بســم اللّـه الرّحمـن الرّحيــم.

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشرف المرسلين، سـيّدنا محمّد وعلى آلـه وأصحـابه أجمعـين.

މިރޭ އަޅުގަނޑުގެ އެންމެ ބޮޑު އުފަލަކީ، މިރޭގެ މިއުފާވެރި އިޙްތިފާލުގައި ދަރަޖަ ހާސިލުކުރާ ހުރިހާ ދަސްވެނިންނަށް އާދެ، ޝަރީޢަތާއި ޤާނޫނުގެ ޑިގްރީ ކޯހުގެ ދަސްވެނިންނަށާއި، ދިރާސާތިލް އިސްލާމިއްޔާ ޑިގްރީ ކޯހުގެ ދަސްވެނިންނަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ހެޔޮ ދުޢާއާއެކީގައި، ލޯތްބާއެކު މުބާރަކްބާދީއާއި ތަހުނިޔާ އަދާކުރުން. ހަމައެހެންމެ، ދެންމެ އަޅުގަނޑަށް ކުއްލިއްޔާގެ ފަރާތުން ތިޔަ ދެއްވި ވަރަށް ރީތި، ވަރަށް ފުރިހަމަ، ވަރަށް ބަރު ހަނދާނީ ފިލަޔަށްޓަކައިވެސް ކުއްލިއްޔާގެ ޢަމީދަށާއި، ކުއްލިއްޔާގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އޭގެއިތުރުން، ކުއްލިއްޔާގެ ޢަމީދުގެ ވާހަކަފުޅުގައި، އަޅުގަނޑާ ބެހޭގޮތުން ވިދާޅުވި ހެޔޮ ބަސްފުޅުތަކަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ޙަޤީޤަތުގައި އޭނާ އެވިދާޅުވި ބަސްފުޅުތައް އަޅުގަނޑަށް ޙައްޤެއްނުވޭ. އެހެންނަމަވެސް، އޭނާ އެ ވާހަކަތައް އެ ވިދާޅުވީ، އޭނާގެ ހިތްޕުޅުގައި އަޅުގަނޑާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރި ޝުޢޫރުތަކުގެ ސަބަބުން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ، އެކަމަށްޓަކައި އަޅުގަނޑު އުފާކުރާ ވާހަކަ ދަންނަވާލަން.

އާދެ، މިރޭ އަޅުގަނޑުގެ ހަނދާނަށް އަންނަނީ، މީގެ 29 އަހަރު ކުރީގެ ދުވަހެއް. އެކަން އެހެން ދިމާވީ، މި އިންނެވި މިނިސްޓަރ އޮފް އެޑިޔުކޭޝަން، އަލްފާޟިލާ ޒާހިޔާ ޒަރީރު ދެއްވި ދަޢުވަތަކަށް މިއަދު އަޅުގަނޑު ގޮސް، ޖަޕާނު ސަރުކާރުގެ އެހީގައި މާލޭގައި ބިނާކުރެވޭ ދެވަނަ އަންހެންކުދިންގެ މަދަރުސާގެ ބިންގާ އަޅައިދިނުމުގެ ފުރުޞަތު އަޅުގަނޑަށް ލިބިފައިވާތީއާއި، އަދި ކުއްލިއްޔާގެ ޢަމީދުގެ ދަޢުވަތަކަށް މިރޭ މި ކުއްލިއްޔާއަށް އައިސް، ކުއްލިއްޔާގެ ދަސްވެނިންނަށް ދަރަޖަ ދިނުމުގެ އުފާ އަޅުގަނޑަށް ލިބޭތީވެ. އާދެ، މިދެކަމަކީ ޝައްކެއްނެތްގޮތުގައި، ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ވަރަށް މުހިންމު ދެކަންތައް.

އަޅުގަނޑުގެ ހަނދާނަށް އަންނަނީ، މިދެންނެވި މީގެ 29 އަހަރު ދުވަހު ކުރީގެ ކަމެއް. އާދެ، އަޅުގަނޑަށް އެނގޭ، ތިޔަ ދަސްވެނިންގެ ތެރެއިން އޭރު ދުނިޔޭގައި ތިއްބަވާނީ މަދު ބައެއްކަންނޭނގެ. އެހެންނަމަވެސް، މިތާނގައި މިސްޓޭޖްގައި ތިއްބެވި ބޭފުޅުންގެ ތެރޭގަޔާއި އަދި ވަޑައިގެން ތިއްބެވި ބޭފުޅުންގެ ތެރޭގައި، އެދުވަހު ކަންތައްތައް އެއްސެވި ބޭފުޅުން ތިއްބަވާނެ ކަމަށް އަޅުގަނޑު ލަފާކުރަން.

އަޅުގަނޑު މި އިޝާރާތްކުރާ ދުވަހަކީ، 1979 ވަނަ އަހަރުގެ މާޗް މަހުގެ 1 ވަނަ ދުވަސް. އެދުވަހަކީވެސް، މިއަދުހެން ތަޢުލީމީ ދާއިރާގެ މުހިންމު ދެކަމެއްގައި ބައިވެރިވުމުގެ ފުރުޞަތާއި އުފާ އަޅުގަނޑަށް ލިބުނު ދުވަހެއް. އާދެ، މަނަދޫގައި އުފެދުނު ސަރުކާރުގެ މަދަރުސާއެއް އެދުވަހު ހެނދުނު 7:20 މިނިޓްގައި އަޅުގަނޑު އިފްތިތާޙު ކޮށްދިނިން. ހދ.ކުޅުދުއްފުށީގައި ޤާއިމުކުރެވުނު އަތޮޅު ތަޢުލީމީ މަރުކަޒު އެދުވަހު ހަވީރު 4:30 ގައި އަޅުގަނޑު އިފްތިތާޙު ކޮށްދިނިން. އެއްދުވަހެއްގައި ރާއްޖޭގެ ތަޢުލީމީ ޙަޔާތުގެ މުހިންމު ދެކަމެއްގައި ބައިވެރިވުމަކީ ޝައްކެއްނެތް، ވަރަށް ޚާއްޞަ ޙާލަތެއް. އެބައިވެރިވާ މީހަކަށް ވަރަށް ބޮޑު އުފަލެއް ލިބޭނެކަމެއް. އެހެންވީމާ، މިއަދު މި ދިމާވި ކަންތަކުގެ ސަބަބުން އަޅުގަނޑު އެދުވަހުގެ މަތިން ހަނދާންވީ.

އޭރު މަނަދޫ ސްކޫލޭ ދެންނެވީމާ، މިހާރު ހިތްޕުޅަށް ގެންނަވަން ދަތިފުޅުވާނެ. ވަރަށް ކުޑަކުޑަކޮށް ދަނޑިފަނުން ހަދާފައި ހުރިތަނެއް. އޭރުގެ ޙާލަތު އޮތްގޮތް. މިއަދު މި ބިންގާ އެޅުނު ޖަޕާނު ސްކޫލް، ތިޔަބޭފުޅުން ދެކެވަޑައިގަންނަވާނެ، އެސްކޫލްގެ ޢިމާރާތުގެ ފޮޓޯތައް، ފަރުމާކުރެވިފައިވާ ގޮތް، އެހުރި ބޮޑުކަމާއި ފުރިހަމަކަން. ދެން އެދުވަހު ހަވީރު ހުޅުވައިދެވުނު އަތޮޅު ތަޢުލީމީ މަރުކަޒަކީ، ކުރިން މިދެންނެވި ފެންވަރަށްވުރެ، ރަނގަޅު ފެންވަރަކަށް ހެދިފައި ހުރިތަނެއް. އޭރު އަތޮޅުތަކުގައި، ނޫނީ މުޅި ރާއްޖޭގައި ހުރީ ސަރުކާރުން ހިންގާ ހަތަރު ސްކޫލް. މިއަދު، މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން ރާއްޖޭގައި ސަރުކާރުގެ 200 އެތައް ސްކޫލެއް އެބަހުރި. އެހެންވީމާ، އަޅުގަނޑުމެންނަށް މިދަތުރުކުރެވުނު ރާސްތާގެ ދިގުމިން، އަޅުގަނޑު ހިތުން މިކަމަށް އެކަނި ވިސްނާލިޔަސް އަޅުގަނޑުމެންނަށް ވަޒަންކުރެވޭނެ.

އާދެ، ޢަރަބިބަހާއި، އިސްލާމީ ތަޢުލީމު ފެތުރުމުގައި، މިކުއްލިއްޔާއިން އަދާކުރައްވާ ދައުރު ވަރަށްވެސް ބޮޑު. ވަރަށް މުހިންމު. ދެންމެ ޢަމީދުގެ ވާހަކަފުޅުގައި، އެވިދާޅުވިފަދައިން ފުރަތަމަ މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާގެ ނަމުގައި މިތަން އުފެދުނީ، ހިޖްރީގޮތުން 1401 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 1 ވަނަ ދުވަހު. އެއީ 1980 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަސް. އޭރުން ފެށިގެން މަޢުހަދުގައި ކިޔަވައިދެމުން އައިސް، މިތަން ކުއްލިއްޔާއަކަށް ބަދަލުވީ 1 މުޙައްރަމް 1425 ގައި. އެއީ 2004 ފެބްރުއަރީ 21.

މެދުނުކެނޑި ވަރަށް ދިގު މުއްދަތެއްގައި އިސްލާމީ ތަޢުލީމާއި، ޢަރަބި ތަޢުލީމު ރާއްޖޭގައި ފެތުރުމަށްޓަކައި ފުރަތަމަ މަޢުހަދެއްގެ ގޮތުގައި، އޭގެފަހުން ކުއްލިއްޔާއެއްގެ ގޮތުގައި މި މުއައްސަސާ ހަރަކާތްތެރިވަމުން މިއަންނަނީ އަޅުގަނޑުމެންގެ އެންމެންގެ ތަޢުރީފް ޙައްޤުވާފަދަ ގޮތެއްގައި. އާދެ، މިއަދު އަޅުގަނޑުމެން މިދެކެނީ އޭގެ މޭވާ. މިތަން މިހާރު ވެފައި މިވަނީ، ދެންމެ ޢަމީދުގެ ވާހަކަފުޅުގައި އެވިދާޅުވިފަދައިން، ދުނިޔޭގެ ބައެއް ތަންތާނގެ މަޝްހޫރު ޔުނިވަރސިޓީތައް ގަބޫލުކުރާ ތަނަކަށް. އަލްއަޒްހަރު ޔުނިވަރސިޓީ މިތަން ގަބޫލުކުރޭ. ލީބިޔާގެ އަލްއަސްމަރިއްޔާއިން ގަބޫލުކުރޭ. މެލޭޝިޔާގެ އިސްލާމިކް ޔުނިވަރސިޓީން ގަބޫލުކުރޭ. މިހިރީ އަޅުގަނޑުމެންނަށް ހޯދިފައިވާ ކާމިޔާބީތައް.

