بســم اللّـه الرّحمـن الرّحيــم.

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّـدنـا محمّـد وعلى آلـه وأصحـابه أجمعـين.

އަޅުގަނޑު މުލަކަތޮޅަށް މިއަދު މި ކުރަން މިފެށި ދަތުރުގައި، ދެވަނަ މަންޒިލަކަށް މިވީ، ތިޔަބޭފުޅުންގެ މިލޮބުވެތި ރަށް، އާދެ، މަޑުއްވަރީ. މަޑުއްވަރީއަށް އަޅުގަނޑު އައުމާއެކީގައި މިރަށުގެ ވެރިންނާއި، ލޮބުވެތި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވީ ވަރަށް އިޚްލާޞްތެރި، ވަރަށްވެސް ހޫނު މަރުޙަބާއެއް. އެކަމަށްޓަކައި މިރަށުގެ ވެރިންނަށާއި ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މިރަށުގެ ރައްޔިތުން އަޅުގަނޑަށް ތިޔަ ވިދާޅުވީ ވަރަށް ޚާއްޞަ، ވަރަށް އާދަޔާ ޚިލާފު މަރުޙަބާއެއް. އަޅުގަނޑު ރަށަށް ފޭބުމުގެ ކުރިންވެސް އެމަރުޙަބާގެ ނިޝާންތައް ފެނިގެންދިޔަ. މަސްވެރިންގެ ގުރޫޕަކުން ވަރަށް ރީތިކޮށް ކުރުފަލި ޖެހުމުގެ މަންޒަރެއް އަޅުގަނޑުމެންނަށް ފެނިގެންދިޔަ. އެއީ، އަޅުގަނޑު ވަރަށް އުފާކުރި ކަމެއް. ވަރަށް ހިތްހަމަޖެހުނު ކަމެއް. އަދި އެމީހުން ކިޔަމުންދިޔަ ލަވައިގައި، އަހުރަވެތި ރައީސަށް މަރުޙަބާ ކިޔާ ވާހަކަ އޮތީ ކިޔާފައި. އަޅުގަނޑަށް ދަންނަވާލަން ޖެހެނީ، އެކަމަށްޓަކައި މަޑުއްވަރީގެ މަސްވެރިންނަށާއި އަދި މަޑުއްވަރީގެ އަހުރަވެތި ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމޭ.

މިރަށަށް ފޭބުމުން މަރުޙަބާގެ ކަންތައްތަކެއް އިތުރަށް ފެނިގެންދިޔަ. އާދެ، ދަރިވަރުންގެ ވަރަށްރީތި ދެލަވައެއް އަޅުގަނޑުމެންނަށް ފެނުނު. އަދި މިރަށުގައި ވަރަށްގިނަ އަދަދަކަށް ދިވެހި ދިދަ ޖައްސަވައި ރަށުތެރެ ޒީނަތްތެރި ކުރައްވާފައި އެބަހުރި. ހަމައެހެންމެ، މަރުޙަބާގެ ވަރަށްގިނަ ޢިބާރާތްތަކެއް ހިމެނޭ ފޮތިތަކެއް މިރަށުގައި ދަންމަވާފައި އެބަހުރި. މިހުރިހާ ކަމަކުން އަޅުގަނޑަށް އިޙްސާސް ކުރެވެނީ، މަޑުއްވަރީ ރައްޔިތުންގެ ހިތްތަކުގައި އަޅުގަނޑާ ދޭތެރޭގައި އޮތް އިޚްލާޞްތެރިކަން. ދިވެހި ސަރުކާރާ ދޭތެރޭގައި އޮތް އިޚްލާޞްތެރިކަން. އެކަމަށްޓަކައި، މަޑުއްވަރީގެ އަހުރަވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން.

އާދެ، މަޑުއްވަރީގެ ތަރައްޤީއަށްވެސް މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ވަނީ މަސައްކަތްތަކެއް ކުރެވިފައި. އެ މަސައްކަތްތަކުގެ ވާހަކަ، ދެންމެ ބޮޑުކަތީބުގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ. އެހެންވީމާ، ކޮންމެހެން އެވާހަކައިގެ ތަފްޞީލަކަށް އަޅުގަނޑު ދާކަށްނެތިން. އޭގެއިތުރުން، އަޅުގަނޑު މިރަށަށް އައުމާއެކީގައި، މިރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ކަންތައްތަކެއްގެ ލިސްޓެއްވެސް އަޅުގަނޑާ ހަވާލުކުރެއްވި. އޭގައި ހުރި ބައެއް ކަންތައްތަކަށް ބޮޑުކަތީބުގެ ވާހަކަފުޅުގައި އިޝާރަތް ކުރެއްވި. އެއްކަމަކީ، ބަނދަރުގެ ކަންތައް. ބަނދަރުގައި ކަނޑުތޮށްޓެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކުގެ ވާހަކަ އޭނާ އެވިދާޅުވީ. އެލިޔުމުގައިވެސް އެކަން އެބައޮތް. އެނގިވަޑައިގަންނަވާނެ ފަދައިން، މި ބަނދަރަކީ ކުރިން ސަރުކާރުން ހަދާފައި އޮތް ތަނެއް. 2001 ވަނަ އަހަރު އެ މަސައްކަތް އޮތީ ނިމިފައި. އެހެންނަމަވެސް، އޭރުވެސް އޮތް އުނިކަމެއްކަންނޭނގެ، މިހާރުވެސް ފާހަގަކުރެވިގެން އެދަނީ. އެއީ، ކަނޑުތޮށްޓެއް ނެތުމުގެ މައްސަލަ. ހަމައެއާއެކީގައި ސުނާމީ ކާރިސާގެ ސަބަބުން ގެއްލުންތަކެއްވެސް ލިބުނު. އެކަން މަރާމާތު ކުރުމުގެ މަޝްރޫޢު މިހާރުވަނީ ރޭވިފައި. އިރާދަކުރެއްވިއްޔާ، މިއަހަރު އެމަސައްކަތް ކުރެވޭނެ.

މަޑުއްވަރީގެ ގިރަމުންދާ ސަރަޙައްދުގެ ވާހަކަވެސް ކަތީބު ވިދާޅުވި. އަދި މިލިޔުމުގައިވެސް އެބައޮތް. އެ ގިރާ ސަރަޙައްދު ޙިމާޔަތް ކުރުމަށްޓަކައި ކަނޑުތޮށިލުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ނިމިފައި. ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ކުރަންޖެހޭ ތައްޔާރީތައް މިހާރުދަނީ ކުރަމުން. ހަމައެއާއެކީގައި މިރަށުގައި މިހާރު ޢިމާރާތް ކުރެވޭ މިސްކިތުގެ ވާހަކަވެސް ބޮޑުކަތީބު ވިދާޅުވި. އާދެ، އެ މިސްކިތް އަޅުގަނޑުމެންނަށްވެސް ފެންނަން އެބަހުރި. އިރާދަކުރެއްވިއްޔާ، ވަރަށް ރަނގަޅަށް ހެދޭ މިސްކިތަކަށް އެ މިސްކިތް ވެގެންދާނެ. ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއި ތަނަވަސްކަމާ އެކީގައި ފަރުޟު ފަސްނަމާދު ކުރެއްވޭވަރުގެ ތަނަކަށް އެތަން ވެގެންދާނެ.

މިކަންތައްތައް ކުރަމުންދާއިރު، ތަރައްޤީގެ ވަކި ހިސާބަކަށް އާދެވުނީމާ، އެއަށްވުރެ ކުރިއަށް ޖެހިލަން އަޅުގަނޑުމެން އަބަދުވެސް ބޭނުންވާނެ. ތަރައްޤީގެ ބައެއް އުސްމިންތައް ހާސިލު ކުރެވުނީމާ، އެއަށްވުރެ އިތުރު އުސްމިންތަކަކަށް ދާން ބޭނުންވާނެ. އެއީ ޠަބީޢީކަމެއް. އެހެންވީމާ، މަޑުއްވަރީ ރައްޔިތުންވެސް އެދިވަޑައިގަންނަވާ އެކަހަލަ ކިތަންމެ ކަމެއް އެބަހުރި. އެހުރިހާ ކަމަކީވެސް ސަރުކާރުގެ ސަމާލުކަމުގެ ތެރޭގައި ހުންނާނެ ކަންތައްތައް.

އާދެ، އަޅުގަނޑުމެންގެ ރާއްޖޭގައި މީހުން ދިރިއުޅޭ ވަރަށްގިނަ ރަށްރަށް އެބަހުރި. އެއިން ކޮންމެ ރަށަކަށްވެސް ބޭނުންވާ ވަރަށްގިނަ ކަންތައްތައް އެބަހުރި. އެކަންތައްތައް ކޮށްދެވޭތޯވެސް ސަރުކާރުން މިގެންދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން. ކޮންމެ އަހަރެއްގެ ބަޖެޓުގައިވެސް އެކަންތައްތަކަށް ވަކި އަދަދަކަށް ފައިސާ ހަމަޖެހިފައި ހުރޭ. އެ ފައިސާއިން ކަންތައްތައް ކުރަމުން މިގެންދަނީ.

އަޅުގަނޑުމެން ވިސްނާލަންވީ ނުކުތާއަކީ، އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ކުޑަކުޑަ ޤައުމަކަށްވެފައި، ސަރުކާރަށް ލިބޭ އާމްދަނީއަކީވެސް ވަކި މިންވަރެއްގެ އާމްދަނީއެއް ކަމަށްވާތީ، އަޅުގަނޑުމެން ބޭނުންވާ ހުރިހާ ކަމެއް، ބޭނުންވާހާ އަވަހަކަށް ކުރެވޭކަށް ސަރުކާރުން ނުހުންނާނެކަން. އެއީ، އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް. އެހެންނަމަވެސް، ސަރުކާރުގެ ތަނަވަސްކަން ހުރި މިންވަރަކުން، އަދި ބަޖެޓުގެ ތަނަވަސްކަން ހުރި މިންވަރަކުން، ރާއްޖޭގެ އަތޮޅުތަކުގައި، ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދެވޭތޯ ސަރުކާރުން މިގެންދަނީ މަސައްކަތް ކުރަމުން. ކުރިއަށް އޮތް ތާނގައިވެސް އިރާދަކުރެއްވިއްޔާ، ހުއްޓުމެއްނެތި ސަރުކާރުން އެ މަސައްކަތް ކުރަމުން ގެންދާނެ.

އާދެ، މަޑުއްވަރީއަކީ މަސްވެރިކަމަށް ވަރަށް މަޝްހޫރު ރަށެއް. މިރަށުގެ ރައްޔިތުންނަކީ މަސްވެރިކަން ކުރެއްވުމުގެ އިތުރަށް، މަސްވެރިކަމާބެހޭ ތަފާތު އެހެން މަސައްކަތްތައްވެސް މިހާރު ކުރައްވާ ބަޔެއް. އާދެ، މިރަށުގައި 32 ފަރާތަކުން މިހާރު މަސް ކައްކާ، ހިއްކާ ހަދާކަމަށްވޭ. އަދި މިރަށުގައި ތައްޔާރު ކުރެވޭ މަސް ގަންނަ ފަރާތްތަކެއްވެސް އެބަހުރި. މާލޭގެ މާރުކޭޓަށް އެ މަސް ގެންދޭ. އޭގެސަބަބުން، މިރަށުގެ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުވެގެން އެބަދޭ. އަދި ބައެއް އެހެން ރަށްރަށުގެ މީހުންވެސް، މިރަށަށް މަސްހިފައިގެން އައިސް، މަސް ވިއްކާ ކަމަށްވޭ. މިކަންކަމަކީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް.

މަސްވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު އެއް ބިންގާ. މަސްވެރިކަން އިތުރަށް ކުރިއަރުވައި ތަރައްޤީކޮށް، އެއިން ލިބޭ އާމްދަނީ އިތުރުކުރެވޭތޯ ބެލުމަކީ، އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. އެމަސައްކަތް މަޑުއްވަރީ ރައްޔިތުން ވަރަށް ރަނގަޅަށް ކުރައްވަމުން ގެންދަވާތީ، މަޑުއްވަރީ ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ ދަންނަވަން.

މަޑުއްވަރީގެ ލޮބުވެތި ރައްޔިތުންނަށް މަރުޙަބާ ދަންނަވަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި. އެއްކަމަކީ ރައްޔިތުންނަކީ މަސައްކަތްތެރި، އުފެއްދުންތެރި ބަޔަކަށްވާތީ. ރައްޔިތުންނަކީ ރެޔާއި ދުވާލު މަސައްކަތުގައި އުޅުއްވައި، އޭގެސަބަބުން ރަށަށް އިތުރު ކުރިއެރުމާއި ތަރައްޤީ ހާސިލުކޮށްދެއްވަމުން ގެންދަވާ ރައްޔިތަކަށްވާތީ، އެކަމަށް ދަންނަވަންޖެހޭ މަރުޙަބާއާއި ތަހުނިޔާ.

އަނެއްކަމަކީ މިރަށުގެ ރައްޔިތުންނަކީ ވަރަށް އެކުވެރި ބަޔަކަށްވާތީ، އެކަމަށްޓަކައި ދަންނަވަންޖެހޭ ތަހުނިޔާއާއި މަރުޙަބާ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި މިރަށުގައި އެއްވެސް ކަހަލަ ބައިބައިވުމެއް، ދެކޮޅުވެރިވުމެއް، ފިތުނަވެރިކަމެއް ނެތް. ރައްޔިތުންގެ އެންމެންނަކީ ވަރަށް ގުޅިގެން އެކުވެރިކަމާއެކު މަސައްކަތް ކުރަމުންގެންދާ ބަޔެއް. ރައްޔިތުންނާއި ވެރިންނާ ދޭތެރޭގައިވެސް އޮތީ ވަރަށް ރަނގަޅު ގުޅުމެއް. މިއީ އަޅުގަނޑު ޚާއްޞަގޮތެއްގައި ވަރަށްބޮޑަށް އުފާކުރާ ކަމެއް. އެހެންވީމާ، އެކަމަށްޓަކައިވެސް މަޑުއްވަރީގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ތަހުނިޔާ ދަންނަވައި މުބާރަކްބާދީ އަދާކުރަން.

އަނެއްކަމަކީ މިރަށުގައި މަސްތުވާތަކެތީގެ ވަބާގެ އެއްވެސް އަސަރެއް ނެތްކަން. އެއީ ވަރަށް މުހިންމު ކަމެއް. މަސްތުވާތަކެއްޗަކީ ވަރަށް ނުރައްކާތެރި އެއްޗެއް. އޭގެސަބަބުން، ރާއްޖެއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ އެއްޗެއް. ރާއްޖޭގެ ވަރަށްގިނަ އަދަދެއްގެ ބަޔަކު މަސްތުވާތަކެތީގެ ޝިކާރައަކަށްވެގެން، އެކަމުގެ ވޭނުގައި އުޅެމުން އެބަގެންދޭ. އެމީހުން އެކަންޏެއްނޫން. މަސްތުވާތަކެތީގެ ބޭނުންކުރުން އެއީ، އެމީހުންގެ ޢާއިލާތަކާއި މުޅި މުޖުތަމަޢުވެސް އެކަމުގެ ވޭނުގައި އުޅެން ޖެހިފައިވާ ވަރަށް ނުރައްކާތެރި ވަބާއެއް. އެހެންވީމާ، އެނުރައްކާތެރި ވަބާއިން މިރަށް ސަލާމަތްވެފައިވާ ކަމަށްޓަކައި اللّـه سبحـانـه وتعـالـىގެ ޙަޟްރަތަށް އަޅުގަނޑު ޙަމްދާއި ޝުކުރު ކުރަން. ހަމައެއާއެކީގައި، އެކަމަށްޓަކައި މިރަށުގެ ރައްޔިތުންނަށް ތަހުނިޔާއާއި މަރުޙަބާ ދަންނަވަން.

އެކަމުގައި ތިޔަބޭފުޅުން އަބަދު ވިސްނަވަން ތިއްބަވަންޖެހޭނެ. މިރަށުގައި މިވަގުތު މަސްތުވާތަކެތީގެ ނުރައްކަލެއް ނެތްކަމަށްވިޔަސް، ފަހަރެއްގައި މާދަމާވެސް އަތުވެދާނެ. އެކަމަށް އަޅުގަނޑުމެން ޖެހޭނީ އަބަދުވެސް ހޭލާ ތިބެން. ސަމާލުވެތިބެން. އެކަހަލަ ކަމެއް ރަށުގައި ފެށުނަ ނުދޭން އަޅުގަނޑުމެން އެންމެން ޖެހޭނީ ކަމަރު ބަނދެގެން ތިބެން. އެކަކު އަނެކަކާ ގުޅިގެން މަސައްކަތް ކުރަން. އެހެންވީމާ، އެގޮތުގައި މިރަށުގެ ރައްޔިތުން ތިއްބެވުން އެދޭތީ، އަދި ތިއްބަވާނެކަމުގެ ޔަޤީންކަން އޮތުމާއެކީގައި، އެވާހަކަ ދަންނަވައި، ރައްޔިތުންނަށް އެކަމަށްޓަކައި ވަރަށް ބޮޑަށް ހިތްވަރުދީ މަރުޙަބާ ދަންނަވަން.

އާދެ، މިރަށުގައި ދީނީގޮތުންވެސް ތަފާތުވުންތަކެއް ނެތްކަމުގެ މަޢުލޫމާތު، ބޮޑުކަތީބު އަޅުގަނޑަށް ދެއްވި. އެކަމަށްޓަކައިވެސް އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. މާތްވެގެންވާ އިސްލާމްދީނަކީ މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ އެންމެބޮޑު ނިޢުމަތް. އެންމެ ބޮޑު ރަޙްމަތް. އެ ނިޢުމަތުގައި އަޅުގަނޑުމެން ދެމިތިބެން ޖެހޭނެ. އެރަޙްމަތް އަޅުގަނޑުމެން ޝުކުރުވެރިކަމާއެކު ބަލައިގަންނަންޖެހޭނެ. ޝުކުރުވެރިކަމާއެކު އެރަޙްމަތް ބަލައިގަތުމަކީ، އަޅުގަނޑުމެންނަކީ މާތްﷲ އަންގަވާފައިވާ ގޮތުގެ މަތިން އެއްބަނޑުއެއްބަފާ ބަޔެއް ކަމުގައި ދެމިތިބުން. އަޅުގަނޑުމެންނަކީ އަޚުންތަކެއް ކަމުގައި ނުވަތަ އުޚުތުންތަކެއް ކަމުގައި ގަބޫލުކުރުން. އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ހަމަނުޖެހުމަކަށް ތަން ނުދިނުން. ދޭދޭމީހުންގެ ދެމެދުގައިވެސް، ދެ ޢާއިލާގެ ދޭތެރޭގައިވެސް އަދި މުޖުތަމަޢުގެ ތެރޭގައިވެސް، އަދި ރައްޔިތުންނާއި ވެރިންނާ ދޭތެރޭގައިވެސް، މިއިން އެއްވެސް ދިމާއެއްގައި ހަމަނުޖެހުމެއް އޮވެގެނެއްނުވާނެ. އެއީ، އަޅުގަނޑުމެން މިވަގުތު ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހިފައިވާ ކަމެއް. އަޅުގަނޑު އެހެން މިދަންނަވާލީ، މިރަށުގައި އެކަހަލަ ދެކޮޅުވެރިކަމެއް ނުވަތަ ބައިބައިވުމެއް ނެތްނަމަވެސް، ރާއްޖޭގައި މީހުން އުޅޭ ވަރަށްގިނަ ރަށްރަށުގައި އެކަންތައްތައް އެކި މިންވަރަށް ހުރީމާ. އެއީ އަޅުގަނޑުމެން ވަރަށް ހިތާމަކުރަންޖެހޭ ކަމެއް. އެކަން އަޅުގަނޑުމެންގެ ތެރެއިން ނައްތާލަން އެބަޖެހޭ.

އަޅުގަނޑުމެންނަކީ ކުޑަކުޑަ ޤައުމަކަށްވީހިނދު، އަދި އަޅުގަނޑުމެންގެ އަތުގައި ކުރިއަށް ދިޔުމުގެ ވަސީލަތްތައް މަދުކަމަށްވީހިނދު، އަޅުގަނޑުމެން އެންމެ އެކުވެރިވާން އެބަޖެހޭ. އެންމެން އެކަތިގަނޑަކަށްވެގެން މަސައްކަތްކުރަން އެބަޖެހޭ. މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ވަސީލަތްތަކުން އަޅުގަނޑުމެންނަށް ފައިދާއެއް ހާސިލު ކުރެވޭނީ އޭރުން. އެހެންނޫންނަމަ އަޅުގަނޑުމެން ކުރާ މަސައްކަތުގެ އެއްވެސް ފައިދާއެއް ނުފެންނާނެ.

މިދެންނެވި ކަންތައްތައް މިހެން ހުރުމާއެކު، މަޑުއްވަރީއަށް އައުމަކީ މިއަދު އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް ކަމުގައި އަޅުގަނޑަށް ދަންނަވަންޖެހޭ. އެއީ ރައްޔިތުންގެ އެއްބައިވަންތަކަމާއި، މަސައްކަތްތެރިކަމާއި އަދި މިނޫން ގޮތްގޮތުންވެސް ރައްޔިތުންގެ ފަރާތުން ފެންނަމުންދާ ތަރައްޤީއާއި ކުރިއެރުމުގެ ޢަލާމާތްތަކަށްޓަކައި. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، މިރަށު ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ދެއްވި ހަދިޔާއަށްޓަކައި، އެ ހަދިޔާ ދެއްވި ހުރިހާ ބޭފުޅުންނަށާއި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު ދެކޭގޮތުގައި އެހަދިޔާ ތިޔަ ދެއްވީވެސް ތިޔަބޭފުޅުންގެ ހިތްޕުޅުގައި އަޅުގަނޑާ ދޭތެރޭގައި އޮންނަ ގާތް ކަމެއްގެ ބޮޑުކަމުން. އާދެ، އަދިވެސް އެއްފަހަރު، މަޑުއްވަރީ ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ އިޚްލާޞްތެރި ޝުޢޫރުތައް ރައްދުކުރަން.

މާތްﷲ އަޅުގަނޑުމެން އެންމެންނަށް ހެޔޮވިސްނުން ދެއްވައި، އެކަލާނގެ ފޮނުއްވި މާތް ދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ހެޔޮ ތައުފީޤު ދެއްވާށި! ދިވެހިރާއްޖެއަށް އަމަންއަމާންކަމާއި، ސުލްހަމަސަލަސްކަމާއި ކުރިއެރުން މިންވަރު ކުރައްވާށި! އަދި މަޑުއްވަރީ ރައްޔިތުންނަށާއި، މިއަތޮޅުގެ އެންމެހާ ރައްޔިތުންނަށާއި، ދިވެހި ރައްޔިތުންނަށް އުފާ ފާގަތިކަމާއި ސުލްހަމަސަލަސްކަން މިންވަރު ކުރައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه.