بســم اللّـه الرّحمـن الرّحيــم.

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘  وَالصّـلاة وَالسّلام علـى أشرف المرسليـن. سيدنا محـمَّدٍ وَعلـى آلـه وأصـحَابِه أجمـعـين.

އާދެ، މިއަދު އަޅުގަނޑުގެ އެންމެ ފުރަތަމަ އަދި އެންމެ އުފާވެރި ވާޖިބަކީ، މިއަދު ފުލުހުންގެ ޚިދުމަތާ ތިޔަ ގުޅުނު ހުރިހާ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރުން.

ޕޮލީސް ރެކްރޫޓް ޓްރެއިނިންގ ކޯސް ނިންމާފައި، ތިޔަ ކުދިން މިއަދު ތިޔަ ގުޅުނީ ވަރަށް މުހިންމު ޤައުމީ ޚިދުމަތަކާ. މި ޚިދުމަތަކީ ޝައްކެއްނެތްގޮތުގައި، ކޮންމެ ޤައުމެއްގައިވެސް ވަރަށް އިސްކަންދެވޭ ޚިދުމަތެއް. ވަރަށް މުހިންމު ވާޖިބުތަކަކާއި މަސްއޫލިއްޔަތުތަކެއް އަދާކުރަންޖެހޭ ޚިދުމަތެއް.

އަޅުގަނޑުމެންގެ ދިވެހިރާއްޖެ ކުރިއަށްދާ ދިޔުމުގައި ރާއްޖޭގެ ހުރިހާ ކަމަކަށްވެސް މި އަންނަ އިޞްލާޙީ ހެޔޮބަދަލުތަކުގެ ތެރޭގައި، ފުލުހުންގެ ތެރެއަށްވެސް މި އަންނަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުން. މި ބަދަލުތަކަކީ، ޒަމާނާ އެކަށީގެންވާ، އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައި މިކަންތައް ކުރާގޮތާ ފައިހަމަވާ ގޮތެއްގައި އަންނަ ބަދަލުތަކެއް. މި ބަދަލުތަކަށް އަޅުގަނޑުމެން ތައްޔާރުވުމަކީ، ވަރަށް މުހިންމު ކަމެއް. ޤައުމުގެ އަމަންއަމާންކަމާއި، ސުލްހަމަސަލަސްކަމާއި، ހަމަޖެހުން ރައްކާތެރިކުރުން އެއީ، ޙަޤީޤަތުގައި ފުލުހުންގެ ވަރަށް ބޮޑު ވާޖިބެއް ކަމުގައިވާނެ. މިއަދު ތިޔަ ކުދިން ތިޔަ ކުރި ހުވާގައިވެސް އެ ވާހަކަ އެބައާދޭ. ހަމައެހެންމެ، ދައުލަތާއި، ދައުލަތުގެ ވެރިންނާއި، ރައްޔިތުންނާއި މުދާ ރައްކާތެރިކުރުމަކީވެސް ފުލުހުންގެ ވަރަށް މުހިންމު މަސްއޫލިއްޔަތެއް. އެކަމަށް ތިޔަ ކުދިން މިއަދު ތިޔަ ހުވާކުރީ. އެހެންވީމާ، ފުލުހުންގެ ޚިދުމަތުގެ މުހިންމުކަމާ ދޭތެރޭގައި އެއްވެސް ޝައްކެއްނެތް.

ހަމައެހެންމެ، ފުލުހުންގެ ޚިދުމަތަކީ ވަރަށް ޝަރަފުވެރި ޚިދުމަތެއް. ރައްޔިތުންގެ ދިފާޢުގައި، ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި، ޤައުމުގައި އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ހަމަޖައްސައިދިނުމަށްޓަކައި، މަސައްކަތްކުރާ ބަޔަކީ ވަރަށް ޝަރަފުވެރި މަސައްކަތެއް ކުރާ ބައެއް. އެހެންވީމާ، އެގޮތުންވެސް ތިޔަ ކުދިންގެ މި ޚިދުމަތުގެ މުހިންމުކަން ވަރަށް ރަނގަޅަށް ދޭހަވެގެންދޭ.

ތިޔަ ހުރިހާ ކުދިންނަކީވެސް އެކަށީގެންވާ ފެންވަރަކަށް ތަޢުލީމު ހޯދާފައިވާ ކުދިން. ވަރަށް ގިނަ ކުދިންނަކީ އެންމެކުޑަވެގެން ޖީ.ސީ.އީ އޯލެވެލް ހަދާފައިވާ ކުދިން. ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ތަޢުލީމު ޙާޞިލުކޮށްފައިވާ ކުދިން. އެހެންވީމާ، ތިޔަ ކުދިންނަކީ މިއަދު ތަންދޮރު ދަންނަ، ކަންތައްތައް ރަނގަޅަށް އެނގޭ، ވިސްނުން ރަނގަޅު އަދި ތަޞައްރުފު ފުދިފައިވާ ބައެއްކަން ކަށަވަރު. އަދި ތިޔަ ކުދިންނަށް ފުލުހުންގެ ޚިދުމަތުގައި ކުރިޔަށް ދިޔުމުގެ މަގު މިއޮތީ ތަނަވަސްވެފައި. އެއީ، ކޮންމެ މީހަކުވެސް، އެމީހެއްގެ ވާޖިބު ފުރިހަމައަށް އަދާކުރާކަމަށްވަންޏާ، އެމީހެއްގެ ކުރިމަތީގައި ކުރިޔަށް ދިއުމުގެ މަގު އޮންނާނީ ހުޅުވިފައި. މިކަން ބިނާވެފައި އޮންނަނީ، އެމީހެއްގެ ޤާބިލުކަމާއި، އެމީހަކު އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ކަމޭހިތާ މިންވަރާއި، ފަރުވާބަހައްޓާ މިންވަރާއި، މިކަމުގައި ކުރިއަށްދާން ބޭނުންވާ މިންވަރުގެ މައްޗަށް. ހަމައެހެންމެ، ފުލުހުންނަކީ ޖަމާޢަތެއްގެ ތެރޭގައި މަސައްކަތް ކުރަންޖެހޭ ބައެއް. އެހެންކަމުން، އެޖަމާޢަތުގެ ތެރޭގައި އުޅުމުގައި ގެންގުޅެންޖެހޭ ރީތި އަޚްލާޤީ ހަމަތަކާއި އަދި އެހެން މީހުންނަށް ކަމޭހިތުމާއި އިޙްސާންތެރިވުމާ، މިކަންކަން މިއީވެސް ކުރިއަށް ދިޔުމުގައި ވަރަށް ބޮޑު ބާރެއް އަޅައިދޭނެ ކަމެއް.

ފުލުހުންނަކީ ސިވިލިއަން ބައެއް. އެހެންނަމަވެސް، ފުލުހުންގެ ޚިދުމަތަކީ ވަރަށް ޚާއްޞަ ޚިދުމަތެއް. ފުލުހުން އުޅެންޖެހެނީ ރައްޔިތުންގެ ތެރޭގައި. އެހެންވީމާ، ތިމާމެންގެ އަމިއްލަ ދިރިއުޅުމުން ރައްޔިތުންނަށްވެސް ރަނގަޅު ނަމޫނާއެއް ދައްކައިދޭންޖެހޭނެ. ޤާނޫނާއި ގަވާއިދު ޙިމާޔަތްކުރަން ތިބޭ ބަޔަކު ވާންޖެހޭނީ، ޤާނޫނާއި ގަވާއިދަށް ޙުރުމަތްތެރިކޮށްހިތާ ބަޔަކަށް. ޤާނޫނާއި ގަވާއިދަށް ބޯލަނބާ ބަޔަކަށް.

އަޅުގަނޑުމެން ބޭނުންވަނީ، ރާއްޖޭގެ އެންމެންނަކީވެސް ޤާނޫނާއި ގަވާއިދަށް ބޯލަނބައިގެން ދިރިއުޅޭ ރައްޔިތަކު ކަމުގައިވާން. އެހެން އެކަން އޮތްއިރު، އެކަން ހިފަހައްޓަން ތިބި މީހުން، އާދެ، ފުލުހުން ވާންޖެހޭނީ މިކަންކަމުގައި ރީތި ނަމޫނާއަކަށް. އެހެންވީމާ، މިއީވެސް ހުރިހާ ފުލުހުން ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ ކަމެއް.

އާދެ، އަޅުގަނޑުމެން މިހާރު ވޭތުކުރަމުން މިގެންދަނީ ވަރަށް ބަރަކާތްތެރި މަހެއް. ބަރަކާތްތެރި ރަބީޢުލްއައްވަލް މަސް. މި މަހަކީ އަޅުގަނޑުމެންނަށް ވަރަށްގިނަ ގޮތްގޮތުން މުހިންމު މަހެއް. އެންމެ ފުރަތަމަ ކަމަކީ، މިމަހަކީ رســول اللّـه صـلّى الله علـيـه وسـلّم ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި މަސްކަމުގައިވާކަން. މިފަދަ މަހަކާ ކުރިމަތިލާންޖެހޭކަން އެއީ، ހުރިހާ އިސްލާމުންނަށްވެސް، ހުރިހާ މުސްލިމުންނަށްވެސް، ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ގެނެސްދޭ ކަމެއް.

މިފަދަ މުނާސަބަތުތަކުގައި، ކީރިތި ރަސޫލާގެ ޙަޔާތްޕުޅުން އަޅުގަނޑުމެން މަތިވެރި ޢިބްރަތްތަކެއް ޙާޞިލުކުރަންޖެހޭ. އެކަލޭގެފާނުގެ ސިޔަރަތުން އަޅުގަނޑުމެން ފިލާވަޅުތަކެއް ލިބިގަންނަން އެބަޖެހޭ. އެކަލޭގެފާނަކީ މާތް اللّـه އަޅުގަނޑުމެންނަށް ފޮނުއްވާފައިވާ އެންމެ މާތް ނަމޫނާ. ކީރިތި ޤުރްއާނުގައި އަންގަވާފައިވަނީ އެފަދައިން. "ކީރިތި ރަސޫލާގައި ތިޔަބައިމީހުންނަށް ރިވެތި ނަމޫނާއެއްވިއެވެ". އެނަމޫނާ އަޅުގަނޑުމެން އެބަޖެހޭ ރަނގަޅަށް ދަސްކުރަން. އެ ނަމޫނާއާ އެއްގޮތަށް އަޅުގަނޑުމެންގެ ހުރިހާ ކަމެއްވެސް ބެހެއްޓޭތޯ މަސައްކަތް ކުރަން. އެހެންވީމާ، މިފަދަ މާތް މައްސަރެއްގައި، ތިޔަ ކުދިން ފުލުހުންގެ ހުވާކޮށް، ފުލުހުންގެ ޚިދުމަތާ ގުޅޭކަން އެއީވެސް، ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެންވާނެ.

ހަމައެހެންމެ، މި މަހަކީ ދިވެހިރާއްޖޭގެ ޤައުމީ ދުވަސް އަންނަ މަސް. މީގެ ދުވަސްކޮޅެއް ކުރިން އަޅުގަނޑުމެން ޤައުމީ ދުވަސް މި ފާހަގަކުރީ. ރާއްޖޭގެ ޤައުމީ ދުވަހަކީ ތިޔަ ހުރިހާ ކުދިންނަށްވެސް އެނގޭނެ ފަދައިން ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްވި ދުވަސް. މި އިސްލާމީ މަރުކަޒުގައި މި ހުރި މިސްކިތް، އެ ބޭފުޅެއްގެ ނަންފުޅަށް ނިސްބަތް ވެގެންވާ އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް، ދިވެހިރާއްޖެ ޕޯޗްގީޒުންގެ އަތްދަށުން މިނިވަންކޮށްދެއްވި ދުވަސް. އެ ޒިކުރާއަކީވެސް އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭނެ ޒިކުރާއެއް. އޭނާ އެ ކުރެއްވި ޖިހާދާއި، އޭނާއާއި އޭނާގެ އެކުވެރިން އެ ކުރެއްވި ޖިހާދާއި، ވެވަޑައިގެންނެވި ޤުރްބާނީތަކާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އަނބުރާ ގެނެސްދެއްވިކަމާއި، އަދި ދިވެހިންނަށް މިކަންކަމުގައި ވަރަށް ރީތި ނަމޫނާއެއް ދެއްކެވިކަމާ، މިކަންކަމަކީ އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭނެ ކަންތައްތައް.

މިގޮތުން ބަލާއިރު، މިމަހަކީ ޤައުމީގޮތުން ބަލާއިރުވެސް، ދީނީގޮތުން ބަލާއިރުވެސް، އަޅުގަނޑުމެންގެ ވަރަށް މުހިންމު މަހަކަށްވެގެން އެބަދޭ. ހަމައެހެންމެ، މިއިން ދައްކައިދޭ އެއްޗަކީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި، މާތްވެގެންވާ އިސްލާމްދީނާ ގުޅިފައިވާ ގުޅުން. ރާއްޖޭގެ މިނިވަންކަމަށް ބުރޫއެރި ކޮންމެ ފަހަރަކު ބުރޫއަރާފައިވަނީ، ރާއްޖޭގައި މި އޮތް އިސްލާމްދީން ނިގުޅައިގަތުމަށް ބަޔަކު މަސައްކަތްކުރި ވަގުތުގައި. އެނބުރި ރާއްޖެއަށް މިނިވަންކަން ލިބިފައި މިވަނީ އިސްލާމްދީނުގެ ހިޔާވަހިކަމުގެ ތެރޭގައި. އެ ޢަޤީދާ ރައްކާތެރިކުރުމުގެ ތެރޭގައި.

އެހެންވީމާ، ދިވެހިރާއްޖޭގެ މިނިވަންކަމާއި މާތްވެގެންވާ އިސްލާމީ ޢަޤީދާއާ އޮތް ގުޅުމަކީ، ވަރަށް ވަރުގަދަ ގުޅުމެއްކަން އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭ. އެ ގުޅުން ދަމަހައްޓަން އެބަޖެހޭ. ރާއްޖޭގެ މިނިވަންކަން ދަމަހައްޓަން ބޭނުމިއްޔާ، ރާއްޖޭގައި އިސްލާމީ ޢަޤީދާ ރައްކާތެރިކުރަންޖެހޭ.

މާތްاللّـهގެ ހެޔޮ ރަޙްމަތްފުޅުން އަޅުގަނޑުމެންނަކީ ސައްތައިންސައްތަ މުސްލިމް ޤައުމެއް. މިއީ، އަޅުގަނޑުމެންނަށް ލިބިފައިވާ ވަރަށް ބޮޑު ރަޙްމަތެއް. ވަރަށް ބޮޑު ނިޢުމަތެއް. މި ރަޙްމަތަށް، މި ނިޢުމަތަށް، އަޅުގަނޑުމެން ރައްކާތެރިވާންޖެހޭނެ. އަޅުގަނޑުމެންނަކީ ފުރިހަމަ މުސްލިމުން ކަމަށްވެފައި، ދިވެހިރާއްޖެ ދެކެ ލޯބިވާ އިޚްލާޞްތެރި ރައްޔިތުންތަކެއް ކަމަށްވެއްޖެނަމަ، ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ޤައުމުގައި އޮންނާނީ ހަމަޖެހުމާއި އޮމާންކަން. ހުރިހާ ކަމެއްގައިވެސް ކުރިއަށް ދިޔުމުގެ މަގު އޭރުން އަޅުގަނޑުމެންނަށް އޮންނާނީ ފަހިވެފައި.

އާދެ، މިއަދު ތިޔަ ކުދިން ފުލުހުންގެ ޚިދުމަތާ ގުޅުމުގެ މުނާސަބަތުގައި، އަދިވެސް އެއްފަހަރު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރާއި މުބާރަކްބާދީއާއި ތަހުނިޔާ އަދާކުރަން. އޭގެއިތުރުން، ފުލުހުންގެ ޚިދުމަތް ތަރައްޤީ ކުރެއްވުމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް، އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީން ކުރައްވާ މަސައްކަތްޕުޅުތަކާއި، އަދި ކޮމިޝަނަރ އޮފް ޕޮލީސް އާދަމް ޒާހިރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި އަދި މިކަމުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުން އެ ކުރައްވާ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކޮށް، އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. މިއަދުގެ މި އުފާވެރި ޙަފްލާގައި މިނިސްޓަރ ވަޑައިގެންނެތްކަމީ، މި ޙަފްލާއަށް ލިބުނު ވަރަށްބޮޑު އުނިކަމެއް. އެހެންނަމަވެސް، އެމަނިކުފާނު އެ ކުރައްވާ މަސައްކަތްޕުޅުތަކުގެ މަތިން ހަނދާންކޮށް، އަޅުގަނޑުމެންގެ ހިތްތަކުގައި އުފެދިފައިވާ ތާރީފުގެ ޝުޢޫރުތައް ހާމަކުރުމަކީ މިއަދު ކުރަންޖެހޭނެ ކަމެއް.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެންނަށް އަބަދުވެސް ހެޔޮވިސްނުމާއި، ހެޔޮމަގު ދެއްކެވުން. އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބަޔަކު ކަމުގައި ލެއްވުން. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ޢަޤީދާ ރައްކާތެރިކުރާ، އަދި ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރާ ބަޔަކު ކަމުގައި ލެއްވުން. ދިވެހިރާއްޖެ އެއްދުވަހުން އަނެއްދުވަހަށް ކުރިޔަށް ދިޔުމުގެ ހެޔޮ ތައުފީޤު މާތް اللّـه ދެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.