بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

އާދެ! މިލަދުންމަޑުލު އުތުރުބުރިއަށް މިފަހަރު އަޅުގަނޑާއި ނަސްރީނާ ކުރަމުން މިގެންދާ ދަތުރުގައި، އެންމެފަހު މަންޒިލަކަށް މިވީ ތިޔަބޭފުޅުންގެ ލޮބުވެތި ރަށް، ފޭދޫ. ފޭދުއަށް އަޅުގަނޑުމެން އައުމުން، ތިޔަ ހުރިހާ ބޭފުޅުން، އާދެ! މިރަށުގެ ވެރިންނާއި، ކޮމިޓީތަކުގެ މެންބަރުންނާއި، ޢާންމު ރައްޔިތުންނާއި، ސްކޫލް ކުދިންނާއި، ސަރުކާރުގެ މުވައްޒަފުންނާ، މިހުރިހާ ބޭފުޅުން އަޅުގަނޑުމެންނަށް ތިޔަ ވިދާޅުވި ވަރަށް ހޫނު، ވަރަށް އިޚްލާޞްތެރި މަރްޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް ފަށްފަށުން ޝުކުރު ދަންނަވަން.

ދެންމެ ކަތީބު މުޙަންމަދު ޝުކުރީގެ ވާހަކަފުޅުގައި، މާކުރިން އެއްފަހަރަކު އަޅުގަނޑު މިރަށަށް އައި ވާހަކަ ވިދާޅުވެއްޖެ. 1980 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު. އެދަތުރުގެ މަތިން އަޅުގަނޑު ވަރަށް ރަނގަޅަށް ހަނދާން އެބަހުރި. އެއިރާ މިހާރާ ވަރަށް ތަފާތުބޮޑު. އެފަހަރު އަޅުގަނޑާ އެކީގައި ދައުލަތުގެ ވަރަށް ޚާއްޞަ ޢިއްޒަތްތެރިއަކު ވަޑައިގެންނެވި. އާދެ! އެބޭފުޅަކީ، އަލްއުސްތާޛު އިބްރާހީމް ޝިހާބް. އެ އަހަރަކީ ޤައުމީ ދުވަސް، އުތީމުގައި ފާހަގަކުރި އަހަރު. އެކަން ނިމިގެން، އަޅުގަނޑުމެން ށ. އަތޮޅުގެ ބައެއް ދަތުރުތަކަށް ކުރި ދަތުރުތަކުގައި ފޭދުއަށް އައީ. އެދުވަހު ފޭބުނީ މިރަށުގެ ކޮންދިމާއަކަށް ކަމެއް އަޅުގަނޑު މިހާރު ހަނދާނެއް ނެތް. އެހެންނަމަވެސް، މީހުން އުޅޭ ހިސާބަށް އާދެވުނީ ވަރަށް ދިގު މަގެއްގައި ހިނގާފައި. ރަށަކީ ވަރަށްބޮޑު ރަށެއް. އެމަގަކީވެސް ވަރަށްދިގު މަގެއް. އެއީ، 28 އަހަރު ނުވަތަ 29 އަހަރު ކުރި. އޭރު މިހާރަށްވުރެ އަޅުގަނޑު ތަންކޮޅެއް ޒުވާން. އެހެންވީމާ، އެދުވަހު އެ ހިނގުމަކީ އަޅުގަނޑަށް މާބޮޑު ކަމަކަށްނުވި. އެހެންނަމަވެސް، އަލްމަރްޙޫމް އަލްއުސްތާޛު އިބްރާހީމް ޝިހާބް އަޅުގަނޑަށްވުރެ ދޮށިފުޅު. އެމަނިކުފާނުގެ ޞިއްޙީ ޙާލުކޮޅު ހުރިގޮތުން އެހާ ދުރަށް ހިންގަވާފައި ވަޑައިގަތުމަކީ މާފަސޭހަފުޅު ކަމަކަށްނުވި. އެހެންނަމަވެސް، ވަރަށް ހިތްވަރު ކުރެއްވި. ހިތްވަރު ކުރައްވާފައި ވަރަށް ސާބިތުކަމާއެކީގައި ވަޑައިގެންނެވި. ވަޑައިގެންނެވިއިރު ދެފައިންޕުޅު އޮތީ ދުޅަވެފައި. އޭރު ކަންތައް ހުރިގޮތް. އެކަމަކު މިހާރު އަޅުގަނޑުމެން މިދެކެނީ މުޅިން އެހެން ދުވަހެއް. އެހެން ތާރީޚެއް.

އެހެންވީމާ، ރާއްޖެއަށް ކުރިއެރުންތަކެއް ލިބިއްޖެކަމާ ދޭތެރެއަކު ޝައްކެއްނެތް. މުޙަންމަދު ޝުކުރީގެ ވާހަކަފުޅުގައި އެ ވާހަކަ ވިދާޅުވެއްޖެ. އަޅުގަނޑުވެސް ދަންނަވަން މި އުޅޭ ވާހަކައަކީ، އެއިރާ މިހާރާ ވަރަށް ބޮޑަށް ތަފާތޭ. އޭރު އަޅުގަނޑުމެންގެ ބޭނުންތަކާއި، މިހާރުގެ ބޭނުންތަކާވެސް އެހާ ތަފާތޭ. އޭރު ލިބެންހުރި ޚިދްމަތްތަކާއި، މިހާރު ލިބެންހުރި ޚިދްމަތްތަކާވެސް އެހާ ތަފާތޭ. އޭރު ރައްޔިތުންގެ ޖީބުގައިވާ ތަނަވަސްކަމާއި، މިހާރު ރައްޔިތުންގެ ޖީބުގައިވާ ތަނަވަސްކަމާ ވަރަށް ތަފާތޭ. މިކަންކަމަކީ ޙަޤީޤަތް ގަބޫލުކުރާ ކޮންމެ މީހަކުވެސް ގަބޫލުކުރަންޖެހޭނެ ކަމެއް.

އާދެ! އަޅުގަނޑު މިރަށަށް އައުމުން، މިރަށުގެ ރައްޔިތުން ވިދާޅުވީ ވަރަށް ހޫނު މަރްޙަބާއެއް. އަދި ދަންނަވާލަން ބޭނުންވޭ. މިރަށުގެ ޒުވާން ލަވަ ގްރޫޕްގެ ފަރާތުންވެސް ވަރަށް ރީތި ލަވަތަކެއް ކިޔައި، މަރްޙަބާގެ ހަރަކާތްތަކެއް އަޅުގަނޑުމެންނަށް ދެއްކި. އެކަމަށްޓަކައި ލަވަ ގްރޫޕްގެ ހުރިހާ މެންބަރުންނަށް އަޅުގަނޑު ވަރަށް އުފަލާއެކު ޝުކުރު އަދާކުރަން.

ފޭދުއަކީ ރާއްޖޭގެ އެހެން ރަށްތަކެކޭ އެއްފަދައިން، ވޭތުވެދިޔަތާނގައި ސަރުކާރުން ތަރައްޤީގެ މަސައްކަތްތަކެއް ހިންގާފައިވާ ރަށެއް. އެވާހަކަ ކޮންމެހެން އަޅުގަނޑު އިތުރަށް ދަންނަވާކަށް ނެތިން. މިހާރު މިރަށަށް ކުރިމަތިވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ، ލަފާފުރުމުގެ ދަތިކަން ޙައްލުކުރުން. އާދެ! އެމަސައްކަތް މިހާރު ވަރަށް ރަނގަޅަށް ކުރެވެމުން އެބަދޭ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށް މި ކުރެވޭ މަސައްކަތުގެ ވަރަށްބޮޑު ބައެއް މިހާރުވަނީ ނިމިފައި. އިރާދަކުރެއްވިއްޔާ، މިއަންނަ މަހުގެ ތެރޭގައި އެމަސައްކަތް މުޅިން ނިންމައިލެވޭނެ ކަމަށް، އެމަސައްކަތް ކުރާ ފަރާތުން މަޢުލޫމާތުދޭ. އެކަން އެހެން ވެއްޖެނަމަ، ޝައްކެއްނެތްގޮތުގައި، އެއީ މިރަށުގެ ރައްޔިތުންނަށް ލިބޭނެ ވަރަށްބޮޑު ކުރިއެރުމެއް. ވަރަށްބޮޑު ފަސޭހައެއް.

ފޭދުއަކީ ތަރައްޤީއަށް ވަރަށް ލޯބި ކުރައްވާ ރައްޔިތަކު ދިރިއުޅުއްވާ ރަށެއް. ރަށުގެ ތަރައްޤީއަށްޓަކައި ރައްޔިތުން ކުރައްވާ މަސައްކަތްތަކަށްޓަކައި، ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން. މިރަށުގެ ރައްޔިތުން ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، މިހާރު ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ހިމެނޭ. ހަމައެހެންމެ، ދަނޑުވެރިކަމާއި މަސްވެރިކަންވެސް ހިމެނޭ.

އެނގިވަޑައިގަންނަވާނެ ފަދައިން، ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު އެއް ބިންގާ. އެކަން ފުޅާކޮށް ތަރައްޤީ ކުރުމަށް ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް މިދަނީ ކުރަމުން. ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް ފަތުރުވެރިކަމުގެ މަންޒިލްތަކެއް ޤާއިމުކުރެވޭތޯ ސަރުކާރުން މިގެންދަނީ މަސައްކަތް ކުރަމުން. އެނގިވަޑައިގަންނަވާނެ ފަދައިން، މިއަތޮޅުން 6 ރަށެއް މިހާރުވަނީ ރިޒޯޓު ތަރައްޤީ ކުރުމަށް ކުއްޔަށްދީފައި. އެއީ ޖުމްލަ 1070 އެނދު ހިމެނޭ 6 ރިޒޯޓު. މި 6 ރަށުގެ ތެރެއިން 4 ރަށެއްގެ މަސައްކަތް މިހާރު ހިނގަމުން އެބަދޭ. ޝައްކެއްނެތް. މިއީ މިއަތޮޅުގެ ތަރައްޤީއަށް އެޅޭ ވަރަށްބޮޑު ބާރެއް. ވަރަށްގިނަ ބަޔަކަށް ވަޒީފާގެ ފުރްޞަތު ލިބޭނެ. އަދި އާމްދަނީ ލިބުމުގެ މަގު ތަނަވަސްވެގެންދާނެ. ނަތީޖާއެއްގެ ގޮތުން، ރައްޔިތުންގެ ދިރިއުޅުން ކުރިއަށްވުރެ އިރާދަކުރެއްވިއްޔާ މާބޮޑަށް ތަނަވަސްވެގެންދާނެ.

އާދެ! މިރަށުގެ ރައްޔިތުން މިހާރުވެސް އެދިވަޑައިގަންނަވާ ކަންތައްތަކެއް އެބަހުރި. ކޮންމެ ރަށެއްގައިވެސް ހުންނާނެ. އެކަންތައްތަކާ ބެހޭ މަޢުލޫމާތު، މިރަށުގެ ކަތީބު މުޙަންމަދު ޝުކުރީ އަޅުގަނޑަށް ވަނީ ދެއްވާފައި. ހަމައެހެންމެ، މިރަށުގެ ޒުވާނުން ބޭނުންވާ ކަންތައްތަކުގެ ވާހަކަވެސް އަޅުގަނޑާ ހަމައަށް އަތުވެއްޖެ. ޒުވާނުންނަކީ ކުޅިވަރަށް ވަރަށް ލޯބިކުރައްވައި، ކުޅިވަރު ތަރައްޤީ ކުރައްވަން މަސައްކަތް ކުރައްވާ ބަޔަކަށްވާތީ، ކުޅިވަރު ކުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ޒުވާނުން އެބަ އެދޭ. ހަމައެހެންމެ، މިރަށުގެ ސްކޫލަށް ދިމާވެފައިވާ ދަތިތަކުގެ ވާހަކަވެސް، ސްކޫލްގެ ހެޑްމާސްޓަރު އަޅުގަނޑު ގާތުގައި ވިދާޅުވެއްޖެ. މިހުރިހާ ކަމަކީ ސަރުކާރުގެ ވިސްނުމުގެ ތެރޭގައި ހުންނާނެ ކަންތައްތައް. އަދި މިއިން ކޮންމެ ކަމަކީ، އެކަމެއް ކުރެވެން އޮތް މަގަކުން އިރާދަކުރެއްވިއްޔާ ސަރުކާރުން ކޮށްދޭނެ ކަންތައްތައް.

މިއިން ކޮންމެ ކަމެއް ކުރުމާބެހޭ ސަރުކާރުގެ ޚާއްޞަ ދާއިރާއެއް ހުންނާނެ. ޒުވާނުންނާބެހޭ ވުޒާރާއެއްވެސް އެބަހުރި. އަދި ތަޢުލީމާބެހޭ ވުޒާރާއެއްވެސް އެބަހުރި. މި ވުޒާރާތަކުން މުޅި ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި ހުންނަ މިކަހަލަ މައްސަލަތައް ބައްލަވައި، ރައްޔިތުންނަށް އިތުރަށް ބޭނުންވާ ކަންތައްތައް ކޮށްދެއްވަމުން އެބަ ގެންދަވާ. އަދި ގެންދެވޭތޯ ބައްލަވާ. އެހެންނަމަވެސް، އަޅުގަނޑުމެން ހަނދާންކޮށްލަންވީ ކަމަކީ، އަޅުގަނޑުމެންގެ ބަޖެޓުގެ ތަނަވަސްކަން ހުރި މިންވަރުން ހުރިހާ ތަނަކަށް، ހުރިހާ ކަމެއް މާ އަވަސް އަވަހަށް ކޮށްދިނުމަކީ ކުރެވޭވަރުގެ ކަމަކަށް ނުވާނެކަން. އެކަން އެހެން އޮތް ނަމަވެސް، ސަރުކާރުން މިކަންކަމަށް ވަރަށްބޮޑު އިސްކަމެއް ދޭނެ. އަދި ރައްޔިތުން އެދޭ ކަންތައްތައް، ވީ އެންމެ އަވަހަކަށް ކޮށްދެވޭތޯ ބަލަމުން ގެންދާނެ. އެހެންވީމާ، އަޅުގަނޑުވެސް މާލެގޮސް އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުން ތިޔަ ހުށަހެޅުއްވި ކަންތައްތައް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގައި ދަންނަވާނަން. އަދި އެކަންތައްތައް އަވަސްކޮށްދެއްވޭތޯ އުޅުއްވަންވެސް އެފަރާތްތަކުގައި ދަންނަވާނަން.

އާދެ! މިރަށަކީ ވަރަށް ފެހި ރަށެއް. އެހެން މި ދަންނަވަނީ ވަރަށްބޮޑު އުފަލަކާއެކު. ރަށް ފެހިވުމަކީ ރަށަށް ލިބޭ ވަރަށްބޮޑު ދިރުމެއް. ގަހަކީ އެކި ގޮތްގޮތުން އިންސާނުންނަށް ވަރަށް ފައިދާކުރާ އެއްޗެއް. ގަހުގެ މޭވާ. ގަހުން ލިބޭ ކާނާ. ގަހުގެ ހިޔާ. ގަހުން ލިބޭ ބޭސްވެރިކަމުގެ ވަސީލަތްތައް. މިހެންގޮސް ވަރަށްގިނަ ކަންތައްތަކަކީ، ގަހުން އިންސާނުންނަށް ފައިދާކުރާ ކަންތައްތަކެއް. ހަމައެހެންމެ، ރަށުގައި ގިނައިން ގަސް އިންދާ ހެއްދުމަކީ، ތިމާވެށި ރައްކާތެރި ކުރުމަށް އެޅޭ ވަރަށްބޮޑު ބާރަކަށްވޭ. އެހެންވީމާ، އެކަމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވާތީ، އަދި މިރަށަކީ ވަރަށް ފެހި ރަށަކަށްވާތީ، އެކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކުރާ ވާހަކަ ދަންނަވާލަން. އަދި ރަށުގެ ތިމާވެށި ރައްކާތެރި ކުރުމަށްޓަކައި އިތުރަށްވެސް ގަސް އިންދަވައި ހެއްދެވުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދަންނަވާލަން.

މީގެއިތުރުން، މިރަށަކީ ދަނޑުވެރިކަމުގެ މަސައްކަތް ރަނގަޅު ފެންވަރަކަށް ކުރަމުން ގެންދާ ރަށެއް. އަދި މިއަތޮޅުގެ އެހެން ބައެއް ރަށްރަށުގައިވެސް ވަރަށް ފުޅާ ދާއިރާއެއްގައި މިމަސައްކަތް ކުރަމުން އެބަގެންދޭ. އޭގެތެރޭގައި މިއަތޮޅު ފީވަށް، ބިލެތްފަހި، ގޮއިދޫ، ނަރުދޫ އަދި ފޯކައިދޫ ހިމެނޭ. ރާއްޖޭގައި އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތަކުގެ ވަރަށްބޮޑު ޙިއްޞާއެއް، މި ރަށްރަށުން ރާއްޖޭގެ ދަނޑުވެރިކަމަށް އެބަވެދޭ. އަދި ދަނޑުވެރިކަމުގެ މަސައްކަތަށް، ދިގު މުއްދަތަކަށް ދޫކޮށްފައިވާ މިއަތޮޅުގެ ރަށްރަށުންވެސް އަދި ޚާއްޞަކޮށް، އޭގެތެރެއިން ވަރަށް ފާހަގަކުރެވޭ އެއް ރަށަކުން ޞިނާޢީ ފެންވަރެއްގައި ވަރަށް ރަނގަޅަށް މި މަސައްކަތް ކުރަމުން އެބަގެންދޭ.

މިއީ އަޅުގަނޑުމެން މިއަދު ވަރަށް އުފާކުރަންޖެހޭ ކަމެއް. ދުނިޔޭގެ ކާބޯތަކެތީގެ ޙާލަތަށް އަޅުގަނޑުމެން އެބަ ކަންބޮޑުވާންޖެހޭ. ދުނިޔޭގެ ކާބޯތަކެތީގެ އަގު ބޮޑުވަމުންދާ ވާހަކަ، ތިޔަބޭފުޅުން ޚަބަރުތަކުން އައްސަވާނެ. އަދި ބައެއް ބާވަތުގެ ކާބޯތަކެތި މަދުވަމުންދާ ވާހަކަ އައްސަވާނެ. ރާއްޖެއަކީ މުޅިންހެން ބޭރުން ތަކެތި އެތެރެކޮށްގެން، އަޅުގަނޑުމެން، އަޅުގަނޑުމެންގެ ކާބޯތަކެތީގެ ކަންތައްތައް ހަމަޖައްސަމުން ގެންދާ ޤައުމެއް.

އެހެންވީމާ، މިކަމަކީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާންޖެހޭނެ ކަމެއް. އެކަމަށް ތައްޔާރުވުމުގެ ގޮތުންވެސް ރާއްޖޭގައި ގިނަ ޢަދަދަކަށް ކާބޯތަކެތި ހެއްދުމަކީ، މިވަގުތު ވަރަށް މުހިންމު ކަމަކަށްވެއްޖެ. ޚާއްޞަކޮށް، ފޭދޫކަހަލަ ފަސްގަނޑު ރަނގަޅު ބޮޑެތި ރަށްރަށުގައި މިކަން ވަރަށް ރަނގަޅު ފެންވަރަކަށް ކުރެވިދާނެ. އަދި ފޭދޫ ނޫނަސް ރާއްޖޭގައި ހުރި އެހެން އެހެން ރަށްރަށުގައި މިކަންތައްތައް ރަނގަޅަށް ކުރެވިދާނެ. އެހެންވީމާ، މިއަދު އަޅުގަނޑު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މި އިލްތިމާސް ކުރަނީ، ކުރިއަށް އޮތް ދުވަސްތަކަށް ވިސްނާވަޑައިގެންފައި، އާދެ! ކާބޯތަކެއްޗަށް އަތުވެދާނެ ދަތިކަމަކާއި، އޭގެ އަގުބޮޑުވަމުންދާ ދިޔުމަށް ވިސްނަވާފައި، ރާއްޖޭގައި މިހާރުން މިހާރަށްވެސް ހެއްދެން ހުރި ކާބޯތަކެތީގެ ޢަދަދު އިތުރުކުރައްވާށޭ. ވީހާ ގިނަ ރަށްރަށުގައި ކާބޯތަކެތި ހެއްދެވޭތޯ މަސައްކަތް ކުރައްވާށޭ. އެކަން އެގޮތަށް ކުރައްވައިފިނަމަ، އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި އަޅުގަނޑުމެންނަށް އެއްވެސް ދަތިކަމެއްނެތި މި މައްސަލަތަކުން ސަލާމަތްވެވިދާނެ.

އާދެ! މިދޭތެރެއިން އަޅުގަނޑުމެން ޢަމަލުކުރަން ފެށި ޤާނޫނެއްގެ ސަބަބުން ބައެއް މީހުންނަށް ދަތިތަކެއް ކުރިމަތިވަމުން އެބަދޭ. އެއީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު. މި މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ޤާނޫނަށް ޢަމަލުކުރަން ފެށި، އޭގެދަށުން ވަރަށްގިނަ ބަޔަކު އެމީހުންގެ ވަޒީފާއިން ވަކިވެގެން ހިނގައްޖެ. އޭގެތެރެއިން އެއްބަޔަކީ ޢުމުރުން 65 އަހަރުވީ މީހުން. ޢުމުރުން 65 އަހަރުވީ މީހުންގެ ތެރޭގައި، ސަރުކާރަށް ވަރަށްގިނަ ދުވަހު ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދިން އެތައް ބަޔަކު ހިމެނޭ. އެމީހުން އެއްފަހަރާ ވަޒީފާއިން ވަކިވެގެން ދިޔުމަކީ، ވަރަށްބޮޑު ހިތާމައެއް. އެމީހުންނަށް ލިބުނު ވަރަށްބޮޑު ހިތްދަތިކަމެއް. އަޅުގަނޑަށްވެސް ލިބުނު ވަރަށްބޮޑު ހިތްދަތިކަމެއް. މިކަން އެހެން ނުވެވޭތޯ ބެލުމަށްޓަކައި، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މިޤާނޫނު އިޞްލާޙު ކުރުމުގެ ބިލެއް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި. އެބިލުގައި މިދެންނެވި ކަންތަކަށްވެސް ޙައްލެއް ހޯދުމުގެ ފިޔަވަޅުތަކެއްވާނީ ބަޔާންކޮށްފައި. އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުން މި ބިލް ބަލައިނުގަތުމުގެ ސަބަބުން، އެ މައްސަލަ އެއޮތީ އެހިސާބުން ހުއްޓިފައި. އެހެންވީމާ، 65 އަހަރުވީ މީހުން ކުއްލިއަކަށް ސަރުކާރުގެ ވަޒީފާއިން ވަކިވާން ޖެހުނީ. ހަމައެއާއެކީގައި ރައްޔިތުންގެ މަޖިލީހާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ތިއްބެވި މެންބަރުންގެ ތެރެއިންވެސް ސިވިލް ސަރވިސްގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް، އެމަގާމުތަކުން ވަކިކުރެވުނު ވާހަކަ އެކޮމިޝަނުން ވަނީ އަންގަވާފައި.

އެހެންނަމަވެސް، މިހިރީ މިކަމުން ދިމާވި ދަތިތައް. އެ ދަތިތައް ޙައްލުކުރެވޭތޯ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އެބަގެންދަން. މި ޤާނޫނަށް އިތުރު އިޞްލާޙުތަކެއް ގެނައުމުގެ ބިލެއް އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ އާ ދައުރަށް ސަރުކާރުން ހުށަހަޅާނެ. އިރާދަކުރެއްވިއްޔާ އެ އިޞްލާޙުތަކުގެ ސަބަބުން މިހާރު ކުރިމަތިވެފައިވާ ދަތިތައް ޙައްލުވެގެންދާނެ.

ކުރިންވެސް ދެންނެވިފަދައިން، ސަރުކާރުގެ ޚިދްމަތުގައި ގިނަ ދުވަސްތަކެއްގެ ޚިދްމަތް ކޮށްފައި، ޢުމުރުން 65 އަހަރުވުމުން ވަކިވާންޖެހުނު މީހުންނަކީ، އެމީހުން އެ ކުރި މަސައްކަތުގެ އަގު، ސަރުކާރުން ވަރަށް ބޮޑަށް ވަޒަންކުރާ ބަޔެއް. އެމީހުންގެ ޚިދްމަތް ސަރުކާރުން ގަބޫލުކުރާ ބަޔެއް. އެހެންވީމާ، މިކަމަށްޓަކައި މިއަންނަ ހުކުރުވިލޭރޭ، އާދެ! މިމަހުގެ 15ވާ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި އަޅުގަނޑު ޙަފްލާއެއް އެބަ ބާއްވަން. ޢުމުރުން 65 އަހަރުވެގެން ސަރުކާރުގެ ވަޒީފާއިން ވަކިވި ހުރިހާ އެންމެންނަށް އެޙަފްލާއަށް އަޅުގަނޑު ދަޢުވަތު އެބަދެން. އޭގެތެރޭގައި މާލޭގައި އުޅޭ މީހުންނާއި، އަތޮޅުތަކުގައި އުޅޭ މީހުންވެސް ހިމެނޭ. އަތޮޅުތަކުން މިކަމަށް މާލެއަށް އަންނަން ބޭނުންވާ އެންމެންނަށް، ސަރުކާރުގެ ޚަރަދުގައި އެކަން އެބަ ހަމަޖައްސައިދޭ. މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުން އެ މަސައްކަތް އެބަ ކުރައްވާ. އެންމެންގެ ދަތުރު ޚަރަދާއި، މާލޭގައި ތިބުމުގެ ޚަރަދުދީގެން، އެ ޙަފްލާގައި އެމީހުން ބައިވެރިވުމަށްޓަކައި.

އެ ޙަފްލާ ބޭއްވުމުގެ ބޭނުމަކީ، އެމީހުންގެ ޚިދްމަތުގެ އަގު ސަރުކާރުން ވަޒަންކުރާ ވާހަކަ އެމީހުންނަށް ރަނގަޅަށް ކިޔައިދިނުން. އަދި އެމީހުންގެ ޚިދްމަތަކީ ސަރުކާރުން ހަނދާންނައްތާލާނެ ޚިދްމަތެއް ނޫންކަމާއި، ޤައުމުވެސް އެމީހުންނަށްޓަކައި ޝުކުރުވެރިވާކަން ހާމަކުރުން. އިރާދަކުރެއްވިއްޔާ، އަންނަ ހުކުރުވިލޭރޭ މި ޙަފްލާ ބާއްވަން އަޅުގަނޑު ގަސްދުކޮށްފައި މިވަނީ. އެހެންވީމާ، މިރަށުގައި ތިއްބެވި ޢުމުރުން 65 އަހަރުވެގެން ވަޒީފާ ދޫކޮށްލައްވަން ޖެހިވަޑައިގެންނެވި ބޭފުޅުންވެސް، އަޅުގަނޑު މިދެންނެވި ޙަފްލާއަށް ވަޑައިގެން ދެއްވުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، މިރަށަކީ އަޅުގަނޑުގެ މިދަތުރުގައި ޒިޔާރަތްކުރާ އެންމެފަހު ރަށް ކަމަށްވާތީ، ޝުކުރު ދަންނަވާލަން ބޭނުންވާ ފަރާތްތަކެއް އެބަހުރި. އޭގެތެރޭގައި އެއްފަރާތަކީ ރާއްޖޭގެ އަތޮޅުތައް ތަރައްޤީ ކުރެއްވުމަށް އެންމެބޮޑު މަސައްކަތެއް ކުރައްވަން ޖެހިވަޑައިގަންނަވާ ފަރާތް. އާދެ! މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީ، އަތޮޅުތައް ތަރައްޤީ ކުރެއްވުމަށާއި، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯއްދަވައިދެއްވުމަށް ކުރައްވާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެމަނިކުފާނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން މި މަސައްކަތް ކުރައްވަމުން ގެންދަވާ އެ މިނިސްޓްރީގެ އެކިއެކި ވެރިންނަށާއި މުވައްޒަފުންނަށްވެސް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. ހަމައެހެންމެ، މިހާތަނަށް އެވުޒާރާ ހިންގަވައިދެއްވި ހުރިހާ މިނިސްޓަރުންނަށްވެސް މި ފުރުޞަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑާ އެކީގައި މި ދަތުރުގައި މި އަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އަދި މިނިސްޓަރ ފޮރ ޕްރެޒިޑެންޝަލް އެފެއާޒް އަލްފާޟިލް މުޙަންމަދު ޙުސައިން ބައިވެރިވެވަޑައިގަންނަވާ. އަދި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޢިއްޒަތްތެރި ދެ މެންބަރުން ކަމަށްވާ އަލްއުސްތާޛާ ލުބްނާ މުޙަންމަދު ޒާހިރު ޙުސައިނާއި، އަލްފާޟިލް މޫސާ ރަމީޒުވެސް ބައިވެރިވެވަޑައިގަންނަވާ. އެހެންކަމުން، އެ ތިންބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަން. އަދި އެ ތިން ބޭފުޅުންވެސް މިއަތޮޅުގެ ރައްޔިތުންނަށް އެ ކޮށްދެއްވާ ޚިދްމަތުގެ އަގު އަޅުގަނޑު ވަޒަންކުރާ ވާހަކަ ދަންނަވާލަން.

އަޅުގަނޑުގެ މިދަތުރުގައި ވެދެއްވި އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި އަދި މިއަތޮޅުގެ ރަށްރަށާ ބެހޭގޮތުން އަޅުގަނޑަށް ދެއްވި އަގުހުރި މަޢްލޫމާތަށްޓަކައި، މިއަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް އަޙްމަދު ޤާސިމަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އޭނާ މިއަތޮޅާ ހަވާލުވެވަޑައިގެންނެވިތާ އަދި މިއުޅެނީ ދެއަހަރު ނުވެގެން. އަޅުގަނޑަށް ހީވާގޮތުގައި މިއަންނަ މަހުގެ 7 ވަނަ ދުވަހު ދެ އަހަރު ހަމަވަނީ. އެހެންނަމަވެސް، މިވީ ކުރު މުއްދަތުގެ ތެރޭގައި އޭނާ މި އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވައި، ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި އެބަ ހައްދަވާ. އަދި ރައްޔިތުންނަށް ދަތިވެފައިވާ ކަންތައްތައްވެސް ދެނެވަޑައިގަންނަވާ. އޭނާގެ ފަރާތްޕުޅުން ވަރަށް ރަނގަޅު މަޢްލޫމާތު، މިދަތުރުމަތީގައިވެސް އަޅުގަނޑަށްވަނީ ލިބިފައި. އެހެންވީމާ، އެ ކޮށްދެއްވާ ޚިދްމަތަށް، މިއަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް އަޙްމަދު ޤާސިމަށް އަދިވެސް އެއްފަހަރު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، ފޭދޫގެ ލޮބުވެތި ރައްޔިތުންނަށް ފުރިހަމަ ޞިއްޙަތާއި ޢާފިޔަތަށް އެދެމުން. އަދި ފޭދޫ ރައްޔިތުންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ސާފު ސީދާ ތެދުމަގުގައި އަބަދުވެސް ފައިތިލަ ސާބިތު ކުރައްވައިގެން ތިއްބަވާނެ ބޭފުޅުން ކަމަށް ލެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން. ހަމައެކަނި ފޭދޫ ރައްޔިތުންނެއް ނޫން. ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަކީވެސް، މާތްވެގެންވާ އިސްލާމްދީނުގެ ޢަޤީދާ ޤަބޫލުކޮށް، އެ ދީނުގެ މަތިވެރި ހިދާޔަތުގައި ދެމިތިބޭ ބަޔަކު ކަމުގައި ލެއްވުން އެދި ﷲގެ ޙަޟުރަތުގައި އަޅުގަނޑު ދުޢާ ދަންނަވަން. އަދި އަޅުގަނޑުމެން މި ކުރާ މަސައްކަތުގެ ފައިދާ، އެކަލާނގެ އަޅުގަނޑުމެންނަށް ދެއްކެވުން އެދި އިބްތިހާލްވަން. ދިވެހިރާއްޖެއަށް ވަރަށް ބާއްޖަވެރި ކުރިމަގެއް މިންވަރުކޮށްދެއްވުމަށާއި، ދިވެހި ރައްޔިތުންނަށް އުފާވެރިކަމާއި، އުފާފާގަތިކަމާއި، ތަނަވަސްކަމާއި، އަދި ތަރައްޤީއާއި ކުރިއެރުން އެކަލާނގެ މިންވަރު ކޮށްދެއްވުން އެދިވެސް ދުޢާ ދަންނަވަން. ހަމައެހެންމެ، ރާއްޖެއަކީ އަބަދުވެސް މިނިވަން، މުސްތަޤިއްލު އަދި ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ލެހެއްޓެވުން އެދި އެކަލާނގެ ޙަޟުރަތުގައި އަޅުގަނޑު އިބްތިހާލްވަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه