بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وأصـحَابِه أجمـعـين.

އަޅުގަނޑު އަރިއަތޮޅު ދެކުނުބުރީ ބައެއް ރަށްރަށަށް މިކުރާ ދަތުރުގައި، އެންމެފަހު މަންޒިލަކަށްމިވީ، ތިޔަބޭފުޅުންގެ ލޮބުވެތި ރަށް. އާދެ! ފެންފުށި. މިރަށަށް އައުމުން، މިރަށުގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ތިޔަބޭފުޅުންގެ ފަރާތްޕުޅުން ދެންމެ ވާހަކަފުޅު ދެއްކެވި ރަށުއޮފީހުގެ އެހީތެރިޔާ އަލްފާޟިލް ޝާހިދު ޢަބްދުއްރަޙީމްގެ ވާހަކަފުޅުގައިވެސް އެ ފާޅުކުރެއްވި އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށާއި އޭނާއަށް އަޅުގަނޑު ޝުކުރު ދަންނަވަން.

މިމަގާމުގައި ހުރެގެން ފެންފުށްޓަށް ޒިޔާރަތްކުރާ މިއީ ތިންވަނަފަހަރު. މީގެކުރިން، އެންމެފަހުން އަޅުގަނޑަށް މި ރަށަށް އާދެވިފައިވަނީ، މީގެ 10 އަހަރު ކުރިން، އާދެ! 1998 ވަނަ އަހަރު. ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން ހަނދުމަފުޅު ހުންނާނެ ފަދައިން، އޭގެ މާކުރިން އެއްފަހަރު އަޅުގަނޑު ފެންފުށްޓަށް އައިން. އެއީ، 1970ގެ އަހަރުތަކުގެ ތެރޭގައި. އޭރުގެ ވަޒީރުލްއަޢުޡަމްގެ ޚާއްޞަ ވަކީލެއްގެ ޙައިޘިއްޔަތުން އަޅުގަނޑު ވަޒީފާ އަދާކުރިއިރު، ވަޒީރުލްއަޢުޡަމް ފޮނުއްވައިގެން، މާލެއިން ދެކުނުގައި މީހުން އުޅޭ ހުރިހާ ރަށަކަށް އަޅުގަނޑު ޒިޔާރަތް ކުރިން. އެދަތުރުގައި އަޅުގަނޑު މިރަށަށް އައިން.

އާދެ! ފެންފުށްޓަކީ ވަރަށް ޚާއްޞަ ރަށެއް. އާޘާރީ ގޮތުން، ތާރީޚީ ގޮތުން ބަލާއިރު ވަރަށް ފާހަގަކޮށްލެވޭ ރަށެއް. އަދި ދިރިއުޅުމަށް ރައްޔިތުން ކުރައްވާ މަސައްކަތްތަކުގެ ގޮތުން ބަލާއިރުވެސް ވަރަށް މުހިންމު ރަށެއް. މިރަށުގެ ތަރައްޤީއަށް ވޭތުވެދިޔަތާނގައި ސަރުކާރުންވަނީ މަޝްރޫޢުތަކެއް ރާވައިގެން ހިންގާފައި. އޭގެތެރޭގައި، ރަށު މަދަރުސާ އިމާރާތް ކުރުމާއި، ރަށުއޮފީހާއި ރަށްވެހިގެ އިމާރާތް ކުރުމާއި، ޞިއްޙީ މަރްކަޒު އިމާރާތް ކުރުން ހިމެނޭ. ދެންމެ ރަށުއޮފީހުގެ އެހީތެރިޔާގެ ވާހަކަފުޅުގައި، ބަނދަރުގެ ވާހަކަ ވިދާޅުވެއްޖެ. އާދެ! ބަނދަރު ހަލާކުވެފައިވާތީ، ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް، މިއަހަރުގެ ތެރޭގައި ފެށުމަށްވަނީ ރޭވިފައި.

ރަށްރަށުގެ ބަނދަރު ހެދުމާއި މަރާމާތު ކުރުމުގެ މަސައްކަތަކީ، ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދީގެން ކުރަމުން ގެންދާ ކަންތައްތަކެއް. އެހެންނަމަވެސް، ރާއްޖޭގެ ވަރަށްގިނަ ރަށްރަށަކީ ލަފާފުރުމުގެ ދަތިކަމާއި، ބަނދަރުގެ ދަތިކަން އިޙްސާސް ކުރަން ޖެހިފައިވާ ރަށްރަށް ކަމަށްވާތީ، ހުރިހާ ރަށަކަށް، އެ ރަށްރަށުގެ ރައްޔިތުން އެދޭހާ އަވަހަކަށް ސަރުކާރަކުން މިކަން ކޮށެއްނުދެވޭ. އެއީ ވަރަށްގިނަ ސަބަބުތަކެއް ހުރެގެން. ބަޖެޓުގެ ދަތިކަމާއި، ވަސީލަތްތަކުގެ ދަތިކަން ހުރިގޮތުން. އެހެންނަމަވެސް، ކަމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް. އިސްކަންދީގެން ވީހާގިނަ ރަށެއްގެ ބަނދަރު ހަދައިދެވޭތޯ މިދަނީ މަސައްކަތް ކުރަމުން. ވީހާގިނަ ރަށެއްގެ ލަފާފުރުމުގެ މައްސަލައަށް ޙައްލު ގެނެވޭތޯވެސް މިދަނީ މަސައްކަތް ކުރަމުން.

މިރަށަކީވެސް ގިރަމުންދާ ރަށެއް. އެހެންވީމާ، ރަށް ޙިމާޔަތް ކުރުމުގެ ގޮތުން ސަރުކާރުގެ ޚަރަދުގައި މިހާރު ތޮށްޓެއްލަމުން އެބަ ގެންދެވޭ. މި މަޝްރޫޢުގެ ދެވަނަ މަރްޙަލާ މިހާރު ނިމި، ތިންވަނަ މަރްޙަލާ މިހާރު ހިނގަމުންދާ ކަމަށް އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އެބައޮތް.

އާދެ! ދެންމެ ރަށުއޮފީހުގެ އެހީތެރިޔާގެ ވާހަކަފުޅުގައި، ރަށުގެ ރައްޔިތުންނަށް ބޭނުންފުޅުވާ އިތުރު ކަންތައްތަކުގެ ވާހަކަ ވިދާޅުވެއްޖެ. އެކަންތައްތަކަކީ، ސަރުކާރުގެ ވިސްނުމުގައި ހުންނާނެ ކަންތައްތައް. އަދި މި ރަށުގެ ރަށުއޮފީހުން އަތޮޅުއޮފީސް މެދުވެރިކުރައްވައި، ސަރުކާރުގެ ކަމާބެހޭ ދާއިރާތަކަށް ހުށަހަޅުއްވަނިކޮށް، އެ ދާއިރާތަކުން އެކަންތައްތައް ބައްލަވައިދެއްވައި، ހަމަޖައްސަވައި ދެއްވެން އޮތް އެންމެ ރަނގަޅު ގޮތަކަށް ހަމަޖައްސަވައި ދެއްވާނެ. އެހެންވީމާ، އެމަސައްކަތް އެގޮތަށް ކުރެއްވުން އެދެން. މިހެން ދަންނަވާއިރުވެސް، ތިޔަބޭފުޅުންވެސް ގަބޫލު ކުރައްވާނެ. ކުރިންވެސް މިދެންނެވި ބަޖެޓުގެ ދަތިކަމާއި، ވަސީލަތްތައް މަދުކަމުން، ހުރިހާ ރަށަކަށް، އެރަށްރަށުގެ ރައްޔިތުން ބޭނުންވާހާ ކަމެއް، ރައްޔިތުން ބޭނުންވާހާ އަވަހަކަށް ސަރުކާރަކަށް ކޮށެއްނުދެވޭނެ. އެއީ ދެން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތެއް.

ރަށުގެ ކުރިއެރުމާއި ތަރައްޤީއަށް މަސައްކަތް ކުރަމުންދާއިރު، އެ މަސައްކަތް ކުރިއަށްދާނީ، ރައްޔިތުންގެ މެދުގައި ވަރަށް ރަނގަޅު ގުޅުމެއް އޮވެގެން. ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އޮވެގެން. ރައްޔިތުންގެ މެދުގައި އޮންނަ އިޖްތިމާޢީ ގުޅުންތައް ބަދަހިވެގެން. އަދި އެންމެން އެއް ރޫޙެއްގައި އެއް އަމާޒަކަށް މަސައްކަތް ކޮށްގެން. މިކަން ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނެކޭ އެއްފަދައިން، ފެންފުށީ ރައްޔިތުންވެސް އަބަދުވެސް ހަނދުމަފުޅު ބަހައްޓަވަންވާނެ.

އާދެ! ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު އެއް މަސައްކަތަކީ ފަތުރުވެރިކަމުގެ މަސައްކަތް. އެއީ 1972 ގައި ރާއްޖެއަށް ތަޢާރުފުވިފަހުން، މިވޭތުވެދިޔަ 36 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގައި ވަރަށް ބޮޑަށް ތަރައްޤީ ކުރެވިފައިވާ ޞިނާޢަތެއް. އަދި ފަތުރުވެރިކަމުގެ އެންމެ ރީތި އެއް މަންޒިލެއްގެ ގޮތުގައި ރާއްޖެ މިހާރުވަނީ މުޅި ދުނިޔެއަށް މަޝްހޫރުވެފައި. ދުނިޔޭގެ އެތަން މިތަނުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރަމުން އެބަގެންދޭ. ހުޅަނގުންނާއި އުތުރުންނާއި ދެކުނުންނާއި އިރުމަތިންނާ ހުރިހާ ދިމާއަކުން، ހުރިހާ ޤައުމަކުން ރާއްޖެއަށް ޒިޔާރަތްކުރޭ. އެމީހުންގެ ބޭނުމަކީ ހަމަހިމޭންކަމާއެކު އަދި ހަމަޖެހުމާއެކު، އުފަލާއެކު ޗުއްޓީގެ ދުވަސްކޮޅެއް ހޭދަކޮށްލުން.

ފަތުރުވެރިން ރާއްޖެ އައުމުން، ރާއްޖެއަށް ތަރައްޤީގެ ވަރަށްގިނަ މަގުތައް ފަހިވެގެންދޭ. ފަތުރުވެރިކަމުން ސަރުކާރަށް ލިބޭ އާމްދަނީއާއި، މުޅި ޤައުމަށް ލިބޭ އާމްދަނީއަކީ ވަރަށްބޮޑު އެއްޗެއް. އެ އާމްދަނީ ލިބިގެން، ސަރުކާރުންވެސް ވަރަށްގިނަ ކަންތައްތައް ކުރަމުން އެބަގެންދޭ. ރައްޔިތުންނަށް ބޭނުންވާ ޚިދްމަތްތައް، ސަރުކާރުން ވާސިލުކޮށްދެމުން މިގެންދަނީ، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން. ބަޖެޓަށް ފައިސާ ލިބޭ އެންމެ މުހިންމު އެއް ދާއިރާއަކީ ފަތުރުވެރިކަން. އަދި އޭގެއިތުރުން، ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތު ލިބުމާއި، އެކިއެކި ވިޔަފާރި ކުރިއަށް ގެންދިޔުމުގެ ފުރުޞަތުވެސް ތަނަވަސްވެގެން މިދަނީ، ފަތުރުވެރިކަމުގެ ތެރެއިންލާފައި.

އެގޮތުން ބަލާއިރު، ފެންފުށީ ރައްޔިތުންނަކީވެސް މި ދާއިރާގައި މަސައްކަތް ކުރައްވާ ބަޔެއް. އާދެ! މިރަށުގެ ރައްޔިތުންގެ ވަރަށްގިނަ ބަޔަކީ، ރިޒޯޓުތަކުގައި މަސައްކަތްކުރާ ނުވަތަ ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން. އެހެންވީމާ، މިރަށަށް މިލިބޭ އާމްދަނީގެވެސް ވަރަށްބޮޑު ބަޔަކީ، ފަތުރުވެރިކަމުން ލިބޭ އާމްދަނީއެއްކަން، މިރަށުގެ ރައްޔިތުންވެސް ގަބޫލުކުރައްވާނެ.

މިއަތޮޅުގައި މިހާރުވެސް އެބައޮތް ފަތުރުވެރިކަމުގެ 16 މަންޒިލް ތަރައްޤީ ކުރެވިފައި. އެއީ މާލެއަތޮޅު ނަގާފައި، ރާއްޖޭގައި އެންމެގިނަ ޢަދަދަކަށް ފަތުރުވެރިކަމުގެ ރިޒޯޓުތައް ހުރި އަތޮޅަކީ މިއީ. އަރިއަތޮޅު އުތުރުބުރީގައި 11 ރިޒޯޓު. އަރިއަތޮޅު ދެކުނުބުރީގައި 16 ރިޒޯޓު. އެހެންވީމާ، މިއީ އަޅުގަނޑުމެން ގަބޫލުކުރަންވެއްޖެ ޙަޤީޤަތެއް. މިކަމުން އަޅުގަނޑުމެންނަށް ހުޅުވާލެވިފައި މިވަނީ ވަރަށް ބޮޑެތި ދޮރުތަކެއްކަން. އަޅުގަނޑުމެންގެ އާމްދަނީ އިތުރުކުރުމަށާއި، އަޅުގަނޑުމެން ތަރައްޤީވުމަށް އަޅުގަނޑުމެންނަށް މިހާރު ލިބިފައި މިވަނީ، ވަރަށް އަގުހުރި ފުރުޞަތުތަކެއްކަން. މިއީ އަޅުގަނޑުމެން މިއަދު ގަބޫލުކުރަންވެއްޖެ ކަމެއް.

އެހެންވީމާ، ފަތުރުވެރިކަމަށް ހީނަރުކަން އަންނަފަދަ އެއްވެސް ކަމެއް ކުރުމަކީ، އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ކޮށްގެންވާނެ ކަމެއް ނޫންކަން، ތިޔަބޭފުޅުން ގަބޫލުކުރައްވާނެ. ފަތުރުވެރިންނަކީ ކުރިންވެސް ދެންނެވި ފަދައިން، ރާއްޖޭގައި އުފަލާއެކު ޗުއްޓީ ހޭދަކޮށްލަން އަންނަ ބަޔެއް. އެހެންވީމާ، އެމީހުންނަށް އަޅުގަނޑުމެން ކަމޭހިތަންވާނެ. އެމީހުންނަށް ޤަދަރު ކުރަންވާނެ. އެމީހުންނާ މުޢާމަލާތު ކުރަންޖެހޭނީ ހެޔޮގޮތުގައި. އެމީހުންނަށް ފެންނަން ޖެހޭނީ، އަޅުގަނޑުމެންގެ ހިނިތުންވެފައިވާ މޫނުތައް. އެމީހުންނަށް ރާއްޖެއިން ލިބެން ޖެހޭނީ ވަރަށް ހޫނު ތަރުޙީބެއް. މިގޮތަށް އަޅުގަނޑުމެން ކަންތައް ކޮށްގެން، ފަތުރުވެރިކަން ދެމެހެއްޓޭނީ. އަދި ކުރިއަށް ގެންދެވޭނީ. އެހެންވީމާ، މިނުކުތާއަށް ފެންފުށީ ރައްޔިތުން ވަރަށް ބޮޑަށް ސަމާލުވެވަޑައިގަތުމަކީ، އަޅުގަނޑު އެދޭ ކަމެއް.

އަޅުގަނޑު މިހެން މިދެންނެވީ، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ފަތުރުވެރިން ފެންފުށްޓަށް ޒިޔާރަތް ކުރުމުން، އެމީހުންނަށް ދިމާވާ ބައެއް ދަތި މައްސަލަތައް ހުރުމާއެކީގައި، މިހާރު އެމީހުން މިރަށަކަށް ޒިޔާރަތެއް ނުކުރޭ. ނުވަތަ ކުރަނީ ވަރަށްމަދުން. އެކަން އެހެންވީމާ، އެއީ ރަށުގެ ރައްޔިތުންނަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު ނިކަމެތިކަމަކަށް ވެގެންދާނެ. އެއީ ފަތުރުވެރިން މިރަށަށް ޒިޔާރަތް ކުރީމާ، އެ ލިބޭ އާމްދަނީން ވަރަށްގިނަ ބަޔަކު މަޙްރޫމްވެގެންދާނެ. މިކަން މި ހިނގަނީ ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ބަޔެއްގެ މެދުގައި ކޮންމެވެސްވަރެއްގެ ވާދަވެރިކަމެއް އުފެދިގެން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އެހެންނަމަވެސް، ވާދަވެރިކަންވެސް އޮންނަން ޖެހޭނީ ވަކި ޙުދޫދެއްގެ ތެރޭގައި. ވަކިކަހަލަ އުޞޫލުތަކަކާ އެއްގޮތަށް، އަޅުގަނޑުމެން އެކަހަލަ ކަންތައްވެސް ކުރިއަށް ގެންދަންވާނީ. އެހެންވީމާ، މި ނުކުތާއަށް ވަރަށް ބޮޑަށް ސަމާލުވެވަޑައިގެން، ފަތުރުވެރިންނަށް ކަމޭހިއްތެވުމާއި، އިޙްތިރާމް ކުރެއްވުން އިތުރުކުރައްވައި، އެމީހުންނަށް ދަތިވާގޮތަކަށް އެއްވެސް ކަމެއް ނުކުރެއްވުމަކީ، ފެންފުށީ ރައްޔިތުންގެ އަރިހުން އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް.

އާދެ! ކުރިންވެސް އަޅުގަނޑު އިޝާރާތްކޮށްލި ފަދައިން، ފެންފުށްޓަކީ ތާރީޚީގޮތުންވެސް ވަރަށް ފާހަގަކުރެވޭ ރަށެއް. މިރަށާ އުތީމު ޢާއިލާއާ އޮތީ ވަރަށް ބޮޑަށް ގުޅިފައި. މިރަށުގައި ހުރި ހުކުރު މިސްކިތާއި ކުޑަމިސްކިތަކީ، ކަޅުކަމަނާފާނުގެ ދެކަނބަލުން ބިނާކުރެއްވި ދެ މިސްކިތް ކަމަށް ބުނެވޭ. ހުކުރު މިސްކިތަކީ ހިރިގަލުގެ ކުރެހުމާއެކު، ހިރިގަލުން ހަދާފައިވާ މިސްކިތެއް. މިސްކިތުގެ ގޯތިތެރޭގައި ވަރަށް އާސާރީ ވެވެއްވެސް އެބައޮތް.

އެހެންވީމާ، ދެންމެ ރަށުއޮފީހުގެ އެހީތެރިޔާގެ ވާހަކަފުޅުގައި އެވިދާޅުވިފަދައިން، މިތަންތަން ޙިމާޔަތް ކުރުމަކީ އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމެއް. އާޘާރީ ތަންތަން ބަލަހައްޓައި ޙިމާޔަތް ކުރުމަކީ، ވަރަށް މުހިންމު ކަމެއް. މިއީ އަޅުގަނޑުމެންގެ ތަރިކައިގެ މުއްސަނދިކަން ދައްކައިދޭ ކަމެއް. އެތަންތަނަށް ގެއްލުމެއްވުމަކީ އަޅުގަނޑުމެންގެ ތާރީޚަށް ލިބޭ ގެއްލުމަކަށް ނުވެއެއްނުދާނެ. ސަރުކާރުގެ ކަމާބެހޭ ފަރާތުންވެސް އެމަސައްކަތް އެގޮތަށް ކުރައްވަމުން ގެންދަވާނެ. އެހެންނަމަވެސް، އަޅުގަނޑު ދެކޭގޮތުގައި އެމަސައްކަތް މިހާރު ވަރަށް ބޮޑަށް ފުޅާކުރަންވެއްޖެ. ހަރުދަނާ ކުރަންވެއްޖެ. ރަށުގެ ރައްޔިތުންގެ އެއްބާރުލެއްވުމާ އެކީގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުންވެސް، ރާއްޖޭގައި ހުރި މިފަދަ އާޘާރީ އަދި ތާރީޚީ ތަންތަން ޙިމާޔަތް ކުރެއްވުމުގެ މަސައްކަތް އިތުރަށް ފުޅާކުރައްވައި ހަރުދަނާ ކުރެއްވުމަކީ، ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ދެކޭ ވާހަކަ ދަންނަވާލަން.

އާދެ! ދެން ދަންނަވާލަން އޮތީކީ، ތިޔަބޭފުޅުންވެސް ހިތްޕުޅުހަމަޖެހޭނެ ވާހަކައެއް ނޫން. އަޅުގަނޑުވެސް އެ ވާހަކަ ދައްކަން މާ ހިތްހަމަޖެހޭ ވާހަކައެއްވެސް ނޫން. އެހެން ނަމަވެސް، ދައްކާލަން އެބަ މަޖުބޫރުވޭ. އާދެ! އެ ވާހަކައަކީ މި ރަށަކީ މަސްތުވާތަކެތީގެ މައްސަލަތައް ގިނަ ރަށެއްކަމުގެ މަޢްލޫމާތު އަޅުގަނޑަށް ލިބިފައިވާ ވާހަކަ. އެއީ ތެދެއް ކަމަށްވަންޏާ، އެއީ ވަރަށް ހިތާމަހުރި ކަމެއް. އެއީ ވަރަށްބޮޑު ދެރައެއް.

އެނގިވަޑައިގަންނަވާނެ ފަދައިން، މަސްތުވާތަކެއްޗަކީ ވަރަށް ނުރައްކާތެރި އެއްޗެތި. އޭގެ ނުރައްކާ ލިބެނީކީ، އަދި އޭގެ ގެއްލުން އިޙްސާސް ކުރަން ޖެހެނީކީ ހަމައެކަނި އެތަކެތި ބޭނުންކުރާ މީހުންނެއް ނޫން. އެމީހުންގެ ޢާއިލާތަކާއި، އެމީހުންގެ މުޖްތަމަޢާއި، މުޅި ޤައުމުވެސް އެކަމުގެ ވޭނުގެ ތެރޭގައި އުޅެން އޮންނަނީ މަޖުބޫރުވެފައި. އެހެންވީމާ، މަސްތުވާތަކެތީގެ ވަބާއިން ރައްކާތެރިވުމަށް، އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަން އެބަޖެހޭ. ކޮންމެ ރަށެއްގައި، އެރަށުގެ ފެންވަރުގައި، ރަށުގެ ރައްޔިތުންނާއި ވެރިން ގުޅިވަޑައިގެން، އެއްބާރުލައްވައިގެން، އެއް އަމާޒަކަށް ވާސިލުވުމަށްޓަކައި، މިމަސައްކަތް ވަރަށް ހަރުދަނާ ގޮތެއްގައި ކުރައްވަންޖެހޭ. އަދި ސަރުކާރުގެ ފެންވަރުގައި ސަރުކާރުންވެސް މަސައްކަތްތަކެއް ކުރަންޖެހޭ. މިހާރުވެސް ގެންދަނީ މަސައްކަތް ކުރަމުން. އެހެންނަމަވެސް، މިމަސައްކަތްތަކަކީ ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އިތުރަށް ފުޅާކޮށް، ތަރައްޤީކޮށް ހަރުދަނާ ކުރަން ޖެހިފައިވާ މަސައްކަތްތަކެއް.

އެހެންވީމާ، އަޅުގަނޑު އެދެނީ، ފެންފުށީ ރައްޔިތުން މިކަމަށް އިތުރު ބާރެއް ލައްވައިގެން، މި ރަށުން މަސްތުވާތަކެތީގެ ވަބާ މުޅިން ނައްތާލެއްވުމަށްޓަކައި އެންމެން އަތުގުޅާލައިގެން މަސައްކަތް ކުރެއްވުން.

އާދެ! މިފަހަރު އަޅުގަނޑުގެ ދަތުރުގެ ޕްރޮގްރާމް ހަމަޖެހިފައިވާ ގޮތުން، ފެންފުށްޓަކީ އަޅުގަނޑު މި ދަތުރުގައި އެންމެފަހުން ޒިޔާރަތްކުރާ ރަށް. އެހެންވުމާއެކު، އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން، ޝުކުރުގެ ދެތިން ބަހެއްވެސް ދަންނަވާލަން އެބަ ބޭނުންވޭ. އާދެ! އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖޭގެ އަތޮޅުތައް ތަރައްޤީ ކުރެއްވުމުގެ މަސައްކަތުގެ ބޮޑުބައި ގެންދަވަނީ މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުން. އެހެންވީމާ، އެމިނިސްޓްރީގެ މިނިސްޓަރ އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީ އެ ކުރައްވަމުން ގެންދަވާ އިޚްލާޞްތެރި ބުރަ މަސައްކަތްޕުޅުތަކަށްޓަކައި، އެމަނިކުފާނަށް އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. ހަމައެފަދައިން، އެމިނިސްޓްރީގެ އެހެން ވެރިންނަށާއި މުވައްޒަފުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މިހާތަނަށް އެކި ނަންނަމުގައި އެ މިނިސްޓްރީ ހިންގަވައިދެއްވާފައި ތިއްބެވި ހުރިހާ ބޭފުޅުންވެސް އަޅުގަނޑުގެ މި ޝުކުރުގައި ޝާމިލުކުރަން. ވަކިން ޚާއްޞަކޮށް، އެވުޒާރާ އެންމެ ގިނަދުވަހު ހިންގަވައިދެއްވި އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ނަންފުޅު ވަރަށް ޚާއްޞަ ގޮތެއްގައި ހަނދާންކޮށް، އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ މިދަތުރުގައި ވެދެއްވި އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި، މިއަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުﷲ ޖަމީލަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ޢަބްދުﷲ ޖަމީލު މިއަތޮޅަށް ވަޑައިގެންފަހުން އަދި މާގިނަދުވަހެއްނުވޭ. އެހެންނަމަވެސް، މިހާރުވެސް އަތޮޅުގެ ހުރިހާ ކަމެއްހެން ބައްލަވައި، ކަންތައްތައް އިޞްލާޙު ކުރައްވައި، ތަރައްޤީ ކުރައްވަން ވަރަށްބުރަ މަސައްކަތްތަކެއް ކުރައްވަމުން އެބަ ގެންދަވާ. އަދި އަޅުގަނޑުގެ މި ދަތުރު ފަހިކޮށްދެއްވައި، އަޅުގަނޑަށް ބޭނުންވާ މަޢުލޫމާތު ދެއްވުމުގައިވެސް ވަރަށް މަތިވެރި ޚިދްމަތްތަކެއް އޭނާވަނީ ކޮށްދެއްވާފައި. އެކަމަށްޓަކައި އޭނާއަށާއި އަދި އަތޮޅުއޮފީހުގެ އިސްވެރިންނަށާއި މުވައްޒަފުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! އޮފީހުގެ އެހީތެރިޔާގެ ވާހަކަފުޅުގައި، އިޞްލާޙީ ޕްރޮގްރާމަށްވެސް އިޝާރާތް ކުރެއްވި. އިޞްލާޙީ ޕްރޮގްރާމަކީ، ސަރުކާރުން ވަރަށް ކާމިޔާބުކަމާއެކު ހިންގަމުން ގެންދާ ޕްރޮގްރާމެއް. މިހާތަނަށް އެ ޕްރޮގްރާމްގެ ތެރެއިން ވަރަށްގިނަ ކަންތައްތަކެއްވަނީ ކާމިޔާބު ކުރެވިފައި. ބާކީހުރި ކަންތައްތައްވެސް ކާމިޔާބު ކުރުމުގެ މަގުމަތީގައިވާ ކަމަށް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. އޭގެތެރެއިން އެންމެ ޚާއްޞަ ކަމަކީ، ޤާނޫނުއަސާސީ އިޞްލާޙު ކުރުން. އެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ މާލަހެއްނުވެ ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ނިންމަވައިދެއްވާނެ. އިޞްލާޙީ ޕްރޮގްރާމްގެ ނަތީޖާއެއްގެ ގޮތުން، ދިވެހި ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ތަރައްޤީއާއި ހަމަޖެހުން ލިބިގެންދާނެ ކަމަށް އަޅުގަނޑު ޔަޤީން ކުރަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ ސާފު ސީދާ ތެދުމަގުގައި އަބަދުމެ ފައިތިލަ ސާބިތުކޮށްގެން ތިބޭ ބަޔަކު ކަމުގައި ލެއްވުން. އަދި މިޤައުމުގެ ތަރައްޤީއަށާއި ކުރިއެރުމަށާއި، މިޤައުމުގެ ހަމަޖެހުމާއި ބާއްޖަވެރިކަމަށް ސަރުކާރާއި ރައްޔިތުންނާއި، އަމިއްލަ ފަރާތްތަކުން މި ކުރަމުން ގެންދާ މަސައްކަތްތަކުގައި اللّـه سبحـانـه وتعـالى ބަރަކާތް ލައްވައި، އެމަސައްކަތުގެ ހެޔޮ ނަތީޖާ އަޅުގަނޑުމެންނަށް ދެއްކެވުން. ދިވެހިރާއްޖެއަށް އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަމާއި ތަރައްޤީ އަބަދުމެ މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه