بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وأصـحَابِه أجمـعـين.

އާދެ! އަޅުގަނޑު ށ. އަތޮޅުގެ ބައެއް ރަށްރަށަށް މިކުރާ ދަތުރުގައި، މިއަދު ތިޔަބޭފުޅުންގެ ލޮބުވެތި ރަށް، ފޯކައިދުއަށް އައުމުން، މިރަށުގެ ވެރިންނާއި ކޮމިޓީތަކުގެ މެންބަރުންނާއި، ރަށުގެ ރައްޔިތުން، އަޅުގަނޑަށާއި ނަސްރީނާއަށް ވިދާޅުވި ވަރަށް ހޫނު މަރްޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މިރަށަށް ފޭބުމުގެ މާކުރިންވެސް މިރަށުގެ ރައްޔިތުން ވިދާޅުވާ މަރްޙަބާގެ ނިޝާންތައް އަޅުގަނޑަށް ދިޔައީ ފެންނަމުން. އަޅުގަނޑު ދަތުރުކުރި ލާންޗް އައިސް ރަށުގެ ބަނދަރަށް ވަނުމުގެ ކުރިން، ބަނދަރުގެ ތޮށިގަނޑުގައި އެއްކޮޅުން އަނެއްކޮޅަށް ދިވެހި ދިދަ ޖައްސަވާފައިވާތަން ފެނުނު. އެއީ، އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރި ކަމެއް. ހަމައެހެންމެ، ރަށަށް ފޭބިއިރު، ރަށުގެ ކޮންމެ މީހެއްގެ އަތުގައި ދިވެހި ދިދައެއް އޮތް. ސްކޫލް ކުދިންގެ އަތުގައިވެސް ދިވެހި ދިދައެއް އޮތް. އާދެ! އެއީ އަޅުގަނޑު ވަރަށް އުފާކުރި ކަމެއް. މިތަނުންވެސް މި ފެންނަނީ ބައިވަރު ދިދަ. ޙަޤީޤަތުގައި ދިވެހި ދިދައަކީ އަޅުގަނޑުމެން ދިވެހިރާއްޖޭގެ ފަޚުރު. ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދައްކައިދޭ ރަމްޒު. އަޅުގަނޑުމެންގެ ހިތްތަކުގައި ދިވެހި ޤައުމަށް އޮތް ލޯބި ދައްކައިދޭ ދަލީލު. އެހެންކަމުން، ތިޔަބޭފުޅުން ދިވެހި ދިދައިގެ އަގު ވަޒަން ކުރައްވައި، އެހާބޮޑު އިޙްތިރާމަކާ އެކީގައި ގެންގުޅުއްވާތީ، އެކަމަށްޓަކައި ވަރަށް ބޮޑަށް އުފާކޮށް، ފޯކައިދޫ ރައްޔިތުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

ދެންމެ ފޯކައިދޫ ބޮޑުކަތީބު އަލްފާޟިލް ޢަލީ ނިޒާރު އެ ދެއްކެވި ވާހަކަފުޅުން އަޅުގަނޑުގެވެސް ވަރަށް ކުރީގެ ހަނދާންތަކެއް އާވެގެންދިޔަ. އެންމެ ފުރަތަމަ އަޅުގަނޑުމެން ޢަލީ ނިޒާރު ދުށީ ވަރަށް ކުޑަކުޑަ ކުއްޖެއްގެ ގޮތުގައި. އޭރު ތަޢްލީމު ޙާޞިލު ކުރަން އުޅުނީ އެންދެރިމާގޭގައި. ޢަލީ ނިޒާރަކީ މިއަދު މިރަށުގެ ބޮޑުކަތީބު. އެހެންނަމަވެސް، އޭރު އަޅުގަނޑުމެންގެ ކައިރީގައި އުޅުނު ކުޑަ ކުއްޖެއް. އަޅުގަނޑުމެންގެ އަޚެއް. ހަމަ ޢާއިލާގެ މެންބަރެއް. އޭނާ މިހާރު އެމަގާމުގައި ހުންނަވައިގެން އެކުރައްވާ ޚިދްމަތްތައް އަޅުގަނޑަށް އެނގޭ. އެކަމަށްޓަކައި ޢަލީ ނިޒާރަށާއި، ރަށުގެ އެހެން ވެރިންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! ރަށުގެ ޙާލަތު އޭރު އޮތް ގޮތުގެ ވާހަކަ އޭނާ އެވިދާޅުވީ. އަޅުގަނޑަށް މިރަށަށް އާދެވުނީ، މީގެކުރިން އެންމެފަހަރަކު. އެއީ، 1980 ވަނަ އަހަރުގެ ޖަނަވަރީމަހުގެ ތެރޭގައި. އެހަނދާން ހުރި މީހަކު މިތާނގައި ވަރަށް މަދުވެސްވާނެކަންނޭނގެ. ގިނައީ ޒުވާނުން. އެހެންވީމާ، ޒުވާނުން ހަނދާނެއް ނުހުންނާނެ. ގިނަބަޔަކު އޭރު ދުނިޔެއަކު ނުވެސް ތިބޭނެކަންނޭނގެ. އެހެންނަމަވެސް، އޭގެފަހުން، އަޅުގަނޑުގެ މަސައްކަތް ހުރިގޮތުންނާ، އެކިސަބަބުތައް ދިމާވެގެން މިރަށަށް މިއޮތީ ޒިޔާރަތް ނުކުރެވި. އެދުވަހު އައުމަށްފަހުގައި، މިއަދު މިރަށަށް އައިމާ، މިރަށަށް އައިސްފައިމިވާ ކުރިއެރުމާއި ތަރައްޤީ އަޅުގަނޑަށްވެސް ވަރަށް ރަނގަޅަށް ފެނިއްޖެ. އެކަމާ އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. މިތަރައްޤީގެ އަޞްލު ސަބަބަކީ ތިޔަ ލޮބުވެތި ރައްޔިތުން. ތިޔަބޭފުޅުން ކުރެއްވި މަސައްކަތް. އެހެންކަމުން، ފޯކައިދޫގެ ރައްޔިތުންނަށް ޙައްޤުވާ ޝުކުރު އަޅުގަނޑު މިފުރުޞަތުގައި ދަންނަވަން.

އަޅުގަނޑު އަތޮޅުތަކަށް އޭރު ކުރި ޒިޔާރަތުގައި، އޭރަކު ބަނދަރުގެ ވާހަކައެއް ނުދައްކާ. މިހާރު މިދައްކާހެން އޯޑިއޯ ވިޝުއަލް ރޫމެއް ކީއްކުރަންތޯ، ސައިންސް ލެބެއް ކީއްކުރަންތޯ، ސްކޫލެއްގެ ވާހަކައެއްވެސް ނުދައްކާ. އޭރު ނަރުދަމާގެ ވާހަކައެއް ނުދައްކާ. ކަރަންޓުގެ ވާހަކައެއް ނުދައްކާ. ޞިއްޙީ މަރްކަޒެއްގެ ވާހަކައެއް ނުދައްކާ. އޭރު ރައްޔިތުން އެދެނީ ކޮންކަމަކަށްތޯ؟ މިސްކިތުގެ ކުނާތައް ބާވެފައި ހުރީމާ، ކުނާ އާކޮށްލަދޭން. މިސްކިތުވަޅުގެ ދާނިދަނޑި ހަލާކުވެފައި ހުރީމާ އާ ދާންޏެއް ހޯދައިދޭން. މިސްކިތް ދިއްލުމަށް ތެޔޮކޮޅެއް ހޯދައިދޭން. އޭރު ކަރަންޓެއް ނެތް. މިކަހަލަ ޙާލެއްގައި އަޅުގަނޑުމެން އޭރު ތިބީ.

އެކަމަކު މިހާރު ކޮބައިތޯ. އޭނާ އެވިދާޅުވިހެން، މިރަށުގައިވެސް މިހިރީ ވަރަށް ރަނގަޅު ފެންވަރެއްގެ ސްކޫލެއް އިމާރާތް ކުރެވިފައި. ސްކޫލްގައި ވަރަށް ރަނގަޅަށް ކިޔަވައިދެއްވާ، ތަމްރީނުވެފައި ތިއްބެވި ޓީޗަރުން އެބަތިއްބެވި. އަދި ސްކޫލްގައި ގްރޭޑް 10އާ ހަމައަށް އެބަ ކިޔަވައިދެވޭ. ކެމްބްރިޖް އޯ ލެވެލް އިމްތިޙާނުގައި، މީގެ އެތައް އަހަރެއް ކުރިއްސުރެ ފެށިގެން ކުދިން އިށީންނަމުން އެގެންދަނީ. އެހެން ކަންތައްތައްވެސް އެހެން. ޞިއްޙީ ޚިދްމަތްވެސް، ކަރަންޓްވެސް، ބަނދަރުވެސް. އާދެ! އަޅުގަނޑަށް އެނގޭ ބަނދަރު، 2003 ވަނަ އަހަރު ހަދާފައި އެއޮތީ. އެހެންނަމަވެސް، ބަނދަރަށް މިވަގުތުވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި. އެއީ، މޫސުމުގެ ސަބަބުންނާއި އަދި ސުނާމީގެ ސަބަބުން. އަދި ދެންމެ ނިޒާރު އެވިދާޅުވިފަދައިން، މިހާރު ނެރު ހެދިފައި އޮތް ތަނުގެ ގޮތުންވެސް، ވަދެ އުޅުމަށް ދަތިވާ ގޮތްތަކެއް އެބަދިމާވޭ. އެހެންވީމާ، މިހާރު ކުރިއަށް މިއޮތީ އެބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް. ދަންނަވަން މިއުޅޭ ވާހަކައަކީ، އޭރާ މިހާރާ އަޅާބަލާއިރު، ރާއްޖެއަށް އައިސްފައި މިއޮތީ ހާދަ ބޮޑު ތަފާތެކޭ. އައިސްފައި މިއޮތީ ހާދަ ބޮޑު ކުރިއެރުމެކޭ.

އަޅުގަނޑު އެންމެ ފުރަތަމަވެސް ރާއްޖޭގެ އަތޮޅުތަކަށް މިކުރަން ފެށި ދަތުރަކީ، ރާއްޖޭގައި މީހުން ދިރިއުޅޭ ޙާލަތު ދެނެގަތުމުގެ ބޭނުމުގައި ކުރަން ފެށި ދަތުރެއް. އެއީ އަޅުގަނޑު ރައީސްކަމާ ހަވާލުވިތާ، ތިންމަސް ދުވަހުގެ ތެރޭގައި އެދަތުރު ފެށީ. 1979 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި. އަޅުގަނޑު މިދަތުރުތަކުގައި ހަތަރު އަހަރު ހޭދަކުރިން. ރާއްޖޭގައި މީހުން އުޅޭ ކޮންމެ ރަށަކަށް އަޅުގަނޑު އެރިން. އެއިން ކޮންމެ ރަށެއްގެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކައި ހެދިން. އެމީހުންގެ ހާލުއަހުވާލު ބަލައިލައި ހެދިން. އަދި އެމީހުން ބޭނުންވަނީ ކޮންކޮން ކަންތައްތަކެއްތޯ އޮޅުންފިލުވިން. ކުރިންވެސް ދެންނެވިހެން އޭރު ރައްޔިތުން އެދެމުންދިޔައީ، ވަރަށްވެސް ސާދާ ކުދިކުދި ކަންތައްތަކަށް.

އެހެންނަމަވެސް، އޭރުން ފެށިގެން ސަރުކާރުން އަތޮޅުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢެއް ހިންގަން ފެށި. އެމަޝްރޫޢަށް އޭރުކީ ރާއްޖެތެރެ އިޞްލާޙުކޮށް ތަރައްޤީ ކުރުމުގެ މަޝްރޫޢޭ. އެ މަޝްރޫޢުގެ ދަށުން ވަރަށްގިނަ ކަންތައްތައް ކޮށްދެވުނު. ރަށުއޮފީސް ޢިމާރާތް ކުރުން، މިސްކިތް ޢިމާރާތް ކުރުން، އަތޮޅުއޮފީސް ޢިމާރާތް ކުރުން، ރަށުކޯޓު ޢިމާރާތް ކުރުން. މިހެންގޮސް އެކަހަލަ ވަރަށްގިނަ ކަންތައްތަކެއް، ރާއްޖޭގެ އަތޮޅުތަކަށް އޭރުވަނީ ކޮށްދެވިފައި. އަދި ފަހުން ބައެއް ރަށްރަށުގެ ފަޅު ފުންކޮށްދިނުން ނުވަތަ ނެރު ފުންކޮށްދިނުން ކަހަލަ މަސައްކަތްތައްވެސް ކުރެވުނު.

އޭގެފަހުން، މިހިންގުނީ ތަރައްޤީގެ ތަފާތު އެކިއެކި މަޝްރޫޢުތައް. ތަޢްލީމީ މަޝްރޫޢު. އަތޮޅުތަކުގައި ސްކޫލްތައް ޢިމާރާތް ކުރުން. އަތޮޅުތަކުގައި ރައްޔިތުންގެ ޞިއްޙީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި، ޞިއްޙީ މަޝްރޫޢުތައް. ފުރަތަމަ، ރީޖަނަލް ހޮސްޕިޓަލްތަކާއި، އަތޮޅު ހަސްފަތާލުތަކާއި، ދެން ޞިއްޙީ މަރްކަޒުތަކާއި، ހެލްތް ޕޯސްޓްތަކާ، މިހުރިހާ ތަނެއް އިމާރާތްކޮށް ހެދުނު. އަދި ކޮންމެވެސް ވަރަކަށް ކަރަންޓުގެ ޚިދްމަތް، އެކި ރަށްރަށަށް ދެމުން ގެންދެވުނު. މިހެންގޮސް ތަފާތު ދާއިރާތަކުން ތަފާތު މަސައްކަތްތަކެއްވަނީ ކޮށްދެވިފައި. އަދި ޚާއްޞަކޮށް، މަސްވެރިކަން ތަރައްޤީ ކުރުމަށްވެސް ވަރަށްގިނަ މަސައްކަތްތަކެއްވަނީ ކުރެވިފައި. ބޭރުގެ އެކިއެކި ލޯނުގެ އެހީ ހޯދައިގެން، ދޯނިފަހަރުގައި އިންޖީނު އަޅައިދިނުމާއި، އަދި މަސްވެރިކަމަށް ބޭނުންވާ އެހެން ވަސީލަތްތައް ޤާއިމުކޮށްދިނުމާއި، މިކަހަލަ ބައިވަރު ކަންތައްތަކެއްވަނީ ކޮށްދެވިފައި. އޭގެ ސަބަބުން، މިއަދު ރާއްޖޭގެ ރައްޔިތުން ދިރިއުޅެމުން މިގެންދަނީ، އޭރާ އަޅާބަލާއިރު ވަރަށް ތަނަވަސް ގޮތެއްގައި. އެކަމަށްޓަކައި އަޅުގަނޑުމެން އެންމެ ފުރަތަމަވެސް ޙަމްދު ކުރަން ޖެހޭނީ اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް. އެކަލާނގެ މިންވަރުފުޅުން އެކަލާނގެ އޯގާވަންތަކަމުން އަޅުގަނޑުމެންނަށް އަޅުގަނޑުމެން ކުރި މަސައްކަތުގެ ނަތީޖާ ފެނިގެން ގޮސްފައި މިވަނީ. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ اللّـه سبحـانـه وتعـالى އަށް ޙަމްދު ކުރަން. ޝުކުރުވެރިވާން. އަދި އެއާ އެކީގައި އަޅުގަނޑުމެން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރަން.

އާދެ! ފޯކައިދުއަކީވެސް ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް، މިދެންނެވި އުޞޫލުން ހިނގަމުން ގޮސްފައިވާ ރަށެއް. ކުރެވިފައިވާ ކަންތައްތަކުގެ ވާހަކަ ކޮންމެހެން އަޅުގަނޑު ދަންނަވާކަށް ބޭނުމެއް ނޫން. އެކަންތައްތައް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ބަނދަރުގެ ވާހަކަ ދަންނަވާލިން. ބަނދަރު ހެދުމާއި، ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން 2003 ވަނަ އަހަރުވަނީ ބަނދަރު ހަދާ ނިމިފައި. އެހެންނަމަވެސް، ކުރިން ދެންނެވިކަހަލަ ގެއްލުންތަކެއް ލިބުމުން، މިހާރު ބަނދަރު ހަލާކުވެފައިވާތީ، ރަށުގެ ނެރު ބަދަލުކުރުމާއި، ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތްވެސް ކުރާގޮތަށް މިހާރުވަނީ ހަމަޖެހިފައި. މި މަޝްރޫޢުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދައި، އެފަރާތަކާ މިހާރު އެގެންދަނީ މަޝްވަރާ ކުރަމުން. އިރާދަކުރެއްވިއްޔާ މި މަސައްކަތް ކައިރި މުސްތަޤްބަލެއްގައި ފެށޭނެ.

ފޯކައިދުއަކީ އިޤްތިޞާދީ އެންމެ މުހިންމު ދެމަސައްކަތް ކުރާ ރަށެއް. ވަރަށް މުހިންމު ދެމަސައްކަތެއް. އެއްމަސައްކަތަކީ މަސްވެރިކަން. މިހާރު ފޯކައިދުއަކީ، ވަރަށް ރަނގަޅަށް މަސްވެރިކަން ކުރާ ރަށެއް. ހަމައެހެންމެ، ދަނޑުވެރިކަމުގެ މަސައްކަތްވެސް ވަރަށް ރަނގަޅު ފެންވަރެއްގައި ކުރާ ރަށެއް. މިރަށުން ލިބޭ ތަކެތި މާލެ ގެންގޮސް ވިއްކާ ހަދައި، އެއިން ލިބޭ އާމްދަނީން އެކަންތައްތައް ރައްޔިތުން ކުރައްވަމުން ގެންދަވާ.

ދެން އަޅުގަނޑުމެން ވިސްނާލަންވާ ކަމަކީ، މިކަންކަމަކީ ޒަމާނަށް އަންނަ ތަރައްޤީއާ ގުޅިގެން، އިތުރަށް ބަދަލުވާންޖެހޭނެ ކަންތައްތަކެއްކަން. މިސާލަކަށް ދަންނަވަންޏާ މަސްވެރިކަން. މިހާރު އަޅުގަނޑުމެން މަސްވެރިކަން ކުރަމުން މިގެންދަނީ، މީގެ 30 އަހަރު، 40 އަހަރު، 50 އަހަރު ކުރިން މަސްވެރިކަން ކުރި ގޮތަކަށް ނޫން. ވަރަށް ތަފާތު ގޮތަކަށް. މަސްވެރިކަމުގެ ބާވަތްތައްވެސް ތަފާތުވެއްޖެ. އޭގެ ހުނަރުތައްވެސް ތަފާތު. ކުރާ ގޮތްތައްވެސް ތަފާތު. ވަސީލަތްތައްވެސް ތަފާތުވެއްޖެ. އެހެންވީމާ، ކުރިއަށް އޮތް ތަނަށް ވިސްނާފައި، ރާއްޖޭގެ މަސްވެރިންނަށާއި، މަސްވެރި ޢާއިލާތަކަށާއި، ރަށްރަށުގެ ރައްޔިތުންނަށާއި އަދި ޤައުމުގެ އިޤްތިޞާދަށް ރާއްޖޭގެ މަސްވެރިކަމުން އެންމެ ފައިދާކުރާނީ ކިހިނެއް މަސްވެރިކަން ކުރިއްޔާތޯ ބަލާފައި، އެގޮތަކަށް އަޅުގަނޑުމެން ކަންތައްތައް ކުރަމުން ގެންދަން އެބަޖެހޭ.

އާދެ! ފޯކައިދޫ ޒުވާނުންނަކީ، ވަރަށް ހޭލުންތެރި ހިންމަތްތެރި ބައެއް. އެންމެ ފުރަތަމަ ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މިރަށުގައި މަސްތުވާތަކެތީގެ އެއްވެސްކަހަލަ ނުރައްކަލެއް ނެތް ވާހަކަ. އަޅުގަނޑު މިރަށަށް އައިއިރު ލިޔެފައި ހުރި ބައެއް ލިޔުންތަކުން ފެންނަންހުރި. "ފޯކައިދުއަކީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ ރަށެކޭ." މިހެން ލިޔެފައި އެބަހުރި. އެއީ އަޅުގަނޑު ވަރަށް އުފާކުރި ކަމެއް. އެކަމަށްޓަކައި ފޯކައިދޫ ރައްޔިތުންނަށާއި ޒުވާނުންނަށާއި ވެރިންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަން.

މިރަށުގައި އެކަންތައް ކުރާ ގޮތަށް، އެހެން ރަށްރަށުންވެސް ކޮށްފިކަމަށްވަންޏާ، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތުންވެސް މަސްތުވާތަކެތީގެ ނުރައްކަލުން އަޅުގަނޑުމެންގެ ރަށްތައް ސަލާމަތް ކުރެވޭނެ. ބޮޑުކަތީބުގެ ފަރާތްޕުޅުން އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި، ޝައްކު ކުރެވޭ އެއްވެސް ކަހަލަ މީހަކު މިރަށަށް އަތުވެއްޖިއްޔާ، ޒުވާނުން އެމީހަކު ދެނެގަނެ، އަދި ބޮޑުކަތީބަށް އަންގައި، ބޮޑުކަތީބު ފުލުހުންނަށް އަންގަވައި، ފުލުހުން އައިސް އެމީހަކާ ހަވާލުވެ، އެމީހަކު ރަށުން ގެންދާނެ. މިގޮތަށް ކަންތައް ކުރެއްވީމާ، އެއްވެސް އިރެއްގައި މިރަށަށް މަސްތުވާތަކެތި އެތެރެވެފައެއް ނެތް. މަސްތުވާތަކެތި ބޭނުންކުރާ މީހަކުވެސް ނެތް. މިއީ، އަޅުގަނޑު ދަންނަވާނީ، ރަށުގެ ރައްޔިތުން ހޯއްދަވާފައިވާ ވަރަށްބޮޑު ކާމިޔާބީއެކޭ. އެހެންވީމާ، މިކާމިޔާބީ ރައްޔިތުން ދަމަހައްޓަން އެބަޖެހޭ. އަދި އަޅުގަނޑު ދަންނަވާނީ، އެހެން ރަށްރަށުގެ ރައްޔިތުންވެސް މިކަމުން ނަމޫނާއެއް އެބަ ހޯއްދަވަންޖެހެއޭ. އެހެން ރަށްރަށުގެ ރައްޔިތުންވެސް، ފޯކައިދޫ ރައްޔިތުން މިކަމަށް ދެއްވާ ސަމާލުކަން ދެއްވައިގެން، އަމިއްލައަށް މިމަސައްކަތް ކުރައްވައިފިއްޔާ ވަރަށްބޮޑުތަން ރަނގަޅުވެގެންދާނެކަން އަޅުގަނޑަށް ޔަޤީން.

ދެން އަޅުގަނޑު ދަންނަވާލަން އޮތީ ދީނާބެހޭ ވާހަކައެއް. އެއީ އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި، ފޯކައިދޫ ރައްޔިތުންނަކީ ވަރަށް ދީންވެރި، ދީނަށް ވަރަށްބޮޑު ޝައުޤުވެރިކަމެއް ދެއްވާ ބައެއް. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. ފޯކައިދޫ ރައްޔިތުންނަށް އެކަމަށްޓަކައި ތަހުނިޔާވެސް ދަންނަވަން.

އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމެއް. އަޅުގަނޑުމެން އެންމެންނަކީ މުސްލިމުން. މިއީ، މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ އެންމެބޮޑު ނިޢުމަތް. އެ ނިޢުމަތުގެ މަތިން އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭނެ. ނިޢުމަތުގެ މަތިން ހަނދާން ކުރުމަކީ، ހަމައެކަނި ދުލުން ބުނެލާ ބަހަކަށް ވެގެނެއް ނުވާނެ. ނިޢުމަތް ހަނދާން ކުރުމަކީ، ނިޢުމަތަށް ޝުކުރު ކުރުމަކީ، ޢަމަލީގޮތުން އެކަން ކުރުން. އެއީ، ﷲ އަންގަވާފައިވާ ގޮތަށް އުޅުން. ދީނުގައި ފަރުޟު ކުރައްވާފައިވާ ކަންތައްތައް ފަރުވާތެރިކަމާއެކު ކުރަމުން ގެންދިޔުން. ފަރުޟު ފަސްނަމާދުކުރުން. ރަމަޟާން މަހުގެ ރޯދަ ހިފުން. ޒަކާތް ދިނުން. އެކަމަށް ކެރިކުޅަދާނަވެގެންވާ މީހަކުނަމަ ޙައްޖުވުން. މިހިރީ ދީނުގެ ކަންތައްތައް ހުރިގޮތް. މިކަންތައްތައް އަޅުގަނޑުމެން ކުރަން އެބަޖެހޭ.

ހަމައެއާއެކީގައި، މާތްވެގެންވާ އިސްލާމްދީނަކީ، ރަޙްމަތުގެ ދީންކަންވެސް އަޅުގަނޑުމެން އަބަދު ހަނދާން ކުރަންޖެހޭ. އިސްލާމްދީނަކީ، މާތްﷲ އިންސާނިއްޔަތަށް ހަދިޔާ ކުރެއްވި އެންމެ މަތިވެރި ރަޙްމަތް. މިކަން އެނގެނީ، މި ދީން އަޅުގަނޑުމެންނާ ހަމައަށް ގެނެސްދެއްވި މާތް ސާހިބާއަކީ ރަޙްމަތެއްގެ ގޮތުގައި ފޮނުއްވި ބޭކަލެއްކަން، މާތްﷲ އަންގަވާފައިވާތީ. މާތްﷲ ވަޙީކުރައްވާފައިވަނީ، "وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ" (الأنبياء: 107) މާނައީ: "އަދި عالم ތަކަށް رحمة އެއް ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ. މާތްﷲ ކީރިތި ރަސޫލާ مُحَمَّـد صـلّى الله علـيـه وسـلّم ފޮނުއްވާފައި އެވަނީ، އެންމެހައި މީސްތަކުންނަށް ރަޙްމަތެއްގެ ގޮތުގައި." "رحمة" އެއީ ކޮންއެއްޗެއްތޯ؟ رحمة އަކީ އޯގާތެރިކަން، އިޙްސާންތެރިކަން. އެކަކު އަނެކަކާ ދޭތެރޭގައި ހިތްހެޔޮކުރުން. އެކުވެރިވެ އުޅުން. އެއްބަޔަކު އަނެއްބަޔަކާ އެއްބާރުލައިގެން އުޅުން. އެހެންވީމާ، ރަޙްމަތުގެ ތެރެއަކު ދެކޮޅުވެރިވުމެއް ނުހިމެނޭ. އެއްބަޔަކު އަނެއްބަޔަކަށް ފާޑުކިޔައި، އެއްޗެހި ކިޔުމެއް ނުހިމެނޭ. ބައިބައިވުމެއް ނުހިމެނޭ. މިކަން އަޅުގަނޑުމެން އެބަޖެހޭ ގަބޫލުކުރަން.

ހަމައެފަދައިން، މުއުމިނުންނަކީ އަޚުންތަކެއް ކަމުގައި މާތްﷲ ވަނީ ލައްވާފައި. ﷲ ވަޙީކުރައްވަނީ، "إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ" (الحجرات: 10) މާނައީ: "مؤمنން ވާކަންކަށަވަރީ، أخ ންތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ދެ أخ ން ދެމެދު ތިޔަބައިމީހުން صلح ކުރާށެވެ!" މާނައަކީ، މުއުމިނުންގެ ތެރޭގައި އެއްވެސްކަހަލަ ޚިޔާލު ތަފާތުވުމެއް، ހަމަނުޖެހުމެއް، ދެކޮޅުވެރިކަމެއް އުޅޭކަމަށްވަންޏާ، އެކަން އިޞްލާޙު ކުރުމަކީ މުޅި އުންމަތުގެ ވާޖިބެއް. މުޅި ޖަމާޢަތުގެ ވާޖިބެއް. އެހެންވީމާ، އެޖަމާޢަތުގެ އެންމެންގެ މައްޗަށް ވާޖިބުވޭ، ހުރިހާ އެންމެން އެކުވެރިކުރުން، އެކުވެރިކޮށްގެން ޞުލްޙަވެރިކޮށްގެން ގެންގުޅުން.

ދީނަކީ ރަޙްމަތަކަށްވާއިރު، ދީނުގައި އޮތީ ކިހިނެއްތޯ ބަލައިލަން އެބަޖެހޭ. މާތްވެގެންވާ އިސްލާމްދީނަކީ ވަރަށް ފަސޭހަ ދީނެއް. ލުއިދީނެއް. އެކަން ކީރިތި ޤުރްއާނުގެ އެތައް އާޔަތަކުން އަޅުގަނޑުމެންނަށް އަންގަވާފައި އެބައޮތް. "يُرِيدُ اللّهُ بِكُمُ الْيُسْرَ وَلاَ يُرِيدُ بِكُمُ الْعُسْرَ" (البقرة : 185) މާނައީ: "اللّـه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއްނުކުރައްވަތެވެ."

ކީރިތިރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގައިވޭ. "أوغلوا فى هذا الدين برفق" "ތިޔަބައިމީހުން މިދީނުގެ ތެރެއަށް އޯގާވެރިކަމާއި މަޑުމައިތިރިކަމާއެކު ވަދެގެންދާށޭ." "فإن المنبتّ لا أرضا قطع، ولا ظهرا أبقى" ވަރަށް ރީތި މިސާލެއް ޖައްސަވައިދެއްވާފައި މިވަނީ. އެ މިސާލަކީ، އެޒަމާނުގައި މީހަކު ތަނަކަށް ދާން ބޭނުންވެގެން ސަވާރީއަކަށް އަރައިގެން ދަތުރުކުރާ މީހާގެ މިސާލު. އެމީހާ ދާން ބޭނުންވާ މަންޒިލަށް ދިޔުމަށްޓަކައި، އެ ސަވާރީއަކަށް ކުޅަދާނަނުވާހާ ބާރުމިނެއްގައި ދަތުރުކުރަން އުޅެފިއްޔާ ވާނެގޮތް. އޭރުންވާނޭގޮތަކީ އޭނާއަކަށް އެދަތުރެއްވެސް ފުރިހަމައެއްނުކުރެވޭނެ. އަދި އޭނާގެ ސަވާރީ ސަލާމަތެއްވެސް ނުކުރެވޭނެ. ސަވާރީވެސް ދާނީ ހަލާކުވެގެން. ވަރުބަލިވެގެން. ބަލިވެގެން. މަރުވެސްވެދާނެ. އަދި އޭނާ ކުރަން އުޅުނު ދަތުރުވެސް ނުކުރެވި، އެހިސާބުން ހުއްޓާލަން ޖެހުނީ. އެހެންވީމާ، ތަނެއްދޮރެއް ނުބަލައި، ގަދައަށް ކަމެއްގެ ތެރެއަށް ވަދެގެންދާ މީހާއަށް ވާނީ މިހެންނޭ.

އެހެންވީމާ، ދީނަކީވެސް ވަރަށް މަޑުމައިތިރި ފަސޭހަ، ޞުލްޙަވެރި، އަމާން ދީނެކޭ. އެދީނުގެ ތެރެއަށް ކަލޭމެން ވަންނަން ޖެހޭނީ މަޑުމަޑުންނޭ. ތިޔަބައިމީހުން ދީނުގެ ތެރެއަށް ވަންނަންޖެހޭނީ މަޑުމަޑުންނޭ. އަދި ވަރަށް އޯގާތެރިކަމާއެކީގައޭ ދީނުގެ ކަންތައްތައް ކުރަމުން ދާންޖެހޭނީ. މިހިރީ ވަރަށް މަތިވެރި ނަބަވީ އިރުޝާދުތަކެއް. އަޅުގަނޑުމެން މި އިރުޝާދުތަކަށް ބޯލަނބަން އެބަޖެހޭ. އަދި ޚިޔާލު ތަފާތުވިޔަސް، ތިމާ ގަބޫލުކުރާގޮތް ނޫން ގޮތެއް ގަބޫލުކުރާ މީހާ އެއީ މުސްލިމަކު ނޫނޭ، މުއުމިނަކު ނޫނޭ، ގޯސް މީހެކޭ، އެހެން ބުނެގެނެއްނުވާނެ. އެކަކު އަނެކަކަށް ކަމޭހިތަންވާނެ. އިޙްތިރާމް ކުރަންވާނެ. އަދި ދީނުގައި ވަރަށް ލުއިފަސޭހަ ކަންތައްތަކެއް ޝަރުޢު ކުރައްވާފައި އޮތީމާ، އެ ލުއިފަސޭހައިގައި ހިފަންޖެހޭނެ. އެ ބަލައިގަންނަންޖެހޭނެ. ކަންތައްތައް ލުއިކޮށްދެއްވާފައި އެވަނީ، ﷲގެ ފަޟުލުވަންތަވެރިކަމުން، އެކަލާނގެ ރަޙްމަތުގެ ބޮޑުކަމުން. އެހެންވީމާ، ﷲ ދެއްވި ލުއި ގަބޫލު ކުރުމަކީ، އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް.

އާދެ! އަޅުގަނޑުމެންނަކީ މުސްލިމުން. އިސްލާމްދީނުގައި ވަރުގަދައަށް ފައިތިލަ ސާބިތުކުރަން ޖެހޭނެ. އެހެންނަމަވެސް، ދީނީ ކަންކަމުގައި އަޅުގަނޑުމެން ވިސްނުންތެރިކަން ގެންގުޅެން ޖެހޭނެ. މަޑުމައިތިރިކަން ގެންގުޅެންޖެހޭނެ. މެދުމިން އުޞޫލު ގެންގުޅެންޖެހޭނެ.

މާތްﷲ، ވަޙީކުރައްވަނީ، "وَكَذَلِكَ جَعَلْنَاكُمْ أُمَّةً وَسَطاً" (البقرة : 143) މާނައީ: "އަދި ހަމައެފަދައިން، މެދުމިން أمّة އެއް ކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ." މާނައަކީ، އެއްވެސް ކަމެއްގައި ހައްދުފަހަނަޅައި ނުދާ ބަޔެއް ކަމުގައި، ހުރިހާ ކަމެއްގައި މެދުމިނުގެ އުޞޫލު، ރީތި އުޞޫލު ގެންގުޅުން އެއީ އިސްލާމްދީނުގެ ގޮތް.

އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިރަށުގެ ރައްޔިތުންނަކީ، ދީނީ ކަންތައްތަކަށް ލޯބިކުރައްވައި، ދީނީ ކަންތައްތަކަށް ޝައުޤުވެރިވާ ބަޔަކަށްވާތީ، އެކަމަށްޓަކައި ވަރަށް ބޮޑަށް އުފާކުރަމޭ. އަދި އެގޮތުގައި ދެމިތިއްބެވުމަށް ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ނަސޭހަތްތެރިވެ އިލްތިމާސް ކުރަމޭ. ހަމައެއާއެކީގައި ދީނުގައި އޮތް ލުއިފަސޭހަކަން ގަބޫލުކުރައްވައި، އަޅުގަނޑުމެން އެންމެން އެކުވެރި ބަޔަކަށްވެގެން، ހިތްހެޔޮކަމާ އެކީގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން، އެކިއެކި ކަންތައްތައް ކުރަމުން ކުރިއަށް ގެންދިޔުމަށް ހުރިހާ އެންމެންނަށް އަޅުގަނޑު ނަސޭހަތްތެރިވެ އިލްތިމާސް ކުރަމޭ.

އާދެ! މިވާހަކަކޮޅު ދަންނަވާލުމަށްފަހު، އަޅުގަނޑުގެ ވާހަކަ ނިންމާލަން ގަސްދުކުރަނީ. މިއަދު ފޯކައިދުއަށް އައުމަކީ އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. ފޯކައިދޫ ރައްޔިތުން އަޅުގަނޑަށް ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން. އަދި އަޅުގަނޑު އެދެނީ، ތިޔަ ހުރިހާ ރައްޔިތުންނަށް މާތްﷲ ހެޔޮގޮތްތައް މިންވަރު ކުރައްވައި، މާތްﷲގެ ނިޢުމަތާއި ރަޙްމަތުގައި ތިޔަ ހުރިހާ ރައްޔިތުން ލެހެއްޓެވުން. އަދި އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ، ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ދަމަހައްޓަވައި، އަޅުގަނޑުމެންނަށް ކުރިއެރުމާއި ތަރައްޤީގެ މަގުތައް ތަނަވަސްކޮށްދެއްވައި، އަޅުގަނޑުމެންގެ މެދުގައި ހަމަޖެހުމާއި، އުޚުއްވަތްތެރިކަމާއި، އިޙްސާންތެރިކަމާއި، އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ޤާއިމުކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.