بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

އާދެ! ދިވެހި ފުލުހުންގެ ޚިދްމަތަށް 75 އަހަރު ފުރޭ މި އުފާވެރި އަލިމަސް ޔޫބީލްގެ ތާރީޚީ މުނާސަބަތުގައި، އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމަށް ދެކެނީ، މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީނަށާއި، ކޮމިޝަނަރ އޮފް ޕޮލީސް އާދަމް ޒާހިރަށާއި، ފުލުހުންގެ ހުރިހާ އޮފިސަރުންނަށާއި، ހުރިހާ ފުލުހުންނަށާއި، ފުލުހުންގެ ޢާއިލާތަކަށާއި، މިހާތަނަށް ފުލުހުންގެ ދާއިރާގައި ޚިދްމަތްކޮށްދެއްވި ހުރިހާ ބޭފުޅުންނަށާއި، ދިވެހި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުން.

ޝައްކެއްނެތްގޮތުގައި، މި މުނާސަބަތަކީ ވަރަށް ތާރީޚީ މުނާސަބަތެއް. އާދެ! ފުލުހުންގެ ޚިދްމަތަށް 75 އަހަރު ފުރުނީ، މިދިޔަ މާޗް މަހުގެ 29 ވަނަ ދުވަހު. އެހެންނަމަވެސް، ކަންދިމާވިގޮތުން، އެދުވަހު އަޅުގަނޑު ރާއްޖޭގައި ނެތުމާއެކު، މިނިސްޓަރ އޮފް ހޯމްއެފެއާޒާއި އަދި ކޮމިޝަނަރ އޮފް ޕޮލީސް ވަރަށް ހިތްޕުޅުހެޔޮކަމާއެކު ހަމަޖައްސަވައިދެއްވީ، އެމުނާސަބަތުގެ ޙަފްލާ ކުޑަތަންކޮޅެއް ލަސްކޮށްލަދެއްވަން. އެކަމަށްޓަކައި އެ ދެބޭފުޅުންނަށާއި، ފުލުހުންގެ ހުރިހާ އޮފިސަރުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ހުރިހާ ފުލުހުންގެ ނަމުގައި މިރޭ އަޅުގަނޑަށް ތިޔަ ދެއްވި ވަރަށް މުހިންމު ހަނދާނީ ފިލައަށްޓަކައި ކޮމިޝަނަރ އޮފް ޕޮލީސް އާދަމް ޒާހިރަށާއި، ފުލުހުންގެ ހުރިހާ އޮފިސަރުންނަށާއި، ހުރިހާ ފުލުހުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި، ފުލުހުންގެ ތަރައްޤީއަށްޓަކައި އަޅުގަނޑަށް ކުރެވުނު ކަމަށް އެބޭފުޅުން އެ ދެކެވަޑައިގެންނެވި ޚިދްމަތްތަކަށްޓަކައި، މިރޭގެ މި ޖަލްސާގައި އަޅުގަނޑާ ދޭތެރޭގައި ވަރަށް އިޚްލާޞްތެރި ބަސްފުޅުތަކެއް ވިދާޅުވިކަމަށްޓަކައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީނަށާއި، ކޮމިޝަނަރ އޮފް ޕޮލީސް އާދަމް ޒާހިރަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

މިރޭގެ މިއުފާވެރި ޖަލްސާގައި، ފުލުހުންގެ ތެރެއިން ޕްރޮމޯޝަން ލިބިވަޑައިގެންނެވި ހުރިހާ އޮފިސަރުންނަށާއި، ހުރިހާ ބޭފުޅުންނަށް، އެބޭފުޅުން އެ ކޮށްދެއްވަމުން ގެންދަވާ ޚިދްމަތުގެ އަގު ވަޒަން ކުރަމުން، ވަރަށް އިޚްލާޞްތެރިކަމާ އެކީގައި މަރްޙަބާ ދަންނަވައި ތަހުނިޔާ އަދާކުރަން. އަދި މިރޭގެ މި ޙަފްލާގައި، ހަނދާނީ ލިޔުން ލިބިވަޑައިގެންނެވި ފަރާތްތަކަށާއި ބޭފުޅުންނަށް، އެބޭފުޅުން އެ ކޮށްދެއްވި އަދި ކޮށްދެއްވަމުން ގެންދަވާ ޚިދްމަތްތަކަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

މިރޭ އަޅުގަނޑުގެ ވާހަކަ މާ ދިގުކުރާކަށް ގަސްދެއް ނުކުރަން. އެހެންނަމަވެސް، ފުލުހުންގެ ޚިދްމަތަށް މިވީ 75 އަހަރު ކަމަށްވާތީ، އަހަރަކަށް މިނެޓެއްގެ މަގުން 75 މިނެޓް ކިހިނެއްވާނެތޯ؟ އެވަރު ތަންކޮޅެއް ދިގުކަމަށްވަންޏާ، އެއަށްވުރެ ވަރަށްބޮޑުތަން ކުރުކުރެވޭތޯ އަޅުގަނޑު ބަލާނަން.

ފުލުހުންގެ ޚިދްމަތަކީ ވަރަށް ޝަރަފްވެރި، ވަރަށް މުހިންމު ޤައުމީ ޚިދްމަތެއް. ފުލުހުންގެ ޚިދްމަތަކީ ރައްޔިތުންނާ ގުޅިފައިވާ ޚިދްމަތެއް. ރައްޔިތުންގެ ތެރެއިން ފެށިގެން އަންނަ، ރައްޔިތުންގެ މަޞްލަޙަތަށްޓަކައި، ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ކަނޑައެޅިފައިވާ ޚިދްމަތެއް. މި ޚިދްމަތަކީ ރައްޔިތުން ބަލައިގަންނަ، ރައްޔިތުން ޝައުޤުވެރިވާ ޚިދްމަތެއް.

އާދެ! ޤާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތަކެއް ހުންނާނެ. ޤާނޫނު ތަންފީޒު ކުރަންޖެހޭ މީހުންނަށް ކުރިމަތިވާ ބޮޑެތި މައްސަލަތަކެއްވެސް ހުންނާނެ. އެހެންނަމަވެސް، އެކަންކަން ތަޙައްމަލްކޮށް، އެމީހުންގެ ވާޖިބު އަދާކުރުމުގައި ސާބިތުކަމާއެކީގައި ދެމިތިބުމަކީ، ފުލުހުންގެ ވާޖިބެއް. މިފަދަ މައްސަލަތަކަކީ، ހަމައެކަނި ދިވެހިރާއްޖެއަކު ނޫން، ދުނިޔޭގެ ކޮންމެ ޤައުމެއްގައިވެސް ދިމާވާ މައްސަލަތަކެއް. ޤާނޫނު ޙިމާޔަތްކުރަން ތިބޭ މީހުންނާއި، ޤާނޫނު ތަންފީޒު ކުރަން ތިބޭ މީހުންނާއި، ޤާނޫނާ ޚިލާފު ޢަމަލުތައް ކުރާ މީހުންނާ ދޭތެރޭގައި ފިޔަވަޅު އަޅާ މީހުންނަށް ދިމާވާ ބޮޑެތި ގޮންޖެހުންތަކެއް ހުރޭ. ދިވެހި ފުލުހުންނަށްވެސް އެފަދަ ގޮންޖެހުންތަކެއް މިދަނީ ކުރިމަތިވަމުން. އެހެންނަމަވެސް، ދިވެހި ފުލުހުން އެ ގޮންޖެހުންތަކާ ކުރިމަތިލައްވަމުން އެ ގެންދަވަނީ ވަރަށް ސާބިތުކަމާ އެކީގައި. ވަރަށްބޮޑު ޢަޒުމަކާ އެކީގައި. ވަރަށްބޮޑު ހިތްވަރަކާ އެކީގައި. ޤައުމުގެ ރައްޔިތުންނަށް، ފުލުހުންގެ ޚިދްމަތް ފުރިހަމައަށް އަދާކޮށްދެއްވުމުގެ މުހިންމު އަދި މާތް މަޤްޞަދުގައި. އެހެންވީމާ، ފުލުހުންނަށް އެ ކުރިމަތިވާ ގޮންޖެހުންތަކާ، މިހާ ސާބިތުކަމާއި ހިތްވަރާ އެކީގައި ކުރިމަތިލައްވަމުން ގެންދަވާތީ، ފުލުހުންގެ ހުރިހާ އޮފިސަރުންނަށާއި، ހުރިހާ ފުލުހުންނަށް، އަޅުގަނޑުގެ ހިތުގެ ލޯތްބާ އެކީގައި ޝުކުރު ދަންނަވައި މަރްޙަބާ ދަންނަވަން.

ވަކި މުއައްސަސާއެއްގެ ގޮތުގައި ފުލުހުން އުފެއްދުމަށްފަހު، ފުލުހުންގެ ދައުރު ތަރައްޤީކޮށް ހަރުދަނާ ކުރުމަށް، މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައިވަނީ ވަރަށްގިނަ ފިޔަވަޅުތަކެއް އެޅިފައި. އެންމެ ފުރަތަމަ މީގެ 75 އަހަރު ކުރިން ފުލުހުންގެ ޚިދްމަތް ފެށިގެން އައިއިރު، އެކަން ވަމުންދިޔަގޮތް ކޮންމެވެސްވަރަކަށް ތިޔަބޭފުޅުންނަށް މިހާރު އެނގިވަޑައިގަންނަވާނެ. މިތާނގައި ވާހަކަފުޅު ދެއްކެވި ބައެއް ބޭފުޅުންގެ ވާހަކަފުޅުންނާއި، ދެންމެ ތިޔަ ދެކެވަޑައިގެންނެވި ވީޑިއޯއިން، ފުލުހުންގެ ކަންތައްތައް ތަރައްޤީވަމުން އައިސްފައިވާގޮތް ވާނީ ކޮންމެވެސްވަރަކަށް އޮޅުންފިލާވަޑައިގެންފައި.

އެހެންނަމަވެސް، މަސައްކަތަކީ ވަރަށްބޮޑު މަސައްކަތެއް. ވަރަށްގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ އަދި ޖެހުނު މަސައްކަތެއް. ފުލުހުންގެ ޚިދްމަތް ތަރައްޤީ ކުރުމަށްޓަކައި ވަރަށްގިނަ ވަގުތާއި ވިސްނުން ހޭދަކުރަންޖެހުނު މަސައްކަތެއް. އެ މަސައްކަތަކީ ވަކި މިވެނި ހިސާބަކުން ނިމޭނެ ކަމަށް ބަލަންޖެހޭ މަސައްކަތެއް ނޫން. އަބަދުވެސް ކުރިއަށް ގެންދަންޖެހޭ މަސައްކަތެއް.

ފުލުހުންގެ ޚިދްމަތާއި، ފުލުހުން އެ ކުރާ މަސައްކަތް ތަރައްޤީކޮށް ހަރުދަނާ ކުރުމަށްޓަކައި އެޅިފައިވާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، މިއަދު ދިވެހި ފުލުހުން ވަނީ ދިވެހި ރައްޔިތުންގެ ކުރިމަތީގައި ވަރަށް ރަނގަޅު މަގާމެއްގައި. ފުލުހުންނަކީ ތަޢްލީމު ލިބިފައިވާ ޤާބިލު، ހުނަރުވެރި ޒުވާނުންތަކެއްކަން މިހާރު ދިވެހި ރައްޔިތުންނަށް ވަނީ ގަބޫލުކުރެވިފައި. ފުލުހުންގެ ތަޞައްވުރު މިހާރު މިވަނީ ކުރިއާ އަޅާބަލާއިރު ވަރަށްބޮޑުތަން މައްޗަށް ގޮސްފައި.

އާދެ! އެ މަސައްކަތްތައް އެ ކުރެވުނީ، ހަމަ ރައްޔިތުންގެ ޚިދްމަތުގައި. ދިވެހި ސަރުކާރުން ދިވެހި ރައްޔިތުންނަށް ދޭން ބޭނުންވާ ޚިދްމަތްތައް، ދޭން ބޭނުންވާ ފެންވަރުގައި، ދޭން ބޭނުންވާ ގޮތުގައި ދިނުމަށްޓަކައި ކުރެވުނު މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުން، މިއަދު ދިވެހި ފުލުހުންނަކީ އަޅުގަނޑުމެން އެންމެން ފަޚުރުވެރިވާ ބަޔަކަށް މިއޮތީވެފައި. ފުލުހުންގެ ތަރައްޤީއަށް ވަރަށްގިނަ ކަންތައްތައް ކުރެވިފައިވާ ވާހަކަ، އަދި މިއަހަރު ކުރުމަށްވެސް ރޭވިފައިވާ ވާހަކަ، ކޮމިޝަނަރ އޮފް ޕޮލީސްގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ. އެހެންވީމާ، އެވާހަކަތަކަށް ރުޖޫޢަވުމަކީ އަޅުގަނޑު ކުރަންޖެހޭނެ ކަމެއް ކަމަކަށް ނުދެކެން.

މި ހުރިހާ ތަރައްޤީއެއް ގެނައުމުގެ ބޭނުމަކީ، ފުލުހުންގެ ޚިދްމަތް އިތުރަށް ފުޅާކުރުން. އިތުރަށް ހަރުދަނާކުރުން. ފުލުހުންގެ ޚިދްމަތަކީ، ދިވެހި ކޮންމެ ރައްޔިތަކަށްމެ ލިބޭނެ ޚިދްމަތްތަކެއް ކަމުގައި ހެދުން. ހަމައެކަނި މާލެއަކު ނޫން. ރާއްޖޭގެ ކޮންމެ އަތޮޅެއްގައި، ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދްމަތް ލިބުމަކީ، ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ ހިތްހަމަޖެހުމާއި އުފަލަށްޓަކައި ކޮންމެހެން ބޭނުންވާ ކަމެއް.

ކުރިންވެސް ދެންނެވިފަދައިން، މިއަދު ފުލުހުންގެ ތެރެއަށް އައިސްފައިމިވާ ތަރައްޤީގެ ސަބަބުން، ފުލުހުންގެ ޚިދްމަތަކީ މިއަދު ދިވެހި ރައްޔިތުން ބަލައިގެންފައިވާ ޚިދްމަތެއް. އެކަމުގެ ނަތީޖާއެއްގެ ގޮތުން، ފުލުހުންގެ ތެރެއަށް ވަންނަން އެދޭ ޒުވާނުންގެ ޢަދަދު މިދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން. އަދި ވަރަށްގިނަ މައިންބަފައިންވެސް، އެމީހުންގެ ދަރިން ފުލުހުންގެ ތެރެއަށް ވެއްދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އެބަގެންދޭ. މިއިން އެނގޭ އެއްޗަކީ، ފުލުހުންނަކީ މިއަދު ދިވެހި ރައްޔިތުން ގަބޫލުކުރާ ޚިދްމަތެއް އަދާކުރާ ބަޔެއްކަން. އެމީހުންގެ ތަޞައްވުރު ވަރަށްބޮޑުތަން އުފުލިފައިވާކަން. މިއީ ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެން އެންމެން ވަރަށް އުފާކުރާނެ ކަމެއް. މިކަމުގެ ފަހަތުގައި ތިއްބެވި ހުރިހާ ބޭފުޅުންނަށް، އަޅުގަނޑު މިފުރުޞަތުގައިވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ފުލުހުންނަކީ މިދެންނެވިފަދަ މުހިންމު މަސްއޫލިއްޔަތުތަކަކާއި ވާޖިބުތަކެއް އުފުލަން ޖެހިފައިވާ ބަޔަކަށްވާއިރު، އެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އެމީހުންނަށް ފުރިހަމައަށް އަދާކުރެވޭނީ، ވަރަށްގިނަ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލެއްވުން ލިބިގެން. އޭގެތެރޭގައި، މުޅި މުޖްތަމަޢުގެ އެއްބާރުލުން ބޭނުންވޭ. ޒުވާނުންނާއި މުޖްތަމަޢުގެ އަފްރާދުންނަށް، ތަޢްލީމާއި ތަމްރީނުގެ ފުރުޞަތުތައް ހޯދައިދިނުމުގެ މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވޭ. ހުސްވަގުތު ހެޔޮގޮތުގައި ބޭނުންކުރުމުގެ ފުރުޞަތުތައް ހޯދައިދޭން މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވޭ.

އެހެންވީމާ، އަޅުގަނޑު މިރޭ މި އިލްތިމާސް ކުރަނީ، މުޅި ދިވެހި މުޖްތަމަޢުގެ ފަރާތުން އަދި މުޖްތަމަޢުގައި އެކިއެކި ރޮނގުރޮނގުން ޙަރަކާތްތެރިވަމުން ގެންދަވާ ފަރާތްތަކުން ފުލުހުންނަށް ދެއްވަންޖެހޭ އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވުމަށް. އެ އެއްބާރުލެއްވުމާއި އެހީތެރިކަމަކީ ފުލުހުންގެ ޚިދްމަތް އެންމެ ފުރިހަމަގޮތުގައި ރައްޔިތުންނަށް ފޯރުވައިދިނުމުގައި ވަރަށް މުހިންމު ޙިއްޞާއެއް އަދާކުރާނެ ކަމެއްކަން، ދިވެހި ރައްޔިތުން ގަބޫލު ކުރައްވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

ފުލުހުންނަކީ ވަރަށް ދަތިގޮތަކަށް ޚިދްމަތް އަދާކުރަންޖެހޭ ބަޔެއް. ދުވާލުގެ ވަގުތުތަކުގަޔާއި، ރޭގަނޑުގެ ވަގުތުތަކުގައި ދިމާވާ ކުއްލި ހާދިސާތަކުގައިވެސް ވަރަށް ހިތްވަރާއެކު މަސައްކަތް ކުރަންޖެހޭ ބަޔެއް. އެމީހުންގެ ވާޖިބު އަދާކުރުމުގައި، ބައެއްފަހަރަށް ހާނިއްކައާއި ޖިސްމާނީ ގެއްލުންތައް ލިބޭގޮތް ދިމާވޭ. މިއީވެސް، ފުލުހުން ތަޙައްމަލް ކުރަންޖެހޭ ކަމެއް. މި ފުރުޞަތުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ވާޖިބު އަދާކުރުމުގައި ފުލުހުންނަށް ލިބޭ ހާނިއްކައާއި ޖިސްމާނީ އަދި ނަފްސާނީ ގޮތުން ގެއްލުންތަކެއްދޭ ފަރާތްތަކާމެދު ސަރުކާރުން ޤާނޫނީ ފިޔަވަޅު އަޅާނެކަން. އަދި ފުރިހަމަ ހެކިތަކާއެކު ގެނެވޭ އެފަދަ މައްސަލަތައް ދޫކޮށްނުލާނެ ކަމުގެ ޔަޤީންކަން، ދިވެހި ފުލުހުންނަށާއި ދިވެހި ރައްޔިތުންނަށް އަޅުގަނޑު އަރުވަން.

ތަރައްޤީގެ މަގުގައި އަޅުގަނޑުމެންގެ ރާއްޖެ ކުރިއެރުންތަކެއް ހޯދަމުންދާއިރު، އަޅުގަނޑުމެންގެ މާލީ ތަނަވަސްކަން އިތުރުވެ، އަދި އެކިގޮތްގޮތުން ކުރިއެރުން ޙާޞިލު ކުރަމުންދާއިރު، އަދި ރާއްޖޭގެ އާބާދީ ބޮޑުވަމުންދާއިރު، ރާއްޖޭގައި ކުށްކުރުންވެސް މިދަނީ ގިނަވަމުން. އެއީ ވަރަށް ހިތާމަހުރި ކަމެއް. އެހެންނަމަވެސް، އެއީ އަޅުގަނޑުމެން މިއަދު ގަބޫލުކުރަން ޖެހިފައިވާ ޙަޤީޤަތެއް. މިޙަޤީޤަތާ އަޅުގަނޑުމެން އެބަޖެހޭ ހިތްވަރާއެކު ކުރިމަތިލާން. މިކަންތައްތައް މިއަށްވުރެ ރަނގަޅު ގޮތަކަށް ބަދަލުކުރަން.

މިއަހަރު އަދި މިއުޅެނީ ހަތަރު މަސް ފާއިތުނުވެގެން. މިއަހަރު އަދި މިފާއިތުވީ ތިންމަހާ ކުޑަކުޑަ ދުވަސްކޮޅެއް. 7 ދުވަސް. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މި މުއްދަތުގެ ތެރޭގައި ފުލުސްއޮފީހުން ތަޙުޤީޤުކޮށްގެން، 1103 ޖިނާއީ މައްސަލަ، އެޓަރނީޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައި ކަމަށް، ދެންމެ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޅުގަނޑު ގާތުގައި ވިދާޅުވި. މިހިރީ މަސައްކަތްތަކެއް ކުރެވިފައި. ތިންމަސް ދުވަހުގެ ތެރޭގައި 1103 މައްސަލަ ތަޙުޤީޤު ކުރެވި، އެ މައްސަލައިގައި ދަޢުވާ ކުރުމަށް ދައުލަތުގެ ބަންޑާރަނައިބުގެ އޮފީހަށް ފޮނުވިފައިވާކަމުން ދައްކައިދެނީ، ފުލުހުން ކުރާ މަސައްކަތުގެ ބޮޑުކަން. އެމީހުންނަކީ ވާޖިބު އަދާކުރުމުގައި ހުރިހާ ވަގުތެއް ފުރިހަމައަށް ހޭދަކުރާ ބަޔެއްކަން.

މި ޙަޤީޤަތަކީ ދިވެހި ރައްޔިތުން ދެނެވަޑައިގަންނަވަންޖެހޭނެ ޙަޤީޤަތެއް. ވަރަށްގިނަފަހަރަށް ވާގޮތަކީ ރައްޔިތުންނަށް ޙަޤީޤަތް އޮޅޭގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ގެންދަނީ، އެގޮތް މިގޮތުން ޚަބަރު ފަތުރަނީ. މިހާރު ޚަބަރު ފެތުރުމުގެ ގޮތްތައް ވަރަށްގިނަ. ވަރަށްގިނަ ނޫސްތައް ރާއްޖޭގައި ޝާއިޢު ކުރެވޭ. ރާއްޖޭގައި ޓީ.ވީ ސްޓޭޝަނެއް އެބަހުރި. އަދި ސަރުކާރުގެ ރޭޑިއޯ ސްޓޭޝަންގެ އިތުރުން، އަމިއްލަ ރޭޑިއޯ ސްޓޭޝަންތަކެއްވެސް ހިނގަމުން އެބަދޭ. އަދި އެކިއެކި ވެބްސައިޓްތައްވެސް ޤާއިމުކުރެވި، އޭގައިވެސް ރާއްޖެއާބެހޭ މަޢްލޫމާތާއި ޚަބަރާއި މިހުރިހާ އެއްޗެއް އެބަހުރޭ. މީގެއިތުރުން، އެކަކު އަނެކަކު ކައިރީގައި ބުނެގެން ފެތުރޭ ވަރަށްގިނަ ވާހަކަވެސް އެބަހުރި. މިވާހަކަތަކުގެ ތެރޭގައި، ވަރަށްގިނަ ވާހަކައަކީ ޙަޤީޤަތެއް ނެތް ވާހަކަ. އޭގެ ސަބަބުން، ޚިދްމަތްކުރާ މީހުންނަށް އެކުރާ ޚިދްމަތުގެ އަގު ވަޒަން ނުކުރެވޭގޮތް އެބަދިމާވޭ. ރައްޔިތުންނަށް ޚިދްމަތް ކޮށްދޭން ތިބޭ މީހުން، އެ ކުރާ ޚިދްމަތް، ރައްޔިތުންނަށް އޮޅިގެންދާގޮތް އެބަދިމާވޭ. މިއީ ހަމައެކަނި ރާއްޖޭގައިވާ ގޮތެއް ނޫން. އެހެން ތަންތާނގައިވެސް މިކަހަލަ ކަންތައްތައް މިހެންވަމުން އެބަދޭ.

ރޭގައި އަޅުގަނޑު ބައްދަލުކުރިން، މިޞުރުން ވަޑައިގެން ހުންނެވި ވަރަށްބޮޑު ޢިލްމުވެރިއަކާ. އާދެ! މިޞުރުގެ މުފްތީ. އޭނާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ޒިޔާރަތް ކުރައްވަމުން އެބަ ގެންދަވާ. އަޅުގަނޑު ބައްދަލުކުރި ކުރުމުގައި އޭނާ ރޭ، އަޅުގަނޑު ގާތުގައި ވިދާޅުވި އެއް ވާހަކައަކީ، މިހާރު މިއުޅޭ ކަންތައްތަކަށް، މި އޮޅުވާލުންތަކަށް، ދޮގު ޚަބަރުތައް ފެތުރުމާއި، އެކިއެކި ކަންތައްތަކުގެ ޙަޤީޤަތް މީހުންނަށް ނޭނގޭގޮތަށް ނުވަތަ އޮޅޭގޮތަށް ކަންތައްތައް ކުރުމަކީ، މިހާރު އޭގެ އުޞޫލެއް ކަނޑައެޅިފައިވާ ކަމެކޭ. ވަކިގޮތަކަށް ހިނގާ ކަމެކޭ. އޭނާ ވިދާޅުވިގޮތުގައި އެއަށް މިކިޔަނީ ”ކްރިއޭޓިވް ކޭއޯސް“. ބަޔަކު ވަކިކަހަލަ ގޮތަކަށް ކަންތައްތައް އޮޅުވާލަން މަސައްކަތް ކުރަނީ. އެއީ، ކޮންމެ ފަންނެއްގައިވެސް، ބޭސްވެރިކަމުގެ ފަންނުގައިވެސް ނުވަތަ ގެދޮރު އިމާރާތް ކުރުމުގެ ފަންނުގައިވެސް ނުވަތަ އެހެން ކަހަލަ ޘަޤާފީ ކަންތައްތަކުގައިވެސް އަދި ޢިލްމީ ކަންތައްތަކުގައިވެސް، ތަފާތު ގޮތްގޮތަށް އެމީހަކަށް ފެންނަ ގޮތަކަށް، އެއްވެސް އަސާސެއްނެތި ވާހަކަ ދައްކައި ޚިޔާލު ފާޅުކުރަމުން އެގެންދަނީ، މި ދެންނެވި އުޞޫލުގެ މަތިންނޭ އޭނާ ވިދާޅުވި. އެއީ ”ކްރިއޭޓިވް ކޭއޯސް“ގެ ދަށުން ހިނގަމުންދާ ކަންތައްތަކެކޭ.

މިހާރު ޚިޔާލުފާޅުކުރުމުގެ މިނިވަންކަންވެސް މިއޮތްގޮތުން، މިކަންތައްތައް ހަމައަކަށް އެޅުވުމަކީ، ވަރަށް އުނދަގޫ ކަމެކޭ. އެއީ، ކޮންމެ މީހަކު ބުނާ ކޮންމެ އެއްޗެއްވެސް ޓީ.ވީ.އިންވެސް ކިޔާދީފާނެ. ކޮންމެ މީހަކު ބުނާ ކޮންމެ އެއްޗެއް ރޭޑިޔޯއިންވެސް ކިޔާދީފާނެ. ކޮންމެ މީހަކު ބުނާ ކޮންމެ އެއްޗެއް ނޫހުގައިވެސް ޖަހާދީފާނެ. އެކަމަކު އެމީހުން އެ ދައްކާ ވާހަކައަކީ ޙަޤީޤަތްތޯ، އެ ވާހަކައަކީ، އެއްވެސް ކަހަލަ ޢިލްމީ ޙަޤީޤަތެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއްތޯ؟ މިހެން ބަލާ ބެލުމެއް އެހާބޮޑަކަށް ނޯވޭ. މީގެ ސަބަބުން މީހުންނަށް މިދަނީ ކަންތައްތައް އޮޅިގެން. ޙަޤީޤަތް މިދަނީ ގެއްލިގެން.

އެހެންވީމާ އެއާ ދެކޮޅަށް އަޅުގަނޑުމެން އެންމެން އެބަޖެހޭ ތެދުވަން. އެއާ ދެކޮޅަށް މަސައްކަތް ކުރަން. ޙަޤީޤީ މަޢްލޫމާތު ދިނުމަކީ، ސަރުކާރުން ކުރަންޖެހޭނެ ކަމެއް. ހަމައެއާއެކީގައި އެކަމުގެ ޒިންމާ އުފުލަން ތިބި މީހުންވެސް ކުރަންޖެހޭނެ ކަމެއް. ނޫސްވެރިންވެސް ރައްޔިތުންނަށް ޙަޤީޤަތް އޮޅުންފިލުވައިދޭންޖެހޭނެ. އަދި ނޫސްވެރިން ފިޔަވައި އެހެން ގޮތްގޮތުންވެސް ރައްޔިތުންނަށް މަޢުލޫމާތު އަންގައިދޭން ތިބޭ ފަރާތްތަކުން، އެމީހުންގެ ވާޖިބު ފުރިހަމައަށް އަދާކުރުމަކީ، އަމާނާތްތެރިކަމާއި ތެދުވެރިކަމާ އެކީގައި ކަންތައްތަކުގެ ޙަޤީޤަތް މީހުންނަށް އޮޅުންފިލުވައިދިނުން. މިމަސައްކަތް ކުރުމަކީ، އަޅުގަނޑުމެން އެންމެން ކުރަން ޖެހިފައިވާ މަސައްކަތެއް ކަމުގައި އަޅުގަނޑު ދަންނަވާލަން.

އާދެ! ފުލުހުންގެ އަލިމަސް ޔޫބީލުގެ ޖަލްސާ މި ބޭއްވޭ ރެޔަކީ، ވަރަށް މުހިންމު އެހެން މުނާސަބަތެއްގެ ޒިކުރާ އަޅުގަނޑުމެން އާކުރާ ރެއެއް. މިރެއަކީ ރާއްޖެ އިސްލާމްވި ދުވަހުގެ ޒިކުރާ އާކުރާ ރޭ. އަޅުގަނޑުމެން އެންމެން ގަބޫލުކުރާ ފަދައިން، މާތްވެގެންވާ އިސްލާމްދީނަކީ މާތްﷲ އިންސާނުންނަށް ހަދިޔާ ކުރެއްވި އެންމެ މާތް ދީން. އެންމެ ހަރުދަނާ ދީން. އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކުރުމަކީ، މިދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ހޯދުމަށް އޮތް އެންމެމޮޅު، އެންމެ މަތިވެރި މަގު. މި މަތިވެރި ނިޢުމަތް، ދިވެހި ޤައުމަށް މިންވަރުކޮށްދެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالى އަށް އަޅުގަނޑުމެން ކުރާ ޙަމްދާއި ޝުކުރު އަބަދާއި އަބަދު ކުރަންޖެހޭނެ. އަޅުގަނޑުމެންނަށް މި މާތް ދީނުގެ ތެދުމަގު ދެއްކެވި ކަމަށްޓަކައި، އެ މާތް ދީނުގެ ނޫރުގައި ސާބިތުވެ ތިބުމުގެ ތައުފީޤު ދެއްވި ކަމަށްޓަކައި، އެ މާތް ދީނުގެ އުޞޫލުތަކުގައި ހިފެހެއްޓުމުގެ ވަސީލަތްތައް އަޅުގަނޑުމެންނަށް ހޯއްދަވައިދެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالى އަށް އަޅުގަނޑުމެން ޝުކުރު ދަންނަވަން ޖެހޭނެ.

ހަމައެއާއެކީގައި އަޅުގަނޑުމެންގެ ވާޖިބަކަށްވާންވާނީ، ޢަމަލީގޮތުން اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރުން. އެއީ، އެކަލާނގެ ދެއްކެވި މަގުގައި ސާބިތުވެ ތިބުން. އަޅުގަނޑުމެންނަކީ އަބަދުވެސް މާތްވެގެންވާ އިސްލާމްދީނުގެ ޢަޤީދާއަށް ތެދުވެރިވާ، ވަފާތެރިވާ ބަޔަކު ކަމުގައިވުން. އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކާއި، މަތިވެރި މާތް ޙުކުމްތަކާ އެއްގޮތަށް ޢަމަލުކުރާ ބަޔަކު ކަމުގައިވުން. މިއީ، މިފަދަ މުނާސަބަތެއްގައި އަޅުގަނޑުމެން ޢަޒުމް އާކުރަންވީ ކަމަކީ.

ހިޖުރީ ގޮތުން 548 ވަނަ އަހަރު ރާއްޖެއަށް އިސްލާމްދީން އައުމަށްފަހު، މިވޭތުވެދިޔަ ގާތްގަނޑަކަށް 1000 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖެ މިވަނީ ވަރަށް ބޮޑެތި ކާމިޔާބީތަކެއް ޙާޞިލުކޮށްފައި. ޙަޤީޤަތުގައި ރާއްޖޭގެ މިނިވަންކަންވެސް ގުޅިފައި މިވަނީ ރާއްޖޭގެ މާތް ޢަޤީދާއާ. ރާއްޖޭގެ މިނިވަންކަން ގެއްލުނު ކޮންމެފަހަރަކު، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިފައި މިވަނީ، މާތްވެގެންވާ އިސްލާމްދީނުގެ ޢަޤީދާއާ ދެކޮޅަށް ބަޔަކު ތެދުވެ މަސައްކަތްތަކެއް ކޮށްގެން. އެހެންވީމާ، އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓައި ރައްކާތެރި ކުރުމަށް އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅަކީވެސް، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ޢަޤީދާގައި ސާބިތުވެ ތިބޭ ބަޔަކު ކަމުގައިވުން. އަޅުގަނޑުމެންގެ ދީނަށް އަބަދުމެ ޙުރްމަތްތެރިކޮށްހިތާ، ދީނީ އެއްބައިވަންތަކަން އަޅުގަނޑުމެންގެ މެދުގައި ޤާއިމުކުރާ ބަޔަކަށްވެގެން.

މިގޮތުގައި އަޅުގަނޑުމެން ތިބި ކަމަށްވަންޏާ، އެއްވެސް ޝައްކެއްނެތް، اللّـه سبحـانـه وتعـالىގެ ނިޢުމަތާއި ރަޙްމަތްވާނީ އަޅުގަނޑުމެންނާ އެކީގައި. އަދި އަޅުގަނޑުމެން ކުރާ މަސައްކަތުގެ ނަތީޖާ އެކަލާނގެ ދައްކަވާނެ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމާއި، ރާއްޖޭގެ އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަން ދަމަހައްޓައި ރައްކާތެރި ކުރުމުގައި، އެކަލާނގެ އަޅުގަނޑުމެންނަށް ތައުފީޤު ދެއްވާނެ. އެހެންވީމާ، މިފަދަ މުނާސަބަތެއްގައި، މިދެންނެވި ޢަޒުމް އާކުރުމަކީ، އަޅުގަނޑުމެން ހަމަ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއް.

އާދެ! ފުލުހުންގެ ޚިދްމަތާ ބެހޭގޮތުން އެނބުރި އެއްޗެއް ދަންނަވަން ބަލައިލާއިރު، މިހާރު މާލެތެރޭގައި މާރާމާރީ ހިންގުމާއި، ތޫނު އެއްޗެތިން ޙަމަލާދިނުންފަދަ ޢަމަލުތައް މިވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައި. އެއީ، އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް.

މަގަކީ އެންމެންގެ ޙައްޤު އެކުލެވިގެންވާ ތަނެއް. މާތްވެގެންވާ އިސްލާމްދީނުގައިވެސް މަގުމައްޗަށް ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވާފައިވޭ. މަގަކީ އެ މަގުގައި ހިނގާ، ހަރަކާތްތެރިވާ ކޮންމެ މީހެއްގެ ޙައްޤެއް. އެއީ، މުޅި ރައްޔިތުންގެ ޙައްޤެއް. މުޅި މުޖްތަމަޢުގެ ޙައްޤެއް. އެހެންވީމާ، މަގުމަތީގެ އަމާންކަން ނަގާލުމަކީ އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫން. މަގުމަތީގައި ހިނގާބިގާވެ އުޅޭ މީހުންނާއި އަދި އެއްޗެތި ދުއްވާ މީހުންނާ ދިމާކޮށް، އެމީހުންގެ ފުރާނައަށް ހަށިގަނޑަށް ނުވަތަ މުދަލަށް ގެއްލުން ލިބޭފަދަ ޢަމަލެއް ކުރުމަކީ، އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން. އެއީ ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެއް.

އަލްމާއިދާ ސޫރަތުގެ 33 ވަނަ އާޔަތް ތިޔަބޭފުޅުން ވިދާޅުވެލައްވާ. އަލްމާއިދާ ސޫރަތުގެ 33 ވަނަ އާޔަތުގައި، މާތްﷲ އަންގަވާފައި މިވަނީ، މަގުގެ އަމާންކަން ނަގާލައި، މަގުމަތީގައި ހިނގާ، ދަތުރުކޮށްހަދާ މީހުންގެ ހަށިތަކަށާއި ފުރާނަތަކަށް ގެއްލުންދީ، މުދަލަށް ގެއްލުންދޭ ބަޔަކީ، ﷲ އާއި ރަސޫލާއާ ހަނގުރާމަކުރާ ބަޔެކޭ. އެއީ މުޙާރިބުންނޭ. މިދެންނެވި ނުބައި ޢަމަލުތައް ހިންގާ މުޙާރިބުންގެ އަދަބު، އަލްމާއިދާ ސޫރަތުގެ 33 ވަނަ އާޔަތުގައި ވަރަށް ވަރުގަދައަށް އަންގަވާފައި އެބައޮތް. ތިޔަބޭފުޅުން ކީރިތި ޤުރްއާން ބައްލަވާލައްވާ. އޭގެ ތަރުޖަމާ ބައްލަވާލައްވާ. އެނގިވަޑައިގަންނަވާނެ، މިކަމަކީ ކޮންކަހަލަ ކަމެއްކަން.

އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖޭގެ މަގުމަތީގައި އެއްވެސް ހާލެއްގައި މިކަހަލަ ކަންތައްތައް ހިނގިޔަދީގެން ނުވާނެ. އެކަންތައްތައް އަޅުގަނޑުމެން އެބަޖެހޭ ހުއްޓުވަން. މިކަމުގައި ދިވެހި ފުލުހުން އެކުރައްވަމުން ގެންދެވި ބުރަ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށްޓަކައި، ފުލުހުންގެ ކޮމިޝަނަރ އޮފް ޕޮލީސްއަށާއި، ފުލުހުންގެ އިސް އޮފިސަރުންނަށާއި، ހުރިހާ އޮފިސަރުންނަށާއި، ފުލުހުންނަށް އަޅުގަނޑު ތާރީފާ އެކީގައި ޝުކުރު އަދާކުރަން.

އެހެންނަމަވެސް، މިވަގުތު މާލޭގެ ކަންތައްތައް މިއޮތްގޮތުން، މިކަމަކީ ސަރުކާރުގެ ކަމާބެހޭ ހުރިހާ ދާއިރާތަކުގެ އެއްބާރުލުން ބޭނުންވާ ކަމަކަށްވާތީ، އަދި ޚާއްޞަކޮށް، ރާއްޖޭގެ އަމަންއަމާންކަން ދެމެހެއްޓުމާބެހޭ ވުޒާރާ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ފުރިހަމަ އެއްބާރުލެއްވުމާއި ޙިއްޞާ މިކަމުގައި ބޭނުންވާތީ، އެމިނިސްޓްރީގެ ދަށުން ހަރަކާތްތެރިވަމުންދާ އެމް.އެން.ޑީ.އެފް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެހީތެރިކަން މިކަމަށް ކޮންމެހެން ބޭނުންވާތީ، މިރެއިން ފެށިގެން މިކަމުގައި ދިވެހި ސިފައިން ހަރަކާތްތެރިވުމަށް އަޅުގަނޑުވާނީ އަންގާފައި. ސިފައިންނާއި ފުލުހުން ބައިވެރިވެގެން، މާލޭގައި މިރެއިން ފެށިގެން މި ހަރަކާތް ހިންގަން ފަށާނެ. އެ ދެފަރާތް ގުޅިގެން ދިވެހި ރައްޔިތުންގެ ސަލާމަތާއި އަމަންއަމާން ކަމަށްޓަކައި، މިމަސައްކަތް މި ފަށަނީ މާތްﷲގެ ވާގިފުޅާއެކު، މާލެއަކީ އަމަންއަމާންކަން ލިބިފައިވާ، މަގުމަތީގައި ހިނގާބިގާވެ އުޅުމުގެ އަމާންކަން އެންމެންނަށް ލިބިފައިވާ ތަނެއް ކަމުގައި ހެދުމުގެ ފުރިހަމަ ޢަޒުމުގައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ކުރާ މަސައްކަތްތަކަށް މާތްﷲ ކާމިޔާބު މިންވަރު ކުރައްވާނެ.

އާދެ! ފުލުހުންގެ ކަންތައްތައް ތަރައްޤީ ކުރެއްވުމަށް ވަރަށްގިނަ ފަރާތްތަކުން މަސައްކަތް ކުރައްވަމުން ގެންދަވާތީ، ފުލުހުންގެ އަލިމަސް ޔޫބީލުގެ މިއުފާވެރި ޙަފްލާގައި، އެފަރާތްތަކަށް އަޅުގަނޑުވެސް ޝުކުރު އަދާކޮށްލަން ބޭނުންވޭ. އެގޮތުން، މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީން ކުރައްވާ މަސައްކަތްޕުޅުތަކާއި، ކޮމިޝަނަރ އޮފް ޕޮލީސް އާދަމް ޒާހިރާއި އަދި ފުލުހުންގެ އިސް އޮފިސަރުން ކުރައްވާ އަގުނުކުރެވޭފަދަ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވި، އާދަމް ޒާހިރުގެ މަސައްކަތް، އެމަނިކުފާނު ބައްލަވަމުން ގެންދަވާތާވީ މަދު އަހަރުތަކެކޭ. މި އަހަރުތަކުގެ ތެރޭގައި، އާދަމް ޒާހިރަކީ ކޮންކަހަލަ ބޭފުޅެއްކަން އެނގިވަޑައިގެންފިއޭ. އާދެ! އަޅުގަނޑަށް ދަންނަވަންޖެހެނީ، އަޅުގަނޑުގެ ތަޖުރިބާ އެއަށްވުރެ ދިގޭ. އާދަމް ޒާހިރާ އެކީ އަޅުގަނޑު މަސައްކަތް ކުރާތާ ގާތްގަނޑަކަށް މިވީ ތިރީހަކަށް އަހަރު. އަދި ފުލުހުންގެ ހިންގުމާއި، ފުލުހުންގެ ޚިދްމަތް ހިންގުމުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި އޭނާ ހުންނަވާތާ އަޅުގަނޑު ހިތުން ގާތްގަނޑަކަށް 27، 28 އަހަރު ވެދާނެ. މި ދިގު މުއްދަތުގެ ތެރޭގައި އާދަމް ޒާހިރު އެކުރައްވަމުން ގެންދެވި އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްތައް އަޅުގަނޑު ވަރަށް ކައިރިން ބަލަމުން ގެންދަން. މިވީހާ ދުވަހުވެސް އައީ ބަލަމުން. އެހެންވީމާ، އަޅުގަނޑަށް ޔަޤީން ކުރެވިފައި އޮތް ގޮތުގައި، އާދަމް ޒާހިރަކީ ވަރަށް ސާބިތުކަމާއެކު މަސްއޫލިއްޔަތު އުފުއްލަވާ، ކަމަށް ޤާބިލު އަދި ދިވެހި ފުލުހުންގެ ޚިދްމަތް ތަރައްޤީ ކުރައްވައި، ރައްޔިތުންނަށް އޭގެ މަންފާއާއި ލާބަ ހޯއްދަވައިދެއްވުމަށް ރެޔާ ދުވާލު މަސައްކަތް ކުރައްވާ ބޭފުޅެއް.

ހަމައެހެންމެ، އޭނާގެ ބެއްލެވުމުގެ ދަށުން މަސައްކަތް ކުރައްވާ އިސް އޮފިސަރުންނާއި، އެހެން އޮފިސަރުންވެސް އެކަމުގައި ވަރަށް އިޚްލާޞްތެރި އެއްބާރުލެއްވުމެއް ދެއްވައިގެން، އެމަސައްކަތްތައް ކުރިއަށް ގެންދަވާކަން އަޅުގަނޑަށް އެނގިފައިވާތީ، އެހުރިހާ އޮފިސަރުންނަށްވެސް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

ހަމައެހެންމެ، މީގެކުރިން މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ މަގާމު ފުރުއްވައިދެއްވި ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އޭގެތެރޭގައި، މިތަނަށް ވަޑައިގެން އިންނެވި އަލްފާޟިލް ޢުމަރު ޒާހިރުގެ ނަންފުޅު، ވަރަށް ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލަން. ޢުމަރު ޒާހިރަކީ ކޮންމެ މިނިސްޓްރީއަކާ ހަވާލުވެވަޑައިގަތަސް، ވަރަށް އިޚްލާޞްތެރިކަމާއި، ވަރަށް މުރާލިކަމާއެކީ، އެމިނިސްޓްރީއެއްގެ މަސައްކަތްތައް ބައްލަވަމުން ގެންދަވާ، ކުރައްވަމުން ގެންދަވާ ބޭފުޅެއް. މިވާހަކަ މި ދަންނަވަނީކީ އޭނާ މިތާ އިންނެވީމަކާ ނޫން. އަޅުގަނޑު ހިތުން، ޢުމަރު ޒާހިރު ދެނެވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށްވެސް މިއީ ވަރަށްބޮޑު ޙަޤީޤަތެއްކަން އެނގިވަޑައިގަންނަވާނެ. އެހެންވީމާ، ޢުމަރު ޒާހިރުވެސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު، ފުލުހުންގެ ޚިދްމަތަށްޓަކައި ކޮށްދެއްވި ޚިދްމަތަށްޓަކައި، އެމަނިކުފާނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

ހަމައެއާއެކީގައި، މިރޭ މިޖަލްސާގައި ވަޑައިގެން ނެތް ނަމަވެސް، އެންމެފަހުން މިނިސްޓަރ އޮފް ހޯމްއެފެއާޒް ކަމުގެ މަގާމު އަދާކޮށްދެއްވި އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީ ކޮށްދެއްވި އަގުހުރި ގިނަގުނަ ޚިދްމަތްތަކަށްޓަކައި، އެމަނިކުފާނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު މިރޭ ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު، ކުރިންވެސް ދެންނެވިފަދައިން، ކޮންމެހެން 75 މިނެޓްއިރު ވަންދެން ދިގުކުރާކަށް ގަސްދެއް ނުކުރަން. އެހެންވީމާ، ދެން މިހާރު ގަސްދުކުރަނީ ނިންމާލަން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަދިވެސް އެއްފަހަރު، މި އުފާވެރި ތާރީޚީ މުނާސަބަތުގެ ތަހުނިޔާ، މިނިސްޓަރ އޮފް ހޯމްއެފެއާޒަށާއި، ކޮމިޝަނަރ އޮފް ޕޮލީސްއަށާއި، ފުލުހުންގެ ހުރިހާ އޮފިސަރުންނަށާއި، ހުރިހާ ފުލުހުންނަށާއި، ފުލުހުންގެ ޢާއިލާތަކަށާއި، ދިވެހި ރައްޔިތުންނަށް ދަންނަވަމުން. އަދި ފުލުހުންގެ ޚިދްމަތުގައި ބަރަކާތް ލެއްވުން އެދި اللّـه سبحـانـه وتعـالىގެ ޙަޟުރަތުގައި ދުޢާ ދަންނަވަމުން، ފުލުހުން އެކުރާ މަސައްކަތުގެ ސަބަބުން، ދިވެހި ރައްޔިތުންނަށް އުފާވެރިކަމާއި، ހަމަޖެހުމާއި، ބާއްޖަވެރިކަމާއި ތަރައްޤީ މާތްﷲ މިންވަރު ކުރެއްވުން އެދި އެކަލާނގެ ޙަޟުރަތުގައި އިބްތިހާލުވަމުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه