بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

އާދެ، މިރޭ އަޅުގަނޑު ދަންނަވާލި ދަންނަވާލުމަކަށް ތިޔަ ހުރިހާ ބޭފުޅުން މި ޙަފްލާއަށް ވަޑައިގެންދެއްވީތީ، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވައި އަދި މި ޙަފްލާއަށް މަރްޙަބާ ދަންނަވަން.

އެނގިވަޑައިގަންނަވާނެ ފަދައިން، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، އެ ޤާނޫނުގައިވާ ގޮތުގެ މަތިން، ތިޔަބޭފުޅުން މިހާރުވަނީ ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންފައި. އެގޮތުން، މިފަހަރު ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ވަރަށްގިނަ ބޭފުޅުން، މިރޭގެ މި ޙަފްލާއަށް ވަޑައިގެން ތިއްބެވިކަމީ، އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. ތިޔަބޭފުޅުންގެ ތެރޭގައި، މާލޭގައި ޚިދްމަތް ކުރައްވާ ބޭފުޅުންނާއި، އަތޮޅުތަކުގައި ޚިދްމަތް ކުރައްވާ ބޭފުޅުން އެބަ ތިއްބެވި.

މިރޭގެ މި ޙަފްލާއަކީ ހަމަ ޝުކުރު ދަންނަވާލުމުގެ ޙަފްލާއެއް. ތިޔަބޭފުޅުންނަކީ، ތިޔަބޭފުޅުންގެ ޙަޔާތުގެ އެންމެ އުފާވެރި ދުވަސްވަރު، އާދެ! ތިޔަބޭފުޅުންގެ ޒުވާންކަމުގެ ދުވަސްވަރާއި، އަދި ހަރުމީހުންގެ ގޮތުގައި ތިއްބެވި ދުވަސްވަރު، ސަރުކާރަށް، ޤައުމަށް، ދިވެހި ރައްޔިތުންނަށް ވަރަށް މަތިވެރި ޚިދްމަތްތަކެއް ކޮށްދެއްވާފައި ތިއްބެވި ބޭފުޅުން. ތިޔަބޭފުޅުންނަށް މުޅި ޤައުމު ވަރަށް ބޮޑަށް ޝުކުރުވެރިވޭ. ދިވެހި ސަރުކާރުން ތިޔަބޭފުޅުންނަށް ޝުކުރުވެރިވޭ. އަދި މިވަގުތު ސަރުކާރު ހިންގަން ހުރި އިސްމީހަކީ، އަޅުގަނޑު ކަމަށްވާތީ، އަޅުގަނޑު އަމިއްލަގޮތުންވެސް ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން.

އާދެ! ތިޔަބޭފުޅުންނަކީ، ތަފާތު މުއްދަތުތަކުގައި ޤައުމަށް، ރައްޔިތުންނަށް، ސަރުކާރަށް، ޚިދްމަތް ކޮށްދެއްވާފައި ތިއްބެވި ބޭފުޅުން. ތިޔަބޭފުޅުންގެ ތެރޭގައި 40 އަހަރު ޚިދްމަތް ކުރައްވާފައި ތިއްބެވި ބޭފުޅުން، 50 އަހަރު ޚިދްމަތް ކުރައްވާފައި ތިއްބެވި ބޭފުޅުން، އަދި 50 އަހަރު ކީއްކުރަންތޯ! 60 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް، ޤައުމަށް، ޚިދްމަތް ކޮށްދެއްވާފައި ތިއްބެވި ބޭފުޅުންވެސް، ތިޔަބޭފުޅުންގެ ތެރޭގައި އެބަތިއްބެވި.

