بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّـدنـا محمـد وعلى آلـه وأصحـابه أجمعـين.

އާދެ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އަދި ދެންމެ މިރަށުގެ ބޮޑުކަތީބު އަލްފާޟިލް އަޙްމަދު ނަސީމުވެސް އެވިދާޅުވި ފަދައިން، އަޅުގަނޑާއި ނަސްރީނާއާއި އަދި އަޅުގަނޑުގެ ޢާއިލާގެ ބައެއް މެންބަރުންނާއި އަދި ސަރުކާރުގެ ވަރަށް ޢިއްޒަތްތެރި މަގާމުތަކެއްގައި ތިއްބެވި ތަފާތު ބޭފުޅުން، މިއަދު މިރަށަށް މި ވަޑައިގަތީ، މިރަށުގައި ބޭއްވުނު ޢާއިލީ ހަވީރުގައި ބައިވެރިވުމަށްޓަކައި.

އެ ޢާއިލީ ހަވީރަކީ ޤައުމީ ކުޑަކުދިންގެ ދުވަހާއި ބައިނަލްއަޤްވާމީ ޢާއިލާތަކުގެ ދުވަސް ފާހަގަކުރުމަށް ބޭއްވުނު ވަރަށް އުފާވެރި ހަވީރެއް. މި ސަބަބަށްޓަކައި އަޅުގަނޑާއި ނަސްރީނާ މިރަށަށް އައުމުން، މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް އަޙްމަދު ޤާސިމުގެ ފަރާތްޕުޅުންނާއި އަދި މިރަށުގެ ވެރިންނާއި އަދި މިއަތޮޅުގެ އެހެން ރަށްރަށުގެ ވެރިންނާއި، މިރަށުގެ ކޮމިޓީތަކުގެ މެންބަރުންނާއި، މިރަށުގައި ވަޒީފާ އަދާކުރައްވާ މުވައްޒަފުންނާއި އަދި މިރަށުގެ ޢާންމު ރައްޔިތުންގެ ފަރާތުން އަޅުގަނޑުމެންނަށް ތިޔަ ވިދާޅުވި ވަރަށް އިޚްލާޞްތެރި ވަރަށް ހޫނު މަރުޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުމެންގެ ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން.

ދެންމެ ބޮޑުކަތީބު އަލްފާޟިލް އަޙްމަދު ނަސީމުގެ ވާހަކަފުޅުގައިވެސް، އަޅުގަނޑާ ބެހޭގޮތުން ވަރަށް ހިތްޕުޅުހެޔޮ ޢިބާރާތްތަކެއް ބޭނުންކުރައްވައިފި. އެހެންކަމުން، އޭނާ އެ ދެއްކެވި ވާހަކަފުޅަށާއި، ވިދާޅުވި ކަންތައްތަކަށާއި އަދި އަޅުގަނޑާ ބެހޭގޮތުން ފާޅުކުރެއްވި އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި ބޮޑުކަތީބު އަލްފާޟިލް އަޙްމަދު ނަސީމަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މިއަދު ހަވީރު އަޅުގަނޑުމެން މިބައިވެރިވި ޢާއިލީ ހަވީރަކީ، ވަރަށް ފުރިހަމައަށް އިންތިޒާމު ކުރެވިފައިވާ ހަވީރެއް. އެކަމުގައި އިސްވެ އުޅުއްވީ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޢާއިޝަތު މުޙަންމަދު ދީދީ ކަމަށްވާތީ، އެކަމަނާއަށާއި އަދި އެމިނިސްޓްރީގެ އެހެން ވެރިންނަށާއި މުވައްޒަފުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ކުޑަކުދިންނާއި ޢާއިލާއާ، މިއީ އަޅުގަނޑުމެންގެ ހިތްތަކުގައި ވަރަށް ޚާއްޞަ މަގާމުތަކެއް ދެވިފައިވާ ފަރާތްތަކެއް. ކުޑަކުދިންނަކީ އަޅުގަނޑުމެންގެ ދަރިން. އަޅުގަނޑުމެންގެ ކުރިމަގު. ޤައުމުގެ ކުރިމަގު އުފާވެރި ކުރެވޭނީ، ބާއްޖަވެރި ކުރެވޭނީ، މިއަދުގެ ކުޑަކުދިން އުފާވެރި ބަޔަކަށް ހެދިގެން. ބާއްޖަވެރި ބަޔަކަށް ހެދިގެން. އެކުދިންނަކީ އުފާވެރި ޢާއިލީ ޙަޔާތެއް ވޭތުކުރުމުގެ ފުރުޞަތު ލިބިފައިވާ ބަޔަކަށްވެގެން. އެކުދިންނަކީ އަޅުގަނޑުމެންގެ އަޅާލުމާއި ލޯތްބާއި، އަޅުގަނޑުމެންގެ އިރުޝާދު ލިބޭ ބަޔަކަށްވެގެން. އެކުދިންނަކީ. ހުރިހާ ގޮތަކުންވެސް ރަނގަޅަށް ތަރުބިޔަތު ކުރެވޭ ބަޔަކަށްވެގެން. އެކުދިންނަކީ ޞިއްޙީގޮތުން ދުޅަހެޔޮ އަދި ތަޢުލީމީގޮތުން ރަނގަޅު ފެންވަރެއްގެ ބަޔަކަށް ހެދިގެން. މިކަންކަން ކުރުމަކީ އަޅުގަނޑުމެން އެންމެންގެ ވާޖިބެއް. މާތްވެގެންވާ އިސްލާމްދީނުގައިވެސް އަޅުގަނޑުމެންނަށް އަންގަވާފައިވަނީ، ކުޑަކުދިން ހެޔޮގޮތުގައި ތަރުބިޔަތު ކުރުމަށް. އެކުދިންނަކީ ދީނަށް ލޯބިކުރާ، މުޖުތަމަޢަށް ވަފާތެރި، ޤައުމަށް އިޚްލާޞްތެރި ބަޔަކަށް ހެދުމަށް. އެކުދިންނަށް ހެޔޮ ނަސޭހަތްދީ، އިރުޝާދުދީ، މަގު ދައްކައިދިނުމަށް. އަދި އޭގެތެރެއިން އެއްވެސް ކުއްޖަކީ، މަގު އޮޅިގެންދާ ކުއްޖެއް ކަމުގައި ވިޔަނުދިނުމަށް. މި ހުރިހާ ކަމެއް އެއީ އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ ވާޖިބުތަކެއް. ވަރަށް ބޮޑު މަސްއޫލިއްޔަތެއް. އެހެންކަމުން، އެ މަސްއޫލިއްޔަތަށާއި، އެ ވާޖިބުތަކަށް އަޅުގަނޑުމެން ރައްކާތެރިވާންޖެހޭ. އެ ވާޖިބުތައް އެންމެ ހެޔޮގޮތުގައި އަދާކުރެވޭތޯ އަޅުގަނޑުމެން ބަލަންޖެހޭނެ.

އާދެ، رســول اللّـه صـلّى الله علـيـه وسـلّم ޙަދީޘްކުރައްވާފައިވޭ،. "كَماَ أَنَّ لِوَالِدَيْكَ عَلَيْكَ حَقًّا، كَذَ ٰلِكَ لِوَلَدِكَ عَلَيْكَ حَقٌّ" މާނައަކީ "ތިބާގެ މައިންބަފައިންނަށް ތިބާގެ މައްޗަށް ޙައްޤުތަކެއް ވާފަދައިން، ހަމަކަށަވަރުން ތިބާގެ ދަރިންނަށް ތިބާގެ މައްޗަށް ޙައްޤުތަކެއްވެއޭ." ޝައްކެއްނެތް، މައިންބަފައިންނަށް ކަމޭހިތުމާއި، މައިންބަފައިންނާމެދު ހެޔޮކޮށް މުޢާމަލާތު ކުރުމަކީ، ކީރިތި ޤުރްއާނުގައި ވަރަށް ވަރުގަދައަށް އަންގަވާފައިވާ ކަމެއް. އަޅުގަނޑުމެންގެ ދީން އަޅުގަނޑުމެންގެ މައްޗަށް ލާޒިމުކުރާ ކަމެއް. މި ދެންނެވި ޙަދީޘްގައި رســول اللّـه صـلّى الله علـيـه وسـلّم އެ އޮޅުންފިލުއްވައިދެއްވަނީ ވަރަށް ވަރުގަދަ ޙަޤީޤަތެއް. އެއީ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހެއްގެ މައްޗަށްވެސް، އެމީހެއްގެ މައިންބަފައިންނަށް ޙައްޤުތަކެއް ވާފަދައިން، އެމީހެއްގެ ދަރިންނަށްވެސް ޙައްޤުތަކެއްވާކަން.

އެހެންވީމާ، މައިންބަފައިންގެ ޙައްޤުތަކަށް އަޅުގަނޑުމެން ރައްކާތެރިވާފަދައިން، އަޅުގަނޑުމެންގެ ދަރިންގެ ޙައްޤުތަކަށްވެސް އަޅުގަނޑުމެން ރައްކާތެރިވާންޖެހޭނެ. ދަރިންނަށް ހެޔޮގޮތް ހޯދައިދޭންޖެހޭނެ. ދަރިން ހެޔޮގޮތުގައި ތަރުބިޔަތު ކުރަންޖެހޭނެ. ދަރިންނަށް އުފާވެރި ޙަޔާތެއް އަޅުގަނޑުމެން ހޯދައިދޭންޖެހޭނެ. ބާއްޖަވެރި ޢާއިލީ ވެށްޓެއް ޤާއިމުކޮށްދޭންޖެހޭނެ. އެކުދިންނަށް އަޅާލަންޖެހޭނެ. އެކުދިންނާ އެކީގައި ވަގުތު ހޭދަކުރަންޖެހޭނެ. އެކުދިންނަށް ނަމޫނާ ދައްކަންޖެހޭނެ.

ނަމޫނާ ދެއްކުމަކީ އެންމެ ވަރުގަދަ ފިލާވަޅު. ކުދިން ގާތުގައި ދޮގު ނަހަދާށޭ، ކަންތައްތައް އޮޅުވައިނުލާށޭ، އެހެން ކުދިންނަށް އަނިޔާ ނުކުރާށޭ، މިހެން ބުނުމަކީ، އޭގެ ޒާތުގައި ހަމައެންމެ ރަނގަޅު ކަމެއް. ބުނަންވެސް ޖެހޭނެ. އެހެންނަމަވެސް، އޭގެއިތުރުން، އަޅުގަނޑުމެން އެ ކުދިންނަށް މި ނަމޫނާ އެބަ ދައްކަންޖެހޭ. އަޅުގަނޑުމެންވެސް މީހުންނަށް ދޮގުހަދައިގެންނުވާނެ. މީހުންނަށް އަނިޔާކޮށްގެންނުވާނެ. އަޅުގަނޑުމެން، އަޅުގަނޑުމެންގެ ދަރިންގެ ގާތުގައި ދޮގުނަހަދާށޭ، އެހެން ކުދިންނަށް އަނިޔާނުކުރާށޭ، އެހެން ބުނެފައި ދެން އަޅުގަނޑުމެން ކަންތައްކުރާގޮތް އެކުދިންނަށް ފެންނައިރު، އަޅުގަނޑުމެންނަކީ ދޮގުހަދާ ބަޔަކަށްވެއްޖެނަމަ، ނުވަތަ އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަންނަ ބަޔަކަށް ވެއްޖެނަމަ، އެކުދިން ބުނާނީ ކީކޭތޯ. އެކުދިންނަށް ލިބޭނީ ކޮންފިލާވަޅެއްތޯ. އެހެންވީމާ، ދުލުން އެއްޗެއް ބުނުމުގެ އިތުރުން، އެ ބުނާ އެއްޗަކީ ތެދުކަން، އެ ބުނާ އެއްޗަކާ އެއްގޮތަށް ތިމާވެސް ޢަމަލުކުރާކަން، ކުދިންނަށް ސާބިތުކޮށްދޭންޖެހޭނެ. ކުދިންނަށް ނަމޫނާ ދައްކަންޖެހޭނެ. އެކުދިން އަޅުގަނޑުމެންގެ ބަސް ޤަބޫލުކުރާނީ އެހެން ހެދީމާ. އަޅުގަނޑުމެން ބުނާގޮތަށް އުޅޭނީ. އެހެންވީމާ، މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނައި ޢަމަލުކުރަންވެއްޖެ ކަމެއް.

އާދެ، ބައިނަލްއަޤްވާމީ ޢާއިލާގެ ދުވަހަކީ މިމަހުގެ 15 ވަނަ ދުވަސް. ކޮންމެ ޢާއިލާއަކީވެސް މުޖުތަމަޢުގެ ވަރަށް މުހިންމު ބައެއް. މުޖުތަމަޢު ބިނާވެގެންވަނީ ޢާއިލާތަކެއްގެ މައްޗަށް. މުޖުތަމަޢު ހަރުދަނާވެގެންދާނީ، ޢާއިލާތައް ހަރުދަނާވި މިންވަރަކުން. ޢާއިލާތަކަށް އެ ޢާއިލާތަކުގެ ޙައްޤު މަގާމު ލިބިދެވުނު މިންވަރަކުން.

ކޮންމެ ޢާއިލާއެއްވެސް ފެށިގެންދަނީ ދެމަފިރިންގެ ދެމެދުގައި އޮންނަންޖެހޭ ގުޅުމުގެ މައްޗަށް. ޢާއިލާއެއް އުފެދެނީ ދެޖިންސުގެ ދެމީހަކު ކައިވެނި ކޮށްގެން. ޒަވާޖީ ޙަޔާތުގެ މި މަތިވެރި ގުޅުމާ ބެހޭގޮތުން މާތްﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވާ އާޔަތެއް އަޅުގަނޑު ދަންނަވާލާނަން.

މާތްﷲ ވަޙީކުރައްވާ "وَمِنْ ءَايَـٰتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّـتَسْكُنُواْ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً إِنَّ فِى ذَٰلِكَ لأَ يَـٰتٍ لِّقَوْمٍ يَتَفَكَّرُونَ" (الرّوم: 21) މި އާޔަތުގެ މާނައަކީ، "ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ތެރެއިން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކުގެ ތެރެއިން ވާކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައޭ، އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި އެކުވެރިކަމާއި އޯގާވެރިކަން ލެއްވިއޭ، ހަމަކަށަވަރުން ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއް ވާކަން ކަށަވަރެވެ."

އާދެ، މާތްﷲގެ ކުޅަދުންވަންތަ ކަމުގެ ދަލީލުތައް ވަރަށް ގިނަ. އަޅުގަނޑުމެން ބަލައިލި ކޮންމެ ދިމާއަކުން، އެކަލާނގެ ކުޅަދުންވަންތަ ކަމުގެ ހެކިތައް، ފެންނަން ހުރޭ. އިރުއަރާ އޮއްސުން، އިންސާނުން އުފަންވެ ހެދިބޮޑުވެ، އުމުރުގައި އެމީހަކަށް ކަނޑައެޅިފައިވާ އަޖަލު ހަމަކުރުމަށްފަހު، މިދުނިޔެއާ ވަކިވެގެން ދިޔުން އަދި އަޅުގަނޑުމެންގެ ވަށައިގެންވާ ކަނޑުތަކާއި ފަރުފަރާއި ފަރުބަދަތަކާއި ކޯރުތަކާއި އަދި އުޑުގައިވާ ތަރިތަކާ، މިހުރިހާ ކަންތައްތަކެއް މިގޮތަށް ހަމަޖެހިފައިވުން، އެކަންތައްތައް ވަމުންދާ ގޮތް، މިހިރީ މާތްﷲގެ ކުޅަދުންވަންތަކަމުގެ ދަލީލުތައް.

މާތްﷲ މި އާޔަތުގައި އެ ވަޙީކުރައްވަނީ ކައިވެނީގެ ގުޅުމަކީ އެފަދަ ވަރުގަދަ ދަލީލެކޭ. ﷲގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ވާކަމެކޭ. އެއީ، ތިޔަބައިމީހުންގެ ތެރެއިން އަނބިން ލެއްވިކަން. މާތްﷲ ތިޔަބައިމީހުންގެ މެދުގައި ކައިވެނީގެ ގުޅުން ޤާއިމުކުރެއްވިކަން. އަދި އަނބިންނަކީ އެބައިމީހުންގެ ކިބައިން ތިޔަބައިމީހުންނަށް ހަމަހިމޭންކަން ލިބޭ، އަދި އެކަނބަލުންނަށް ތިޔަބައިމީހުންގެ ފަރާތުން ހަމަހިމޭންކަން ލިބޭ ބަޔަކު ކަމުގައި ލެއްވިކަން. މިހިރީ މާތްﷲގެ ކުޅަދުންވަންތަކަމުގެ ދަލީލުތަކުގެ ތެރެއިންވާ ކަންކަމޭ. މިއީ، އަޅުގަނޑުމެން ވިސްނާލަން ވަރަށް މުހިންމު ކަމެއް.

އެހެންވީމާ، ދޭދޭ މީހުންގެ ތެރޭގައި މިފަދަ މަތިވެރި އިލާހީ ގުޅުމެއް އުފެދުމަކީ އެ ގުޅުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ރައްކާތެރިވާންޖެހޭނެ ކަމެއް. އެ ގުޅުން ދަމަހައްޓަން މަސައްކަތް ކުރަންޖެހޭނެ ކަމެއް. ކޮންމެ ފިރިޔަކުވެސް، އެމީހާގެ އަނބިމީހާއަށް ޙައްޤުވެގެންވާ ކަންތައްތައް ކޮށްދޭންޖެހޭނެ. ކޮންމެ އަންބަކުވެސް، އޭނާގެ ފިރިމީހާއަށް ދޭންޖެހޭ ޙައްޤުތައް ދޭންޖެހޭނެ. ދެމީހުންގެ ދެމެދުގައި އޮންނަންޖެހޭނީ އެކުވެރިކަމުގެ ގުޅުން. އޯގާތެރިކަމުގެ ގުޅުން. ލޯބީގެ ގުޅުން. އެއްވެސް މީހަކީ ތިމާގެ ޙަޔާތުގެ ބައިވެރިޔާއަށް އަނިޔާވެރިވާ މީހެއް ކަމުގައި ވެގެނެއްނުވާނެ. އެހެންވީމާ، މިކަންކަން މިއީ، ޢާއިލާ ބަދަހިވުމުގެ ނުވަތަ އުފާވެރި ޢާއިލާއަކަށް، އެ ޢާއިލާއެއްވުމުގެ އެންމެބޮޑު ސަބަބު. އެކަން އަޅުގަނޑުމެން ދަންނަންވާނެ. އެކަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރަންވާނެ.

އާދެ، މި އަހަރުގެ ބައިނަލްއަޤްވާމީ ޢާއިލާތަކާބެހޭ ދުވަހުގެ ޝިޢާރަކީ ވަރަށް މުހިންމު ޝިޢާރެއް. "ބައްޕައިންނާ ޢާއިލާ، ޒިންމާތަކާއި ގޮންޖެހުންތައް." މި ޝިޢާރު. އެނގިވަޑައިގަންނަވާނެ، ކޮންމެ ޢާއިލާއެއްގެ ކޮނޑުގައިވެސް، އަދި ކޮންމެ ބައްޕައަކާއި މަންމައެއްގެ ކޮނޑުގައިވެސް ޒިންމާތަކެއް އެކަށައެޅިފައި އޮވޭ. އެބައިމީހުން އުފުލަންޖެހޭ ޒިންމާތަކެއް، އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކެއްވޭ. ހަމައެހެންމެ، ކޮންމެ ޢާއިލާއަކަށް، ކޮންމެ މަންމައަކަށް، ކޮންމެ ބައްޕައަކަށް ކުރިމަތިވާނެ ގޮންޖެހުންތަކެއްވެސް ހުންނާނެ. ދުނިޔޭގެ ޙަޔާތުގައި އެއްވެސް މީހަކަށް އެއްވެސް ކަހަލަ ދަތިކަމެއްނެތި އުޅެވޭނެ ގޮތެއް ނުއެއް އޮންނާނެ. ކޮންމެ މީހަކަށްވެސް، ކޮންމެ ވަގުތެއްގައިވެސް އެކި ބާވަތުގެ މައްސަލަތައް ދިމާވެދާނެ. ގޮންޖެހުންތަކާ ކުރިމަތިލާންޖެހިދާނެ. މަންމައިންނާއި ބައްޕައިންނަށްވެސް ހަމަ އެގޮތް ދިމާވާނެ.

އެހެންވީމާ، އެ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނީ، ކުރިން އަޅުގަނޑު މި ދެންނެވި އުސޫލުގެ މަތިން، ދެމަފިރިން ނުވަތަ ބައްޕައާއި މަންމަ އެކަތިގަނޑަކަށްވެގެން ތިބެގެން. ދެމީހުންގެ އިޚްލާޞްތެރި މަސައްކަތް، އެ ގޮންޖެހުމުން ރައްކާތެރިވުމަށްޓަކައި ނުވަތަ އެ ކުރިމަތިވި ދަތިތަކުން ސަލާމަތްވުމަށްޓަކައި ކުރަމުން ގެންދާ ގޮތުގެ މަތިން. ޢާއިލާތަކުގެ މެދުގައި އޮންނަ ގުޅުން، މިގޮތަށް ދެމެހެއްޓޭ ކަމަށްވަންޏާ، ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ޢާއިލާތަކަކީ ބަދަހި ޢާއިލާތަކަކަށް ވެގެންދާނެ.

އާދެ، ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ވާހަކަ ދައްކާއިރު، މި އަހަރުގެ ޝިޢާރާ ދޭތެރޭގައި ވިސްނާލުންވެސް މުހިންމު. މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރުގައި މިއޮންނަނީ، "ކުޑަކުދިންނަށް އަނިޔާކުރުމާއި، އެކުދިން ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓާލާ." މިހެން.

މި ޝިޢާރަކީ މިއަދު އަޅުގަނޑުމެންގެ ޙާލަތަށް ބަލާއިރު ވަރަށް މުހިންމު ޝިޢާރެއް. އެހެން މިދެންނެވީ، އަޅުގަނޑުމެންގެ ތެރޭގައި މި ހިތާމަވެރި ކަންތައްތައް ފެންނަމުންދާތީ. ކުޑަކުދިންނަށް އަނިޔާކުރުމާއި، ކުޑަކުދިން ނަހަމަގޮތުގައި ބޭނުންކުރާކުރުން އަޅުގަނޑުމެންގެ ތެރޭގައި އެއްދުވަހުން އަނެއްދުވަހަށް ގިނަވަމުންދާތީ. ހަމަގައިމުވެސް އޭގެ ހާދިސާތަކުގެ ޚަބަރު އަޅުގަނޑުމެންނަށް އިވޭލެއް މިހާރު ކުރިޔަށްވުރެ މާގިނަ. މިއީ، އަޅުގަނޑުމެން މިއަދު ވަރަށް ކަންބޮޑުވާން ޖެހިފައިވާ ކަމެއް. އެއްވެސް ކުޑަކުއްޖަކަށް އެއްވެސް ކަހަލަ އަނިޔާއެއް ވެގެނެއްނުވާނެ. ޖިސްމާނީ އަނިޔާއެއްވެސް، ނުވަތަ ނަފްސާނީ އަނިޔާއެއްވެސް ނުވަތަ އެނޫން ގޮތަކުން އެކުއްޖަކަށް ކުރެވޭ އަނިޔާއެއްވެސް، އެއްވެސް ކުޑަކުއްޖަކަށް ކުރެވިގެނެއް ނުވާނެ. ޢާއިލާގެ ތެރެއިންވެސް އެކަން ވެގެން ނުވާނެ. ޢާއިލާގެ ބޭރުންވެސް އެކަން ވެގެން ނުވާނެ. މިއީ. މިއަދު އަޅުގަނޑުމެން ވަރަށް ފިކުރުކުރަން ޖެހިފައިވާ ކަމެއް. އަޅުގަނޑުމެންގެ ތެރޭގައި ހިނގާ މިފަދަ ނޭދެވޭ ޢަމަލުތައް ހުއްޓުވުމަށް، އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭނެ.

ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގައި އޮންނަނީ މި ވާހަކަ. އެހެންވީމާ، ކުޑަކުދިންގެ ޙައްޤުތަކަށް ރައްކާތެރިވުމަށްޓަކައި ރާއްޖޭގައި ޤާނޫނެއް ހެދިފައި މި އޮންނަނީ އަޅުގަނޑުމެންނަށް މަގު ދެއްކުމުގެ ގޮތުން. ޤާނޫނެއް ނެތަކަސް އެއީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. އެހެންނަމަވެސް، ޤާނޫނެއް އޮތީމާ، ކޮންމެ މަންމައަކުވެސް ކޮންމެ ބައްޕައަކުވެސް ނުވަތަ މުޖުތަމަޢުގެ ކޮންމެ މީހަކުވެސް ކުޑަކުދިންނާ ބެހޭގޮތުން ކަންތައް ކުރަންވީ ގޮތް އެ އޮންނަނީ ރީތިކޮށް ލިޔެވިފައި. އޮޅުމެއްނެތްގޮތުގައި އެންމެންނަށް ފެންނަން. އެހެންވީމާ، އެ ޤާނޫނަކީ ވަރަށް މުހިންމު ޤާނޫނަކަށް ވީހިނދު، އަޅުގަނޑުމެން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި މަސައްކަތްކުރަން ޖެހޭނެ.

ހަމައެހެންމެ، ކުޑަކުދިންގެ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ މިދެންނެވި ކަންތައްތައް، ކުޑަކުދިންނަށް އަނިޔާއަކަށްވާކަހަލަ ކަމެއް، އެއްވެސް ސިފައެއްގައި ނުކުރުން، އެއީ އަޅުގަނޑުމެން އެކަމަށް ވަރަށް ބޮޑަށް ވިސްނައި، އަދި އަޅުގަނޑުމެން އެންމެންގެ ޢަމަލުތައް އެގޮތަށް ބައްޓަން ކުރަންޖެހޭނެ ކަމެއް. އެހެންވީމާ، އަޅުގަނޑުމެން މިފަދަ ކޮންމެ ދުވަހެއް ފާހަގަކުރާއިރު، މިކަންކަން އަޅުގަނޑުމެންގެ ހިތްމައްޗަށް ގެނެސް، އެއާ އެއްގޮތަށް ޢަމަލުކުރުމަކީ ވަރަށް މުހިންމު ކަމެއް. އާދެ، މިވާހަކަ ދަންނަވާލުމަށްފަހު، ފުނަދޫއާ ބެހޭގޮތުންވެސް އެއްޗެއް ދަންނަވާލަން އަޅުގަނޑު ބޭނުންވޭ.

ދެންމެ ފުނަދޫ ބޮޑުކަތީބު އަލްފާޟިލް އަޙްމަދު ނަސީމުގެ ވާހަކަފުޅުގައި، މިރަށަށް، ސަރުކާރުން ކޮށްދީފައިވާ އެކި ކަންތައްތަކުގެ ވާހަކަ ވިދާޅުވެއްޖެ. އެހެންވީމާ، އެ ވާހަކަތައް ތަކުރާރުކުރާކަށް އަޅުގަނޑުނެތިން. ފަޅުރަށެއްގެ ސިފައިގައި އޮއްވާ، އަތޮޅުވެރިކަން ކުރާ ރަށަކަށްވީ ވާހަކައާއި، އެހެން ރަށްރަށުން މީހުން ބަދަލުވެ، މިރަށަކީ، ތަރައްޤީގެ ވަރަށްގިނަ ކަންތައްތަކެއް މިހާރު ހިނގާ ރަށެއް ކަމުގައި އޭނާ ވިދާޅުވެއްޖެ. އަދި މިރަށުގައި ވަރަށްގިނަ އެހެން ރަށްރަށުގެ ރައްޔިތުންވެސް އާބާދުވެފައިވާ ވާހަކަ ވިދާޅުވެއްޖެ. އެހެން ހަތަރު ރަށެއްގެ މީހުން މިހާރު ފުނަދޫގައި ދިރިއުޅެމުން އެބަގެންދޭ. އަދި އެމީހުންނާ ދޭތެރޭގައި މިރަށު ރައްޔިތުން ދެކޭގޮތްވެސް، ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް ކިޔައިދެއްވައިފި.

އެއީ، އަޅުގަނޑު ވަރަށް އުފާކުރި ކަމެއް. އެއީ އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއްނެތި، އެންމެން އެންމެންނާ ގުޅިގެން އުޅުމަކީ ވަރަށް މުހިންމު ކަމެއް. އަދި ޚާއްޞަކޮށް، އަޅުގަނޑުމެންގެ ރަށަށް، އެހެން ރަށެއްގެ ބަޔަކު އައިސް، ރަށުގެ އާބާދީގެ ތެރޭގައި ހިމެނިގެން، ރަށުގެ ރައްޔިތުންނަށްވެގެން ދިރިއުޅެމުންދާކަމަށްވަންޏާ، އެމީހުންނާ ދޭތެރޭގައިވެސް އަޅުގަނޑުމެން ކަންތައް ކުރަންޖެހޭނީ ވަރަށް ރަނގަޅަށް. އެމީހުންގެ ޙައްޤުތަކަށް ރައްކާތެރިވާންޖެހޭނެ. އެމީހުންނަށް ޤަދަރުކުރަންޖެހޭނެ. އިޙްތިރާމް ކުރަންޖެހޭނެ. އެހީތެރިވާންޖެހޭނެ. އެހެންވީމާ، މިގޮތުގެ މަތިން މިރަށުގެ ރައްޔިތުން ދިރިއުޅެމުން ގެންދަވާކަމީ، އަދި ދެންމެ ކަތީބު އެވިދާޅުވި ގޮތުގެ މަތިން މިކަންކަން ހިނގަމުންދާކަމީ، އަޅުގަނޑު ވަރަށްބޮޑަށް އުފާކުރާ ކަމެއް ކަމުގައި ދަންނަވަން. އަދި އެކަމަށްޓަކައި ފުނަދޫގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށާއި އަދި މިރަށަށް ވަޑައިގެން އެ އުޅުއްވާ ކުރީގެ އެހެން ރަށްރަށުގެ އަހުލުވެރިން، އެކަމަކު މިހާރު މިރަށުގެ ރައްޔިތުން ކަމަށްވާ އެހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ކަތީބުގެ ވާހަކަފުޅުގައި، ތަރައްޤީގެ ކަންތައްތައް ކިތަންމެ ރަނގަޅަކަށް ކުރިޔަށް ދިޔަނަމަވެސް، ރައްޔިތުން އިތުރަށް ބޭނުންވާ ކަންތައްތައް ހުންނާނެޔޭ ވިދާޅުވި. ވަރަށް ބޮޑު ޙަޤީޤަތެއް، ތެދުފުޅެއް. ތަރައްޤީއަކީ އެކަހަލަ އެއްޗެއް. ތަރައްޤީއަކީ ވަކި ހިސާބަކަށް ދިޔައިމާ ހުއްޓޭނެ އެއްޗެއް ނޫން. އެއަށްވުރެ މައްޗަށްދާން އެންމެ މަސައްކަތް ކުރަންޖެހޭނެ. އެހެންވީމާ، ތަރައްޤީގެ މަގުގައި މިރަށް ކިތަންމެ ގިނަ ފިޔަވަޅެއް ކުރިޔަށް އަޅާފައި އޮތް ނަމަވެސް، އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކެއް ހުންނާނެ. އަދި ރައްޔިތުންގެ ވަރަށް ގިނަ ބޭނުންތައް މިހާރަށް ފުދިފައި އޮތް ނަމަވެސް، އިތުރަށް ފުއްދައިދޭންޖެހޭ ކިތަންމެ ކަމެއް ހުންނާނެ.

ދެންމެ އެ ވިދާޅުވި ފަދައިން، މި ރަށުގެ ރައްޔިތުން ބޭނުންފުޅުވާ ކަންތައްތަކާބެހޭ ސިޓީއެއް އަޅުގަނޑާ ހަވާލުކުރައްވައިފި. އޭގައި ރައްޔިތުން ބޭނުންވާ ކަންތައްތައް ވިދާޅުވެފައި އެބަހުރި. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެ ހުރިހާ ކަމަކީ ސަރުކާރުގެ ވިސްނުމުގައި ހުންނާނެ ކަންތައްތަކެކޭ. މިހާރުވެސް އޭގެތެރެއިން ބައެއް ކަންތައްތަކަކީ ހިނގަމުންދާ ކަންތައްތަކެއް. އެ އެދިވަޑައިގަންނަވަނީ ހިނގަމުންދާ ކަންތައްތައް އަވަސްކުރުމަށް.

އެނގިވަޑައިގަންނަވާނެ، އެކިއެކި ބޮޑެތި މަސައްކަތްތައް މި ހިނގަނީ އެގްރީމެންޓެއްގެ ދަށުން. އެގްރިމެންޓްގައި އެ މުއްދަތުވެސް ކަނޑައެޅިފައި އޮންނާނެ. އެގްރީމެންޓަކީ ދެފަރާތުން އެއްބަސްވާ އެއްބަސްވުމެއް. އެހެންވީމާ، އެގްރީމެންޓްގައި ވަކި މުއްދަތެއް ދީފައި އޮތްކަމެއް، އެއަށްވުރެ އަވަސް ކޮށްދޭށޭ އަޅުގަނޑު ބުންޏަކަސް، އެމީހުންނަކަށް އެކަމެއް ނުވާނެ. އެއީ ދެފަރާތުން އެއްބަސްވެފައި އޮތްގޮތް. މިސާލަކަށް، ހަމަސްދުވަހުގެ ތެރޭގައި، ނުވަތަ އެއް އަހަރު ދުވަހުގެ ތެރޭގައި، މިވެނި ކަމެއް ކޮށްދޭނެ ކަމަށް އެބަޔަކު ބުނީމާ، އެ މުއްދަތު އެމީހުންނަށް ދޭންޖެހޭ. އެގްރީމެންޓަށް ދެފަރާތުންވެސް ރައްކާތެރިވާންޖެހޭ. އެމީހުންވެސް އެމުއްދަތުގެ ތެރޭގައި އެކަން ނިންމަންޖެހޭ. އެކަމަކު އަޅުގަނޑުމެންވެސް އެމީހުންނަށް އެމުއްދަތު ދޭންޖެހޭ. އެހެންވީމާ، އަވަސްކުރުން އޮންނާނީ އެގޮތަށް.

ބައެއްކަހަލަ މަސައްކަތްތަކަކީ، ފުރަތަމަ އެކަމާބެހޭ ދިރާސާއެއްކޮށް، ދެން އޭގެ މައްޗަށް ބިނާކޮށް، އެކަން ކުރާނެ ގޮތުގެ ތަފްޞީލުތައް ރާވައި، ޕްލޭން އެކުލަވައިލުމުގެ މަސައްކަތްތައް. އެކަހަލަ މަސައްކަތްތަކުގައި މިދެންނެވި ކަންތައްތައް، އެންމެ ފުރަތަމަ ކުރުމަށްފަހުގައި ނޫނީ، އެކަމަށް ހިނގާނެ ޚަރަދެއް ނޭނގޭނެ. މިސާލަކަށް، ނަރުދަމާ ކަންތައްވިއްޔާ، ފުރަތަމަ ނަރުދަމާ ނިޒާމު ފަރުމާކޮށް، އެ ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ހިނގާނެ ޚަރަދު ލަފާކޮށްލަންވެސް އެނގޭނީ އޭގެ މައްޗަށް ބިނާކޮށް. އޭގެ ކުރިއަކުން ނޭނގޭނެ. ޚަރަދު ލަފާކުރެވުނީމާ، ދެން އެ ޚަރަދު ހޯދަން މަސައްކަތް ކުރަން އެނގޭނީ. އެ ޚަރަދަކީ ސަރުކާރުގެ ބަޖެޓުން ކުރެވެން އޮތް ޚަރަދެއްތޯ، މިއަހަރުގެ ބަޖެޓުގައި ހިމެނިފައި ހުރި ޚަރަދެއްތޯ، ނުވަތަ ނޫންތޯ ބަލަންޖެހޭނެ. އަދި ސަރުކާރުގެ ޚަރަދުގައި ހިމެނިފައި ނެތިއްޔާ، ބޭރުގެ އެހީއަކުން ލިބިދާނެ ޚަރަދެއްތޯ ބަލަން އެބަޖެހޭ. ބޭރުގެ އެހީގައި ވާގޮތަކީ އަދި އަޅުގަނޑުމެން އެދުނަކަސް، އެދޭ ކޮންމެ ކަމެއް، ބޭރުގެ ފަރާތްތަކުން ކޮށްދޭކަށްނުޖެހޭ. އަދި އަމުދުން މިހާރު، ދުނިޔޭގެ އިޤްތިޞާދަށް މި އަންނަ ބަދަލުތަކުގެ ސަބަބުން، ކުރިޔާ ވަރަށް ތަފާތު ގޮތަކަށް އެކަންތައްތައް މިދަނީ. ބޭރުގެ އެހީ ހޯދުމަކީ، ކުރިން ތަންކޮޅެއް ފަސޭހަ ކަމެއްގެ ގޮތުގައި އޮތް ޒަމާންތަކެއް ހިނގައްޖެ. މިހާރު، އެކަން އޮތީކީ އެހެނެއް ނޫން.

ބައިނަލްއަޤްވާމީ ދާއިރާތަކުން އެހީއަށް އެދެނީކީ ދިވެހިރާއްޖެއިން އެކަންޏެއްނޫން. ދިވެހިރާއްޖެ ފިޔަވައި ވަރަށް ގިނަ ކުދި ޤައުމުތަކުންނާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކުން ބޭރުގެ އެހީއަށް އެދޭ. ބޭރުން އެހީދޭ ފަރާތްތަކުން ވަކި މިންގަނޑުތަކަކަށް އެބަ ބަލާ. އާބާދީއަށް ބަލާނެ. މީހުންގެ އަދަދަށް ބަލާނެ. އަދި އެކަމަށް ހިނގާނެ ޚަރަދަށް ބަލާނެ. އެކަމުންވާނެ ފައިދާއަށް ބަލާނެ. އަދި އެބައެއްގެ ސިޔާސަތާ ގުޅޭ ގޮތަކަށްތޯ ކަންތައްތައް ދަނީވެސް ބަލާނެ. މި ހުރިހާ ކަމެއް ބަލާފައި، ބޭރުގެ ފަރާތްތަކުން އެހީ ދިނުމުގެ ކަންތައް ހަމަޖައްސަމުން ގެންދަނީ. އެހެންވީމާ، އެއީކީވެސް އަޅުގަނޑުމެން ބޭނުންވިހާ ގޮތަކަށް، ބޭނުންވާހާ އަވަހަކަށް ނުވަތަ ބޭނުންވާ މިންވަރަކަށް ލިބޭނެ އެއްޗެއްނޫން. ބޭރުގެ އެހީ އަންނައިރުވެސް، އެންމެ ފުރަތަމަ އެކަން ބަލަން، އެމީހުން ޓީމެއް ފޮނުވާނެ. ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ވާހަކަދައްކާ ހަދާނެ. އޭގެފަހުން، ދިރާސާއެއް ކުރާނެ. އޭގެފަހުން އަދި އެހެން ކޮންމެވެސް ދިރާސާއެއް ކުރަންވެސް ބޭނުންވެދާނެ. އެކި ޤައުމުތަކުން ނުވަތަ އެކި ޖަމާޢަތްތަކުން އެހީވެދިނުމުގައި އެކި އުސޫލު މިއޮންނަނީ. އެއީކީވެސް އަޅުގަނޑުމެން ބޭނުންވާހާ އަވަހަކަށް ވާކަމެއްނޫން. އެވާހަކަ ދަންނަވާލަން ބޭނުންވެގެން މިއުޅެނީ. އަވަސްކުރުމުގައި އޮންނާނީ މިގޮތޭ، އަވަސްކުރެވޭތޯ ސަރުކާރުން ގަދައަޅާ މަސައްކަތްކުރާނެޔޭ. އެކަމުގެ ޔަޤީންކަން، އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް އަރުވަން. އަދި ސަރުކާރުގެ އެކި ދާއިރާތަކުންވެސް އެކި މަޝްރޫޢުތައް ހިންގުމުގައި ވެވަޑައިގެންނެވި އެންމެ އަވަހަކަށް އެކަންތައްތައް ކޮށްދެއްވޭތޯ ބައްލަވާނެ. އެކަމަކު އެކަން ކުރާއިރު މިދެންނެވި ކަހަލަ ހަމަތަކާއި އުސޫލުތަކާއި ކަންތައްތައް ހުރީމާ، އަޅުގަނޑުމެން އަދި ހިތްއެދޭހާ އަވަހަކަށް، ކަމެއްނުވެ ހިނގައިދާނެކަން އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ.

އާދެ، މިސާލަކަށް، މިރަށުގެ ބަނދަރު. މިއޮތީ ހަދާފައި. އެހެންނަމަވެސް، މިހާރު ސުނާމީގެ ސަބަބުން ލިބުނު ގެއްލުންތަކާ އެކީގައި މިހާރު މިވަނީ އޭގެ އާ މަޝްރޫޢަކަށް ފެށިފައި. އެއީ، ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް. ބަނދަރު މަރާމާތު ކުރުމަށްޓަކައި ފަރުމާކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި. އަންނަ އަހަރުގެ ފުރަތަމަ ތިންމަސް ދުވަހުގެ ތެރޭގައި މަސައްކަތް ފެށުމަށްދަނީ ރޭވެމުން. އެހެންވީމާ، އަޅުގަނޑުމެންނަށް ބުނެވެން އޮންނާނީ މިހާކަންހާވަރު. އެއީ ވަކި އުސޫލަކުން ކަންތައްތައް ހިނގަމުން މިދަނީ. އެހެންވީމާ، އެއުސޫލާ އެއްގޮތަށް ކަންތައްތައް ދާނީ. ސަރުކާރުން ކަންތައްތައް އަވަސްކުރަން ވަރަށް ބޮޑަށް ބޭނުން. އެހެންނަމަވެސް، އަވަސްކުރެވޭނީ ޤާބިލިއްޔަތު ހުރިވަރަކުން. އެވާހަކަ އަޅުގަނޑު ދަންނަވާލަން ބޭނުންވީ.

ދެން ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މިރަށުގެ ރައްޔިތުންނަށް އިތުރަށް އެ ބޭނުންވާ ކަންތައްތަކަކީ، ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންވެސް ބޭނުންވާ ކަންތައްތައްތަކެކޭ. މިކަމަށްވެސް ސަރުކާރުން ވިސްނަން އެބަޖެހޭ. މި ދެންނެވީ ބަނދަރު ހެދުން، ބަނދަރު ބޮޑުކުރުން، ނުވަތަ ނަރުދަމާގެ ނިޒާމު ޤާއިމުކުރުން، ނުވަތަ ރަށަށް ލިބޭ ކަރަންޓަކީ، ސްޓެލްކޯގެ ކަރަންޓަކަށް ހެދުން، ނުވަތަ މަދަރުސާ ބޮޑުކުރުން، ނޫނީ އިތުރު މަދަރުސާއެއް އެޅުން. މިހެންގޮސް މިހިރަ ހުރިހާ ކަންތައްތަކަކީ، އެހެން ރަށްރަށަށްވެސް ބޭނުންވެފައިވާ ޚިދުމަތްތަކެއް. އެހެންވީމާ، އެކަންތައްތައް ކުރުމުގައިވެސް ސަރުކާރުން ހަމަޖެހޭ އުސޫލެއް ގެންގުޅެން އެބަޖެހޭ. ހައްތާވެސް ދިވެހި ރައްޔިތުން. ހައްތާވެސް އަޅުގަނޑުމެންގެ އަޚުން ނުވަތަ އުޚުތުން. އެންމެންނަށްވެސް އޮންނަންވާނީ އެއްގޮތް. އެކަންތައްތައް ހިނގަންޖެހޭނީ އެއް އުސޫލަކުން، އެއް ހަމައަކުން. އެއީ ޢަދުލުވެރި ގޮތަކީ، އިންޞާފުވެރި ގޮތަކީ. އަދި ދީނުގައި އެކަން ކުރުމަށް އަންގަވާފައިވާ ގޮތަކީވެސް ހަމަ އެއީ.

އެހެންވީމާ، އަޅުގަނޑުމެންނަކީ ކުޑަކުޑަ ޤައުމަކަށްވެފައި، އަޅުގަނޑުމެންގެ ބަޖެޓުން އެއްފަހަރާ، ހުރިހާ ރަށެއްގެ ހުރިހާ ކަމެއް ކޮށްދެވެން ނޯންނާނެތީ، އިސްކަންދޭންޖެހޭ ކޮންމެވެސް ތަރުތީބެއް އެބަ ހަމަޖައްސަންޖެހޭ. ހަމަޖައްސައިގެން އެކި އަހަރުމަތިން އެކި ރަށްރަށަށް އެކިކަންތައްތައް ކޮށްދޭން މަޖުބޫރުވޭ. އެނޫންގޮތަކަށް ކުރެވޭކަށް ނޯވޭ. އެހެންވީމާ، މިއުސޫލުން މިރަށުގެ ކަންތައްތައްވެސް އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ. އެކަމަކު އެކަންވާނީ މިވެނި ދުވަހަކުންނޭ ބުނުމަކީ، އެއްވެސް މީހަކަށް ކުރެވޭނެ ކަމެއްނޫން. އެކަން މިރަށުގެ ރައްޔިތުންވެސް ގަބޫލުކުރައްވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

އާދެ، ފުނަދުއަކީ މިސަރަޙައްދުގެ ތަރައްޤީގެ މައި މަރުކަޒުގެ ގޮތުގައި ތަރައްޤީ ކުރުމަށް މިހާރު ހަމަޖެހިފައިވާ ރަށެއް. އެގޮތުން މިހާރުވަނީ މިރަށުގައި ވައިގެ ބަނދަރަކާއި، ވައިގެ ބަނދަރަކާއެކު ހަދާ ރިޒޯޓަކާއި، ޓްރާންޒިޓް ހޮޓަލަކާއި، އަދި މެރީނާއެއް ތަރައްޤީ ކުރުމަށް ކަނޑައެޅިފައި. މިހިރީ ތަރައްޤީގެ ވަރަށް ބޮޑެތި މަސައްކަތްތައް. އެހެންވީމާ، އެމަސައްކަތްތައް ކުރީމާ، އޭގެ ސަބަބުން ރަށަށް ލިބޭނެ ކުރިއެރުން ވަރަށް ބޮޑުވާނެ. ހަމައެކަނި ރަށަކަށް ނޫން. ރަށުގެ ރައްޔިތުންނަށާއި، މުޅި އަތޮޅުގެ ރައްޔިތުންނަށްވެސް މިކަންކަމުގެ ފައިދާ ވަރަށް ބޮޑަށް ލިބިގެންދާނެ. އިރާދަކުރެއްވިއްޔާ މިކަންތައްތައް މުސްތަޤްބަލްގައި ރޭވިފައި އޮތްގޮތަށް ހިނގަމުންދާނެ. އެކަމުގައި އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. މިހާރު މީގެތެރެއިން ބައެއް މަސައްކަތްވަނީ ހަވާލުކުރެވިފައި. އެނގިވަޑައިގަންނަވާނެ، ކައިރީގައި އޮތް ރިޒޯޓްތަކުގެ މަސައްކަތްތައްވެސް ވަނީ ހަވާލުކުރެވިފައި. ހަވާލުކުރެވިފައޭ މިދެންނެވީ، އެގްރިމެންޓް ކޮށްގެން ބަޔަކަށް ދީފައިވާ ވާހަކަ. އެމަސައްކަތް އަދި ނުފެށިވާކަން އެއީ ސަރުކާރުގެ ކަމެއްނޫން. އަދި މިއަތޮޅުގައި މިހާރު ހެދެމުންދާ ރިޒޯޓްތަކަށް ބަލާއިރު، ބައެއް ތަންތާނގެ މަސައްކަތް މިހާރު ކުރެވެމުން އެބަދޭ. ބައެއް ތަންތާނގެ މަސައްކަތުގެ ވަރަށް ބޮޑު ބައެއް ނިމިއްޖެ ކަމަށްވެސްވޭ. އަނެއްބައި ތަންތާނގެ މަސައްކަތް އަދި އެހެރީ ނުފެށި. އެއީކީ އަޅުގަނޑުމެން ނުވަތަ ސަރުކާރުން ކުރާނެ ކަމެއްނޫން. އެމީހުންނާ އެގްރިމެންޓްކޮށްގެން އެމީހުންނާ ހަވާލުކުރީމާ، އެމީހުން ޖެހޭނެ އެ އެގްރިމެންޓްގައި އޮންނަ މުއްދަތަށް އެ ކަންތައްތައް ކުރަން. އެއީ އެކަން އޮތްގޮތް. އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ އެ ވާހަކަވެސް ދަންނަވާލާނަމޭ. އިރާދަކުރެއްވިއްޔާ، މިކަންކަން، މުސްތަޤްބަލްގައި ވެގެންދާނެއޭ. އެކަންތައްތައް ވެގެން ދިޔުމުން އޭގެ ފައިދާ، އޭގެ މަންފާ ހުރިހާ ރައްޔިތުންނަށް ލިބިގެންދާނެއޭ.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން އަދިވެސް އެއްފަހަރު، އަޅުގަނޑާއި ނަސްރީނާއާ އަދި އަޅުގަނޑާއެކީ ވަޑައިގެންނެވި ބޭފުޅުން، އަޅުގަނޑުމެން އެންމެން މިރަށަށް އައުމުން، ތިޔަބޭފުޅުން ތިޔަ ވިދާޅުވި އިޚްލާޞްތެރި މަރުޙަބާއަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ދެންމެ ބޮޑުކަތީބުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން މިރަށުގެ ރައްޔިތުންނަކީ، ސަރުކާރަށް ވަފާތެރި އަދި ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އޮތް ރައްޔިތަކަށްވާތީ، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެއާއެކީގައި ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތުގައި، މާތްﷲ ބަރަކާތް ލެއްވުން އެދި ދުޢާކުރަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ اللّه سبحانه وتعالى އަޅުގަނޑުމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވައި، ހެޔޮގޮތުގައި ސާބިތުވެ ތިބުމުގެ ހެޔޮތައުފީޤު އަޅުގަނޑުމެންނަށް ދެއްވައި، އަޅުގަނޑުމެން ކުރާ ކަންކަމުގެ ފައިދާ، އަޅުގަނޑުމެންނަށާއި ކުރިޔަށް އޮތް ޖީލުތަކަށް ލިބެނިވި ގޮތްތައް މެދުވެރިކޮށްދެއްވައި، ރާއްޖެއަށް އަބަދުވެސް ހެޔޮގޮތްތަކާއި، އަމަންއަމާންކަމާއި ސުލްހަމަސަލަސްކަމާއި، ތަރައްޤީއާއި ކުރިއެރުން މިންވަރުކޮށްދެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.