بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، މިއަދުގެ މި އުފާވެރި އިޙްތިފާލުގައި މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން ކޯސްޓްގާޑް އުޅަނދު "ޣާޒީ" އާއި، ކޯސްޓްގާޑް އުޅަނދު، "ޝަހީދު ޢަލީ" ގެ ޚިދުމަތް ފަށައިދިނުމަކީ މިއަދު އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

ދެންމެ ކޯސްޓްގާޑުގެ ޑިރެކްޓަރ ޖެނެރަލް ކާނަލް ޒަކަރިއްޔާ މަންޞޫރުގެ ވާހަކަފުޅުގައި، ވިދާޅުވިފަދައިން، މި ދެ އުޅަނދުގެ ބޭނުން ނުރަސްމީ ސިފައެއްގައި ވަނީ ކުރަން ފެށިފައި. އެހެންނަމަވެސް، މިއަދަކީ މި ދެ އުޅަނދުގެ ޚިދުމަތް ރަސްމީގޮތުން ފަށައިދެވޭ ދުވަސް. އެހެންކަމުން، އެ އުފާވެރި ވާޖިބު އަދާކުރުމަކީ، މިއަދު އަޅުގަނޑަށް ލިބޭ ވަރަށްބޮޑު ޝަރަފެއް ކަމުގައި ދަންނަވަން.

މި އުފާވެރި މުނާސަބަތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، އަދި ސިފައިންގެ ވެރިޔާގެ ނައިބު އަލްފާޟިލް އިސްމާޢީލް ޝަފީޢަށާއި، އެމް.އެން.ޑީ.އެފް.ގެ ޗީފް އޮފް ސްޓާފް، މޭޖަރ ޖެނެރަލް މުޙަންމަދު ޒާހިރަށާއި، ކޯސްޓްގާޑުގެ ޑިރެކްޓަރ ޖެނެރަލް ކާނަލް ޒަކަރިއްޔާ މަންޞޫރަށާއި، ކޯސްޓްގާޑުގެ އިސް އޮފިސަރުންނަށާއި، އެކި ރޭންކުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، އެމް.އެން.ޑީ.އެފް.ގެ އިސް އޮފިސަރުންނަށާއި، އެކި ރޭންކުތަކުގައި ތިއްބެވި ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރިކްބާދީ ދަންނަވަން.

އާދެ، ކޯސްޓްގާޑުން ހިންގާ އެކިއެކި މަސައްކަތްތަކާއި، ކުރާ ޚިދުމަތްތަކުގެ ވާހަކަ އަޅުގަނޑުމެންނަށް ދެންމެވެސް އިވިގެން ހިނގައްޖެ. އޭގެތެރެއިން އެންމެ މުހިންމު އެއްކަމަކީ، ކަނޑުމަތީގައި ހިނގާ އެކްސިޑެންޓްތަކުގައި ގެއްލުން ލިބޭ މީހުންނާއި، އެކިއެކި ދަތި ކަންތައްތައް ކުރިމަތިވާ މީހުން ސަލާމަތް ކުރުން. އޭގެއިތުރުން، ދިވެހިރާއްޖޭގެ މަސްކަނޑުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުން. އަދި ސިފައިންގެ ޚިދުމަތަށް ބޭނުންވާ ތަންތަނަން ސިފައިން ވަގުތުން ގެންގޮސްދިނުން. ހަމައެހެންމެ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ހިނގާ އެކި ކަންތައްތައް ހުއްޓުވައި، ރާއްޖޭގެ ރައްޔިތުންނަށް އަމަންއަމާންކަމާއި، ސަލާމަތްކަމާއި، ރައްކާތެރިކަން ހޯދައިދިނުން. މީގެއިތުރުން، އެކިއެކި ނުރައްކާތެރި ހާދިސާތަކުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން. މިސާލަކަށް، އެކި ރަށްރަށުގައި ފެންބޮޑުވެ، ވިއްސާރަވެ، ގަދަވުމުގެ ސަބަބުން ލިބޭ ގެއްލުންތަކުން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން. ހަމައެހެންމެ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ޙިމާޔަތް ކުރުމުގައި ކުރަންޖެހޭ ތަފާތު މަސައްކަތްތައް ކުރުން.

މި ހުރިހާ މަސައްކަތްތަކަކީ އަދި ޚިދުމަތްތަކަކީ، ކޯސްޓްގާޑުން ދިވެހި ރައްޔިތުންނަށް ކޮށްދެމުން އަންނަ ޚިދުމަތްތަކެއް. އެ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި، މިހާރަށްވުރެ ހަލުއި ގޮތެއްގައި ރައްޔިތުންނަށް ފޯރުވައިދިނުމަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެމުން އަންނަ ކަމެއް.

މި ދެންނެވި ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްކަމަކީ، ރާއްޖޭގެ ސިޔާސީ އަދި އިޤްތިޞާދީ ސަރަޙައްދު ރައްކާތެރިކޮށް ބެލެހެއްޓުން. މިދުވަސްވަރަކީ ނުވަތަ މިޒަމާނަކީ އަޅުގަނޑުމެންގެ ރާއްޖެއާ ކައިރީގައި ތަފާތު އެތައް ހަރަކާތްތަކެއް ހިނގަމުންދާ ދުވަސްވަރެއް އަދި ޒަމާނެއް. އޭގެތެރޭގައި، މަސްވެރިކަން ކުރާ އުޅަނދުތައް، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަނުމާއި، އިޤްތިޞާދީ ސަރަޙައްދުން މަސްވެރިކަން ކުރުމާ، މިކަންތައްތައްވެސް ހިމެނޭ. ހަމައެހެންމެ، އެނޫންވެސް ގަވާއިދާ ޚިލާފު ކަންތައްތައް ކުރަމުން ދިޔުން ހިމެނޭ. ޚާއްޞަކޮށް، މިދުވަސްވަރަކީ ރާއްޖޭގައި މަސްތުވާތަކެތީގެ ނުރައްކާތެރިކަން ބޮޑުވަމުން ގޮސްފައިވާ ދުވަސްވަރަކަށްވާތީ، އެކަމާބެހޭ ހަރަކާތްތައްވެސް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބަޔަކު ހިންގަމުން ގެންދާކަން، ނުވަތަ ގެންގޮސްފައިވާކަން އަޅުގަނޑުމެންނަށް އެނގޭ. މި ހުރިހާ ކަމެއް ކޮންޓްރޯލްކޮށް ބަލަހައްޓައި، އެކަންކަމުން ސަރުކާރަށާއި ރައްޔިތުންނަށް ލިބޭ ގެއްލުންތަކުން، ސަރުކާރާއި ރައްޔިތުން ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަކީ، ކޯސްޓްގާޑުން ކުރަމުން އަންނަ ކަންތައްތަކެއް. އަދި ކުރިޔަށް އޮތް ތާނގައިވެސް ކުރަމުން ގެންދާނެ ކަންތައްތަކެއް.

އެހެންވީމާ، މި ހުރިހާ ކަންތައްތަކެއް، މިހާރަށްވުރެ ހަލުއިކޮށް، މިހާރަށްވުރެ ފުރިހަމަކޮށް، ހަރުދަނާކޮށް ކުރުމަށްޓަކައި ސަރުކާރުން މިހާރުވެސް ގެންދަނީ މަސައްކަތް ކުރަމުންކަން، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އަދި މިއަދު އަޅުގަނޑުމެން ޚިދުމަތަށް މި ނެރެދޭ ދެ އުޅަނދުގެ އިތުރުން، އެހެން އުޅަނދުފަހަރު ހޯދުމަށްވެސް ސަރުކާރުން ގަސްދުކޮށް، އެކަމާބެހޭ މަޝްވަރާތައް މިހާރު މިގެންދަނީ ކުރަމުން.

ރާއްޖޭގެ މަސްކަނޑުތައް ޙިމާޔަތް ކުރުމުގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާ ކުރުމުގެ ގޮތުން، ރާއްޖޭގެ ފަސް ސަރަޙައްދެއްގައި، ސަރވޭލަންސް ރޭޑާރ ސިސްޓަމެއް ޤާއިމުކުރުމުގެ މަޝްރޫޢެއް މިހާރު އެބަ ހިންގަމުން ގެންދަން. މި މަޝްރޫޢުގެ މަސައްކަތް، މިއަހަރުގެ ތެރޭގައި ނިންމާލެވޭތޯ މިގެންދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން. މީގެއިތުރުން، ރާއްޖޭގެ މަސްވެރިންނަށް ދިމާވާ އެކިއެކި ޙާލަތްތަކުގައި މިހާރަށްވުރެ ފަސޭހަކަމާއެކު މުޢާމަލާތު ކުރެވޭނެ ގޮތެއް ހޯދުމުގެ ގޮތުން، އެ މުޢާމަލާތުތައް ވިލަރެސް ކުރާނެ ސަރަޙައްދީ މަރުކަޒުތަކެއް، ރާއްޖޭގެ އެހެން ފަސް ސަރަޙައްދެއްގައި ޤާއިމުކުރުމުގެ މަސައްކަތްވެސް މިހާރު ކުރެވެމުން އެބަދޭ. މިގޮތުން ގދ.ކާޑެއްދޫގައި މިފަދަ ފުރަތަމަ ސަރަޙައްދީ މަރުކަޒު މިހާރުވަނީ ޤާއިމުކުރެވިފައި. އިރާދަކުރެއްވިއްޔާ، އަނެއް ހަތަރު ސަރަޙައްދުގައި މި މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް، ކުރިއަށް އޮތް ތާނގައި ކުރެވޭނެ.

އާދެ، ރާއްޖޭގެ ސިޔާސީ ސަރަޙައްދާއި، އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަކީ ޙަޤީޤަތުގައި ވަރަށް ބުރަ ކަމެއް. އަޅުގަނޑުމެންގެ ރާއްޖޭގެ ބިންކޮޅު ކިތަންމެ ކުޑަޔަސް، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ވަރަށް ބޮޑު. ރާއްޖޭގެ ސިޔާސީ ސަރަޙައްދުގައި 115,000 އަކަ ކީލޯ މީޓަރު އެބަހުރި. ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގައި 859,000 އަކަ ކީލޯ މީޓަރު އެބަ ހިމެނޭ. މިފަދަ ބޮޑު ސަރަޙައްދެއް ރައްކާތެރިކުރުމަކީ، ޙިމާޔަތް ކުރުމަކީ ވަރަށްބުރަ ކަމެއް. ވަރަށް ބޮޑު މަސްއޫލިއްޔަތެއް. ވަރަށް ގިނަ ވަސީލަތްތަކެއް ބޭނުންވާނެ ކަމެއް. އަދި އަޅުގަނޑުމެންގެ އަތުގައި މިއަދު މިވަރުގެ ބޯޓުފަހަރު، އުޅަނދުތައް ހުރިކަމުގައިވިޔަސް، މިވަރަކުން އަޅުގަނޑުމެންނަކަށް ފުއްދާލެވޭކަށް ނޯންނާނެ. މިއަށްވުރެ އިތުރު ވަސީލަތްތައް ބޭނުންވޭ. އަޅުގަނޑު ދަންނަވާނީ، ރާއްޖޭގެ ސިޔާސީ އަދި އިޤްތިޞާދީ ސަރަޙައްދު ބަލަހައްޓައި ރައްކާތެރިކޮށް، ބޭރުން އަތުވެދާނެ ނުރައްކާތަކަކުން ދިވެހި ޤައުމާއި ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި، މަތިންދާބޯޓުވެސް ބޭނުންވެއޭ. މިހާރު ދިމާވާ ކުއްލި ހާދިސާތަކުގައި، ސިފައިންގެ އަތުގައި މަތިންދާ ބޯޓު ނެތުމުން، މިޖެހެނީ އައިލެންޑް އޭވިއޭޝަނުން ނުވަތަ އެނޫން ފަރާތެއްގެ އެހީގައި، މަތިންދާބޯޓު ބޭނުންކުރަން. އޭގެތެރޭގައި، ބެހިގެންދާ މީހުން ހޯދުމާއި، އެކިއެކި ނުރައްކާތެރި ހާދިސާތައް ދިމާވެގެން ހާލުގައިޖެހޭ މީހުން ސަލާމަތް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރަންޖެހެނީ މިހާ ދަތިގޮތެއްގައި. އެހެންވީމާ، ކުރިޔަށް އޮތްތާނގައި އަޅުގަނޑުމެން މަތިންދާބޯޓްވެސް އެބަ ބޭނުންވޭ، ހެލިކޮޕްޓަރުވެސް ބޭނުންވޭ. އަދި ރާއްޖޭގެ މި ބޮޑު ސަރަޙައްދު ރައްކާތެރިކުރުމަށްޓަކައި އެނޫންވެސް ޒަމާނީ އެކިއެކި ވަސީލަތްތައް އެބަ ބޭނުންވޭ. މިކަންކަމަކީ، ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދީގެން މިހާރުވެސް އެކަންތައްތައް ކުރެވެން އޮތް ގޮތަކަށް، ކުރުމަށް ވިސްނަމުން ގެންދާ ކަންތައްތަކެއް.

މިހެން ދަންނަވާއިރު، ރާއްޖޭގެ ކުޑަކަމާއި، ރާއްޖޭގެ ވަސީލަތްތައް މަދުކަމާއި، އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ ކުޑަކަންވެސް، ހަމަ އަޅުގަނޑުމެންގެ ހިތަށް ގެންނަން އެބަޖެހޭ. އެކަންކަން އެހެން ހުރިނަމަވެސް، ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ރައްކާތެރިކުރުމަށް އަދި ރާއްޖޭގެ ރިޒުޤު ކަމުގައިވާ ރާއްޖޭގެ މަސްކަނޑުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީވެސް އަޅުގަނޑުމެން ކުރަން ޖެހިފައިވާ ކަމެއް. އަދި އޭގެއިތުރުން، ރާއްޖެއަށް އަންނާނެ އެހެން ނުރައްކާތަކުން ރާއްޖެ ސަލާމަތް ކުރުމަކީވެސް، އަޅުގަނޑުމެން ކުރަން ޖެހިފައިވާ ކަމެއް. އޭގެތެރޭގައި، މަސްތުވާތަކެތީގެ ނުރައްކަލާއި، އެކިއެކި ބޭނުންތަކުގައި އެއްތަނުން އަނެއްތަނަށް ހަތިޔާރު ގެންދާ ބަޔަކު އެކުރާ މަސައްކަތްތަކާއި، އަދި އެނޫން ގޮތްގޮތުންވެސް ރާއްޖެއަށް އެއްވެސް ކަހަލަ ނުރައްކަލެއް އަތުވެދާނެ ކޮންމެ ކަމަކުން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި އަޅުގަނޑުމެންގެ އަތުގައި މިނޫން އެތައް ވަސީލަތްތަކެއް ހުންނަން އެބަޖެހޭ. މިކަންކަން ކުރުމުގެ މަގު މާތްﷲ ތަނަވަސްކޮށްދެއްވާނެ ކަމުގެ ފުރިހަމަ އުންމީދުގައި އަޅުގަނޑުމެން މިތިބެނީ. އަޅުގަނޑުމެން ބޭނުންވަނީ، ރާއްޖެއަކީ އަބަދުވެސް މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދެމިއޮތުން. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އަބަދު ރައްކާތެރި ކުރެވިފައި އޮތުން. ރާއްޖޭގެ ދީނާއި ޢަޤީދާއާއި ރާއްޖޭގެ ސަޤާފަތު ޙިމާޔަތް ކުރެވިފައި އޮތުން. މިކަންކަން މިހެން ކުރުމަށްޓަކައި މިދެންނެވި ވަސީލަތްތަކުގެ ބޭނުން ވަރަށް ބޮޑަށް ކުރަންޖެހޭނެކަން، ތިޔަ ހުރިހާ ބޭފުޅުންވެސް ގަބޫލުކުރައްވާނެ ކަމަށް އަޅުގަނޑު ދެކެން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، ދިވެހިރާއްޖޭގެ ކޯސްޓްގާޑަށް މި ލިބުނު ކުރިއެރުމުގެ ތަހުނިޔާއާއި މަރްޙަބާ އަދިވެސް އެއްފަހަރު، ކަމާބެހޭ ފަރާތްތަކަށާއި އަދި ކޯސްޓްގާޑުގެ ހިތްވަރުގަދަ އޮފިސަރުންނަށާއި، ކޯސްޓްގާޑުގެ ސިފައިންނަށް ދަންނަވައި، އަދި އެ ބޭފުޅުން އެ ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި މާތްﷲ ބަރަކާތް ލައްވައި، އަޅުގަނޑުމެންނަށް އަބަދުވެސް ހެޔޮގޮތްތައް މިންވަރު ކޮށްދެއްވުން އެދި އެކަލާނގެ ޙަޟުރަތުގައި ދުޢާ ދަންނަވަމުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.