بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

އާދެ! ދެންމެ އަޅުގަނޑުމެންގެ ޢިއްޒަތްތެރި އަޚު އަލްފާޟިލް އަޙްމަދު ޙަސަންދީދީ އެވިދާޅުވިފަދައިން މިރޭގެ މި ޙަފްލާއަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އަދި ރިޔާސީ ގަނޑުވަރުގައި ޚިދްމަތް އަދާކުރައްވަމުން ގެންދަވާ މުވައްޒަފުންގެ ތެރެއިން މިހާރު އަޅުގަނޑުމެން ޢަމަލު ކުރަމުންމިދާ މަދަނީ ޚިދްމަތުގެ ޤާނޫނުގެ ދަށުން ޢުމުރުން ވަކި ދުވަހެއްވީމާ، ވަކިވާންޖެހޭ މުވައްޒަފުންނާ ބައްދަލުކޮށްލައި، އެމުވައްޒަފުން ވަރަށްދިގު މުއްދަތެއްގައި ސަރުކާރުގެ ޚިދްމަތުގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކީ އުޅުއްވީތީ، އެބޭފުޅުންނަށް ޝުކުރު ދެންނެވުމުގެ ގޮތުން ބާއްވާ ޙަފްލާއެއް.

އެނގިވަޑައިގަންނަވާނެ ފަދައިން، ތިޔަބޭފުޅުންގެ ތެރޭގައި، އާދެ! މިރޭ މިތަނަށް ވަޑައިގެން ތިއްބެވި އަދި ސަރުކާރުގެ ވަޒީފާއިން މިހާރު ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގެންފައިވާ ބޭފުޅުންގެ ތެރޭގައި، ވަރަށްދިގު މުއްދަތެއްގައި ސަރުކާރަށާއި ރައީސް އޮފީހަށާއި ރިޔާސީ ގަނޑުވަރަށް ޚިދްމަތް ކުރައްވާފައި ތިއްބެވި ބޭފުޅުން އެބަ ތިއްބެވި. އޭގެތެރޭގައި، ސަރުކާރަށް 62 އަހަރު ޚިދްމަތް ކުރައްވާފައި ހުންނެވި ބޭފުޅަކުވެސް އެބަ ހުންނެވި. އަދި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި މެދުނުކެނޑި ސަރުކާރަށް ޚިދްމަތް ކުރައްވާފައި ތިއްބެވި ބޭފުޅުންވެސް އެބަ ތިއްބެވި. އަދި މިއޮފީހުގައިވެސް 40 އަހަރަށްވުރެ ގިނަދުވަހު ޚިދްމަތް ކުރައްވާފައި ތިއްބެވި ބޭފުޅުން އެބަ ތިއްބެވި. އަޅުގަނޑަށްވެސް އަދި ކިރިޔާ މިއުޅެނީ މިއޮފީހުގައި 30 އަހަރު ނުވެގެން. އަޅުގަނޑަށްވުރެ މިއޮފީހަށް ދޮށީ ހަތަރު މުވައްޒަފަކު މިއަދު އެބަ ވަޒީފާއިން ވަކިވެވަޑައިގަންނަވާ.

އެބޭފުޅުން އެ ޚިދްމަތް ކުރެއްވީ ތަފާތު ދާއިރާތަކުގައި، ތަފާތު ދުވަސްވަރު އެކި މަގާމުތަކުގައި. އެއިން ކޮންމެ ދުވަސްވަރެއްގައިވެސް އަދި ކޮންމެ މަގާމެއްގައިވެސް، ކޮންމެ ބޭފުޅަކުވެސް ސަރުކާރަށް ޚިދްމަތް ކޮށްދެއްވާފައިވަނީ ވަރަށް ތެދުވެރިކަމާއެކީގައި، ވަރަށް އިޚްލާޞްތެރިކަމާއެކީގައި. އެކަން މިއަދު އަޅުގަނޑުމެން އެބަ ގަބޫލު ކުރަންޖެހޭ. އެހެންވީމާ، ތިޔަބޭފުޅުންނަށް ޙައްޤުވެގެންވާ ޝުކުރު ދެންނެވުމަކީ، މިރޭ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

ތިޔަބޭފުޅުން ގިނިކަންޏާއެއް ނޫން. ސަރުކާރުގެ ވަޒީފާގައި ވަރަށްގިނަ ދުވަހު އުޅުއްވުމަށްފަހުގައި، މިދެންނެވި މަދަނީ ޚިދްމަތުގެ ޤާނޫނުގެ ދަށުން، ޢުމުރުން ވަކިދުވަހެއް ވެގެން ވަކިވެވަޑައިގަންނަވާ ވަރަށްގިނަ ބޭފުޅުން މާލެ ނޫން ރަށްރަށުގައިވެސް އެބަ ޚިދްމަތް ކުރައްވަމުން ގެންދަވާ. އޭގެތެރެއިން ވަރަށްގިނަ ބޭފުޅުން އަތޮޅުތަކުގައިވެސް ޚިދްމަތް ކުރައްވަމުން އެބަ ގެންދަވާ.

އެހެންވީމާ، މިރޭ އަޅުގަނޑު ޝުކުރު މި ދަންނަވަނީ، މިގޮތުން ވަކިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް. މާލޭގައި ވަޒީފާ އަދާކުރައްވާ ބޭފުޅުންނާއި އަދި އަތޮޅުތަކުގައި ވަޒީފާ އަދާކުރައްވާ ބޭފުޅުންގެ ތެރެއިން މިއަދު މި ޤާނޫނުގެ ދަށުން ވަޒީފާއިން ވަކިވެވަޑައިގަންނަވަންޖެހޭ ހުރިހާ ބޭފުޅުންނަށް. އެ ހުރިހާ ބޭފުޅުން، ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ޚިދްމަތުގެ ދާއިރާގައި، އެބޭފުޅަކު ހުންނެވި މަގާމުގައި ނުވަތަ މަގާމުތަކުގައި ހުންނަވައިގެން މިހާ ގިނަދުވަސް ވަންދެން ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވީތީ، އެ ހުރިހާ ބޭފުޅުންނަށް މިރޭ އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! މަދަނީ ޚިދްމަތުގެ ޤާނޫނަކީ ވަރަށް މާތް މަޤްޞަދެއްގައި އެކުލަވާލެވިގެން ހިންގަން ފެށުނު ޤާނޫނެއް. އެއީ، އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށްދާ ދިޔުމުގައި، އަދި ރާއްޖޭގައި ދީމުޤްރާޠީ ވެށްޓެއް ޤާއިމުކުރަން މިކުރާ މަސައްކަތްތަކުގައި، ވަރަށް މުހިންމު ޙިއްޞާއެއް އަދާކުރާ ޤާނޫނަކަށް، އެ ޤާނޫނުވާތީ. އެއީ، މަދަނީ ޚިދްމަތުގައި ތިބޭ މީހުންނަކީ، ވަކި ސިޔާސީ ޕާޓީއަކާ ގުޅިގެން މަސައްކަތްކުރާ ބަޔަކަށްވުމަކީ، ދީމުޤްރާޠީ އުޞޫލާ ތަޢާރުޒުވާ ކަމަކަށްވާތީ. އަދި މަދަނީ ޚިދްމަތުގެ ކަންތައްތައް ހަރުދަނާކޮށް ކުރިއަށް ގެންދިޔުމަކީ މުހިންމު ކަމަކަށްވާތީ، މި މަޤްޞަދުގައި މި ޤާނޫނު އެކުލަވާލެވި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި އަދި އަޅުގަނޑު ތަޞްދީޤުކޮށް ހިންގަން ފަށާފައި މިވަނީ.

އެހެންނަމަވެސް، އިންސާނުން ހަދާ ޤާނޫނުތަކަކީ އެންމެ ފުރިހަމަ ޤާނޫނުތަކަށްނުވެ ހިނގައިދާނެ. އެގޮތުން މި ޤާނޫނަށް ޢަމަލުކުރަން ފެށީމާ، އޭގައި ހުރި ބައެއް އުނި ކަންތައްތައް އަޅުގަނޑުމެންނަށް މިވަނީ ފެނިފައި. އަދި އެ ކަންތައްތައް ރަނގަޅު ކުރެވޭތޯ ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކޮށްފައި. ތިޔަ ހުރިހާ ބޭފުޅުންގެ މަޢުލޫމާތަށްޓަކައި އެ ވާހަކަ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. ޚާއްޞަކޮށް، ޢުމުރުން 65 އަހަރުވެގެން ކުއްލިއަކަށް ވަޒީފާ ދޫކޮށްލައްވަން ޖެހިވަޑައިގަންނަވާ ބޭފުޅުންނަށް އިތުރު މުހުލަތެއް ހޯދައިދެވޭތޯ ސަރުކާރުންވަނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައި. އަދި ސަރުކާރާއި ދިވެހި ރައްޔިތުންގެ ޕާޓީގެ މެންބަރުންނާ، މިދެބައި ގުޅިގެން ރައްޔިތުންގެ މަޖިލީހުގައިވެސް މިކަމަށް ވަރަށް ބޮޑަށް ވަކާލާތުކޮށް، އެ މައްސަލަ ރަނގަޅު ގޮތަކަށް ޙައްލު ކުރެވޭތޯ ވަނީ ބޮޑެތި މަސައްކަތްތަކެއް ކޮށްފައި.

