بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ، وَعلـى آلـه وأصـحَابِه أجمـعـين.

އާދެ! މިއަހަރުގެ ޒުވާނުންގެ ދުވަސް ރަސްމީގޮތުން ފާހަގަކުރުމަށް ހަމަޖެހިފައި އޮތީ، އަދި ފާހަގަކުރެވިގެން ދިޔައީ، މި އަތޮޅު ދަނގެތީގައި ކަމަށްވުމާއެކީގައި، އެ އިޙްތިފާލުގައި ބައިވެރިވުމަށް އަޅުގަނޑު މި ކުރި ދަތުރުގައި، މިހިސާބުގަނޑުގެ ބައެއް އެހެން ރަށްރަށަށް ޒިޔާރަތް ކުރުމަށް އަޅުގަނޑު ވަނީ ގަސްދުކޮށްފައި. އެގޮތުން މިހާރު މި އަތޮޅުގެ ބައެއް ރަށްރަށަށްވަނީ ޒިޔާރަތް ކޮށްފައި.

މަހިބަދުއަކީ މި އަތޮޅުގެ އަތޮޅުވެރިކަން ކުރާ ރަށް. އަދި މި އަތޮޅުގެ ތަރައްޤީގެ ކަންތައްތަކުގައި، އެންމެ އިސްކޮށް ޙަރަކާތްތެރިވާ ރަށް. އެހެންވީމާ، މި ދަތުރުގައި އަޅުގަނޑު މަޑުކޮށްލާ މަންޒިލަކަށްމިވީ، ތިޔަބޭފުޅުންގެ ރަށް މަހިބަދޫ. އާދެ! ރޭވެސް އަޅުގަނޑު ހުރީ މި ރަށުގައި. އަދި މިރޭވެސް މި ރަށުގައި ހުރުމަށްވަނީ ހަމަޖެހިފައި. އެހެންކަމުން، މި ރަށުގެ ވެރިންނާއި ރައްޔިތުން އަދި މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާއާއި، އަތޮޅުއޮފީހުގެ ވެރިން އަޅުގަނޑާ ދޭތެރޭ ބެހެއްޓެވި ގާތްކަމާއި، އަޅުގަނޑަށް ދެއްވި މެހްމާންދާރީއަށްޓަކައި އެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.
އާދެ! މި ކުރާ ދަތުރުގައި، އަޅުގަނޑަށް މަހިބަދުއަށް އާދެވުނީ އިއްޔެ ހަވީރު. އިއްޔެ ހަވީރު އަޅުގަނޑު މި ރަށަށް އައީއްސުރެ މިހާތަނާ ޖެހެންދެން ރަށުގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ދެއްވަމުން ގެންދެވީ ވަރަށް ހޫނު ތަރުޙީބެއް. އެކަމަށްޓަކައި ރައްޔިތުންގެ ހުރިހާ ބޭފުޅުންނަށް، އާދެ! ވެރިންނަށާއި، ލޮބުވެތި ރައްޔިތުންނަށާއި، އަދި ކޮމިޓީތަކުގެ މެންބަރުންނަށާއި، ޖަމުޢިއްޔާތަކުގެ މެންބަރުންނަށާއި، ކިޔަވާ ކުދިންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން.

ދެންމެ މިރަށު ކުޑަކަތީބުގެ ވާހަކަފުޅުގައި ވިދާޅުވި ހެޔޮ ބަސްފުޅުތަކަށްޓަކައި އަޅުގަނޑު އޭނާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑާ ބެހޭގޮތުން އަޅުގަނޑަށް ޙައްޤުނުވާކަހަލަ ވަރަށްމޮޅު ބަސްފުޅުތަކެއް އޭނާ ބޭނުންކުރެއްވި. އެހެންނަމަވެސް، އޭނާ އެކަން ކުރެއްވީ ހަމަ އިޚްލާޞްތެރިކަމާ އެކީގައި، އޭނާގެ ހިތްޕުޅުގައިވާ ޝުޢޫރު ފާޅުކުރެއްވުމުގެ ގޮތުން ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭތީ، އެކަމަށްޓަކައި އޭނާއަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން.

މަހިބަދުއަކީ މިއަތޮޅުގެ ވެރިކަންކުރާ ރަށް ކަމަށް ވުމާއެކު، މި ރަށަށް އެއްފަހަރަށްވުރެ ގިނަފަހަރު އަޅުގަނޑަށްވަނީ ޒިޔާރަތް ކުރެވިފައި. އެންމެފަހުން މިދިޔަ އަހަރު ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި، ތިމާވެށި ރައްކާތެރި ކުރުމަށް އެންމެބޮޑަށް ޚިދްމަތްކުރާ ފަރާތްތަކަށް ސަރުކާރުންދޭ ފެހިފަތުގެ އިނާމު ދިނުމުގެ ރަސްމީ ޖަލްސާ ބޭއްވުނީ މި ރަށުގައި ކަމަށްވާތީ، އަޅުގަނޑު އެކަމަށްޓަކައި މިރަށަށް އައިން. އެއީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި. އެހެންވީމާ، މިހުރިހާ ފަހަރަކު މަހިބަދުއަށް އައުމަކީ، އަޅުގަނޑަށް ލިބުނު އަދި މިހާރުވެސް ލިބެމުންދާ ވަރަށްބޮޑު އުފަލަކަށްވާތީ، އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް، އަދި ކޮންމެ ފަހަރަކުވެސް އަޅުގަނޑު މިރަށަށް އައުމުން، މިރަށުގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ވިދާޅުވާ ހޫނު މަރްޙަބާއަށްޓަކައި އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އާދެ! މަހިބަދޫ ރައްޔިތުން ދިރިއުޅުމަށް ކުރައްވާ މަސައްކަތުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ކަމަކީ މަސްވެރިކަން. މަސްވެރިކަމަކީ އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖޭގެ އިޤްތިޞާދުގެ އެންމެ ވަރުގަދަ އެއް ބިންގާ. އަޅުގަނޑުމެންގެ އިޤްތިޞާދީ ކުރިއެރުން، އޭގެ މައްޗަށް ބިނާވެފައިވާ މައިގަނޑު ދެ ދާއިރާގެ ތެރެއިން އެއް ދާއިރާ. އަނެއް ދާއިރާއަކީ ފަތުރުވެރިކަން. މަސްވެރިކަން ތަރައްޤީކޮށް ކުރިއަށް ގެންދިޔުމަށް ވަރަށް ކުރިއްސުރެ ސަރުކާރުން ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. ވަރަށްގިނަ މަޝްރޫޢުތަކެއްވަނީ ރާވައި ހިންގާފައި. އަދި އޭގެއިތުރުން، ރާއްޖޭގެ މަސްވެރިކަން ކުރިއަށް ގެންދިޔުމަށްޓަކައި، ރާއްޖޭގެ މަސްވެރިންނާއި، މަސްވެރިކަން ކުރާ އެހެން ފަރާތްތަކުން ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. އޭގެ ހެޔޮ ނަތީޖާވެސް އަޅުގަނޑުމެންނަށް މިދަނީ ފެންނަމުން. މިހާރު މަސްވެރިކަމަކީ އޭގެ ސަބަބުން ރާއްޖޭގެ ވަރަށްގިނަ ބަޔަކަށް އާމްދަނީ ލިބެމުންދާ ކަމެއް. އެމީހުންގެ ތަނަވަސްކަން އިތުރުވަމުންދާ ކަމެއް. އަދި މަސްވެރިކަމަކީ ޒަމާނުއްސުރެ ދިވެހިން އެންމެ ރަނގަޅު ފެންވަރަކަށް ކުރަމުން ގެންގޮސްފައިވާ، ދިވެހިންނާ އެންމެ ރައްޓެހި، ދިވެހިން އެންމެ ބޮޑަށް ދަންނަ މަސައްކަތް. އެހެންކަމުން، މަސްވެރިކަމުގައި މި ރަށުގެ ރައްޔިތުން ޙަރަކާތްތެރިވެވަޑައިގަންނަވާކަން އެއީ، އަޅުގަނޑު ހިތުން ވަރަށް ބޮޑަށް އުފާކުރަންޖެހޭ ކަމެއް. މި ވޭތުވެދިޔަ އަހަރު މަސްވެރިކަން ތަންކޮޅެއް ދަށަށް ގޮސްފައިވި ނަމަވެސް، މިހާރު މާތްﷲގެ ރަޙްމަތްފުޅުން މަސްވެރިކަން ރަނގަޅުވަމުން އަންނަ ކަމުގެ ނިޝާންތައް ފެންނަމުންދާތީ، އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން.

މި އަތޮޅުގައި އެންމެ ބޮޑަށް ހިނގާ އަނެއް ކަމަކީ، ފަތުރުވެރިކަމުގެ މަސައްކަތް. މިއަތޮޅުގައި މިހާރުވެސް 16 ރިޒޯޓް ޤާއިމުކުރެވި، އެތަންތާނގެ ޚިދްމަތް ފަތުރުވެރިންނަށް ލިބެމުން އެބަދޭ. އަދި އެތަންތާނގައި ވަޒީފާ އަދާކުރުމާއި، ފަތުރުވެރިންނަށް ބޭނުންވާ އެހެން ޚިދްމަތްތައް ދިނުމުގައި، މި އަތޮޅުގެ ވަރަށްގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވޭ. މި މަސައްކަތްކުރާ ބަޔަކަށް އެކަމުން ވަރަށް ބޮޑެތި ފައިދާތަކެއްވެސް ވަމުން އެބަދޭ. އެހެންވީމާ، މި ހުޅުވިފައިވާ ދޮރުތަކުގެ ބޭނުން، އަޅުގަނޑުމެން ހެޔޮގޮތުގައި ކޮށްގެން، މިކަމުން ލިބޭ ފައިދާތައް އިތުރުކުރުމަކީ، ރަށުގެ ތަރައްޤީއަށް އެޅޭ ވަރަށްބޮޑު ބާރަކަށްވާނެ ކަމުގައި ތިޔަބޭފުޅުން ގަބޫލުކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ! މަސްވެރިކަން ދަށަށް ދިޔުމުގެ ސަބަބުން، މަސްވެރިކަންކުރާ ބައެއް ފަރާތްތަކަށް އިޙްސާސް ކުރަން ޖެހުނު ދަތިތައް ނުވަތަ ގެއްލުން ފޫބެއްދުމަށްޓަކައި، ލުއި ލޯނާއި، މެދުމިނުގެ ލޯނު ދޫކުރުމުގެ ޕްރޮގްރާމްތަކެއް، މިދިޔަ އަހަރު ހިންގުނު. ހަމަ އެއާއެއްގޮތަށް މި އަހަރުވެސް އެ ޕްރޮގްރާމްތައް ހިންގޭނެ ކަމުގައި، މިއަހަރުގެ ރިޔާސީ ބަޔާނުގައި އަޅުގަނޑުވާނީ ދަންނަވާފައި.

މަހިބަދޫގައި ސަރުކާރުން ތަރައްޤީގެ ތަފާތު ކަންތައްތަކެއްވަނީ ހިންގާފައި. އެނގިވަޑައިގަންނަވާނެ، މިރަށުގައި އަތޮޅުއޮފީސް، ރަށުއޮފީސް، ރަށްވެހިގެ، އަތޮޅުގެ، އަދި މިސްކިތް ޢިމާރާތް ކޮށްދިނުންފަދަ ކަންތައްތައް ސަރުކާރުން މިވަނީ ކޮށްދީފައި. އަދި މިހާރުވެސް ވަރަށްގިނަ ކަންތައްތައް ހިނގަމުން އެބަދޭ. މިހާރު ހިނގަން ފަށާފައިވާ އެއްކަމަކީ، މިރަށުގެ ބަނދަރު މަރާމާތު ކުރުން. އެ މަސައްކަތް ވަނީ މިހާރު ފެށިފައި. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައި ކުރިއަށް ގެންދެވޭނެ. އެ މަސައްކަތް މިހާރުގެ އުޞޫލުން ސަރުކާރުން ހަވާލުކޮށްފައި މިވަނީ ބިޑްކޮށްގެން، އެ ބިޑް ކާމިޔާބުކުރި ފަރާތަކާ. އެފަރާތުން މަސައްކަތް ހަލުވިކުރެއްވި މިންވަރަކުން އެ މަސައްކަތް ކުރިއަށް ގެންދާނެ. ސަރުކާރުގެ ކަމާބެހޭ ފަރާތުންވެސް އެކަމަށް ބާރުއަޅުއްވަމުން ގެންދަވާނެ.

ދެންމެ ކަތީބުގެ ވާހަކަފުޅުގައި، ރަށަށް ބޭނުންވާ ބައެއް ކަންތައްތަކުގެ ވާހަކަ ވިދާޅުވެއްޖެ. އޭގެތެރެއިން އެއްކަމަކީ، ނަރުދަމާ ނިޒާމުގެ ވާހަކަ. ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ނަރުދަމާގެ ނިޒާމަކީ ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް. އެ މަޝްރޫޢު ސަރުކާރުން ހިންގަމުން އެބަގެންދޭ. މިހާރުވެސް އަދި ކުރިއަށް އޮތް ތާނގައިވެސް އިރާދަކުރެއްވިއްޔާ ހިންގަމުން ގެންދާނެ. މަހިބަދޫގެ ނަރުދަމާ ނިޒާމު ފަރުމާކުރުމުގެ މަސައްކަތް މިހާރުވަނީ ފެށިފައި. އޭ.ޑީ.ބީ ރީޖަނަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ފޭސް 2ގެ ދަށުން ނަރުދަމާ ނިޒާމު ފަރުމާކުރުމާއި، ޓެންޑަރ ޑޮކިއުމެންޓް ތައްޔާރުކުރުމުގެ މަސައްކަތް މިހާރުވަނީ ވަކިފަރާތަކާ ހަވާލުކުރެވިފައި. އެއީ މިއަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު. ނަރުދަމާ ނިޒާމު ފަރުމާކުރުމާއި، ޓެންޑަރ ޑޮކިއުމެންޓެއް ތައްޔާރުކުރުމާ، މި މަސައްކަތް ނިމުމުން، ދެންހުރި މަރްޙަލާތައް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ.

އާދެ! އޭގެ މުހިންމު ކަމަކީ ޢަމަލީ މަސައްކަތް. ދެންމެ ކަތީބުގެ ވާހަކަފުޅުގައި، ވަކި ދުވަހެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި. ވަކި ދުވަހެއް އެނގޭނީ މަސައްކަތް ކުރިއަށްދާވަރަކުން. އެއީ ކުރިންވެސް ދެންނެވިފަދައިން، މި މަސައްކަތް މި ކުރަނީކީ ސަރުކާރަކުން ނޫން. ސަރުކާރުން ހަވާލުކޮށްގެން މިއުޅެނީ ކުންފުންޏަކާ. އެ ކުންފުނިން މަސައްކަތް ކުރުމަށް ރާވައިގެން އެބަގެންދޭ. ފަރުމާކުރުމުގެ މަސައްކަތް ފުރަތަމަ ނިމުނީމާ، ދެން ޓެންޑަރ ޑޮކިއުމެންޓް ތައްޔާރުކުރެވޭނީ، އޭގެ މައްޗަށް ބިނާކޮށް. ދެން ބިޑަށް ހުޅުވާލެވޭނީ. ބިޑަށް ހުޅުވާލާފައި، މަސައްކަތާ ހަވާލުވާން ބޭނުންވާ ފަރާތްތަކުން، އެ ބަޔަކު ބޭނުންވާ ހުށަހެޅުމެއް ހުށަހެޅުމަށްވެސް މުއްދަތެއް ބޭނުންވާނެ. މި ހުރިހާ ކަމެއް ނިމިގެން، ވަކިފަރާތަކާ މަސައްކަތް ހަވާލުކުރެވިގެން، މަސައްކަތް ފެށޭނީ. އެހެންވީމާ، މިހާރު މަސައްކަތް ފެށޭނީ މިވެނި ދުވަހަކުއޭ ބުނުމަކީ، އެއްވެސް މީހަކަށް ކުރެވޭވަރުގެ ކަމެއް ނޫން. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ، މި ހުރިހާ މަސައްކަތްތައް ވަރަށް ހަލުވިކޮށް ކުރިއަށް ގޮސް، މާލަހެއްނުވެ އެމަސައްކަތް ފެށޭނެ.

ދެން ވިދާޅުވި، މި ރަށުގެ ބިމުގެ ދަތި ވާހަކަ. ގޯއްޗަށް ބޭނުންވެފައިވާ ވަރަށް ގިނަ އަދަދެއްގެ މީހުންނަށް ގޯތި ނުލިބިވާ ވާހަކަ. އަދި މިރަށަށް ބިން އިތުރުކުރުމަށް ރައްޔިތުން ބޭނުންވާ ވާހަކަ. އާދެ! މީހުން ގިނަވެ، ރަށުގައި ދިރިއުޅެން ބޭނުންވާ މީހުންނަށް ގޯތި ލިބުން ދަތި ރަށްރަށަށް، ސަރުކާރުން އެކި ޙައްލުތައް ހޯދައިދެމުން އެބަގެންދޭ. އޭގެތެރެއިން އެއްކަމަކީ، އެ ވިދާޅުވިހެން ބިން ހިއްކުން. އެކަންވެސް ޖެހޭނީ ބަލަން. މިހާރު މި ރަށުގެ ފަޅުތެރެއިން ހިއްކެން އޮތީ ކިހާވަރެއްތޯ. އަދި އެއީ ކިހިނަކުން ކުރެވިދާނެ ކަމެއްތޯ. ކިހާ ޚަރަދެއް ހިނގާނެ ކަމެއްތޯ. އެކަން ކުރުމުން ތިމާވެށްޓަށް އެއްވެސްކަހަލަ ނޭދެވޭ އަސަރެއް ކުރާނެތޯ. މިކަންކަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބައްލަވާފައި، ވަކިގޮތަކަށް ނިންމަވާނެ. އެހެންވީމާ، އެކަމާއިގެން މިރަށުގެ ރައްޔިތުންނާއި ވެރިންނާއި އަދި އަތޮޅުގެ އިސްބޭފުޅުން ހަރަކާތްތެރިވެވަޑައިގަތުން މުހިންމު. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ވާހަކަފުޅު ދައްކަވައިގެން، މިކަން އޮތްގޮތެއް ބައްލަވައި، ކުރިއަށް ގެންދެވޭނެ ގޮތަކީ ކޮބައިތޯ ބައްލަވައިގެން، ކުރިއަށް ވަޑައިގަތުމުން، އަޅުގަނޑަށް ހީވަނީ އޭރުން އެ މައްސަލަ ހައްލަކަށް ފަހިވެގެންދާނެހެން.

އާދެ! މަހިބަދުއަކީ އިޖްތިމާޢީ އެއްބައިވަންތަކަމަށާއި ޞުލްޙަވެރިކަމަށް ލޯބި ކުރައްވާ ރައްޔިތަކު ދިރިއުޅުއްވާ ރަށެއް. މިއީ ޝައްކެއްނެތް، އަޅުގަނޑެކޭ އެއްފަދައިން ތިޔަ ހުރިހާ ބޭފުޅުންވެސް އުފާކުރައްވާނެ ކަމެއް. ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އޮތުމަކީ، ހުރިހާ ތަރައްޤީއެއްގެވެސް އަސާސް. ހުރިހާ ތަރައްޤީއެއްގެ ބިންގާ. އެއްވެސް ތަނެއްގައި ހަމަޖެހުން ނެތްނަމަ، އެތަނެއްގައި ކުރާ އެއްވެސް މަސައްކަތެއް ކާމިޔާބެއް ނުވާނެ. މިއީ ދުނިޔޭގެ ހުރިހާ ތަނަކުންވެސް އަޅުގަނޑުމެންނަށް ފެންނަން އޮތް ވަރަށް ރީތި މިސާލެއް. އެކުވެރިކަމާއި އެއްބައިވަންތަކަމުގައި ދިރިއުޅޭ ރައްޔިތުން، އެމީހުން އެދޭ ކަންތައްތައް އަވަހަށް ޙާޞިލުވެގެންދާނެ. އެމީހުން ކުރާ މަސައްކަތްތައް ކާމިޔާބުވާނެ. އެއާ ޚިލާފަށް ހަމަނުޖެހުމާއި، ފިތުނައާއި، ދެކޮޅުވެރިކަމާއި، ބައިބައިވުމާއި، ހަރުކަށި ޢަމަލުތައް ހިންގާ ތަންތާނގައި، އެކަންތައްތައް ކުރިއަށްދާނީ ވަރަށް ލަހުން. އަދި ވަރަށްގިނަފަހަރަށް އިޤްތިޞާދީ ގެއްލުންތަކާ އެ ޤައުމުތަކުން ޖެހެނީ ކުރިމަތިލާން.

ދެންމެ ކަތީބުގެ ވާހަކަފުޅުގައި، މިއަހަރުގެ ޖަނަވަރީ މަހު އަޅުގަނޑު ހޯރަފުށްޓަށް ކުރި ދަތުރުގައި ދިމާވި ހާދިސާއާ ބެހޭގޮތުންވެސް އެއްޗެއް ވިދާޅުވި. އެ ހާދިސާއަކީ މިރަށުގެ ރައްޔިތުން ކުށްވެރި ކުރައްވާ ހާދިސާއެއް ކަމުގައި ވިދާޅުވި. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް، ކަތީބަށާއި ރަށުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ހޯރަފުށީގައި އެ ހިނގިފަދަ ހާދިސާއަކީ ނުވަތަ އޭގެކުރިން މާލޭގައި ބަޔަކު އެއްޗެއް ގޮއްވާލި ހާދިސާއަކީ ނުވަތަ ހިމަންދޫގައި ހިނގި ހާދިސާއަކީ، އަޅުގަނޑުމެން އެކަންކަމާ ދޭތެރޭގައި ވަރަށް ކަންބޮޑުވާންޖެހޭ ކަންތައްތަކެއް. އެއީ ރާއްޖޭގެ މި އަމާން ރީތި ހަމަޖެހޭ މާޙައުލާ ނުގުޅޭ ކަންތައްތަކެއް. އަޅުގަނޑުމެންނަކީ ޒަމާނުއްސުރެ ވަރަށް މަޑުމައިތިރިކަމާއެކު ހަމަޖެހިގެން ދިރިއުޅެމުން ގެންދާ ބަޔެއް. ދިވެހިންނަކީ މުޅި ދުނިޔޭގައިވެސް އެކަމަށް މަޝްހޫރު ބަޔެއް. ރާއްޖޭގައި ބޮޑެތި ފިތުނަތަކެއް އުފެދިފައެއްނުވޭ. ލޭއޮހޮރުވުންތަކެއް ހިނގާފައެއްނުވޭ. އަދި މިވޭތުވެދިޔަ ތިރީހަކަށް، ސާޅީހަކަށް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖެ ވަނީ ހަމަހިމޭންކަމާއި ހަމަޖެހުމާ އެކީގައި ތަރައްޤީގެ ވަރަށްގިނަ ފިޔަވަޅުތަކެއް އަޅާފައި. އަދި މުޅި ދުނިޔެ އޮތީ މިކަން ގަބޫލުކޮށްފައި.

އެކަން އެހެން އޮއްވައި، އެއްވެސް ސަބަބަކާހުރެ ރާއްޖޭގައި ހަރުކަށި ޢަމަލުތަކެއް ހިންގުމަކީ، އެއްގޮތަކަށްވެސް ވެގެންވާނެ ކަމެއް ނޫން. އެއްވެސް ބަޔަކު، އެ ބަޔަކު އެދޭ މަޤްޞަދު ޙާޞިލު ކުރުމަށްޓަކައި މީހުންގެ ފުރާނައަށް ގެއްލުންދީ، މާރާމާރީ ހިންގައި، ނުވަތަ އެނޫންވެސް ހަމަނުޖެހުންތައް ހިންގުމަކީ، އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން. އެއީކީ އަޅުގަނޑުމެން، އެކަން ބަޔަކު ކުރިޔަދީގެންވާނެ ކަމެއްވެސް ނޫން. އެކަންތައްތަކުން އަޅުގަނޑުމެން ޖެހޭނީ އެއްކިބާވެގެން ތިބެން. އެއީ މިހާރުވެސް ބަލައިލި ކޮންމެ ދިމާއަކުން އަޅުގަނޑުމެންނަށް ފެންނަން އެބަހުރި، އެކި ޤައުމުތަކުގައި ހިނގާ މިފަދަ ހާދިސާތަކުގެ ސަބަބުން، އެ ޤައުމުތަކަށް ލިބެމުންދާ ގެއްލުންތައް. އެ ޤައުމުތަކުގެ މީހުން މަރުވަމުންދާ ޢަދަދާއި، އެ ޤައުމުތަކުގެ އެކިއެކި އިޤްތިޞާދީ ބިނާތައް ފުނޑުފުނޑުވެގެންދާ ގޮތާއި، ރައްޔިތުންނަށް ލިބޭ ގެއްލުންތައް. އިޤްތިޞާދީ ކުރިއެރުން ފަހަތަށްޖެހޭ މިންވަރު. މިއީ، އަޅުގަނޑުމެންނަށް، ބަލައިލި ކޮންމެ ދިމާއަކުން ފެންނަން ހުރި ކަންތައްތަކެއް.

އެހެންވީމާ، އެކަންތައްތަކުން އަޅުގަނޑުމެންވާނެ ޢިބްރަތް ޙާޞިލުކުރަން. އަޅުގަނޑުމެންގެ ރާއްޖޭގައި މިކަހަލަ ކަމެއްވިޔަދީގެނެއް ނުވާނެ. އެއްވެސް ބަޔަކު ހަރުކަށި ޢަމަލުތައް ހިންގިޔަދީގެނެއް ނުވާނެ. ޙަޤީޤަތުގައި މިފަދަ ޢަމަލުތައް ހިންގުމަކީ، އަޅުގަނޑުމެންގެ ދީން ވަރަށް ބޮޑަށް އިންކާރު ކުރާ ކަމެއް. މަނާކުރާ ކަމެއް. މާތްވެގެންވާ އިސްލާމްދީނަކީ، ޞުލްޙަވެރިކަމުގެ ދީން. އެއްބަނޑުއެއްބަފާކަމުގެ ދީން. ހަމަޖެހުމުގެ ދީން. އިސްލާމްދީން ގޮވާލަނީ، އެންމެން އެކުވެރިވެގެން، އެކަތިގަނޑަކަށްވެގެން މަސައްކަތް ކުރުމަށް. މުސްލިމުންގެ މެދުގައި އެއްވެސްކަހަލަ ހަމަނުޖެހުމެއް ނުބޭއްވުމަށް. މުސްލިމުން ބައިބައިނުވުމަށް. މިއީ، ކީރިތި ޤުރްއާނުގައި ވަރަށްގިނައިން ތަކުރާރު ކުރައްވައި މާތްﷲ އަންގަވާފައިވާ އެންގެވުމެއް. މާތް ރަސޫލާގެ ސުންނަތުގައި، އެކަމަށްވަނީ ޢަމަލީގޮތުންނާއި، ޤައުލީ ގޮތުން މަގު ދައްކަވާފައި. ވަރަށްގިނަ ޙަދީޘްފުޅުތަކެއް، އެކަލޭގެފާނުވަނީ ޙަދީޘް ކުރައްވާފައި. އުންމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި. އަދި އެންމެން ބައިބައިނުވެ އެކަތިގަނޑަކަށްވެގެން ދިރިއުޅުމަށްޓަކައި.

ހަމައެހެންމެ، އެކަލޭގެފާނުގެ ސީރަތުންވެސް، އެކަލޭގެފާނު ކަންތައް ކުރެއްވި ގޮތުންވެސް އިސްލާމީ އުޚުއްވަތްތެރިކަން ޤާއިމު ކުރެއްވުމަށް ވަރަށް ބޮޑެތި ކަންތައްތަކެއް ކުރައްވާފައިވާތީ، އެކަމުންވެސް އަޅުގަނޑުމެން އެބަޖެހޭ ފިލާވަޅު ލިބިގަންނަން. އެހެންވީމާ، ދުނިޔޭގައި ބަޔަކު މިކަހަލަ ކަމެއް ކުރިޔަސް، އަޅުގަނޑުމެން މުސްލިމުން މިކަހަލަ ކަންތައްތައް ކޮށްގެނެއް ނުވާނެ. އަދި ރާއްޖެފަދަ ކުޑަކުޑަ ޤައުމެއްގައި، މިބާވަތުގެ ކަންތައްތައް އެއްގޮތަކަށްވެސް ހިނގައިގެނެއް ނުވާނެ. އެއީ ބަޔަކު މީހުން އޮޅުވާލައިގެން ދައްކާ ވާހަކަތަކެއްގެ ސަބަބުން އަޅުގަނޑުމެންގެ ތެރޭގައި ހިނގާ ހަމަނުޖެހުމެއް ކަމަށްވަންޏާ، އެބަޔަކަށް އަޅުގަނޑުމެން އެބަޖެހޭ މަގުދައްކަން. ރަނގަޅު ގޮތް ކިޔައިދޭން. ތިއީކީ ދީނުގައި އޮތް ގޮތެއް ނޫންކަން. ދީނުގައި އޮތީ ހަމަހިމޭންކަމާއި ހަމަޖެހުމާ އެކީގައި، އެންމެން އެކުވެރިވެގެން ދިރިއުޅުންކަން. މިކަންކަން އަޅުގަނޑުމެން އެންމެން އެމީހުންނަށް ވަރަށް ރަނގަޅަށް ކިޔައިދޭންވެއްޖެ. އަދި އަޅުގަނޑުމެންވެސް އެގޮތް ގަބޫލުކުރަންވާނެ.

އާދެ! މިރަށުގެ ޒުވާނުން އިތުރަށް ކުރިއަށް ދިޔުމަށްޓަކައި ބޭނުންވާ ކަންތައްތަކެއްގެ ވާހަކަވެސް ކަތީބުގެ ވާހަކަފުޅުގައި ވިދާޅުވި. އެކަންތައްތަކަކީ ސަރުކާރުން ވިސްނަމުން ގެންދާނެ ކަންތައްތަކެއް. މަހިބަދޫ ނޫނަސް، އެހެން ހުރިހާ ރަށެއްގައިވެސް، އެ ރަށްރަށުގެ ޒުވާނުން ކުޅިވަރު ކުޅުމަށް ބޭނުންވާ ދަނޑުތަކާއި ކޯޓުތަކާއި އަދި އެމީހުން އެއްވެ އެކިއެކި ކަންތައްތައް ކުރުމަށް ބޭނުންވާ އިޖްތިމާޢީ މަރްކަޒުތަކާއި، މުނިފޫހިފިލުވުމަށް ކުރަންޖެހޭ ކަންތައްތަކާއި، މި ހުރިހާ ކަމަކީ ސަރުކާރުން މިހާރު ވަރަށް ބޮޑަށް ސަމާލުކަންދޭ ކަންތައްތަކެއް. ވަރަށްގިނަ ރަށްރަށުގައި ސަރުކާރުގެ އެހީގައި މިކަހަލަ ބައެއް ކަންތައްތައް ހިނގަމުން އެބަދޭ. އެހެންވީމާ، އަޅުގަނޑަށް ފެންނަނީ، މި ރަށުގެ ވެރިން މިމައްސަލަ، ސަރުކާރުގެ ކަމާބެހޭ ވުޒާރާއަށް ހުށަޅުއްވައިގެން ކުރިއަށް ގެންދެވުން. އެ ވުޒާރާއިންވެސް މިމަސައްކަތް ވަރަށް ރަނގަޅަށް ކުރިއަށް ގެންދަވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

އާދެ! ޒުވާނުންގެ ދުވަސް ފާހަގަވެގެން މިދިޔައީ މި އަތޮޅުގައި. ހަމަ އިއްޔެ. އެހެންވީމާ، އެކަމާ ގުޅިގެން، ކުރަންޖެހޭ އެހެން އިތުރު ކަންތައްތައް، އެ ޒުވާނުންނާބެހޭ ވުޒާރާއިން ކުރައްވަމުން ގެންދަވާނެ ކަމަށް އަޅުގަނޑު ދެކެން. އަދި އެކަންތައްތައް، ރަށުގެ ވެރިންވީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދަވަން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ތަންކޮޅެއް ހިތާމަވެރި ވާހަކައެއްވެސް ދަންނަވާލަން އެބަޖެހޭ. މި ރަށަކީ މަސްތުވާތަކެތި ބޭނުންކުރާ ބަޔަކު ދިރިއުޅޭ ރަށެއް ކަމުގެ މަޢްލޫމާތު އަޅުގަނޑަށްވަނީ ލިބިފައި. މި މައްސަލައަކީ އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ ކަމެއް. މަސްތުވާތަކެއްޗަކީ ވަރަށް ނުރައްކާތެރި ވަބާއެއް. އެ ވަބާގައި ޖެހުމަކީ މީހާ ހަލާކުވެގެންދާ ކަމެއް. މީހާ އެކަންޏެއް ނޫން. އެމީހާގެ ޢާއިލާއަށްވެސް ވަރަށްގިނަ ހިތާމަތަކާ ކުރިމަތިލާންޖެހޭ ކަމެއް. މިކަން އަޅުގަނޑުމެން އެބަޖެހޭ ރަނގަޅަށް ދަންނަން. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ، އެއީ ކުޑަކުއްޖަކު ކަމުގައިވިޔަސް، ޒުވާނަކު ކަމުގައިވިޔަސް، ހަރު މީހަކު ކަމުގައިވިޔަސް، މަސްތުވާތަކެތީގެ ބޭނުންކުރުމުން އެއްކިބާވާންޖެހޭނެ. ދުރުހެލިވާންޖެހޭނެ. އެކަމުގެ ނުރައްކާ ރަނގަޅަށް ދަންނަންޖެހޭނެ. އަދި މި ނުރައްކާތެރި ވަބާއިން މުޅި ރާއްޖެ ސަލާމަތް ކުރުމަށްޓަކައި އަޅުގަނޑުމެން އެންމެން ވަރަށްގިނަ މަސައްކަތްތަކެއް ކުރަންވެއްޖެ. މިހާރުވެސް ސަރުކާރުންނާއި އަދި އެހެން ފަރާތްތަކުން މިމަސައްކަތް ކުރައްވަމުން ގެންދަވާ. އެހެންނަމަވެސް، އެ މަސައްކަތުގެ ނަތީޖާ އަޅުގަނޑުމެން ބޭނުންވާ ގޮތަކަށް އަދި ފެނިގެނެއްނުދޭ. މިހާރުވެސް ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ޢަދަދު ވަރަށްގިނަ. އޭގެތެރެއިން ބައެއް މީހުންނަށް ފަރުވާދީގެން، އަނބުރާ މުޖްތަމަޢަށް ގެނެވޭތޯ މަސައްކަތްކުރި ނަމަވެސް، ވަރަށްގިނަ ބަޔަކަށްވަނީ ފަރުވާވެސް ނުލިބި. ފަރުވާދެވޭނެ ގޮތެއްވެސް ނެތިފައި. މީހުންގެ ޢަދަދު ގިނަކަމުންނާއި، އަޅުގަނޑުމެންގެ ވަސީލަތްތައް މަދުކަމުން.

އެހެންވީމާ، މި ވަބާއިން ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅު ފިޔަވަޅަކީ އެއިން ރައްކާތެރިވުން. އެންމެ ފުރަތަމަވެސް އެ ދަލުގައި ނުޖެހުން. މި ވަބާގައި ޖެހިއްޖިއްޔާ، ދެން އެމީހާ ރަނގަޅު ކުރުމަށް ކުރަންޖެހޭ ޚަރަދާއި، އަދި ކުރަންޖެހޭ މަސައްކަތްތައް ގިނަކަމާއި، އޭގެ ނަތީޖާ ފެންނަލެއް ކުޑަކަމުން، އެއީ އަޅުގަނޑުމެން އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް. އޭގެ އެންމެ ރަނގަޅު ގޮތަކީ، މި ވަބާގައި ނުވަތަ މަސްތުވާތަކެތީގެ ދަލުގައި ނުޖެހި ތިބުން. އެއިން ރައްކާތެރިވުން. ކުޑަކުދިންނަށާއި ޒުވާނުންނަށް، އޭގެ ނުރައްކާތެރިކަން އަޅުގަނޑުމެން ރަނގަޅަށް ކިޔައިދީގެން، އެމީހުން ލައްވައި އެކަން ގަބޫލު ކުރުވައިގެން، އެއިން އެއްވެސް މީހަކު އެކަމަށް ނުދިޔުން. އެކަމުގެ ތެރެއަށް ނުދިޔުން.

އާދެ! ދީނީގޮތުން ބެލިނަމަވެސް، މިއީ ވަރަށް ނުރަނގަޅު ކަމެއް. ވަރަށްބޮޑު ފާފައެއް. އިސްލާމްދީނުގައި މަސްތުވާތަކެތި ބޭނުންކުރުންވަނީ ޙަރާމް ކުރައްވާފައި. ދިޔާތަކެތި ކަމަށްވިޔަސް، ހިކި ތަކެތި ކަމަށްވިޔަސް. ދުމުގެ ގޮތުގައި، ބޭނުންކުރެވޭ ތަކެތި ކަމަށްވިޔަސް، މަސްތުވާތަކެއްޗަކީ އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ އެއްޗެއް. ބޭނުންކުރުމަކީ ބޮޑު ފާފައެއް. ދީނީގޮތުންވެސް އަޅުގަނޑުމެންޖެހޭ މިކަމަށް ރައްކާތެރިވާން. އިޖްތިމާޢީ ގޮތުންވެސް. އަދި ޞިއްޙީ ގޮތުންވެސް. އިޤްތިޞާދީ ގޮތުންވެސް. މި ހުރިހާ ގޮތަކުން އަޅުގަނޑުމެން އެބަޖެހޭ، މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތްވެގެން ތިބެން. އެހެންވީމާ، އަޅުގަނޑު އެދެނީ، މިރަށުގެ ރައްޔިތުންވެސް ވަރަށް ބޮޑަށް އެއްބާރުލައްވައިގެން، މި މަސައްކަތުގައި ހަރުދަނާކަމާއެކު ކުރިއަށް ވަޑައިގަތުން. އަދި މިރަށަކީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ ރަށެއް ކަމުގައި ހެއްދެވޭތޯ ވަރަށް އަވަހަށް މަސައްކަތް ކުރެއްވުން.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް، މި ރަށުގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ލިބެމުންމިދާ ތަރުޙީބަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ވާހަކަ ދަންނަވާލަން. އަދި އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ތެދުމަގު ދައްކަވައި، ތެދުމަގުގައި ފައިތިލަ ސާބިތުކުރުމުގެ ތައުފީޤު ދެއްވުން ކަމުގައިވެސް ދަންނަވަން. އަޅުގަނޑު އެދެނީ، މަހިބަދުއަށް ހުރިހާ ގޮތަކުންވެސް މާތްﷲ ހެޔޮގޮތްތައް މިންވަރު ކުރެއްވުން. މި އަތޮޅަށްވެސް. އަދި މުޅި ރާއްޖެއަށްވެސް މާތްﷲ ހެޔޮގޮތްތައް މިންވަރު ކުރައްވައި، އެކަލާނގެ ތަނަވަސް ރަޙްމަތުގައި އަޅުގަނޑުމެން އެންމެން ލެހެއްޓެވުން. އަޅުގަނޑުމެން ތަރައްޤީގެ މަގުގައި މި ކުރާ މަސައްކަތްތައް ކާމިޔާބު ކުރުމުގެ މަގު އެކަލާނގެ ތަނަވަސްކޮށްދެއްވުން. އަޅުގަނޑުމެންނަށް އަބަދުވެސް ހެޔޮވިސްނުން ދެއްވައި، އަޅުގަނޑުމެންނަކީ އަބަދުވެސް ހެޔޮބަސްއަހާ ހެޔޮބަސް ގަބޫލުކުރާ ބަޔަކު ކަމުގައި ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه