بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

އާދެ! އަޅުގަނޑު އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރަމުންމިދާ ޒިޔާރަތުގައި، މިއަދު އެންމެ ފުރަތަމަ މިއައީ، ތިޔަބޭފުޅުންގެ ލޮބުވެތި ރަށަށް. މާމިގިއްޔަށް. މާމިގިއްޔަށް އައުމުން، މާމިގިލީގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ވަރަށްހޫނު މަރްޙަބާއެއް ވިދާޅުވި. އެކަމަށްޓަކައި މިރަށުގެ ވެރިންނަށާއި އަދި ކޮމިޓީތަކުގެ މެންބަރުންނަށާއި، ސަރުކާރުގެ މުވައްޒަފުންނަށާއި، ސްކޫލް ކުދިންނަށާއި، ރަށުގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ޒިޔާރަތަށް މިރަށް މިވަނީ ވަރަށް ފުރިހަމައަށް ތައްޔާރު ކުރައްވާފައި. ވަރަށް ބޮޑަށް ޒީނަތްތެރި ކުރައްވާފައި. މިކަންކަމަކީ އަޅުގަނޑު މާބޮޑަށް އެދޭ ކަމެއްނޫން. އަޅުގަނޑު ރާއްޖޭގެ އެއްވެސް ރަށަކަށް ޒިޔާރަތް ކުރުމަކީ، އެކަމަށްޓަކައި ރަށުގެ ރައްޔިތުން ތައްޔާރުވުމުގެ ގޮތުން ގިނަ ވަގުތުތަކެއް ހޭދަކުރައްވައި، ފައިސާ ޚަރަދު ކުރައްވާ، މިހެން ހައްދަވަން އަޅުގަނޑު ބޭނުންވާ ކަމެއް ނޫން. އެހެންނަމަވެސް، ކޮންމެ ރަށެއްގެ ރައްޔިތުންވެސް. ޚާއްޞަކޮށް، މާމިގިލީގެ ރައްޔިތުން މިކަން ކުރައްވާފައި މިވަނީ، ތިޔަބޭފުޅުންގެ ހިތްތަކުގައި ސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރި ޝުޢޫރުތަކުގެ ފުންކަމުން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ، ތިޔަބޭފުޅުން މި ކުރެއްވި ބުރަ މަސައްކަތްތައް އަޅުގަނޑު ބަލައިގަނެ ޝުކުރު ދަންނަވަން.

އާދެ! މާމިގިއްޔަށް އެއްފަހަރަށްވުރެ ގިނަފަހަރު އައުމުގެ އުފާ އަޅުގަނޑަށްވަނީ ލިބިފައި. އެންމެފަހުން އަޅުގަނޑު މިރަށަށް އައީ، ސުނާމީ ކާރިސާގައި ގެއްލުން ލިބުނު މަޑިފުށީ މީހުން މިރަށުގައި ވަޒަންވެރިވުމަށް ބޭނުންވާތީ، އެމީހުންގެ ގެދޮރު އިމާރާތްކުރުން ފަށައިދިނުމަށްޓަކައި. އެއީ 2005 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި. އެކަންތައް މިހާރުވަނީ ނިމިފައި. މަޑިފުށީ ރައްޔިތުން މިހާރު މިވަނީ މިރަށުގައި ވަޒަންވެރިވެވަޑައިގެންފައި. އަދި ދެންމެ ކަތީބުގެ ވާހަކަފުޅުގައި ވިދާޅުވި ފަދައިން، މާމިގިލީ ރައްޔިތުން، މަޑިފުށީ މީހުންނަށް ވަރަށް ހިތްހެޔޮކަމާ އެކީގައިވަނީ މެހްމާންދާރީ އަދާކޮށްދެއްވާފައި. އެކަމަށްޓަކައި އޭރުވެސް އަޅުގަނޑު މާމިގިލީ ރައްޔިތުންނަށް ޝުކުރު ދެންނެވިން. މިއަދުވެސް އެޝުކުރު އަޅުގަނޑު ތަކުރާރު ކުރަން.

އަޅުގަނޑުމެންގެ ރާއްޖޭގައި ދިރިމިއުޅެނީ ދިވެހިން. މުސްލިމުން. އެބަޔަކު ކޮންމެ ރަށަކަށް ނިސްބަތްވިޔަސް، އެއީ ހަމަ ދިވެހިން. ހަމަ މުސްލިމުން. އެހެންވީމާ، އަޅުގަނޑުމެން އެކަކު އަނެކަކަށް ކަމޭހިތާ، އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމުގެ ރޫޙުގައި، ކޮންމެ ރަށެއްގެ ބަޔަކު އެހެން ރަށެއްގައި ވަޒަންވެރިވިޔަސް، އެބަޔަކަށް އަޅުގަނޑުމެން މެހްމާންދާރީ އަދާކޮށް، ހެޔޮކޮށްހިތާ، އިޙްސާންތެރިވާންޖެހޭނެ. އެއީ އިސްލާމީ އުޞޫލުތައް އަޅުގަނޑުމެންނަށް ދަސްކޮށްދޭ ގޮތަކީ. އެގޮތަށް މާމިގިލީ ރައްޔިތުން ޢަމަލު ކުރައްވާފައިވާތީ، އެއީ އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ކަމެއް ކަމުގައި ދަންނަވަން.

މިވޭތުވެދިޔަ ތާނގައި މާމިގިއްޔަށްވެސް ވަނީ ސަރުކާރުން ތަފާތު ކަންތައްތައް ކޮށްދީފައި. ތަފާތު ޚިދްމަތްތައް މާމިގިލީ ރައްޔިތުންނަށް އަދާކޮށްދީފައި. އޭގެތެރޭގައި، ދެންމެ ކަތީބު އިޝާރާތް ކުރެއްވި ޞިއްޙީ މަރްކަޒު ޤާއިމުކުރުމާއި، އަތޮޅު މަދަރުސާ ޤާއިމުކުރުމާއި، ރަށުކޯޓާއި ރަށު އޮފީސް އިމާރާތް ކުރުމާއި، މިރަށުގެ ދެ އަވަށުގައި އަންހެނުންނަށް ދެ މިސްކިތް އަޅައިދިނުން ހިމެނޭ. އަދި މީގެއިތުރުންވެސް ކަންތައްތައް ކުރަމުން އެބަގެންދޭ. އޭގެތެރެއިން އެންމެ މުހިންމު އެއްކަމަކީ، އަތޮޅުތަކުގައި މިސްކިތްތައް އިމާރާތް ކުރުމަށް ސަރުކާރުން މިހާރު ހިންގާ މަޝްރޫޢުގެ ދަށުން، މިރަށުގައި ވަރަށްބޮޑު މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް. މިހާރު އެމަސައްކަތް ހިނގަމުން އެބަދޭ. އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި، އެ މަސައްކަތުގެ 35 އިންސައްތަ މިހާރުވަނީ ނިމިފައި. އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ މިސްކިތުގެ ހުރިހާ މަސައްކަތެއް ނިމި، އެ މިސްކިތުގެ ބޭނުން ރައްޔިތުންނަށް ހިއްޕެވޭގޮތަށް އެ މިސްކިތް ތައްޔާރުކުރެވޭނެ.

ދެންމެ ކަތީބުގެ ވާހަކަފުޅުގައި، ނަރުދަމާ ނިޒާމެއްގެ ވާހަކަ ވިދާޅުވެއްޖެ. މިމަސައްކަތްވެސް މިހާރު މިވަނީ ފެށިފައި. އާދެ! ނަރުދަމާ ނިޒާމު ފަރުމާ ކުރުމުގެ މަސައްކަތް މިހާރު މިވަނީ ލަންކާގެ ކުންފުންޏަކާ ހަވާލުކޮށްފައި. އެކަމުގެ އެގްރީމެންޓްގައި ވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ސޮއިކުރެވިފައި. ނަރުދަމާ ނިޒާމު ފަރުމާކުރުމުގެ މަސައްކަތް، ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އެފަރާތުންވަނީ މަޢްލޫމާތު ދީފައި.

އާދެ! ކަތީބުގެ ވާހަކަފުޅުގައި، ރައްޔިތުން ބޭނުންވާ މިނޫންވެސް ކަންތައްތަކެއްގެ ވާހަކަ ވިދާޅުވި. އެކަންތައްތަކަކީ ސަރުކާރުގެ ވިސްނުމުގައި ހުންނާނެ ކަންތައްތައް. މިވަގުތު އަޅުގަނޑަށް ވަކި ޖަވާބެއްދޭން ފަސޭހަ ނުވިޔަސް، އަޅުގަނޑު އެ ހުރިހާ ކަންކަމެއް އިރާދަކުރެއްވިއްޔާ، ސަރުކާރުގެ ކަމާބެހޭ ދާއިރާތަކަށް ހުށަހަޅާނަން. އެއިން ކޮންމެ ކަމަކީ ސަރުކާރުން ވަކި އުޞޫލެއްގެ މަތިން، ވަކި ހަމަތަކެއްގެ މަތިން، ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ކޮށްދެމުން ގެންދާ ކަންތައްތައް. އެހެންވީމާ، ކަނޑައެޅިފައިވާ އުޞޫލުތަކާއި ގަވާއިދުތަކާއި، އެ ހަމަތަކުގެ މަތިން، އެކަންތައްތައްވެސް އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

ދެން ދަންނަވާލަން އޮތީ، އަޅުގަނޑަށް ދަންނަވަން މާ ފަސޭހަ ވާހަކައެއްވެސް ނޫން. އަދި ތިޔަބޭފުޅުންނަށް އަޑުއައްސަވަން މާ ފަސޭހަފުޅުވާނެ ވާހަކައެއްވެސް ނޫން. އެއީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތައް މި ރަށުގައި ގިނަ ވާހަކަ. މި މަޢްލޫމާތު މިއީ ޙަޤީޤަތް ކަމަށްވަންޏާ، އެއީ އަޅުގަނޑުމެން ވަރަށް ހިތާމަކުރަންޖެހޭ ކަމެއް. މަސްތުވާތަކެއްޗަކީ ވަރަށް ނުރައްކާތެރި އެއްޗެއް. އެކަމުން އަޅުގަނޑުމެން ސަލާމަތްވާން އެބަޖެހޭ. ރާއްޖޭގެ އެއްވެސް ރަށެއްގައި މަސްތުވާތަކެތީގެ ބޭނުންކުރުމަކީ، އެއްގޮތަކަށްވެސް އަޅުގަނޑުމެން އެކަމަށް ތަންދީގެންވާނެ ކަމެއް ނޫން. އެހެންވީމާ، އަޅުގަނޑު އެދެނީ، މިރަށުގެ ރައްޔިތުން، ހުރިހާ އެންމެން އެއްބާރުލައިގެން މަސައްކަތް ކޮށްގެން، މި ނުރައްކާތެރި ވަބާ، މިރަށުން ފިލުވައިލުމަށް މަސައްކަތް ކުރެއްވުން.

ހަމައެއާއެކީގައި، ވައްކަމުގެ މައްސަލަތައް ގިނަ ވާހަކަވެސް އަޅުގަނޑަށް އިވުނީމާ، އެކަމާވެސް އަޅުގަނޑު ވަރަށް ބޮޑަށް ހިތާމަކުރިން. ވައްކަމަކީ އެއްގޮތަކަށްވެސް އަޅުގަނޑުމެން އެކަމަށްވެސް ތަންދީގެން ވާނެ ކަމެއް ނޫން. ޢަމުދުން މިރަށަކީ ވަރަށް އާބާދީ ބޮޑު އަދި ތަރައްޤީގެ މަގުގައި ވަރަށްގިނަ ފިޔަވަޅުތަކެއް ކުރިއަށް އަޅާފައިވާ، ތަނަވަސްކަމުގެ އަހުލުވެރިންވެސް ދިރިއުޅޭ ރަށަކަށްވާތީ، މިރަށުގައި ވައްކަންކުރުން ކަހަލަ ކަމެއް ހިނގުމަކީ، އެއްގޮތަކަށްވެސް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ކަމެއް ނޫން. އެހެންވީމާ، ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވައިގެން، މިނުރައްކާތެރި ކަންތައްވެސް މިރަށުން ފިލުއްވައިދެއްވުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު އިލްތިމާސެއް.

އާދެ! އަޅުގަނޑު މި ދެންނެވި ކަންތައްތައް ކާމިޔާބު ކުރެވޭނީ، ރަށުގެ ރައްޔިތުންގެ މެދުގައި ވަރަށްބޮޑު އެކުވެރިކަމެއް އޮވެގެން. އަދި ރައްޔިތުންނާއި ވެރިންނާ ގުޅިގެން މަސައްކަތްތަކެއް ކުރައްވައިގެން. އެހެންވީމާ، އެކަން މާމިގިލީގެ ވެރިންނާއި ރައްޔިތުން ވިލަރެސް ކުރައްވައިގެން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދަވާނެ ކަމަށް އަޅުގަނޑު ޔަޤީން ކުރަން.

ދެން ދަންނަވާލަން އޮތީ، ރާއްޖެއަށް މިއަންނަ ސިޔާސީ އިޞްލާޙުތަކުގެ ވާހަކަ. 2004 ވަނަ އަހަރުން ފެށިގެން ސަރުކާރުން ސިޔާސީ އިޞްލާޙުގެ ޕްރޮގްރާމެއް މިގެންދަނީ ހިންގަމުން. އެޕްރޮގްރާމްގެ ތެރޭގައި ވަރަށްގިނަ ކަންތައްތަކެއް ހިމެނޭ. އޭގެ ވަރަށްގިނަ ކަންތައްތައް މިހާރުވަނީ ކާމިޔާބު ކުރެވިފައި. އެކަންތައްތައް ވަނީ ނިމިފައި. އިތުރަށް ހުރި ކަންތައްތަކެއްވެސް އެބަހުރި. އެކަންތައްތައް ސަރުކާރުން ވަރަށް ބާރަށް ކުރިއަށް އެބަގެންދޭ.

މީގެކުރިން ކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގައި ސިޔާސީ ޕާޓީތަކަށް ހުއްދަ ދިނުމާއި، ރާއްޖޭގައި ސިޔާސީ ޕާޓީތަކެއް ޤާއިމުވުން ހިމެނޭ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، މިހާރު ރާއްޖޭގައި 7 ސިޔާސީ ޕާޓީ ރަޖިސްޓްރީވެގެން ހިނގަމުން އެބަދޭ. ހަމައެހެންމެ، ޚަބަރުފަތުރާ ވަސީލަތްތަކުގެ މިނިވަންކަންވެސް މިހާރުވަނީ ރާއްޖޭގެ ހުރިހާ ވަސީލަތްތަކަކަށް ދެވިފައި. އެ މިނިވަންކަމުގެ ބޭނުން ވަރަށް ފުރިހަމައަށް އެވަސީލަތްތަކުން ކުރަމުން އެބަގެންދޭ. މީގެއިތުރުން، އިންސާނީ ޙައްޤުތަކާބެހޭ މުސްތަޤިއްލު ކޮމިޝަނެއް، ޤާނޫނުގައިވާ ގޮތުގެ މަތިންވަނީ އުފެދި، އެކޮމިޝަނަށް ޤާނޫނީ ބާރު ލިބިފައި. މިއީ އިންސާނީ ޙައްޤުތައް، ރާއްޖޭގައި ރައްކާތެރި ކުރުމަށްޓަކައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް. ހަމައެހެންމެ، ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ފުރިހަމަކޮށް، ހަރުދަނާ ކުރުމަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް މިހާރުވަނީ ކުރެވިފައި. ކުށްވެރިން ބަންދުކުރުމާއި، އެމީހުންނާ ސުވާލުކުރުމާއި، ތަޙުޤީޤު ކުރުމާއި، ޝަރީޢަތަށް ހުށަހެޅުމާ، މިހުރިހާ ކަމެއްވެސް މިހާރު މި ހިނގަނީ، ވަރަށް ޒަމާނީ އުޞޫލުތަކަކާ އެއްގޮތްވާ ގޮތުގެ މަތިން. އެންމެންގެވެސް ޙައްޤުތައް ރައްކާތެރިކޮށްދެވޭ ގޮތެއްގެ މަތިން.

އެހެންވީމާ، މި ހުރިހާ އިޞްލާޙީ ބަދަލުތަކެއް މިހާރު މިވަނީ އައިސް ނިމިފައި. ވަރަށް ކާމިޔާބުކަމާ އެކީގައި. ނުނިމި އޮތް އެންމެ މުހިންމު ކަމަކީ ޤާނޫނުއަސާސީ އިޞްލާޙު ކުރުން. އެމަސައްކަތް ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ކުރައްވަމުން އެބަގެންދަވާ. މިހާރު އެ މަސައްކަތްވެސް ވަނީ ނިމުމަކާ ވަރަށް ކައިރީގައި. އަޅުގަނޑު ޔަޤީންކުރާ ގޮތުގައި، މާލަހެއްނުވެ ރައްޔިތުންގެ ޚާއްޞަ މަޖިލީހުން އެ މަސައްކަތް ނިންމަވައިދެއްވާނެ.

އެ މަސައްކަތް ނިންމަވައިދެއްވީމާ، ދެން އޮންނާނީ ޤާނޫނުއަސާސީ ތަޞްދީޤު ކުރުން. ތަޞްދީޤު ކުރުމަށްފަހުގައި، އޭގެ މައްޗަށް ބިނާކޮށް ހަދަންޖެހޭ ޤާނޫނުތަކެއް ހެދުން. އެއީ، ޚާއްޞަކޮށް، އިންތިޚާބާ ބެހޭ ޤާނޫނުތައް. މި އަހަރަކީ ރިޔާސީ އިންތިޚާބު އޮންނަ އަހަރު. އެހެންވީމާ، ޤާނޫނުއަސާސީގައި ކަނޑައެޅޭ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރިޔާސީ އިންތިޚާބާ ބެހޭ ޤާނޫނެއް އޮންނަން އެބަޖެހޭ. އެ ޤާނޫނު ޖެހެނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރަން. އެކަންވާނީވެސް ޤާނޫނުއަސާސީ އިޞްލާޙުކޮށް ނިމުނީމާ. މި ދެންނެވި ޤާނޫނަކީ ވަރަށް މުހިންމު ޤާނޫނެއް. އެ ޤާނޫނުގައި ބުނާ ހަމަތަކުގެ މަތިން، ރާއްޖޭގައި މި އަހަރު ބޭއްވޭ ރިޔާސީ އިންތިޚާބު، އިރާދަކުރެއްވިއްޔާ ބޭއްވޭނީ. އަދި އެ އިންތިޚާބަކީ ހުރިހާ ޕާޓީތަކެއް ވާދަކުރާ އިންތިޚާބަކަށްވެސް ވާނެ. އަދި އެ އިންތިޚާބު ވާންޖެހޭނީ، ވަރަށް މިނިވަން، އިންޞާފުވެރި އިންތިޚާބަކަށް. ދުނިޔޭގައިވެސް ގަބޫލުކުރެވޭފަދަ ބައިނަލްއަޤްވާމީ މިންގަނޑުތަކަށްވެސް ފެތޭ އިންތިޚާބަކަށް. އެކަން އެގޮތަށް ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް މިހާރުވެސް ސަރުކާރުން މިގެންދަނީ ކުރަމުން. އަދި އަޅުގަނޑު މިދެންނެވި ފަދައިން، ޤާނޫނުއަސާސީ އިޞްލާޙުވެ، އޭގެ މައްޗަށް ބިނާކޮށް ރިޔާސީ އިންތިޚާބާބެހޭ ޤާނޫނެއް ހަދާ، އޭގެ ދަށުން ޤާއިމުކުރަންޖެހޭ ވަސީލަތްތަކާއި، ކަންތައްތަކާއި ނިޒާމުތައް ޤާއިމުކޮށް، އެކަންތައްތައް ފުރިހަމަވުމުން، އަޅުގަނޑު މިދެންނެވި ފަދައިން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ، ވަރަށް މިނިވަން، އިންޞާފުވެރި އިންތިޚާބަކަށް، އިރާދަކުރެއްވިއްޔާ ވެގެންދާނެ.

މިއާ ޚިލާފަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ގެންދޭ. އެހެންނަމަވެސް، އެވާހަކަތަކަކީ އެއްގޮތަކަށްވެސް ރައްޔިތުން އެއަށް ހެއްލިގެންވާނެ ވާހަކަތަކެއް ނޫން. ރައްޔިތުން ޖެހޭނީ ޙަޤީޤަތް ޤަބޫލުކުރައްވަން. އަޅުގަނޑު ކުރިން މި ދެންނެވި ކަންތައްތައްވަނީ ޙާޞިލުވެ ނިމިފައި. އެހެން ކަންތައްތައް ޙާޞިލުވުމުގެ މަގުމަތީގައި ކުރިއަށް އެބަދޭ. އެހެންވީމާ، އެއާ ޚިލާފަށް އެއްވެސް ބަޔަކު ވާހަކަދައްކާ ކަމަށްވަންޏާ، އެވާހަކަ ދައްކަނީ ޙަޤީޤަތަށް ބުރަވެ ތިބެއެއްނޫން. އެ ދައްކަނީ ކޮންމެވެސް އެހެން މަޤްޞަދެއްގައި. އެކަންވާނީ ރައްޔިތުން ރަނގަޅަށް ދެނެވަޑައިގަންނަވަން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، މިރަށުގެ އަގުހުރި ދަރިއެއްގެ ވާހަކަ ދަންނަވާލަން އެބަޖެހޭ. އާދެ! އޭނާއަކީ އަލްފާޟިލް ޤާސިމް އިބްރާހީމް. މާމިގިއްޔަށް އުފަން، މާމިގިލީ ރައްޔިތެއް. އޭނާއަކީ މާމިގިއްޔަށާއި މިއަތޮޅަށް ގިނަގުނަ ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް. އަދި ދިވެހިރާއްޖެއަށްވެސް ތަފާތު ގިނަ ޚިދްމަތްތައް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއް. މިހާރު އޭނާ އެ ހުންނެވީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަގާމުގައި. ސަރުކާރުގެ ވަރަށްމަތީ މަގާމެއްގައި. ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ޚިދްމަތް ކުރައްވަމުން އެ ގެންދަވަނީ. އޭގެއިތުރަށް، އޭނާއަކީ މިހާރު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްވެސްމެ. އެހެންވީމާ، މި ހުރިހާ ޙައިޘިއްޔަތަކުން އަގުހުރި ޚިދްމަތްތަކެއް އޭނާ ކޮށްދެއްވަމުން އެބަ ގެންދަވާ. އަދި މީގެއިތުރުން، ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދާބެހޭ ދާއިރާގެ ވަރަށްގިނަ ކަންތައްތަކުގައި، ވަރަށް ހަރުދަނާ ގޮތެއްގައި އޭނާ ގެންދަވަނީ ޙަރަކާތްތެރިވެވަޑައިގަންނަވަމުން. އެހެންވީމާ، މިހުރިހާ ކަމަކަށްޓަކައި އަލްފާޟިލް ޤާސިމް އިބްރާހީމަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވައި މަރްޙަބާ ދަންނަވަން.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، މާތްﷲ އަޅުގަނޑުމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވައި، ހެޔޮގޮތުގައި ކަންތައްތައް ކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި ދުޢާ ކުރަމުން. މާމިގިއްޔަށާއި، މިއަތޮޅަށާއި، ދިވެހިރާއްޖެއަށް އިތުރު ފާގަތިކަމާއި ތަނަވަސްކަމާއި، އަމަންއަމާންކަމާއި ސަލާމަތްކަން މާތްﷲ މިންވަރު ކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه