بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

އާދެ، މ. އަތޮޅުގެ ބައެއް ރަށްރަށަށް އަޅުގަނޑު ކުރަން މިއަދު މި ފެށި ދަތުރުގައި، މިއަތޮޅުގެ ތިޔަބޭފުޅުންގެ ލޮބުވެތި ރަށަށް، އާދެ، ދިއްގަރަށް އައުމުން، ތިޔަބޭފުޅުން ތިޔަ ވިދާޅުވި ވަރަށް އިޚްލާޞްތެރި، ވަރަށް ހޫނު މަރުޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

މިއަތޮޅަށް އަޅުގަނޑު އައުމާއެކީގައި، މިއަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުއްރަޝީދު ޢަލީ، އަޅުގަނޑާ ބައްދަލުކުރައްވައި، އަތޮޅުގެ ފަރާތުން މަރުޙަބާ ވިދާޅުވި. ހަމައެހެންމެ، މިރަށަށް އައުމުން، މިރަށުގެ ބޮޑުކަތީބު، އަލްފާޟިލް ޢަބްދުﷲ މުފީދާއި، ކުޑަކަތީބާއި، އަދި ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނާއި، ޒުވާނުންނާއި، ކުޑަކުދިންނާއި، ސްކޫލް ކުދިން އަޅުގަނޑަށް މަރުޙަބާ ކިއުމަށްޓަކައި އެއްވެ ތިބި. އެ ހުރިހާ އެންމެންނަށް އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ ޝުކުރުގެ އިޙްލާޞްތެރި ޝުޢޫރުތައް ރައްދުކުރަން. އަދި ދެންމެ ބޮޑުކަތީބުގެ ވާހަކަފުޅުގައި، އަޅުގަނޑާ ބެހޭގޮތުން ވިދާޅުވި ހެޔޮ ބަސްފުޅުތަކަށްޓަކައިވެސް ޝުކުރު ދަންނަވަން. އަދި އަޅުގަނޑަށް ހެޔޮއެދިވަޑައިގެން، އެ ކުރެއްވި ދުޢާއަށްޓަކައިވެސް އޭނާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު މީގެކުރިންވެސް ދިއްގަރަށް ވަނީ ދަތުރުތަކެއް ކޮށްފައި. އެންމެފަހުން އަޅުގަނޑަށް މިރަށަށް އާދެވިފައި ވަނީ، ހަނދާންވާ ގޮތުގައި 2003 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހު، ނުރަސްމީ ދަތުރެއްގައި. އެހެންވީމާ، ފަހަރެއްގައި ކަތީބުގެ ވާހަކަފުޅުގައި، އެވާހަކަ ނައީކަމަށްވުން އެކަށީގެންވޭ. އެހެންނަމަވެސް، އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑަކީ އަބަދުވެސް އަތޮޅުތަކަށް ޒިޔާރަތްކުރަން ބޭނުންވާ މީހެއް. އަތޮޅުތަކުގެ ރަށްރަށަށް ޒިޔާރަތްކޮށް، ރަށްރަށުގެ މީހުން ދިރިއުޅޭ ގޮތް ބަލައިލުމަށް ބޭނުންވާ މީހެއް. މިމަސައްކަތް އަޅުގަނޑު ފެށީ އަޅުގަނޑު ރައީސްކަމާ ހަވާލުވިތާ އެންމެ ތިންމަސް ދުވަހުގެ ތެރޭގައި. އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑު ރައީސްކަމާ ހަވާލުވީ 1978 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު. ވިދިގެން އައި އަހަރު، އާދެ، 1979 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އަޅުގަނޑު އަތޮޅުތަކަށް ޒިޔާރަތް ކުރަން ފެށިން. އެ ކުރަން ފެށި ޒިޔާރަތުގައި، ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރުމުގެ އުފާ އަޅުގަނޑަށް ލިބުން.

އޭރު ރާއްޖޭގައި މީހުން އުޅޭ ރަށްތަކުގެ އަދަދު މިހާރަށްވުރެ ގިނަ. މިހާރު މިއޮތީ 193 ރަށް. އެކަމަކު އޭރު 202 ރަށް. ކޮންމެއަކަސް އެހުރިހާ ރަށަކަށް ޒިޔާރަތް ކުރުމަށް ވަރަށްގިނަ ދުވަސްތަކެއް ބޭނުންވި. ހަނދާންވާގޮތުގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ފުރަތަމަފަހަރަށް ރައީސްގެ ޙައިޘިއްޔަތުން ޒިޔާރަތްކުރި ކުރުން، އާދެ، މުޅި ދަތުރު އަޅުގަނޑަށް ނިންމާލެވުނީ، ހަތަރު އަހަރު ދުވަހު ތެރޭގައި. އޭގެ މާކުރިން އަޅުގަނޑު ވަޒީރުލްއަޢުޡަމްގެ ޚާއްޞަ ވަކީލަކަށް ހުރި ދުވަސްވަރު، މާލެއިން ދެކުނުގައި މީހުން އުޅޭ ހުރިހާ ރަށަކަށް ސަރުކާރުން ފޮނުއްވައިގެން އަޅުގަނޑު ޒިޔާރަތް ކުރިން. އެދަތުރުގައި ދިއްގަރަށްވެސް އައިން. މާކުރީގެ ވާހަކައެއް މިދަންނަވަނީ. އެއީ 1974، 1975 ހިސާބުގައި.

އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، އަޅުގަނޑަށް ފުރުޞަތު ލިބުނުހާ ގިނައެއްކޮށް އަތޮޅުތަކަށް ޒިޔާރަތްކުރަން އަޅުގަނޑު ބޭނުންވެއޭ. ޒިޔާރަތް ކުރަމުންނޭ މިގެންދަނީ. ބައެއްފަހަރަށް ބައެއް ރަށްރަށުގެ ރައްޔިތުން ކުރައްވާ އުންމީދުތަކާ އެއްގޮތަށް އަޅުގަނޑަށް ދަތުރު ނުކުރެވި ހިނގައިދާނެ. އެއީ މަސައްކަތް ހުންނަ ގޮތުންނާއި، ދިމާވާ އެކި ކަންތައްތަކުގެ ސަބަބުން. އެހެންވީމާ، އަޅުގަނޑު ހިތުން ރަށުގެ ރައްޔިތުންވެސް އެކަމަށް ވިސްނަވާނެ ކަމަށް އަޅުގަނޑު ދެކެން.

އާދެ، މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ތަރައްޤީގެ ރޮނގުން ދިއްގަރަށް ވަނީ ކުރިއެރުންތަކެއް ލިބިފައި. ސަރުކާރުގެ ފަރާތުންވެސް ވަނީ ދިއްގަރުގައި ކަންތައްތަކެއް ކޮށްފައި. ވަރަށްގިނަ މަޝްރޫޢު ހިންގާފައި. އޭގެތެރޭގައި، އަޅުގަނޑުމެން މި ޖަލްސާކުރާ ރަށުގެ މަދަރުސާ ހިމެނޭ. އަދި ރަށުގެ ޞިއްޙީ މަރުކަޒު، އަދި ރަށު އޮފީހާއި، ރަށު ކޯޓު ހިމެނޭ ޢިމާރާތް ކުރުން. އާދެ، މިކަންތައްތައް ހިމެނޭ. އަދި 1999 ވަނަ އަހަރު މިރަށުގެ ބަނދަރުވަނީ ރަނގަޅު ފެންވަރަކަށް ހަދާފައި. 2004 ވަނަ އަހަރު އަޅުގަނޑުމެންނަށް ދިމާވި ސުނާމީ ކާރިސާގެ ސަބަބުން، ބަނދަރަށް ގެއްލުންތަކެއް ލިބިފައި އޮތުމާ އެކީގައި، މި ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތްވެސް މިހާރުވަނީ ކޮށް ނިމިފައި.

މިހާރު ހިނގަމުންދާ އެންމެ މުހިންމު އެއް މަޝްރޫޢަކީ، މިރަށުގައި ރަނގަޅު ފެންވަރަކަށް ހެދޭ މިސްކިތެއް ޢިމާރާތް ކުރުމުގެ މަސައްކަތް. މި މަސައްކަތުގެ 60 އިންސައްތަ މިހާރު ކުރެވިފައިވާ ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވޭ. އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި މި މިސްކިތް މުޅިން ނިމި، މިސްކިތް ހުޅުވޭނެ. ހަމައެހެންމެ، ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރުވަނީ ނިމިފައި. އަންނަ ޖޫންމަހު އެމަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށް، ކަމާބެހޭ ފަރާތްތަކުން އަޅުގަނޑަށް މަޢުލޫމާތު ދެއްވާފައި އެބައޮތް.

ދިއްގަރަކީ، ތިމާވެށީގެ ރޮނގުންވެސް މައްސަލަތަކެއް ދިމާވެފައިވާ ރަށެއް. އާދެ، އެއީ ހަމައެކަނި ދިއްގަރަކަށް ނޫން. ރާއްޖޭގައި މީހުން އުޅޭ އަދި މީހުން ނޫޅޭވެސް ވަރަށްގިނަ ރަށްރަށަށް މިމައްސަލަ ދިމާވެފައި އެބައޮތް. މިދެންނެވީ، ރަށް ގިރުމުގެ މައްސަލަ. މިރަށުންވެސް ރަށް ގިރަމުން އެބަދޭ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ އެތައް ރަށެއްގެ ގޮނޑުދޮށްތައްވެސް ގިރަމުން އެބަދޭ. މިކަމަކީ ސަރުކާރުން ވަރަށްބޮޑު ސަމާލުކަމެއް ދޭކަމެއް. އެހެންނަމަވެސް ކަމުގެ ބާވަތުންނާއި، ކަމުގެ ބޮޑުކަމުން އަދި އެކަމަށް އެކަށީގެންވާ ޙައްލެއް މިއޮތީ އަޅުގަނޑުމެންނަށް ނުފެނި. ދިއްގަރުގެ ގިރާ ސަރަހައްދު ޙިމާޔަތް ކުރުމަށްޓަކައި، ކަނޑުތޮށިލުމުގެ ފޭސް އެކެއް ވަނީ މިއަހަރު ނިމިފައި. ދެވަނަ ފޭސް، ދެވަނަ މަރުޙަލާ ފެށުމަށް ކުރަންޖެހޭ ތައްޔާރުތައް މިހާރު ދަނީ ކުރަމުން.

އާދެ، ދެންމެ ކަތީބުގެ ވާހަކަފުޅުގައި ވިދާޅުވި، ރަށުގެ ބިމުގެ ވާހަކަ. އަދި މިރަށުގެ ބޮޑުކަތީބު އަލްފާޟިލް ޢަބްދުﷲ މުފީދު އަޅުގަނޑަށް ދެއްވި ލިޔުމެއްގައި، ރަށުގެ ރައްޔިތުން އެދޭ ކަންތައްތަކުގެ ވާހަކަ ލިޔުއްވާފައި އެބަހުރި. އޭގެތެރޭގައި ގިނައީ ހަމަ ތަރައްޤީގެ ސަބަބުން އިތުރަށް ބޭނުންވާ ކަންތައްތައް. މިސާލަކަށް، މިރަށުގައި ގްރޭޑް 11، 12 އުފެއްދުން. އެއީވެސް، އަޅުގަނޑުމެންނަށް މިހާރު ގްރޭޑް 10 އާ ހަމައަށް ހުރިހާ ކަމެއް ފުރިހަމަވެފައި އޮތީމާ، ދެން އިތުރަށް ބޭނުންވާ ކަމެއް.

ތަރައްޤީގައި އަބަދުވެސް ދިމާވާނީ އެހެން. އެއް ހަރުފަތެއް ގިރާކުރެވުނީމާ، ދެން އޮތް ހަރުފަތް އަޅުގަނޑުމެންނަށް ފެންނާނެ. އަދި އެހަރުފަތް ގިރާކުރަން ބޭނުންވެސްވާނެ. އެއީވެސް ހަމަ އެކަން ވާންވީގޮތް. އެހެންވީމާ، ތަރައްޤީގައި އެއްވެސް މަރުޙަލާއަކާ ހަމައަށް އަޅުގަނޑުމެންނަށް ދެވިއްޖިއްޔާ، އެ މަރުޙަލާ ފުރިހަމަ ކުރެވިއްޖިއްޔާ، ދެން އޮތް މަރުޙަލާއަކަށް ދިޔުމަށް އަޅުގަނޑުމެން ބޭނުންވާނެ. އެގޮތުން، މިރަށުގައިވެސް ގްރޭޑް 11، 12 އުފެއްދުމުގެ ކަންތައް، ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވަނީ. އާދެ، މިކަމަކީ ސަރުކާރުން ވަކި އުސޫލަކުން ގެންދާކަމެއް. އެހެންވީމާ، ރަށުގެ ފަރާތުން ސަރުކާރުގެ ކަމާބެހޭ ފަރާތުގައި، އާދެ، އެޑިޔުކޭޝަން މިނިސްޓްރީގައި މިވާހަކަ ވިދާޅުވުން ރަނގަޅުވާނެ. އެޑިޔުކޭޝަން މިނިސްޓްރީންވެސް މިކަން ގެންދަވާނީ ވަކި ހަމަތަކެއްގެ މަތިން. އެގެންދަވާ ގޮތެއްގެ މަތިން ދިއްގަރަށްވެސް އަދި އެނޫން ރަށްރަށަށްވެސް އެކަން ފުރިހަމަވެގެންދާނެ.

މިކަމާ ގުޅިގެން ދަންނަވާލަން އޮތީ، މިތާނގައި ހުރި ލިޔުމެއްގެ ވާހަކަ. ދިއްގަރު ރައްޔިތުންގެ ޢަޒުމަކީ، ރަނގަޅު ތަޢުލީމީ ޖީލެއް ބިނާކުރެއްވުން ކަމުގައި ލިޔުއްވާފައި އެބައޮތް. އެއީ، އަޅުގަނޑު ވަރަށްބޮޑަށް އުފާކުރާ ކަމެއް. ޙަޤީޤަތުގައި ތަނެއް ތަރައްޤީ ވާނީ، އެތަނެއްގައި ތަޢުލީމީ ބަޔަކު ތިބެގެން. ތަޢުލީމީ ޒުވާނުންތަކެއް ތިބެގެން. ރަށުގެ ރައްޔިތުންނަކީ ހޭލުންތެރި ބަޔަކަށްވެގެން. އެހެންވީމާ، މިރަށުގެ ރައްޔިތުންވެސް އެދިވަޑައިގަންނަވަނީ، ރަށުގެ ރައްޔިތުންނަކީ ތަޢުލީމީ ބަޔަކަށްވުން ކަމަށްވާތީ އަދި ޚާއްޞަކޮށް، އަޅުގަނޑުމެންގެ މިހާރުގެ ޖީލާއި، ކުރިއަށް އޮތް ޖީލުތަކަކީ ތަޢުލީމީ ޖީލުތަކަކަށްވުމަށް ރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާކަން އެއީ، އެންމެންވެސް ވަރަށް އުފާކުރުން ޙައްޤުކަމެއް. އެކަން އޮންނަންވާނީ އެހެން. އަޅުގަނޑުމެންގެ މުޅި ރާއްޖޭގައިވެސް އަޅުގަނޑުމެން ބޭނުންވަނީ ތަޢުލީމީ ޒުވާނުންތަކެއް އުފައްދަން. އެރޮނގުން ދިއްގަރު ރައްޔިތުން ކުރައްވާ މަސައްކަތަށް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދެއްވަންޖެހޭ އެހީތެރިކަމާއި އެއްބާރުލުން އިރާދަކުރެއްވިއްޔާ ދެއްވާނެ.

އާދެ، ދިއްގަރަކީ ސަރުކާރުންދޭ ވަރަށް ޚާއްޞަ އިނާމެއް 3 ފަހަރު ހޯދާފައިވާ ރަށެއް. އެއީ 1000 އާއި 2000 އާ ދެމެދުގެ އާބާދީގެ އައްޑަނަ. މި އައްޑަނަ ވަނީ 1998 ވަނަ އަހަރާއި، 2001 ވަނަ އަހަރާއި، އަދި 2003 ވަނަ އަހަރު ދިއްގަރު ހާސިލުކޮށްފައި. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް، ދިއްގަރު ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

ދިއްގަރަކީ މަސައްކަތްތެރި ކަމުގެ ގޮތުންވެސް ވަރަށް މަޝްހޫރު ރަށެއް. ޚާއްޞަކޮށް، މަސްވެރިކަމަކީ، ދިއްގަރު އެ މަސައްކަތަކަށްޓަކައި މަޝްހޫރުވެފައިވާ ރަށެއް. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މަސްވެރިކަން ތަންކޮޅެއް ދަށްކޮށް އުޅެފައި، މިހާރު ރަނގަޅުވާން ފަށައިފި. އަދި މިރަށުގެ ރައްޔިތުންނަކީ، މަސްވެރިކަމުގެ ތަފާތު މަސައްކަތްތައް ކުރައްވާ ބަޔެއް. އޭގެތެރޭގައި ކަނޑުމަހުގެ މަސްވެރިކަމާއި، ފާނައިގެ މަސްވެރިކަމާއި، ފަރުމަހުގެ މަސްވެރިކަމާ، މިހުރިހާ މަސްވެރިކަމެއްވެސް ކުރައްވާ. އަދި ރަށުގައި މަސްކައްކާ، ހިއްކާ، އަދި ރަށުން މަސްގަންނަ ފަރާތްތަކުން، އެމަސްތައް ގެންގޮސްގެން، މިގޮތަށް މަސްވެރިކަމާ ގުޅޭ ތަފާތު އާމްދަނީ ލިބޭ މަސައްކަތްތައް، މިރަށުގެ ރައްޔިތުން ކުރައްވަމުން ގެންދަވާ. އެއީ ވަރަށް ރަނގަޅު ކަމެއް. ވަރަށް މުހިންމު ކަމެއް.

އެނގިވަޑައިގަންނަވާނެ ފަދައިން، މަސްވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ ވަރަށް މުހިންމު ދާއިރާއެއް. ފަތުރުވެރިކަން ރާއްޖެއަށް ތަޢާރުފުވުމުގެ ކުރިން، ރާއްޖޭގައި އެންމެ ކުރިއަރާފައި އޮތް މަސައްކަތަކީ، މަސްވެރިކަމުގެ މަސައްކަތް. އެންމެ ގިނަ ބަޔަކަށް އާމްދަނީ ލިބޭ ކަމަކީވެސް އެއީ. ރާއްޖޭގެ ރައްޔިތުން އެންމެ ރަނގަޅަށް ކުރަމުން ގެންދިޔަ މަސައްކަތަކީވެސް އެއީ. މިހާރު މަސްވެރިކަމާއި ފަތުރުވެރިކަމާ، މިދެކަންތައް މިއޮތީ ރާއްޖޭގެ ރައްޔިތުން ވަރަށް ރަނގަޅު ފެންވަރަކަށް ކުރާ ދެ މަސައްކަތް ކަމުގައި ހިމެނިފައި. މިއަތޮޅުގައިވެސް މިހާރު ދެ ރިޒޯޓެއް ހިނގަމުން އެބަދޭ. އަދި ތިންވަނަ ރިޒޯޓެއް ހެދުމުގެ މަސައްކަތްވެސް އެބަ ކުރެވެމުންދޭ.

އެހެންވީމާ، ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު ދާއިރާތަކުގެ ފައިދާ، މިއަތޮޅަށް، އާދެ، މ. އަތޮޅަށް މިހާރުވެސް ލިބެމުންދާ ކަމާއި، އަދި މުސްތަޤްބަލުގައި މިއަށްވުރެވެސް އިތުރަށް ލިބެމުންދާނެކަން އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެންނަށްވެސް ވަރަށްބޮޑު ހިތްހަމަޖެހުމެއް ގެނެސްދޭނެ ކަމެއް.

އަޅުގަނޑު ދަންނަވާލަން ގަސްދުކޮށްގެންހުރި އަނެއް ވާހަކައަކީ، މަސްތުވާތަކެތީގެ ވާހަކަ. މަސްތުވާތަކެއްޗަކީ އަޅުގަނޑުމެންގެ ރާއްޖެއަށް ވަރަށް ބޮޑު ނުރައްކަލަކަށް މިހާރު ވެފައިވާ ކަމެއް. މަސްތުވާތަކެތީގެ ނުރައްކަލުން ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި ސަރުކާރުން އެކަމާބެހޭ މައި މަޝްރޫޢެއް މިހާރުވަނީ އިފްތިތާޙު ކޮށްފައި. އެ މަޝްރޫޢު މިހާރު ފެށިގެން ހިނގަމުން އެބަދޭ. މިރޮނގުން އަޅުގަނޑު ހިތުން މިރަށުގައި މާގިނަ ވާހަކައެއް ދައްކާކަށް ނުޖެހޭ. ބޮޑުކަތީބު އަޅުގަނޑަށް މަޢުލޫމާތު ދެއްވި ގޮތުގައި، މިރަށުގައި މަސްތުވާތަކެތީގެ އެއްވެސް ކަމެއް ނޫޅޭ. މަސްތުވާތަކެތި ބޭނުންކުރާ މީހަކުވެސް ނެތް. އެހެންވީމާ، އެކަމަށްޓަކައި މިރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް މަރުޙަބާއާއި ތަހުނިޔާ އަޅުގަނޑު އަދާކުރަން.

އެކަމަކު އެހިސާބުން އަދި އަޅުގަނޑުމެން ހިތްހަމަޖައްސައިލައިގެން ތިބޭކަށް ނުވާނެ. މިހާރުން މިހާރަށް މިރަށުގައި މަސްތުވާތަކެތީގެ މައްސަލައެއް ނެތް ކަމުގައިވިޔަސް، ވަރަށް ފަސޭހައިން އެކަހަލަ ކަމެއް އައުމަކީ އަދި އައިސްގެން، އޭގެ ނުރައްކާ ފެތުރިގެން ދިޔުމަކީ އެކަށީގެންވާ ކަމެއް. އެކަމާ އަޅުގަނޑުމެން ތިބެންޖެހޭނީ ހޭލާ. މިހާރު މިރަށް އޮތް ފަދައިން، އަބަދުވެސް ދިއްގަރަކީ މަސްތުވާތަކެތިން ރައްކާތެރި ކުރެވިފައިވާ، ސަލާމަތްވެފައިވާ ރަށަކަށް ހެއްދެވުމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުން މަސައްކަތް ކުރައްވަން ޖެހޭނެ. ރަށުގެ ރައްޔިތުންނާއި، ކޮމިޓީ މެންބަރުންނާއި، ވެރިންނާއި ހުރިހާ އެންމެން ގުޅިގެން މިކަމުގައި މަސައްކަތް ކުރަންޖެހޭނެ.

އާދެ، މިރަށުގެ ވަރަށް ޢިއްޒަތްތެރި ބޭފުޅަކު އަޅުގަނޑާ އެކީގައި މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ. އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން. އޭނާ މިވަގުތު ރާއްޖޭގައި ވަޑައިގެން ނެތުމުގެ ސަބަބުން މިދަތުރުގައި ބައިވެރިވެވަޑައިނުގެންނެވުނީ. އޭނާއަށް އަޅުގަނޑު ކުރިން އޮތީ ދަޢުވަތު އަރުވާފައި. އަޅުގަނޑު މ. އަތޮޅަށް އަންނައިރު ވަޑައިގަންނަވަން. އޭނާއަކީ މިހާރު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރު. މިނިސްޓަރުގެ ބަދަލުގައި އެމިނިސްޓްރީ ހިންގަވަމުން ގެންދަވަނީ އޭނާ. އޭނާއަކީ ވަރަށްގިނަ ދުވަހު ސަރުކާރަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް. އަދި އަޅުގަނޑު ކުރިން މި ދެންނެވި، ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށަކަށް އަޅުގަނޑު ކުރި ދަތުރުތަކުގައި ބައިވެރިވެވަޑައިގެންދެއްވި ބޭފުޅެއް. އަޅުގަނޑާ އެކީގައި ހުރިހާ ރަށަކަށްވެސް ވަޑައިގެންނެވި. މިރަށަށްވެސް ވަޑައިގެންނެވި. އެހެންވީމާ، ޢަބްދުއްރަޝީދު މީގެކުރިންވެސް ކޮށްދެއްވާފައިވާ ޚިދުމަތްތަކަށްޓަކައި، އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކަށްޓަކައި އޭނާއަށް ޝުކުރު ދެންނެވުމަކީ، މިރަށުގައި ހުރެގެން އަޅުގަނޑު އަދާކުރަންޖެހޭނެ ވާޖިބެއް ކަމަށް ފެންނާތީ، އެވާޖިބު އަޅުގަނޑު މިއަދާކުރީ.

ދިއްގަރަކީ އިސްލާމީ ކަންތައްތަކަށްވެސް ވަރަށްބޮޑު އިސްކަމެއް ދެއްވާ ރައްޔިތަކު ދިރިއުޅޭ ރަށެއް. އެއީވެސް އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. އަޅުގަނޑުމެން އެންމެންނަކީ މުސްލިމުން. ދިވެހިރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމެއް. އެހެންވީމާ، މާތްވެގެންވާ އިސްލާމްދީނުގެ ކަންތައްތަކަށް އަޅުގަނޑުމެން ވަރަށްބޮޑު ސަމާލުކަމެއް ދޭންޖެހޭނެ. އެދީނުގެ ޢަޤީދާއަށް، އަޅުގަނޑުމެން ރައްކާތެރިވާންޖެހޭނެ. އެދީނުގައި އަޅުގަނޑުމެންގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ކަންތައްތަކަށް އަޅުގަނޑުމެން ދޭންޖެހޭ ސަމާލުކަންދީގެން، އެކަންތައްތައް ބަރާބަރަށް އަދާކުރަމުން ގެންދަން ޖެހޭނެ. ހަމައެހެންމެ، އެދީނުގައި ނަހީކުރައްވައި ޙަރާމް ކުރައްވާފައިވާ ކަންތައްތަކުން އަޅުގަނޑުމެން އެންމެން ދުރުހެލިވާންޖެހޭނެ. އަޅުގަނޑުމެން މިކަމުގައި ވިސްނާލަން އޮތް ކަމަކީ، ފަހަކަށްއައިސް ރާއްޖޭގައި ހިސާބަކަށް ދީނީގޮތުން ތަފާތު ޚިޔާލު ގެންގުޅޭ މީހުން ފެތުރިގެންދާކަން. މިއީކީ އަޅުގަނޑުމެން ބޭނުންވާ ގޮތެއްނޫން.

މާތްވެގެންވާ އިސްލާމްދީނަކީ އެކުވެރިކަމުގެ ދީން. އެންމެން އެންމެންނާ ގުޅިގެން މަސައްކަތް ކުރުމަށް އަންގަވާފައިވާ ދީން. އަޅުގަނޑުމެންގެ ތެރޭގައި އެއްބާރުލުމާއި އުޚުއްވަތްތެރިކަން ޤާއިމުކޮށް ހަރުދަނާ ކުރުމަށް އަންގަވާފައިވާ ދީން. އެއްވެސް ސަބަބަކަށްޓަކައި މީހުންގެ މެދުގައި ފިތުނަވެރިކަމަށް ނުވަތަ ބައިބައިވުމަށް، މިއިން އެއްވެސް ކަމަކަށް ފުރުޞަތު ނުދިނުމަށް އަންގަވާފައިވާ ދީނެއް. އެހެންވީމާ، އަޅުގަނޑުމެން އެންމެންނަކީ އެގޮތުގައި ދެމިތިބޭ ބަޔަކަށްވުމަކީ ވަރަށް ބޭނުންކަމެއް. އަޅުގަނޑުމެންގެ މެދުގައި އެއްވެސް ސަބަބަކާހުރެ ބައިބައިވުމެއް އުފެދިގެނެއްނުވާނެ. އެއްވެސް ސަބަބަކާހުރެ ރައްޔިތުންގެ މެދުގައި ފިތުނަ އުފެދިގެނެއްނުވާނެ. އެކަމަށް ރަށުގެ ރައްޔިތުންވެސް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

އާދެ، އިރާދަކުރެއްވިއްޔާ ދިއްގަރަށްފަހުގައި އަޅުގަނޑު އެބައޮތް މަޑުއްވަރީއަށްވެސް ޒިޔާރަތް ކުރަން. އަދި މިއަދު ހަވީރު މުއްޔަށްވެސް ދާގޮތަށް ހަމަޖެހިފައި އޮތީ. އެހެންވީމާ، މިތާނގައި މާގިނަ ވަގުތު ހޭދަނުކޮށް، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ އިޚްލާޞްތެރި ޝުކުރުގެ ޝުޢޫރުތައް އަދިވެސް އެއްފަހަރު ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالـى އަޅުގަނޑުމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވުން. އަދި މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ޢަޒުމު އާކޮށް، އެ ސާފުސީދާ ތެދުމަގުގައި އަބަދުމެ ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީޤު، އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވުން. އަޅުގަނޑުމެންގެ ރާއްޖެ، އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީކޮށް، ކުރިއެރުވުމަށް މިކުރާ މަސައްކަތްތަކުގައި، އެކަލާނގެ ބަރަކާތް ލެއްވުން. އަޅުގަނޑުމެން އެންމެންނަށް ފުރިހަމަ ޞިއްޙަތާއި، އުފާވެރި ދުވަސްތަކެއް އެކަލާނގެ މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.