بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

އާދެ! މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާ، ރާއްޖޭގެ ލޮބުވެތި އަންހެނުންނަށް، އަދި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު އަދާކުރަން. ހަމައެހެންމެ، މި އުފާވެރި މުނާސަބަތުގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޢާއިޝަތު މުޙަންމަދުދީދީއަށާއި، އެ މިނިސްޓްރީގެ ވެރިންނަށާއި މުވައްޒަފުންނަށާއި، މި އަތޮޅުގެ ރައްޔިތުންނަށާއި އަދި ޚާއްޞަކޮށް، އޭދަފުށީ ރައްޔިތުންނަށް މިމުނާސަބަތުގެ ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން. ހަމައެފަދައިން، ރާއްޖޭގެ އަތޮޅުތަކުގައި އުފެދިފައިވާ އަންހެނުންގެ ކޮމިޓީތަކަށްވެސް މި އުފާވެރި މުނާސަބަތުގެ މުބާރަކްބާދީ އަޅުގަނޑު ދަންނަވަން.

މި އަހަރަކީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް، ރާއްޖޭގައި ޤައުމީ ފެންވަރެއްގައި ފާހަގަކުރަން ފެށިތާ 25 އަހަރު ފުރުނު އަހަރު. އެހެންކަމުން، މިއީ ވަރަށް ޚާއްޞަ މުނާސަބަތެއް. މިމުނާސަބަތުގެ ތަހުނިޔާއާއި ހެޔޮއެދުންތައްވެސް އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށާއި، ރާއްޖޭގެ ހުރިހާ އަންހެނުންނަށް ދަންނަވަން.

މި އަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، އޭދަފުށީގައި މި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމަކީ، އަޅުގަނޑަށާއި ނަސްރީނާއަށް ލިބުނު ވަރަށްބޮޑު އުފަލެއް. މިއަދު އަޅުގަނޑާއި ނަސްރީނާ އޭދަފުށްޓަށް އައުމުން، މިއަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް މުޙަންމަދު މާހިރާއި، އޭދަފުށީ ރައްޔިތުންނާއި ވެރިން، އަޅުގަނޑަށް ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަންހެނުންގެ ދުވަހުގެ އިޙްތިފާލަށް މި ރަށް ތައްޔާރުކުރެއްވުމަށް އަތޮޅުވެރިންނާއި، މިރަށުގެ ވެރިންނާއި ރައްޔިތުން ކުރައްވާފައިވާ ބުރަ އަދި ގިނަގުނަ މަސައްކަތްތައް ފެނިފައި، އެ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. އަދި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ފަރާތުން އަޅުގަނޑަށް ތިޔަ ދެއްވި އައްޑަނައަށްޓަކައިވެސް މިނިސްޓަރ ޢާއިޝަތު މުޙަންމަދުދީދީއަށާއި، އެމިނިސްޓްރީގެ ވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މިރޭގެ މިޙަފްލާގައި އިނާމު ޙާޞިލު ކުރެއްވި 2007 ވަނަ އަހަރުގެ އެންމެ ޙަރަކާތްތެރި ކޮމިޓީތަކަށާއި، އަންހެނުންގެ ތަރައްޤީއަށް އަގުހުރި ޚިދްމަތްތަކެއް ކުރައްވައިގެން، ހަނދާނީ ފިލައާއި އަދި ލިޔުން ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން.

އާދެ! މިރޭ އަޅުގަނޑުމެން މި ފާހަގަކުރަނީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް. އެދުވަސް ފާހަގަކުރުމަށް ޤައުމީގޮތުން ރާއްޖޭގައި ބޭއްވޭ އެންމެ މުހިންމު ޙަފްލާ. މިޙަފްލާއަށް އަޅުގަނޑުމެން އައިސް މިތިބީ. މި ޙަފްލާގައި އަޅުގަނޑުމެން ދައްކަން އޮތް ވާހަކައަކީ، އަންހެނުންގެ ވާހަކަ. އަންހެނުންގެ ވާހަކައަކީ ވަރަށް މުހިންމު ވާހަކައެއް. އެއީ، ޢާއިލާގެ ވާހަކަ. އެއީ، ދެމަފިރިންގެ ދެމެދުގައި އޮންނަ ހަމަޖެހުމުގެ ވާހަކަ. އެއީ، ކުދިން ތަރުބިއްޔަތު ކުރުމުގެ ވާހަކަ. އެއީ، ޞިއްޙީ ޚިދްމަތުގެ ވާހަކަ. އެއީ، ތަޢުލީމުގެ ވާހަކަ. އެއީ، މުޖްތަމަޢުގެ ތަރައްޤީގެ ވާހަކަ. އެހެންކަމުން، އަންހެނުންގެ ވާހަކައަކީ މުޅި މުޖްތަމަޢުގެ ވާހަކަ.

