بســم اللّـه الرّحمـن الرّحيــم.

اَلْحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّـلام على خاتم الأنبياء وسـيّد المرسـلين، وَعلى آلـه وأصـحَابِه أجمـعـين

އާދެ، ރާއްޖޭގައި މަސްތުވާތަކެތި ކޮންޓްރޯލް ކުރުމާބެހޭ މައި މަޝްރޫޢު، މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން އިފްތިތާޙުކޮށްދިނުމަކީ، ދެންމެ އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. އެހެންނަމަވެސް، އެއުފާ އަދި ފުރިހަމައެއްނުވޭ. އަޅުގަނޑުގެ މިއުފާ ފުރިހަމަވާނީ މާތްﷲގެ ވާގިފުޅާއެކު މި މަޝްރޫޢު ކާމިޔާބުވެގެން. އަދި މި މަޝްރޫޢު ކާމިޔާބުވުމުގެ ސަބަބުން، ދިވެހިރާއްޖެއިން މަސްތުވާތަކެތީގެ ވަބާ ކޮންޓްރޯލް ކުރެވިގެން. އެހެންވީމާ، އެދުވަހެއްގެ އިންތިޒާރުގައި، އަޅުގަނޑުގެ އުފަލުގެ އެއްބައި ފުރިހަމަނުކޮށް މަޑުކޮށްލާ ވާހަކަ ދަންނަވާލަން.

މިއަދު މި އިފްތިތާޙު ކުރެވުނު މަޝްރޫޢަކީ، ވަރަށް މުހިންމު ޤައުމީ މަޝްރޫޢެއް. އަޅުގަނޑުމެންނަށް މިވަގުތު ދިމާވެފައިވާ އިޖްތިމާޢީ އެންމެ ބޮޑު މައްސަލައަކީ، މަސްތުވާތަކެތީގެ މައްސަލަކަން، ތިޔަ ހުރިހާ ބޭފުޅުންނެކޭ އެއްފަދައިން، މުޅި ދިވެހިރައްޔިތުންވެސް ގަބޫލުކުރައްވާނެ. އެމައްސަލައަށް ޙައްލެއް ފެނޭތޯ ސަރުކާރުން މަސައްކަތް ކުރަމުން ގެންދާތާ އެތައް އަހަރެއް ވެއްޖެ. މިއަދު މި މަޝްރޫޢު އިފްތިތާޙު ކުރުމުގެ މާނައަކީ، މީގެކުރިން މަސައްކަތްތަކެއް ކުރެވިފައި ނެތެކޭ ނޫން. އޭގެ މާނައަކީ، މީގެކުރިން ކިތަންމެ މަސައްކަތްތަކެއް ކުރެވިފައި އޮތްނަމަވެސް، އެމަސައްކަތުގެ އެދެވޭ ނަތީޖާ، އަޅުގަނޑުމެންނަށް އަދި ފެނިފައި ނުވާކަން.

އެހެންވީމާ، އަޅުގަނޑުމެންގެ މަސައްކަތް، އިތުރު މަރުޙަލާއަކަށް މިހާރު މިއޮތީ ގެންދަން ޖެހިފައި. އެމަރުޙަލާއަކީ މިއަދު މި އިފްތިތާޙު ކުރެވުނު ރާއްޖޭގެ މަސްތުވާތަކެތި ކޮންޓްރޯލް ކުރުމާބެހޭ މައި މަޝްރޫޢުގައި އެވާ ކަންތައްތައް. އެކަންތައްތައް އެމަޝްރޫޢުގައިވާ ގޮތުގެ މަތިން އަޅުގަނޑުމެން އެންމެން އަތުގުޅާލައިގެން އާދެ، ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި އަދި ރައްޔިތުންގެ ތެރޭގައި އުފެދިފައިވާ އެކިއެކި އަމިއްލަ ޖަމާޢަތްތަކާއި ޖަމުޢިއްޔާތަކާއި އަދި ރަށްރަށުގެ ރަށްކުރިއަރުވާ ކޮމިޓީތަކާއި އަދި ރައްޔިތުންނާއި، ބެލެނިވެރިންނާއި ޓީޗަރުންނާ، މިހުރިހާ ދާއިރާތަކެއްގެ އެއްބާރުލުން ފުރިހަމައަށް ލިބިގެން މަސައްކަތްކޮށްފިނަމަ އިރާދަކުރެއްވިއްޔާ، މި މަޝްރޫޢު ކާމިޔާބުވާނެ.

އާދެ، މި މަޝްރޫޢުގެ މައިގަނޑު ދެ ބޭނުމެއް އެބައޮތް. އެއްބޭނުމަކީ، މަސްތުވާތަކެތި ރާއްޖެއަށް އެތެރެވުން ހުއްޓުވުން. އެނގިވަޑައިގަންނަވާނެ ފަދައިން، މަސްތުވާތަކެއްޗަކީ ރާއްޖޭގައި އުފައްދާ އެއްޗިއްސެއް ނޫން. ރާއްޖޭގައި މިވަބާ ފެށިގެން މިއުޅެނީ އެ އެއްޗެތި ރާއްޖެއަށް ބޭރުން އެތެރެކުރެވުމުގެ ސަބަބުން. އެހެންވީމާ، އެންމެ ފުރަތަމަ ފިޔަވަޅަކީ، މިތަކެތި އެތެރެވުން ހުއްޓުވުން. އެކަމަށް މި މާސްޓަރ ޕްލޭންގައި ވަރަށް ބޮޑަށް ބާރުއަޅައި، އެކަމާބެހޭ މަސައްކަތްތައް ތަފްޞީލުކޮށް ބަޔާންކޮށްދީފައި އެބައޮތް.

ދެވަނަ ބޭނުމަކީ މަސްތުވާތަކެތީގެ ބޭނުންކުރުން ހުއްޓުވުން. މިކަން ކުރެވޭނީ ވަރަށް ބޮޑަށް ހޭލުންތެރިކަން އުފައްދައިގެން. މަސްތުވާތަކެތީގެ ނުރައްކަލާ ދޭތެރޭގައި، އެންމެންގެ ހޭލުންތެރިކަން އުފައްދައިގެން. އެއީ، ހަމައެކަނި ވަކި ބައެއްނޫން. މަސްތުވާތަކެތީގެ ވަބާ މިއޮތީ މުޅި ރާއްޖެއަށް ފެތުރިފައި. ހުރިހާ އުމުރުތަކުގެ މީހުންނަށްވެސް އެވަބާގެ ނުރައްކާ މިއޮތީ ކުރިމަތިވެފައި. އެހެންވީމާ، އަޅުގަނޑުމެންގެ ކުޑަކުދިންނާއި، ޒުވާނުންނާއި، ހަރުމީހުންނާ، މި އެންމެންނަށް މަސްތުވާތަކެތީގެ ނުރައްކާ ވަރަށް ރަނގަޅަށް އެނގެން އެބަޖެހޭ. އެއިން ރައްކާތެރިވާން އަޅަންޖެހޭ ފިޔަވަޅުތައްވެސް އެޅެން އެބަޖެހޭ. އެއިން ރައްކާތެރިވެވޭނެ ގޮތްތައް ދަސްކޮށްދޭން އެބަޖެހޭ. އެއީ، މިކަމުގައި ކުރެވެން އޮތް އެންމެ މުހިންމު މަސައްކަތަކީ. އެހެންވީމާ، އެމަސައްކަތް، އާދެ، މަސްތުވާތަކެތި ބޭނުންކުރުމަށް ހުރަސްއެޅުން، ނުވަތަ މަސްތުވާތަކެތި ބޭނުންކުރުން ފެތުރުމަށް ކުރެވޭ ކަންތައްތައް ހުއްޓުވުން، މިކަންތައްތައް ކުރުމަށްވެސް މި މައި މަޝްރޫޢުގައި ވަރަށް ބޮޑަށް އަލިއަޅުވާލާފައި އެބައޮތް.

އާދެ، ދެންމެ ތިޔަބޭފުޅުންނަށް ތިޔަ ފެނިވަޑައިގެންނެވި ވީޑިޔޯއިންވެސް އެނގިވަޑައިގެންނެވި ފަދައިން، މި މަޝްރޫޢުގެ މުއްދަތަކީ 5 އަހަރު. އެހެންވީމާ، މިއަދު މިފެށޭ މަޝްރޫޢު އިރާދަކުރެއްވިއްޔާ ނިމޭނީ 2012 ވަނަ އަހަރު. 2012 ވަނަ އަހަރު މި މަޝްރޫޢު ނިމޭއިރު، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެންމެން، ކުރިންވެސް މިދެންނެވިހެން އަތުގުޅާލައިގެން، ހިތްވަރާއި ޢަޒުމާ އެކީގައި މަސައްކަތްކޮށްފިއްޔާ، ރާއްޖެއިން މަސްތުވާތަކެތީގެ ވަބާ، މާތްﷲގެ ވާގިފުޅާއެކު އަޅުގަނޑުމެންނަށް ފޮހެލެވޭނެ. އެކަންތައްތަކުން އަޅުގަނޑުމެންނަށް ސަލާމަތްވެވޭނެ.

އެހެންވީމާ، އެކަމުގައި އަޅުގަނޑު އެދެނީ ތިޔަ ހުރިހާ ބޭފުޅުންގެ އެއްބާރުލެއްވުމަށް. ތިޔަ ހުރިހާ ބޭފުޅުންނޭ މިދެންނެވީ، މުޅި ދިވެހި ރައްޔިތުންގެ އެއްބާރުލެއްވުމަށް. މިތާނގައި މިއަދުގެ ޖަލްސާގައި ވަޑައިގެން ތިއްބެވި ބޭފުޅުންނާއި އަދި ސަރުކާރުގެ ތަފާތު ދާއިރާތަކާއި، އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ވިޔަފާރިވެރިންނާއި، ސްކޫލްތަކާއި، ރަށްރަށުގެ ރައްޔިތުންނާ، މިހެންގޮސް ދިވެހި ރައްޔިތުންގެ ތެރޭގައި ހިމެނޭ ހުރިހާ އެންމެންގެ ފުރިހަމަ އެއްބާރުލެއްވުމާއި ތާއީދު މިކަމަށް ލިބުން އަޅުގަނޑު ބޭނުން. އެހެންވީމާ، އެކަމަށް އަޅުގަނޑު މިއަދު ތިޔަ ހުރިހާ ބޭފުޅުންނަށާއި، ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރަން.

މިމަޝްރޫޢު ހިންގުމުގައި، އިރާދަކުރެއްވިއްޔާ މުޅި ސަރުކާރާއި އަދި އަޅުގަނޑުގެ އަމިއްލަ ހިއްސާ ވަރަށް ބޮޑުވާނެ. އެކަން ތިޔަ ހުރިހާ ބޭފުޅުންނަށް ޔަޤީންކޮށް އަރުވަން އަޅުގަނޑު މިއަދު ބޭނުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ބެލުމުގެ ދަށުން މިކަންތައްތައް ހިނގާނުހިނގާގޮތް ބަލައި، މިކަންތަކުގައި އަޅުގަނޑުގެ ހިއްސާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވަރަށް ބޮޑުވާނެ.

އާދެ، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތްތަކެއް އެބަހުރި. އޭގެތެރެއިން އެއްކަމަކީ، ދުނިޔޭގެ އެއްވެސް ޤައުމަކުން މަސްތުވާތަކެތީގެ ނުރައްކާ އަދި ފުހެލެވިފައިނުވާކަން. ކަމުގެ ނުރައްކާތެރިކަން ބޮޑުކަމުންނާއި، އޭގައި ހިމެނޭ ފަރާތްތަކުގެ ނުރައްކާތެރިކަމާއި، އެއީ ވަރަށް ބޮޑު ވިޔަފާރިއަކަށްވާތީއާއި، އޭގައި ހިމެނޭ ފައިސާގެ އަދަދުތައް ބޮޑެތިކަމުން، ދުނިޔޭގެ އެއްވެސް ޤައުމެއްގައި މިކަންތައްތައް ހުއްޓިފައެއް އަދިނެތް.

އެހެންނަމަވެސް، އޭގެ މާނައަކީ އަޅުގަނޑުމެންނަށް ނުހުއްޓުވޭނެއެކޭ ނޫން. ދުނިޔޭގެ އެހެން ޤައުމުތަކުގައި ނުހުންނަ ކިތަންމެ ރަނގަޅު ކަންތައްތަކެއް ރާއްޖޭގައި އެބަހުރި. އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ކުޑަކުޑަ ޤައުމެއް. އެކަކު އަނެކަކު ދަންނަ ޤައުމެއް. ކިތަންމެ ކުޑަ މިންވަރަކަށް ރާއްޖޭގައި ކަމެއް ހިނގި ނަމަވެސް، އެންމެންނަށް އެކަން އެނގޭ. އެހެންވީމާ، މިގޮތުން މިކަން ހުއްޓުވުމަށް އެހެން ޤައުމުތަކަށްވުރެ އަޅުގަނޑުމެންނަށް މާފަސޭހަވާނެ. އެހެން ޤައުމުތަކަށްވުރެ އަޅުގަނޑުމެންނަށް ލިބިފައިވާ މި ރަޙްމަތުގެ ބޮޑުކަމުން، އަދި އެންމެންނަކީ ގުޅިފައިވާ ވަރަށް ކުޑަކުޑަ މުޖްތަމަޢެއް ކަމުގައިވުމުން، މި ލިބޭ ފުރުޞަތުގެ ބޭނުން އަޅުގަނޑުމެން ހެޔޮގޮތުގައި ކޮށްފިއްޔާ އިރާދަކުރެއްވިއްޔާ، މިނުރައްކާ ދިވެހިރާއްޖެއިން އަޅުގަނޑުމެންނަށް ނައްތާލެވިދާނެ.

އާދެ، ދެންމެ ތިޔަ ދެކެވަޑައިގެންނެވި ވީޑިޔޯގައިވާ ފަދައިން، މި މަޝްރޫޢުގައި ތަފާތު ދާއިރާތަކުން ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރި. އޭގެތެރޭގައި، މިކަންތައް ހިންގުމުގެ ދާއިރާގައި، މަސްތުވާތަކެތީގެ ނުރައްކަލުން ދިވެހިރާއްޖެ ސަލާމަތް ކުރުމުގައި، އިދާރީގޮތުން ކުރަންޖެހޭ ކަންތައްތަކާއި އަދި ހަދަންޖެހޭ ނުވަތަ ފުރިހަމަކުރަންޖެހޭ ޤާނޫނުތައް ހެދުމާއި، ފުރިހަމަކުރުމާއި، ގަވާއިދުތައް ހެދުމާއި، ފުރިހަމަކުރުމާއި، ޝަރީޢަތް ހިންގުމުގެ ކަންތައްތައް މިހާރަށްވުރެ ހަރުދަނާކުރުމާ، މިކަންތައްތައްވެސް އެބަ ހިމެނޭ. އަދި މަސްތުވާތަކެތި ކޮންޓްރޯލް ކުރުން، އެތެރެވުން ހުއްޓުވުމާއި އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުން މަދުކުރުމާއި، ހޭލުންތެރިކަން އުފެއްދުމާ، މިހުރިހާ ކަމެއްވެސް މީގެތެރޭގައި ހިމެނޭ. އަދި މިބޭނުންކުރެވޭ މަސްތުވާތަކެތީގެ ސަބަބުން ދިމާވާ ފަސާދައިގެ މައްސަލަތަކާއި، ހަމައެހެންމެ މަސްތުވާތަކެތީގެ ބޭނުންކޮށްގެން މިކުރާ ވިޔަފާރީގައި ނަހަމަގޮތުގައި ފައިސާ ގެންގުޅުމާ، މިހުރިހާ ކަންތައްތަކެއް ކޮންޓްރޯލް ކުރުމަށްވެސް މި މަޝްރޫޢުގައި އަލިއަޅުވާލެވިފައި އެބައޮތް. އަދި ފިޔަވަޅުތަކެއް ކަނޑައެޅިފައި އެބައޮތް. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ މިއީ ވަރަށް ފުރިހަމަގޮތެއްގައި އެކުލަވާލެވިފައިވާ މަޝްރޫއެކޭ.

މި މަޝްރޫޢުގައި ކަނޑައަޅާފައިވާ އެންމެ މުހިންމު އެއްކަމަކީ، ޑްރަގް ލޯ އެންފޯސްމަންޓް އޭޖެންސީއެއް އުފެއްދުން. އާދެ، އެ އެޖެންސީ މަސައްކަތް ކުރާނީ ވަރަށް ވަރުގަދައަށް މިކަމުގައި ފިޔަވަޅުތަކެއް އެޅުމަށް އަދި ނަތީޖާ ހޯދުމަށް. އަޅުގަނޑުމެންނަށް މިހާރުވެސް މަސައްކަތްތަކެއް އެބަ ކުރެވޭ. އެން.އެން.ސީ.ބީ.އިންވެސް ވަރަށް މުހިންމު މަސައްކަތްތަކެއް ކުރައްވާ. މިހާރުވެސް އަދި ވޭތުވެދިޔަ ތާނގައިވެސް ކުރައްވައިފި. އެހެންނަމަވެސް، އެމަސައްކަތްތަކުން އަޅުގަނޑުމެންނަށް އެދެވޭ ނަތީޖާއެއް އަދި ނުހޯދޭ. އެހެންވީމާ، އަޅުގަނޑު މިދެންނެވި ޑްރަގް ލޯ އެންފޯސްމަންޓް އޭޖެންސީ އުފައްދައިގެން، އޭގެތެރެއިން ވަރުގަދައަށް ވަރަށް ބާރަށް ހަރުދަނާކަމާއެކީގައި މަސައްކަތްތަކެއް ކުރަން، މި މަޝްރޫޢު އަޅުގަނޑުމެންނަށް އެބަ މަގުދައްކާ. އެކަން އެގޮތަށް ކޮށްފީވިއްޔާ، އަޅުގަނޑުމެންނަށް އެކަން ކުރެވިދާނެކަމުގެ، ކުރެވޭނެކަމުގެ އެއްވެސް ޝައްކެއް އިރާދަކުރެއްވިއްޔާ ނެތް.

ކުރިންވެސް ދެންނެވިފަދައިން، މި މަޝްރޫޢު ތަންފީޒު ކުރުމުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލެއްވުން ބޭނުން. ސަރުކާރުގެ ފަރާތްތަކުގެ މެދުގައިވެސް އޮންނަންޖެހޭ މަޢުލޫމާތު ދިނުމާއި، މަޝްވަރާ ކުރުމާއި އެއްބާރުލުން އޮންނަންޖެހޭ. އަދި ސަރުކާރުގެ ފަރާތްތަކާއި، އަމިއްލަ ފަރާތްތަކާ ދޭތެރޭގައި އޮންނަންޖެހޭ ޚިޔާލުބަދަލުކުރުމާއި، މަޝްވަރާ ކުރުމާއި، މަޢުލޫމާތު ދިނުމާއި، މިއެއްބާރުލުމާ، މިކަންވެސް އޮންނަން އެބަޖެހޭ. އަޅުގަނޑުމެންނަށް މި މަޝްރޫޢު ކާމިޔާބު ކުރެވެން އޮތީ، މިހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ލިބިގެން. އެކަމަކީ މިއަދު އަޅުގަނޑުމެން އެންމެ ބޮޑަށް ވިސްނަންވީ ނުކުތާ.

އާދެ، އަޅުގަނޑުމެންގެ މެދުގައި ކުރެވޭ ކަންތައްތައް ވަރަށް ރަނގަޅަށް ވިލަރެސް ކުރެވެންވާނެ. އެއްބަޔަކު ކުރާ ކަންތައްތައް، އަނެއް ބަޔަކަށް އެނގެންޖެހޭނެ. އެއްބަޔެއްގެ ޚިޔާލާއި މަޝްވަރާ، އަނެއް ބަޔަކު ހޯދަންޖެހޭނެ. އެނޫންގޮތަކަށް ކޮށްގެން މިކަމުގައި ކުރިޔަށް ދެވޭނެ އެއްވެސް މަގެއް އަޅުގަނޑުމެންނަކަށް ނޯންނާނެ.

މިދެންނެވި ކަންތައްތަކުގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ޙައްޤު އަދަބު ދިނުމާއި، ބޭނުންކުރާ މީހުން އެކަހެރިކޮށްގެން އިޞްލާޙުކޮށް އަނބުރާ މުޖްތަމަޢަށް ނެރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކަށްވެސް ހުރިހާ ފަރާތްތަކެއްގެ ތާއީދާއި އެއްބާރުލެއްވުން ސަރުކާރަށް ބޭނުންވޭ. އާދެ، އަޅުގަނޑު މިހެން މިދެންނެވީ، އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނައިން ދިމާވާކަމެއް. އެންމެންވެސް ބޭނުންވާނެ، ކުށްކުރުން މަދުކުރަން. އަދި ކުށްކުރާ މީހުންނަށް އަދަބު ދިނުމަކީ ކުށްކުރުން މަދުކުރުމަށް އެޅޭ ވަރަށް ބޮޑު ބާރެއް ކަމުގައި އެންމެންވެސް ގަބޫލުކުރޭ. އެހެންނަމަވެސް، ކުށްކުރާ މީހުން ހިފާ، ހައްޔަރުކޮށް، އެމީހުންނަށް ދޭންޖެހޭ އަދަބު ދިނުމާ އެކީގައި، އެހެންކަހަލަ ޝުޢޫރުތަކެއް ފެތުރިގެންދޭ. ޚާއްޞަކޮށް، އެ ކުށްކުރާ މީހާގެ ޢާއިލާގެ ތެރޭގައި، އެހެންކަހަލަ ޝުޢޫރުތަކެއް ފެތުރިގެންދޭ. ޢާއިލާ ދެކޭގޮތުގައި، އެ ޢާއިލާގެ މެންބަރަކަށް އެ ލިބެނީ ލިބެންޖެހޭ އަދަބެއް ނޫން. ނުވަތަ އަދަބުގައި ގިނަދުވަހު ހުރުމަކީ އެއީ ރަނގަޅު ގޮތެއްނޫން. އެކަން ކޮށްގެނެއް ނުވާނެ. ދެން އަންނާނީ ޝަކުވާތައް. ކުށްކުރާ މީހުން ދޫކޮށްލުމަށް އަންނަ އިލްތިމާސްތައް. އެމީހުންގެ އަދަބު ލުއިކޮށްދިނުމަށް، އެމީހުންނަށް މާފުކޮށްދިނުމަށް، މިހެންގޮސް ކުށްކުރާ މީހަކުވެސް އެމީހަކަށް ކަނޑައެޅޭ ޙުކުމުގައި ހުންނަތަނެއް ނާދޭ.

މިހެން ދިމާވީމާ ވާގޮތަކީ، ކުށްކުރާ މީހުން އެމީހުން އިޞްލާޙުވުމުގެ ބަދަލުގައި، އެނބުރި މުޖްތަމަޢަށް އައިސް، އިތުރަށް ކުށްކުރުން ގިނަވަނީ. އެހެންވީމާ، މިހާރު އަޅުގަނޑުމެން މިފަށާ މަޝްރޫޢުގެ ދަށުންވެސް، ވިޔަފާރިކުރާ މީހުންނަށް ޙައްޤު އަދަބުދޭން ފަށާއިރަށް، އޭގެ އަނެއްކޮޅު ފެންނަމުންދާނެ. އެއީ ޠަބީޢީ ކަމެއް. އަދި ޚާއްޞަކޮށް، އަޅުގަނޑުމެން ކަހަލަ ކުޑަކުޑަ ޤައުމެއްގައި، އެންމެން އެންމެން ދަންނަ ޤައުމެއްގައި، މިކަން މިހެންވާނެ. އެކަމަކު އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، އެހެން ނަހައްދަވަމާތޯއޭ. އެބައި އަޅުގަނޑުމެން ދޫކޮށްލަމާތޯއޭ. ކުށްކުރާ މީހަކަށް ޙައްޤު އަދަބު ލިބެންޖެހޭނެ. އަދި އަދަބު ދިނުމުގައި، އެމީހާގެ ޢާއިލާގެ ފަރާތުންވެސް ސަރުކާރާ އެއްބާރުލާންޖެހޭނެ. ކޮންމެގޮތެއްގައިވެސް އެމީހާ އިޞްލާޙުވުމަކީ ޢާއިލާއަށްވެސް ފަހުން ލިބޭ ހަމަޖެހުމަކަށްވާނެ. އަދި މުޅި މުޖްތަމަޢަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށްވާނެ. އެހެންވީމާ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް އަދަބު ދިނުމުގައިވެސް އަދި މިކަންތައް ހުއްޓުވުމަށްޓަކައި އެކަހެރިކޮށްގެން ގެންގުޅެންޖެހޭ މީހުން ގެންގުޅުމުގައިވެސް، އާންމު ރައްޔިތުންގެ އެއްބާރުލެއްވުން ސަރުކާރަށް ވަރަށް ބޮޑަށް ބޭނުންވޭ. އެ އެއްބާރުލެއްވުން ލިބިގެން ނޫނިއްޔަކާ އަޅުގަނޑުމެންނަކަށް މިކަމެއް ނުކުރެވޭނެ.

ހަމައެއާއެކީގައި އަޅުގަނޑުމެންނަށް މިހާތަނަށް ފުރިހަމައަށް ނުކުރެވި އޮތް ކަމެއްގެ ވާހަކަވެސް ދަންނަވާލަން. އެއީ މިކަންކަމުގެ ރެކޯޑް ބެލެހެއްޓުން. ރާއްޖޭގައި މަސްތުވާތަކެތީގެ ބޭނުންކުރަނީ ކިތައް މީހުންތޯ، ކޮންކޮން އުމުރެއްގެ ބަޔެއްތޯ، ކޮން ރަށްރަށެއްގެ، ކޮން އަތޮޅުތަކެއްގެ ބަޔެއްތޯ، އެމީހުން ބޭނުންކުރަނީ ކޮން ޒާތެއްގެ މަސްތުވާ އެއްޗިއްސެއްތޯ، އެމީހުންނަށް އެއެއްޗެތި ލިބެނީ ކިހިނެއްތޯ، މި މަޢުލޫމާތު އެއްކޮށް ރެކޯޑުތައް އަދި ރަނގަޅަށް ބެލެހެއްޓިފައެއް ނެތް. އެހެންނަމަވެސް، މިކަހަލަ ރެކޯޑްތަކެއް ބެލެހެއްޓިގެން ނޫނީ، އަދި އޭގައިވާ މަޢުލޫމާތު ރަނގަޅަށް ތަޙުލީލު ކުރެވިގެން ނޫނީ، އެކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކެއް އަޅުގަނޑުމެންނަކަށް ނޭނގޭނެ. އެހެންވީމާ، މިއީ ވަރަށް މުހިންމު ކަމެއް ކަމުގައި ފެންނާތީ، އަޅުގަނޑު އެވާހަކަ މިދަންނަވާލީ. މި މަޝްރޫޢުގެ ދަށުންވެސް އެކަންތައްތައް ވަރަށް ފުރިހަމައަށް ގެންދަންޖެހޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ، އެވާހަކަ ހަމަ ދަންނަވާލީ.

ހަމައެއާއެކީގައި، މަސްތުވާތަކެތި ހުއްޓުވުމަށް، އަމިއްލަ ފަރާތްތަކުންނާއި، އެކިއެކި ރަށްރަށުގެ ރައްޔިތުން މިކުރާ މަސައްކަތްވެސް އަޅުގަނޑުމެން ދެނެގަންނަން އެބަޖެހޭ. އަޅުގަނޑު މިދޭތެރެއިން އުތުރަށް ކުރި ދަތުރެއްގައި، އެއް ރަށެއްގެ ރައްޔިތުން މިކަމާ ދޭތެރޭގައި އެކުރަމުންދިޔަ މަސައްކަތް ފެނިފައި، އަޅުގަނޑު ވަރަށް އުފާވި. އެމީހުންގެ ރަށަށް މަސްތުވާތަކެތި ހިފައިގެން މީހަކު އެތެރެވިޔަކަ ނުދޭ. އެމީހުން ތިބެނީ ފާރަޔަށް. މާލެއިންނާއި، އެކި ދިމަދިމާއިން މަޢުލޫމާތު ހޯދަނީ. މަސްތުވާތަކެތި ހިފައިގެން އެއްވެސް މީހަކު ރަށަށް އަރާކަން އެނގިއްޖިއްޔާ، އެމީހަކު ހިފަހައްޓައި، ފުލުހުންނާ ހަވާލުކުރަނީ.

މިހިރީ ރަށެއްގެ ރައްޔިތަކު އަމިއްލައަށް ކުރި މަސައްކަތް. މި މަސައްކަތަކީ އަޅުގަނޑު ދެކޭގޮތުގައި، އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް ކުރެވޭނެ މަސައްކަތް. އަދި ކުރުން މިވަގުތަށް ލާޒިމުވެފައިވާ ކަންތައްތައް. މީގެއިތުރުން، ބައެއް ޖަމާޢަތްތަކުންވެސް މިކަން އެބަކުރޭ. ބައެއް ޢާއިލާތަކުންވެސް އެބަކުރޭ. ހަމަ އެންމެ މީހަކު މިކަން ކުރާކަން އެނގުނީމާ، އޭނާއާ ދޭތެރޭގައި އެމީހުން އަޅާލައި، އެކަން ޙައްލުކޮށްދީ، އޭނާ އަނބުރާ މުޖްތަމަޢަށް ގެނައުމުގެ މަސައްކަތްކޮށް، މުޅި ޢާއިލާގެ އެހެން އެއްވެސް މީހަކަށް އޭގެ އަސަރު ނުކުރާ ގޮތަކަށް އެހިސާބުން އެކަން ހުއްޓުވަން ބައެއް ޢާއިލާތަކުން އެބަ މަސައްކަތް ކުރޭ. މިހިރީ އަޅުގަނޑުމެންނަށް ޢާއިލާގެ ފެންވަރުގައިވެސް ކުރެވިދާނެ ކަންތައްތައް. ރަށްރަށުގެ ފެންވަރުގައިވެސް ކުރެވިދާނެ ކަންތައްތައް. އެހެންވީމާ، މިކަންތައްތައް އަޅުގަނޑުމެން އަމިއްލައަށް ކުރަން އެބަޖެހޭ. ކޮންމެހެން ވަކި ފަރާތަކުން، ނުވަތަ އެހެން ފަރާތަކުން އައިސް، މިކަން ކޮށްދެންދެން އަޅުގަނޑުމެން މަސައްކަތެއްނުކޮށް ތިބޭކަށެއް ނުޖެހޭ. މިކަމަކީ އަޅުގަނޑުމެންގެ އަމިއްލަ މައްސަލައެއް. އަމިއްލައަށް ދިމާވެގެން އުޅޭ އަމިއްލަ ނުރައްކަލެއް. މިނުރައްކަލުން ސަލާމަތްވާންޖެހޭނީ އަޅުގަނޑުމެން އަމިއްލައަށް. އަމިއްލައަށްވެސް މަސައްކަތް ކޮށްގެން. މުޅި ޤައުމު އެގޮތަށް މަސައްކަތް ކޮށްގެން.

އަޅުގަނޑު ފަހަރެއްގައިވެސް މިދެންނެވީކީ، ސަރުކާރުން މަސައްކަތް ނުކުރާ ވާހަކައެއް ނޫން. ސަރުކާރުން މިކުރާ މަސައްކަތްތަކުގެ އިތުރުން، ސަރުކާރާއި، އަމިއްލަ ފަރާތްތަކާއި، މިކަމާ ގުޅުން ހުރި ފަރާތްތަކުން، އަދި އެނގިވަޑައިގަންނަވާނެ ފަދައިން، މަސްތުވާތަކެތީގެ ވަބާއިން ރައްޔިތުން ސަލާމަތް ކުރުމަށް، އަމިއްލަ ޖަމާޢަތްތަކެއްވެސް އެބަހުރި. އެޖަމާޢަތްތަކުން އެކުރައްވާ މަސައްކަތަކާއި، ސަރުކާރުން ކުރާ މަސައްކަތްތަކުގެ އިތުރުން، އަމިއްލަ ފަރުދުން، އަމިއްލަ ޢާއިލާތަކުން، ރަށްރަށުގެ ރައްޔިތުން، މިމަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވާން އެބަޖެހެޔޭ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ. އެމީހުންގެ އިސްނެގުން ބޭނުންވެއޭ. މިކަމުގައި އިސްނެގުން މިއީ އެންމެ މުހިންމު ކަމަކީ. އެހެން މީހަކު ބުނަންދެން މަޑުނުކޮށް، އަމިއްލައަށް ކަންތައް ކުރަން ފެށުން. އެގޮތަށް ކަންތައް ކުރަންޏާ، އަޅުގަނޑު ހިތުން އަޅުގަނޑުމެން މި ބޭނުންވާ މަޤްޞަދާ ހަމައަށް ވަރަށް އަވަހަށް ވާޞިލުވެވޭނެ.

އާދެ، ދެންމެ އަމީން އިބްރާހިމްގެ ވާހަކަފުޅުގައި، އެ ވިދާޅުވި ފަދައިން، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިންނަށް، އަޅާލުމުގެ ރޫޙު އިތުރުވަމުންދާކަމުގެ މަޢުލޫމާތު ލިބެމުން އެބަދޭ. [ވޭކްއަޕް] ކެމްޕޭނަކީ، އެ ވިދާޅުވި ފަދައިން ރަނގަޅަށް ހިނގަމުންދާ ކެމްޕޭނެއް. އޭގެ ނަތީޖާ ފެންނަމުން އެބަދޭ. މިއީ، މީގެކުރިން އަޅުގަނޑުމެންނަށް ފެނިފައިނުވާ ކަމެއް. މިކަހަލަ އާ ރޫޙެއް ބެލެނިވެރިންގެ ތެރޭގައި، ޢާއިލާތަކުގެ ތެރޭގައި، އާންމުންގެ ތެރޭގައި ފެތުރިގެންދާކަން އެއީ، އަޅުގަނޑުމެން އުފާކުރުން އެކަށީގެންވާ ކަމެއް. އެހެންވީމާ، އެވާހަކަވެސް ދަންނަވާލީ.

މި މަޝްރޫޢު އެކުލަވައިލެވިފައި މިވަނީ، ވަރަށް ގިނަ ފަރާތްތަކެއްގެ މަސައްކަތާއި އެއްބާރުލެއްވުން ލިބިގެން. އެހެންވީމާ، އެހުރިހާ ފަރާތްތަކަކަށް ޝުކުރު ދެންނެވުމަކީވެސް މިއަދު ހަމަ އަޅުގަނޑު ކުރަންޖެހޭނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން. އެގޮތުން ޔޫ.އެން.އޯ.ޑީ.ސީ.ގެ މިސަރަހައްދުގެ ރެޕްރެޒެންޓެޓިވް މިސްޓަރ ގެރީ ލުއިސް ކޮށްދެއްވި މަސައްކަތާއި އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތަކަށްޓަކައި އޭނާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މައި މަޝްރޫޢު އެކުލަވައިލެއްވި ކޮންސަލްޓެންޓް މިސްޓަރ ފްރާންޒެން ކޮށްދެއްވި މަސައްކަތްތަކަށްޓަކައި އޭނާއަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެހެންމެ، މިކަމުގައި ބައިވެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޖުމްލަގޮތެއްގައި ޝުކުރު ދަންނަވަން. މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތް ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްޓަކައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ، އަލްފާޟިލާ ޢާއިޝަތު މުޙަންމަދު ދީދީ އަށާއި، އެމިނިސްޓްރީގެ ވެރިންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ނޭޝަނަލް ނާކޮޓިކްސް ކޮންޓްރޯލް ބިޔުރޯގެ ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ އަލްފާޟިލް އަމީން އިބްރާހީމަށާއި، އެތާނގެ ވެރިންނަށާއި މުވައްޒަފުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދެންމެ އަމީން ދެއްކެވި ވާހަކަފުޅުގައި އެވިދާޅުވިފަދައިން، ކައްފާރާއެއް ދައްކަވާކަށް ނުޖެހޭނެއޭ. އޭނާ ވަރަށް ރަނގަޅަށް ވާހަކަފުޅު ދައްކަވައިދެއްވައި، އޭނާގެ ވާޖިބު އަދާކޮށްދެއްވި. އަދި އެހެން ބޭފުޅުން އެކަން ތަކުރާރުވާގޮތަށް ނުކުރައްވާނެކަންވެސް އަޅުގަނޑަށް އެނގޭތީ އެވާހަކަ ދަންނަވާލީ.

އަޅުގަނޑު ކުރިންވެސް ދަންނަވާލިފަދައިން، އަމިއްލަ ޖަމުޢިއްޔާތަކުންވެސް މިކަމުގައި އިސްނަންގަވައިގެން ވަރަށް ބޮޑެތި މަސައްކަތްތަކެއް އެބަ ކުރައްވާ. އެހެންވީމާ، އެހުރިހާ ފަރާތްތަކަކަށްވެސް މިފުރުޞަތުގައި އަޅުގަނޑު ޝުކުރު ދަންނަވާލަން ބޭނުންވޭ.

ދެން ނިންމާލަމުން ދަންނަވާލަން ބޭނުންވަނީ، ޔޫ.އެން.އޯ.ޑީ.ސީ.ގެ ފަރާތުން އަޅުގަނޑަށް ދެންމެ ދެއްވީ ވަރަށް ރީތި ހަނދާނީ ފިލައެކޭ. އެކަމަށްޓަކައި އަދި އޭގައި ހިމެނޭ މާނައަށްޓަކައި، ދިވެހި ސަރުކާރުން މިކުރާ މަސައްކަތުގެ އަގު ވަޒަންކުރައްވާ ކަމުގެ ރަމްޒެއްގެ ގޮތުގައި، އެބޭފުޅުން އެ ހަނދާނީ ފިލާ އަޅުގަނޑަށް ދެއްވި ކަމަށްޓަކައި، މިސްޓަރ ގެރީ ލުއިސްއަށާއި، އެ ޖަމާޢަތަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ اللّـه سبحـانـه وتعـالى އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބަރަކާތް ލެއްވުން އެދި ދުޢާ ކުރަމުން. އަދި މިމަސައްކަތުގެ ސަބަބުން، ދިވެހިރާއްޖެއަށް މިއަދަށްވުރެ އުފާވެރި، ކުރިމަގެއް އެކަލާނގެ މިންވަރު ކޮށްދެއްވުން އެދި ދުޢާ ކުރަމުން. ރާއްޖެއަކީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ ޤައުމެއް ކަމުގައި ހެދުމުގެ ބާރާއި، ވިސްނުމާއި ތައުފީޤު އަޅުގަނޑުމެންނަށް ދެއްވައި، އަދި އެކަން އެގޮތުގައި ހިންމަވައި ދެއްވުން އެދި اللّـه سبحـانـه وتعـالىގެ ޙަޟުރަތުގައި ދުޢާ ދަންނަވަމުން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.