بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وأصـحَابِه أجمـعـين.

އާދެ، މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރާ ދަތުރެއް އިއްޔެ އަޅުގަނޑު މިވަނީ ފަށާފައި. މިދަތުރުގެ އެންމެ މުހިންމު ބޭނުމަކީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް، މިއަހަރު ރާއްޖޭގައި ރަސްމީގޮތުން ފާހަގަކުރުން އޮތީ އޭދަފުށީގައި ކަމަށްވާތީ، އޭދަފުށްޓަށް ޒިޔާރަތް ކުރުން. އާދެ، އެ އިޙްތިފާލުގެ ކަންތައްތަކުގައި ބައިވެރިވުމުގެ އުފާ، އިއްޔެއާއި ރޭ އަޅުގަނޑަށް ވަނީ ލިބިފައި. އެދަތުރުގައި އަޅުގަނޑު ގަސްދުކުރީ އޭދަފުށްޓަށް ޒިޔާރަތް ކުރުމުގެ އިތުރުން، މި އަތޮޅުގެ ބައެއް އެހެން ރަށްރަށަށްވެސް ޒިޔާރަތް ކުރަން. އެއީ މީގެކުރިންވެސް، އަޅުގަނޑު ވާނީ ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށްފައި. އެހެންނަމަވެސް، ބައެއް ރަށްރަށަށް އަޅުގަނޑަށް ދެވިފައިވަނީ ވަރަށްމަދުން. ކުޑަރިކިލަކީވެސް އޭގެތެރެއިން އެއް ރަށް.

އާދެ، މިދިޔަ އަހަރުވެސް އަޅުގަނޑު ކުޑަރިކިލަށް އަންނަން ގަސްދުކުރިން. އެހެންނަމަވެސް، ކަންދިމާވިގޮތުން ނާދެވުނީ. ކޮންމެއަކަސް މިއަދު އަޅުގަނޑުގެ މި އެދުން މާތް اللّـه ފުރިހަމަކޮށްދެއްވި ކަމަށްޓަކައި، އެކަލާނގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަން. އަދި މިއަދު އަޅުގަނޑާއި ނަސްރީނާ، އަދި އަޅުގަނޑާއެކީ ވަޑައިގެންނެވި ބޭފުޅުންނަށް، ކުޑަރިކިލުގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން، ތިޔަ ވިދާޅުވި ވަރަށް ހޫނު މަރުޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ރާއްޖޭގެ އަތޮޅުތަކުގެ ތަރައްޤީއަށް ސަރުކާރުން އަބަދުވެސް މިގެންދަނީ ވަރަށްބޮޑު އިސްކަމެއް ދެމުން. އެގޮތުން އަޅުގަނޑު ރައީސްކަމާ ހަވާލުވިތާ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ރާއްޖެތެރެ އިޞްލާޙުކޮށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ނަމުން، މަޝްރޫޢެއް އުފައްދައި ހިންގަން ފެށިން. ވަރަށްގިނަ އަހަރުތަކެއް ވަންދެން އެ މަޝްރޫޢު ވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހިންގިފައި. އޭގެ ނަތީޖާއެއްގެ ގޮތުން ވަރަށްގިނަ ރަށްރަށުގައި ވަނީ ސަރުކާރުގެ އެކިއެކި ޚިދުމަތްތައް ދޭން ފެށިފައި. ސަރުކާރުގެ ޢިމާރާތްތައް ބިނާކުރެވިފައި. ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ދޭން ބޭނުންވާ ވަރަށްގިނަ އެހީތެރިކަން ދެވިފައި.

ދެންމެ މިރަށު ކަތީބު އަލްފާޟިލް ފަތުޙުاللّـه ނަޢީމުގެ ވާހަކަފުޅުގައި އެކަމަށް އިޝާރާތް ކުރައްވައިފި. މި ރަށަށްވެސް މި ދެންނެވި ޕްރޮގުރާމްގެ ދަށުން ކުރެވިފައިވާ ކަންތައްތަކުގެ ވާހަކަ އޭނާ ވިދާޅުވެއްޖެ. އާދެ، މިކަންތައްތަކަކީ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ސަރުކާރުން ކޮށްދޭންޖެހޭ އަދި ކޮށްދޭން ބޭނުންވާ އަދި ކޮށްދެމުން ގެންދާ ކަންތައްތަކެއް. މިހެން ދެންނެވިޔަސް، ވާގޮތަކީ އާބާދީ ބޮޑެތި ރަށްރަށަށް އިތުރު ކަންތައްތައް ބޭނުންވޭ. ކުޑަކުޑަ މިސާލެއް ދަންނަވަންޏާ، ސްކޫލް ޢިމާރާތަށް ވިސްނާއިރުވެސް މަދު އާބާދީއެއް، ޚާއްޞަކޮށް ކިޔަވާކުދިންގެ މަދު އާބާދީއެއް އުޅޭތަނަކަށް ބޭނުންވާނީ ކުޑަ މަދަރުސާއެއް. މަދު ކްލާސްރޫމްތަކެއް. އެހެންނަމަވެސް، އާބާދީ ބޮޑު ތަނަކަށް، އެތައްސަތޭކަ ނުވަތަ އެތައްހާސް ކުދިންނެއް ތަޢުލީމު ޙާޞިލުކުރަންޖެހޭ ތަނެއްގައި، އެތަންތާނގެ މަދަރުސާގެ ފެންވަރު އެއަށްވުރެ މަތިވާންޖެހޭ. ކްލާސްރޫމްތަކުގެ އަދަދު ގިނަވާންޖެހޭ. މުދައްރިސުންގެ އަދަދު ގިނަވާންޖެހޭ. އެތަނަށް ކުރާ ޚަރަދު ބޮޑުވޭ. އެހެންވީމާ، އެކިރަށްރަށަށް ކަންތައްތައް ކޮށްދެވިފައި ހުންނާނީ، އެ ރަށަކަށް ބޭނުންވާ ފެންވަރަށް ވިސްނައިގެން. އަދި ކުރިއަށް އޮތް ތާނގައިވެސް އެކަންވާނީވެސް އެހެންކަމަށް އަޅުގަނޑުހިތުން ތިޔަބޭފުޅުންވެސް ޤަބޫލުކުރައްވާނެ.

ދެންމެ ކަތީބުގެ ވާހަކަފުޅުގައި ވިދާޅުވި، ބަނދަރު މަރާމާތުކުރުމުގެ ވާހަކަ. އާދެ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެފަދައިން، މި ރަށުގެ ބަނދަރަށްވަނީ ސުނާމީ ކާރިސާގެ ސަބަބުން ގެއްލުންތަކެއް ލިބިފައި. އެހެންވީމާ، މި ރަށުގެ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ފެށެން މިހާރު މިއޮތީ ވަރަށްބޮޑަށް ކައިރިވެފައި. މި އަހަރު އިރާދަކުރެއްވިއްޔާ ފެށޭނެ. މިހާރު އެކަމަށް ބޭނުންވާ ޓެންޑަރ ޑޮކިއުމެންޓްސް ތައްޔާރުކުރަމުން އެގެންދަނީ. އެކަން ނިމުނީމާ، މަސައްކަތް ކުރާނެ ފަރާތެއް ހޯދައި، އެފަރާތާ މަސައްކަތް ހަވާލުކޮށްގެން އިރާދަކުރެއްވިއްޔާ އެ މަސައްކަތް ކުރިޔަށް ގެންދެވޭނެ.

މީގެއިތުރުން، މިހާރު ހިނގަމުންދާ އަނެއްކަމަކީ ހެލްތު ޕޯސްޓް ޢިމާރާތް ކުރުމުގެ މަޝްރޫޢެއްގެ މަސައްކަތް. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އެކަން މިހާރުވަނީ ނިމުމަކާ ވަރަށް ކައިރިވެފައި. އެ މަސައްކަތް ނިމުނީމާވެސް ރައްޔިތުންނަށް ޞިއްޙީ ރޮނގުން އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމާމެދަކު ޝައްކެއްނެތް.

މި ރަށަށް އައުމުން، މި ރަށުގެ ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންނަށް ވިދާޅުވީ ވަރަށްވެސް ހޫނު މަރުޙަބާއެއް. އަދި މި ރަށުގެ ކިޔަވާކުދިން ވަރަށް ރީތި ނެށުމަކާއި ލަވައެއް ދެއްކި. އެކަންކަމުންވެސް ދޭހަވަނީ، މި ރަށުގެ ރައްޔިތުން މިއަދަށް ތައްޔާރުވެވަޑައިގެންފައިވާލެއް ބޮޑުކަން. އަދި ރަށުތެރެ ޒީނަތްތެރި ކުރެއްވުމާ، މިކަންކަންވެސް އަޅުގަނޑުމެންނަށް ފެނުނީ ވަރަށް ފުރިހަމަ ގޮތެއްގައި. އެކަމަށްޓަކައި މި ރަށުގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، ތަރައްޤީގެ މަގުގައި ކުރިއަށްދާއިރު، އަޅުގަނޑުމެން ވިސްނަން އެބަޖެހޭ، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ދިވެހިވަންތަކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީވެސް މުހިންމު ކަމެއްކަން. އެހެން މި ދެންނެވީ، ރާއްޖެއަކީ މާތްاللّـهގެ ތަނަވަސް ރަޙްމަތުން ވަރަށް ރީތި ޤައުމެއް. ރާއްޖޭގައި އެބަހުރި، ރާއްޖެވަންތަކަން ދައްކައިދޭ ވަރަށްގިނަ ކަންތައްތަކެއް. މިކަންތައްތައް އަޅުގަނޑުމެން އެބަޖެހޭ ރައްކާތެރިކުރަން. އޭގެތެރެއިން އެއްކަމެއް އަޅުގަނޑުމެންގެ މި ގަސްގަހާގެހި ރީތިކޮށް ދެމެހެއްޓުން. ރާއްޖޭގައި ރީތިކޮށް ހެދޭ ގަސްތައް އެބަހުރި. އަޅުގަނޑުމެން މި ރަށަށް އައި އައުމުގައިވެސް، ވަރަށްރީތި ހިޔާގަނޑެއްގައި އަޅުގަނޑުމެން ތިބީ. ވަރަށް ބޮޑެތި ގަސްގަހުގެ ހިޔަލުގައި. ވަރަށް ރީތިކޮށް ބޮޑެތިކޮށް ހެދިފައިވާ ގަސްތަކެއް. އެ ގަސްތައް އެގޮތަށް ނުކަނޑުއްވައި ބެހެއްޓެވިކަން އެއީ، އަޅުގަނޑުހިތުން މި ރަށުގެ ރައްޔިތުން ވަރަށް ރަނގަޅަށް ކުރައްވާފައިވާ ކަމެއް.

ހަމައެހެންމެ، އަޅުގަނޑުމެންނަށް މި ލިބުނު ކުޑަ ފުރުޞަތުގެ ތެރޭގައި ފެނުނުގޮތުގައި މިރަށުގެ ރައްޔިތުންނަކީ، ގަސްގަހަށް ކަމޭހިތްތަވައި، ގަސްގަސް އޭގެ ރީތި ގޮތުގައި ދަމަހައްޓަވަން މަސައްކަތް ކުރައްވާ ބައެއް. ވަރަށްރީތި ބަގީޗާ ގަސްތަކެއްވެސް ހެދިފައިހުއްޓާ އަޅުގަނޑުމެންނަށް ފެނުނު. އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، އަޅުގަނޑުމެން ތަރައްޤީގެ މަގުގައި ކިތަންމެ މަސައްކަތެއް ކުރިޔަސް، އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ ދިވެހިވަންތަކަމަށް ބަދަލެއް އައިސްގެން ނުވާނެއޭ. ރާއްޖޭގެ ތިމާވެށްޓަށް އެކަމުން ނޭދެވޭ އަސަރުތަކެއް ކޮށްގެން ނުވާނެއޭ. ގަސްގަހާގެހި ނުވަތަ ރުއްގަސް މާގިނައިން ކެނޑިގެނެއް ނުވާނެއޭ. އަޅުގަނޑުވެސް ގަބޫލުކުރަން ޢިމާރާތް ކުރުމަށް ގަސްކަނޑަންޖެހޭ، ރުއް ކަނޑަންޖެހޭ. އެހެންނަމަވެސް، އެއީ ވަރަށްމަދުން ކުރާ ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަމަޖެއްސިދާނެ. އެ ޢިމާރާތްކުރާ ޢިމާރާތުގެ ބޭރުގައިވެސް ގަސް އިންދާ، ތަން ޒީނަތްތެރިކޮށް ހެދިދާނެ. ގަސް އިންދުމުން ލިބެނީކީ އެންމެ ފައިދާއެއް ނޫން. ވަރަށްގިނަ ފައިދާތައް ލިބޭނެ. އޭގެ ސަބަބުން، ރަށަށް ހިޔާ ލިބުމާއި، ފިނިކަން ލިބުމާއި އަދި ރަށުގެ ވައި ރަނގަޅުވުމާއި، ރައްޔިތުންގެ ޞިއްޙަތަށް އެއިން ލިބޭ އިތުރު ކުރިއެރުމާއި، ހަމައެހެންމެ ގަސްގަހުގެ އެހެން ބޭނުންތައްވެސް އަޅުގަނޑުމެންނަށް ކުރެވޭ. ވަރަށް ގިނަ ބޭނުންތައް ކުރެވޭ އެއްޗެއް ގަހަކީ. އަދި ރުކަކީ. އެހެންވީމާ، ގަސްރުއް ވީހައި ގިނައެއްކޮށް އިންދައި ދެމެހެއްޓުމަކީ ވަރަށް ބޭނުންތެރިކަމެއް. އަދި އަޅުގަނޑުމެންގެ ތިމާވެށި ރައްކާތެރިކުރުމަށްވެސް ވަރަށް ބޭނުންވާ ކަމެއް.

އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ތިމާވެށްޓަކީ ވަރަށް ނާޒުކު ތިމާވެށްޓެއް. ވަރަށް ފަސޭހައިން ހަލާކުވެގެން ހިނގައިދާނެ ތިމާވެށްޓެއް. އަދި ކުރިއަށް އޮތް ތާނގައި އެކަހަލަ ނުރައްކާތަކާ އަޅުގަނޑުމެން ކުރިމަތިލާންޖެހޭނެ ކަމަށް ދުނިޔޭގެ ކަމާބެހޭ މާހިރުން ބުނަމުން އެގެންދަނީ. ޖައްވު ހޫނުވުމާއި، ކަނޑުގެ ލޮނުގަނޑު އުސްވުމުގެ ސަބަބުން ރާއްޖެފަދަ ފަސްގަނޑުތިރި ޤައުމުތަކަށް ވަރަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހޭނެކަމަށް އެމީހުން ބުނަމުން އެބަގެންދޭ. މި ވާހަކަ އަޅުގަނޑުމެން އެބަ އަޑުއަހަމު. އެކަމަށް ބޭނުންވާ މަސައްކަތްތައްވެސް ކުރެވޭތޯ އެބަބަލަން. މި މަސައްކަތްތައް އިތުރަށް ކުރެއްވުމަކީ، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރައްޔިތަކުވެސް ކުރައްވަންޖެހޭނެ ކަމެއް. އެއީ، އަޅުގަނޑުމެންގެ ތިމާވެށްޓަކީ މިހާ ބަލިކަށި ތިމާވެށްޓެއް ކަމަށްވާތީއާއި، ކުރިއަށް އޮތް ތާނގައި އަތުވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި. މިގޮތުން ކުރެވޭނެ މަސައްކަތުގެ ތެރޭގައި ރުއްގަސް ގިނަކުރުން އެއީވެސް، ވަރަށް މުހިންމު ކަމެއް. އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ އެ ވާހަކަ ތިޔަބޭފުޅުންނަށް ދަންނަވާލާނަމޭ.

އާދެ، މިރަށު ރައްޔިތުން އަޅުގަނޑާ އިސްތިޤްބާލު ކުރައްވަން ނިކުމެވަޑައިގެން ތިއްބެވީމައާއި އަދި މަރުޙަބާގެ ލަވަ އަޑުއެހުމަށްޓަކައި މަޑުކޮށްލި ވަގުތު، މި ރަށުގެ ކަތީބު އަލްފާޟިލް ފަތުޙުاللّـه ނަޢީމު، މި ރަށުގެ ރައްޔިތުންގެ މުހުތާދުތައް އެކުލެވޭ ލިޔުމެއް އަޅުގަނޑަށް ދެއްވި. އޭގައި އެބަހުރި ވަރަށް ގިނަ ކަންތައްތައް. އެ ލިޔުން އަޅުގަނޑު ވަރަށް ރަނގަޅަށް ކިއިން. ހަމައެއާއެކީގައި، މި މަދަރުސާގެ ހެޑްމާސްޓަރާއި، މަދަރުސާގެ ކިޔަވާކުދިންގެ ބެލެނިވެރިންގެ ފަރާތުން ބޭފުޅަކު، ސޮއިކުރައްވާފައިވާ އެހެން ސިޓީއެއްވެސް އަޅުގަނޑަށް ލިބުނު. އެ ސިޓީގައި އޮތީ މިރަށުގެ މަދަރުސާއަށް ބޭނުންވާ ކަންތައްތައް. މިކަންތައްތައް އިރާދަކުރެއްވިއްޔާ އަޅުގަނޑު މާލެގޮސް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނަން.

އާދެ، އަޅުގަނޑުމެން ވިސްނާލަންވީ ކަމަކީ، އަޅުގަނޑުމެން ކުރާ ޚަރަދަކީ ދެކޮޅުޖެހޭ ޚަރަދަކަށް ވާންޖެހޭނެކަން. ރާއްޖެއަކީ ކުޑަކުޑަ ޤައުމެއް. ވަސީލަތްތައް މަދު ޤައުމެއް. އެހެންވީމާ، އަޅުގަނޑުމެންނަށް ލިބިފައި އޮންނަ ބަޖެޓުގެ ތަނަވަސްކަމުގެ ތެރެއިން ކަންތައްތައް އެބަ ކުރަންޖެހޭ. އެކަންތައްތައް ކުރާއިރު އިސްކަންދޭންޖެހޭ ތަރުތީބެއްވެސް ކަނޑައަޅަންޖެހޭ. އެހެންވީމާ، އެކަހަލަ ތަރުތީބެއް ކަނޑައަޅައިގެން ސަރުކާރުން ކަންތައް ކުރަމުން މިގެންދަނީ. ދެންމެ ކަތީބުގެ ވާހަކަފުޅުގައިވެސް ވިދާޅުވި، ތަރައްޤީވަމުންދާވަރަކަށް އިތުރު ބޭނުންތައް ފެންނަމުންދާނެއޭ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުންނޭ އެކަން ކުރެވޭނީ. އެއީ ހަމަ ވަރަށްބޮޑު ޙަޤީޤަތެއް. އެ ޙަޤީޤަތް އަޅުގަނޑުމެން އެބަޖެހޭ ޤަބޫލުކުރަން. އެހެންވީމާ، މިކަންތައްތައްވެސް އިރާދަކުރެއްވިއްޔާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

މިސާލެއް ދަންނަވަންޏާ، ނަރުދަމާގެ ނިޒާމު. ނަރުދަމާގެ ނިޒާމަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ބޭނުންވެފައިވާ ނިޒާމެއް. އަޅުގަނޑުދާ ހަމަ ކޮންމެ ރަށެއްގައިވެސް އެ ވާހަކަ، އެ ރަށެއްގެ ރައްޔިތުން ދައްކަވާ. އެއީ ވަރަށް ޚަރަދު ބޮޑު ކަމެއްވެސްމެ. ވަރަށްގިނަ ދުވަސް ބޭނުންވާނެ ކަމެއް. އަޅުގަނޑުމެންގެ ބަޖެޓުގެ ދަތިކަން އޮންނަގޮތުން އެއްފަހަރަކާ ހުރިހާ ރަށަކަށް އެކަމެއް ކޮށެއް ނުދެވޭނެ. އެހެންވީމާ، ހަދަންޖެހޭ ގޮތަކީ އެންމެ ފުޅާ ދާއިރާއެއްގައި މީހުންނަށް ޚިދުމަތް ލިބޭނެ ގޮތަކަށް ވިސްނައިގެން، އިސްކަންދޭ ތަރުތީބެއް ކަނޑައަޅަންޖެހެނީ. އެ އިސްކަންދޭ ތަރުތީބަކުން އެކި ރަށްރަށަށް އެކިފަހަރު އެކަން ކޮށްދެމުން މިގެންދަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި މިހުރިހާ ކަމެއްވެސް ވަމުންދާނެ. އެހެންނަމަވެސް، ވަމުންދާނީ މި ދެންނެވި ކަހަލަ އުސޫލަކުން. މިދެންނެވި ކަހަލަ ތަރުތީބަކުން. އެކަން މިރަށުގެ ރައްޔިތުންވެސް ގަބޫލުކުރައްވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

އާދެ، ސަރުކާރުން ހިންގާ ތަރައްޤީގެ މަސައްކަތްތަކުގައި، ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ބޭނުންވޭ. އަބަދުވެސް ބޭނުންވާނެ. އެއްވެސް ކަމެއް ކާމިޔާބުވާނީ ސަރުކާރާއި ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރީމާ. އެއީ އަދި މަދަރުސާއެއް ބިނާކުރުން ކަމުގައިވިޔަސް، ބަނދަރު މަރާމާތު ކުރުން ކަމަށްވިޔަސް، ނުވަތަ ނަރުދަމާގެ ނިޒާމެއް ޤާއިމުކުރުން ކަމަށްވިޔަސް، މިއިން ކޮންމެ ކަމެއްވެސް ކުރެވޭނީ ރައްޔިތުންނާއި ވެރިންނާ ގުޅިގެން މަސައްކަތްކޮށްގެން. އެންމެންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އޮވެގެން.

ދެންމެ ކަތީބުގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ، މިރަށުގެ ރައްޔިތުންނަކީ ވަރަށް އެކުވެރި ބަޔެކޭ. ވަރަށް އެއްބާރުލުން ބޮޑު ބަޔެކޭ. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އެހެންވީމާ، އެގޮތުގައި މިރަށުގެ ރައްޔިތުން ދެމިތިއްބެވުމަކީ، އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިންމު ކަމެއް. އަދި ރާއްޖޭގެ އެކިއެކި ފަންނުތައް ކުރިއަރުވާ އެކިއެކި ރޮނގުރޮނގުން ޚިދުމަތް ކުރައްވާ ބޭފުޅުންނަށް ސަރުކާރުގެ ފަރާތުން ޢާންމު ޚިދުމަތުގެ އިނާމު އަރުވާކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެގޮތުން މިރަށުގެ ބައެއް ބޭފުޅުންނަށްވެސް މި އިނާމު ލިބިވަޑައިގެންފައިވާކަން އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކުރަން.

އާދެ، ދެންމެ ކަތީބުގެ ވާހަކަފުޅުގައި، އަޅުގަނޑާ ބެހޭގޮތުން ވަރަށް ހެޔޮ ބަސްފުޅުތަކެއް ވިދާޅުވި. ރާއްޖެ މިވޭތުވެދިޔަ ތާނގައި ކުރިޔަށް ގޮސްފައި އޮތްގޮތުގެ ވާހަކައާއި، އެ ކުރިޔަށް ދިޔުމުގައި އަޅުގަނޑު އަދާކުރިކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަންތައްތަކެއްގެ ވާހަކަ ވިދާޅުވި. އެ ހުރިހާ ކަމަކަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު، ކަތީބު އަލްފާޟިލް ފަތުޙުاللّـه ނަޢީމަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަޅުގަނޑުމެން އެންމެންނަށް ހެޔޮވިސްނުން ދެއްވުން އެދި اللّـه ގެ ޙަޟްރަތުގައި ދުޢާ ކުރަމުން. ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި ލެހެއްޓެވުމުގެ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުމަށާއި އަދި އަޅުގަނޑުމެންނަކީ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި އަބަދުވެސް ފައިތިލަ ސާބިތުކޮށްގެން ތިބި ބަޔަކު ކަމުގައި ލެއްވުމަށާއި، އަޅުގަނޑުމެންގެ ރާއްޖެއަށް ހެޔޮގޮތްތައް މިންވަރުކޮށްދެއްވައި، ތަރައްޤީގެ މަގުގައި އިތުރު އުސްމިންތަކަކަށް ވާޞިލުވެވޭނެ މަގު އެކަލާނގެ ތަނަވަސްކޮށްދެއްވުމަށް އަޅުގަނޑު މާތް اللّـهގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.