بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، މިއަދު މާތް اللّـه ގެ އިސްމުފުޅުގެ ބަރަކާތުން "ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނު" ތަޞްދީޤު ކުރުމަށްފަހު، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކުގެ މަންދޫބުންނާ ބައްދަލުކޮށްލުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

ދެންމެ އަޅުގަނޑު މި ތަޞްދީޤުކުރި ޤާނޫނަކީ، ސަރުކާރުން ހިންގަމުން މިގެންދާ ސިޔާސީ، އިޞްލާޙީ ޕްރޮގްރާމްގެ ވަރަށް މުހިންމު ބައެއް. މި ޤާނޫނާބެހޭ ބިލް، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅީ، މީގެ 2 އަހަރު ކުރިން، 2006 ވަނަ އަހަރު. ރައްޔިތުން މަޖިލީހުގައި އެ ބިލާބެހޭ ގޮތުން ތަފާތު މަރުޙަލާތައް ކަޑައްތު ކުރެއްވި. ޤައުމީ ތަރައްޤީއާބެހޭ ކޮމިޓީއަށް މި ބިލް ގޮސްގެން، ވަރަށްގިނަ ބައްދަލުވުންތައް ބޭއްވި. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ކޮމިޓީގެ 21 ބައްދަލުވުން ބޭއްވެވި. ކޮމިޓީން ނިމިގެން، ރައްޔިތުންގެ މަޖިލީހަށް މި ބިލު މިއަހަރު އައުމުން މިބިލުވަނީ ރައްޔިތުންގެ މަޖިލީހުގައި އެދުވަހު ތިއްބެވި 37 މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވާފައި.

މިޤާނޫނަކީ ރާއްޖޭގައި ވަޒީފާ ދިނުމާބެހޭ އާންމު ހަމަތަކާއި އުސޫލުތައް ކަނޑައަޅާ ޤާނޫނެއް. އަދި ވަޒީފާދޭ ފަރާތުގެ ޙައްޤުތަކާއި، ޒިންމާތަކާއި، ވަޒީފާ އަދާކުރާ ފަރާތުގެ ޙައްޤުތަކާއި ޒިންމާތައް ބަޔާންކޮށްދޭ ޤާނޫނެއް. މި ޤާނޫނަކީ އެގޮތަށް ބަލާއިރު، ރާއްޖެއަށް މިހާރު ވަރަށް މުހިންމު ޤާނޫނެއް. އަދި މި ޤާނޫނު ފާސްވުމުން އަދި ތަޞްދީޤު ކުރުމުން، ދިވެހިރާއްޖެ، އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަނާ، އާދެ، އައި.އެލް.އޯ.އާ ގުޅެން މިކުރާ މަސައްކަތްތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. ޙަޤީގަތުގައި މި ޤާނޫނު އެކުލަވާލާފައި މިވަނީވެސް އައި.އެލް.އޯ.ގެ އަސާސީ އުސޫލުތަކުގެ މައްޗަށް ބިނާކޮށްގެން.

އާދެ، މި ޤާނޫނު ހިންގުމުގައި ކޮންމެވެސްވަރެއްގެ ދަތިތަކެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް. ޤާނޫނު މިހާރު ފާސްވެފައި މި އޮތްގޮތުން ވިޔަފާރިކުރާ ބައެއް ފަރާތްތަކަށާއި، އެކިއެކި ބޮޑެތި މަސައްކަތްތައް ހިންގާ ބައެއް ފަރާތްތަކަށް ކޮންމެވެސްވަރެއްގެ ދަތިތަކެއް ކުރިމަތިވެދާނެ. އެ ދަތިތަކުގެ ވާހަކަ ވިދާޅުވެ، ރާއްޖޭގައި މަސައްކަތް ކުރައްވާ ތިން ފަރާތަކުން އަޅުގަނޑަށް ވަނީ ސިޓީ ފޮނުއްވާފައި. އެ ހުށަހެޅުއްވި ފަރާތްތަކަކީ، މަޓީއާއި، ވިޔަފާރިވެރިންގެ ޖަމްޢިއްޔާއާއި، މަސީ އާ. އެތިން ފަރާތުން މިކަން ހުށަހެޅުއްވީމާ، އަޅުގަނޑު އެތިން ފަރާތުގެ ބޭފުޅުންނާ އިއްޔެ ބައްދަލުކޮށް، މިކަމާ ބެހޭގޮތުން މަޝްވަރާ ކުރިން. މި ޤާނޫނު މިހާރު އޮތްގޮތުން ދިމާވެދާނެ ދަތިތަކެއްގެ ވާހަކަ އެބޭފުޅުން ވިދާޅުވި. އަދި އެކަމާ ބެހޭގޮތުން ދިރާސާއެއް ކުރައްވާ ވާހަކަވެސް ވިދާޅުވި. އަޅުގަނޑު ދެންނެވިން، ސަރުކާރުން އެބޭފުޅުން އެ ވިދާޅުވާ ކަންތައްތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭނެއޭ. އަދި އެ ވިދާޅުވާ ދިރާސާ ކުރައްވާފައި، އެ ފޮނުއްވީމާ އެކަމަށް ސަރުކާރުން ރިޢާޔަތް ކުރާނެއޭ.

ކުރިއަށް އޮތްތާނގައި، މި ޤާނޫނަށް ގެންނަންޖެހޭ އިތުރު ފުރިހަމަކަމެއް އޮތްނަމަ، އަދި އިތުރު އިޞްލާޙުތަކެއް އޮތްނަމަ، އެކަންކަން ސަރުކާރުން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނެ. އަދި އިރާދަކުރެއްވިއްޔާ، ކޮންމެ ޤާނޫނެއްވެސް ފާސްވުމަށްފަހުގައި، އެދިމާވާ ކަންތައްތަކެއް ހުރުމުގެ ސަބަބުން ޤާނޫނަކަށް އިޞްލާޙު ގެންނަންޖެހޭ ފަދައިން މި ޤާނޫނަށްވެސް އިޞްލާޙުތަކެއް ގެންނަންޖެހޭ ކަމަށްވަންޏާ، އެ އިޞްލާޙުތައް ގެނައުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ވާހަކަ، އަޅުގަނޑު ތިޔަބޭފުޅުންނަށް މިއަދު ދަންނަވާލަން.

މި ޤާނޫނުގެ ދަށުން އުފައްދަންޖެހޭ ބައެއް ބޯޑުތައް ނުވަތަ ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. މިސާލަކަށް، ލޭބަރ ރިލޭޝަންސް އޮތޯރިޓީއެއް އުފައްދަން އެބަޖެހޭ. ހަމައެހެންމެ، މުސާރައާއި އުޖޫރަ ކަނޑައެޅުމާ ބެހޭގޮތުން މިނިސްޓަރަށް ލަފާދޭ ބޯޑެއްވެސް އުފައްދަންޖެހޭ. އަދި އެކިއެކި މައްސަލަތައް ހުށަހެޅޭ ލޭބަރ ޓްރައިބިއުނަލެއްވެސް އުފައްދަން އެބަޖެހޭ. ޤާނޫނުގައިވާ ގޮތުގެމަތިން އިރާދަކުރެއްވިއްޔާ މިކަންތައްތައް ކުރެވޭނެ.

އަޅުގަނޑު ކުރިންވެސް ދެންނެވި އަމިއްލަ ފަރާތްތަކުގެ ބައެއް ކަހަލަ ވިސްނުންފުޅު މިކަމުގައި ހުރީތީ، އެކަމަށް ރިޢާޔަތް ކުރުމުގެ ގޮތުން، މިދެންނެވި ޓްރައިބިއުނަލާއި، ބޯޑާއި އަދި އޮތޯރިޓީ އުފެއްދުމުގައި އެ ފަރާތްތަކުގެ މަންދޫބަކަށް، ނުވަތަ އެފަރާތްތަކުން ޢައްޔަނު ކުރައްވާ ފަރާތަކަށް ފުރުޞަތު ދިނުމާ ބެހޭގޮތުން އަޅުގަނޑު ވިސްނާނަން.

ވަޒީފާއާބެހޭ ބިލް އެކުލަވައިލުމުގައި، ވަރަށްގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުންވަނީ ލިބިފައި. އެއީ އެންމެ ފުރަތަމަ، މި ޤާނޫނުގެ ބިލު އެކުލަވައިލެއްވުމުގައި މަސައްކަތް ކުރެއްވި ފަރާތް، އެއީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، އެމްޕްލޯއިމެންޓް އެންޑް ސޯޝަލް ސެކިޔުރިޓީ. އެމިނިސްޓްރީގެ ބޭފުޅުން އެންމެ ފުރަތަމަ މިއެކުލަވައިލައްވާފައި ފޮނުއްވީމާ، ރާއްޖޭގެ ޤާނޫނީ ދާއިރާގެ ބޭފުޅުން ބައްލަވައި، އެ ފުރިހަމަކުރައްވައި، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ. އެހެންވީމާ، މިކަމުގައި އެހުރިހާ ފަރާތްތަކުން އެކޮށްދެއްވި މަސައްކަތްޕުޅުތަކަށް އަޅުގަނޑު ވަރަށް އިޙްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއަދު މިޤާނޫނު ތަޞްދީޤު ކުރުމުން، މިފެށެނީ ވަރަށް މުހިންމު މަރުޙަލާއެކޭ. މިފެށެނީ ޙައްޤާއި ވާޖިބުގެ ވަރަށް މުހިންމު ފިޔަވައްސެކޭ. މި ޤާނޫނުގެ ހެޔޮ ފައިދާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކުރާނެ. އަދި ދިވެހިންނަކީ އާންމު ގޮތެއްގައިވެސް އިންސާނީ ޙައްޤުތަކަށް ލޯބިކުރާ، ޚާއްޞަ ގޮތެއްގައި، ވަޒީފާގެ ޙައްޤުތަކަށް ލޯބިކުރާ ރައްޔިތަކަށްވުމަށް މިޤާނޫނު މަގުފަހިކުރާނެ.

އާދެ، އަޅުގަނޑު އެދެނީ މިޤާނޫނުގެ ސަބަބުން ރާއްޖޭގެ ވަޒީފާއާބެހޭ ދާއިރާއަށް އިތުރު ހަމަޖެހުމާއި، ކުރިއެރުމާއި ތަރައްޤީ ލިބިގެން ދިޔުން. ވަޒީފާ ދޭފަރާތާއި، ވަޒީފާ އަދާކުރާ ފަރާތުގެ ޙައްޤުތައް ރައްކާތެރިކުރެވި، އެދެފަރާތަށް ލިބެންޖެހޭ ހުރިހާ ފައިދާތަކެއް ލިބިގެންދިޔުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.