بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وَعلـى آلـه وأصـحَابِه أجمـعـين.

އަޅުގަނޑު މާޅޮސްމަޑުލު ދެކުނުބުރީ ބައެއް ރަށްރަށަށް މިހާރު ކުރަމުންގެންދާ ދަތުރުގައި މިފަހަރު އަޅުގަނޑުގެ އެންމެފަހު މަންޒިލަކަށް މިވީ ތިޔަބޭފުޅުންގެ ލޮބުވެތި ރަށް، އާދެ! ކަމަދޫ. ކަމަދުއަށް އަޅުގަނޑު އައުމުން، ކަމަދޫގެ ވެރިންނާއި، ކޮމިޓީތަކުގެ މެންބަރުންނާއި، އަދި އެކިއެކި ވަޒީފާތަކުގައި އުޅުއްވާ ބޭފުޅުންނާއި، ކިޔަވާ ކުދިންނާއި، ރަށުގެ ކުދިބޮޑު އަންހެން ފިރިހެން އެންމެންގެ ފަރާތުން އަޅުގަނޑަށާއި އަދި އަޅުގަނޑާ އެކީގައި ދަތުރުކުރައްވާ ބޭފުޅުންނަށް، ތިޔަ ވިދާޅުވި ވަރަށް އިޚްލާޞްތެރި މަރުޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އާދެ، މިފަދަ ދުވަހަކަށް މިރަށް މިވަނީ ވަރަށްމޮޅަށް ތައްޔާރުކުރައްވާފައި. ދެންމެ ކަތީބު ޢަލީ ޝަރީފު އާދަމްގެ ވާހަކަފުޅުގައި އެ ވިދާޅުވިފަދައިން، ތިޔަބޭފުޅުން މި ރަށް އެންމެ ފުރަތަމަ ތިޔަ ތައްޔާރު ކުރެއްވީ، މިއަހަރުގެ ޤައުމީ ދުވަހަށް. ޤައުމީ ދުވަހުގެ އުފާ ފާޅުކުރުމުގެ ގޮތުން ވަރަށް ފުރިހަމަ ޕްރޮގްރާމްތަކެއް ހިންގެވިކަން، އަޅުގަނޑުމެންނަށް މިއަދު މި ފެންނަ މަންޒަރުތަކުން އެނގޭ. ދެން އެއަށްފަހުގައި ވިދިގެން މިއައީ އަޅުގަނޑުގެ މި ދަތުރު. އެހެންނަމަވެސް، މި ދަތުރަށްޓަކައިވެސް މި ރަށް މިވަނީ ވަރަށް ރަނގަޅަށް ޒީނަތްތެރި ކުރައްވާފައި. އަޅުގަނޑަށް މަރުޙަބާ ވިދާޅުވުމުގެގޮތުން ވަރަށް ގިނަ ކަންތައްތައް ކުރައްވާފައި އެބަހުރި. ވަރަށްރީތި ގިޑިގެއެއްވެސް ހައްދަވާފައި އެބަހުރި. މި ހުރިހާ ކަމެއް ފެނުމުން އެއީ، މި ރަށުގެ ރައްޔިތުންގެ ހިތްތަކުގައި އަޅުގަނޑާ ދޭތެރޭގައި އަދި ދިވެހި ސަރުކާރާ ދޭތެރޭގައި އޮތް އިޚްލާޞްތެރިކަމުގެ ބޮޑުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް ގަބޫލުކުރެވޭތީ، ތިޔަ ހުރިހާ ބޭފުޅުންނަށް އެކަމަށްޓަކައި އަޅުގަނޑު ޝުކުރު ދަންނަވަން.

ދެންމެ ކަތީބުގެ ވާހަކަފުޅުގައި، އަޅުގަނޑާ ބެހޭގޮތުން ވަރަށް އިޚްލާޞްތެރި ޝުޢޫރުތަކެއް ފާޅުކުރައްވައިފި. މިވޭތުވެދިޔަތާނގައި އަޅުގަނޑަށް ކޮށްދެވުނު ކަމަށް އޭނާއަށް ގަބޫލުކުރެއްވޭ ކަންތައްތަކެއްގެ ވާހަކަ ވިދާޅުވެއްޖެ. އަދި ކުރިއަށް އޮތްތާނގައި އަޅުގަނޑުގެ ޚިދުމަތް ބޭނުންވާކަމަށްވެސް ވިދާޅުވެއްޖެ. އެއީ އާދައިގެ ބަހުރުވައިންނާއި އަދި ޅެންބަހުން. މިއީ، ވަރަށް އަސަރުކުރުވަނިވި ގޮތަކަށް އޭނާ ދެއްކެވި ވާހަކަފުޅުތަކެއް. އެކަމަށްޓަކައި އަދި އެވާހަކަފުޅުތަކުގައި އެ ހިމެނޭ އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި ކަތީބު ޢަލީޝަރީފު އާދަމަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު ރައީސްކަމާ ހަވާލުވީއްސުރެ، މަސައްކަތް ކުރަމުން މިގެންދަނީ މުޅި ރާއްޖެ ކުރިއަށް ގެންދެވޭތޯ. ރާއްޖޭގެ ހުރިހާ ރަށްތަކެއް ކުރިއަށް ގެންދެވޭތޯ. ހަމައެކަނި ވަކި ރަށްތަކެއް ނޫން. ހަމައެކަނި ވަކި ހިސާބުތަކެއް ނޫން. މިގޮތުން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަޅުގަނޑު ވަނީ ޒިޔާރަތްކޮށްފައި. ބައެއް ރަށްރަށަށް އެންމެފަހަރަކު އަޅުގަނޑަށް ޒިޔާރަތް ކުރެވިފައިވަނީ. އޭގެތެރެއިން، އެއް ރަށް ކަމަދޫ މިއީ. ވަރަށް ކުރިން އަޅުގަނޑަށް އެފަހަރު އާދެވުނީ. އޭގެފަހުން، އަޅުގަނޑަށް މިރަށަކަށް އާދެވިފައެއް ނެތް. މިދިޔަ އަހަރު މިރަށަށް އައުމަށްޓަކައި އަޅުގަނޑު ކަމަރު ބަނދެގެން ދަތުރަށް އެރިން. އަދި މި އަތޮޅަށްވެސް އައިން. އެހެންނަމަވެސް، ދެންމެ ކަތީބުގެ ވާހަކަފުޅުގައި އެ ވިދާޅުވިފަދައިން، ވަރަށްބޮޑަށް ވިއްސާރަވެ، މޫސުން ގޯސްވުމުގެ ސަބަބުން އެފަހަރު، މިދިޔަ އަހަރު ޖުލައިމަހު އަޅުގަނޑު ދާން ގަސްދުކުރި ބައެއް ރަށްރަށަށް އޮތީ ނުދެވިފައި. އެކަމަށްޓަކައި އަޅުގަނޑު ވަރަށްބޮޑަށް ހިތާމަކުރިން. އަދި ވެރިންނާ ގުޅާ އެ ވާހަކަ ދަންނަވައި ހެދިން. އަޅުގަނޑަށް ލިބޭ އެންމެ ފުރަތަމަ ފުރުޞަތުގައި، މިރަށަށް ޒިޔާރަތް ކުރާނެ ވާހަކަވެސް ދެންނެވިން. މިއަދު އެ ވަޢުދު ފުއްދައިދެވުނުކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް އަޅުގަނޑު ޙަމްދާއި ޝުކުރު ދަންނަވަން.

އާދެ، މި ރަށަށް އައުމަކީ، އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. މި ރަށަކީވެސް ރާއްޖޭގެ ލޮބުވެތި ފަސްގަނޑުން ބައެއް. ރަށުގެ މީސްކޮޅު މަދުކަމަށްވިޔަސް، މިރަށުގައި ދިރިއުޅުއްވަނީވެސް ހަމަ ދިވެހިރައްޔިތުން. ދިވެހި އަޚުންނާއި އުޚުތުން. އެހެންވީމާ، މިރަށަށް އައިސް ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް ކަމުގައި ދަންނަވަން. އަދި މިރަށުގެ ރައްޔިތުން ދިރިއުޅުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ބަލައިލައި، ރައްޔިތުންނަށް ދިމާވާ ދަތިތައް އޮޅުންފިލުވައި، އެކަންކަމުގައި ސަރުކާރުން ވެދެވެން އޮތް އެހީއަކީ ކޮބައިތޯ ބަލައިލުމަކީވެސް، އަޅުގަނޑު ކުރަން ޖެހޭނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

މިވޭތުވެދިޔަ ތާނގައި މުޅި ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް ހިންގައި، ބޮޑެތި މަސައްކަތްތަކެއް ކޮށްފައި. އޭގެތެރެއިން، ބައެއް މަސައްކަތްތައް މިރަށުގައިވެސް ހިނގާފައި އެބަހުރި. އޭގެތެރޭގައި، މިރަށު ރަށުއޮފީސް، ރަށުކޯޓު، ރަށްވެހިގެ ހިމެނޭ ޢިމާރާތެއް ކުރުމާއި، ދެ މިސްކިތެއް ޢިމާރާތްކޮށްދިނުން ހިމެނޭ. މި ރަށުގެ ބަނދަރު ހަލާކުވަމުންދާތީ، ސަރުކާރުގެ ޚަރަދުގައި މި ބަނދަރު ހެދުމުގެ މަސައްކަތް މިހާރު މިވަނީ މި ރަށުގެ ރައްޔިތުން ކުރައްވާފައި. ޝައްކެތްނެތް، މިފަދަ މަސައްކަތްތައް ކުރުމަކީ، ރަށުގެ ތަރައްޤީއަށް ވަރަށްބޮޑަށް ބޭނުންވާ ކަމެއް.

މީގެއިތުރުން، މި ރަށުގައި ހެލްތް ޕޯސްޓް ޢިމާރާތް ކުރުމުގެ މަޝްރޫޢެއްގެ މަސައްކަތް މިހާރުވަނީ ފެށިފައި. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އިއްޔެވަނީ ބިންގާ އެޅިފައި. އެމަސައްކަތް އިރާދަކުރެއްވިއްޔާ، ދެން ލަހެއްނުވެ ނިމިގެންދާނެ. އެ މަސައްކަތް ނިމުމުން، މި ރަށުގެ ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ލިބެމުންދާނެ.

އެހެންނަމަވެސް، ކުދިކުދި ރަށްރަށުގައި ވާގޮތަކީ މާ މަތީ ފެންވަރަކަށް އެއްވެސް ކަމެއް ނުގެންދެވޭ. އެއީ، ޚަރަދުގެ ގޮތުން ބަލާއިރުވެސް ދެކޮޅުޖެހޭ ކަމަކަށްނުވާތީ. އެހެންވީމާ، ބައެއް ރަށްރަށުގައި ހުންނާނީ ހެލްތް ޕޯސްޓް. އަނެއްބައި ތަންތާނގައި ހުންނާނީ ޞިއްޙީ މަރުކަޒު. އަނެއްބައި ތަންތާނގައި ހުންނާނީ އަތޮޅު ހޮސްޕިޓަލް ނުވަތަ ސަރަޙައްދީ ހޮސްޕިޓަލް. މިގޮތަށް ކަންތައްތައް ކުރަން މިޖެހެނީ، ކަމުގެ ޚަރަދުބޮޑުކަމުންނާއި ޚިދުމަތް ދޭންތިބޭ މީހުންގެ އަދަދަށް ބަލާފައި. އެހެންވީމާ، މިރަށުގައި މިހެލްތް ޕޯސްޓް ހެދުނީމާ، އަޅުގަނޑު ހިތުން މިރަށުގެ ރައްޔިތުންނަށް އެކަށީގެންވާ ޞިއްޙީ ޚިދުމަތްތަކެއް ލިބިގެންދާނެ.

އާދެ، ތަރައްޤީގެ އެކިއެކި މަސައްކަތްތައް ހިނގަމުންދާއިރު، އެމަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނީ، ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އޮވެގެން. އަޅުގަނޑު ދެކޭގޮތުގައި، މި ރަށުގެ ރައްޔިތުންނަކީ އެފަދަ ރައްޔިތެއް. އެކުވެރި އެއްބައިވަންތަ ރައްޔިތެއް. އެއީ، އަޅުގަނޑު ވަރަށްބޮޑަށް އުފާކުރާ ކަމެއް. އެގޮތުގައި މި ރަށުގެ ރައްޔިތުން ދެމިތިއްބެވުމަކީ، ރަށުގެ ތަރައްޤީއަށްޓަކައި ކުރެވޭ މަސައްކަތްތައް ކާމިޔާބުވުމަށް އެޅޭނެ ވަރަށްބޮޑު ބާރެއް.

އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިރަށުގައި މިހާރު ކޮންމެވެސްވަރަކަށް މަސްތުވާތަކެތީގެ ކަންތައް އެބަ ހިނގާ. އެއީ ދެން ވަރަށްދެރަ ކަމެއް. ކިތަންމެ މަދުބަޔަކު އެކަން ކުރިނަމަވެސް އެއީ ވަރަށްބޮޑު ނުރައްކަލެއް. އެކަން އަޅުގަނޑުމެން އެބަޖެހޭ ކޮންޓްރޯލް ކުރަން. އެއަށްވުރެ ދާއިރާ ފުޅާވެގެން ދިޔަދީގެންނުވާނެ. އަދި އެ މަސްތުވާތަކެތީގެ ބޭނުންކުރާ ބަޔަކުވެސް އިޞްލާޙުކޮށް، އަނބުރާ މުޖުތަމަޢަށް ގެނެވޭތޯ ބަލަންވާނެ.

މިކަމުގައި ރައްޔިތުންގެ އެންމެންގެ އެއްބާރުލުން ސަރުކާރަށް ބޭނުންވޭ. ރައްޔިތުންނާއި އަދި ކޮމިޓީތަކުގެ މެންބަރުންނާއި، އެކިއެކި ޖަމުޢިއްޔާ، ކްލަބް ހުރިކަމަށްވަންޏާ، އެތަންތާނގެ މެންބަރުންގެ އެއްބާރުލެއްވުމާއި، އަދި ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުގެ އެހީތެރިކަމާއި އެއްބާރުލެއްވުމާއެކު، އަޅުގަނޑުމެންނަށް ކާމިޔާބަކާ ހަމައަށް ދެވޭނީ. މިރަށުގައި އެކަން އަދި އޮތީ ވަރަށް ކުޑަކުޑަ ހަނި ދާއިރާއެއްގައި ކަމަށްވާތީ، އެ ދާއިރާ ފުޅާވެގެން ދިޔަނުދެއްވުމަށްޓަކައި، ތިޔަ ހުރިހާ ރައްޔިތުން އަތުގުޅުއްވައިލައްވައިގެން މަސައްކަތް ކުރެއްވުމަކީ، އަޅުގަނޑު ވަރަށްބޮޑަށް އެދޭ ކަމެއް.

އާދެ، އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ކުޑަކުޑަ ރާއްޖެއެއް. މީސްކޮޅު މަދު ތަނެއް. އެހެންނަމަވެސް، އަޅުގަނޑުމެންވެސް ތަރައްޤީވަމުން މިދަނީ. ވަރަށްގިނަ ކަންތައްތަކެއް އަޅުގަނޑުމެންގެ ފެންވަރުގައި މިހާރުވަނީ ޙާޞިލުކުރެވިފައި. ރާއްޖޭގެ ތަޢުލީމަށް ބެލިނަމަވެސް، ރާއްޖޭގެ ޞިއްޙީ ޚިދުމަތްތަކަށް ބެލިނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމަށް ބެލިނަމަވެސް، އަދި ރާއްޖޭގެ މަސްވެރިކަމަށް، ވިޔަފާރިއަށް، އަދި އެހެން ދާއިރާތަކަށް ބެލިނަމަވެސް، އަޅުގަނޑުމެންގެ ރާއްޖެ މިހާރު މިވަނީ، މިސަރަހައްދުގައި ހިމެނޭ އެހެން ޤައުމުތަކަށްވުރެ ކުރި ހޯދާފައި. އަދި އަޅުގަނޑުމެންގެ ކޮންމެ ދިވެހިރައްޔިތެއްގެ ބޮލަކަށްޖެހޭ އާމްދަނީގެ މިންވަރު މިވަނީ މި ސަރަހައްދުގެ އެހެން ހުރިހާ ޤައުމުތަކަށްވުރެ މާ މައްޗަށް ގޮސްފައި. މިއީ، اللّـه سبحـانـه وتعـالىގެ ހެޔޮ ރަޙްމަތްފުޅު. ހަމައެހެންމެ، މިއީ ދިވެހިރައްޔިތުން ކުރާ މަސައްކަތުގެ ނަތީޖާ. މާތްاللّـه ކާމިޔާބު ދެއްވަނީ މަސައްކަތްކުރާ ބަޔަކަށް. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ މަސައްކަތް ކުރަން. މީގެކުރިން، މަސައްކަތްކޮށްގެން ކާމިޔާބީތަކެއް ޙާޞިލު ކުރެވިފައިވާ ފަދައިން، މީގެފަހުންވެސް އަޅުގަނޑުމެން އެބަޖެހޭ މަސައްކަތްތަކެއް ކުރަން. ހިންމަތާއި ހިތްވަރާ އެކީގައި މަސައްކަތް ކުރަން އެބަޖެހޭ. އޭރުން އަޅުގަނޑުމެންގެ ޤައުމު އަދި އަޅުގަނޑުމެންގެ ރަށް، އެއްދުވަހުން އަނެއް ދުވަހަށް ކުރިއަށް ގެންދެވޭނީ.

އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މި އަތޮޅުގައި ފަތުރުވެރިކަމުގެ ވަރަށް ގިނަ މަންޒިލްތައް ޤާއިމުވެފައި ހުރުމާ އެކީގައި، މިރަށުގެ ރައްޔިތުންގެވެސް ވަރަށްގިނަބަޔަކު މިހާރު އުޅެނީ އެމަސައްކަތުގައި. އެއީވެސް ވަރަށް ރަނގަޅު މަސައްކަތެއް. ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގައި މިހާރު ވަރަށް މުހިންމު ބައެއް އަދާކުރާ މަސައްކަތެއް. އެ މަސައްކަތް ފުޅާކޮށް ތަރައްޤީ ކުރުމަށް ސަރުކާރުން މިގެންދަނީ ސިޔާސަތެއް ރާވައި އެކަމަށް މަގުފަހިކޮށްދެމުން. ހަމައެހެންމެ، ސަރުކާރުން ރާވާ ސިޔާސަތުތަކާއި، ކަނޑައަޅާ އުޞޫލުތަކުގެ ދަށުން ވަރަށްގިނަ އަމިއްލަ ފަރާތްތަކުން އެ ގެންދަވަނީ މިމަސައްކަތް ކުރައްވަމުން. އޭގެ ރަނގަޅު ނަތީޖާ އަޅުގަނޑުމެންނަށް މިދަނީ ފެންނަމުން. އަޅުގަނޑުމެންގެ ޖީބުތައް މިދަނީ ތަނަވަސްވަމުން. އާމްދަނީ މިދަނީ އިތުރުވަމުން. އަޅުގަނޑުމެންގެ ބޭނުންތައް ކުރިއަށްވުރެ ބޮޑަށް މިދަނީ ފުދެމުން.

އެހެންވީމާ، މިކަންކަން ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން އިތުރަށް މަސައްކަތް ކުރަން އެބަޖެހޭ. މިހާރު ލިބިފައިވާ ކުރިއެރުމަކީ، އެކަމަށްޓަކައި އަޅުގަނޑުމެން ހިތްހަމަޖައްސާލަންވީ ކުރިއެރުމެއް ނޫން. އެއީ، އަދި އާދެވިފައި މިތިބީ ވަކި ހިސާބަކަށް. ކުރިއަށް އޮތް މަސައްކަތް އަދި މާބޮޑު. މަސައްކަތް މާއުނދަގޫ. ކަޑައްތު ކުރަން އޮތް ރާސްތާ މާ ދިގު. އެހެންވީމާ، އެކަމަށް އަޅުގަނޑުމެން އެންމެން އެބަޖެހޭ އަތުކުރި އޮޅާލަން. ކަމަރު ބަންނަން. އަޅުގަނޑުމެންނަށް ކުރިއަށް ދެވެން އޮތީ އެ މަސައްކަތް ކޮށްގެން.

އާދެ، މިރަށުގައި މިހާރު މި މަދަރުސާ ހިނގަމުންދާއިރު، ގުރޭޑް އަށެއްވެސް މިވަނީ އުފެދިފައި. ބައެއް އެހެން ރަށްރަށުގެ ކުދިން ގެންނަވައިގެންނަމަވެސް އަދަދު ހަމަކުރައްވައިގެން އެމަސައްކަތް އެބަ ކުރައްވާ. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް، ރަށުގެ ރައްޔިތުންނަށް ޝުކުރު ދަންނަވަން. ތަޢުލީމަކީ ޙަޤީޤަތުގައި ކުރިއެރުމުގެ ހުރިހާވެސް ސިއްރު. ކުރިއެރުމުގެ ބިންގާ. ތަޢުލީމު ރަނގަޅުވެގެން ނޫނީ އެހެން އެއްވެސް ކަމެއް ނުކުރެވޭނެ. އެހެންވީމާ، އެކަމަށް މިރަށުގެ ރައްޔިތުން ތިޔަ ދެއްވާ ސަމާލުކަމަކީ، އަޅުގަނޑު އެކަމަށްޓަކައި ވަރަށްބޮޑަށް އުފާކޮށް، ތިޔަބޭފުޅުންނަށް މަރުޙަބާކިޔާ ކަމެއް. އެގޮތުގައި ތިޔަބޭފުޅުން ތިއްބެވުމަކީ އަޅުގަނޑު ވަރަށްބޮޑަށް އެދޭކަމެއް.

ކުރިންވެސް ދަންނަވާލިފަދައިން، މި ދަތުރުގެ އެންމެފަހު މަންޒިލަކީ މިއީ. މިރަށަށް އައުމަކީ، އަޅުގަނޑަށާއި ނަސްރީނާއަށާއި އަދި އަޅުގަނޑާ އެކީގައި ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ލިބުނު ވަރަށްބޮޑު އުފަލެއް. އަދި މި ރަށުގެ ރައްޔިތުން އަޅުގަނޑުމެންނަށް ތިޔަ ވިދާޅުވި މަރުޙަބާއަށްޓަކައި އަދިވެސް އެއްފަހަރު ޝުކުރު ދަންނަވާލަން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން އަދި ބައެއް އެހެން ފަރާތްތަކަށްވެސް ޝުކުރުގެ ބަހެއް ދަންނަވާލަން ބޭނުންވޭ. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖޭގެ އަތޮޅުތައް ތަރައްޤީ ކުރައްވަމުން ގެންދަވާ އެންމެ އިސްފަރާތަކީ، މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓް. އެހެންކަމުން، އެ މިނިސްޓްރީގެ މިނިސްޓަރ އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީއަށް، އޭނާ އެ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވަޒަން ކުރަމުން ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެހެންމެ، އެމިނިސްޓްރީގެ އެހެން ވެރިންނަށާއި މުވައްޒަފުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މީގެކުރިން އެ މިނިސްޓްރީ ހިންގަވައިދެއްވި ހިންގުންތެރި ހުރިހާ ވަޒީރުންނަށްވެސް މިފުރުޞަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މި ދަތުރުގައި އަޅުގަނޑަށް ވެދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި މިއަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް މުޙަންމަދު މާހިރަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަލްފާޟިލް މުޙަންމަދު މާހިރަކީ މީގެކުރިން، އެހެން ދެ އަތޮޅެއްގައިވެސް އަތޮޅުވެރިކަން ކުރައްވާފައިވާ ތަޖުރިބާ ހުރި ބޭފުޅެއް. މި އަތޮޅަށް އަޅުގަނޑު އައުމުން، މި އަތޮޅާބެހޭ މަޢުލޫމާތު ވަރަށް ފުރިހަމަގޮތެއްގައި އޭނާ އަޅުގަނޑަށް ވަގުތުންވަގުތަށް ދެއްވަމުން ގެންދެވި. އަދި ދަތުރުގެ ކަންތައްތައް އިންތިޒާމު ކުރެއްވުމުގައިވެސް ވަރަށް އިސް ޙިއްޞާއެއް އަދާކުރެއްވި. އެކަމަށްޓަކައި އޭނާއަށް ޝުކުރު ދަންނަވައި އަދި އޭނާގެ ބެއްލެވުމުގެ ދަށުން މަސައްކަތް ކުރައްވާ އެހެން ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

މާތް اللّـه، އަޅުގަނޑުމެން އެންމެންނަށް ތެދުމަގު ދައްކަވާށި! އަދި އެކަލާނގެ ދައްކަވާފައިވާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ހެޔޮތައުފީޤު ދެއްވާށި! އަޅުގަނޑުމެންނަށް ހެޔޮވިސްނުން ދެއްވާށި! އަދި އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބަޔަކު ކަމުގައި ލައްވާށި! އަދި ދިވެހިރާއްޖޭގެ ރައްޔިތުން ތަރައްޤީއަށްޓަކައި މި ކުރަމުންގެންދާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލައްވާށި! އަޅުގަނޑުމެންނަށް އަބަދުވެސް އުފާފާގަތިކަމާއި ސުލްހަމަސަލަސްކަމާއި އަމަންއަމާންކަން މިންވަރު ކުރައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه.