بســم اللّـه الرّحمـن الرّحيــم
الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

އާދެ، އަޅުގަނޑު މިއަދު މިއަތޮޅަށް ކުރަން މިފެށި ދަތުރުގައި މިލަންދުއަށް އައުމުން، މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިންނާއި އަދި މިލަންދޫގެ ވެރިންނާއި، މިލަންދޫގެ ކޮމިޓީތަކުގެ މެންބަރުންނާއި އަދި ޢާންމު ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ވަރަށް ހޫނު މަރުޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

ތިޔަބޭފުޅުން އަޅުގަނޑަށް މިއަދު ތިޔަ ވިދާޅުވި މަރުޙަބާއަކީ، ހުރިހާ ގޮތަކުން ބަލާއިރުވެސް ވަރަށް ހޫނު މަރުޙަބާއެއް. ތިޔަބޭފުޅުންގެ އިޚްލާޞްތެރި ޝުޢޫރުތައް، ވަރަށް ޚާއްޞަ ގޮތެއްގައި ފާޅުކޮށްދެއްވައިފީމު. ހަމައެހެންމެ، އަޅުގަނޑަށް މިރަށަށް މި އާދެވުނީ މިއަދުގެ އެންމެ ހޫނުގަދަ ވަގުތު. އެހެންވެ އެގޮތުންވެސް މަރުޙަބާ ވެގެންދިޔައީ ވަރަށް ހޫނު މަރުޙަބާއަކަށް.
އާދެ، ދެންމެ މިރަށުގެ ބޮޑުކަތީބު، އަލްފާޟިލް އަޙްމަދު ޝިހާމުގެ ވާހަކަފުޅުގައި، މިލަންދޫގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ހެޔޮ ބަސްތަކެއް ވިދާޅުވެއްޖެ. އެހެންވީމާ، އޭނާއަށާއި މިލަންދޫ ރައްޔިތުންނަށް އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

ދެންމެ ބޮޑުކަތީބުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން މިއީ، މިލަންދޫ ރަށެއްގެ ގޮތުގައި އާބާދުވި ފަހުން އަޅުގަނޑު މިރަށަށް ކުރާ ދެވަނަ ދަތުރު. އެންމެ ފުރަތަމަ އައީ 2005 ވަނަ އަހަރު މާޗް މަހުގެ 20 ވަނަ ދުވަހު. އެއީ ޙަޤީގަތުގައި ވަރަށް ތާރީޚީ މުނާސަބަތަކަށް ވެގެންދިޔަ ދުވަހެއް. އެދުވަހު އަޅުގަނޑު މިރަށަށް އައިސް މިރަށަކީ ރާއްޖޭގައި މީހުން އުޅޭ ރަށެއްގެ ގޮތުގައި ހަމަޖައްސައި، އެކަން އިޢުލާނު ކުރިން.

ދެންމެ ބޮޑުކަތީބުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، މިރަށަށް މިބަދަލުވި މީހުންނަކީ، ކުރިން އެހެން ރަށެއްގައި ދިރިއުޅެމުން އައި ބަޔެއް. މާކަނޑޫދޫގައި. މާކަނޑޫދޫއަކީ ޒަމާނުއްސުރެ ތިމާވެށީގެ ވަރަށް ގިނަ މައްސަލަތަކެއް ދިމާވެގެން، އެ ރަށުގައި މީހުން އުޅެން ވަރަށް ދަތިވި ރަށެއް. އާދެ، ރަށް ގިރުމާއި އަދި ރަށުގެ ބިންގަނޑު އޮތް ގޮތުންނާއި، މިގޮތްގޮތުން އެ ރަށަކީ ބަޔަކު ދިރިއުޅުން ތަރައްޤީ ކުރުމަށް އެކަށީގެންވާ ރަށަކަށް ނުވާތީ، މާކަނޑޫދޫ ރައްޔިތުން ސަރުކާރުގައި އެދެމުން ގެންދިޔައީ އެހެން ރަށަކަށް ބަދަލުވާން.