ރާއްޖޭގެ އަންހެނުންނަށް ތަރައްޤީގެ ހުރިހާ ކަމެއްގައިވެސް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަކީ، ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް. އަންހެނުންނާއި ފިރިހެނުންނާ ހަމަހަމަކުރުމުގެ ވާހަކަފުޅެއް ދެންމެ މިނިސްޓަރ ދައްކަވައިފި. އަދި އެކަމާ ބެހޭގޮތުން ބައެއް މީހުން ކުރާ ސުވާލުތަކުގެ ވާހަކަވެސް ވިދާޅުވި. ޙަޤީޤަތުގައި އަޅުގަނޑުމެން މި ދައްކާ ވާހަކައަކީ، އަންހެނުންނަށާއި ފިރިހެނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ލިބެންޖެހޭނެ ކަމުގެ ވާހަކަ. ތަޢުލީމީ ދާއިރާގައި. ޞިއްޙީ ދާއިރާގައި. ތަރައްޤީގެ އެކިއެކި ދާއިރާތަކުގައި. އިޤްތިޞާދީ ދާއިރާގައި. މި ހުރިހާ ދާއިރާތަކެއްގައިވެސް އަޅުގަނޑުމެން އަންހެނުންނާއި ފިރިހެނުންނާ ދޭތެރޭގައި ތަފާތުކޮށްގެން ނުވާނެ ވާހަކަ. މި ދައްކަނީކީ ޖިސްމާނީގޮތުން އަންހެނުންނާއި ފިރިހެނުން އެއްވަރު ވާހަކައެއް ނޫން. އަދި ހަށިގަނޑުގެ ބާރުތަކާ ބެހޭގޮތުންވެސް ދެޖިންސުގެ މީހުންގެ ދެމެދުގައި ތަފާތު ނެތް ވާހަކައެއް ނޫން. އަދި ޠަބީޢީގޮތުން އަންހެނުން ތައްޔާރުވެފައިވާ ބައެއް ކަންތައްތަކާއި، ފިރިހެނުން ތައްޔާރުވެފައިވާ ބައެއް ކަންތައްތައް، މި ދެކަންތައްތައް އެއީ އެއް ހަމައެއްގައި، އެއްގޮތަކަށް ދެޖިންސުން ކުރަންޖެހޭ ކަންތައްތަކެއްގެ ވާހަކައެއްވެސް ނޫން. އަންހެނުންނަކީވެސް އިންސާނުން. ފިރިހެނުންނަކީވެސް އިންސާނުން. އެއް މުޖްތަމަޢެއްގެ އަހުލުވެރިން. އެހެންވީމާ، މި ދައްކަނީ މި ދެބައިމީހުންނަށް އިންސާނީ ގޮތުންވެސް، އިޖްތިމާޢީ ގޮތުންވެސް، ހުރިހާ ގޮތަކުންވެސް ލިބެންޖެހޭ ޙައްޤުތައް، ހަމަހަމަ ގޮތެއްގައި ލިބިދިނުމުގެ ވާހަކަ. މިއީކީ އެއްވެސްކަހަލަ ޝައްކެއް އުފެދެންވީ ކަމެއް ނޫން. މިއާ ދެކޮޅަށް މީހަކު ވާހަކަ ދައްކާނެ ޖާގައެއްވެސް އޮތް ކަމެއް ނޫން.

ސަރުކާރުން މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަށާއި، އަންހެނުންގެ މަގާމު މައްޗަށް ގެންދިޔުމަށް، އާދެ! އަންހެނުންގެ މަގާމު، ކުރިން އޮތް ފެންވަރު ކަމުނުދާތީ، ފިރިހެނުންނާ އެއްފެންވަރަކަށް އަންހެނުންގެ ކަންތައްތައް ތަރައްޤީ ކުރެވިފައި ނުވާތީ، އަންހެނުންނަށް ތަރައްޤީ ހޯދައިދިނުމުގެ ގޮތުން ވަނީ ވަރަށްގިނަ މަސައްކަތްތަކެއް ކޮށްފައި. އަދި އޭގެ ނަތީޖާވެސް މިހާރު އެ ދަނީ ފެންނަމުން. ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި، އޭގެ ބައެއް ކަންތައްތަކަށް އިޝާރާތްވެސް ކުރައްވައިފި.

އާދެ! ސަރުކާރުގެ މަގާމުތަކަށް ބަލައިލިޔަސް، މިހާރު ކުރިއާ އަޅައިބަލާއިރު ވަރަށްބޮޑު ތަފާތެއް އެބަހުރި. ސަރުކާރުގެ ވަރަށްގިނަ އިސްމަގާމުތަކުގައި މިހާރު އަންހެން ބޭފުޅުން ޚިދްމަތް ކުރައްވަމުން އެބަ ގެންދަވާ. ޑިރެކްޓަރ ޖެނެރަލުން ފެށިގެން ވަޒީރުންނާ ދެމެދުގެ ފެންވަރުގެ މަގާމުތަކުގައި މިހާރު 50 އަށްވުރެ ގިނަ އަންހެން ބޭފުޅުން އެބަ ތިއްބެވި. ވަޒީރުންނާއި އެ ފެންވަރުގައި 7 އަންހެން ބޭފުޅަކު އެބަ ތިއްބެވި. އަދި ނައިބުންނާއި އެ ފެންވަރުގައި 8 އަންހެން ބޭފުޅަކު އެބަ ތިއްބެވި. ރަށްރަށުގެ ވެރިކަމުގެ މަގާމުތަކުގައިވެސް، މިދެންނެވީ ކަތީބުން، ކުޑަކަތީބުންގެ މަގާމުތަކުގައި ޖުމްލަ 14 އަންހެން ބޭފުޅަކު މިހާރު އެބަ ތިއްބެވި. ސަރުކާރުގައި ތިބި މުވައްޒަފުންގެ ޢަދަދަށް ބަލައިލާއިރުވެސް، އަންހެނުންގެ ޢަދަދަކީ ވަރަށްބޮޑު ޢަދަދެއް. އާދެ! ސަރުކާރުގައި މިހާރު ތިބި 35000 އަށްވުރެ ގިނަ މުވައްޒަފުންގެ ތެރެއިން 41 އިންސައްތަ އެއީ އަންހެނުން. އެހެންވީމާ، ޤައުމުގެ ތަރައްޤީގެ އެކި މައިދާންތަކުގައި އަންހެނުން ޙިއްޞާ ކުރަމުން އަންނަވަރު މިދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން.

ރާއްޖޭގެ އަންހެނުންނަށް ތަރައްޤީގެ ހުރިހާ ކަމެއްގައިވެސް މިދެންނެވި އުޞޫލުން ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަކީ، އަޅުގަނޑުމެން ކުރަން ބޭނުންވާ ކަމެއް. ކުރަން ޖެހިފައިވާ ކަމެއް. އަދި އެއީ ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައިވެސް ކުރަމުން އަންނަ ކަމެއް. އެހެންވީމާ، މިކަން ދިވެހި ސަރުކާރުން މިކުރަނީ، ދުނިޔޭގެ އެހެން ތަންތާނގައިވެސް ކުރާ އުޞޫލުން. ހަމައެހެން، އިސްލާމީ ޤައުމުތަކުގައިވެސް މިކަން އޮންނަނީ މިހެން. ހުރިހާ އިސްލާމީ ޤައުމެއްގައިވެސް އަންހެނުންގެ ކުރިއެރުމަށާއި ތަރައްޤީއަށް މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. އެހެންވީމާ، މިއީ އަޅުގަނޑުމެން މިއަދު ގަބޫލުކުރަންޖެހޭ ޙަޤީޤަތެއް.

މިފަދަ މުނާސަބަތެއްގައި، އަންހެނުންނާ މުޚާޠަބުކޮށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވަރަށް މުހިންމު ވާހަކައެއް އެބައޮތް. އާދެ! އެއީ ކޮންމެ އަންހެނަކުވެސް އަދި ޙަޤީޤަތުގައި ކޮންމެ އިންސާނަކުވެސް، އެމީހެއްގެ ޤަދަރާއި ކަރާމަތް ހިފަހައްޓަންޖެހޭނެ. އިންސާނެއްގެ އެންމެ އަގުބޮޑު ރައުސްމާލަކީ، އެމީހެއްގެ ޤަދަރާއި ކަރާމަތް. އެއްވެސް އިންސާނަކު އެމީހެއްގެ ޤަދަރާއި ކަރާމަތަށް އުނިކަމެއް ލިބޭފަދަ ކަމެއް ކޮށްގެނެއް ނުވާނެ. އަދި ޚާއްޞަކޮށް، ތިމާ ނިކަމެތިވާކަހަލަ ކަންތައްތަކެއް އަމިއްލައަށް ކޮށްގެނެއް ނުވާނެ. އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު އަންހެނުން ލައްވާ ބައެއް ފަރާތްތަކުން އެކަހަލަ މަސައްކަތްތައް އެބަ ކުރުވާ. އަންހެނުންގެ ކަރާމަތަށް އުނިކަން އަންނަފަދަ ކަންތައްތައް. އަންހެނުން އަމިއްލައަށް މި ކުރަނީ، އެމީހުންގެ އަމިއްލަ ނަފްސުތަކަށް އުނިކަން ލިބޭފަދަ، އެމީހުންގެ އަގު ވެއްޓޭ ކަހަލަ ކަންތައްތައް. ބަޔަކު މީހުން، އެމީހުން ލައްވާ މިކަންތައްތައް މި ކުރުވަނީ. އެއީ އަޅުގަނޑުމެން އެއްގޮތަކަށްވެސް ތަންދީގެންވާނެ ކަމެއް ނޫން. ކޮންމެ އަންހެނަކުވެސް، އެމީހެއްގެ އަގު ރައްކާތެރި ކުރަންޖެހޭނެ. އެމީހެއްގެ ކަރާމަތް ހިފަހައްޓަންޖެހޭނެ. ހަމައެކަނި އަންހެނުންނެއް ނޫން. ކޮންމެ އިންސާނަކުވެސް، އެމީހެއްގެ ކަރާމަތް ހިފަހައްޓަންޖެހޭނެ.

އާދެ! މާތްވެގެންވާ އިސްލާމްދީނުގައި މިކަން އޮންނަގޮތަށް އަޅުގަނޑުމެން ބަލައިލާއިރުވެސް މިއީ ޙަޤީޤަތެއްކަން އެބަ އިނގޭ. މާތްﷲ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވާފައިވޭ. "وَلَقَدْ كَرَّمْنَا بَنِي ءَادَمَ وَحَمَلْنَـٰهُمْ فِى ٱلْبَرِّ وَ ٱلْبَحْرِ وَرَزَقْنَـٰهُم مِّنَ ٱلطَّيِّبَـٰتِ وَفَضَّلْنَـٰهُمْ عَلَىٰ كَثِـيرٍ مِّمَّنْ خَلَقْنَا تَفْضِيلاً" (الإسراء : 70) މިއާޔަތުގެ މާނައަކީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آدمގެ ދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން رزق ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ."

އާދެ! މާތްﷲ މާތް ކުރައްވާފައި މިވަނީ آدمގެ ދަރިން. "وَلَقَدْ كَرَّمْنَا بَنِي ءَادَمَ" "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آدمގެ ދަރިން މާތްކުރެއްވީމެވެ." މީގައި ﷲ އިރާދަކުރެއްވިނަމަ، ފިރިހެނުން މާތްކުރެއްވި ވާހަކަ ވަޙީ ކުރެއްވުނީސް. ނުވަތަ އެހެން ބަޔަކު މާތްކުރެއްވި ވާހަކަ ވަޙީ ކުރެއްވުނީސް. އެކަމަކު އެހެނެއް ނޫން. ކީރިތި ޤުރްއާނުގައި މިއޮންނަނީ، "وَلَقَدْ كَرَّمْنَا بَنِي ءَادَمَ" "ތިމަންރަސްކަލާނގެ آدمގެ ދަރިން މާތްކުރެއްވީމެވެ." آدمގެ ދަރިންގެ ތެރޭގައި ހިމެނެނީ ފިރިހެނުންނާއި އަންހެނުން. އެހެންވީމާ، މި މާތްކަމަކީ، މި ކަރާމަތަކީ މާތްﷲ އިންސާނުންނަށް ދެއްވާފައިވާ ކަރާމަތެއް. އެހެންވީމާ، ކޮންމެ މީހަކުވެސް، އެމީހެއްގެ ކަރާމަތް ރައްކާތެރި ކުރަންޖެހޭނެ. އަދި ޚާއްޞަކޮށް، އެމީހެއްގެ ކަރާމަތް ރައްކާތެރި ކުރެވޭނީ، އެމީހަކީ ރަނގަޅު ޢަޤީދާއެއްގެ މައްޗަށް ކަންތައްކުރާ މީހަކު ކަމުގައިވެގެން. މުއުމިނަކު ކަމުގައިވެގެން. މާތްވެގެންވާ އިސްލާމްދީނުގައި ދައްކަވާފައިވާ ތެދުމަގުގައި ސާބިތުވެ ހުރި މީހަކަށްވެގެން.

ދެންމެ މި ޖަލްސާ ފެށުނުއިރު، އަޅުގަނޑުމެންނަށް އިވިގެންދިޔަ އާޔަތްތަކުގައިވެސް މިވާހަކަ އަޅުގަނޑުމެންނަށް މާތްﷲ ބަޔާންކޮށްދެއްވާފައިވޭ. ކާފިރުވީ މީހުންގެ މިސާލު ޖެއްސެވިއިރު، ޖައްސަވާފައިވަނީ ނޫޙުގެފާނުގެ އަނބިކަނބަލުންގެ ވާހަކައާއި، ލޫޠުގެފާނުގެ އަނބިކަނބަލުންގެ ވާހަކައިން. އާދެ! ނޫޙުގެފާނަކީ ރަސޫލު ބޭކަލެއް، ނަބީ ބޭކަލެއް. ލޫޠުގެފާނަކީ ރަސޫލު ބޭކަލެއް، ނަބީ ބޭކަލެއް. އެހެންނަމަވެސް، އެ ދެރަސޫލުންގެ އަނބިއަނބިކަނބަލުން ހިމެނުނީ ކާފިރުންގެ ތެރޭގައި. އެހެންވީމާ، ވަކި ރަސޫލު ބޭކަލަކު ފިރިކަލަކަށްވުމަކުން، އެ އަންހެނަކަށް އެއްވެސްކަހަލަ މާތްކަމެއް ނުލިބުނު. އެމީހުންވީ ކާފިރުންގެ ތެރޭގައި. އެމީހުންނަށް ހުރި ޢަޒާބާއި، އެމީހުންނަށް އާޚިރަތް ދުވަހު ކަންތައް ހުރި ގޮތުގެ ވާހަކަ މާތްﷲ ވަނީ، ދެންމެ މި ދެންނެވި އާޔަތުގައި ބަޔާންކުރައްވާފައި.

އެއާ ޚިލާފަށް އީމާންވީ މީހުންގެ ވާހަކަ ބަޔާން ކުރެއްވިއިރު، އޭގެތެރެއިން އީމާންވި އަންހެނުންގެ ވާހަކަ ބަޔާން ކުރެއްވިއިރު، އޭގެތެރެއިން އެކެއްގެ މިސާލުގައި މިވަނީ ފިރުޢައުނުގެ އަންހެނުންގެ ވާހަކަ. ފިރުޢައުނަކީ އެނގިވަޑައިގަންނަވާނެ މުޝްރިކެއް. ކާފަރެއް. އެކަމަކު އޭނަގެ އަންހެނުންވީ މުއުމިނަކަށް. ﷲ އަށް އީމާންވި އަންހެން ބޭކަނބަލަކަށް. އެހެންވީމާ، އެކަމަނާއަށް ހުރި ހެޔޮ ޘަވާބުގެ ވާހަކަ، ހެޔޮ ޖަޒާގެ ވާހަކަ، މާތްﷲ މި އާޔަތްތަކުގައި ބަޔާން ކުރައްވާފައި އެބައޮތް.

މިއިން އެނގޭ އެއްޗަކީ، ކޮންމެ މީހަކަށްވެސް، އެމީހެއްގެ އަގު ހިފެހެއްޓޭނީ، ކަރާމަތްތެރިކަން ލިބޭނީ، އެމީހަކު ކުރާ ޢަމަލަކުންނޭ. އެއީ އެހެން މީހަކަށް ކޮށްދެވޭނެ ކަމެއް ނޫން. އެހެންވީމާ، ކޮންމެ އަންހެނަކުވެސް، އެމީހެއްގެ އަމިއްލަ ކަރާމަތް، އަމިއްލަ އަގު ހިފަހައްޓަންޖެހޭނެ. އެހެންމީހުން، އެމީހުން ލައްވާ ކުރުވާ ކަމަކުން ނަމަވެސް، އެމީހުންގެ ކަރާމަތަށް އެމީހުންގެ އަގަށް، އުނިކަމެއް އަންނަ ގޮތަކަށް، ނުވަތަ އެމީހުންގެ އަގު ވެއްޓޭގޮތަކަށް، އެމީހުން ކަންތައް ކޮށްގެނެއް ނުވާނެ.

އާދެ! މިހާރު ރާއްޖޭގެ އަންހެނުންނާއި އަންހެން ކުދިން ތަރައްޤީވުމަށް ހުޅުވިފައި ހުރި ވަރަށްގިނަ ފުރުޞަތުތަކެއް އެބަހުރި. ތަޢްލީމުގެ ފުރުޞަތު. އެކިއެކި ހުނަރުތައް ތަރައްޤީކޮށް، މަސައްކަތް ދަސްކުރުމުގެ ފުރުޞަތު. ތަފާތު ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުޞަތު. އެކިދާއިރާތަކުގައި މިހުރި ފުރުޞަތުތައް ބޭނުންކޮށްގެން، ވީހާވެސް ގިނަ އަންހެނުން މުޖްތަމަޢު ތަރައްޤީ ކުރުމަށް މަސައްކަތް ކުރުމުގައި ޙިއްޞާ ކުރުމަކީ ވަރަށް މުހިންމު ކަމެއް. އެއީ، ޚާއްޞަކޮށް އަޅުގަނޑުމެންގެ ޤައުމަށް އިޞްލާޙީ ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދުވަސްވަރެއްގައި، ވަރަށް ޚާއްޞަ ގޮތެއްގައި އަންހެނުން ކުރަންޖެހޭނެ މަސައްކަތެއް.

މިފުރުޞަތުގައި، ތަފާތު ދާއިރާތަކުގައި ރާއްޖެއަށް ޚިދްމަތް ކުރައްވަމުން ގެންދަވާ ހުރިހާ ދިވެހި އަންހެން ބޭފުޅުންގެ މަތިން އަޅުގަނޑު ހަނދާންކޮށް، އެބޭފުޅުންނަށް ޝުކުރު ދަންނަވަން. ހަމަމިއާއެކު، ދިވެހި އަންހެން ދަރިން ރާއްޖޭގަޔާއި، ބައިނަލްއަޤްވާމީ މައިދާނުގައި ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އިތުރަށް މަސައްކަތް ކުރެއްވުމަށް، އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ހިތްވަރު އަރުވަން.

ހަމަ މިފުރުޞަތުގައި ރާއްޖޭގެ އަންހެނުންނާބެހޭ ވުޒާރާ މިހާތަނަށް ހިންގަވައިދެއްވި ހުރިހާ ވަޒީރުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އޭގެތެރޭގައި، އަލްފާޟިލާ ރާޝިދާ ޔޫސުފް، އަލްފާޟިލާ އަނީސާ އަޙްމަދު، އަލްފާޟިލާ ޒާހިޔާ ޒަރީރު ހިމެނޭ. އަދި މިހާރު އެމަގާމު ފުރުއްވަމުން ގެންދަވާ އަލްފާޟިލާ ޢާއިޝަތު މުޙަންމަދުދީދީ، އަންހެނުންގެ ތަރައްޤީއަށާއި ކުރިއެރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްޓަކައި، އެކަމަނާއަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރަން ފެށީ، އަޅުގަނޑު ރައީސްކަމާ ހަވާލުވިތާ ވަރަށް ކުރީކޮޅު. އާދެ! އެއްއަހަރުވެސް ނުވަނީސް. 1979 ވަނަ އަހަރު. އޭރު އަންހެނުންގެ ތަރައްޤީގެ ހަރަކާތްތައް ފެށުނީ، ދެންމެ މިތާނގައި އަޅުގަނޑުމެންނަށް އިވިގެންދިޔަ ފަދައިން، އަންހެނުންގެ ބައިނަލްއަޤްވާމީ 10 އަހަރަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގައި ކޮމިޓީއެއް އުފެއްދި ހިސާބުން ފެށިގެން. އެއީ، "ޕްރިޕެރޭޓަރީ ކޮމިޓީ ފޮރ ދަ އިންޓަރނޭޝަނަލް ޑިކޭޑް އޮފް ވިމެން." އެއީ 1979 ވަނަ އަހަރު އުފެއްދުނު ކޮމިޓީއެއް. އޭރުން ފެށިގެން، މިދާއިރާގައި 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދްމަތް ކުރެއްވި ޢިއްޒަތްތެރި ބޭފުޅަކު، މިރޭގެ މި ޙަފްލާގައި އެބަ އިންނެވި. އަދި އެބޭފުޅަކަށް މިރޭ، ކަމާބެހޭ އިނާމެއްވެސް ލިބިވަޑައިގެންފި. އާދެ! އެބޭފުޅަކީ އަލްފާޟިލާ ފާޠިމަތު ޖަމީލް. އަޅުގަނޑު މި ދެންނެވި ކޮމިޓީގެ އިސް ބޭފުޅަކަށް އޭރު އެކަމަނާ ހުންނެވި. އޭގެފަހުން، އަންހެނުންގެ ޤައުމީ ކޮމިޓީ، 1981 ވަނަ އަހަރު އުފެދުނުއިރު، އެ ކޮމިޓީގެ ރައީސާއަކަށް ހުންނެވީވެސް އޭނާ. އޭގެފަހުން، އޮފީސް ފޮރ ވިމެންސް އެފެއާޒް 1986 ގައި އުފެދުނު. އެތާނގެ ޑިރެކްޓަރުކަން ކުރެއްވި. ޑިޕާޓްމަންޓް އޮފް ވިމެންސް އެފެއާޒް 5 ޖަނަވަރީ 1989 ގައި އުފެދުމުން، އެތާނގެ ޑިރެކްޓަރ ޖެނެރަލްކަން ކުރެއްވި. އަދި ވިމެންސް މިނިސްޓްރީއެއް، 1993 ވަނަ އަހަރު އުފެދުމާ ގުޅިގެން، އެތަނުގެ މިނިސްޓަރުގެ ނައިބުކަންވެސް އެކަމަނާވަނީ ކުރައްވާފައި. އެހެންވީމާ، މި ހުރިހާ ކަމެއްގައި ވަރަށް އިސްކޮށް، އެހާ ގިނަދުވަސް ވަންދެން ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅަކު މިތާނގައި އިންނެވީތީ، އެކަމަނާއަށް ވަރަށް ޚާއްޞަ ގޮތަކަށް އަޅުގަނޑު މަރްޙަބާއާއި ޝުކުރު ދަންނަވަން.

ރާއްޖެ މިއަދު ޒަމާނީ ޑިމޮކްރަސީއަކަށް ބަދަލުވަމުންދާއިރު، ސިޔާސީ ދާއިރާގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުމަކީ، ވަރަށް މުހިންމު ކަމެއް. އާދެ! މިތާނގައި ހުރި ލިޔުމެއްގައިވެސް އެބައޮތް އަޅުގަނޑަށް ކުރިން ބުނެވިފައި އޮތް ކަމަށް. "ސިޔާސީ ރޮނގުންވެސް އަންހެނުންގެ ޙަރަކާތްތެރިކަން އިތުރުކުރަންވަނީ ޖެހިފައޭ." އެއީ ކޮންއިރަކު ބުނި އެއްޗެއް ކަމެއް ހަނދާނެއް ނެތް. އެހެންނަމަވެސް، އެއީ ހަމަ ޙަޤީޤަތެއް. އޭރުވެސް ޙަޤީޤަތެއް. އަދި މިހާރުވެސް ޙަޤީޤަތެއް. އިޞްލާޙީ ބަދަލުތަކެއް، ރާއްޖޭގެ ސިޔާސީ މާޙައުލަށް އަންނަމުންދާއިރު، ރާއްޖޭގެ އަންހެނުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ހަރަކާތްތެރިވުންވެސް އިތުރުކުރަން އަޅުގަނޑުމެން އެބަޖެހޭ. އަންހެނުންގެ ބައިވެރިވުން މިދާއިރާއަށް ލިބުނީމާވެސް އަޅުގަނޑު ހިތުން ވަރަށް ހަމަޖެހޭ ގޮތެއްގައި އޮމާންކަމާއެކީގައި ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދަން ފަސޭހަވާނެ.

މި ވާހަކަކޮޅު ދަންނަވާލުމަށްފަހުގައި، މި ޖަލްސާގައި މި އަތޮޅުގެ އެހެން ރަށްރަށުގެ ވެރިންނާއި އަދި ޚާއްޞަކޮށް އޭދަފުށީގެ ވެރިންނާއި ރައްޔިތުން ތިއްބެވީތީ، އަޅުގަނޑު އިތުރު އެއްޗެއް ދަންނަވާލަން ބޭނުންވޭ. މިރޭގެ މި ޖަލްސާގައި ބައިވެރިވެވަޑައިގެންދެއްވައި އަދި މިއަދު އަޅުގަނޑު މިރަށަށް އައުމުން އަޅުގަނޑަށް މަރްޙަބާ ވިދާޅުވުމުގައި ބައިވެރިވެވަޑައިގެންދެއްވި މިއަތޮޅުގެ ހުރިހާ ރަށްރަށުގެ ވެރިންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި އެބޭފުޅުން، އެބޭފުޅުންގެ ރަށްރަށަށް ވަޑައިގެން، ރަށްރަށުގެ ރައްޔިތުންނަށް އަޅުގަނޑުގެ ހެޔޮއެދުމާއި ތަހުނިޔާ ރައްދުކޮށްދެއްވުންވެސް އެދެން.

އާދެ! އޭދަފުށްޓަކީ ތަރައްޤީގެ ވަރަށްގިނަ ކަންތައްތަކެއް ސަރުކާރުން ހިންގާފައިވާ ރަށެއް. އަދި މިހާރުވެސް ބައެއް މަޝްރޫޢުތައް ފެށިގެން ހިނގަމުން އެބަދޭ. މިހާރު ހިނގަމުންދާ ކަންތައްތަކުގެ ތެރޭގައި، މިރަށުގެ ނަރުދަމާގެ ޚިދްމަތް ފަރުމާކުރުމުގެ މަސައްކަތް މިހާރުވަނީ ފެށިފައިކަން މިރަށުގެ ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނެ. އަދި މަލްޓި ޕަރޕަސް ބިލްޑިންގގެ މަސައްކަތްވެސް މިހާރު ހިނގަމުން އެބަދޭ. މިދިޔަ އަހަރު އަޅުގަނޑު އައިއިރުވެސް އ މަސައްކަތް އޮތީ ފެށިފައި. މިހާރު ކުރަމުންދަނީ ހިޔާކުރުމުގެ މަސައްކަތް. މިއަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް އެކަން ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވޭ. ހަމައެހެންމެ، މިރަށުގައި ހިނގަމުންދާ އަތޮޅު ހޮސްޕިޓަލަށް އިތުރުކުރެވޭ ބައި އިތުރުކުރުމުގެ މަޝްރޫޢުގެ މަސައްކަތްވެސް މިހާރު މިދަނީ ހިނގަމުން. އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި، މި މަސައްކަތްވެސް މިއަންނަ މަހުގެ ނިޔަލަށް އިރާދަކުރެއްވިއްޔާ ނިމޭނެ. ބަނދަރު ހެދުމާއި، މިނޫންވެސް ކަންތައްތައް އެބަހުރި ސަރުކާރުން މިރަށަށް ކޮށްދީފައި. އަދި ކުރަމުންވެސް ގެންދޭ.

އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ރަށުގެ ތަރައްޤީއަށް ކުރެވޭ ހުރިހާ މަސައްކަތްތަކެއްގައި، ރަށުގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ބޭނުންވާނެއޭ. ރައްޔިތުންނާއި ވެރިންނާ ދޭތެރޭގައި ވަރަށް ރަނގަޅު ގުޅުމެއް އޮންނަންވާނެއޭ. އަދި މިކަންކަން ކާމިޔާބު ކުރެވޭނީ، ރައްޔިތުންގެ މެދުގައި މި ދެންނެވިފަދަ ގުޅުމެއް އޮވެގެންނޭ. އެހެންވީމާ، އެކަމަކީ އޭދަފުށީ ރައްޔިތުންވެސް ވަރަށް ޚާއްޞަ ގޮތެއްގައި ހަނދާން ކުރައްވާނެ ކަމެއްކަން އަޅުގަނޑަށް ޔަޤީންވާތީ، އަދި އެކަމުގެ މުހިންމުކަން ބޮޑުކަމުން، އަޅުގަނޑު އެ ވާހަކަ މިރޭވެސް މިދަންނަވާލީ.

މިރޭގެ މި ޖަލްސާގައި އަޅުގަނޑުމެންނަށް ވަރަށްގިނަ ހަރަކާތްތަކެއް ފެނިގެން ހިނގައްޖެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ބޭފުޅުން އެ ކޮށްދެއްވި ޚިދްމަތްތަކުގެ އަގު ވަޒަން ކުރުމުގެ މަންޒަރުތަކެއްވެސް އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ. އާދެ! މިހިސާބުން މި މަސައްކަތް ނިމުނީކީ ނޫން. އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތަކީ ދެމެހެއްޓެނިވި ގޮތެއްގައި، އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީކޮށް ކުރިއަރުވަންޖެހޭނެ މަސައްކަތެއް. އެހެންވީމާ، ރާއްޖޭގެ އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަށް ސަރުކާރުން އަދި އަމިއްލަ ފަރާތްތަކުން މިކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، އެ މަސައްކަތުގެ ފައިދާ މުޅި ޤައުމަށް ލިބޭނެ ގޮތެއްގެ މަތިން މަސައްކަތް ކުރުމަށް އަޅުގަނޑު އިލްތިމާސް ކުރަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެން ކުރަމުން ގެންދާ މަސައްކަތްތަކުގައި ބަރަކާތް ލެއްވުން. ދިވެހިރާއްޖެއަށް ހެޔޮގޮތްތައް މިންވަރު ކުރެއްވުން. އަޅުގަނޑުމެންނަކީ އަބަދުވެސް މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭ ބަޔަކު ކަމުގައި ލެއްވުން. އަދި ދިވެހިރާއްޖޭގެ ތަރައްޤީއަށާއި ރާއްޖޭގެ ކުރިއެރުމަށް، ސަރުކާރާއި ރައްޔިތުންނާއި އަމިއްލަ ފަރާތްތަކުން މިކުރަމުން ގެންދާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލައްވައި، އެކަމުގެ ނަތީޖާ އަޅުގަނޑުމެންނަށް ދެއްކެވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.