بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ، وَعلـى آلـه وأصـحَابِه أجمـعـين.

އާދެ! ރާއްޖޭގެ ތަޢުލީމާބެހޭ ބައްދަލުވުން ”އެޑިޔުކޭޝަން ކޮންފަރެންސް 2008“ މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން މިރޭ އިފުތިތާޙު ކޮށްދިނުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ އިސްވެރިންނަށް ޚާއްޞަ ކުރައްވައިގެން، މިފަދަ މުހިންމު ބައްދަލުވުމެއް އިންތިޒާމު ކުރެއްވި ކަމަށްޓަކައި މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްފާޟިލާ ޒާހިޔާ ޒަރީރަށާއި، އެމިނިސްޓްރީގެ ވެރިންނަށާއި، މުވައްޒަފުންނަށާއި، ތަޢުލީމީ ދާއިރާގައި މިކަމާ ގުޅިގެން މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މިރޭގެ މިޖަލްސާގައި، މަރްޙަބާ ވިދާޅުވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރ ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް އާދަމަށް ވަރަށް އުފަލާއެކު ޝުކުރު ދަންނަވަން.

އާދެ! ރާއްޖޭގެ ތަޢުލީމު މިވަނީ މާތްﷲގެ ރަޙްމަތްފުޅުން އެކަށީގެންވާ ކުރިއެރުންތަކެއް ހޯދާފައި. އަޅުގަނޑުމެންނަށް ފެނިގެން އެދިޔަ ވީޑިއޯއިންވެސް މިކަން ވަރަށް ރަނގަޅަށް ހާމަވެގެން ހިނގައްޖެ. މިދިޔަ 75 އަހަރު ދުވަހުގެ ތެރޭގައި، އާދެ! 1932 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 22 ވަނަ ދުވަހު ރާއްޖޭގައި ރަސްމީ ތަޢުލީމު ފެށުނު ހިސާބުން ފެށިގެން މިއަދާ ހަމައަށް ދިވެހި ރައްޔިތުން ތަޢުލީމީ މައިދާނުގައިވަނީ ވަރަށް ބޮޑެތި މަރުޙަލާތަކެއް ގިރާކޮށްފައި. ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި. މި ކުރިއެރުންތަކުގެ ފަހަތުގައި ވަރަށްގިނަ ބަޔަކު އެބަތިބި. އެކި ދައުރުގައި ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުން ތަޢުލީމަށް ދެއްވި އަހަންމިއްޔަތު، ތަޢުލީމު ފުޅާކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތައް، އެކަމަށްޓަކައި އެކަށައެޅުއްވި ހަރުދަނާ ސިޔާސަތުތައް، ހަމައެހެންމެ، އެ ސިޔާސަތުތައް ތަންފީޒު ކުރެއްވުމަށްޓަކައި ސަރުކާރުން ޢައްޔަނު ކުރެއްވި ބޭފުޅުން އެ ކުރެއްވި މަސައްކަތްޕުޅުތައް، މިކަމުގެ ފަހަތުގައިވާކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ.

ހަމައެއާއެކީގައި ދިވެހި ރައްޔިތުން މިކަމަށް ދެއްވާ ތަރުޙީބާއި އަދި މިދިޔަ 75 އަހަރު ދުވަހުގެ ތެރޭގައި، ދިވެހި ރައްޔިތުން ތަޢުލީމަށް ދެއްވި ޝައުޤުވެރިކަމާއި، ރައްޔިތުންގެ ހިތްތަކުގައި ތަޢުލީމަށް އޮތް ލޯތްބާއި، މިކަންކަމީވެސް މި 75 އަހަރު ދުވަހުގެ ތެރޭގައި ތަޢުލީމީ އުޅަނދު މި ކަޑައްތުކުރި ރާސްތާއަށް މަގުފަހިކޮށްދިން ކަންތައްތަކެއް ކަމުގައި އަޅުގަނޑު ދެކެން. އެހެންކަމުން، މި ހުރިހާ ކަމެއްގައި ޝާމިލުވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށާއި، ހުރިހާ ފަރާތްތަކަކަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

ދިވެހިރާއްޖޭގެ ރައްޔިތުން އަޅުގަނޑު މި މަގާމަށް އިންތިޚާބު ކުރައްވައިގެން، 1978 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު މިމަގާމާ ހަވާލުވީއްސުރެ މިހާތަނާ ޖެހެންދެން ރާއްޖޭގެ ތަޢުލީމަށް އަޅުގަނޑު ދެމުން މިއައީ ވަރަށްބޮޑު އިސްކަމެއް. އަޅުގަނޑު އަމިއްލައަށް މިހެން ދަންނަވަން ފަސޭހައެއް ނޫން. އެހެން ނަމަވެސް، އެއީ ތާރީޚީ ޙަޤީޤަތަކަށްވާތީ، އެކަން މިދަންނަވާލީ.

ދިވެހި ސަރުކާރުން 1978ން ފެށިގެން އެންމެބޮޑު އިސްކަމެއް ދެމުން އައީ ރާއްޖޭގެ ތަޢުލީމަށް. އެއީ އޭރު ރާއްޖޭގެ ތަޢުލީމީ ޙަޔާތް އޮތްގޮތުން، އަޅުގަނޑުމެންނަށް އެކަން ކުރަން އެގޮތަށް ޖެހުނީތީ. ރާއްޖޭގައި ސަރުކާރުގެ ޚަރަދުގައި ހިނގާ ސްކޫލްތައް އޭރު ވަރަށްމަދު. ކިޔަވާ ކުދިންގެ އަދަދުވެސް އެހާ މަދު. މުދައްރިސުންވެސް މަދު. ތަޢުލީމު ޙާޞިލު ކުރުމަށް ބޭނުންވާ ވަސީލަތްތައްވެސް ހަމަ އޮތީ ވަރަށް ހިތާމަކުރުން އެކަށީގެންވާ ފެންވަރެއްގައި.

އެކަން އެހެން އޮއްވައި، އަޅުގަނޑުމެން މިހާރު މިތިބަ ފެންވަރަށް ރާއްޖޭގެ ތަޢުލީމު އައިސްފައި މިއޮތީ، މިވޭތުވެދިޔަ ތިރީހަކަށް ދުވަހުގެ ތެރޭގައި، ސަރުކާރުގެ ބަޖެޓުން ވަރަށް ބޮޑެތި ޚަރަދުތަކެއް ކޮށްގެން. މިމަސައްކަތުގައި އެހީތެރިވެދެއްވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވާލަން ބޭނުން.

އާދެ! އަޅުގަނޑު ރައީސްކަމާ ހަވާލުވިފަހުން މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަގާމު ވަރަށްގިނަ ބޭފުޅުން ފުރުއްވައިފި. އޭގެތެރެއިން، ބައެއް ޢިއްޒަތްތެރި ބޭފުޅުން މި ޖަލްސާގައިވެސް އެބަ ތިއްބެވި. އެހެންވީމާ އެހުރިހާ ބޭފުޅުން، އެބޭފުޅުންގެ ދައުރުގައި ރާއްޖޭގެ ތަޢުލީމު އިތުރަށް ހަރުދަނާ ކުރައްވައި، ކުރިއަށް ގެންދެވުމަށް ކުރެއްވި މަސައްކަތްޕުޅުތަކަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. ހަމައެހެންމެ، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަގާމުގައި މިއަދު އެ ހުންނެވި އަލްފާޟިލާ ޒާހިޔާ ޒަރީރު އެ ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެކަމަނާއަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. މީގެއިތުރުން، އަޅުގަނޑުމެންގެ ސްކޫލްތަކުގެ ވެރިން. އާދެ! ތިޔަބޭފުޅުން ތިޔަ ކޮށްދެއްވާ ޚިދްމަތްތަކުގެ މަތިންވެސް އަޅުގަނޑު ވަރަށް އުފަލާއެކު ހަނދާން ކުރަން.

މިއީ، ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ވެރިން ހާޒިރުވެވަޑައިގެން ޖަލްސާއެއް. ސްކޫލްތަކުގެ ވެރިން އާދެ! ޕްރިންސިޕަލުންނާއި ހެޑްމާސްޓަރުންނާއި އަދި އެނޫން ގޮތްގޮތުން ސްކޫލްތައް ހިންގަވަން ތިއްބެވި ބޭފުޅުންނާއި އަދި ސްކޫލްތަކުގެ ސުޕަވައިޒަރުންނާއި، މުދައްރިސުންނާއި، ސްކޫލްތަކުގެ މުވައްޒަފުންނާ، މިހުރިހާ ބޭފުޅުންވެސް ރާއްޖޭގެ ތަޢުލީމު ކުރިއަށް ގެންދެވުމަށްޓަކައިވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވާފައި. އެކަމުގެ އަގު ވަޒަން ކުރަމުން، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ތަޢުލީމާބެހޭ މިބައްދަލުވުމުގެ އެންމެ މުހިންމު މަޤްޞަދަކީ، ރާއްޖޭގެ ތަޢުލީމީ ފެންވަރު މަތިކުރުން. ތަޢުލީމީ ފެންވަރު މަތިކުރުމަކީ، ހަމައެކަނި ދިވެހިރާއްޖެއިން ކުރާ ކަމެއް ނޫން. އެއީ ޙަޤީޤަތުގައި ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް މެދުނުކެނޑި ކުރަމުން އަންނަ ކަމެއް. ތަޢުލީމާބެހޭ ޖަލްސާތައް އަބަދު ބާއްވައި، ތަޢުލީމު ދެވޭ ގޮތާ ބެހޭގޮތުން މަޝްވަރާކޮށް، ކޮންމެ ޤައުމެއްގައިވެސް ތަޢުލީމީ ނިޒާމަށް ބަދަލުތަކެއް އެބަ ގެންނަމުންދޭ. މުޤައްރަރުތައްވެސް ބަދަލުކުރަމުން އެބަގެންދޭ. މިއީ އެކަންވާނެވެސްގޮތް. ވަކިދުވަސްތަކެއް ވަންދެން، ވަކިގޮތަކަށް ކަންތައްތައް ގެންދިޔައީމާ، އެކަމުން ލިބޭ ފައިދާއާއި، އެކަމުގައި ހުރި އުނިކަން އަޅުގަނޑުމެންނަށް އިޙްސާސް ކުރެވޭނެ.

އެހެންވީމާ، އެ އުނިކަންތައް ވީހާވެސް ބޮޑަށް ކުޑަކޮށް، ފައިދާ އިތުރުކުރެވޭތޯ މަސައްކަތް ކުރުމަކީ، ކޮންމެ ބަޔަކުވެސް ކުރާނެ ކަމެއް. އަދި ކުރަންޖެހޭނެ ކަމެއް. އެގޮތުން ދިވެހިރާއްޖޭގައިވެސް ތަޢުލީމާބެހޭ ޖަލްސާތައް ވަރަށް އަވަސް އަވަހަށް ބާއްވައި، ތަޢުލީމާ ބެހޭގޮތުން ވާހަކަ ދައްކައި، ރާއްޖޭގެ ތަޢުލީމު އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުމަށް މިދަނީ މަސައްކަތް ކުރަމުން. އެހެންވީމާ، މިރޭ މި އިފްތިތާޙު ކުރެވޭ ޖަލްސާއަކީވެސް މިދެންނެވި ބީދައިން ބޭއްވޭ ޖަލްސާއެއް. ވަރަށްގިނަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ފަސްދުވަހުގެ ބައްދަލުވުމެއް. އަޅުގަނޑު ދެކޭގޮތުގައި ޖަލްސާގެ ބައިވެރިންނަށް ވަރަށްގިނަ މަޢުލޫމާތުތައް ލިބިވަޑައިގަންނަވާނެ. ވަރަށްގިނަ ތަޖުރިބާތައް ބަދަލުކުރެއްވޭނެ. އަޅުގަނޑުމެން ކުރިއަށްދާންވީ މަގު ފަހިކުރުމުގައި ވަރަށް ގިނަ ރަނގަޅު ތާޒާ ޚިޔާލުތައް ލިބިވަޑައިގަންނަވަމުންދާނެ.

އާދެ! ތަޢުލީމުގެ ފެންވަރު މަތިކުރުމުގައި ވަރަށްގިނަ ކަންތައްތަކެއް އެކުލެވިގެންވޭ. އޭގެތެރޭގައި، ތަޢުލީމީ ނިޒާމު ރޭވިފައިވާގޮތް ހިމެނޭ. ރާއްޖޭގެ ތަޢުލީމީ ނިޒާމު މިހާރު ރޭވިފައި މިވަނީ އެންމެ ރަނގަޅަށްތޯ އަޅުގަނޑުމެން އެބަ ވިސްނާލަންޖެހޭ. އެއްވެސް ތަނެއްގައި އެންމެ ފުރިހަމަކޮށް ކަމެއް ނޯންނާނެ. ރާއްޖޭގެ ތަޢުލީމު ނިޒާމުވެސް މިހާރު މިއޮތީކީ އެންމެ ފުރިހަމަކޮށެއް ނޫން. އެހެންވީމާ، ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި މިހާރު ހުރި އުނިކަންތައްތައް އަޅުގަނޑުމެން ދެނެގަންނަން އެބަޖެހޭ. މި ނިޒާމު އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރުމަށްޓަކައި އަޅަންޖެހެނީ ކޮންކަހަލަ ފިޔަވަޅުތަކެއްތޯ ބަލައި، އަޅުގަނޑުމެން އެންމެން މަޝްވަރާކޮށްގެން އެކަމަށް އެއްބަސްވާން އެބަޖެހޭ. އަދި އަޅުގަނޑުމެން ކިޔަވައިދޭ މުޤައްރަރުތައް، އާދެ! ތަޢުލީމީ މަންހަޖުވެސް ބަދަލުކުރަން އެބަޖެހޭ.

ކޮންމެ ޤައުމެއްގައިވެސް އެ ތަޢުލީމީ މަންހަޖު މި ބިނާކުރަނީ، އާންމު އުސޫލުތަކެއްގެ މައްޗަށާއި، އަދި އެޤައުމަކަށް ބޭނުންވާ ކަންތައްތަކުގެ މައްޗަށް. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އެކަން އޮންނަންޖެހޭނީ އެހެން. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ތަޢުލީމު ދިނުމުގައި ގެންގުޅޭ މައިގަނޑު އުސޫލުތަކަކީ ކޮބައިތޯ ބަލައި، އެ އުސޫލުތަކަށް އަޅުގަނޑުމެން ޙުރުމަތްތެރިކޮށްހިތަންޖެހޭނެ. އެއާ އެއްގޮތަށް ކަންތައް ކުރެވޭތޯ ބަލަންޖެހޭނެ.

އޭގެއިތުރުން، އަޅުގަނޑުމެންގެ ރާއްޖެއަށް ބޭނުންވަނީ ކޮންކަހަލަ ކަންތައްތަކެއްތޯ؟ ރާއްޖޭގެ މުޖުތަމަޢަށް ބޭނުންވަނީ ކޮންކަހަލަ ހުނަރުތަކެއްތޯ؟ ކިހިނެއް ތަޢުލީމުދޭންތޯ؟ މިއީ އަޅުގަނޑުމެން އެކަންކަމާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނައި ދިރާސާކޮށް، ގޮތްތަކެއް ނިންމަންޖެހޭނެ ކަންތައްތައް.

އަޅުގަނޑުމެންގެ ރާއްޖޭގައިދޭ ތަޢުލީމު ވާންޖެހޭނީ، ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ތަޢުލީމަކަށް. އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކަށް އެންމެ ރަނގަޅު މަގުތަކެއް ކޮށައިދޭ ތަޢުލީމަކަށް. އެކުދިންގެ ބޭނުން އެންމެ ރަނގަޅު ގޮތަކަށް މުޅި ޤައުމަށް ހިފޭ ތަޢުލީމަކަށް. އެހެންވީމާ، މިކަމަކީ ހަމައެކަނި އެހެން ތަންތާނގައި އޮންނަ ގޮތަށް ގެންދިޔުމުގެ ބަދަލުގައި، އަޅުގަނޑުމެންގެ ރާއްޖެއަށް ބޭނުންވާގޮތަށް އަޅުގަނޑުމެން ބައްޓަން ކުރަންޖެހޭނެ ކަމެއް.

އާދެ! މިކަންކަމުގައި ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މިހާރު މަސައްކަތް ކުރައްވާ ތިޔަބޭފުޅުންނާއި، އަދި ތިޔަބޭފުޅުންގެ އިތުރުން، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ މުދައްރިސުންނާއި، ސުޕަވައިޒަރުންނާ އަދި މުޤައްރަރުތައް ހައްދަވާ ބޭފުޅުންނާ، މިހުރިހާ ބޭފުޅުންގެ ޚިޔާލާއި މަޝްވަރާ މިކަމުގައި ބޭނުންވޭ. ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިތޯ ބަލައި، އެގޮތަކަށް ކަންތައް ކުރުމަކީ މުސްތަޤުބަލަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއްކަން ކަށަވަރު.

އެހެންވީމާ، އަޅުގަނޑުގެ އެދުމަކީ، މިބައްދަލުވުމަކީ މިދެންނެވި މަޤްޞަދުތައް ހާސިލުވާގޮތަށް ކުރިއަށްދާ ބައްދަލުވުމަކަށްވުން. ވީހާ ފުޅާ ދާއިރާއެއްގައި ތިޔަބޭފުޅުން ޚިޔާލު ބަދަލުކުރައްވައި، މަޝްވަރާ ކުރައްވައި، ރާއްޖޭގެ ތަޢުލީމަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ނިންމަވައިދެއްވުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތައް ކާމިޔާބުކަމާ އެކީގައި ކުރައްވާ ބައްދަލުވުމަކަށްވުން.

އާދެ! މިފުރުޞަތުގައި ތިޔަބޭފުޅުން އިސްކަންދެއްވަން ޖެހިވަޑައިގެންފައިވާ ވަރަށް މުހިންމު ތިން ކަމެއްގެ ވާހަކަ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. އޭގެތެރެއިން އެއްކަމަކީ، މީގެކުރިންވެސް މިތާނގައި ޑޮކްޓަރ ޝެހެނާޒް ވާހަކަފުޅު ދެއްކެވިއިރު ވިދާޅުވިހެން، ތަޢުލީމު ދިނުމަކީ ކުދިންނަށް ހަމައެކަނި މަޢުލޫމާތު ދިނުމެއް ނޫންކަން އެބަ ހަނދާން ކުރަންޖެހޭ. މަޢުލޫމާތު ދިނުމަކީ އެތައް ގޮތަކުން ކުރެވިދާނެ ކަމެއް. ލިޔަން ކިޔަން ދަންނަ މީހަކު ފޮތެއް ކިޔުމުންވެސް އޭނާއަށް މަޢުލޫމާތުތަކެއް ލިބޭނެ. ނޫސް ކިޔުމުންވެސް މަޢުލޫމާތުތަކެއް ލިބޭނެ. މިހާރު ވެބްސައިޓްތައް ބަލައިލީމާވެސް މަޢުލޫމާތުތަކެއް ލިބޭނެ.

އެކަމަކު އެއީކީ ތަޢުލީމު ދިނުމެއް ނޫން. ތަޢުލީމު ދިނުމަކީ ހަމައެކަނި ވަކިކަހަލަ ޢިލްމީ ޙަޤީޤަތްތަކެއް ކުދިންނަށް ކިޔައިދިނުމެއް ނޫން. ވަކިކަހަލަ މަޢުލޫމާތުތަކެއް ކުދިންގެ ސިކުނޑިތަކަށް އަޅައި، އެސިކުނޑިތައް ފުރާލުމެއް ނޫން. އޭގެއިތުރުން، ތަޢުލީމަކީ ކުދިންގެ ޝަޚްޞިއްޔަތު ބިނާކުރާ އެއްޗަކަށްވާންޖެހޭނެ. ޅަކުދިންތަކެއް މުޖްތަމަޢަށް ނުކުންނައިރު، އެކުދިންނަކީ ހަރުދަނާ، ޤާބިލު، ޤައުމަށާއި ރައްޔިތުންނަށް ވަފާތެރި އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރާ ބަޔަކަށް ހެދުމަކީ، ތަޢުލީމުގެ އެންމެ މުހިންމު ބޭނުން.

އެހެންވީމާ، އަޅުގަނޑުމެން ބޮޑެތި ޚަރަދުތަކެއް ކޮށްގެން، ބޮޑެތި ޢިމާރާތްތަކެއް ހަދައިގެން، މުދައްރިސުންނަށް މުސާރަ ދީގެން، އެތަންތަނަށް ކުދިން ފޮނުވައިގެން، ކުދިންނަށް ތަޢުލީމު ދެމުން މިގެންދަނީ. މިއީ ވަރަށްބޮޑު ކަމެއް. ތަޢުލީމުގެ އެންމެބޮޑު އެއްކަމަކީ، އަޅުގަނޑުމެން ބޭނުންވާ މައިގަނޑު ރީތި އުސޫލުތައް ކުދިންނަށް ދަސްކޮށްދިނުން. ކުދިންގެ ޝަޚްޞިއްޔަތު ހަރުދަނާ ގޮތުގައި ބިނާކުރުމަށްޓަކައި އެކުދިންނަށް ބޭނުންވާ މިދެންނެވި މައިގަނޑު ސިފަތައް ކުދިންނަށް އަންގައިދިނުން. ކުދިންގެ ހަށިތަކުގަޔާއި ހިތްތަކުގައި، އެސިފަތައް އަށަގެންނެވުން.

އާދެ! އަޚުލާޤީ މާތް ސިފަތައް، ދިވެހި ރައްޔިތުންގެ ހައިސިއްޔަތުން އެކުދިން އަދާކުރަންޖެހޭނެ ވާޖިބުތައް، އެކުދިންގެ މަސްއޫލިއްޔަތުތައް، އެކިއެކި އިޖުތިމާޢީ އަގުތައް، (ވެލިއުސް) މިކަންކަން އެކުދިންނަށް އަޅުގަނޑުމެން ދަސްކޮށްދޭންޖެހޭނެ. އަޅުގަނޑުމެންގެ ތަޢުލީމަކީ މިދެންނެވިފަދަ އިޖުތިމާޢީ ރީތި އަގުތަކެއްގެ މައްޗަށް ބިނާވެފައިވާ ތަޢުލީމަކަށް ހަދަން އެބަޖެހޭ. އެހެންވީމާ، މިކަމަކީ އަޅުގަނޑު ހިތުން މިޖަލްސާގެ ބައިވެރިން ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވަންޖެހޭނެ ކަމެއް.

ދެން ދަންނަވާލަން އޮތީ ވަރަށް މުހިންމު ވާހަކައެއް. ހައްތާވެސް މުހިންމު ވާހަކަ ދެންނެވޭތޯ މިބަލަނީ. އެހެންނަމަވެސް، ދެން ދަންނަވާލަން އޮތް ވާހަކައަކީ ވަރަށް ޚާއްޞަ ވާހަކައަކަށްވާތީ، އެހެން މިދަންނަވާލެވުނީ. އާދެ! އެއީ އިސްލާމް ކިޔަވައިދިނުން. ޝައްކެއްނެތް. މާތްވެގެންވާ އިސްލާމްދީނަކީ މާތްﷲ ފޮނުއްވި އެންމެ މާތް ދީން. އެދީނަކީ އަޅުގަނޑުމެންގެ ހެޔޮ ނަސީބު ކަމަށްވެފައިވާ ދީން. މާތްﷲގެ ހިދާޔަތު އެކުލެވިގެންވާ ދީން. އެ ދީން އޭގެ އަސްލު ރަނގަޅު ގޮތުގައި އަޅުގަނޑުމެންގެ ކުދިންނަށް ކިޔަވައިދޭން، އަންގައިދޭން އަޅުގަނޑުމެންނަށް އެބަޖެހޭ. ކޮބައިތޯ ދީނުގެ ރުކުންތަކަކީ؟ ކޮބައިތޯ ދީނުގެ ޢަޤީދާތަކަކީ؟ ކޮބައިތޯ ދީނުގައި އެކުލެވިފައިވާ އާންމު އުސޫލުތަކަކީ؟ ކޮބައިތޯ ދީނުގައި އަޅުގަނޑުމެންނަށް ހަދިޔާކޮށްދެއްވާފައިވާ އަޚުލާޤީ މިންގަނޑުތަކަކީ؟ މިކަންކަން އެބަޖެހޭ އަޅުގަނޑުމެންގެ ދަރިންނަށް ކިޔަވައިދޭން.

ކިޔަވައިދޭއިރު ގެންގުޅެންޖެހޭ ހަމަތަކަކާއި އުސޫލުތަކެއްވެސް އެބަހުރި. އަޅުގަނޑުމެން މި ބުނާ އެއްޗެއް، މުދައްރިސް އެ ކިޔަވައިދެއްވާ އެއްޗެއް ކުދިންނަށް ގަބޫލުކުރެވެންޖެހޭނެ. ކުދިންގެ ހިތްތަކަށް އެކަން ރަނގަޅަށް ވަންނަންޖެހޭނެ. ކުދިންގެ ހިތްތަކުގައި އުފެދޭ ސުވާލުތަކަށް މުދައްރިސް ޖަވާބު ދެއްވަންވާނެ. އަދި އެސުވާލުތައް ކުރުމުގެ ފުރުޞަތު ކުދިންނަށް ދެއްވަންޖެހޭނެ.

އިސްލާމްދީނަކީ ބުއްދި ގަބޫލުކުރާ ދީނެއް. އެދީނުގައި އެއްވެސް ސުވާލަކަށް ޖަވާބު ދިނުމަކީ ދަތިކަމެއް ނޫން. ކުދިން ކުރާ ކޮންމެ ސުވާލަކަށް ކީރިތި ޤުރްއާނުން، މާތް ރަސޫލާގެ ސުންނަތުން، ޢިލްމުވެރިންގެ ބަސްފުޅުތަކުން ޖަވާބު ދެއްވޭނެ. އިސްލާމްދީނުގައި އަންގަވާފައިވާ އެއްވެސް ޢަޤީދާއަކީ، އެކަމާ ދޭތެރޭގައި މީހަކު ސުވާލެއް ކޮށްފިއްޔާ، އެއްޗެއް ބުނަން ނޭނގޭކަހަލަ ކަމެއް ނޫން.

އިސްލާމް މުދައްރިސުންނަށް މިކަންކަން އެނގިވަޑައިގަންނަވަންޖެހޭނެ. އެކަމުގެ ޙަޤީޤަތް އެނގިވަޑައިގެން، ކުދިން ލައްވާ ސުވާލު ކުރައްވަންވާނެ. ކުދިންނަށް އެފުރުޞަތު ދެއްވަންވާނެ. ސުވާލުކޮށްގެން ކުދިން ހިތްހަމަޖެހޭފަދަ ޖަވާބުތަކެއް ދެއްވަންވާނެ. އެކުދިންނަކީ ޙަޤީޤީ މުސްލިމުން ކަމަށްވާނީ އޭރުން. ހަމައެކަނި ބައްޕަ ބުނީމާ، މަންމަ ބުނީމާ ނުވަތަ މުޖްތަމަޢު އެދޭތީ މުސްލިމަކަށްވުމުގެ ބަދަލުގައި، ފުރިހަމަ އީމާންކަމާ އެކީގައި، މުއުމިނުން ކަމަށްވެވޭނީ އޭރުން. ތިމަންނާ މިހުރީ އިސްލާމްދީނުގައިކަން، އެއީ މާތްﷲ ފޮނުއްވި އެންމެ މާތް ދީންކަން، އެދީނުގެ މަގަކީ އެންމެ ސާފުސީދާ، އެންމެ ތެދުމަގުކަން، އެދީނުގައި ކަންކަން ކަނޑައަޅުއްވާފައި މިވަނީ ބުއްދި ގަބޫލުކުރާ އުސޫލެއްގެ މަތިންކަން، ހިތްހަމަޖެހުމާއެކު ކުދިންނަށް އޭރުން ގަބޫލުކުރެވޭނެ. އެގޮތަށް އެކަން ކުރީމާ، އެކުދިންނަކީ ފުރިހަމަ މުސްލިމުން ކަމަށްވާނީ. އެހެންވީމާ، އިސްލާމް ކިޔަވައިދެއްވުމުގައި، މިދެންނެވި ކަންކަމަށް އިސްކަން ދެއްވުމަކީވެސް އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިންމު ކަމެއް.

އަނެއް ކަމަކީ، ކޮންމެ ކުއްޖަކަށްވެސް އެޑިޔުކޭޝަނަލް ކެރިއަރ ޕާތެއް ޤާއިމުކޮށްދިނުން. އެއީ ވަރަށް މުހިންމު ކަމެއް. ކިޔަވައި ނިމިގެން އެކުއްޖަކު ދާންއޮތީ ކޮންމަގަކުންކަން ކިޔައިދިނުން. އެކުއްޖާގެ ކުރިމަތީގައި ހުޅުވިފައިވާނީ ކޮންކަހަލަ ފުރުޞަތުތަކެއްތޯއާއި، ކުރެވޭނީ ކޮންކަހަލަ މަސައްކަތްތަކެއްތޯއާއި، އެކަމަށް ތައްޔާރުވުމަށްޓަކައި ކުރަންވީ ކޮންކަމެއްތޯ އޮޅުންފިލުވައިދޭންޖެހޭނެ.

އެހެންވީމާ، މިކަންކަމަކީވެސް މިބައްދަލުވުމުގައި އަޅުގަނޑު ހިތުން ތިޔަބޭފުޅުން މަޝްވަރާ ކުރައްވަންޖެހޭނެ ކަމެއް. އަދި އަޅުގަނޑުމެން މި ކިޔަވައިދޭ މަންހަޖު އިޞްލާޙު ކުރާއިރު، އެއަށް ބޭނުންވާ ބަދަލުތައްވެސް މިދެންނެވި ކަންތައްތަކަށް ރިޢާޔަތް ކުރައްވައިގެން ގެންނަވަން އެބަޖެހޭ. އަދި އެނޫންވެސް މުހިންމު ކަންތައްތަކަށް ވިސްނެވުން ބަހައްޓަވައިގެން، ގެންނަވަންޖެހޭ އިޞްލާޙުތައް ގެންނަވަންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން.

އާދެ! ކުރިންވެސް ދެންނެވިފަދައިން، ރާއްޖޭގެ ތަޢުލީމު ކުރިއަރުވައި ތަރައްޤީ ކުރުމަކީ، ސަރުކާރުގެ ސިޔާސަތުގެ ވަރަށް މުހިންމު ބަޔެއް. މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް އެ ވާހަކަ އަޅުގަނޑު އޮންނާނީ ދަންނަވާފައި. އޭގެތެރޭގައި ސަރުކާރުން މިއަހަރު ކުރަން ގަސްދުކުރާ ކަންތައްތަކެއްގެ ވާހަކަ ބަޔާންކޮށްފައިވޭ.

އެއްކަމަކީ، މިއަހަރުގެ ތެރޭގައި ރާއްޖޭގައި ޔުނިވަރސިޓީއެއް ހިންގަން ފެށުން. އިރާދަކުރެއްވިއްޔާ، އެ ޔުނިވަރސިޓީ ވަރަށް ކައިރި މުސްތަޤްބަލެއްގައި އުފެދޭނެ. އަނެއްކަމަކީ، ޤާނޫނާއި ގަވާއިދަށް ޙުރުމަތްތެރިކޮށްހިތާ ޒުވާނުންތަކެއް އުފެއްދުމުގެ މަގުސަދުގައި ސިވިކް އެޑިޔުކޭޝަން ޕްރޮގްރާމްތަކެއް ހިންގަން ފެށުން. މި ވާހަކަވެސް އަޅުގަނޑު އޮންނާނީ ރިޔާސީ ބަޔާނުގައި ދަންނަވާފައި. އިރާދަކުރެއްވިއްޔާ، މި ޕްރޮގްރާމް ހަމަ މިމަހު ފެށޭނެ. އަނެއްކަމަކީ، ޒުވާނުންނަށް ލިބޭ ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށްޓަކައި ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިޔުކޭޝަން ކޯސް ހިންގާ ޤައުމީ މަރްކަޒެއް އުފެއްދުމަށް ހަމަޖެހިފައިވާކަން. އެ މަރްކަޒު އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރުދަނީ ކުރެވެމުން. އިރާދަކުރެއްވިއްޔާ މާލަހެއްނުވެ އެ މަރްކަޒުވެސް އުފެދޭނެ.

ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މިހާރު ރާއްޖެއަށް އަންނަމުންމިދާ އިޞްލާޙީ ބަދަލުތަކުން ޤާއިމުކުރެވޭ ދީމުޤްރާޠީ ވެށްޓެއްގެ ހެޔޮ ސިފަތައް، ސްކޫލްތަކުން ފެންނަމުން ދިޔުމަކީވެސް ވަރަށް ފައިދާހުރި ކަމެކޭ. އޭގެތެރެއިން އެންމެ މުހިންމު އެއްކަމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން. އެކަމަކު ކޮންމެ މިނިވަންކަމަކީވެސް ވަކި ޙުދޫދެއްގެ ތެރޭގައި އޮންނަންޖެހޭނެ ކަމެއްކަން، އަޅުގަނޑުމެން ދަންނަން އެބަޖެހޭ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީވެސް އިންސާނީ ޙައްޤެއް. ކޮންމެ އިންސާނީ ޙައްޤަކީ، ވަކިދާއިރާއެއްގެ ތެރޭގައި ގެންގުޅެވޭނެ ކަމެއް. އެމީހާގެ ޙައްޤުގައި ހިފެހެއްޓުމުގައި އެހެން މީހުންގެ ޙައްޤަކަށް އަރައިގަނެގެނެއްނުވާނެ. އެހެންވީމާ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަންވެސް އޮންނާނީ، އެކަމަށް ކަނޑައެޅިފައިވާ ވެށްޓެއްގެ ތެރޭގައި، ޙުދޫދެއްގެ ތެރޭގައި، ދާއިރާއެއްގެ ތެރޭގައި. އެއިން ބޭރަށް ދިޔުމަކީ އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއް ނޫން.

މިކަންކަމުގައި އަޅުގަނޑުމެން ހިދާޔަތު ހޯދަން މިޖެހެނީ މާތްވެގެންވާ އިސްލާމްދީނުން. އިސްލާމްދީނުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަންވަނީ ދެއްވާފައި. އެހެންނަމަވެސް، ނުދެއްކޭނެ ވާހަކަތަކެއް ދީނުގައި އަންގަވާފައި އެބަހުރި. މިސާލަކަށް، އެއްބަޔަކު އަނެއްބަޔަކަށް މަލާމާތް ކުރުން، ފުރައްސާރަ ކުރުން މިއީ، ކީރިތި ޤުރްއާނުގައި މަނާކުރައްވާފައި އޮތް ކަމެއް.

"لَا يَسْخَرْ قَومٌ مِّن قَوْمٍ عَسَى أَن يَكُونُوا خَيْراً مِّنْهُمْ وَلَا نِسَاء مِّن نِّسَاء عَسَى أَن يَكُنَّ خَيْراً مِّنْهُنَّ" "ފިރިހެނުންގެ އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރާ ހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެއެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާ ހެޔޮކަން ބޮޑުކަމުގައި ވެދާނެއެވެ."

ފުރައްސާރަކުރުމަކީ، ކަނޑައެޅިގެން ޙަރާމު ކުރައްވާފައި އޮތް ކަމެއް. ހަމައެހެންމެ، ތިމާމެންގެ އަމިއްލަ ނަފުސުތަކަށް އިހާނެތިކަން ލިބޭގޮތަށް މީހުންނާ މުޚާޠަބު ކުރުން، މާނައަކީ، ވާހަކަ ދައްކާ މީހާ އެހެން މީހަކަށް އެކަށީގެންނުވާ ޢިބާރާތުން އެއްޗެތިކީމާ އޭނާ އަނބުރާ އެއްޗެތި ކިޔުން. އެހެންވީމާ، އެގެއްލުން މިލިބެނީ އަމިއްލަ ނަފްސުތަކަށް.

"وَلَا تَلْمِزُوا أَنفُسَكُمْ" "އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށް ޢައިބު ނުކިޔާށެވެ!" (އެބަހީ: އެކަކު އަނެކަކަށް ޣީބާ ނުކިޔާށެވެ!) "وَلَا تَنَابَزُوا بِالْأَلْقَابِ" "އެއްބަޔަކު އަނެއް ބަޔަކު ނުރުހޭ ލަޤަބުތަކުން ނުގޮވާށެވެ!" މި އަންގަވަނީ އެކި ލަޤަބުތައް ދީގެން، އެކި ނަންނަން ކިޔައިގެން، އެކަކު އަނެކަކަށް ފުރައްސާރަ ނުކުރާށޭ.

ހަމައެހެންމެ އަންގަވާފައި އެބައޮތް. "وَلَا يَغْتَب بَّعْضُكُم بَعْضاً" "އަދި ތިޔަބައިމީހުންގެ ތެރެއިން އެއްބަޔަކު އަނެއް ބަޔަކަށް ޣީބަ ނުބުނާށެވެ!"

ޣީބަ ބުނުމަކީ ނުވަތަ ނެތިމޮށުމަކީ، ނުވަތަ މީހަކު ނެތް ތަނެއްގައި އެމީހެއްގެ ނުބައި ވާހަކަ ދެއްކުމަކީ، ދީނުގައި ޙަރާމު ކުރައްވާފައިވާ ކަމެއް. އެއްވެސް މިނިވަންކަމެއްގެ ނަމުގައިވެސް އެކަން ކޮށްގެން ނުވާނެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައިވެސް އެކަމެއް ކޮށްގެނެއް ނުވާނެ. އެއީ، ޤުރްއާނުގައި ޙަރާމުކުރައްވާފައި އޮތް ކަމެއް، ދީނުގައި މަނާކުރައްވާފައި އޮތް ކަމެއް، އެކަން ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ.

އެހެންވީމާ، މިއަންނަ ބަދަލުތަކަށް އަޅުގަނޑުމެން މަރުޙަބާ ކިޔާއިރުވެސް އަދި މި ދީމުޤްރާޠީ ވެށްޓަށް އަޅުގަނޑުމެން ޝައުޤުވެރިކަންދީގެން، އެ ވެށި ފުރިހަމަކުރަން މަސައްކަތް ކުރާއިރުވެސް، މިކަންކަން ކުދިންނަށް ރަނގަޅަށް އަންގަވައިދެއްވަން ޖެހޭނެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތްކަމާ، އެހެންނަމަވެސް، އެމިނިވަންކަމުގެ ވަކި ޙުދޫދެއް، ދީނުގައި ކަނޑައަޅުއްވާފައި އެބައޮތްކަން އަންގަވައިދެއްވަންޖެހޭނެ. އޭގެ ބޭރަކަށް އެއްވެސް މީހަކު ގޮސްގެނެއް ނުވާނެ. އޭގެ ބޭރަށް ދިޔުމަކީ ދީނުގައި ހުއްދަ ކަމެއް ނޫން. އެއީ، މުސްލިމުންގެ ހައިސިއްޔަތުން އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއްވެސް ނޫން.

ދަންނަވަން މިއުޅޭ ވާހަކައަކީ، ހަމައެކަނި ބޭރު ޤައުމުތަކުގައި މިހެން މިކަން އޮވެޔޭ ކިޔާފައި، ބޭރު ނޫސްތަކުގައި މިހެން ޖަހައޭ، ބޭރުގެ ރޭޑިއޯ ޓީ.ވީ.އިން މިހެން ކިޔައޭ ކިޔާފައި، އެގޮތަށް އަޅުގަނޑުމެން ޢަމަލުކުރާކަށް ނުޖެހޭ. އަޅުގަނޑުމެން ނުޖެހެޔޭ އެ ގަބޫލުކުރާކަށް. އަޅުގަނޑުމެން ގަބޫލުކުރަންޖެހެނީ، އަޅުގަނޑުމެންގެ ދީން ހުއްދަކުރާ ކަންތައްތައް. އަޅުގަނޑުމެންގެ މުޖުތަމަޢު ގަބޫލުކުރާ ކަންތައްތައް. އެނޫން ކަންތައްތައް ގަބޫލުކުރުމަކީ އަޅުގަނޑުމެންނަށް އޮތް ކަމެއް ނޫން.

އަޅުގަނޑުމެން ކޮންމެ މީހަކުވެސް އެކަކު އަނެކަކަށް އިޙުތިރާމު ކުރަން އެބަޖެހޭ. އެކަކު އަނެކަކަށް ކަމޭހިތަން އެބަޖެހޭ. ޚާއްޞަކޮށް، ކިޔަވާ ކުދިން، މުދައްރިސުންނަށް އިޙުތިރާމު ކުރުން އެއީ އަޅުގަނޑުމެން ދަސްކޮށްދޭން ޖެހޭނެ ކަމެއް. ކިޔަވާ ކުދިން މުދައްރިސުންނަށް އިޙުތިރާމު ކުރަންޖެހޭނެ. ކިޔަވާ ކުދިން، ސްކޫލްތައް ހިންގަވާ ވެރިންނަށް އިޙްތިރާމު ކުރަން ޖެހޭނެ. ކިޔަވާ ކުދިން، އެކުދިންގެ މައިންބަފައިންނަށް އިޙްތިރާމު ކުރަންޖެހޭނެ. އެކުދިންނަށްވުރެ ޢުމުރުން ދޮށީ މީހުންނަށް އިޙްތިރާމު ކުރަން ޖެހޭނެ. މިކަންކަން ކުދިންނަށް އަޅުގަނޑުމެން ދަސްކޮށްދޭންޖެހޭނެ. އެހެން މީހުންނަށް އިޙްތިރާމު ކުރަން ޖެހޭނެކަން ކުދިންނަށް އަންގައިދޭންޖެހޭނެ.

މިކަންކަން ދަސްކޮށްދެވޭނީ، ގޭތެރެއިންނާއި މަދަރުސާތަކުން. މައިންބަފައިންނާއި ބެލެނިވެރިންގެ ވާޖިބުވެސް މިކަމުގައި ވަރަށްބޮޑު. އެހެންނަމަވެސް، ދުވާލުގެ ގިނަ ގަޑިތަކަކީ ކިޔަވާ ކުދިން ސްކޫލުގެ ދާއިރާގެ ތެރޭގައި އުޅޭ ގަޑިތަކަށްވާތީ، މިކަންތައް އެންމެ ފަސޭހައިން ކޮށްދެއްވޭނީ މުދައްރިސުންނަށް، ސްކޫލްތަކަށް.

މިހާރަކަށް އައިސް މިކަންވެސް މިއޮތީ ވަރަށް އެހެން ގޮތަކަށް ބަދަލުވެފައި. އަޅުގަނޑަށް އިވޭގޮތުގައި ބައެއް ކްލާސްތަކުގެ ކުދިން، އެއްގޮތަކަށްވެސް މުދައްރިސުންނަކަށް ކިޔަމަނެއްނުވޭ. އިޙްތިރާމެއް ނުކުރޭ. އެ މުދައްރިސަކު ކްލާހުގައި އެއްޗެއް ކިޔަވައިދެއްވާއިރު ކަމަށްވިޔަސް، ނުވަތަ ބޭރުން މަގުމަތިން ފެންނައިރު ކަމަށްވިޔަސް، އެ މުދައްރިސަކަށް އެކުއްޖަކު ފުރިހަމައަށް އިޙުތިރާމު ކުރަން ޖެހޭނެ.

އިޙުތިރާމު ކުރުމާއި، އެކަކު އަނެކަކަށް ކަމޭހިތުމަކީވެސް އަޅުގަނޑުމެން ދަސްކުރަންވެއްޖެ ކަމެއް. މިކަން އެންމެ ރަނގަޅަށް ދަސްކޮށްދެވޭނީ ކުޑަކުދިންނަށް، ޅަކުދިންނަށް، މަދަރުސާތަކުން، ސްކޫލްތަކުން. އެހެންވީމާ، މިކަން ކުރެއްވުމަކީވެސް އަޅުގަނޑު ހިތުން ވަރަށް މުހިންމު ކަމެއް.

ހަމައެޔާއެކީގައި ދަންނަވާލަން އޮތީ، ސްކޫލް ކުދިންނާ ނުގުޅޭ އެކިކަންތައްތަކަށް އެކުދިންގެ ވިސްނުން ނޭނބުރޭނެ ގޮތަކަށް ކުދިން ތަރުބިޔަތު ކޮށްދެއްވުމަކީވެސް ވަރަށް މުހިންމު ކަމެކޭ. އަޅުގަނޑު ދެކެނީ، އެކަން މައިންބަފައިންނާއި ބެލެނިވެރިންނާއި ސްކޫލްތަކުން ކުރައްވަން ޖެހޭނެ ކަމަށް. އެއީ، ޤައުމުގައި ހިނގާ ހުރިހާ ކަމަކީ ސްކޫލް ކުދިންނާބެހޭ ކަމެއް ނޫން. ޙަޤީޤަތުގައި ކުދިން އަދި މިއުޅެނީ ޢަމަލީ ޙަޔާތަށް ތައްޔާރުވުމުގެ ދައުރުގައި. އަދި މިދަނީ ކްލާސްތަކަށް ކިޔަވަން. ސްކޫލް ކުދިންނާ ނުގުޅޭ ބައިވަރު ކަންތައްތައް މުޖްތަމަޢުގައި ހިނގާނެ. އެކަންކަމާ ކުދިން ބެހޭކަށް ނުޖެހޭނެ. އަދި އެކުދިން ބެހުނަދެއްވައިގެންވެސް ނުވާނެ.

އެހެންވީމާ، ކުދިންގެ ވިސްނުން ބައްޓަން ކުރައްވަންވާނީ، އެކަހަލަ ކަންތައްތަކާ ނުބެހި، ކިޔެވުމުގެ ދާއިރާގައި އެކުދިން އުޅޭގޮތަށް. ވަކި މަރުޙަލާއަކަށް ދިޔައީމާ، ސްކޫލްތަކުން ނިމިގެން، މުޖްތަމަޢުގައި ޚިދުމަތް ކުރަން ނުކުތީމާ އެއޮތީ އެކުދިންނަށް އެބައި ހުޅުވިފައި. އޭރުން އެކުދިންނަށް ފެންނަ ގޮތެއްގެ މަތިން އެކަންތައްތަކުގައި ބައިވެރިވެ ވާހަކަ ދައްކައި ކުރިއަށް ދިޔުމުގެ މަގު އޮންނާނީ ފަހިވެފައި.

އާދެ! އަޅުގަނޑު މި ދެންނެވި ކަންތައްތަކަށް ހުރިހާ ބޭފުޅުން މިބައްދަލުވުމުގައި ސަމާލުކަން ދެއްވާނެ ކަމަށް އަޅުގަނޑު ހީކުރަން. އަޅުގަނޑުގެ ވާހަކަ ނިންމާލާނީ، މިފަދަ މުހިންމު ބައްދަލުވުމެއް އިންތިޒާމު ކޮށްދެއްވީތީ، މިނިސްޓަރ އޮފް އެޑިޔުކޭޝަނަށާއި، މިނިސްޓްރީގެ ވެރިންނަށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަމުން، އަދި ސްކޫލްތައް ހިންގަވާ ތިޔަ ހުރިހާ ބޭފުޅުންނަށާއި، މިޖަލްސާއަށް ވަޑައިގެން ތިއްބެވި އެހެން ހުރިހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވައި ޝުކުރު ދަންނަވަމުން. ތިޔަބޭފުޅުންގެ މިބައްދަލުވުމަކީ، މާތްﷲގެ ވާގިފުޅާއެކު ވަރަށް ކާމިޔާބު ބައްދަލުވުމަކަށް ވުމަށްއެދި ދުޢާ ކުރަމުން. އަދި ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތުގައި، މާތްﷲ ބަރަކާތް ލައްވައި، ތިޔަބޭފުޅުންގެ މަސައްކަތުން ކުރިއަށް އޮތް ޖީލުތަކަކީ، ހަރުދަނާ، އަޚުލާޤީ ފެންވަރު ވަރަށް ރަނގަޅު، ޤައުމަށް ޚިދުމަތްކުރާ ބަޔަކު ކަމުގައި ވެގެންދިޔުމުގެ ތައުފީޤު މާތްﷲ ދެއްވުން އެދި ދުޢާކުރަމުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.