بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ، وَعلـى آلـه وأصـحَابِه أجمـعـين.

އާދެ! އަޅުގަނޑު އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިކުރާ ދަތުރުގައި މިހާރު އައިސް މިހިރީ ތިޔަބޭފުޅުންގެ ރަށުގައި. އާދެ! އޮމަދޫގައި. އޮމަދުއަށް އައުމާ އެކީގައި، އޮމަދޫގެ ވެރިންނާއި ކޮމިޓީތަކުގެ މެންބަރުންނާއި، ކިޔަވާ ކުދިންނާއި އަދި ޢާންމު ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ފެނިގެންދިޔަ މަރްޙަބާގެ މަންޒަރުތަކަށް، އަދި އިވިގެންދިޔަ މަރްޙަބާގެ ޢިބާރާތްތަކަށް، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އޮމަދުއަށް އައުމަކީ އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. އާދެ! މީގެކުރިން އަޅުގަނޑަށް އޮމަދުއަށް އާދެވިފައި އޮތީ ދެފަހަރު. އެއްފަހަރަކީ މި މަގާމުގައި، އާދެ! ރައީސް ކަމުގެ މަގާމުގައި ހުރެގެން، 1982 ވަނަ އަހަރު. އޭގެކުރިން އަޅުގަނޑު އައިން، އޭރުގެ ސަރުކާރުގެ ވަޒީރުލްއަޢުޡަމްގެ ޚާއްޞަ ވަކީލު ކަމުގެ މަގާމުގައި ހުރެގެން. މާކުރިން. 1974 ވަނަ އަހަރު. އެހެންވީމާ، އޮމަދުއަކީ އަޅުގަނޑަށް ނޭނގޭ ބީރައްޓެހި ރަށެއް ނޫން. އަޅުގަނޑު އަންނަން ބޭނުންވާހާ ގިނައެއްކޮށް ނާދެވޭކަން އަޅުގަނޑުވެސް ގަބޫލުކުރަން. އެހެން ނަމަވެސް، މީގެކުރިން ދެފަހަރު ޒިޔާރަތް ކުރެވިފައި އޮތުމާއި، އަދި އޮމަދޫ ރައްޔިތުން ކުރައްވާ މަސައްކަތްތައް ވަރަށްގާތުން ބަލައިލުމުގެ ހިތްހަމަޖެހުން އަޅުގަނޑަށް ލިބުމާ އެކީގައި، އޮމަދުއަކީވެސް އަޅުގަނޑު ވަރަށް ޚާއްޞަ ގޮތެއްގައި ބަލަމުންދާ އަދި ވަރަށް ރަޙްމަތްތެރި ރަށެއް ކަމުގައި ދެކެން.

އާދެ! އަޅުގަނޑަށް ސީދާ އޮމަދުއަށް މާގިނަގިނައިން ޒިޔާރަތް ނުކުރެވުނު ނަމަވެސް، ސަރުކާރުގެ އެކި ދާއިރާތަކުގެ އިސްބޭފުޅުން، ވަޒީރުން، އަދި ޚާއްޞަކޮށް، މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓްގެ މަގާމުގައި ހުންނަވާ ބޭފުޅަކު މި ރަށަށްވަނީ ވަޑައިގެންފައި. އަދި އެހެން މިނިސްޓަރުންވެސް ވަޑައިގެންފައި. އަދި މި ރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތައްވެސް ވަނީ ބައްލަވާފައި. އަދި އެބޭފުޅުންނަށް ވެދެއްވެން އޮތް އެހީތެރިކަމެއްވަނީ ވެދެއްވާފައި.

މިގޮތުން އޮމަދޫގައިވެސް ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ ތަފާތު މަޝްރޫޢުތަކެއް އެބަހުރި. އޭގެތެރޭގައި ހިމެނޭ އެއްކަމަކީ، ރަށު މަދަރުސާ އިމާރާތް ކޮށްދިނުން. އަނެއްކަމަކީ، ޞިއްޙީ މަރްކަޒު އިމާރާތްކޮށްދިނުން. ރަށުއޮފީސް، ހުކުރު މިސްކިތް، މިތަންތަންވަނީ ސަރުކާރުން މިރަށުގައި އިމާރާތްކޮށްދީފައި. އަދި އެއަށްފަހުގައި މި ރަށުގެ ބަނދަރުވެސްވަނީ ރަނގަޅު ފެންވަރަކަށް ސަރުކާރުން ހަދައިދީފައި.

އާދެ! ބަނދަރުގެ ވާހަކަ، ދެންމެ ކުޑަކަތީބު ވިދާޅުވެއްޖެ. އޭނާ އެ ވިދާޅުވީ މިހާރުގެ ޙާލަތު އޮތްގޮތް. އެހެންނަމަވެސް، މި ބަނދަރު ހެދިއިރު، އޭރު ހަދާ އެންމެ ރަނގަޅު ފެންވަރަށް މިއޮތީ ހަދާފައި. ސުނާމީ ކާރިސާގެ ފަހުން ލިބުނު ގެއްލުމާއި، އަދި އެނޫން ކަންތައްތަކާހުރެ، އެ ވިދާޅުވި ފަދައިން، ތޮށިގަނޑު ވެއްޓެމުންދާ ކަމާއި، ލިބޭ ގެއްލުންތައް އެއީ އަޅުގަނޑުމެން މިހާރު އެކަމާ ދޭތެރޭގައި ޙައްލު ހޯދަން ޖެހިފައިވާ ކަމެއް. އެކަމަށް ސަރުކާރުން ވިސްނުން ބަހައްޓާނެ.

އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގެ ބަނދަރުވަނީ ހަލާކުވެފައި. ނުވަތަ އިތުރަށް ފުންކުރަން ނުވަތަ ރަނގަޅު ކުރަން ބޭނުންވެފައި. ވަރަށްގިނަ ރަށްރަށަކީ ލަފާފުރުން ދަތި ރަށްރަށް. އެހެންވީމާ، މިކަމަކީ ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ކޮށްދޭން ބޭނުންވެގެން އުޅޭ ކަމެއް. އަދި ކޮށްދެމުންގެންދާ ކަމެއްވެސްމެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ގިނަކަމާއި، އަދި ސަރުކާރުގެ ވަސީލަތްތައް މަދުކަމާއި، ބަޖެޓުން ލިބޭ ފައިސާގެ ޢަދަދު ހުންނަގޮތުން، މިކަން ރައްޔިތުން އެދޭހާ ހަލުވިމިނަކަށް މި އޮންނަނީ ގެންދިޔުން ދަތިވެފައި. އެކަން ތިޔަބޭފުޅުންވެސް ގަބޫލުފުޅު ކުރައްވާނެ ކަމަށް ހީކުރަން. އެހެންނަމަވެސް، ކަމަކީ ސަރުކާރުގެ ވިސްނުމުގައި އޮތް ކަމެއް. ހަމައެކަނި އޮމަދުއެއް ނޫން. ހުރިހާ ރަށެއްވެސް. ހުރިހާ ރަށަކަށްވެސް ބޭނުންވާ ޚިދްމަތްތައް ހަމަޖައްސައިދިނުމަކީ، ސަރުކާރުން ބޭނުންވާ ކަމެއް. އެކަން ކުރެވޭތޯ މަސައްކަތްވެސް ކުރާ ކަމެއް. އެހެންނަމަވެސް، އެކަމަށްވެސް ވަގުތު ބޭނުންވާނެ. މުއްދަތު ބޭނުންވާނެ. އެއީ ކުރިންވެސް މިދެންނެވިހެން، އަޅުގަނޑުމެންގެ ވަސީލަތްތައް މަދުކަމުން. އަޅުގަނޑުމެންގެ މުއްސަނދިކަން ކުޑަކަމުން. ދިވެހިރާއްޖެއަކީ ވަރަށް ކުޑަކުޑަ ޤައުމެއް. އަޅުގަނޑުމެން ބޭނުންވާހާ ހަލުވިކޮށް ކަންތައް ކުރެވޭވަރުގެ ވަސީލަތްތައް ހުރި ޤައުމެއް ނޫން. އެހެންވީމާ، މިކަން އަޅުގަނޑު ހިތުން އޮމަދޫ ރައްޔިތުންވެސް ދެނެވަޑައިގަންނަވާނެ.

އާދެ! ތަރައްޤީއަށްޓަކައި ސަރުކާރުން ހިންގާ މަޝްރޫޢުތައް ކާމިޔާބުވާނީ އަދި ސަރުކާރު ނޫން ފަރާތްތަކުން ހިންގާ މަޝްރޫޢުތައްވެސް ކާމިޔާބުވާނީ، ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އޮވެގެން. އެއީ ވަރަށް މުހިންމު ކަމެއް. ކިތަންމެ ސަބަބަކާހުރެ.

އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން. މުސްލިމުން. ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމެއް. އެހެންވީމާ، އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އުޚުއްވަތްތެރިކަމުގެ ރޫޙު، އަޅުގަނޑުމެންގެ ތެރޭގައި އޮންނަންޖެހޭނީ ވަރަށް ބޮޑަށް އަށަގެންފައި. އަޅުގަނޑުމެން ވާންޖެހޭނީ އެކުވެރިވެ އެކަތިގަނޑަކަށްވެގެން އުޅޭ ބަޔަކަށް. އެއްބަނޑުއެއްބަފާ ބަޔަކަށް.

ދެންމެ މިތާނގައި އިވިގެންދިޔަ ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ތެރޭގައިވެސް މާތްﷲ އެކަން އެބައޮތް އަޅުގަނޑުމެންނަށް އަންގަވާފައި. "وَاعْتَصِمُواْ بِحَبْلِ اللّهِ جَمِيعاً وَلاَ تَفَرَّقُواْ" މާތްﷲ އަންގަވަނީ، "ތިޔަބައިމީހުން މާތްﷲގެ ދީނުގައި އެކަތިގަނޑަކަށްވެގެން ތިބެގެން ހިފަހައްޓާށޭ. އަދި ތިޔަބައިމީހުން ބައިބައިނުވާށޭ."

އެ އާޔަތުގައި އެބަ އަންގަވާ، އޭގެކުރިން މުސްލިމުން ތިބިގޮތް. އިސްލާމްދީން އައުމުގެ ކުރިން ތިބީ، މުސްލިމުންނެއް ނޫން މި ދެންނެވީ. އިސްލާމްދީން އައުމުގެ ކުރިން އެޒަމާނުގެ މީހުން ތިބީ ވަރަށް ބޮޑަށް ބައިބައިވެފައި. އެމީހުންގެ މެދުގައި އޮތީ ފިތުނަތައް އުފެދިފައި. އެކިއެކި ހަނގުރާމަތައް ހިނގަމުންދޭ. އެހެން ތިއްބާ، މާތްﷲ އިސްލާމްދީން ފޮނުއްވި. އިސްލާމްދީން ފޮނުއްވައިގެން، މުސްލިމްވީ ބަޔެއްގެ ހިތްތައް އެކުވެރި ކުރެއްވި. އަދި އެ ހިތްތައް އެކުވެރި ކުރެއްވުމުގެ ސަބަބުން، ހުރިހާ އެންމެންނަކީ އެއްބަނޑުއެއްބަފާ އަޚުންތަކެއް ކަމުގައި މިއޮތީ ވެފައި. އެހެން ނޫންނަމަ، އިންސާނުންނަށް ދިމާވާނެ ހިތި ތަޖުރިބާގެ ވާހަކަވެސް، ކީރިތި ޤުރްއާނުގައި އަންގަވާފައިވޭ. އެހެންވީމާ، މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެއް. އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭނީ އެކުވެރިކަމާއި އެއްބާރުލުން. އަދި އެކި ކަންކަމުގައި ޚިޔާލު ތަފާތުވިޔަސް، އެއީކީ ބައިބައިވުމަށް އޮތް ސަބަބެއް ކަމަށް އަޅުގަނޑުމެން ހަދައިގެން ނުވާނެ.

އާދެ! ދެންމެ ކުޑަކަތީބުގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ، އިސްލާޙީ ޕްރޮގްރާމްގެ ވާހަކަ. އެނގިވަޑައިގަންނަވާނެ، ރާއްޖެއަށް އިޞްލާޙީ ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އެބަގެންދޭ. އޭނާ އެ އިޝާރާތް ކުރެއްވި އިޞްލާޙީ އެޖެންޑާ، އަޅުގަނޑު ފުރަތަމަ ހުށަހެޅީ، މީގެ 4 އަހަރު ކުރިން. 2004 ވަނަ އަހަރު. އެ އިޞްލާޙީ އެޖެންޑާގެ ވަރަށްގިނަ ކަންތައްތައް މިހާރުވަނީ މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން ކާމިޔާބު ކުރެވިފައި. އަނެއްބައި ކަންތައްތައް މިދަނީ ކާމިޔާބު ކުރެވެމުން. ކާމިޔާބުވި ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގައި އިންސާނީ ޙައްޤުތަކާބެހޭ މުސްތަޤިއްލު ކޮމިޝަނެއް އުފެދުން ހިމެނޭ. ހަމައެހެންމެ، ރާއްޖޭގައި ސިޔާސީ ޕާޓީތައް ގަވާއިދުން ރަޖިސްޓްރީވެގެން ހިނގުން ހިމެނޭ. ރާއްޖޭގައި މިހާރު އެބައޮތް ސިޔާސީ 7 ޕާޓީ. އެއީވެސް އައި ވަރަށްބޮޑު އިޞްލާޙެއް. ހަމައެއާއެކީގައި، ޚަބަރުފަތުރާ ވަސީލަތްތަކުގެ މިނިވަންކަން. ނޫސްތަކާ، ޓެލެވިޜަން، ރޭޑިޔޯ ހިމެނޭ، މިހާރު ރާއްޖޭގައި އަމިއްލަ ރޭޑިޔޯ ސްޓޭޝަންވެސް އެބަހުރި. މި ހުރިހާ ތަނަކަށް މިވަނީ ފުރިހަމަ މިނިވަންކަން ލިބިފައި. މީޑިއާގެ މިނިވަންކަން. ޚަބަރުފަތުރާ ނުވަތަ ޚަބަރު އަންގައިދޭ، މަޢްލޫމާތު ފަތުރާ ވަސީލަތްތަކުގެ މިނިވަންކަން. މިވެސް ރާއްޖޭގައި މިއޮތީ ވަރަށް ބޮޑަށް ހުޅުވާލެވިފައި. ދުނިޔޭގެ އެހެން އެއްވެސް ތަނެއްގައި ނެތް ފެންވަރަކަށޭވެސް ދެންނެވިދާނެ.

ހަމައެއާއެކީގައި، އަޅުގަނޑުމެންގެ ޖިނާއީ ޢަދުލުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނަމުން އެބަދޭ. އެކަމާ ބެހޭގޮތުން ވަރަށްގިނަ މަސައްކަތްތައް މިހާރުވަނީ ކުރެވިފައި. އަދި ކުރިއަށްވެސް އެބައޮތް. އިތުރު މަސައްކަތްތައްވެސް ކުރިއަށް އެބަގެންދެވޭ. މި ހުރިހާ ކަމެއް މި ހިނގަނީ، އަޅުގަނޑު މިދެންނެވި އިޞްލާޙީ އެޖެންޑާގެ ދަށުން.

އިޞްލާޙީ އެޖެންޑާގެ ދަށުން މިހާރު ނިމެން ކައިރިވެފައިވާ އެންމެ މުހިންމު މަސައްކަތަކީ، ޤާނޫނުއަސާސީ އިޞްލާޙުކޮށް ނިންމުން. މި މަސައްކަތް ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ވަރަށް ބާރަށް ކުރިއަށް އެބަގެންދަވާ. އަޅުގަނޑަށް ޔަޤީންކުރެވޭގޮތުގައި، މާލަހެއްނުވެ އެމަސައްކަތް ޚާއްޞަ މަޖިލީހުން ނިންމަވައިދެއްވާނެ. އެއަށްފަހުގައި އޮންނާނީ، ޤާނޫނުއަސާސީ ތަޞްދީޤު ކުރުން. ތަޞްދީޤު ކުރުމަށްފަހުގައި، ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި ހަމަތަކުގެ މަތިން އުފައްދަންޖެހޭ މިނިވަން މުސްތަޤިއްލު މުއައްސަސާތައް އުފެއްދުމާއި، ޤާއިމުކުރަންޖެހޭ ވަސީލަތްތައް ޤާއިމުކުރުން. މިކަންކަން ކުރުމަށްފަހުގައި، ރާއްޖޭގައި ފުރަތަމަފަހަރަށް ބޭއްވޭ ހުރިހާ ސިޔާސީ ޕާޓީތަކުން ވާދަކުރާ ރިޔާސީ އިންތިޚާބެއް، އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި ބޭއްވޭނެ. މިއީ ރާއްޖެއަށް ލިބޭ ވަރަށްބޮޑު ކުރިއެރުމެއް.

މިކަންކަން މިހެން ވަމުންދާއިރުވެސް، އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީ ހަމަޖެހުން. އަޅުގަނޑުމެން ވާންޖެހޭނީ އެއްބަނޑުއެއްބަފާ ބަޔަކަށް. އަޅުގަނޑުމެންގެ މެދުގައި ޚިޔާލު ތަފާތުވިޔަސް އަދި ތަފާތު ސިޔާސީ ޕާޓީތަކެއް ޙަރަކާތްތެރިވަމުންދިޔަ ކަމުގައިވިޔަސް، އޭގެ ސަބަބުން ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފެދިގެނެއް ނުވާނެ. ބައިބައިވުން އުފެދިގެނެއް ނުވާނެ. އެއްބަޔަކު އަނެއްބަޔަކާ ދިމާކޮށް، އެކިކަހަލަ އުނދަގޫތައްކޮށް، މީހުންނަށް ދަތިވާގޮތަށް ކަންތައްތައްކޮށް ހަދައިގެން ނުވާނެ. އެކަންކުރާ ބަޔަކު އެ ކުރަނީ އެހެން މަޤްޞަދެއްގައި. އެއީކީ ޤައުމުގެ މަޞްލަޙަތު ތަންދޭ ކަމެއް ނޫން.

އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އޮމަދޫ ރައްޔިތުންވެސް ތިއްބަވަންޖެހޭނީ ވަރަށް އެކުވެރި ބަޔެއްގެ ގޮތުގައޭ. ރައްޔިތުން ބޭނުންވާ ކަންތައްތައް، ސަރުކާރުން ކޮށްދެވޭތޯ މަސައްކަތް ކުރާނެއޭ. ކުރަމުންނޭ ގެންދަނީ. އެހެންނަމަވެސް، ކުރިންވެސް ދެންނެވި ސަބަބާހުރެ، ރައްޔިތުން އެދޭހާ އަވަހަށް ހަލުވިކޮށް އެކަން ނުވެދާނެތީ، ސަބަބުތަކެއް ހުރުމާއެކީގައި، އެކަންވެސް ޖެހޭނީ ރައްޔިތުން ގަބޫލުކުރައްވާށޭ.

އާދެ! އެ ވިދާޅުވި ނަރުދަމާ ނިޒާމުގެ ވާހަކަ. ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ބޭނުންވާ ނިޒާމެއް އެއީ. އެކަންތައް ސަރުކާރުން ކުރަމުން އެބަގެންދޭ. ބައެއް ރަށްރަށުގައި މިހާރުވެސް ހަދައިދީފި. އަނެއްބައި ތަންތަނުގައި ހަދަމުން އެ ގެންދަނީ. އަޅުގަނޑުގެ ރިޔާސީ ބަޔާން އައްސަވާފައިވާ ކަމުގައިވަނީނަމަ، ތިޔަބޭފުޅުންނަށް އެކަންވެސް އެނގިވަޑައިގަންނަވާނެ.

ދެން އެ ވިދާޅުވީ ރަށް ގިރުމުގެ މައްސަލަ. މިއީވެސް ރާއްޖޭގެ ވަރަށްގިނަ ރަށްތަކަށް ކުރިމަތިވެފައި އޮތް މައްސަލައެއް. ފަހަކަށްއައިސް ވަރަށްގިނަ ރަށްރަށުން ބޮޑެތި ތަންތަން ގިރަގިރައިގެން އެބަދޭ. އެއީ ފަހަރެއްގައި ވެދާނެ، ތިމާވެށްޓަށް މި އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ވާގޮތެއް ކަމަށްވެސް. މޫސުމަށް މި އަންނަ ބަދަލުގެ ވާހަކަ، ތިޔަބޭފުޅުން އައްސަވާނެ. މޫސުމަށް އަންނަ ބަދަލާއި، ޖައްވު ހޫނުވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާ، މިހިރަ މިހިރަ ކަންތައްތަކަކީ އަޅުގަނޑުމެންނަށް ކުރިމަތިވެގެން އަންނަ ވަރަށް ބޮޑެތި ނުރައްކާތަކެއް. އެކަންކަމަށް އަޅުގަނޑުމެން އެބަޖެހޭ ހޭލުންތެރިވާން. އަޅުގަނޑުމެންގެ ފެންވަރުގައި، އެކަންކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަން އެބަޖެހޭ.

