بســم اللّـه الرّحمـن الرّحيــم

اَلْحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّـلام على خاتم الأنبياء وسـيّد المرسـلين، وَعلى آلـه وأصـحَابِه أجمـعـين

އާދެ، މިއަދު އަޅުގަނޑުގެ އެންމެ ފުރަތަމަ އަދި އެންމެ އުފާވެރި ވާޖިބަކީ، މިއަދު ރަސްމީގޮތުން ސިފައިންގެ ޚިދުމަތާ ތިޔަ ގުޅިވަޑައިގެންނެވި 51 ވަނަ އަސާސީ ތަމްރީނު ކޯހުގެ ބައިވެރިންނަށް ވަރަށް އިޙްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުން.

ތިޔަ ބައިވެރިން މިއަދު ރަސްމީގޮތުން ތިޔަ ގުޅުނީ ވަރަށްބޮޑު ޤައުމީ ޚިދުމަތަކާ. އެޚިދުމަތަކީ ވަރަށް މުހިންމު ޚިދުމަތެއް. ޤައުމުގެ ސަލާމަތާއި މިނިވަންކަމާއި އަމަންއަމާންކަން، އޭގެ މައްޗަށް ބިނާވެފައިވާ ޚިދުމަތެއް. އެހެންކަމުން، މި ޚިދުމަތުގެ މުހިންމުކަމާ ދޭތެރޭގައި ތިޔައިން އެއްވެސް ބައިވެރިއެއްގެ ހިތުގައި އެއްވެސް ކަހަލަ ޝައްކެތް އުފެދިފައެއް ނުވާނެކަމަށް އަޅުގަނޑު ގަބޫލުކުރަން.

އާދެ، މިއަދު ތިޔަ ބައިވެރިން ތިޔަ ހުވާކުރީ ވަރަށް މުހިންމު ކަމަކާ ގުޅޭގޮތުން. އެއީ، މުޅި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކޮށްދިނުމަށްޓަކައި. ސަރުކާރާއި ރައްޔިތުންގެ ސަލާމަތް ރައްކާތެރި ކޮށްދިނުމަށްޓަކައި. ޤައުމަށް ދިމާވާ ކޮންމެ ނުރައްކަލެއްގައި ކެރިގެން ކުރިމަތިލުމުގެ ހުޝިޔާރުކަމާއި ޤާބިލުކަން ލިބިފައިވާ ކަމަށް. އެކަމަށް ފަސްނުޖެހޭނެ ކަމަށް.

ޝައްކެތްނެތް. ސިފައިންގެ ޚިދްމަތަކީ ދުނިޔޭގެ ކޮންމެ ޤައުމެއްގައިވެސް ވަރަށް ބޮޑު އިސްކަމެއް ދެވޭ ޚިދުމަތެއް. ސިފައިންނަކީ ޤައުމުގެ އައްޑަނަ. ޤައުމުގެ ދިފާޢު. ޤައުމަށް ދިމާވާ ކޮންމެ ނުރައްކަލަކުން ޤައުމު ސަލާމަތް ކުރަން ތިބޭ މީހުން. ރައްޔިތުން ސަލާމަތް ކުރަން ތިބޭ މީހުން. ވެރިކަމުގެ ނިޒާމު ސަލާމަތް ކުރަން ތިބޭ މީހުން. ޤައުމުގެ ހަމަޖެހުމާއި އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ޙިމާޔަތްކުރަން ތިބޭ މީހުން. ޤާނޫނާއި ގަވާއިދަށް ޙުރުމަތްތެރިކޮށްހިތާ އަދި ޤާނޫނާއި ގަވާއިދާ ދެކޮޅަށް ޢަމަލުކުރާ މީހުންނާ ދޭތެރޭގައި އެއީ ތިޔަ ބައިވެރިން ނިސްބަތްވާ މިނިސްޓްރީގެ މަސައްކަތަކަށްވާނަމަ، އެކަމުގައިވެސް ތިޔަ ބައިވެރިންގެ ފުރިހަމަ އެއްބާރުލުން ލިބޭގޮތަށް އޮންނަންޖެހޭ މަސައްކަތެއް.

އާދެ، މި މަހަކީ ވަރަށް ބަރަކާތްތެރި މަހެއް. ދީނީގޮތުން ބަލާއިރު، އިސްލާމީ އުންމަތުގެ އެންމެން ވަރަށްބޮޑު އަހަންމިއްޔަތެއްދޭ މަހެއް. އެއީ މާތްރަސޫލާ مُحَمَّـد صـلّى الله علـيـه وسـلّم ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި މާތް މައްސަރު ކަމަށްވާތީ. އެކަލޭގެފާނު ދުނިޔެއަށް ވަޑައިގެންނެވި ދުވަސް، މިއުންމަތުގެ ހުރިހާ ތަނެއްގައި މީގެ ތިން ދުވަސް ކުރިން ވަނީ ފާހަގަކޮށްފައި. އެފަދަ މުނާސަބަތުތައް ފާހަގަކުރުމުގެ ބޭނުމަކީ، އަޅުގަނޑުމެންގެ ހިތްތަކުގައިވާ އިސްލާމީ ޢަޤީދާ އިތުރަށް ދިރުވައި ހަރުދަނާ ކުރުން. އަޅުގަނޑުމެން ދީނަށް ދޭންވާ އަހަންމިއްޔަތު އިތުރަށް ދެނެގަތުން. މާތްރަސޫލާއަކީ، މާތްﷲ އިންސާނިއްޔަތަށްޓަކައި ފޮނުއްވި ރަޙްމަތެއްކަން ހަނދާންކޮށް، އެކަލޭގެފާނު ގެނެސްދެއްވި މާތްދީނުގައި ފައިތިލަ ސާބިތުކުރުމަށް އިތުރު ބާރެއް ލިބިގަތުން. އެކަލޭގެފާނުގެ ވަސްމީރު ޒިކުރާއިން، އަދި އެކަލޭގެފާނުގެ މަތިވެރި ޙަޔާތްޕުޅުން އެކަށީގެންވާ ޢިބްރަތްތެރި ފިލާވަޅުތަކެއް ޙާޞިލުކުރުން. އެކަލޭގެފާނު ދެއްކެވި މާތް ނަމޫނާގައި ހިފުމަށް ހިތްވަރު ލިބިގަތުން. އެހެންކަމުން، މިއީ ވަރަށް މުހިންމު މުނާސަބަތެއް.

ހަމައެހެންމެ، މި މަހަކީ އަޅުގަނޑުމެންގެ ޤައުމީދުވަސް ފާހަގަކުރެވޭ މަސް. އައްސުލްޠާނުލްޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް، ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވައި، ދިވެހިންނަށް މިނިވަންކަން އަނބުރާ ގެނެސްދެއްވި ދުވަސް. މިއީ، ޤައުމީގޮތުގައި ފާހަގަކުރެވޭ ދުވަސް އެކުލެވިގެންވާ މަސް. އެހެންވީމާ، މި ދެގޮތުން ބަލާއިރުވެސް، ތިޔަ ބައިވެރިން މިފަދަ މުހިންމު ޤައުމީ ޚިދުމަތަކާ ގުޅުނު މުނާސަބަތަކީ، ވަރަށް ޚާއްޞަގޮތެއްގައި ތިޔަ ބައިވެރިންގެ ހިތްތަކުގައިވެސް ބިންވަޅު ނެގިފައި ވާންޖެހޭނެ ކަމެއް.

ސިފައިންގެ ޚިދުމަތަކީ، ކުރިންވެސް އަޅުގަނޑު ދެންނެވިފަދައިން، ވަރަށް މުހިންމު ޤައުމީ ޚިދުމަތެއް. އެ ޚިދުމަތަކީ ވަރަށް ޚާއްޞަ ޑިސިޕްލިންތަކެއް ހިފަހައްޓަންޖެހޭ ޚިދުމަތެއް. ވަރަށް މުހިންމު ގަވާއިދުތަކާއި އުޞޫލުތަކަށް ޢަމަލުކުރަންޖެހޭ ޚިދުމަތެއް. އެ ޚިދުމަތުގައި ތިބޭ އެންމެން، އެންމެ އާދައިގެ އޮފިސަރުން ފެށިގެން ޗީފް އޮފް ސްޓާފާ ހަމައަށް އެއީ މިދެންނެވި ޑިސިޕްލިންގައި ހިމެނެންވާ ބައެއް. ކަންތައް ކުރަންޖެހޭނީ ވަކި ޤަވާއިދަކުން. ވަކި އުޞޫލަކުން. އަދި ސިފައިންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި، އެކަކު އަނެކަކަށް އެހީތެރިވުމާ، މިކަންކަންވެސް މިއީ ވަރަށް ޚާއްޞަގޮތެއްގައި އޮންނަންޖެހޭނެ ކަމެއް.

އާދެ، ސިފައިންގެ ތެރޭގައި އުޅޭއިރު ތަފާތު ކަންތައްތަކާ ކުރިމަތިވާނެ. ބައެއްފަހަރު ވަރަށް ނުރައްކާތެރި ކަންތައްތަކަކާވެސް ކުރިމަތިލާންޖެހިދާނެ. އެކަމަށް ތައްޔާރުވެގެން، އެކަމަށް ބޭނުންވާ ތަމްރީނުތައް ހޯދައިގެން، ތިޔަ ބައިވެރިން މިއަދު ތިޔަ ހުވާކުރީ. މިފަދަ ކޮންމެ ކަމެއް ދިމާވެއްޖެނަމަ، އެއްވެސް ކަހަލަ ފަސްޖެހުމެއްނެތި، ހިތްވަރާއި ޢަޒުމާ އެކީގައި އެކަމަށް ކުރިމަތިލާންޖެހޭނެ. ދިމާވި ކޮންމެ ނުރައްކަލަކުން ޤައުމާއި ރައްޔިތުންނާއި ސަރުކާރު ސަލާމަތްކޮށްދޭންޖެހޭނެ. މިފަދަ ކަންތައްތައް ދިމާވުމުން، އެއިންވެސް އެކަށީގެންވާ ރަނގަޅު ކުރިއެރުމެއް ހޯދަންޖެހޭނެ. ޙަޤީޤަތުގައި އިންސާނާއަށް ދިމާވާ މިފަދަ އިމްތިހާނަކީ، އޭގެ ސަބަބުން އިންސާނާގެ ހަރުދަނާކަން އިތުރުކުރުމަށް ލިބޭ ފުރުޞަތެއް. އެއްބައިމީހުން މިކަހަލަ ކަންތަކާ ކުރިމަތިލަނީ މާބޮޑު އުންމީދެއްނެތި ނުވަތަ މާބޮޑު ޢަޒުމެއްނެތި. އެހެންކަމަށްވަންޏާ އޭގެ ސަބަބުން އެމީހާގެ ޝަޚްޞިއްޔަތަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކުރާނެ. އެމީހާގެ ސަބަބުން ޤައުމަށް، ޢާއިލާއަށް މާބޮޑު ފައިދާއެއްނެތި ހިނގައިދާނެ. އެއާ ޚިލާފަށް، މިކަހަލަ ކަންތައްތަކުން އިތުރު ހިތްވަރެއް ލިބި، އޭގެ ސަބަބުން ތިމާގެ ޝަޚްޞިއްޔަތު އިތުރަށް ހަރުދަނާވެ، ތިމާގެ ޢަޒުމު ކުރިއަށްވުރެ ވަރުގަދަވެ، ތިމާގެ ސާބިތުކަން ކުރިއަށްވުރެ އިތުރުވެ، މިހެންވެއްޖެ ކަމަށްވަންޏާ އެއީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު ފައިދާއަކަށް ވެގެންދާނެ. މިކަންކަން ތިޔަ ހުރިހާ ބައިވެރިންގެ ހިތްތަކުގައި އަބަދުވެސް އޮންނަންޖެހޭނެ.

މިއަދު ހުވާކުރި ބައިވެރިންނަކީ، ތަޢުލީމީގޮތުން ކުރިއަރާފައި ތިބި ބައެއް. ތިޔަ ކުދިންނަކީ ޤާބިލް، އަދި ވިސްނުން ރަނގަޅު، މިކަމަށް ބޭނުންވާ އަސާސީ ތަމްރީނު ކޯހުގެ ހުނަރުތައް ޙާޞިލުކޮށްފައި ތިބި ކުދިން. ތިބި ބައިވެރިން. އެހެންވީމާ، ތިޔަ ބައިވެރިންނަށް ސިފައިންގެ ޚިދުމަތުގައި ކުރިއަށް ދިޔުމުގެ މަގުވެސް އޮންނާނީ ހުޅުވިފައި. ކުރިޔަށް ދިޔުމަކީ އެމީހަކު އަމިއްލައަށް ކުރަންޖެހޭ ކަމެއް. އަދާކުރާ ވަޒީފާއަށް އިޙްތިރާމް ކުރުމާއި، ފަރުވާތެރިކަން ބެހެއްޓުމާއި، ތިމާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރަމުން ގެންދިޔުމަކީ، ކުރިއަށް ދިޔުމަށް އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅު. އެއީ، ހަމަ ތިޔަބައިވެރިންގެ އަތްމަތީގައި އޮތް ކަމެއް.

ކޮންމެ އިންސާނަކުވެސް ބޭނުންވާނެ، އެމީހާގެ މަގާމު މައްޗަށްދާން. އެމީހާއަށް ލިބޭ ފުރުޞަތުތައް އިތުރުވާން. ޙަޔާތުގެ މައިދާނުގައި އިތުރު ކާމިޔާބީތަކަކާ ހަމައަށް ވާޞިލުވާން. އެކަންކަމަކީ، މާތްﷲ ކޮންމެ އިންސާނަކަށްވެސް ދެއްވާފައިވާ ފުރުޞަތެއް. އެކަންކަން ބިނާވެފައިވާނީ، އެމީހެއްގެ ޤާބިލުކަމާއި، އެމީހެއްގެ ހުޝިޔާރުކަމާއި، އެމީހެއްގެ ވަފާތެރިކަމާއި، އެމީހަކު އެމީހެއްގެ ވާޖިބުތަކަށް ދޭ ސަމާލުކަމުގެ މައްޗަށް. އެހެންވީމާ، މިކަމަށްވެސް ތިޔަ ހުރިހާ ބައިވެރިން ސަމާލުވުމަކީ ވަރަށް މުހިންމު ކަމެއް.

އާދެ، ސިފައިންނަކީ ވަރަށް ޚާއްޞަ ޚިދުމަތެއް އަދާކޮށްދޭންޖެހޭ ބަޔަކަށްވާތީ، ސަރުކާރުން އަބަދުވެސް ސިފައިންނާ ދޭތެރޭގައި ގެންގުޅެނީ ވަރަށް ރަނގަޅު ސިޔާސަތެއް. ސިފައިންނަށް ބޭނުންވާ ޢިނާޔަތްތައް ހޯދައިދިނުމަށާއި، ސިފައިންގެ ކުރިއެރުމަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމުގައި، ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއްދޭ. އެހެން މުއައްސަސާތަކުގެ މުވައްޒަފުންނާ ޚިލާފަށް ސިފައިންނަށް އޮންނާނީ މިފަދަ ކަންތައްތައް ހަމަޖެހިފައި.

ހަމައެހެންމެ، ސިފައިންގެ ކުރިއެރުމާއި ތަރައްޤީއަށް ސަރުކާރުން އަބަދުވެސް ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން. އަޅުގަނޑަކީ، މިވަގުތު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ މަގާމުގައި ހުރި މީހަކަށްވާތީ، މިކަމަށް އަޅުގަނޑުދޭ އަހަންމިއްޔަތާއި ސަމާލުކަންވެސް، ތިޔަ ހުރިހާ ބައިވެރިންނަށް ވަރަށް ރަނގަޅަށް އެނގޭނެ. ހަމައެއާއެކީގައި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ، އަލްފާޟިލް އިސްމާއިލް ޝަފީޢު، ސިފައިންގެ ކުރިއެރުމަށާއި ތަރައްޤީއަށް ކުރައްވާ މަސައްކަތްތައް، އަޅުގަނޑު ވަރަށް ގާތުން ބަލަމުން ގެންދަން. އެހެންވީމާ، އެމަނިކުފާނު އެ ކޮށްދެއްވާ އިޚްލާޞްތެރި ޚިދުމަތްތަކަށްޓަކައި އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެއާއެކީގައި، ޗީފް އޮފް ސްޓާފް އެ ކޮށްދެއްވާ ޚިދުމަތްތައް، އެއީ، އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކުރަމުން ގެންދާކަމެއް. އަބަދު އޭނާ ކުރައްވާ މަސައްކަތަކީ، ސިފައިންގެ ކަންތައްތައް އެއްދުވަހުން އަނެއް ދުވަހައް ތަރައްޤީ ކުރައްވައި ކުރިއަށް ގެންދެވުމަށް ކުރައްވާ މަސައްކަތްތަކެއް. އެ މަސައްކަތްތައްވެސް އަޅުގަނޑު ވަރަށް ގާތުން ދެކެމުން ގެންދަން. އެހެންވީމާ، ޗީފް އޮފް ސްޓާފް އެ ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކުރަމުން، އޭނާއަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ޗީފް އޮފް ސްޓާފްގެ އިތުރުން، ސިފައިންގެ އިސްއޮފިސަރުން ކުރައްވާ މަސައްކަތްތައްވެސް އަޅުގަނޑު ދަންނަން. އެ ހުރިހާ ބޭފުޅުންނަކީވެސް، ސިފައިންގެ ތަރައްޤީއަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވާ ބޭފުޅުން. އެހެންވީމާ، އެ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަދިވެސް އެއްފަހަރު ތިޔަ ބައިވެރިންނަށް މިއަދު ތިޔަކުރި ހުވާގެ މުނާސަބަތުގައި އަދި ތިޔަ ބައިވެރިން މިއަދު ރަސްމީގޮތުން ރާއްޖޭގެ ސިފައިންގެ ޚިދުމަތާ ގުޅުނީތީ، ތިޔަ ހުރިހާ ބައިވެރިންނަށް ތަހުނިޔާއާއި މުބާރަކްބާދީ ތަކުރާރު ކުރަމުން. އަދި ތިޔަ ބައިވެރިންގެ ފަރާތުން ދިވެހި ސިފައިންނަށާއި، ދިވެހި ޤައުމަށް އިތުރު ކުރިއެރުމާއި، ތަރައްޤީއާއި، އިތުރު އުސްމިންތައް ޙާޞިލުވުމުގެ މަގު ފަހިވެގެންދާނެ ކަމަށް އުންމީދު ކުރަމުން، މާތްﷲ އަޅުގަނޑުމެން އެންމެންނަށް މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ތައުފީޤު ދެއްވާށި! އަޅުގަނޑުމެންނަކީ، އެކަލާނގެ ރުއްސަވާވޮޑިގެންވާ މަގުގައި ކުރިއަށްދާ ބަޔަކު ކަމުގައި ލައްވާށި! އެކަލާނގެ ވާގިފުޅާއެކު، ދިވެހި ޤައުމާއި، ރައްޔިތުންގެ ސަލާމަތާއި، ތަރައްޤީއާއި މިނިވަންކަމާއި ކުރިއެރުމަށްޓަކައި ސިފައިން ކުރަމުން ގެންދާ މަސައްކަތްތަކުގައި ބަރަކާތް ލައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه.