނޑުމެންގެ މި ބައްދަލުވުން، އޭގެ އެންމެ އެދެވޭ ގޮތުގައި ކުރިއަށް ގެންދިޔުމަށްޓަކައި ކުރެއްވެންހުރި ހުރިހާ މަސައްކަތްތަކެއް މިވަނީ ކުރައްވާފައި. އާދެ! މިކަމަށްޓަކައި ރަށުގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑު އަތޮޅުތަކުގެ ރަށްރަށަށް ކުރާ ދަތުރުތަކުގައި ދަންނަވަމުން މިގެންދަނީ، އަޅުގަނޑު ރާއްޖޭގެ އެއްވެސް ރަށަކަށް ޒިޔާރަތްކުރާ ކުރުމަށްޓަކައި، ރަށުގެ ރައްޔިތުން އެއްގޮތަކަށްވެސް އެއްވެސްކަހަލަ ބުރައެއް އުފުއްލެވުމަކީ، އަޅުގަނޑު އެދޭ ގޮތެއް ނޫނޭ. އެއްގޮތަކަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވައި، ރެޔާ ދުވާލު ހޭފުޅުލައްވާ ތިއްބަވައި، އެހެން ހެއްދެވުމަކީ އަޅުގަނޑު ބޭނުންވާ ކަމެއް ނޫނޭ. އެހެން މި ދަންނަވަނީ، ރައްޔިތުން ތަރައްޤީއަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު، ވަކި މީހަކު އަންނާތީ، އެ މަސައްކަތްތައް ހުއްޓަވާލައްވާފައި، އެހެން މަސައްކަތްތަކަކަށް ކުރިމަތިލެއްވުމަކީ، އޭގެ ފައިދާ ރަނގަޅު ގޮތުގައި ރަށަށް ލިބޭނެ ކަމަކަށްނުވާތީ.

އެހެންނަމަވެސް، މި ރަށުގެ ރައްޔިތުން މި މަސައްކަތްތައް ކޮށްދެއްވާފައި މިވަނީ، ތިޔަބޭފުޅުންގެ ހިތްޕުޅުގައި އަޅުގަނޑާ ދޭތެރޭގައި އޮތް އިޚްލާޞްތެރި ޝުޢޫރެއްގެ ސަބަބުން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ، އެއާ ދޭތެރޭގައި ދެން އަޅުގަނޑު އިތުރަށް އެއްޗެއް ނުދަންނަވާނަން. އަޅުގަނޑު ދަންނަވާނެ ވާހަކައަކީ، ފަށްފަށުން ޝުކުރު ދަންނަވަމޭ.

ރާއްޖޭގައި މީހުން އުޅޭ ރަށްރަށަށް އަޅުގަނޑު ޒިޔާރަތް ކުރަމުން ގެންދާއިރު، ބައެއް ރަށްރަށަށް ޒިޔާރަތް ކުރެވިފައިވަނީ ވަރަށް މަދުން. އެގޮތުން ދިގުރަށަކީވެސް މި މަގާމުގައި ހުރެގެން އަޅުގަނޑަށް މީގެކުރިން އެންމެ ފަހަރަކު އާދެވިފައި އޮތް ރަށެއް. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ހިތާމަކުރަން. އެއީ އަޅުގަނޑުގެ މަސައްކަތާއި ކަންތައްތައް ހުރިގޮތުން އެއަށްވުރެ ގިނައިން މިރަށަށް ޒިޔާރަތް ކުރެވިފައި ނުވާތީ.

އެކަން އެހެން އޮތް ނަމަވެސް، ސަރުކާރުގެ ކަމާބެހޭ އެކި ދާއިރާތަކުގެ ވަޒީރުންނާއި، އެކިއެކި އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ހުރިހާ ރަށަކަށް ވަރަށް ގިނައިން ޒިޔާރަތް ކުރައްވާ. އަދި ރަށްރަށުގެ ތަރައްޤީއަށްޓަކައި ކުރެވެންހުރި މަސައްކަތްތަކުގައި، އެބޭފުޅުންގެ ޙިއްޞާ އަދާކޮށްދެއްވާ. ރައްޔިތުންނަށް ދަތިވެފައިވާ ކަންތައްތަކުގެ މަޢްލޫމާތު ހޯއްދަވައިގެން، ރައްޔިތުންނަށް ކަންތައްތައް ލުއިފަސޭހަކޮށްދެއްވައި، ކުރިއަށް ދިޔުމުގެ މަގު ތަނަވަސްކޮށްދެއްވާ. އަދި އެރަށްރަށަށް ޒިޔާރަތް ނުކުރެވުނު ނަމަވެސް، އަޅުގަނޑުވެސް، އަޅުގަނޑު އަމިއްލައަށް އެރަށްރަށުގެ ޚަބަރު މިގެންދަނީ ބަލަމުން. އަދި ތަންތަނަށް ބޭނުންވާ ކަންތައްތައް، އަޅުގަނޑުގެ މަގާމުގެ ޙައިޘިއްޔަތުން ކޮށްދެވެން އޮތްނަމަ، އެކަމެއް މިދަނީ ކޮށްދެމުން.

އެގޮތުން ދިގުރަށުގައިވެސް މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ސަރުކާރުން ވަރަށްގިނަ ތަރައްޤީގެ މަޝްރޫއުތަކެއް މިވަނީ ހިންގާފައި. އޭގެތެރޭގައި، އަޅުގަނޑުމެން އިޙްތިފާލު ކުރަމުން މިގެންދާ ޖަލްސާ ކުރަމުންމިދާ މަދަރުސާ ހިމެނޭ. އަދި މިރަށުގެ ޞިއްޙީ މަރްކަޒު، ރަށުއޮފީސް، އަދި މިރަށުގެ މިސްކިތް ބިނާކޮށް މި ހުރިހާ ކަމެއްވެސްވަނީ ސަރުކާރުން ކޮށްފައި. އަދި އެންމެފަހުން ދެންމެ ކަތީބު އެ ވިދާޅުވި ފަދައިން، މިރަށުގެ ބަނދަރު މިވަނީ ވަރަށް ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށް ނިމިފައި.

އެހެންވީމާ، މިކަންތައްތައް މިހެން ވަމުން ދިޔުމަކީ، ރައްޔިތުންނަށް ލުއިފަސޭހަ ލިބުމާއި، އަދި ރައްޔިތުން ދިރިއުޅުމަށް ކުރައްވާ މަސައްކަތްތަކަށް އިތުރު ފުރުޞަތުތައް ލިބުމާއި، ކުރިއަށް ދިޔުމުގެ މަގު ތަނަވަސްވެގެންދާ ކަމެއް ކަމަށްވާތީ، އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ވާހަކަ ދަންނަވާލަން.

ކަތީބު އަލްފާޟިލް އަޙްމަދު ފާއިޒު ރަޝީދުގެ ވާހަކަފުޅުގައި، މި ރަށުގެ ރައްޔިތުން ބޭނުންފުޅުވާ ވަރަށްގިނަ ކަންތައްތަކުގެ ވާހަކަ ވިދާޅުވެއްޖެ. އެ ހުރިހާ ކަމަކީވެސް ސަރުކާރުން ކޮށްދޭން ބޭނުންވާނެ ކަންތައް. އޭނާ ވިދާޅުވި، ތިމަންނާމެން ބޭނުންވާ ހުރިހާ ކަމެއް ކޮށްނުދެވިދާނެއޭ. ކޮށްނުދެވުމަކީވެސް އެކަށީގެންވާ ކަމެކޭ.

އާދެ! އެއީ ކޮށްނުދޭކަށެއް ނޫން. ހުރިހާ ކަމެއްވެސް ސަރުކާރުން ކޮށްދޭން ބޭނުންވާނެ. އަދި އިރާދަކުރެއްވިއްޔާ ކޮށްދޭނެ. އެހެންނަމަވެސް، ބޭނުންވަނީ މުއްދަތު. ރާއްޖޭގައި ވަރަށްގިނަ ރަށްރަށް، މީހުން ދިރިއުޅޭ ރަށްރަށް އެބަހުރި. އެއިން ކޮންމެ ރަށަކަށް އޭނާ ވިދާޅުވި ކަންތައްތަކާއި، އެއަށްވުރެ އިތުރަށް އެތައް ކަމެއް ބޭނުންވޭ. ބަނދަރު ހެދުމާއި، ކަރަންޓްގެ މައްސަލައާއި، ފެނާއި، ނަރުދަމާގެ ނިޒާމާއި، ގެދޮރު އެޅުމާއި، ހިޔާވަހިކަމާއި، އަދި ރަށުގެ ތަރައްޤީއަށް ކުރެވޭ އެހެން ކަންތައްތަކާއި، ޒުވާނުންނަށް ބޭނުންވާ އިޖްތިމާޢީ މަރްކަޒުތަކާއި، މިހެންގޮސް މި ހުރިހާ ކަމަކީ ހުރިހާ ރަށަކަށްވެސް ބޭނުންވާ ކަންތައްތައް.

އެހެންވީމާ، އެކަންތައްތައް ކޮށްދެވޭތޯ ސަރުކާރުން މަސައްކަތް އެބަ ކުރޭ. ކުރަމުން ގެންދޭ. އޭގެ ހެތްކަކީ، މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، މިބާވަތުގެ ވަރަށްގިނަ ކަންތައްތައް ވަރަށްގިނަ ރަށްރަށުގައި ކޮށްދެވިފައިވާކަން. އެކަންތައްތައް ނިމިފައިވާކަން. އެހެންނަމަވެސް، ހަނދުމަފުޅު ބަހައްޓަވަންވާނެ، އަޅުގަނޑުމެންނަކީ ވަރަށް ކުޑަކުޑަ ޤައުމެއްކަން. ވަރަށް ވަސީލަތްތައް މަދު ޤައުމެއްކަން. މުއްސަނދިކަންވެސް ކުޑަ ޤައުމެއްކަން. އަޅުގަނޑުމެންގެ ބަޖެޓުވެސް އޮންނަނީ ވަކި ޙުދޫދެއްގެ ތެރޭގައި ހިފަހައްޓަން ޖެހިފައި.

މިކަންތައްތައް މިހެން ހުރުމާ އެކީގައި، އަޅުގަނޑުމެން ބޭނުންވާހާ އަވަހަކަށް ހުރިހާ ކަމެއް ނުކުރެވޭނެ. ކުރަން ބޭނުންވިޔަސް، ނުކުރެވޭނެ. އެއީ، މި ފައިސާވެސް ނުހުންނާތީއާއި، އަދި އެކަން ކުރުމުގެ ވަސީލަތްތައްވެސް ހުންނަލެއް މަދުކަމުން. އެހެންވީމާ، އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ، އިރާދަކުރެއްވިއްޔާ މިރަށުގެ ރައްޔިތުންވެސް ބޭނުންފުޅުވާ ކަންތައްތައް ސަރުކާރުގެ ވިސްނުމުގައި ބަހައްޓާނެއޭ. އަދި އަޅުގަނޑު މާލެގޮސް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގައި، އެކަންތައްތައް ދަންނަވާނަމޭ. ދެން އެފަރާތްތަކުންވެސް ހަމަޖައްސަވާފައިވާ އުޞޫލެއްގެ މަތިން، އެކަންތައްތައް ހުރިހާ ރަށަކަށްވެސް ކޮށްދެއްވަމުން ގެންދަވާނެއޭ. އެހެން ގެންދަވާ ގެންދެވުމުގައި، އެ ހަމަޖެހިފައިވާ އުޞޫލެއްގެ ދަށުން ދިގުރަށަށްވެސް ބޭނުންވާ ކަންތައްތައް ކުރެވޭނެއޭ.

އެހެންނަމަވެސް، އެއީކީ ވަކި މި އަހަރު ކަމަކަށް ދަންނަވާކަށް އަޅުގަނޑު ނެތިން. އެއީ އެހެން ނުވެސް ދެންނެވޭނެ. އެހެން މިދެންނެވީ، މި އަހަރަށް އޮތީ ބަޖެޓް ހަމަޖެހިފައި. ބަޖެޓްގައި ވަކިކަހަލަ މަޝްރޫޢުތަކެއް މިއޮތީ ހިމެނިފައި. ބަޖެޓަށް ފައިސާ އިތުރުކުރެވޭނެ އިތުރު ގޮތެއް ނެތިއްޔާ، އިތުރު މަސައްކަތްތަކެއް ނުއެއް ކުރެވޭނެ. އަޅުގަނޑު ހިތުން އަޅުގަނޑުމެންނަކީ ތަޞައްރުފު ފުދިފައިވާ ރައްޔިތަކަށްވާތީ، މިކަންތައް ހިނގާނީ މިހެންކަން ހުރިހާ ބޭފުޅުންނަށްވެސް ގަބޫލުކުރެއްވޭނެ. އެއީ ރާއްޖޭގައި އެކަނި މިކަން ހިނގާ ގޮތެއްނޫން. ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް މިކަން ހިނގާނީ މިދެންނެވި ގޮތަށް. އެއީ ކޮންމެ ޤައުމެއްގައިވެސް، އެ ޤައުމުގެ ސަރުކާރުގެ ބަޖެޓް ތަންދޭ މިންވަރަކުން އެޤައުމުގައި އެކިއެކި ތަރައްޤީގެ މަޝްރޫޢުތައް ހިންގޭނީ. އޭގެއިތުރަކަށް އެއްވެސް ސަރުކާރަކަށް ކަމެއް ނުކުރެވޭނެ.

އާދެ! މި އަތޮޅަކީ ފަތުރުވެރިކަމުގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ހިނގަމުންދާ އަތޮޅެއް. މި އަތޮޅުގައި މިހާރުވެސް ފަތުރުވެރިކަމުގެ 16 ރިޒޯޓް ހިނގަމުން އެބަދޭ. އަދި އޭގެ ސަބަބުން މިރަށުގެ ރައްޔިތުންނަށާއި، މިއަތޮޅުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އެބަދޭ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިރަށުގެ ވަރަށްގިނަ ބަޔަކީ، ފަތުރުވެރިކަމުގެ މަސައްކަތުގައި އުޅޭ މީހުން. އޭގެ އެކިކަހަލަ މަސައްކަތްތަކުގައި. ރިޒޯޓްތަކުގައި މަސައްކަތްކުރާ މީހުންނާއި، އަދި ފަތުރުވެރިކަމާ ގުޅިފައިވާ އެހެން ޞިނާޢަތްތަކުގައި އުޅޭ މީހުން. އެހެންވީމާ، މިއީ އަޅުގަނޑު ހިތުން އަތޮޅަށް ލިބޭ ވަރަށްބޮޑު ކުރިއެރުމެއް. މި އަތޮޅުގައި މިހާ ގިނަ އަދަދަކަށް ރިޒޯޓް ހުރިކަން އެއީ ރައްޔިތުންގެ ޖީބު ތަނަވަސްވުމަށް މަގުފަހިވެގެންދާ ކަމެއް.

މި މަސައްކަތް ކުރާއިރުވެސް، ދެންމެ ކަތީބުވެސް އެ ވިދާޅުވި ފަދައިން، އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރަން. އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީތީ އަދި އެއް ޤައުމެއްގެ، އެއް ބަހަކުން ވާހަކަ ދައްކާ ރައްޔިތުންނަށްވީތީ، އަޅުގަނޑުމެންގެ މެދުގައި އުޚުއްވަތްތެރިކަމުގެ ވަރަށް ވަރުގަދަ ގުޅުމެއް އޮންނަން އެބަޖެހޭ. މި ގުޅުން މިރަށުގައި ވަރަށް ރަނގަޅު ފެންވަރަކަށް އޮތްކަން އަޅުގަނޑަށް އެނގޭ. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ވާހަކަ ދަންނަވާލުމަށް، މި ފުރްޞަތުގެ ބޭނުންކުރަން.

ހަމައެޔާއެކީގައި، މި ރަށަކީ މަސްތުވާތަކެތީގެ މައްސަލަ ނެތް ރަށެއް ކަމަށް އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވޭ. އެއީ ޙަޤީޤަތެއް ކަމަށްވަންޏާ، އެކަމަކީ އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ކަމެއް ކަމުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. ޙަޤީޤަތުގައިވެސް މަސްތުވާތަކެތީގެ ނުރައްކަލަކީ، ރާއްޖެއަށް މިވަގުތު ދިމާވެފައިވާ އެންމެބޮޑު އެއް ނުރައްކާ. އެ ނުރައްކަލުން އަޅުގަނޑުމެން ދިވެހި ޤައުމު ސަލާމަތް ކުރަން އެބަޖެހޭ. އަޅުގަނޑުމެންގެ ޅަކުދިންނާއި، ޒުވާނުންނާއި، ހަރުމީހުންނާ އެންމެން މި ވަބާގައި ޖެހުނަނުދީ، އެ އެންމެން ރައްކާތެރިކުރަން އެބަޖެހޭ. އަދި އޭގެތެރެއިން މި ވަބާގައި ޖެހުނު ކުއްޖަކު ނުވަތަ ޒުވާނަކު ނުވަތަ މީހަކުވިޔަސް، އެކަމުން ސަލާމަތްކޮށްދެވޭތޯވެސް އަޅުގަނޑުމެން މަސައްކަތް ކުރަން އެބަޖެހޭ. ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުން ވަރަށް އެކަށީގެންވާ ގޮތެއްގައި މި މަސައްކަތް ކުރައްވަމުން އެބަގެންދަވާ. އަދި ރައްޔިތުންނާއި އެކިއެކި ޖަމާޢަތްތަކާއި، ވަރަށްގިނަ ފަރާތްތަކުން އެމަސައްކަތުގައި ބައިވެރިވޭ. އެހެންނަމަވެސް، އަޅުގަނޑުމެން އެދޭ ފެންވަރާ ހަމައަށް އޭގެ ނަތީޖާ އަދި ޙާޞިލު ކުރެވިފައެއް ނެތް. އެކަމަށްޓަކައި އަޅުގަނޑުމެން ހިތާމަކުރަން އެބަޖެހޭ. އަދި އިތުރު މަސައްކަތްތަކެއް ކޮށްގެން ނަމަވެސް، ރާއްޖެއިން މަސްތުވާތަކެތީގެ ނުރައްކާ މުޅިން ފިލުވައިލުމަކީ، އަޅުގަނޑުމެން މިވަގުތު ކުރަން ޖެހިފައިވާ ކަމެއް.

ހަމައެޔާއެކީގައި ދަންނަވާލަން ޖެހެނީ، ވައްކަންކުރުންފަދަ މައްސަލަތައްވެސް މިރަށުގައި ނެތް ކަމަށް އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވެއޭ. އެއީވެސް އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ކަމެއް. ޙަޤީޤަތުގައި ވައްކަން ކުރުމާއި، މާރާމާރީ ހިންގުމާއި، ގަވާއިދާ ޚިލާފު ޢަމަލުތަކާ، އަދި އެނޫންވެސް މީހުންގެ ޙައްޤުތަކަށް އަރައިގަތުމަށް ކުރެވޭ ކަންތައްތަކާއި، މިކަންތައްތަކަކީ މުޖްތަމަޢުގައި ބައިބައިވުން އުފައްދާނެ ކަންތައްތައް. މުޖްތަމަޢުގައި ފިތުނަ ފަސާދަ އުފައްދާނެ ކަންތައްތައް. އެއްބަޔަކު އަނެއްބަޔަކުދެކެ ރުޅިއައިސް، ވަރަށްގިނަ ނޭދެވޭ ކަންތައްތަކަށް މަގުފަހިކޮށްދޭނެ ކަންތައްތަކެއް. މިކަންތައްތައް އެއީ އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ އިސްލާމީ މުޖްތަމަޢެއްގައި އޮވެގެންވާނެ ކަންތައްތަކެއް ނޫން. އެހެންވީމާ، މިރަށު ރައްޔިތުންވެސް މިކަމަށް ވަރަށް ބޮޑަށް ސަމާލުވެވަޑައިގެން، މިބާވަތުގެ ކަންތައްތައް މިރަށުގައި ހިނގަމުންނުދާކަން، ވަރަށް އުފަލާއެކު އަޅުގަނޑު ހަނދާންކޮށް، މި ރަށުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! މިރަށުގެ ރައްޔިތުން ކުރައްވާ މަސައްކަތްތަކުގައި، މާތްﷲ ބަރަކާތް ލައްވައި، އެމަސައްކަތްތަކަކީ ކާމިޔާބު މަސައްކަތްތަކެއް ކަމުގައިވެފައި މިއޮތީ، ޝައްކެއްނެތްގޮތުގައި، މިރަށުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން ބަދަހިކަމުން. އެގުޅުން އަބަދުވެސް ދަމަހައްޓަވަންޖެހޭނެ. އެއީ އަޅުގަނޑުމެން ހުރިހާ ކަމެއްގައިވެސް ބަލަންޖެހޭނެ ކަމެއް. ކުރިއަށް ދިޔުމުގެ އެންމެބޮޑު އަސާސަކީ ހަމަޖެހުން. ޞުލްޙަމަސަލަސްކަން. އަމަންއަމާންކަން.

އަޅުގަނޑުމެންގެ ރާއްޖެ މިހާރު ތަރައްޤީގެ މަގުގައި ވަރަށް ބާރަށް ކުރިއަށް އެބަދޭ. ހަމައެޔާއެކީގައި، އަޅުގަނޑުމެންގެ ރާއްޖޭގައި ސިޔާސީ އިޞްލާޙުގެ ޕްރޮގްރާމެއްވެސް ވަރަށް ހަލުވިކޮށް ހިންގަމުން އެބަގެންދަން. މިކަންތައްތައް ކާމިޔާބު ކުރެވޭނީވެސް ރައްޔިތުންގެ މެދުގައި އުޚުއްވަތްތެރިކަމުގެ ރޫޙު، އެއްބަނޑުއެއްބަފާކަމުގެ ގުޅުން އޮވެގެން. އަޅުގަނޑުމެންގެ ރާއްޖެއަކީ، އަމަންއަމާންކަން ލިބިފައިވާ، ޞުލްޙަމަސަލަސްކަން ޤާއިމުވެފައިވާ ތަނަކަށްވެގެން. އެއްވެސް ސަބަބަކާހުރެ އަޅުގަނޑުމެންގެ ތެރޭގައި ބައިބައިވުން އުފެދޭގޮތް ވެއްޖެނަމަ، އެއީ މި ދެންނެވި ކަންތައްތައް ކާމިޔާބު ނުވުމަށް އެޅޭނެ ވަރަށްބޮޑު ބާރެއް. އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ބޭނުމެއްނުވާނެ، ރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށްދާ ދިޔުން ހުއްޓުވާލާކަށެއް. އަޅުގަނޑުމެން ސިޔާސީ ގޮތުން މި ގެންނަން ބޭނުންވާ އިޞްލާޙުތައް ގެނައުމަށް ހުރަސްއަޅާކަށެއް. އެހެންކަމަށްވަންޏާ، އަޅުގަނޑުމެން އެބަޖެހޭ، އެ ޙަޤީޤަތް ގަބޫލުކޮށްގެން، ހުރިހާ ކަމެއްވެސް ކުރަންވާނީ ހަމަޖެހިގެން ކަމަށް ވިސްނަން. ހަމަޖެހުމާއެކީގައި، ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، އޮމާންކަމާއެކީގައި ބަދަލުތައް ގެނައުމަކީ، އޭގެ އެންމެ ފުރިހަމަ ފައިދާ ރައްޔިތުންނަށް ލިބޭނެގޮތް. މުޅި ޤައުމަށްވެސް ލިބޭނެގޮތް. އެކަން އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަން އެބަޖެހޭ.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، މާތްﷲ އަޅުގަނޑުމެން އެންމެންނަށް ހެޔޮވިސްނުން ދެއްވުން އެދި ދުޢާކުރަމުން. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭ ބަޔަކު ކަމުގައި ލެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި އިބްތިހާލުވަމުން. އަދި އަޅުގަނޑުމެންގެ ރާއްޖެއަށް އިތުރު ކުރިއެރުމާއި ތަރައްޤީ، އިތުރު އަމަންއަމާންކަމާއި، ޞުލްޙަމަސަލަސްކަމާއި ހަމަޖެހުން މިންވަރުކޮށްދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.