މިހެން ދަންނަވާއިރު، އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެންނަކީ ކުޑަކުޑަ ޤައުމަކަށްވާތީ، އަޅުގަނޑުމެންނަށް އެޅޭނެ މާގިނަ ފިޔަވަޅުތަކެއް ނުހުންނާނެކަން. އެހެންނަމަވެސް، އެޅޭނެ ފިޔަވަޅުތަކެއް އެބަހުރި. އެއީ މިސާލަކަށް، އަޅުގަނޑުމެންގެ ފަރުފަރާއި މޫދާ ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުން. އެއަށް ކުނި އުކާނުލުން. ގޮނޑުދޮށްތައްވެސް ސާފުތާހިރުކޮށް ބެހެއްޓުން. ވެލި ނުނެގުން. ގިނައިން ގަސް އިންދުން. ގިނައަދަދަކަށް ކޮންމެ ރަށެއްގައިވެސް ގަސް އިންދާ ކަމަށްވަންޏާ، އޭގެ ސަބަބުންވެސް ތިމާވެށްޓަށް ވަރަށްބޮޑު ރައްކާތެރިކަމެއް ލިބޭނެ. އަދި އަޅުގަނޑުމެން ބޭނުންކުރާ އެކިއެކި އެއްޗެތިން މި ބޭރުވާ ގޭސް ބޭރުވުން މަދުކުރުން. އެއީ އެއަރ ކޮންޑިޝަންތަކާއި، ރެފްރިޖަރޭޓަރ، އައިސް އަލަމާރިތަކާ، މިހެންގޮސް މި ހުންނަ އެއްޗެތިން އެބަ ބޭރުކުރޭ ސީ.އެފް.ސީ ކިޔާ ވައްތަރެއްގެ ގޭހެއް. އެވެސް އަޅުގަނޑުމެންނަށް ވީވަރަކުން މަދުކުރެވިދާނެ. މިކަހަލަ ކަންތައް ކުރީމާ، އަޅުގަނޑުމެންގެ ރާއްޖޭގައި އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅުތައް އޮންނާނީ އެޅިފައި. އަދި ރައްކާތެރި ސަރަޙައްދުތަކުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ ތަންތަން، އެގޮތުގައި ދެމެހެއްޓުމާއި، ހަމައެހެންމެ، ރައްކާތެރި ކުރެވިފައިވާ ދޫނިސޫފާސޫތްޕާއި އަދި މަސްމަހާމެހި، މި އެއްޗެތިވެސް އެގޮތުގައި ރައްކާތެރިކުރުން އެއީވެސް، ތިމާވެށި ރައްކާތެރި ކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް. މިކަންކަން އަޅުގަނޑުމެންގެ ފެންވަރުގައި ކުރާނަމަ، ރާއްޖެއިން އަޅުގަނޑުމެންނަށް މި ދިމާވާ މައްސަލަތައް، އެތައް ތަނެއް ޙައްލުވެގެންދާނެ.

އެހެންނަމަވެސް، މުޅި މައްސަލައަށް ޙައްލެއް އަންނާނީ، ބައިނަލްއަޤްވާމީ ދުނިޔެއިން، މުޅި ދުނިޔޭގެ އެންމެން އެކުވެރިވެގެން މަސައްކަތް ކޮށްގެން. އެގޮތުން ކޮށްފައި އޮތް މުޢާހަދާއެއްގެ ވާހަކަ ތިޔަބޭފުޅުން އައްސަވާނެ. ކިޔޯޓޯ ޕްރޮޓޮކޯލް. ކިޔޯޓޯ މުޢާހަދާ. އެ މުޢާހަދާއާ ބެހޭގޮތުން ވާހަކަ ދައްކައި، އެއްބަސްވުމަކަށް އައުމުގައި، ދިވެހިރާއްޖެއާއި އަދި ދިވެހިރާއްޖެ ކަހަލަ ކުދި ޖަޒީރާ ޤައުމުތަކުން އޮތީ ވަރަށްބޮޑު ޙިއްޞާއެއް އަދާކޮށްފައި. ވަރަށްބޮޑު ބައެއް ކުޅެފައި. ޙަޤީޤަތުގައި އަޅުގަނޑުމެން ކުދިކުދި ޤައުމުތަކުން ކުރި މަސައްކަތުންނޭ، އަޅުގަނޑަށް ދަންނަވަން ކެރެނީ، އެ މުޢާހަދާ އަޅުގަނޑުމެންނަށް ކާމިޔާބު މި ކުރެވުނީ.

ދާދިފަހުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބާލީގައި އޮތް ބައިނަލްއަޤްވާމީ ޖަލްސާއެއް. ރާއްޖޭގެ ފަރާތުން އަޅުގަނޑު އެ ޖަލްސާގައި ބައިވެރިވިން. އެއީ ތިމާވެށްޓާބެހޭ ޖަލްސާއެއް. މޫސުން ބަދަލުވުމާ ބެހޭގޮތުން. އެކަމާ ބެހޭގޮތުން ވާހަކަ ދައްކައި، ގޮތްތަކެއް ނިންމުމަށް ބޭއްވުނު ޖަލްސާއެއް. އެޖަލްސާގައިވެސް، ރާއްޖެއިން މިކަން ދެކޭގޮތް އަޅުގަނޑު ވަރަށް ރަނގަޅަށް ހާމަކޮށްދެވޭތޯ މަސައްކަތް ކުރިން.

އާދެ! ހެޔޮ ނުވަތަ ރައްކާތެރި ތިމާވެށްޓެއްގައި ދިރިއުޅުމުގެ ޙައްޤަކީ، އިންސާނީ ޙައްޤުތަކުގެ ތެރެއިންވާ ކަމެކޭ، އަޅުގަނޑުމެން އެބަ ބުނަމު. އެއީ ދިވެހިރާއްޖެއިން ބުނަމުން މިގެންދާ ވާހަކައަކީ. އަދި ރާއްޖޭގައި މިދިޔަ އަހަރު ބޭއްވުނު ކުދި ޤައުމުތަކުގެ ޖަލްސާގައިވެސް، މި ވާހަކަ ރާއްޖެއިން ހުށަހަޅައި، އެކަން އޮތީ ފާސްވެފައި. މިހާރު ބައިނަލްއަޤްވާމީ ދުނިޔެއަށް އަޅުގަނޑުމެން މިއޮތީ އެމައްސަލަ ހުށަހަޅާފައި. އިރާދަކުރެއްވިއްޔާ، ދުނިޔޭގެ އެއްބަސްވުންވެސް އެކަމަށް ލިބޭނެ. އެކަން އެހެން ދިމާވެއްޖެނަމަ، އޭގެ ސަބަބުން އަޅުގަނޑުމެންގެ ތިމާވެށި ރައްކާތެރި ކުރުމަށް ވަރަށްބޮޑު ކުރިއެރުމެއް ލިބޭނެ. އޭގެތެރޭގައި، ރަށް ގިރާ މައްސަލަވެސް އިރާދަކުރެއްވިއްޔާ ޙައްލުވެގެންދާނެ. ހަމައެކަނި އޮމަދުއެއް ނޫން. އެހެން ރަށްރަށުގެވެސް. އަދި އެކަން އެހެންވުމުގެ ކުރިންވެސް، އަޅުގަނޑުމެންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަން ޖެހޭނެ.

ސަރުކާރުން މިހާރުވެސް އެކަމާ ދޭތެރޭގައި މިގެންދަނީ ބަލަމުން. ވިސްނަމުން. އަދި ބޭރުގެ ފަރާތްތަކުގެ އެހީވެސް މިދަނީ ހޯދަމުން. އަޅުގަނޑު އެންމެފަހުން އިންޑިޔާއަށާއި ޝްރީލަންކާއަށް މިކުރި ދަތުރުގައިވެސް މި ވާހަކަ ދެއްކިން. ޚާއްޞަކޮށް، އިންޑިޔާގައި. އެއީ އިންޑިޔާއަކީ މިކަހަލަ ކަންތައްތައް ކުރުމުގައި ތަޖުރިބާހުރި މާހިރުން ތިބި ޤައުމަކަށްވާތީ. އަޅުގަނޑު އިންޑިޔާގައި ދެއްކި ވާހަކައިގައި ބުނިން. އަޅުގަނޑުމެންގެ ރާއްޖޭގެ ވަރަށްގިނަ ރަށްތައް އެބަދެޔޭ ގިރަމުން. އާދަޔާ ޚިލާފު ގޮތަކަށް، ވަރަށް ބޮޑަށް ގިރަމުން އެބަދެޔޭ. މިއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެކޭ. މިކަން ރަނގަޅު ކުރުމަށްޓަކައި، އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން އިންޑިޔާގެ ކަމާބެހޭ މާހިރުން ރާއްޖެ ވަޑައިގެން، މަޝްވަރާ ދެއްވައިފިއްޔާ، އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރުވެރިވާނަމޭ. އިންޑިޔާ ސަރުކާރުން އެކަން ގަބޫލުކުރެއްވި. އިރާދަކުރެއްވިއްޔާ، ލަހެއްނުވެ އެކަންވެސް ހިނގާނެ.

އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވީ ވާހަކައަކީ މިއީ. އިރާދަކުރެއްވިއްޔާ ރަށް ގިރުމުގެ މައްސަލައަށްވެސް ޙައްލު ލިބޭނެއޭ. ހަމަ މިއަދު ނުވަތަ މާދަމާ ނޫން ކަމުގައިވިޔަސް، ވަރަށް އަވަހަށް މިކަމުގެ ޙައްލު، އިރާދަކުރެއްވިއްޔާ ފެނިގެންދާނެ.

އާދެ! އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން، އޮމަދޫ އަންހެނުންގެ ކޮމިޓީއަށް ތިމާވެށީގެ ފެހިފަތް ލިބިފައިވާކަން އަޅުގަނޑަށް އެނގޭތީ، އެކަމަށްޓަކައި އޮމަދޫ އަންހެނުންގެ ކޮމިޓީގެ ހުރިހާ މެންބަރުންނަށާއި، އޮމަދޫ ރައްޔިތުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އަދާކޮށް، މުބާރަކްބާދީ ކިޔަން.

ދެންމެ އަޅުގަނޑު މި ދެއްކީ ތިމާވެށީގެ ވާހަކަ. "ފެހިފަތް" ސަރުކާރުން މި ދެނީ، ތިމާވެށީގެ ރޮނގުން އެކަށީގެންވާ ޚިދްމަތްތައް ކުރާ ފަރާތަކަށް. ކޮންމެ އަހަރަކުވެސް "ފެހިފަތް" އެބަދޭ. މީގެތެރެއިން އެއްފަރާތަކީ، އޮމަދޫ އަންހެނުންގެ ކޮމިޓީ ކަމަށްވީކަން އެއީ، ޝައްކެއްނެތް، މިރަށަށް ލިބުނު ވަރަށްބޮޑު ޝަރަފެއް. ވަރަށްބޮޑު ފަޚުރެއް. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް، ކޮމިޓީގެ މެންބަރުންނަށާއި، އޮމަދޫ އަންހެނުންނަށް އަދިވެސް އެއްފަހަރު ތަހުނިޔާ އަދާކުރަން.

މިއަތޮޅު ދިގުރަށަށްވެސްވަނީ ތިމާވެށީގެ ފެހިފަތް ލިބިފައި. އެއީ މިދިޔަ އަހަރު މިއަތޮޅުގައި އާދެ! މަހިބަދޫގައި ބޭއްވި ޖަލްސާގައި. ތިމާވެށީގެ ރޮނގުން ދިގުރަށަށްވަނީ ފެހިފަތް ލިބިފައި. އެވާހަކަ ކަންދިމާވިގޮތުން އެރަށުގައި މިއަދު އަޅުގަނޑަކަށް ނުއެއް ބުނެވުނު. އެހެންވީމާ، އެވާހަކަ މިތާ ބުނުމުން، އެރަށަށް ތަހުނިޔާ އަދާކުރުމުގެ ވާޖިބު އަދާކުރެވުނީ ކަމަށް ތިޔަބޭފުޅުންވެސް އަދި ދިގުރަށު ރައްޔިތުންވެސް ދެކެވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު ހީކުރަން. ދިގުރަށު ރައްޔިތުން އެކުރެއްވި މަސައްކަތަށް، އެބޭފުޅުންނަށް ލިބިވަޑައިގެންނެވި ފެހިފަތުގެ މުނާސަބަތުގައި، ދިގުރަށުގެ ވެރިންނަށާއި ރައްޔިތުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އަދާކޮށް މުބާރަކްބާދީ ކިޔަން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ހެޔޮވިސްނުން ދެއްވުން އެދި ދުޢާ ކުރަމުން. އަޅުގަނޑުމެންނަކީ އިސްލާމީ އުޚުއްވަތްތެރިކަމުގެ ވަރުގަދަ ބިންގަލުގެ މަތީގައި ތިބޭ ބަޔަކު ކަމުގައި ލެއްވުން އެދި ދުޢާ ކުރަމުން. ރާއްޖެއަށް މި އަންނަމުންދާ އިޞްލާޙީ ބަދަލުތައް، އޮމާންކަމާއި އަމާންކަމާއި ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ގެނައުމުގެ ހެޔޮ ވިސްނުމާއި، އެކަމުގެ ޤާބިލިއްޔަތު އަޅުގަނޑުމެންނަށް ދެއްވުން އެދި ދުޢާ ކުރަމުން. އަދި ދިވެހިރާއްޖެއަށާއި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް، ހުރިހާ ގޮތަކުންވެސް ތަނަވަސް ފާގަތި މުސްތަޤްބަލެއް ދެއްކެވުން އެދި އެކަލާނގެ ޙަޟްރަތުގައި އިބްތިހާލުވަމުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.