މިރޭ އަޅުގަނޑުގެ އުފާ އިތުރުވަމުންދާ އެއްކަމަކީ، މިރޭގެ މިދަރަޖަ ހާސިލުކުރާ ދަސްވެނިންގެ ތެރޭގައި އަޅުގަނޑު ކިޔަވައިދިން ކުދިންކޮޅެއް ހިމެނޭތީ. އާދެ، އެވިދާޅުވިފަދައިން މިތާނގައި އަޅުގަނޑު ކިޔަވައިދެމުން ގެންދާތާ އަހަރުތަކެއްވެއްޖެ. 11 އަހަރުވެއްޖެ. މިހާރުވެސް އެ އުފާ އަޅުގަނޑު މިދަނީ ހާސިލުކުރަމުން. އަޅުގަނޑު ކިޔަވައިދިން ވަރަށްގިނަ ކުދިން، މިރޭގެ ދަސްވެނިންގެ ތެރޭގައި ހިމެނޭކަމީ، އަދި އަޅުގަނޑަކީ މިތާނގައި ވަރަށް ކުރިއްސުރެ ކިޔަވައިދެމުން އަންނަ މީހަކަށްވާކަމީ، މިރޭ އަޅުގަނޑަށް ވަރަށް މަތިވެރި އުފަލެއް އިޙްސާސް ކުރެވޭ ކަމެއް.

މިހާރު ކުއްލިއްޔާގެ ދަރިވަރުން ނުވަތަ ދަރިވަރުންގެ ގޮތުގައި ކުރިން ތިބި ކުދިން، ފަހުން އެކި ތަންތަނުން ތަޢުލީމު ހާސިލުކޮށްގެން، ރާއްޖޭގެ ތަފާތު ދާއިރާތަކުގައި ޚިދުމަތް ކުރަމުން އެބަގެންދޭ. އޭގެތެރޭގައި، ދީނީ ޢިލްމުވެރިން އެބަ ތިއްބެވި. ދީނީ ރޮނގުން ޚިދުމަތް ކުރައްވާ ބޭފުޅުން އެބަ ތިއްބެވި. އަދި ބޭސްވެރިކަމުގެ ދާއިރާގައި ޑޮކްޓަރުންވެސް އެބަ ތިއްބެވި. މުހަންދިސުން، އިންޖިނިއަރުން އެބަ ތިއްބެވި. ޤާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން އެބަ ތިއްބެވި. އެހެންވީމާ، މިކަމުންވެސް އެބަ އެނގޭ، އަޅުގަނޑުމެން 1980 ވަނަ އަހަރު މި އިންދި އޮށުން މާތްﷲގެ ރަޙްމަތްފުޅުން ވަރަށް ރަނގަޅު ގަހެއް ފަޅައި ހެދި، އޭގެ މޭވާ އަޅުގަނޑުމެންނަށް ލިބެން ފަށައިފިކަން. މިއީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެންވެސް އުފާކުރުން ޙައްޤު ކަމެއް.

އާދެ، ޢަމީދުގެ ވާހަކަފުޅުގައި، ކުއްލިއްޔާގެ ތަރައްޤީއާއި ކުރިއެރުމަށް އަޅަންޖެހޭނެ ފިޔަވަޅުތަކެއްގެ ވާހަކަ ވިދާޅުވި. އޭގެތެރޭގައި ކުއްލިއްޔާ، ޔުނިވަރސިޓީއަކަށް ބަދަލުވެގެންދިޔުން، ކުއްލިއްޔާއަށް އިތުރު ވަސީލަތްތައް ލިބިގެންދިޔުން، ކުއްލިއްޔާގެ ތަޢުލީމަށް އިތުރު ފުރިހަމަކަމެއް އައުން، މިކަންކަމަކީ ސަރުކާރުގެ ވިސްނުމުގައި ހުރި ކަންތައްތައް. އިރާދަކުރެއްވިއްޔާ، ކޮންމެ ކަމެއްވެސް، އެކަމުގެ ވަގުތު އައިސްޖެހުނީމާ ވާނެ. އެކަމަށް އަޅުގަނޑުމެން ޖެހޭނީ މަސައްކަތް ކުރަން. އެހެންވީމާ، އެމަސައްކަތުގައި ސަރުކާރުން ކުރިއަށްދާނެ ވާހަކަ ދަންނަވާލުމަށް އަޅުގަނޑު މިފުރުޞަތުގެ ބޭނުންކުރަން.

ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ، އާދެ، މިކުއްލިއްޔާއަކީ އިސްލާމީ ތަޢުލީމު ފެތުރުމަށްޓަކައި އުފެދިފައިވާ ކުއްލިއްޔާއެކޭ. އިސްލާމީ ތަޢުލީމު ބިނާވެފައި އޮންނަންވާނީ ކޮންކަމެއްގެ މައްޗަށްތޯ، އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ. އިސްލާމީ ތަޢުލީމު ބިނާވެފައި އޮންނަންވާނީ، މާތްވެގެންވާ އިސްލާމްދީނުގެ ޖައުހަރުގެ މައްޗަށް. އެދީނުގެ މާތް އުސޫލުތަކާއި ހަމަތަކުގެ މައްޗަށް. އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާ ޚިލާފުވާ އެއްވެސް ކަމަކީ، އިސްލާމީ ތަޢުލީމުގައި ހިމެނޭ ނުވަތަ ހިމެނިގެންވާނެ ކަމެއްނޫން.

އިސްލާމްދީނުގެ ސަމާޙަތާއި ތަސާމުހާ، އެދީނުގެ ނަޒަރުގައި އެންމެންގެ ހަމަހަމަކަމާއި، އެންމެންގެ ޙައްޤުތައް ރައްކާތެރި ކުރުމަކީ އިސްލާމީ ތަޢުލީމުގެ މުހިންމު ރުކުންތަކެއް. އާދެ، މިކަމަށް އަޅުގަނޑުމެން ވަރަށް ބޮޑު ސަމާލުކަމެއް ދޭން އެބަޖެހޭ. އެއީ، މިއަދު ދުނިޔޭގެ ކަންތައްތައް ހުރިގޮތުން މުސްލިމުންގެ ތެރެއިން ބައެއް މީހުންނަށް އިސްލާމްދީނުގެ ޖައުހަރު މިވަނީ އޮޅިފައި. އިސްލާމްދީނުގެ ޙަޤީޤީ އުސޫލުތައް، އެމީހުންގެ ހިތުގައި އޮތީ މުޅިން އެހެން ގޮތަކަށް ތަޞައްވުރު ކުރެވިފައި. އިސްލާމްދީނުގައި އޮންނަ ގޮތަކަށްނޫން. އިސްލާމްދީނަކީ ސަމާޙަތުގެ ދީން. ޞުލްޙަވެރިކަމުގެ ދީން. މާތް އަޚްލާޤުގެ ދީން. އެކަކު އަނެކަކަށް ކަމޭހިތުމާއި، އިޙްސާންތެރިވުމުގެ ދީން. އިސްލާމްދީނަކީ ދެކޮޅުވެރިކަމުގެ ދީނެއް ނޫން. މީހުން ބައިބައިކުރުވާ ދީނެއް ނޫން. ފިތުނަ އުފައްދާ ދީނެއް ނޫން. ހަރުކަށި އުސޫލުތައް ގެންގުޅެންވީ ދީނެއް ނޫން. އިސްލާމްދީނަކީ ވަޞަޠިއްޔަތުގެ ދީން. "وَكَذَلِكَ جَعَلْنَاكُمْ أُمَّةً وَسَطاً" (البقرة: 143) މާތްﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވަނީ. "އެފަދައިން ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ އުންމަތަކީ ވަސަޠިއްޔަތުގެ، މެދުމިންކަމުގެ އުންމަތެއް ކަމުގައި ލެއްވީމެވެ."

ކީރިތި ޤުރްއާނުގައި، މާތް ރަސޫލާގެ ސުންނަތުގައި އިސްލާމްދީނުގެ ސަމާޙަތު ވަނީ ވަރަށް ރަނގަޅަށް ބަޔާންކޮށްދެއްވާފައި. މުސްލިމުން އެކަކު އަނެކަކާ ދޭތެރޭގައި ކަންތައްތައް ކުރަންވީގޮތް، އެއްބަޔަކު އަނެއްބަޔަކު ދެކެންވީގޮތް، މުޢާމަލާތު ކުރަންވީ ގޮތް އަދި މުސްލިމުންނާއި ޣައިރު މުސްލިމުންނާ ދޭތެރޭގައި ކަންތައް އޮންނަންވީ ގޮތް އޮތީ ބަޔާންކޮށްދެއްވާފައި. ހަމައެހެންމެ، ހަނގުރާމަކުރަން ދިމާވެއްޖިއްޔާ، ހަނގުރާމައިގައިވެސް މުސްލިމުން ކަންތައް ކުރަންވީ ރިވެތި އުސޫލު އަދި ސުލްޙައިގެ ޒަމާނުގައި ކަންތައް ކުރަންވީ ގޮތާއި، ބައިނަލްއަޤްވާމީ ގޮތުން ކުރަންޖެހޭ ކަންތައްތަކުގައި މުސްލިމުންގެ ޒިންމާ، މުސްލިމުންގެ މަސްއޫލިއްޔަތު، އެމީހުން ކަންތައް ކުރަންވީގޮތް، މިހުރިހާ ކަމެއްވަނީ އަޅުގަނޑުމެންގެ މި މާތް ދީނުގައި އަންގަވާފައި. އޭގެ އުސޫލުތައްވަނީ ކީރިތި ޤުރްއާނުގައި ކަނޑައަޅުއްވައި ދެއްވާފައި. އޭގެ ތަފުޞީލުތައް ވަނީ މާތް ރަސޫލާގެ ސުންނަތުގައި ބަޔާންކޮށްދެއްވާފައި.

މިހެންއޮތް ކަމެއްގައި، މިދެންނެވި މަތިވެރި މާތް އުސޫލުތަކާ ޚިލާފަށް، ދީނުގެ ނަމުގައި ކަންތައްތައް ކުރުމަކީ އެއްގޮތަކަށްވެސް އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއްނޫން. ވަރަށް ކުޑަކުޑަ މިސާލެއް އަޅުގަނޑު ދަންނަވާލާނަން. ކުޑަ މިސާލެކޭ ދެންނެވިޔަސް، މުހިންމު މިސާލެއް. ކުރިންވެސް ދެންނެވި ފަދައިން، އިސްލާމްދީނުގައި މިއޮންނަނީ އެންމެންގެ ހަމަހަމަކަން ޤާއިމުކުރައްވާފައި. އެންމެންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ބާރު އަޅުއްވާފައި. އެކަމުގެ މިންގަނޑުތައް ކަނޑައަޅުއްވައި ދެއްވާފައި. އެކަމުގައި ކުލައިގެ ތަފާތެއް ނެތް. ދޮން މީހަކަށްވިޔަސް، ކަޅު މީހަކަށް ވިޔަސް، އަދި އެހެން ކުލައެއްގެ މީހަކަށްވިޔަސް. އެމީހަކީ ހަމަ އިންސާނެއް. އިސްލާމްދީނުގެ ކުރިމަތީގައި، ހުރިހާ ކުލަތަކުގެ މީހުން އެއްވަރު. ހުރިހާ ނަސްލުތަކުން އައިސްފައި ތިބި މީހުން އެއްވަރު. އެއްވެސް ތަފާތެއް ނެތް. އަންހެނުންނާއި ފިރިހެނުންނާވެސް އެއްވަރު. ތަފާތެއް ނެތް. އިންސާނީވަންތަ ކަމުގެ ގޮތުން ބަލާއިރު، މިހުރިހާ ބައިބައި މީހުންނަކީ، ތަފާތު ޖަމާޢަތްތަކުގެ މީހުންނަކީ އެއްވަރު ބައެއް. ކޮންމެ ބައެއްގެވެސް ޙައްޤުތައް ރައްކާތެރިކޮށްދޭންޖެހޭ. އިސްލާމްދީނަކީ އެންމެންގެ ކުރިއެރުމާއި، ތަރައްޤީއާއި، އެންމެންގެ އުފަލާއި ބާއްޖަވެރިކަމަށް ބާރުއަޅާ ދީނެއް. އިސްލާމްދީނަކީ ހަމައެކަނި ޖަމާޢަތުގެ ވަކިބައެއްގެ ކުރިއެރުމަށް މަގުފަހިކޮށްދީފައި، ދެން ތިބި މީހުން، އެ ކުރިއެރުމުން އެއްކިބާކުރާ ދީނެއް ނޫން.

އަޅުގަނޑު މިވާހަކަ މިދެންނެވީ، ބައެއް ޤައުމުތަކުގައި މިހާރު އަންހެން ކުދިންނަށް ސްކޫލްތައް ހަދައިގެން ކިޔަވައިދިނުން މަނާ. އެމީހުން ދެކޭގޮތުގައި، އެއީ އިސްލާމްދީނާ ޚިލާފުކަމެއް. މިހިރީ މީހުންގެ ވިސްނުމަށް އައިސްފައި ހުރި އޮޅުން. އޮޅުންއެރުމަކީ ވަރަށް ފަސޭހަ ކަމެއް. އޭގައި އޮންނާނީ، މީހަކު ހަމަ އެއްޗެއް ބުނުން. ބުނާއިރަށް ބަޔަކު އެ އެއްޗެއް ގަބޫލުކުރާނެ. އޭގެ ޙަޤީޤަތަކަށް ގިނަ ބަޔަކު ނުވިސްނާ. މިގޮތުން އަރާފައި ހުރި އޮޅުންތައް މިދެންނެވީ.

އެހެންނަމަވެސް، އިސްލާމީ ތާރީޚަށް ބަލާއިރު، أمّ المؤمنين عائشة رضى اللّه عنها، އެކަމަނާއަކީ، ޢިލްމުވެރި ބޭފުޅެއް. މުފައްސިރާއެއް. މުޙައްދިޘާއެއް. ފަޤީހާއެއް. ފިޤުހު ޢިލްމާއި، ޙަދީޘް ޢިލްމާއި ތަފްސީރު ޢިލްމު ދެނެވަޑައިގެން ހުންނެވި އަދި އެ ޢިލްމު އެޒަމާނުގެ ބޭކަލުންނަށް ދަސްކޮށްދެއްވި ބޭފުޅެއް. ހަމަ އެގޮތުން ބަލާއިރު، އިސްލާމީ ތާރީޚުގައި ވަރަށް ނަންކުރެވޭ އަންހެން ބޭފުޅުން އެބަ ތިއްބެވި. ޢިލްމީގޮތުން ކުރިއަށް ވަޑައިގެން ތިއްބެވި ބޭފުޅުން. ޢިލްމީ އެކި ދާއިރާތަކުގައި، މަސައްކަތް ކުރެއްވި ބޭފުޅުން.

އެހެން އެކަން އޮތްއިރު، މިއަދު އަޅުގަނޑުމެން މިބުނަނީ އަންހެން ކުދިންނަށް ކިޔަވައިދިނުމަކީ ކޮށްގެން ވާނެ ކަމެއްނޫނޭ. ނުވަތަ އަންހެން ކުދިންނަށްޓަކައި މަދަރުސާތައް ހަދައިގެން، އެތަންތަނަށް އަންހެން ކުދިން ގެންގޮސްގެން، ކިޔަވައިދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫނޭ. މިއީ، ކޮންކަހަލަ ވާހަކައެއްތޯ! މިކަމަށް އަޅުގަނޑުމެން އެބަ ސަމާލުވާންޖެހޭ. އިސްލާމްދީނުގައި ހެޔޮ ޢަމަލުކުރުމުގައި ނުވަތަ ކުރާ ޢަމަލުގެ އަގުވަޒަންކުރުމުގައި، ނުވަތަ ދުނިޔަވީ ޙަޔާތުގައި، އޭގެ ސަބަބުން ކުރިއެރުން ލިބުމުގައި، ނުވަތަ އާޚިރަތުގައި ޘަވާބު ލިބުމުގައި، އަންހެނުންނަކާއި ފިރިހެނުންނަކާ ތަފާތެއް ނެތް.

އާދެ، މާތްﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވޭ، "مَنْ عَمِلَ صَالِحاً مِّن ذَكَرٍ أَوْ أُنثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُواْ يَعْمَلُونَ" (النحل: 97)

މިއާޔަތުގެ މާނައަކީ، ”މުއުމިނަކު ކަމުގައިވާ ޙާލު، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، ޞާލިޙު ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން ޢަމަލުކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.“

އާދެ، ދުނިޔޭގެ އުފަލާއި ބާއްޖަވެރިކަމާއި ކުރިއެރުން އަދި އާޚިރަތުގެ ޘަވާބު، މިދެބައިވެސް މިއޮތީ އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމައަށް ލިބޭގޮތަށް. އެއްވެސް ތަފާތެއް ނެތް. އަންހެނުންނަށް ހެޔޮ ޢަމަލުކުރެވޭނީ ހެޔޮ ޢަމަލުކުރަން އެނގިގެން. ހެޔޮ ޢަމަލުކުރަން އެނގޭނީ ކިޔަވައިގެން. ތަޢުލީމު ހާސިލުކޮށްގެން. އެހެންވީމާ، ބަޔަކު މީހުން ދައްކާ އެކަހަލަ ވާހަކަތައް އަޅުގަނޑުމެން އެއްގޮތަކަށްވެސް އަހައިގެން ނުވާނެ.

އާދެ، އެހެން އާޔަތެއްގައި ވަރަށް ޞަރީޙަކޮށް މާތްﷲ މިވާހަކަ ބަޔާންކޮށްދެއްވާފައި އެބައޮތް. އާދެ، އެއީ الأحزاب ސޫރަތުގެ 35 ވަނަ އާޔަތް. މާތް ﷲ ވަޙީކުރައްވަނީ "إِنَّ الْمُسْلِمِينَ وَالْمُسْلِمَاتِ وَالْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْقَانِتِينَ وَالْقَانِتَاتِ وَالصَّادِقِينَ وَالصَّادِقَاتِ وَالصَّابِرِينَ وَالصَّابِرَاتِ وَالْخَاشِعِينَ وَالْخَاشِعَاتِ وَالْمُتَصَدِّقِينَ وَالْمُتَصَدِّقَاتِ وَالصَّائِمِينَ وَالصَّائِمَاتِ وَالْحَافِظِينَ فُرُوجَهُمْ وَالْحَافِظَاتِ وَالذَّاكِرِينَ اللَّهَ كَثِيراً وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُم مَّغْفِرَةً وَأَجْراً عَظِيماً" މާނައަކީ، "ހަމަކަށަވަރުން، މުސްލިމް ފިރިހެނުންނާއި، މުސްލިމް އަންހެނުންނާއި، މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުންނާއި، ކިޔަމަންތެރި އަޅުވެރި ފިރިހެނުންނާއި، ކިޔަމަންތެރި އަޅުވެރި އަންހެނުންނާއި، ތެދުވެރި ފިރިހެނުންނާއި، ތެދުވެރި އަންހެނުންނާއި، ކެތްތެރި ފިރިހެނުންނާއި، ކެތްތެރި އަންހެނުންނާއި، ބިރުވެތިވާ ފިރިހެނުންނާއި، ބިރުވެތިވާ އަންހެނުންނާއި، ޞަދަޤާތްދޭ ފިރިހެނުންނާއި، ޞަދަޤާތްދޭ އަންހެނުންނާއި، ރޯދަހިފާ ފިރިހެނުންނާއި، ރޯދަހިފާ އަންހެނުންނާއި، އެއުރެންގެ ޢިއްފަތްތެރިކަން ރައްކާތެރިކުރާ ފިރިހެނުންނާއި، (އެއުރެންގެ ޢިއްފަތްތެރިކަން) ރައްކާތެރިކުރާ އަންހެނުންނާއި، ގިނަގިނައިން ﷲ ހަނދުމަކޮށް ޒިކުރުކުރާ ފިރިހެނުންނާއި، ޒިކުރުކުރާ އަންހެނުންނާއި، އެ އެންމެންނަށްޓަކައި ﷲ ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ."

މި އާޔަތުގައި، މި ހުރިހާ ކަމެއްގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަވެގެންވާކަން ބަޔާންކޮށްދެއްވާފައި އެވަނީ. ވަރަށް ސާފުކޮށް، ވަރަށް ޞަރީޙަކޮށް، އެއްވެސް އޮޅުމެއް އެކަމުގެ ތެރޭގައި ނުހިމެނޭގޮތަށް.

މިކަން މިހެން އޮތްއިރު، ކިހިނެއްތޯ އަޅުގަނޑުމެން ގަބޫލުކުރާނީ ހަމައެކަނި އިސްލާމްދީނުގައި އޮންނަނީ ފިރިހެނުންގެ ކުރިއެރުމަށް މަގުފަހިކޮށްދީފައޭ ބުނާބުނުން. އިސްލާމްދީނުގެ ހިޔާވަހިކަމުގެ ދަށުން، ކުރިއެރުމާއި ތަރައްޤީއާއި ތަޢުލީމާއި ނަޞީބާއި އުފާފާގަތިކަން ލިބެންވަނީ ހަމައެކަނި ފިރިހެނުންނަށްކަން ގަބޫލުކުރާނީ ކިހިނެއްތޯ! ވަރަށް ޞަރީޙަކޮށް ކީރިތި ޤުރްއާނުގައި ﷲ ބަޔާންކޮށްދެއްވާފައި އެވަނީ، ދުނިޔޭގެ ހެޔޮކަމާއި، ދުނިޔޭގެ އުފަލާއި، އުފާފާގަތިކަމާއި ތަރައްޤީއާ، މިހުރިހާ ކަމެއްގައިވެސް އަންހެންނާއި ފިރިހެނުންނާ ހަމަހަމަވެގެންވާކަން. އަދި އާޚިރަތުގައި ޘަވާބު ދެއްވުމާއި ނުވަތަ ނުކިޔަމަންތެރިވާ މީހުންނަށް ޢަޛާބު ދެއްވުމާ، މިކަންކަމުގައިވެސް އަންހެނުންނާއި ފިރިހެނުންނާ ދެމެދުގައި ތަފާތެއް ނެތް ކަމަށް. މިއެންމެންނަށް، ﷲގެ މަގުގައި ހެޔޮ ޢަމަލުކުރާ މީހުންނަށް ﷲ ފާފަފުއްސެވުމާއި ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވި ކަމުގައި މިއާޔަތުގައި އަންގަވާފައި އެވަނީ.

މިދަންނަވާލީ ހަމައެކަނި ދެ އާޔަތް. މީގެއިތުރުންވެސް، ކީރިތި ޤުރްއާނުގައި މިކަހަލަ ކިތަންމެ އާޔަތެއް އެބަހުރި. އަދި މާތްރަސޫލާގެ ސުންނަތުގައިވެސް މިކަންވަނީ ވަރަށް ރަނގަޅަށް ބަޔާންކޮށްދެއްވާފައި. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ މިކަންކަމަށް ވިސްނަން. އިސްލާމީ ތަޢުލީމަކީ، މިއީކަން އަޅުގަނޑުމެން ދަންނަން އެބަޖެހޭ. އިސްލާމީ ތަޢުލީމުގައި ހިމެނޭ މުހިންމު ރުކުންތަކަށް އަޅުގަނޑުމެން އިޙްތިރާމުކުރަން އެބަޖެހޭ. އަޅުގަނޑުމެންގެ ތަޢުލީމު ބިނާކުރަންޖެހޭނީ އެކަންކަމުގެ މައްޗަށް. އާދެ، މިރޮނގުން ތަންކޮޅެއް ދިގުކޮށްވެސް ވާހަކަ ދެއްކިއްޖެކަންނޭނގެ. ދެން އަޅުގަނޑުގެ ވާހަކަކޮޅު ތަންކޮޅެއް ކުރުކޮށްލަން މަސައްކަތް ކުރާނަން.

އާދެ، މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާއާއި އަދި ފަހުން ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން މިކުރައްވާ މަސައްކަތްތަކުގައި، އެކި މިންވަރަށް ޙިއްޞާ ކުރައްވާފައިވާ ބޭފުޅުންނަށް އަޅުގަނޑުވެސް ޝުކުރު ދަންނަވާލަން ބޭނުންވޭ. އެގޮތުން، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އެންޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން އެކުރައްވާ މަސައްކަތްޕުޅުތަކަށްޓަކައި، އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެހެންމެ، އެމިނިސްޓްރީގެ ވެރިންނަށާއި މުވައްޒަފުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

ކުއްލިއްޔާގެ މަޖިލީހުގެ ރައީސް، އަލްއުސްތާޛު ޢަބްދުﷲ ޙަމީދަށާއި، އެމަޖިލީހުގެ އެހެން މެންބަރުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތާނގެ ވެރިންނަށްވެސް ޝުކުރު ދަންނަވަން.

ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ޢަމީދު، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އޭނާއަކީ، މަޢުހަދުގެ ގޮތުގައި މިތަން ފެށުނީއްސުރެ މިހާތަނާ ޖެހެންދެން މި މުއައްސަސާގެ އިސްވެރިއެއްގެ ގޮތުގައި ޚިދުމަތް ކުރައްވާފައިވާ އަދި މިހާރުވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް. 27 އަހަރުގެ ދިގު މުއްދަތުގައި އޭނާ މި މުއައްސަސާވަނީ ވަރަށް ހަރުދަނާ ގޮތެއްގައި ހިންގަވައި ދެއްވާފައި.

ޙަޤީޤަތުގައި އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ ވަރަށް އާދަޔާ ޚިލާފު ބޭފުޅެއް. އެންމެ ފުރަތަމަ އަޅުގަނޑު އޭނާ ދުށީ، 1965 ވަނަ އަހަރުގެ އޮކްޓޯބަރުމަހު. މީގެ 43 އަހަރު ކުރިން. އޭނާ އޭރު ކިޔަވާކުއްޖެއްގެ ގޮތުގައި މިސުރަށް ދިޔައީ. އޭރުވެސް ހުންނެވީ ވަރަށް ހިކިކޮށް. މިހާރުވެސް ހަމަ އެގޮތުގައި އެހުންނެވީ. އެހެންނަމަވެސް އޭރާއި މިހާރާ ވަރަށް ބޮޑަށް ތަފާތުވެއްޖެ. އޭރު ކުޑަކުޑަ ދަރިވަރެއް. މިހާރު އުސްތާޛެއް. ޢަމީދެއް. ވަރަށް ތަޖުރިބާކާރު ބޭފުޅެއް. އަދި ވަރަށް ގިނަ ރޮނގުރޮނގުން ހުނަރުވެރި ޤާބިލް ބޭފުޅެއް. އޭނާ ކުރައްވާ މަސައްކަތްޕުޅުތަކަށް ބައްލަވައިލެއްވިޔަސް އެނގިވަޑައިގަންނަވާނެ. އަޅުގަނޑު ދަންނަވާނީ މުރާލިކަމުގެ ލާމަސީލު މިސާލެކޭ. ކުއްލިއްޔާ ހިންގެވުމުގެ އިތުރަށް، އަމިއްލަފުޅުގޮތުން ފޮތް ލިޔުއްވައި، މަޒުމޫން ލިޔުއްވައި، ނޫސްތަކަށް ލިޔުއްވައި، ޓީ.ވީއާއި ރޭޑިޔޯއަށް އިންޓަރވިޔުތައް ދެއްވައި، މިހެންގޮސް ޢިލްމީ، ތަޢުލީމީ، ފިކްރީ ދާއިރާގައި އޭނާ ނުކުރައްވާ ކަމެއްނެތް. ހަމަ އޭގެއިތުރުން، އޭނާގެ އެންމެ މުހިންމު މަސްއޫލިއްޔަތު ކަމުގައިވާ މި ކުއްލިއްޔާ ވަރަށް ފުރިހަމަކޮށް އެބަ ހިންގަވައިދެއްވާ. އެހެންވީމާ، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އޭގެފަހުން، ކުއްލިއްޔާގެ އެހެން ވެރިންނަށާއި އަދި ކުއްލިއްޔާގެ އެކި ފެކަލްޓީތަކުގައި ކިޔަވައިދެއްވާ ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. މިކުއްލިއްޔާ ހިންގުމުގައި ބޭރުގެ ފަރާތްތަކުގެ އެހީވެސް ވަރަށް ބޮޑު. އެގޮތުން މިސުރުގެ އަޒުހަރު ޔުނިވަރސިޓީން ފޮނުއްވާފައިވާ ގިނަ އަދަދެއްގެ މުދައްރިސުން މިކުއްލިއްޔާގައި ކިޔަވައިދެއްވަމުން އެބަ ގެންދަވާ. އަދި މަޢުހަދުގެ ގޮތުގައި ހުރިއިރުވެސް، އަޒުހަރުގެ މުދައްރިސުން ކިޔަވައިދެއްވަމުން ގެންދެވި. އެ ހުރިހާ މުދައްރިސުންނަށާއި، އަޒުހަރު ޔުނިވަރސިޓީއަށާއި، މިސުރު ސަރުކާރަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، މިރޭގެ މިއުފާވެރި އިޙްތިފާލުގައި، އަޅުގަނޑު މިދައްކާ ވާހަކަކޮޅު ނިންމާލާނީ އަދިވެސް އެއްފަހަރު ތިޔަ ލޮބުވެތި ދަސްވެނިންނަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި، މުބާރަކްބާދީއާއި، ތަހުނިޔާ އަދާކުރަމުން. އަދި اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެންނަށް، މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި އެކަލާނގެ ޙަޟުރަތުގައި ދުޢާ ދަންނަވަމުން. ހަމައެހެންމެ، ދިވެހިރާއްޖޭގެ ތަޢުލީމަށާއި އަދި ޚާއްޞަކޮށް ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއަށް ވަރަށް އުފާވެރި، ތަރައްޤީވެފައިވާ އަދި ހުރިހާ ރޮނގަކުން ކުރިޔަށް ފިޔަވަޅުތަކެއް އެޅޭ ކުރިމަގެއް ދެއްވުން އެދި އެކަލާނގެ ޙަޟުރަތުގައި އިބްތިހާލުވަމުން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.