އެހެންނަމަވެސް، ރާއްޖޭގައި މިހާރު މިއޮތް ސިޔާސީ މާޙައުލުގެ ތެރޭގައި، އަދި ސަރުކާރާ ދެކޮޅު ފަރާތްތަކެއް މަޖިލީހުގައިވެސް ވަކާލާތު ކުރަމުން ގެންދާތީއާ އެކީގައި، އަޅުގަނޑުމެންނަށް އެ މަސައްކަތް މިވަގުތަށް މިވަނީ ކާމިޔާބުނުވެފައި. އެހެންނަމަވެސް، އެކަމަކީ ސަރުކާރުން ވަރަށް ހެޔޮ ނިޔަތެއްގައި ކުރަމުން ގެންދިޔަ މަސައްކަތެއް. އެއީ އަޅުގަނޑު ދުށް ގޮތުގައި، އަދި ސަރުކާރުގެ އެހެން ބޭފުޅުންވެސް ދެކެވަޑައިގަންނަވާ ގޮތުގައި ޢުމުރުން 65 އަހަރުވިޔަސް، އެމީހަކު ވަކިވާންޖެހޭނީ ވަކި މުހުލަތެއް ލިބުމަށްފަހުގައި. އެކަންވާނެކަން އެމީހަކަށް އެނގި، އެމީހެއްގެ ޙަޔާތުގައި ދެން ކަންތައް ކުރާނެ ގޮތެއް ރާވައި ހިންގުމަށް ފުރުޞަތެއް ލިބިދީފައި. ޚާއްޞަކޮށް ރާއްޖެ ކަހަލަ ޤައުމެއްގައި، ސަރުކާރުގެ ވަޒީފާ އަދާކުރުމަކީ، އެބަޔެއްގެ މުޅި ދިރިއުޅުމުގެ ބިންގާ ކަމަށްވާ ތަނެއްގައި، އެގޮތަށް ކުއްލިއަކަށް ވަޒީފާއިން ވަކިވެގެން ދިޔުމަކީ، ދިމާވާ ވަރަށްބޮޑު ދައްޗަކަށް ނުވެއެއް ނުދާނެ. ބައެއް މީހުން ވަރަށް ބޮޑެތި ހިތްދަތިކަން އިޙްސާސް ކުރަންޖެހޭ ކަމަކަށް މިކަން އޮތީ ވެފައި. އެހެންވީމާ، މިފަދަ ހިތްދަތިކަމަކުން އެމީހުން ސަލާމަތްކޮށްދިނުމަށްޓަކައި، ސަރުކާރުން ވަރަށް ހެޔޮ ނިޔަތުގައި މި މަސައްކަތްތައް ކުރަމުން ގެންދިޔައީ. އެހެންނަމަވެސް، އެކަން މިއޮތީ ކާމިޔާބުނުވެ.

ދެން ދަންނަވާލަން އޮތީ، މިކަން މިހެން ވިޔަސް، ވަކިވާ މީހުންނާ ދޭތެރޭގައި ސިވިލް ސަރވިސް ކޮމިޝަނުން ކަންތައް ކޮށްދެއްވާފައިވަނީ ވަރަށް ރަނގަޅަށޭ. އެއީ، ވަކިވާ މުވައްޒަފުންނަށް ޚާއްޞަ ޢިނާޔަތްތަކެއް ވަނީ ހަމަޖައްސަވައިދެއްވާފައި. އޭގެތެރޭގައި ބަލައިލާއިރު، ވަރަށް ދީލަތި ޢިނާޔަތްތަކެއްވެސް އެބަހުރި. އެހެންވީމާ، އެކޮމިޝަނުންވެސް މަސައްކަތް ކުރައްވާފައި މިވަނީ، ސަރުކާރުން މި ވަކިވެވަޑައިގަންނަވާ ބޭފުޅުންނަށް އެކަށީގެންވާ ޢިނާޔަތްތަކެއް ލިބިދެއްވާފައި، އެބޭފުޅުން ވަޒީފާއިން ވަކިކުރެއްވުމަށް. އެހެންވީމާ، ކޮމިޝަނުން އެކުރެއްވި މަސައްކަތަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، ކޮމިޝަންގެ ރައީސް ޑޮކްޓަރ މުޙަންމަދު ލަޠީފަށާއި، އަދި އެހެން މެންބަރުންނަށް ޝުކުރު ދަންނަވަން.

ދެން ދަންނަވާލަން އޮތް ވާހަކައަކީ، ތިޔައިގެ ތެރެއިން މި ވަކިވެވަޑައިގަންނަވާ ބޭފުޅުންނަކީ، ތިޔަބޭފުޅުންގެ ޙަޔާތުގެ ހެނދުނުގެ ތާޒާ ވަގުތުތަކުގަޔާއި، އަދި މެންދުރާއި މެންދުރުފަހުގެ އުފެއްދުންތެރި ބިނާކުރަނިވި ވަގުތުތަކުގައި، ވަރަށް ވަފާތެރި ޚިދްމަތްތަކެއް ސަރުކާރަށް ކޮށްދެއްވާފައިވާ ބޭފުޅުންކޮޅެކޭ. މިއަދު ތިޔަބޭފުޅުން، ތިޔަބޭފުޅުންގެ ޙަޔާތުގެ ހަވީރުގެ ވަގުތުތައް ހޭދަކުރައްވާއިރު، އަޅުގަނޑުމެން ތިޔަ ހުރިހާ ބޭފުޅުންނަށް އެދެނީ، ވަރަށް ބާއްޖަވެރި ދުވަސްތަކެކޭ. ފުރިހަމަ ޞިއްޙަތާއި ޢާފިޔަތުގައި، މާތްﷲ ތިޔަ ހުރިހާ ބޭފުޅުން ލެހެއްޓެވުމޭ. އަދި ތިޔަބޭފުޅުންނަށް ތިޔަބޭފުޅުންގެ ޢާއިލާއާ އެކީގައި ހޭދަކޮށްލެއްވުމަށް އުފާވެރި ދުވަސްތަކެއް މާތްﷲ ދެއްކެވުމޭ.

ޝައްކެއްނެތް، ކުއްލިއަކަށް ދިމާވާ މިފަދަ ކޮންމެ ކަމަކީ، އޭގެ ސަބަބުން ހިތްދަތި އަސަރުތަކެއްވެސް ކުރާނެ ކަންތައްތަކެއް. އެހެންނަމަވެސް، ދުނިޔޭގެ ޙަޔާތުގައި މިކަހަލަ ކަންތައްތައް އަޅުގަނޑުމެންނަށް ކުރިމަތިވަމުން އެބަދޭ.

އާދެ! އަޅުގަނޑުގެ ވާހަކަ ނިންމާލާނީވެސް، ތިޔަ ހުރިހާ ބޭފުޅުންނަށް ހެޔޮ ދުޢާ ކުރަމުން. ތިޔަބޭފުޅުންގެ ތެރޭގައި މިއޮފީހުގައިވެސް ވަރަށްގިނަ ދުވަހު މަސައްކަތް ކުރެއްވި ވަރަށްގިނަ ޢިއްޒަތްތެރިން އެބަ ތިއްބެވި. އަދި ރިޔާސީ ގަނޑުވަރުގައި ވަރަށްގިނަ ދުވަހު ޚިދްމަތް ކުރެއްވި ބޭފުޅުން އެބަ ތިއްބެވި. ތިޔަ ހުރިހާ ބޭފުޅުން ތިޔަ ކުރެއްވި ޚިދްމަތްތަކަކީ، އަޅުގަނޑު ވަރަށް އުފަލާއެކު ގަބޫލުކޮށް، އެކަމުގެ އަގު ވަޒަންކޮށް، ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވާ ކަމެކޭ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ. ހަމަމިއާއެކީގައި، ތިޔަބޭފުޅުން ނޫނަސް، ސަރުކާރުގެ އެކި ވަޒީފާތަކުގައި ގިނަދުވަހު ޚިދްމަތް ކުރައްވާފައި، މި ޤާނޫނުގެ ދަށުން ވަކިވެވަޑައިގަންނަވާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ހެޔޮއެދުމާއި ޝުކުރު ދެންނެވުމަކީ، މިރޭ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް ކަމުގައި އަދިވެސް އެއްފަހަރު ދަންނަވާލަން.

މާތްﷲ އަޅުގަނޑުމެން އެންމެންނަށް ހެޔޮގޮތްތައް މިންވަރު ކޮށްދެއްވާށި! އަދި ޚާއްޞަކޮށް، ސަރުކާރުގެ ޚިދްމަތުގައި މެދުނުކެނޑި ނުވަތަ މެދުކެނޑިގެން ނަމަވެސް، މިހާގިނަދުވަހު ޚިދްމަތް ކޮށްދެއްވާފައި ތިއްބެވި ބޭފުޅުންނަށް، މާތްﷲ ފުރިހަމަ ޞިއްޙަތާއި ޢާފިޔަތު ދެއްވާށި! އަދި ކުރިއަށް އޮތް ތާނގައި އުފާވެރި ދުވަސްތަކެއް ހޭދަކުރެއްވުމުގެ ހެޔޮ ތައުފީޤު ތިޔަބޭފުޅުންނަށް ދެއްވާށި. وآخر دعوانا عن الحمد لله رب العالمين.

والســّلام عليــكم ورحـمــة اللّـه وبـركاتـه.