بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وأصـحَابِه أجمـعـين.

މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް އަޅުގަނޑު މިއަދު ކުރަން މި ފެށި ދަތުރުގައި، އެންމެ ފުރަތަމަ އަޅުގަނޑު މިއައީ ތިޔަބޭފުޅުންގެ ރަށަށް. އާދެ، ކެންދުއަށް. އަޅުގަނޑު ކެންދުއަށް އައުމުން، މި އަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް މުޙަންމަދު މާހިރާއި، އަދި މިރަށުގެ ވެރިންނާއި، ކޮމިޓީތަކުގެ މެންބަރުންނާއި، ސަރުކާރުގެ ވަޒީފާގައި އުޅުއްވާ ބޭފުޅުންނާއި، ކިޔަވާކުދިންނާއި، ޢާންމު ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ލިބިގެން މި ދިޔައީ ވަރަށްވެސް ހޫނު ތަރުޙީބެއް. އެކަމަށްޓަކައި ޢިއްޒަތްތެރި ހުރިހާ ބޭފުޅުންނަށާއި، ތިޔަ ޢިއްޒަތްތެރި އަޚުންނަށާއި އުޚުތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު މި ރަށަށް އައުމުން، މި ރަށުގެ ރައްޔިތުން ވިދާޅުވި މަރްޙަބާގެ ތެރޭގައި، މި ރަށުގެ ސްކޫލް ކުދިންގެ ވަރަށް ރީތި ހަރަކާތެއްވެސް ފެނިގެންދިޔަ. އެކަމަށްޓަކައިވެސް އަޅުގަނޑު ވަރަށް އުފާކޮށް، ސްކޫލް ކުދިންނަށާއި، އެކަން ރޭއްވެވި ފަރާތްތަކަށް ޝުކުރު ދަންނަވަން. ހަމައެއާއެކީގައި، މި ރަށުގެ ޒުވާނުންގެ ގުޅުމުގެ ފަރާތުން އަޅުގަނޑަށް މަރުޙަބާ ކިޔުމުގެ ގޮތުން ބަހައްޓާފައި ހުރި އެކިއެކި ލިޔުންތައްވެސް އަޅުގަނޑު ދުށިން. އޭގައި ފާޅުކުރައްވާފައިވާ އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި ކެންދޫ ޒުވާނުންގެ ގުޅުމަށާއި، އަދި ކެންދޫ ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

ހަމައެހެންމެ، ދެންމެ މި ރަށުގެ ކަތީބު އަލްފާޟިލް ޢަބްދުއްޞަމަދު މޫސާގެ ވާހަކަފުޅުގައިވެސް، އަޅުގަނޑަށާއި ނަސްރީނާއަށާއި، އަޅުގަނޑާ އެކީގައި ވަޑައިގެންނެވި އެހެން ބޭފުޅުންނަށް، މަރުޙަބާ ވިދާޅުވި ކަމަށްޓަކައި އޭނާއަށާއި އަދި ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަމުން، އޭނާ އެ ވިދާޅުވި ކަންތައްތަކާ ބެހޭގޮތުން ސަރުކާރުން ވިސްނަމުން ގެންދާނެ ވާހަކަވެސް އަޅުގަނޑު ދަންނަވަން.

އާދެ، އަޅުގަނޑު ކެންދުއަށް ޒިޔާރަތް ކުރަން ގަސްދުކޮށް، މިދިޔަ އަހަރުގެ ޖުލައި މަހުގެ ތިންވަނަ ދުވަހު، މިހިސާބަށް އަޅުގަނޑަށް އާދެވުނު. މަތިންދާބޯޓުން އައިސް ކެންދޫ ބަނދަރަށް ޖައްސައި، އަރުމާޒުގައި މަޑުކޮށްލި ވަގުތު ވަރަށްގަދަ ކޮޅިގަނޑެއް އައި. ވަރަށްގަދަ ވަޔާ އެކީގައި ވާރޭ އައިސް، ކަނޑުގަދަކަމުން އެހާ ކައިރީގައި އަޅުގަނޑުމެން ތިބެފައިވެސް މިރަށަށް ފޭބޭގޮތެއްނުވި. އެކަމަކީ، އަޅުގަނޑު އެ ދުވަހުވެސް ވަރަށް ދެރަވި ކަމެއް. ވަރަށް ހިތާމަކުރި ކަމެއް. އެހެންނަމަވެސް، އެއީ ޤުދުރަތުން ދިމާވި ކަމެއް. އަޅުގަނޑުމެންނަށް ޖެހޭނީ ޤުދުރަތަށް ބޯލަނބަން. އެހެންވީމާ، އެ ދުވަހު އެދަތުރު އަޅުގަނޑަށް ނުކުރެވިދިޔައީތީ، އެކަމާ ވަރަށް ހިތާމަކުރާ ވާހަކަ ދަންނަވަން. ދެން އެދުވަހު ފުރައިގެން އަޅުގަނޑުމެންނަށް ދާންޖެހުނީ އޭދަފުށްޓަށް. އެރަށް ފިޔަވައި އަދި އެހެން ދެ ރަށަކަށްވެސް ދާން ގަސްދުކޮށްފައި އޮތީ. އެ ދެރަށަށްވެސް އަޅުގަނޑަކަށް މިދިޔަ އަހަރަކު ޒިޔާރަތެއް ނުކުރެވުނު. އެހެންވީމާ، މި އަހަރު އަޅުގަނޑު ގަސްދުކުރީ، މި އަތޮޅަށް ކުރާ އެންމެ ފުރަތަމަ ދަތުރުގައި، މިދިޔަ އަހަރު އަޅުގަނޑަށް ޒިޔާރަތް ކުރަން ގަސްދުކުރުމާއެކުވެސް، ޒިޔާރަތް ނުކުރެވި ހުރި ރަށްރަށަށް ޒިޔާރަތް ކުރުމަށް. އެހެންވެ، އެގޮތުން އެންމެ ފުރަތަމަ އަޅުގަނޑު މިއައީ ކެންދުއަށް. މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން މިއަދު މޫސުން ވަރަށް ރީތި. މިއަދު ވިއްސާރަޔަކާ އަޅުގަނޑުމެންނަކާ ދިމައެއްނުވޭ. ކަނޑުވެސް ވަރަށް މަޑު. އަދި ހުރިހާ ގޮތަކުން ބަލާއިރުވެސް ވަރަށް ހިތްގައިމު ދުވަހަކަށް މިއަދު މިއޮތީ ވެފައި.

އެންމެ ހިތްގައިމު ކަމަކީ ތިޔަބޭފުޅުންނާ އަޅުގަނޑާ ބައްދަލުވިކަން. އެއީ ކެންދޫ ރައްޔިތުންނަކީ ސަރުކާރަށް ވަރަށް އިޚްލާޞްތެރި، އަދި ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އޮތް ރައްޔިތެއް. އަދި ވަރަށް މަސައްކަތްތެރި އުފެއްދުންތެރި ރައްޔިތެއް. އެހެންވީމާ، ތިޔަފަދަ ރައްޔިތަކާ ބައްދަލުކޮށްލުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އެކަމަށްޓަކައި އަޅުގަނޑު ވަރަށްބޮޑަށް އުފާކުރާ ވާހަކަ ދަންނަވަން.

އާދެ، އަޅުގަނޑު ރައީސްކަމާ ހަވާލުވީއްސުރެ ފެށިގެން ރާއްޖޭގެ ހުރިހާ އަތޮޅަކަށް ދަތުރުކުރަން ފެށިން. މީހުން އުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރިން. އެ ދަތުރުތަކުގެ ބޭނުމަކީ ރައްޔިތުންގެ ހާލުއަހުވާލު ބަލާލައި، ރައްޔިތުން ކުރާ މަސައްކަތަކީ ކޮބައިތޯ، އެމީހުންނަށް ދަތިވާ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެކަންކަމުގައި ސަރުކާރުން ވެދެވެން އޮތް އެހީއެއް ވެދިނުން. އެގޮތުން ވަރަށް ގިނަ ކަންތައްތައް މިހާރުވަނީ، ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ސަރުކާރުން ކޮށްދީފައި. މިވޭތުވެދިޔަ އޮނަތިރީސް އަހަރުގެ ތެރޭގައި ވަރަށްގިނަ ކަންތައްތަކެއް ވަނީ ވެފައި. ދެންމެ ކަތީބުގެ ވާހަކަފުޅުގައި އެ ވިދާޅުވި ފަދައިން، މިރަށަށްވެސް ވަނީ ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެވިފައި. އެ ވާހަކަތަކެއް ކޮންމެހެން އަޅުގަނޑު ދަންނަވާކަށްނެތިން. އެއީ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަންތައްތައް.

އަޅުގަނޑުމެންގެ ރާއްޖޭގައި މީހުން އުޅޭ ވަރަށް ގިނަ ރަށް އެބަހުރި. އަދި ގިނަ ރަށްރަށަކީ ވަރަށް ކުދިކުދި ރަށްރަށް. ވަރަށް ދަތި ކަންތައްތައް ދިމާވެފައި ހުންނަ ރަށްރަށް. އޭގެތެރޭގައި އެއްކަމެއް، ލަފާފުރުމުގެ ދަތިކަން. ކެންދުއަށްވެސް އެ މައްސަލަ އޮތީ ދިމާވެފައި. މީގެކުރިން، ބަނދަރު މިއޮތީ ހެދިފައި. އެހެންނަމަވެސް، ބަނދަރު އެއޮތީ މިހާރު ހަލާކުވެގެން މަރާމާތުކުރަން ޖެހިފައި. އެހެންވީމާ، އެ މަސައްކަތް އިރާދަކުރެއްވިއްޔާ، މި އަހަރު ފެށޭ ގޮތަށް ރޭވިފައި އޮތް ވާހަކަ އަޅުގަނޑު އުފަލާއެކު ދަންނަވަން.

ތަޢުލީމީ ގޮތުން ބަލާއިރު، މި ރަށުގައި މި ސްކޫލްގައި ގްރޭޑް ދިހައެއްގެ ފެންވަރާ ހަމައަށް ތަޢުލީމުގެ ކަންތައްތައް އެބަ ކުރިޔަށްދޭ. ދެން މިރަށުގެ ކަރަންޓުގެ ވާހަކަ ދެންމެ ކަތީބު އެވިދާޅުވި ސިޓީގައި ލިޔުއްވާފައި އެބައޮތް. ރައްޔިތުންގެ ކަރަންޓް މިރަށުގައި ހުރީ. އެއީ 24 ގަޑިއިރު ލިބޭ ކަރަންޓެއް. އެހެންނަމަވެސް، އެކަން ރައްޔިތުންނަށް ހިންގަވަން ދަތިވާ ވާހަކަ ވިދާޅުވި. އަދި އެއީ ސަރުކާރު ކަރަންޓަކަށް ބަދަލުކުރައްވަން ބޭނުންފުޅުވާ ވާހަކަވެސް ވިދާޅުވި. މިކަމާ ބެހޭގޮތުން ޖެހޭނީ ސަރުކާރުން ވަރަށް ބޮޑަށް ވިސްނަން. އަދި ސްޓެލްކޯއާ ވާހަކަ ދައްކަން. އެހެން މި ދެންނެވީ ސްޓެލްކޯއަކީ، ވިޔަފާރި ކުންފުންޏެއް. ފައިދާ ލިބޭގޮތަށް ޚިދުމަތްދޭ ކުންފުންޏެއް. ސްޓެލްކޯއަކަށްވެސް ގެއްލުންވާ ގޮތަކަށް ކަމެއް ނުކުރެވޭނެ. އެހެންވީމާ، މިކަންކަމަކީ، މާ ފަސޭހަކޮށް ހުރި ކަންކަމެއް ނޫން. ޖެހޭނީ ކޮންމެ ކަމެއްގެވެސް އެކޮޅު މިކޮޅު ބަލައި، ކުރެވެން އޮތިއްޔާ އެކަށީގެންވާ ގޮތަކަށް ކުރަން.

އާދެ، އެކަން އެހެން އޮތްއިރު މީގެކުރިންވެސް، މިރަށުގެ ކަރަންޓްގެ ކަންތައްތަކަށް ސަރުކާރުންވަނީ އެކިއެކި އެހީވެދީފައި. އަދި މިހާރުވެސް އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އައުޓަރ އައިލެންޑް އިލެކްޓިރިފިކޭޝަން ޕްރޮޖެކްޓްގެ ދަށުން މިހާރުވަނީ މަސައްކަތް ފެށިފައި. އެއީ ބޭރުގެ އެހީގައި ހިންގާ ކަރަންޓް ދިނުމުގެ ޕްރޮޖެކްޓެއް. ކުރިޔަށް އޮތް ދެހަފްތާއެއްހާ ތެރޭގައި ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ. އެ މަޝްރޫއު ނިމުމުންވެސް، މި ރަށުގެ ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތް މިހާރަށްވުރެ މާ ފަސޭހަކޮށް، ލިބެމުންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

ކުރިންވެސް ދަންނަވާލި ފަދައިން، ކެންދުއަކީ ހީވާގި ރައްޔިތަކު ދިރިއުޅުއްވާ ރަށެއް. މިރަށުގެ އެންމެ ބޮޑު މަސައްކަތަކީ މަސްވެރިކަން. އޭގެއިތުރުން، ބައެއް އެހެން މަސައްކަތްތައްވެސް، މިރަށުގެ ރައްޔިތުން ކުރައްވާ. ކައިރީގައި ރިޒޯޓްތައް ހުރުމާއެކީގައި، ފަތުރުވެރިކަމުގެ ޞިނާޢަތުގައިވެސް މިރަށުގެ ބޭފުޅުން އުޅުއްވާ. އަދި އެކަމަށް ބޭނުންވާ ކަންތައްތައް ކުރުމުގައި، މިސާލަކަށް، ފަންގިވިނުން ކަހަލަ ކަންތައް، އެއީ މިރަށުގައި ވަރަށް ބާރަށް ކުރިޔަށްދާ ކަމެއް ކަމުގައި އަޅުގަނޑަށް އޮތީ އެނގިފައި. މިރަށުގެ އަންހެނުން އެކަމުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާކަން އެނގިފައި އޮތީ. އެހެންވެ، އެކަމަށްޓަކައި ވަރަށް އުފާކޮށް، ރަށުގެ އަންހެނުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، ދިވެހިބޭސްވެރިކަމަށް ކުޅަދާނަ މީހުންވެސް މި ރަށުގައި އެބަތިބި. ހަމައެހެންމެ، ތިމާވެށްޓާ ބެހޭގޮތުންވެސް ޚިދުމަތް ކުރައްވާ ބޭފުޅުން އެބަ ތިއްބެވި. މިގޮތުން، ދިވެހިބޭސްވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 1991ވަނަ އަހަރު އަދި ދިވެހި ބޭސްވެރިކަމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު، 2007 ވަނަ އަހަރުވަނީ، މިރަށު މޯނިންގހައުސް ޔޫސުފް ޙުސައިނަށް ލިބިވަޑައިގެންފައި. އެކަމަށްޓަކައި އަލްފާޟިލް ޔޫސުފް ޙުސައިނަށް، އަޅުގަނޑު ތަހުނިޔާ ދަންނަވަން. އަދި މިރަށުގެ ރައްޔިތުންނަށްވެސް ތަހުނިޔާ ދަންނަވަން.

މަސްވެރިކަމަށް ޚިދުމަތް ކުރުމުގެ ރޮނގުން، ހިތްވަރު ދިނުމުގެ އިނާމު 1990 ވަނަ އަހަރު މިރަށު ލައިޓްހައުސް ޔޫނުސް ޙުސެއިނަށްވަނީ ލިބިވަޑައިގެންފައި. އަދި ތިމާވެށީގެ ފެހިފަތް 2000 ވަނަ އަހަރު، މި ރަށު ލައިޓްކޯނަރ ޢަބްދުލްޖަލީލް އިބްރާހީމަށްވެސް ވަނީ ލިބިވަޑައިގަންފައި. އެހެންވެ، މިބޭބޭފުޅުން މި ކުރައްވާ މަސައްކަތުގެ އަގު ވަޒަންކުރަމުން، އެ ދެބޭފުޅުންނަށް އަޅުގަނޑު މަރުޙަބާ ދަންނަވައި، މި ރަށުގެ ރައްޔިތުންނަށްވެސް ތަހުނިޔާ ދަންނަވަން.

އާދެ، ޢަބްދުލްޖަލީލް އިބްރާހީމަށް މި ލިބިވަޑައިގެންނެވި އިނާމަކީ، ތިމާވެށި ރައްކާތެރި ކުރުމުގެ ގޮތުން އެކަށީގެންވާ ފެންވަރަކަށް، ޚިދުމަތް ކުރައްވާފައިވާތީ ލިބިވަޑައިގެންނެވި އިނާމެއް. ތިމާވެށީގެ މައްސަލައަކީ، މިއަދު ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށް ނުރައްކާތެރި، ވަރަށް ނާޒުކު މައްސަލައެއް. އަޅުގަނޑުމެންގެ ރާއްޖެ ޤުދުރަތީ ގޮތުން ހެދިފައި އޮތްގޮތުންނާއި، އަދި އަޅުގަނޑުމެންގެ ރާއްޖޭގެ ރަށްރަށުގެ ފަސްގަނޑު ތިރިކަމުންނާއި، މިގޮތްގޮތުން އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ނުރައްކާތަކަކާ މިހާރު ކުރިމަތިލާން މިވަނީ ޖެހިފައި. ތިޔަބޭފުޅުންވެސް އައްސަވާނެ، ޖައްވު ހޫނުވަމުންދާ ވާހަކަ، އަދި އޭގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ވާހަކަ.

ސައިންޓިސްޓުން ބުނާގޮތުގައި، ކުރިއަށް އޮތް ތާނގައި މީއީ، ވަރަށް ބޮޑު މައްސަލައަކަށް ވެގެންދާނެ. ދުނިޔޭގެ ހުރިހާ ޤައުމަކަށްވެސް އެކަމުގެ އަސަރުކުރާނެ. އެހެންނަމަވެސް، އެކަމުގެ އަސަރު، ރާއްޖެފަދަ ފަސްގަނޑުތިރި ޤައުމަކަށް ކުރާލެއް މާބޮޑުވާނެ. މިއީ، އަޅުގަނޑުމެން މިއަދު ޤަބޫލުކުރަން ޖެހިފައި އޮތް ޙަޤީޤަތެއް. ތިމާވެށި ރައްކާތެރި ކުރުމުގެ ގޮތުން އަޅުގަނޑުމެނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަން އެބަޖެހޭ. އަޅުގަނޑުވެސް ޤަބޫލުކުރަން، އަޅުގަނޑުމެނަށް ކުރެވެން ހުންނާނީ ވަކިކަހަލަ މަސައްކަތްތަކެއް.

ކޮންމެ ރަށެއްގެ ރައްޔިތަކަށްވެސް ކުރެވިދާނެ ކަންތަކެއް ހުންނާނެ. މިސާލަކަށް، ގަސް އިންދުމުގެ މަސައްކަތް. އަދި ފަޅުތެރެ ސާފުކުރުމާއި، އަދި ފަޅުތެރެއަށާއި ކައިރީގައި ހުންނަ ފަޅުފަޅަށާއި ފަރުފަރަށް ގެއްލުން ނުވާގޮތުގެ މަތިން އެކިއެކި ކަންތައްތައް ރާވައި ހިންގުމާ، އަދި އަޅުގަނޑުމެންގެ ކުޑަކުދިންނަށާއި ޒުވާނުންނަށް ތިމާވެށީގެ މުހިންމުކަމާއި، ތިމާވެށި ރައްކާތެރި ކުރުމަށް، ހަމަ ކޮންމެ މީހަކަށްވެސް ކުރެވިދާނެ މަސައްކަތްތައް ކިޔައިދިނުމާއި، މިގޮތުން އަޅުގަނޑުމެންނަށް ކުރެވޭނެ ކަންތައްތަކެއް ހުންނާނެ.

އޭގެއިތުރުން، ސަރުކާރުން ކުރާ ކަންތައްތަކެއްވެސް ހުންނާނެ. ތިމާވެށި ރައްކާތެރި ކުރުމުގެ ގޮތުން، ސަރުކާރުން ވަރަށްގިނަ މަޝްރޫޢުތަކެއް ހިންގާފައިވާކަން، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. މިހާރުވެސް އެ މަސައްކަތްތައް ހިންގަމުން އެބަގެންދަން. މީގެއިތުރުން، ބައިނަލްއަޤްވާމީ ގޮތުންވެސް މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހޭ. އެކަމާ ބެހޭގޮތުންވެސް ދިވެހި ސަރުކާރުން މިވޭތުވެދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައިވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައި. ރާއްޖޭގެ ތިމާވެށްޓަށް މި ކުރިމަތިވާ މައްސަލަތަކާއި، އަދި ކުރިމަތިވާނެ ކަމަށް ސައިންޓިސްޓުން ބުނާ މައްސަލަތަކުގެ ވާހަކަވާނީ ބައިނަލްއަޤްވާމީ މުޖްތަމަޢަށް ވަރަށްގިނަ މުނާސަބަތުތަކުގައި ދިވެހި ސަރުކާރުން ކިޔައިދީފައި. ބައިނަލްއަޤްވާމީ މުޖްތަމަޢުގައި މިކަމުގެ ހޭލުންތެރިކަން އުފެއްދުމަށް ސަރުކާރުންވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައި. އޭގެ ނަތީޖާވެސް އިރާދަކުރެއްވިއްޔާ ރަނގަޅު.

މިހާރު ބައިނަލްއަޤްވާމީގޮތުން އަޅަމުން ގެންދާ ފިޔަވަޅުތަކެއްވެސް އެބަހުރި. އެހެންނަމަވެސް، އެފިޔަވަޅުތަކަކީ އަދި އޭގެ ޒާތުގައި މުޅިން ފުދޭ ފިޔަވަޅުތަކަކަށް ނުވާނެ. އެހެންވީމާ، ކުރިއަށް އޮތް ތާނގައި ބައިނަލްއަޤްވާމީ ގޮތުން އިތުރު ފިޔަވަޅުތައް އެޅުމަށްޓަކައި ޖަލްސާތަކެއް އެބަ ބޭއްވޭ. ރާއްޖޭގައި މިދިޔަ އަހަރު ކުދި ޤައުމުތަކުގެ ޖަލްސާއެއް ބޭއްވުނު. އަދި ބާލީގައި ބައިނަލްއަޤްވާމީ އާންމު ބޮޑު ޖަލްސާއެއްވެސް ވަނީ ބޭއްވިފައި. އެ ޖަލްސާއަށް ދިވެހިރާއްޖޭގެ ފަރާތުން އަޅުގަނޑުވެސް ދިޔައިން. އަދި ރާއްޖެއަށް ކުރިމަތިވާ ކަންތައްތަކުގެ ވާހަކަ ކިޔައިދީ ހެދިން. އެޖަލްސާގައި، ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން ހުރިހާ ޤައުމުތަކުން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން އިތުރަށް ވާހަކަދައްކާ، އެއްބަސްވުމަކަށް އަންނަގޮތަށްވަނީ ވާހަކަދެކެވި އެއްބަސްވެވިފައި.

އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، ތިމާވެށްޓަކީ އަޅުގަނޑުމެން އެންމެން ވަރަށްބޮޑު ސަމާލުކަމެއް ދޭން ޖެހިފައިވާ އެއްޗެކޭ. އެކަން އަޅުގަނޑުމެން ދަންނަންވާނެއޭ. ތިމާވެށްޓަށް ގެއްލުން ލިބޭކަހަލަ ކަމެއް، އެއްވެސް މީހަކު ކޮށްގެނެއްނުވާނެއޭ.

އާދެ، މިރަށް ގިރަމުންދާ ވާހަކަވެސް، މިރަށުގެ ވެރިން އަޅުގަނޑު ގާތުގައި ވިދާޅުވި. އެއީވެސް، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ކުރިމަތިވެފައި އޮތް މައްސަލައެއް. އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް. އެކަން ޙައްލުކުރެވޭނެ ގޮތެއްވެސް މިވަނީ ހޯދަން ޖެހިފައި. މިކަމުގައި ބައިނަލްއަޤްވާމީ އެހީ ލިބޭތޯވެސް ސަރުކާރުން މަސައްކަތް ކުރަމުން އެބަގެންދޭ. އެކިއެކި އަވަށްޓެރި ޤައުމުތަކަށް އަޅުގަނޑު ކުރާ ދަތުރުތަކުގައިވެސް މި ވާހަކަ ދައްކާ، އެތަންތަނުގެ ކަމާބެހޭ ތަޖުރިބާކާރުން ރާއްޖެ އައިސް، އަޅުގަނޑުމެންގެ ރާއްޖެއަށް މިވާގޮތެއް ބަލައި، އެމީހުންނަށް ފެންނަ ލަފައެއް ދިނުމަށްވެސް އަޅުގަނޑުވަނީ އެދިފައި. އިރާދަކުރެއްވިއްޔާ އެކަންތައްތައްވެސް ކުރިއަށްދާނެ.

އެހެން އެކަން ވަމުންދާއިރު، އަޅުގަނޑުމެންނަށްވެސް ކުރެވެން އޮތްވަރަކަށް އަޅުގަނޑުމެންގެ ރަށްތައް ޙިމާޔަތް ކުރުމަށް މަސައްކަތްތަކެއް ކުރަން އެބަޖެހޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ސަރުކާރުން ކުރަންޖެހޭ ކަންތައްތައް، ސަރުކާރުން ކުރަމުން ގެންދާނެ. އޭގެއިތުރުން، ކޮންމެ ރަށެއްގެ ރައްޔިތުންވެސް، އެ ރަށެއްގެ ތިމާވެށި ރައްކާތެރި ކުރައްވައި، އެ ރަށެއްގެ ގޮނޑުދޮށްތައް ޙިމާޔަތް ކުރެއްވުމަށް ކުރެއްވެން ހުރި މަސައްކަތްތަކެއް އަޅުގަނޑަށް ހީވަނީ ޖެހޭނީ ކުރައްވަންހެން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑާ ނަސްރީނާ، އަދި އަޅުގަނޑާއެކީ ވަޑައިގެންނެވި ބޭފުޅުންނަށް، މި ރަށުގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން ތިޔަ ވިދާޅުވި ވަރަށް ހޫނު މަރުޙަބާއަށްޓަކައި، އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން. އަދި މި އަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިންނަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް އަބަދުވެސް ހެޔޮ ވިސްނުން ދެއްވުން. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި އަބަދުމެ ފައިތިލަ ސާބިތުކޮށްގެން ތިބޭ ބަޔަކު ކަމުގައި ލެއްވުން. އަދި އަޅުގަނޑުމެންގެ ރަށްރަށާއި، މުޅި ޤައުމަށް ލާބަޔާއި މަންފާ ހޯދައިދިނުމަށްޓަކައި ސަރުކާރާއި ރައްޔިތުންނާއި އަދި އެކިއެކި އަމިއްލަ ފަރާތްތަކުން މި ކުރަމުން ގެންދާ ބުރަ މަސައްކަތްތަކުގައި މާތްﷲ ބަރަކާތް ލައްވައި، އެކަމުގެ ފައިދާ، ދިވެހި ރައްޔިތުންނަށް ދެއްކެވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.