بســم اللّـه الرّحمـن الرّحيــم

އަޅުގަނޑު ދަންނަވާލި ދަންނަވާލުމަކަށް ރާއްޖޭގައި ޚަބަރުފަތުރާ ވަސީލަތްތަކުގެ ބޭފުޅުން މިއަދު މިތަނަށް ވަޑައިގެންދެއްވިކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވައި، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާ ދަންނަވަން. އަދި އިއްޔެއަކީ ބައިނަލްއަޤްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސްކަމަށްވާތީ، މި މުނާސަބަތުގައިވެސް ތިޔަ ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރި ތަހުނިޔާއަކާއި މުބާރަކުބާދީއެއް އަޅުގަނޑު ދަންނަވަން.

އާދެ، މިއަދު މި ދަންނަވާލި ސަބަބަކީ، ރަސްމީ އިދާރާތަކުން މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤާބެހޭ، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރެއް މިއަދު އަޅުގަނޑު ނެރެފައިވާތީ، އެ ވާހަކަ ދަންނަވާލަން. ރަސްމީ އިދާރާތަކުން މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގަވާއިދެއް މިޤަރާރާ އެކުގައިވާނެ. އެ ގަވާއިދަށް މިއަދުން ފެށިގެން އިރާދުކުރެއްވިއްޔާ ޢަމަލުކުރަން ފެށޭނެ. އެހެންނަމަވެސް، އެ ގަވާއިދުގައިވާ ކަންތައްތައް ފުރިހަމަކުރުމަށްޓަކައި ވަގުތުތަކެއް ބޭނުންވާތީ، ޚާއްޞަކޮށް، ސަރުކާރުގެ އިދާރާތަކުގައި އެކަމާ ބެހޭގޮތުން ޤާއިމުކުރަންޖެހޭ އިތުރު ނިޒާމުތަކާއި ވަސީލަތްތައް ހުރުމާ އެކީގައި، އެކަންކަން ފުރިހަމަކުރެއްވުމަށްޓަކައި މި ގަވާއިދުގައި މުއްދަތެއް ދީފައި އޮންނާނެ. އެހެންވީމާ، އެންމެ ފުރިހަމަގޮތުގައި މި ގަވާއިދަށް ޢަމަލުކުރަން ފެށޭނީ، 2009 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު. އެހެންނަމަވެސް، އޭގެކުރިންވެސް ރަސްމީ އިދާރާތަކުން، އެ އިދާރާއަކުން މަޢުލޫމާތު ދެއްވެންހުރި މިންވަރަކުން މި ގަވާއިދުގެ ދަށުން މަޢުލޫމާތު ދެއްވަމުން ގެންދެވެން އޮންނާނެ.

މި ގަވާއިދަކީ ވަރަށް ކުރިއްސުރެ ސަރުކާރުން އެކަމާ ދޭތެރޭގައި ވިސްނަމުން އަދި ތައްޔާރުކުރަމުން އައިސްފައިވާ ގަވާއިދެއް. މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިއްސުރެ ފެށިގެން މި މަސައްކަތް ސަރުކާރުން ކުރަމުން މިގެންދިޔައީ. ޙަޤީޤަތުގައި މި ގަވާއިދަކީ ރާއްޖެއަށް މިއަދު ސަރުކާރުން ތަޢާރުފް ކުރަމުން މިގެންދާ ދީމުޤްރާޠީ އިޞްލާޙީ ޕްރޮގްރާމުގެ ބައެއް. ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅިފައިވާ ބައެއް. މިދެންނެވި ގޮތުގެމަތިން މިމަސައްކަތް ކުރާތާ ވަރަށްގިނަ ދުވަސްތަކެއްވެއްޖެ. އަދި މިކަމާބެހޭ ބިލެއް، ސަރުކާރުން އެކުލަވައިލައި، ރައްޔިތުންގެ މަޖިލީހަށް މިދިޔަ އަހަރު ހުށަހެޅި. އެހެންނަމަވެސް، މަޖިލީހުން އެ ބިލް ކުރިޔަށް ގެންގޮސް ނުދެއްވުމުގެ ސަބަބުން އެއަށް ޢަމަލުކުރަން ނުފެށި، ޤާނޫނަކަށް ނުވެ މިއޮތީ. ސަރުކާރުން މިހާރު ގަސްދުކުރަނީ ރައްޔިތުންގެ މަޖިލީހަށް އޭރު މި ބިލު ހުށަހެޅުނީމާ، މެންބަރުން އެ ފާޅުކުރެއްވި ޚިޔާލުތަކުގައިވާ ކަންތައްތަކުގެ މައްޗަށް ރިޢާޔަތްކޮށް މި ޑްރާފްޓަށް ނުވަތަ ބިލަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނެސްގެން، އަލުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް.

އެހެންވީމާ، މި ގަވާއިދު ހިނގަމުންދާނީ މިއަދުން ފެށިގެން އެންމެ ގިނަވެގެން ދެ އަހަރު ދުވަހަށް. އެއީ އެ ދެ އަހަރު ދުވަހުގެ ތެރޭގައި އިތުރު މުއްދަތެއް ކަނޑަނޭޅިއްޔާ. އަދި ދެ އަހަރު ހަމަވުމުގެ ކުރިން، މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނެއް، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި ތަޞްދީޤު ކުރެވި، އެޤާނޫނަކަށް ޢަމަލުކުރަން ފެށިއްޖިއްޔާ، ދެ އަހަރު ދުވަސްވުމުގެ ކުރިންވެސް މި ގަވާއިދު ނިމުމަކަށް އަންނާނެ.

މި ގަވާއިދު ތައްޔާރުކުރެއްވުމުގައި، ވަރަށްގިނަ ބޭފުޅުންގެ އެހީތެރިކަމާއި އެއްބާރުލެއްވުން ލިބިފައި އެބައޮތް. ޚާއްޞަގޮތެއްގައި، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އިންފޮމޭޝަން މިނިސްޓަރ އަލްއުސްތާޛު މުޙަންމަދު ނަޝީދު ކުރެއްވި މަސައްކަތްޕުޅުގެ ވާހަކަ. އެމަނިކުފާނު ވަނީ މިގަވާއިދު އެކުލަވައިލެއްވުމުގައި، ވަރަށް ބުރަކޮށް މަސައްކަތްޕުޅު ކޮށްދެއްވާފައި. އަދި މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ތައްޔާރުވެފައިވާ ބިލުވެސް ތައްޔާރުކުރެއްވުމުގައި، ލީގަލް ރިފޯމް މިނިސްޓަރުގެ ހައިސިއްޔަތުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކޮށްދެއްވާފައި.

އެހެންވީމާ، މި ގަވާއިދު މިއަދު އިޢުލާނު ކުރެވޭއިރު، މި ގަވާއިދު ތައްޔާރުކުރެއްވުމުގައި އެހީތެރިވެދެއްވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ޚާއްޞަކޮށް، މިނިސްޓަރ އޮފް ލީގަލް ރިފޯމް، އިންފޮމޭޝަން އެންޑް އާޓްސް އަލްއުސްތާޛު މުޙަންމަދު ނަޝީދަށް އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

މިގަވާއިދު އިޢުލާނު ކުރުމުން، އަޅުގަނޑު ހިތުން އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި، ނޫސްވެރިކަމުގެ މިނިވަންކަމާއި އަދި ރާއްޖޭގެ ކަންކަން ހިންގުމުގައި މަސްއޫލުގޮތެއްގައި، ޒިންމާދާރު ގޮތެއްގައި ސަރުކާރުގެ ދާއިރާތަކުން ކަންތައްތައް ގެންދެވުމާއި އަދި ހާމަކަން ބޮޑު ގޮތެއްގައި ކަންތައްތައް ގެންދެވުމާ، މިކަންކަމަށް މިގަވާއިދު ވަރަށް ބޮޑަށް މަގު ފަހިކޮށްދޭނެ. އަދި ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތު، ރައްޔިތުންނަށް ލިބިދިނުމުގައި، ނޫސްވެރިން އަދާކުރައްވާ ދައުރުވެސް ވަރަށް ބޮޑަށް ހަރުދަނާވެގެންދާނެ. އެހެންވީމާ، މިގަވާއިދަކީ ވަރަށް މުހިންމު ގަވާއިދަކަށްވާތީ، މި ގަވާއިދު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރެއްގެ ދަށުން އިޢުލާނުކޮށް، އެކަން ތިޔަބޭފުޅުންނަށް ދަންނަވާލުމަށްޓަކައި މިއަދު މި ދަންނަވާލީ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ބ) ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިޚްތިޔާރުގެ މަތިން މިއަދު އަޅުގަނޑު ސޮއިކޮށް ނެރުނު ޤަރާރެއް. އެ ޤަރާރާ އެކުގައި މިވަނީ ރަސްމީ އިދާރާތަކުން މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ގަވާއިދު. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މިއަދުން ފެށިގެން މި ގަވާއިދަށް ޢަމަލުކުރަން ފެށޭނެ. އެހެންނަމަވެސް، ކުރިން ދެންނެވިހެން އެންމެ ފުރިހަމަގޮތުގައި ހުރިހާ ދާއިރާތަކަކުން ޢަމަލުކުރެވޭނީ، މި އަންނަ އަހަރު ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު.

އަޅުގަނޑު އެދެނީ، ސަރުކާރުގެ ހުރިހާ އިދާރާތަކަކުންވެސް މި ގަވާއިދު ފުރިހަމައަށް ހިންގަވައި ދެއްވުން. އަދި މިގަވާއިދުގައިވާ ގޮތުގެ މަތިން ކަންތައްތައް ކޮށްދެއްވަމުން ގެންދެވުން.