އެހެންވީމާ، އަޅުގަނޑުމެންނަށް މިދެއްކެނީ ވަރަށްދިގު މުއްދަތެއްގެ ވާހަކަ. ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއްގެ ވާހަކަ. ތިޔަބޭފުޅުންގެ މުޅި ޙަޔާތް ހޭދަކުރައްވާފައި ތިޔަވަނީ ސަރުކާރުގެ ޚިދްމަތުގައި. ރައްޔިތުންގެ ޚިދްމަތުގައި. މިއީ، އެއްވެސް ސަރުކާރަކުން ހަނދާންނައްތާލާނެ ކަމެއް ނޫން. އަދި އަމުދުން މިކަމަކީ ދިވެހި ސަރުކާރުން އެއްގޮތަކަށްވެސް ހަނދާންނައްތާލާނެ ކަމެއް ނޫން. ތިޔަބޭފުޅުންގެ ޚިދްމަތަކީ އެއްވެސްއިރެއްގައި ފޮހެވިގެންދާނެ ޚިދްމަތެއް ނޫން. އެއްވެސް މީހަކު ހިތުން ކައްސާލައިގެންދާނެ، އެއާ އަޅާނުލާ ބާއްވާނެ ޚިދްމަތެއް ނޫން. އެއަށްވުރެ ތިޔަބޭފުޅުން ތިޔަ ކޮށްދެއްވި ޚިދްމަތް، މާ ފުރިހަމަ. މާ ވަފާތެރި. މާ އިޚްލާޞްތެރި. މާ ރަނގަޅު. އެހެންވީމާ، މި ޙަފްލާއަކީ ހަމައެކަނި ތިޔަބޭފުޅުންނަށް ޙައްޤުވާ ޝުކުރު ދަންނަވާލުމަށް ބޭއްވުނު ޙަފްލާއެއް.

ދެންމެ މި ޙަފްލާ ތަޢާރުފު ކުރެއްވުމުގައި، އެ ވިދާޅުވިފަދައިން، މިރޭގެ މި ޙަފްލާގައި 50 އަހަރަށްވުރެ ދިގު މުއްދަތަކަށް ސަރުކާރަށް ޚިދްމަތް ކުރެއްވުމަށްފަހު، މި ޤާނޫނުގެ ދަށުން ވަކިވެވަޑައިގެންނެވި ބޭފުޅުންނަށް، ޝަރަފުގެ ހަނދާނީ ފިލައެއް އެރުވުން އެބައޮތް. އަދި އެނޫން ބޭފުޅުންނަށް، ޝަރަފުގެ ހަނދާނީ ލިޔުމެއް އެރުވުމަށްވަނީ ހަމަޖެހިފައި. އެހެންނަމަވެސް، މިރޭގެ މި ޙަފްލާގެ މިވަގުތުކޮޅުގެ ތެރޭގައި، ހުރިހާ ބޭފުޅުންނަށް އެ ލިޔުން ރައްދުކުރުމަކީ، ފަސޭހަކަމަކަށް ނުވާނެތީ، އެކަން އެހެން ވަގުތަކަށް މިވަނީ ދޫކޮށްލެވިފައި.

އާދެ! ސަރުކާރުގެ ޚިދްމަތަކީ ރައްޔިތުންގެ ޚިދްމަތް. މުޅި ޤައުމުގެ ޚިދްމަތް. ސަރުކާރަށް ޚިދްމަތް ކުރުމޭ އަޅުގަނޑުމެން ކިޔަސް، އޭގެ މާނައަކީ އެއީ ހަމަ ރައްޔިތުންނަށް ކޮށްދެވޭ ޚިދްމަތެކޭ. އަޅުގަނޑަށް އެނގޭ، ކުއްލިއަކަށް ވަޒީފާއިން ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަތީމާ، ތިޔަބޭފުޅުންނަށް ވަރަށްބޮޑު ހިތްދަތިކަމެއް ކުރިމަތިވާނެކަން. އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަބޭފުޅުންނަށް ހަމްދަރުދީވަން. ދިވެހި ސަރުކާރުން ތިޔަބޭފުޅުންނަށް ހަމްދަރުދީގެ ޝުޢޫރުތައް ޙިއްޞާކުރޭ. ތިޔަބޭފުޅުންގެ އަރިހަށް ފޮނުވަން.

ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މިނޫން ސިފައަކަށް މިކަންވޭތޯ ބެލުމަށް ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރި. ސިވިލް ސަރވިސްގެ ޤާނޫނަށް އިޞްލާޙު ގެނެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރި. އެހެންނަމަވެސް، ކަން ދިމާވިގޮތުން، އެ އިޞްލާޙުތައް އަދި މިވަނީ ސިވިލް ސަރވިސްގެ ޤާނޫނަށް ނައިސް. އެ އިޞްލާޙުތައް ގެނައުމުގެ ބޭނުމަކީ، ކުއްލިއަކަށް ވަޒީފާއިން ވަކިވުމުގެ ބަދަލުގައި، ކުރިއްސުރެ އެނގިގެން، އެމީހަކަށް ވަކި މުއްދަތެއް ލިބިދީފައި އޮތުން. އެމީހެއްގެ ޙަޔާތުގެ ކުރިއަށް އޮތްތަން ރާވައި، އެ ރޭވި ގޮތުގެ މަތިން ކަންތައް ކުރުމަށް މަގުފަހިކޮށްދިނުން.

މިކަން މިގޮތަށް ހަމަޖެހިގެން ނުދިޔައީތީ، އަޅުގަނޑު ވަރަށް ބޮޑަށް ހިތާމަކުރަން. އެހެންނަމަވެސް، އެކަން ވާންއޮތް އެންމެ ފުރިހަމަ ގޮތަކަށް އަދިވެސް ކުރެވޭތޯ ސަރުކާރުން ބަލާނެ ވާހަކަ ދަންނަވަން.

އާދެ! ބައެއް މީހުން ބުނެފާނެކަންނޭނގެ. މި ޤާނޫނު ފާސްވެގެން ޢަމަލު ކުރުމަށް ވަކި މުއްދަތެއް އޮތޭ. އެހެންވީމާ، އެމުއްދަތުގެ ތެރޭގައި ތިޔަބޭފުޅުންނަށް ނުވަތަ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންނަށް، އަޅުގަނޑު މިދެންނެވި ގޮތަށް ތައްޔާރުވެވަޑައިގަންނަވަން ފުރުޞަތު ލިބިވަޑައިގަންނަވާނެއޭ. އެހެންނަމަވެސް، އޭގެ ޖަވާބުގައި ދަންނަވަން އޮތީ، އެންމެންނަކީ ޤާނޫނީގޮތުން އެހާ ހޭލުންތެރި ބަޔަކަށް ނުވާނެއޭ. ޤާނޫނެއް ފާސްވިޔަސް، އަދި އޭގައި އޮތީ ކީކޭކަން، އޭގައި އޮތް ތަފްޞީލުތަކެއް، ގިނަ ބަޔަކަށް ނޭނގޭނެ. ޚަބަރުގައި ކިޔަސް، އެކަންކަން އޮޅުމެއްނުފިލާނެ. އެހެންވީމާ، އަޅުގަނޑަށް މިހާރު އެނގިފައި އޮތްގޮތުގައި، ވަޒީފާއިން ވަކިވުމުގެ ޗިޓު ލިބިވަޑައިގަތުމުގެ ކުރިން، ވަޒީފާއިން ވަކިވެވަޑައިގަންނަވާނެކަން އެނގިވަޑައިނުގަންނަވާ ކިތަންމެ ބޭފުޅުންނެއް އެބަ ތިއްބެވި. އެކަންވާނީ އެބޭފުޅަކަށް ލިބިވަޑައިގެންނެވި ވަރަށް ކުއްލި ޙައިރާންކަމަކަށް. އެހެންވީމާ، މިކަން ސަރުކާރުން ވަޒަންކުރާ ވާހަކަ ދަންނަވާލަން. މިގޮތަށް މިކަން ދިޔައީމާ، އެއީ ވަރަށް ހިތާމަކުރަންޖެހޭ ކަމެކޭ. އެ ނޫން ގޮތެއް މިފަހަރު ނެތިގެންދިޔައީއޭ ދަންނަވާލަން ބޭނުންވަނީ.

އެހެންނަމަވެސް، ތިޔަބޭފުޅުންގެ ޚިދްމަތަކީ، ކުރިންވެސް ދެންނެވިފަދައިން، ސަރުކާރުން ހަނދާންނައްތާލާނެ ޚިދްމަތެއް ނޫން. ކުރިއަށް އޮތް ތާނގައިވެސް، ތިޔަބޭފުޅުންނަށް ސަރުކާރުން ވެދެވެން އޮތް އެހީތަކެއްވިއްޔާ ވެދޭނެ. ހަމަޖެއްސެން އޮތް ޢިނާޔަތްތަކެއްވިއްޔާ ހަމަޖައްސައިދޭނެ. އެކަންކަން ވިސްނައި، އެކަންކަން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި ކުރިއަށް ގެންދާނަން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން ދަންނަވާލަން ބޭނުންވަނީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން ވަޒީފާއިން ވަކިކުރެއްވި ބޭފުޅުންގެ ޖަމުޢިއްޔާއެއް މިއަދުވަނީ އުފެދިފައޭ. ތިޔަ ހުރިހާ ބޭފުޅުންނަކީ، އެ ޖަމްޢިއްޔާގެ މެންބަރުން. ނުވަތަ އެ ޖަމްޢިއްޔާއާ ގުޅިވަޑައިގަންނަވަން ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށް، އެ ފުރުޞަތު މިހާރު ހުޅުވިފައި އެބައޮތް. އެ ޖަމުޢިއްޔާއަކީ، ތިޔަބޭފުޅުންނަށް ތަފާތު ރޮނގުރޮނގުން ޚިދްމަތް ކޮށްދެވޭތޯ ބަލާނެ ޖަމުޢިއްޔާއެއް. ތިޔަބޭފުޅުންގެ އަގުހުރި ތަޖުރިބާގެ ބޭނުންކޮށްގެން، ތިޔަބޭފުޅުންގެ ޤާބިލިއްޔަތާއި ހުނަރު ބޭނުންކޮށްގެން، ޤައުމަށް ފައިދާހުރި ގޮތްތަކެއް ރޭވޭތޯ ބަލާނެ ޖަމުޢިއްޔާއެއް. އަދި ތިޔަބޭފުޅުންގެ ކަންކަމާމެދު ވިސްނައި، ތިޔަބޭފުޅުންނަށް އެހީތެރިކަން ފޯރުވައިދެވޭތޯ ބަލާނެ ޖަމުޢިއްޔާއެއް. އެހެންވީމާ، އެ ޖަމުޢިއްޔާގައި ބައިވެރިވެވަޑައިގެންފިނަމަ، އެ ޖަމުޢިއްޔާގެ އެހީތެރިކަމާއި، ޖަމުޢިއްޔާގެ ފަރާތުން ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާ ޢިނާޔަތްތައް ލިބިވަޑައިގަންނަވާނެ ވާހަކަ ދަންނަވާލަން.

އާދެ! އަޅުގަނޑުގެ ވާހަކަ ނިންމާލާނީ، ތިޔަ ހުރިހާ ބޭފުޅުންނަށް މާތްﷲ ފުރިހަމަ ޞިއްޙަތެއް ދެއްވުން އެދި ދުޢާ ކުރަމުން. އަދި ތިޔަބޭފުޅުން ދިވެހި ޤައުމަށްޓަކައި، ދިވެހި ސަރުކާރަށްޓަކައި، ދިވެހި ރައްޔިތުންނަށްޓަކައި ތިޔަކޮށްދެއްވި އަގުހުރި ޚިދްމަތުގެ އަގު، އެކަލާނގެ ހެޔޮގޮތުގައި ދެއްކެވުން އެދި ދުޢާ ދަންނަވަމުން. އަދި ތިޔަބޭފުޅުންނަށާއި، މުޅި ދިވެހި ޤައުމަށް އަދި ތިޔަބޭފުޅުންގެ ޢާއިލާތަކަށް އުފާވެރި ދުވަސްތަކެއް ދެއްކެވުން އެދި އެކަލާނގެ ޙަޟުރަތުގައި އިބްތިހާލުވަމުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.