މިއީ، ވަރަށް ކުރިއްސުރެ ހިނގަމުން އައި ކަމެއް. އަޅުގަނޑު ހަނދާންވާގޮތުގައި މާކަނޑޫދޫ މީހުން ބަދަލުވާން އެންމެ ފުރަތަމަ އެދުނުތާ މިހާރު ފަސްދޮޅަހަކަށް އަހަރު ވެދާނެ. އެހެންނަމަވެސް، އެކަމަކީ އެއްވެސް އިރެއްގައި ޙާޞިލުނުވެ އޮތް ކަމެއް. އެހެންގޮސް އަޅުގަނޑު ރައީސްކަމާ ހަވާލުވިފަހުންވެސް މާކަނޑޫދޫ މީހުން މި މައްސަލަ އަޅުގަނޑާ ހަމައަށް އައީ ގެންނަމުން. އަދި މާކަނޑޫދޫ ވަފްދެއް މާލެގޮސް އަޅުގަނޑާ ބައްދަލުކޮށްވެސް، މި ވާހަކަ ވަރަށް ތަފްޞީލުކޮށް ދެއްކި. އޭގެފަހުން، ސަރުކާރުން ވިސްނި ވިސްނުމަށް މި ފެނުނީ ޙަޤީޤަތުގައިވެސް މާކަނޑޫދޫއަކީ މީހުން ދިރިއުޅެން އެކަށީގެންވާ ރަށަކަށް ނުވާކަން. އެހެންވީމާ، މާކަނޑޫދޫ މީހުން އެހެން ރަށަކަށް ބަދަލުކުރަންޖެހޭނެކަން ވަރަށް ރަނގަޅަށް ސަރުކާރަށް ގަބޫލުކުރެވުނު.

ދެން ބަލައިލަން ޖެހުނީ މާކަނޑޫދޫ މީހުން ބަދަލުކުރާނީ ކޮން ރަށަކަށްތޯ! އެކަމުގައިވެސް މާކަނޑޫދޫ މީހުންގެ ޚިޔާލަށް ސަރުކާރުން ތަބަޢަވި. އާދެ، މާކަނޑޫދޫ މީހުން އެދުނީ މިރަށަށް، މިލަންދުއަށް ބަދަލުވާން. އެއީ އޭރު އޮތްގޮތުގައި ފަޅުރަށެއް. ދަނޑުވެރިކަމަށް ބޭނުންކުރަމުން އައި ރަށެއް. އެހެންނަމަވެސް، ރަށަކީ ބިންގަނޑު ބޮޑު އަދި ބިންގަނޑު ރަނގަޅު، ދިރިއުޅުމުގެ ފުރުޞަތުތައް ތަނަވަސްކުރެވެން އޮތް ރަށަކަށްވާތީ، އެރަށަށް މާކަނޑޫދޫ މީހުން ބަދަލުކުރުމަށް ސަރުކާރުން ނިންމައި، އެ މަސައްކަތް ކުރަމުން މިގެންދިޔައީ. އިރާދަކުރެއްވީތީ އެ މަސައްކަތް މިހާރު މިވަނީ ވަރަށް ބޮޑަށް ކާމިޔާބުވެފައި.

އާދެ، އަޅުގަނޑު މިއަތޮޅަށް މިފަހަރު މި ކުރާ ދަތުރަކީ، މިއަދަކީ ޤައުމީ ގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަސްކަމަށްވާތީ، މިމުނާސަބަތާއި އަދި ބައިނަލްއަޤްވާމީ ޢާއިލާތަކާބެހޭ މުނާސަބަތާ ވިދިގެން މިއަތޮޅު ވެރިކަންކުރާ ރަށް ފުނަދޫގައި މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ ޢާއިލީ ހަވީރުގައި ބައިވެރިވުމަށް ކުރާ ދަތުރެއް. ހަމައެއާއެކީގައި، މިއަތޮޅުގެ އެހެން ބައެއް ރަށްރަށަށްވެސް ދަތުރެއް ކުރަން ގަސްތުކޮށްފައި އޮތުމާ އެކީގައި އެކަން ކުރުމަށް.

އެހެންވީމާ، މިއަދު އަޅުގަނޑަށް ލިބޭ އެންމެބޮޑު އެއް އުފަލަކީ، މިރަށުގެ ލޮބުވެތި ކުޑަކުދިންނަށާއި، މިއަތޮޅުގެ ލޮބުވެތި ކުޑަކުދިންނަށާއި އަދި މުޅި ރާއްޖޭގެ ލޮބުވެތި ހުރިހާ ކުޑަކުދިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު، ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރުން. ހަމައެއާއެކީގައި އެކުދިންގެ ޢާއިލާތަކަށްވެސް އަޅުގަނޑުގެ ހެޔޮއެދުމުގެ ޝުޢޫރުތައް ފާޅުކުރުން. އެއާ ވިދިގެން ބައިނަލްއަޤްވާމީ ޢާއިލާތަކާބެހޭ ދުވަސްވެސް އައުމާއެކީގައި، އެ މުނާސަބަތުގެ ތަހުނިޔާއާއި މުބާރަކްބާދީވެސް، ރާއްޖޭގެ ހުރިހާ ޢާއިލާތަކަށް އަޅުގަނޑު ފޮނުވަން.

އާދެ، ކުޑަކުދިންގެ ވާހަކައަކީ އަޅުގަނޑުމެންގެ ހިތުގައި ވަރަށް ޚާއްޞަ މަގާމެއް ދެވިފައިވާ ވާހަކައެއް. ކުޑަކުދިންނަކީ އަޅުގަނޑުމެން އެންމެންގެވެސް މުސްތަޤްބަލް. މުޅި ޤައުމުގެ މުސްތަޤްބަލް. މުޅި ޤައުމުގެ މުސްތަޤްބަލް ބައްޓަންވެގެންދާނީ މިއަދު އަޅުގަނޑުމެން ކުޑަކުދިން ބަލާބޮޑުކުރާ ގޮތަކުންނާއި، އެކުދިން ތަރުބިޔަތު ކުރާގޮތަކުން. އެކަން އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރަން އެބަޖެހޭ. ކުޑަކުދިންނަށް އުފާވެރި ޢާއިލީ ވެށްޓެއް ޤާއިމުކޮށްދިނުމަކީ، މައިންބަފައިންގެ ގޮތުގައި އަޅުގަނޑުމެންގެ ވާޖިބެއް. އަދި ރާއްޖޭގެ ޢާއިލާތަކަކީ ހަރުދަނާ އާއިލާތަކަކަށް ހެދުމަށް މަސައްކަތް ކުރުމަކީ، ސަރުކާރު ހިންގަން ތިބޭ ބައެއްގެވެސް ވާޖިބެއް. ޢާއިލާގެ މެދުގައި އޮންނަ ގުޅުމާއި، ޢާއިލާގެ އެކުވެރިކަމާއި އެއްބާރުލުމާއި އަދި ޢާއިލާގެ ފަރާތުން ކުޑަކުދިންނަށް ލިބިދޭންޖެހޭ ޙިމާޔަތާއި، ރައްކާތެރިކަމާއި، އެކުދިން ހެޔޮގޮތުގައި ތަރުބިޔަތު ކުރުމާއި، މުސްތަޤްބަލަށްޓަކައި އެކުދިން ތައްޔާރު ކުރުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރުމާ، މިކަންކަމަކީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަންތައްތަކެއް.

މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ޢަޤީދާގައި ސާބިތުވެ ތިބެގެން، އިސްލާމީ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން، ކުޑަކުދިން ތަރުބިޔަތު ކޮށްފިނަމަ، ޝައްކެތްނެތްގޮތުގައި އެއީ މުސްތަޤްބަލަށްޓަކައި އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ މުހިންމު މަސައްކަތް. ކުޑަކުދިންނަކީ ދީން ޤަބޫލުކުރާ، ދީނަށް ވަފާތެރި، ޤައުމަށް އިޚްލާޞްތެރި، އުފެއްދުންތެރި ހަރުދަނާ ބަޔަކަށް ހެދުމަކީ، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ވަރަށްބޮޑު މަސްއޫލިއްޔަތެއް. ކުޑަކުދިންގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީވެސް އަޅުގަނޑުމެންގެ މަސްއޫލިއްޔަތުގެ މަތިން އަޅުގަނޑުމެން އިތުރަށް ހަނދާންކުރުން. އެ މަސްއޫލިއްޔަތަށް އަޅުގަނޑުމެން ދޭންވާ އަހަންމިއްޔަތު ދިނުން. މިކަމުގައި އަޅުގަނޑުމެން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމުގައި، އިތުރު ޢަޒުމަކާއި ސާބިތުކަމެއް އަޅުގަނޑުމެންގެ މަސައްކަތަށް ގެނައުން. އެހެންވީމާ، މިއަދުގެ މުނާސަބަތު އަޅުގަނޑުމެން ބޭނުންކުރަންޖެހޭނީ އެގޮތުގައި.

ހަމައެހެންމެ، ޢާއިލާއަކީ ކޮންމެ މުޖްތަމަޢެއްގެވެސް ބިންގާ. އެ ބިންގާ ހަރުދަނާކޮށް ދެމެހެއްޓުމުގައި، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް ކުރެވޭނެ މަސައްކަތްތަކެއް ހުންނާނެ. ކޮންމެ މީހަކީވެސް ޢާއިލާއެއްގެ މެންބަރެއް. އެހެންވީމާ، އެމީހަކު އެ ނިސްބަތްވާ ޢާއިލާ ހަރުދަނާކޮށް ބެލެހެއްޓުމަށްޓަކައި އެމީހެއްގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތުތަކެއް ހުންނާނެ. އެމީހަކު އަދާކުރަންޖެހޭ ވާޖިބުތަކެއް ހުންނާނެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް މިކަންކަން އަދާކޮށްފިނަމަ، އަޅުގަނޑުމެންގެ ޢާއިލާތަކަކީ އުފާވެރި، ބާއްޖަވެރި، ހަރުދަނާ ޢާއިލާތަކަކަށް ވެގެންދާނެ. އެހެންވީމާ، ބައިނަލްއަޤްވާމީ ޢާއިލާގެ ދުވަސް އަޅުގަނޑުމެން ފާހަގަކުރާއިރު، މި ނުކުތާގެ މަތިން އަޅުގަނޑުމެން އެންމެން ހަނދާންކޮށް، އަދި އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް، އެމީހެއްގެ ޢާއިލާ ހަރުދަނާކޮށް، ބަދަހިކޮށް، އުފާވެރިކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމަށް ވަރުގަދަ ޢަޒުމެއް ކަނޑައަޅަންވާނެ.

އާދެ، މިލަންދުއަކީ އަލަށް އާބާދުވި ރަށެއް ކަމުގައިވިޔަސް، މިރަށަކީ ސަރުކާރުން ތަފާތު މަޝްރޫޢުތަކެއް މިހާރު ހިންގާފައިވާ ރަށެއް. އެގޮތުން މިރަށުގައި ރަށު މަދަރުސާއާއި، ޞިއްޙީ މަރުކަޒު ވަނީ އިމާރާތްކޮށްފައި. އަދި ގްރޭޑް ދިހައަކާ ހިސާބަށް މިހާރުވެސް މި މަދަރުސާގައި ކިޔަވައިދެމުން އެބަގެންދޭ. ރަށު އޮފީހާއި މިސްކިތެއްވެސް ވަނީ ބިނާކޮށްފައި. ކަރަންޓުގެ ޚިދުމަތް ސްޓެލްކޯއިން 24 ގަޑިއިރު މިރަށަށް ދެއްވާ. އެޓޯލް އައިލެންޑް އިލެކްޓްރިފިކޭޝަންގެ ދަށުން 2000 ވަނަ އަހަރު ވަނީ މިރަށަށް ކަރަންޓް ލައިދީފައި. އަދި 2003 ވަނަ އަހަރުވަނީ ކަރަންޓުގެ ފެންވަރު ރަނގަޅު ކޮށްދެވިފައި.

މިރަށުގައި މިހާރު ފެށިގެން ހިނގަމުންދާ މަޝްރޫޢުތަކުގެ ތެރޭގައި، ދެންމެ ބޮޑުކަތީބު އަލްފާޟިލް އަޙްމަދު ޝިހާމު އިޝާރާތް ކުރެއްވި ކަމެއްވެސް އެބަހިމެނޭ. އާދެ، އެއީ ނަރުދަމާ ނިޒާމު ޤާއިމުކުރުން. ނަރުދަމާ ނިޒާމެއް ޤާއިމުކުރެވޭނީ، ފުރަތަމަ އެކަމަށް ބޭނުންވާ ދިރާސާކޮށްގެން، ސާރވޭކޮށްގެން. އަދި އޭގެމައްޗަށް ބިނާކޮށް، ނަރުދަމާ ނިޒާމެއް ފަރުމާކޮށްގެން. މިކަމަށް ޚަރަދުވާނީ ކިހާވަރެއްކަން އަޅުގަނޑުމެންނަށް އެނގޭނީ މިކަން ކުރުމަށްފަހުގައި. މިފިޔަވަޅުތައް އެޅުމަށްފަހުގައި، އޭގެ ޢަމަލީ މަސައްކަތް ފެށޭވަރުވާނީ. މިލަންދޫގެ ނަރުދަމާ ނިޒާމު ފަރުމާކުރުގެ ކޮންސަލްޓަންސީ އެގްރީމެންޓްގައި މިހާރުވަނީ ސޮއިކޮށް ނިމިފައި. އެއީ، ސްރީލަންކާގެ ހައިޑްރޯލިކްސް ވޯޓަރ ސޮލިއުޝަން، ކިޔާ ކުންފުންޏަކާ. މިދިޔަ އަހަރު ނޮވެމްބަރުމަހު ތެރޭގައިވަނީ މިއެގްރިމެންޓް ކުރެވިފައި. މި އެގްރީމެންޓްގައިވާ ގޮތުން ފަރުމާކޮށް ނިންމަން ހަމަޖައްސާފައިވަނީ 6 މަސް ދުވަސް. މިދެންނެވި އުސޫލުން ފަރުމާކޮށް ނިމުނީމާ، ދެންޖެހޭނީ އެ ޚަރަދުވާވަރެއް ބަލަން. ޚަރަދުވާނީ ކިހާ ފައިސާއެއްތޯ! އެފައިސާ ހޯދާނީ ކިހިނެއްތޯ! ސަރުކާރުގެ ބަޖެޓުންތޯ ނުވަތަ ބޭރުގެ އެހީއަކުންތޯ! މިކަންކަން ނިންމޭނީވެސް، އެ ހޯދަންޖެހޭ ފައިސާގެ އަދަދު އެނގުނީމާ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތްތާނގައި އެކަންތައްތައް، މިދެންނެވި އުސޫލުން ވަމުންދާނެ.

މިރަށުގައި ހިނގަމުންދާ އަނެއްބޮޑު މަޝްރޫޢަކީ، ރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢު. މި މަޝްރޫޢު ހިންގުމަށް ކޮންޓްރެކްޓަރެއް މިހާރުވަނީ ހޮވާފައި. އަދި މި މަޝްރޫޢުގެ މަސައްކަތް މިހާރުވަނީ އެފަރާތާ ހަވާލުކޮށްފައި.

އާދެ، ކަތީބުގެ ވާހަކަފުޅުގައި، ކުނި ނައްތާލުމުގެ ވާހަކަވެސް ވިދާޅުވި. އެއީ ރަނގަޅު ވާހަކަފުޅެއް. އަޅުގަނޑުމެން އެންމެންވެސް ތިމާވެށި ރައްކާތެރިކުރުމަށްޓަކައި، އަދި އޭގެކުރިން އަޅުގަނޑުމެންގެ އަމިއްލަ ޞިއްޙަތު ރައްކާތެރިކޮށް، މުޅި ރަށުގައި ޞިއްޙީ ވެށްޓެއް ޤާއިމުކުރުމަށްޓަކައި ރަނގަޅު ގޮތަކަށް ކުނި ނައްތާލުމުގެ މަޝްރޫޢެއް ރޭވިފައި އޮތުމަކީ ބޭނުންކަމެއް. އިންސާނުން ދިރިއުޅެމުންދާއިރު ކުނި އުފައްދާނެ. އަދި ޠަބީޢީގޮތުން އުފެދޭ ކުނިތައްވެސް ހުންނާނެ. މި ކުނިތައް ޞިއްޙީގޮތެއްގައި އެބަ ނައްތާލެވެންޖެހޭ. އެހެންވީމާ، އެކަމަކީ ހަމައެކަނި މިލަންދުއަށް ކުރިމަތިވެފައިވާ ކަމެއްނޫން. ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ބޭނުންވާ ކަމެއް. ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ހުރިހާ ރަށެއްގެވެސް ކުނި ނައްތާލުމުގެ ކަންތައް ރަނގަޅު އުސޫލަކުން ހަމަޖައްސައިދެއްވޭތޯ. މިކަން ހަމަޖެހޭނީ، މިވެނި މަހެއްގައޭ، މިވެނި ދުވަހަކުއޭ ދަންނަވާކަށް އަޅުގަނޑަކަށް ނޭނގެ. އެއީ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މީހުން އުޅޭ 193 ރަށް ރާއްޖޭގައި އެބައޮތް. އެ ހުރިހާ ރަށަކަށްވެސް މިކަން ބޭނުންވާނެ. އެހެންނަމަވެސް، ކޮންމެ ކަމެއްގައިވެސް ސަރުކާރުން ކަންތައްތައް ކުރުމުގައި އިސްކަންދޭންޖެހޭ ތަރުތީބަކުން، އިސްކަންދޭންޖެހޭ ރަށްރަށް ކަނޑައަޅާފައި، އެ އިސްކަންދޭންޖެހޭ ތަރުތީބަކުން އެ ކަންތައްތައް އިރާދަކުރެއްވިއްޔާ ކުރަމުން ގެންދާނަން.

މިލަންދޫ ރައްޔިތުންނަކީ އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ވަރަށް ހުނަރުވެރި، ވަރަށް މަސައްކަތްތެރި ބައެއް. އެންމެ ގިނަ މީހުން ކުރާ މަސައްކަތަކީ، އިމާރާތް ކުރުމުގެ މަސައްކަތް. ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރުން. އެގޮތުން، މިރަށުގެ ގުރޫޕުތަކުން ރާއްޖޭގެ އެތަން މިތާނގައި މަސައްކަތް ކުރަމުންދާކަން އަޅުގަނޑަށް އެނގޭ. އަދި އެ ކުރާ މަސައްކަތުން ލިބޭ އާމްދަނީ މި ރަށަށް އެމީހުން ފޮނުވަމުން ގެންދޭ. އޭގެ ސަބަބުން، މިރަށުގެ ޢާއިލާތަކަށް ރަނގަޅު ފެންވަރެއްގައި ދިރިއުޅުމުގެ ފުރުޞަތު ލިބެމުން އެބަދޭ. އެހެންކަމުން، މިލަންދޫ ރައްޔިތުންނަކީ ވަރަށް ހިންމަތްތެރި، މަސައްކަތްތެރި ބަޔަކަށްވާތީ، އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް، މިލަންދޫ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން.

އާދެ، މިރަށުގެ ރައްޔިތުންނަކީ، އެހެން ގޮތްގޮތުންވެސް ވަރަށް އުފެއްދުންތެރި ކާމިޔާބު މަސައްކަތްތަކެއް ކުރައްވާ ރައްޔިތެއްކަން އެނގޭ. އޭގެތެރެއިން 2005 ވަނަ އަހަރު ޞިއްޙަތު ކުރިއެރުވުމަށް އެންމެ ރަނގަޅަށް މަސައްކަތްކުރި ޞިއްޙީ މަރުކަޒަކަށް މިލަންދޫ ޞިއްޙީ މަރުކަޒު ހޮވިގެން، އެމަރުކަޒަށް އިނާމު ލިބިފައިވާކަން އުފަލާއެކު އަޅުގަނޑު ހަނދާންކޮށްލަން.

ކުރިންވެސް ދެންނެވި ފަދައިން، މިރަށުގައި ދިރިއުޅެމުންމިދާ ރައްޔިތުންނަކީ އާދެ، ތިޔަބޭފުޅުންނަކީ، އެހެން ރަށަކުން މިރަށަށް ހިޖުރަ ކުރެއްވި ބައެއް. ތިމާވެށީގެ ބޮޑެތި މައްސަލަތަކެއް ދިމާވެގެން، ތިޔަބޭފުޅުން ކުރިން އުޅުއްވަމުން ގެންދެވި ރަށުގައި އުޅުއްވެން ނެތިގެން، މިރަށަށް ތިޔަބޭފުޅުން ތިޔަވަނީ ބަދަލުވެވަޑައިގެންފައި.

ތިމާވެށީގެ މައްސަލަތަކަކީ، ހަމައެކަނި މާކަނޑޫދުއަށް ދިމާވެފައި އޮތް މައްސަލަތަކެއް ނޫން. ތިމާވެށީގެ ތަފާތު ފެންވަރުގެ، ތަފާތު ވައްތަރުގެ މައްސަލަތައް އަޅުގަނޑުމެންގެ ރާއްޖެއާ މިވަގުތު މިވަނީ ކުރިމަތިވެފައި. އޭގެތެރެއިން ރަށް ގިރުމުގެ މައްސަލަ އެއީ، އެއް މައްސަލަ، ހަމައެއާއެކީގައި، މޫސުމަށް މިއަންނަ ބަދަލުތަކުގެ ސަބަބުން ޤައުމެއްގެ ގޮތުގައި މުޅި ރާއްޖެއަށް ކުރާނެ ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއްވެސް އެބަހުރި. މިކަންކަން ކޮންޓްރޯލް ކުރުމަށްޓަކައި ނުވަތަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ނުލިބި ނުދާނެ ގެއްލުންތަކުން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި، ނުވަތަ އެ ގެއްލުންތައް ކުޑަކުރުމަށްޓަކައި އަޅުގަނޑުމެންނަށްވެސް ކުރެވޭނެ މަސައްކަތްތަކެއް ހުންނާނެ.

ޤައުމީ ފެންވަރުގައި އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ ކަމެއް އަޅުގަނޑުމެން ޖެހޭނެ ކުރަން. އެގޮތުން، ތިމާވެށީގެ ކަންތައްތަކާ ބެހޭގޮތުން އަޅުގަނޑުމެން ހޭލުންތެރިވާން އެބަޖެހޭ. އަޅުގަނޑުމެން އެންމެންނަށް ތިމާވެށީގެ މުހިންމުކަން ނުވަތަ ތިމާވެށި ރައްކާތެރިކޮށް ޙިމާޔަތް ކުރުމުގެ މުހިންމުކަން ވަޒަންކުރަން އެބަޖެހޭ. އަޅުގަނޑުމެންގެ ކުޑަކުދިންނަށާއި، ޒުވާނުންނަށާއި، ހަރުމީހުންނަށާއި، މުސްކުޅިންނަށާއި، އަންހެނުންނަށާއި، ފިރިހެނުންނަށާއި، އެންމެންނަށް މިކަންކަން ވަރަށް ރަނގަޅަށް އެނގިފައި އޮންނަން އެބަޖެހޭ. އަދި ރަށުގެ ތިމާވެށި އިތުރަށް ހަލާކުވެދިޔަނުދިނުމަށްޓަކައި ކޮންމެ މީހަކަށްވެސް އެޅެން އޮންނާނީ ކޮން ފިޔަވަޅެއްތޯ ބަލައި، އެފިޔަވަޅުވެސް ޖެހޭނެ އަޅަން. އާދެ، މިއީ، އަޅުގަނޑުމެން މިވަގުތު ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހިފައިވާ ކަމެއް. ޤައުމީ ފެންވަރުގައި އަދި ރަށު ފެންވަރުގައި، ޢާއިލާގެ ފެންވަރުގައި، އެމީހަކަށް ކުރެވުނު ކޮންމެ ކަމެއް ކުރަންޖެހޭނެ.

އޭގެއިތުރުން، ބައިނަލްއަޤްވާމީ ފެންވަރުގައިވެސް ކުރަންޖެހޭ ވަރަށްގިނަ ކަންތައްތަކެއް އެބަހުރި. ޙަޤީޤަތުގައި ތިމާވެށީގެ މައްސަލަތަކަކީ، މުޅި ދުނިޔެއަށް ދިމާވެފައިވާ މައްސަލަތަކެއް. އެހެންނަމަވެސް، އަޅުގަނޑުމެންގެ ނަސީބު ދިމާކުރިގޮތުން، އޭގެ އެންމެ ބޮޑެތި ނުރައްކާ އެންމެ އަވަހަށް ކުރިމަތިވާނެ ޤައުމުތަކަކީ ފަސްގަނޑުތިރި ޖަޒީރާ ޤައުމުތައް. ދިވެހިރާއްޖެއަކީ ވަރަށް ފަސްގަނޑުތިރި ޖަޒީރާ ޤައުމެއް. މިއަދު އަޅުގަނޑުމެންނަށް މި ކުރިމަތިވާ މައްސަލަތައް، އޭގެ ސަބަބުތައް ނައްތާނުލެވިއްޖިއްޔާ، މާދަމާ އެ ހުރިހާ މައްސަލަތަކެއް، ދުނިޔޭގެ އެހެން ހުރިހާ ޤައުމަކަށް ކުރިމަތިވާނެ. މިއީ، ދުނިޔޭގެ އެންމެންވެސް ގަބޫލުކުރަން ޖެހިފައިވާ ޙަޤީޤަތެއް. މިވޭތުވެދިޔަ 21 އަހަރު ދުވަހު ތެރޭގައި، ދިވެހިރާއްޖޭގެ ފަރާތުން ބައިނަލްއަޤްވާމީ މައިދާނުގައި އެކި ފެންވަރުގެ އެކި ޖަލްސާތަކުގައި މިވާހަކަ ވަނީ ވަރަށް ބޮޑަށް ދައްކާފައި. މިކަމަށް ވަނީ ބައިނަލްއަޤްވާމީ މައިދާނުގެ ސަމާލުކަން ހޯދާފައި. އެއީ ދިވެހިރާއްޖެއިން ކުރި ވަރަށް ބޮޑު މަސައްކަތެއް ކަމުގައި އަޅުގަނޑު ގަބޫލުކުރަން. އެކަން މުޅި ދުނިޔެ ގަބޫލުކުރޭ.

އެހެންވީމާ، އަޅުގަނޑު ދަންނަވަން ބޭނުންވެގެން މި އުޅޭ ވާހަކައަކީ، އަޅުގަނޑުމެން ރަށުފެންވަރުގަޔާއި، އަތޮޅު ފެންވަރުގަޔާއި، ޤައުމީފެންވަރުގައި މި ކުރާ މަސައްކަތްތަކުގެ އިތުރުން، ބައިނަލްއަޤްވާމީ ފެންވަރުގައިވެސް ބޮޑެތި މަސައްކަތްތަކެއް ކުރަން އެބަޖެހެއޭ. އާދެ، އަޅުގަނޑުމެންނަކީ ވަރަށް ކުޑަކުޑަ ޤައުމެއް. އެހެންވީމާ، ބައިނަލްއަޤްވާމީ ދާއިރާގައި އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތް، އެ ވާނީ ވަރަށް ކުޑަކުޑަ މަސައްކަތަކަށް. ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ހިމެނޭ ބޮޑެތި ޞިނާޢީ ޤައުމުތަކުން، މުއްސަނދި ޤައުމުތަކުން، އަދި ކުރިއަރަމުން އަންނަ އެނޫން ޤައުމުތަކުން ކުރަންޖެހޭ އަދި އެ މީހުންނަށް ކުރެވޭނެ މާގިނަ މަސައްކަތްތައް އެބަހުރި. އެކަންތައްތައް އެ ޤައުމުތަކުން ކުރަންޖެހޭނެ.

ތިމާވެށްޓާ ގުޅޭގޮތުން އަޅުގަނޑު ދަންނަވާލަން ބޭނުން އަނެއް ވާހަކައަކީ، މިރަށަކީ ވަރަށް ބިންގަނޑު ރަނގަޅު ރަށަކަށްވާތީއާއި، މިރަށުގެ ރައްޔިތުން ގަސް ހައްދަވަމުން ގެންދަވާތީ، އެކަމަށް ވަރަށް ބޮޑަށް އަޅުގަނޑު އުފާކުރަމޭ ދަންނަވާލާ ދަންނަވާލުން. އާދެ، ބަނބުކެޔޮގަހާއި، އެނޫން ގަސް، ވަރަށް ގިނަ އަދަދަކަށް އިންދަވާފައި އެބަހުރި. އެ ގަސްތައް ވަރަށް ރަނގަޅަށް ފޯދި ހެދެމުންދާތަން ފެނޭ. އެއީ ވަރަށް އުފާވެރި މަންޒަރެއް. އޭގެއިތުރުންވެސް، އަޅުގަނޑު ހިތުން މި ރަށުގައި އެބަ ގަސް އިންދަވަންޖެހޭ. އަދި ރުއް އިންދަވަންޖެހޭ. މަތިންދާބޯޓުން އަޅުގަނޑު އައި އައުމުގައި، އަޅުގަނޑަށް ފެނުނީ މިރަށުގައި އެއްކޮޅުގައި ހިސާބަކަށް ރުއް ހުރިތަން. މިރަށުގައި ދެން އޮތް ބައިގައި ވަރަށް ރުއް މަދުކަން ފާހަގަކުރެވުނު. އެކަން އެހެން ދިމާވާ ސަބަބުވެސް އަޅުގަނޑަށް އެނގޭ. އެއީ، މި ރަށަކީ ކުރިން ދަނޑުގޮވާންކުރި ރަށަކަށްވާތީ، މުޅިން މިރަށުގައި ހުރީ ދަނޑުބިން. އެހެންވީމާ، އެގޮތަށް އެކަން ވަރަށް ކުރިއްސުރެ އެއޮތީވެފައި. އެކަމަކު މިހާރު އަޅުގަނޑުމެން އެގޮތަށް ރަށް ދޫކޮށްލައިގެން ވާކަށްނެތް. ގަސް އިންދުން ގިނަކުރުމާއި، ރަށް ފެހިކުރުމަކީ، ތިމާވެށި ރައްކާތެރިކުރުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެއް. އެހެންވީމާ، މިރަށުގައި އެކި ވައްތަރުވައްތަރުގެ ގަސް އިންދަވާނެ ޖާގަ އަދިވެސް އެބައޮތް. ހަމައެހެންމެ، ވަރަށް ގިނަ އަދަދަކަށް ރުއް އިންދަވާނެ ޖާގަ އެބައޮތް.

އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، މިރަށުގެ ރައްޔިތުން، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، މިރަށުގައި ގިނަ އަދަދަކަށް ރުއް އިންދެވުން. އަދި އެހެން ވައްތަރުވައްތަރުގެ ގަސްވެސް އިންދަވަމުން ގެންދެވުން.

އާދެ، އަޅުގަނޑުގެ ވާހަކަ ދެން މާދިގުކުރާކަށް ނެތިން. އަޅުގަނޑު ކުރިންވެސް އިޝާރާތްކުރި ފަދައިން، މިއަދު އަދި ފުނަދުއަށް ދާން އެބައޮތް. ފުނަދޫގައި އޮންނަ ޢާއިލީ ހަވީރުގައި ބައިވެރިވުމަށް އަޅުގަނޑަށާއި ނަސްރީނާއަށްވަނީ ކަމާބެހޭ ފަރާތްތަކުން ދަޢުވަތު ދެއްވާފައި. އެހެންވެ، އެތަނަށް ދިޔުމަށްޓަކައިވެސް މިރަށުގައި މާގިނަ ވަގުތު ހޭދަކުރެވެން ނެތްކަން ވަރަށް ހިތާމައާއެކު ދަންނަވާލަން. އެހެންނަމަވެސް، މިރަށަށް އައުމަކީ، އަޅުގަނޑަށާއި ނަސްރީނާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމުގައި ދަންނަވާލަން. އަދި ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ތިޔަ ވިދާޅުވި ވަރަށް އިޚްލާޞްތެރި، ވަރަށް ހޫނު މަރުޙަބާއަށްޓަކައި އަދިވެސް އެއްފަހަރު މިލަންދޫގެ ވެރިންނަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މާތްﷲ، އަޅުގަނޑުމެން އެންމެންނަށް ހެޔޮވިސްނުން ދެއްވާށި! އެކަލާނގެ ރުއްސަވާވޮޑިގެންވާ މަގުގައި، މާތްވެގެންވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ހެޔޮތައުފީޤު ދެއްވާށި! އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގައި ބަރަކާތް ލައްވައި، އަޅުގަނޑުމެންގެ ރާއްޖެއަށް އަމަންއަމާންކަމާއި، ސުލްހަމަސަލަސްކަމާއި އަދި ކުރިއެރުމާއި ތަރައްޤީ މިންވަރު ކުރައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه.