بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وأصـحَابِه أجمـعـين.

އާދެ، އަޅުގަނޑު މުލަކަތޮޅަށް މިއަދު މިފެށި ދަތުރުގައި، މިއަދުގެ އެންމެފަހު މަންޒިލަކަށް މިވީ ތިޔަބޭފުޅުންގެ ލޮބުވެތި ރަށް، މުލި. އަޅުގަނޑު މިއަދު ހަވީރު މުއްޔަށް އައުމުން، މުލީގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ވިދާޅުވީ ވަރަށް އިޚްލާޞްތެރި މަރްޙަބާއެއް. އެކަމަށްޓަކައި މުލީގެ ވެރިންނަށާއި، މުލީގެ ރައްޔިތުންނަށް، އާދެ، އަންހެން ފިރިހެން، ކުދިބޮޑު އެންމެންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

ދެންމެ މިތާނގައި ވާހަކަފުޅު ދެއްކެވި މުލީ އޮފީސް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާ، އަލްފާޟިލް މޫސާ ނަޞީރު އަޙްމަދުގެ ވާހަކަފުޅުގައި، މިރަށަށް އަޅުގަނޑު ޒިޔާރަތްކުރާ ވާހަކައާއި، މިރަށާ ގާތްގޮތެއް ބަހައްޓާ ވާހަކަ ވިދާޅުވެއްޖެ. ހަމައެއާއެކީގައި މިރަށުގެ ރައްޔިތުންގެ ހިތްތަކުގައި އަޅުގަނޑާ ބެހޭގޮތުން އުފެދިފައިވާ އިޚްލާޞްތެރި ޝުޢޫރުތަކުގެ ވާހަކަވެސް އޭނާ ވިދާޅުވެއްޖެ. އެކަމަށްޓަކައި އަލްފާޟިލް މޫސާ ނަޞީރު އަޙްމަދަށާއި އަދި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އޭނާ އެވިދާޅުވިހެން މިރަށަށް އަޅުގަނޑު ވަރަށް ގިނަ ފަހަރަށް ޒިޔާރަތްކޮށްފިން. އެންމެފަހުން މިރަށަށް އާދެވިފައިވަނީ، މީގެ ހަތަރު އަހަރު ކުރިން. އަޅުގަނޑަކީ އަބަދުވެސް އަތޮޅުތަކުގެ ކަންތައްތައް ބަލަމުންގެންދާ، އަދި އަތޮޅުތަކުގައި ދިރިއުޅުއްވާ ރައްޔިތުންގެ ހާލުއަހުވާލު ބަލަމުން ގެންދާ މީހެއް. އަޅުގަނޑު ސީދާ ޒިޔާރަތްކޮށްގެންނާއި އަދި ސަރުކާރުގެ އެހެން ވަޒީރުން، އަދި ޚާއްޞަކޮށް، އަތޮޅުތަކާބެހޭ ވުޒާރާ އެވަގުތަކު ހިންގަވަން ހުންނެވި ވަޒީރަކު ރާއްޖެތެރެއަށް ކުރައްވާ ދަތުރުފުޅުތަކުން ލިބޭ މަޢުލޫމާތާއި، މިކަންކަމުގެ އަލީގައި އަޅުގަނޑަށް ވަނީ އަތޮޅުތަކުގެ ޙާލަތު ވަރަށް ރަނގަޅަށް އެނގެމުން ގޮސްފައި. އަދި އަތޮޅުތަކުގެ ރައްޔިތުން ބޭނުންފުޅުވާ ކަންތައްތައްވެސް އަޅުގަނޑަށް ދަނީ އެނގެމުން. އެކަންތައްތައް ސަރުކާރުގެ ފަރާތުން ހަމަޖައްސައިދެވޭތޯ މިގެންދަނީ ވަރަށްބޮޑަށް މަސައްކަތް ކުރަމުން. އެގޮތުން، ކޮންމެ އަތޮޅެއްގެ ކޮންމެ ރަށެއްގައިވެސް ސަރުކާރުން ހިންގާފައިވާ ތަފާތު މަޝްރޫޢުތަކެއް އެބަހުރި. ރައްޔިތުންނަށް ފެނިވަޑައިގަންނަވާ ގޮތަށް ތަފާތު ބޮޑެތި މަސައްކަތްތަކެއް ނިންމިފައިވެސް އެބަހުރި.

އެގޮތުން މ. އަތޮޅު މުލީގައި އާދެ، މިރަށުގައި ހިންގާފައިވާ މަޝްރޫޢުތައް، މިރަށުގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އޭގެ ތަފްޞީލުތައް އަޅުގަނޑު ނުދެންނެވިނަމަވެސް، އެކަމަކީ ރައްޔިތުންނަށް ވަންހަނާވެގެންވާ ކަމެއްނޫން. އެއީ، އެންމެންގެ ކުރިމަތީގައި ފެންނަންހުރި ޙަޤީޤަތްތަކެއް. މިކަމުގައި މިރަށުގެ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ލިބެމުން ގޮސްފައިވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި، މުލީގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން.

އާދެ، މިހާރުވެސް މަޝްރޫޢުތަކެއް ހިނގަމުން އެބަދޭ. އޭގެތެރޭގައި މިރަށުގައި ޤާއިމުވެފައިވާ ސަރަޙައްދީ ހޮސްޕިޓަލަށް ބައެއް އިތުރުކުރުމުގެ މަސައްކަތްތައް ހިމެނޭ. އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި މިމަޝްރޫޢުގެ ހުރިހާ މަސައްކަތެއް ނިމިގެންދާނެ. އޭރުން މި ހަސްފަތާލުންދޭ ޚިދުމަތް މިހާރަށްވުރެ ހަލުވިވެ، މިހާރަށްވުރެ ރަނގަޅު ފެންވަރަކަށް ގެންދެވޭނެ. އަދި އޭގެސަބަބުން މުލީގެ ރައްޔިތުންނަށާއި، މިއަތޮޅުގެ އެހެން ރައްޔިތުންނަށް އިތުރު ފަސޭހަތައް ލިބިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

މިރަށަށް ބޭނުންވެފައިވާ ކަންތައްތަކުގެ ލިޔުމެއް، ދެންމެ އަލްފާޟިލް މޫސާ ނަޞީރު އަޙްމަދު އެވިދާޅުވި ފަދައިން އަޅުގަނޑަށްވަނީ ދެއްވާފައި. އެލިޔުމުގައި މިރަށުގެ ރައްޔިތުން މިހާރުން މިހާރަށްވެސް ބޭނުންފުޅުވާ ވަރަށް ގިނަ ކަންތައްތަކެއްގެ ވާހަކަ އެބަހުރި. އެކަންތައްތަކަކީ ސަރުކާރުގެ ސަމާލުކަމުގެ ތެރޭގައި ހުންނާނެ ކަންތައްތަކެއް ކަމުގައި އަޅުގަނޑު ދަންނަވަން. އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެކަންތައްތަކާ ދޭތެރޭގައި ވިސްނާވަޑައިގެންފައި، ސަރުކާރުން ކަންތައްތައް ކުރުމަށް ހަމަޖެހިފައިވާ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން، އެކަންތައްތައް ކުރިއަށް ގެންދަވާނެ ކަމަށްވެސް އަޅުގަނޑު ދަންނަވަން.

އޭގެތެރެއިން އެއްކަމަކީ، ނަރުދަމާގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުގެ މަސައްކަތް. އެކަމަށް ޢަމަލީގޮތުން ތައްޔާރުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް މިހާރުދަނީ ކުރެވެމުން. މި ނިޒާމު ފަރުމާ ކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައި. އެހެންވީމާ، އަޅުގަނޑު އުންމީދުކުރާ ގޮތުގައި މާލަހެއްނުވެ އޭގެ ޢަމަލީ މަސައްކަތްވެސް ފެށޭނެ.

ދެން މިރަށުގެ ރައްޔިތުން އެންމެ ކަންބޮޑުވާ އެއްކަމެއްގެ ގޮތުގައި އަޅުގަނޑަށް އެނގިފައިވަނީ، އައުޓަރ އައިލެންޑް އިލެކްޓްރިފިކޭޝަން ޕްރޮޖެކްޓުގެ ދަށުން، ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެށި، ވަކި ހިސާބަކުން އެމަސައްކަތް ހުއްޓިފައިވާ ކަންތައް. އާދެ، ހުއްޓިފައިވަނީ ސަބަބުތަކެއް ހުރެގެން. މަސައްކަތާ ކުރިން ހަވާލުވި ފަރާތުން އެކަންތައް ރަނގަޅަށް ނުގެންދެވިގެން އަދި މަސައްކަތް ކޮށްފައިވާ ފެންވަރުވެސް ރަނގަޅު ނުވެގެން. އެހެންވީމާ، އެމަސައްކަތް އެހިސާބުން ހުއްޓިފައި އޮތީކީ ނޫން. މިހާރު ކުރިއަށް ގެންދިއުމަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. މިމަސައްކަތް އަލުން އިރާދަކުރެއްވިއްޔާ މާލަހެއްނުވެ ފެށޭނެ. އެހެންވީމާ، އެވާހަކަ މުލީގެ ލޮބުވެތި ރައްޔިތުންގެ މަޢުލޫމާތަށްޓަކައި އަޅުގަނޑު ދަންނަވާލީ.

މުއްޔަކީ އާބާދީގެ ވަރަށް މުހިންމު އިނާމެއް ވިދިވިދިގެން 3 އަހަރު ހޯދާފައިވާ ރަށެއް. އާދެ، 1991 ވަނަ އަހަރާއި، 1992 ވަނަ އަހަރާއި، 1993 ވަނަ އަހަރު 1000ން ދަށުގެ "އާބާދީ އައްޑަނަ" މިރަށަށްވަނީ ލިބިފައި. މިއީ އަޅުގަނޑު ވަރަށްބޮޑަށް އުފާކުރާ ކަމެއް. އެކަމަށްޓަކައި މިރަށުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން.

މިރަށުގެ ރައްޔިތުންނަކީ ވަރަށް މަސައްކަތްތެރި ބަޔެއް. މިރަށުގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކީ ވަޒީފާ އަދާކުރާ މީހުން. ސަރުކާރުގެވެސް ތަފާތު މުއައްސަސާތައް މިރަށުގައި ޤާއިމުވެފައި އޮތުމާ އެކީގައި، ވަރަށްގިނަ މީހުންނަކީ ސަރުކާރުގެ ވަޒީފާގައި މަސައްކަތް ކުރަމުން ގެންދާ، އިޚްލާޞްތެރިކަމާއެކު ވަޒީފާ އަދާކުރަމުން ގެންދާ ބަޔެއް.

އޭގެއިތުރުން، ރާނާ ސިމެންތި ޖެހުމާއި އަދި ކޮންޓްރެކްޓް މަސައްކަތް، މިރަށު މީހުން ކުރަމުން ގެންދާކަމުގެ މަޢުލޫމާތުވެސް އަޅުގަނޑަށް ވަނީ ލިބިފައި. އެ މަސައްކަތަކީވެސް ޝައްކެއްނެތްގޮތުގައި، ވަރަށް މުހިންމު މަސައްކަތެއް. އަދި ރާއްޖޭގެ ތަރައްޤީ މިހާރު ކުރިއަށްދާ މިންވަރަށް ބަލާއިރު، ވަރަށްބޮޑަށް ބޭނުންވެފައިވާ މަސައްކަތެއް. އެ މަސައްކަތުގައި މިރަށުގެ ރައްޔިތުން އުޅުއްވާކަމީ، އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. އެކަމުންވެސް ރައްޔިތުންނަށް އިތުރު އާމްދަނީ ލިބި، ރަށަށް އިތުރު ތަނަވަސްކަން ލިބިގެންދާނެކަމާމެދަކު ޝައްކެއްނެތް. ރާނާ، ސިމެންތި ޖެހުމާއި، ވަޑާންކުރުމާ މިކަންކަމަކީ ދިވެހިންގެ ފަންނީ ހުނަރުވެރިކަން ވަރަށް ރަނގަޅަށް ފެނިގެންދާ މަސައްކަތްތަކެއް. މިކަންކަން އަޅުގަނޑުމެން ދިރުވަން އެބަޖެހޭ. އެހެންވީމާ، އެކަމަށްޓަކައި މިރަށުގެ ރައްޔިތުން ކުރައްވާ މަސައްކަތަކީ، އެކަމަށްޓަކައި އަޅުގަނޑުވެސް ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމުގައި ދަންނަވާލަން.

މިއަދު ރާއްޖެ މިދަނީ ތަރައްޤީގެ މަގުގައި ވަރަށް ހަލުވި ފިޔަވަޅުތަކެއް ކުރިއަށް އަޅަމުން. އަޅުގަނޑުމެންނަށް މިކުރިއެރުން ހާސިލުމިވަނީ ސަރުކާރާއި ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރާތީ. ރާއްޖޭގައި އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ޤާއިމުވެފައި އޮންނާތީ. އަދި ސަރުކާރުން ކުރާ މަސައްކަތް ރައްޔިތުން ވަޒަންކުރާތީ. ރައްޔިތުން އެކަން ގަބޫލުކުރާތީ. ވަރަށްގިނަ ރޮނގުތަކުން ރާއްޖެ މިހާރުވަނީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި.

ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެފަދައިން، 1978 އާއި މިހާރާ އަޅާބަލާއިރު، ރާއްޖޭގެ ވަރަށްގިނަ ކަންތައްތަކަށް މިވަނީ ވަރަށް ބޮޑެތި ތަރައްޤީ އައިސްފައި. އެންމެ ކުޑަވެގެން ތަޢުލީމީ ދާއިރާއަށް ވިސްނާލިއަސް، އޭރު ރާއްޖޭގައިހުރި ސްކޫލްތަކުގެ އަދަދާއި، މިހާރު މުޅި ރާއްޖޭގައި ހިނގަމުންދާ ސަރުކާރު ސްކޫލްތަކުގެ އަދަދާއި، އޭރު ކިޔަވާކުދިންގެ އަދަދާއި، މިހާރު ކިޔަވާކުދިންގެ އަދަދާއި، އަދި އޭރު ތަޢުލީމީ ފެންވަރު ގެންދެވިފައިވާ ވަރާއި، މިހާރު ގެންދެވިފައިވާ ވަރާ ވަރަށް ތަފާތު. މީގެ ތަފްޞީލުތަކަށް އަޅުގަނޑު ނުދިޔަނަމަވެސް، އެކަންކަން މިރަށުގެ ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނެ. ހަމައެހެން، ޞިއްޙީ ދާއިރާގައިވެސް، ވިޔަފާރީގެ ދާއިރާގައިވެސް، މަސްވެރިކަމުގެ ދާއިރާގައިވެސް، ފަތުރުވެރިކަމުގެ ދާއިރާގައިވެސް. މިހެންގޮސް ދަންނަވާފައި، ވަކި ނުދަންނަވާނެ ކަމެއްނެތް.

އެހެންވީމާ، މިކުރިއެރުންތައް މާތްﷲގެ އިރާދަފުޅާއެކު، އަޅުގަނޑުމެންނަށް ހާސިލުކުރެވިފައި މިވަނީ މަސައްކަތްތަކެއް ކުރެވިގެން. އެކަމާ ބެހޭގޮތުން ވިސްނުންތަކެއް ވިސްނައިގެން. ރޭވުންތަކެއް ރާވައިގެން. އަދި މިކަމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ރައްޔިތުންނާ ގުޅިފައި އޮތްލެއް ބޮޑުކަމުން. އަދި ރައްޔިތުން ބޭނުންވާ ކަންތައްތައް ސަރުކާރަށް އެނގިފައިވާތީ. އެކަމަށް ސަރުކާރުން އަހަންމިއްޔަތުދޭތީ. އެހެންވީމާ، މިފަދަ މަސައްކަތްތަކެއް ކުރެވިގެން ތަރައްޤީގެ ލަނޑުދަނޑިތަކެއް އަޅުގަނޑުމެންނަށް މިހާރު ހާސިލު ކުރެވިފައިވާތީ އެކަމަށްޓަކައި އެންމެ ފުރަތަމަ އަޅުގަނޑުމެން اللّـه سبحـانـه وتعـالـىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަންޖެހޭ. އެއަށްފަހު، އެ ހުރިހާ ފަރާތްތަކަކުން މިކުރި މަސައްކަތްތަކުގެ އަގު އަޅުގަނޑުމެން ވަޒަންކުރަން އެބަޖެހޭ.

ހަމައެހެންމެ، މިއީ އަޅުގަނޑުމެން ވާސިލުވާން ބޭނުންވާ ތަރައްޤީގެ އެންމެމަތީ އުސްމިންކަމަށް އަޅުގަނޑުމެން ދެކިގެންނުވާނެ. ތަރައްޤީއަކީ އަބަދުވެސް އެއްދުވަހުން އަނެއް ދުވަހަށް އިތުރަށް ކުރިއަށް ދާންޖެހޭނެކަމެއް. މިހާރު އަޅުގަނޑުމެންނަށް އާދެވިފައިމިވާ ހިސާބުން އިތުރަށް ކުރިއަށް ޖެހިލަން އެބަޖެހޭ. ވަރަށް ބާރަށް ކުރިއަށްދާން އެބަޖެހޭ. އެކަންވާނީ އެންމެން އެކުގައި ގުޅިގެން މަސައްކަތްކޮށްގެން. އެހެންވީމާ، ތަޢުލީމީ ގޮތުންވެސް، ޞިއްޙީ ގޮތުންވެސް، އަދި ރަށަށް ބޭނުންވާ ޚިދުމަތްތަކުގެ ގޮތުންވެސް، ނުވަތަ ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާއިން ނަމަވެސް އަޅުގަނޑުމެން އިތުރަށް މަސައްކަތްތަކެއް ކުރަން އެބަޖެހޭ. އިތުރަށް ހިތްވަރުކުރަން އެބަޖެހޭ. އަޅުގަނޑުމެންގެ ރާއްޖެ އިތުރަށް ކުރިއަށް ގެންދަން އެންމެން ގުޅިގެން މަސައްކަތް ކުރަން އެބަޖެހޭ. މި ޙަޤީޤަތަކީ އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ގަބޫލުކުރާނެ އަދި ގަބޫލުކުރަންޖެހޭ ޙަޤީޤަތެއް.

ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ނުރައްކަލެއްގެ ވާހަކަ. މިހާރު އެކަންޏެއްނޫން، މިކަން ރާއްޖޭގައި ހިނގަމުންދާތާ އަހަރުތަކެއްވެއްޖެ.
މި އިޝާރަތްކުރަނީ މަސްތުވާތަކެތީގެ ނުރައްކަލަށް. މަސްތުވާތަކެތީގެ ނުރައްކަލަކީ މުޅި ޤައުމަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ނުރައްކަލެއް. މިރަށުގައިވެސް މިކަން ވަރަށް ފުޅާކޮށް އުޅޭކަމަށް އަޅުގަނޑަށްވަނީ މަޢުލޫމާތު ލިބިފައި. އެއީ އަޅުގަނޑު ވަރަށް ހިތާމަކުރާ ކަމެއް. މިއަދު އަޅުގަނޑު ޒިޔާރަތްކުރި މިއަތޮޅުގެ އެހެން ދެރަށެއްގައި އެމައްސަލަ އެގޮތަކަށް ނެތް. އެކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކޮށް، އެދެރަށުގެ ރައްޔިތުންނަށް ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރިން. އެހެންނަމަވެސް، މުއްޔަކީ އެފަދަ ނަސީބެއް ލިބިފައިވާ ތަނެއް ނޫން. ކޮންމެވެސް ސަބަބަކާހުރެ މިރަށުގައި މަސްތުވާތަކެތީގެ ބޭނުންކުރުން، އެއްދުވަހުން އަނެއްދުވަހަށް މިދަނީ އިތުރުވަމުން. އޭގެތެރޭގައި ހިމެނޭ ޒުވާނުންނާއި، އެހެން މީހުންގެ އަދަދުތައް މިދަނީ މައްޗަށް. މިއީ އަޅުގަނޑުމެން ވަރަށްބޮޑަށް ކަންބޮޑުވާންވީ ކަމެއް. މިކަން އެބަޖެހޭ އަޅުގަނޑުމެން ހުއްޓުވަން. މިކަން އެބަޖެހޭ ކޮންޓްރޯލް ކުރުވަން. ކޮންޓްރޯލް ކުރަން.

އެނގިވަޑައިގަންނަވާނެ ފަދައިން، ދާދިފަހުން ސަރުކާރުން ވަނީ މަސްތުވާތަކެއްޗާބެހޭ މައި މަޝްރޫޢެއް އިފްތިތާޙު ކޮށްފައި. އެ މަޝްރޫޢުގެ ދަށުން، ވަރަށްގިނަ އިތުރު މަސައްކަތްތަކެއް ކުރުމަށްވަނީ ހަމަޖެހިފައި. އޭގެތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމާއި އަދި ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރުން މަދުކުރުން ހިމެނޭ. ކޮންޓްރޯލް ކުރުން ހިމެނޭ. ރާއްޖެއަށް އެތެރެވާ މަސްތުވާތަކެތި އެތެރެނުވެ ހުއްޓުވޭނީ، ވަރަށްގިނަ ފަރާތްތަކެއްގެ ހޭލުންތެރިކަމާއި، އެހީތެރިކަމާއި، އެއްބައިވަންތަކަމާއި، އެއްބާރުލުން ލިބިގެން. އޭގެތެރޭގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި، އާންމު ރައްޔިތުންގެ ފަރާތްތައްވެސް ހިމެނޭ. މިއީ އަޅުގަނޑުމެންނަށް މިވަގުތު ކުރިމަތިވެފައިވާ ވަރަށްބޮޑު ދައްޗެއް. ވަރަށްބޮޑު އުނދަގުލެއް. ޖޯގްރަފީގޮތުން ރާއްޖެ އޮންނަގޮތުން ރާއްޖެއަށް މީހަކު ނުވަތަ ބަޔަކު އެއްޗެއް އެތެރެކުރުމަކީ ދަތިކަމަކަށްނުވޭ. އެހެންވީމާ، އެކަން ބަޔަކު ކުރަމުން އެބަގެންދޭ. މިކަން އަޅުގަނޑުމެން އެބަޖެހޭ ހުއްޓުވަން. ސަރުކާރުން ވަރަށްބޮޑަށް މަސައްކަތް ކުރަމުން އެބަދޭ. އޭގެއިތުރުން، މަސައްކަތްތަކެއް މިހާރުވަނީ ކުރަން ފަށަން ޖެހިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެމަސައްކަތްވެސް ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުން ކުރައްވަމުން ގެންދަވާނެ. އަދި އޭގެކުރިންވެސް މިދެންނެވިހެން ރައްޔިތުންގެ އެއްބާރުލެއްވުން، ރައްޔިތުންގެ ތެރޭގައި ހިމެނޭ މިފަދަ ކަންކަމަށް މަސައްކަތް ކުރައްވާ ފަރާތްތަކުގެ އެއްބާރުލެއްވުންވެސް ވަރަށްބޮޑަށް ބޭނުންވޭ. މަސްތުވާތަކެތީގެ ނުރައްކަލުން ރައްޔިތުން ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަށްޓަކައި އުފެދިފައިވާ އެކިއެކި ޖަމުޢިއްޔާތަކާއި ޖަމާޢަތްތައް ރާއްޖޭގައި އެބަހުރި. އެފަރާތްތަކުގެ އެއްބާރުލެއްވުންވެސް ވަރަށްބޮޑަށް ބޭނުންވޭ. ހުރިހާ އެންމެ އެކުވެގެން، އެކަތިގަނޑަކަށްވެގެން، އެއްއަމާޒަކަށް މަސައްކަތްކޮށްގެން ނޫނީ މިބޮޑު ނުރައްކަލަކުން އަޅުގަނޑުމެންނަށް ސަލާމަތްވެވޭކަށްނެތް. އެހެންވީމާ، އެވާހަކަ އަޅުގަނޑު ދަންނަވާލަން ބޭނުންވީ.

މިރަށުގެ ރައްޔިތުންވެސް ސަރުކާރާ ގުޅިވަޑައިގެން މިމަސައްކަތް ކޮށްދެއްވާށޭ. މިކަން އަޅުގަނޑުމެންގެ ތެރެއިން މުޅިން ހުއްޓުވަން، މަނާކުރަން ވެއްޖެއޭ. މަސްތުވާތަކެތީގެ ޝިކާރައަކަށް އިތުރު މީހަކު ވެގެން ދިޔުމަކީ އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް އެދޭނެ ކަމެއްނޫން. ޚާއްޞަކޮށް، މިކަމުގައި އުޅޭ ގިނަމީހުންނަކީ ކުޑަކުދިންނާއި ޒުވާނުން ކަމަށްވާތީ އެއީ، އަޅުގަނޑުމެން ވަރަށް ހިތާމަކުރަންޖެހޭ ކަމެއް. މިކަމުގެ ހިތާމަ، ހަމަ ކޮންމެ ޢާއިލާއަކުންވެސް ތަޙައްމުލުކުރަން އެބަޖެހޭ. އެހެންވީމާ، މިކަމަކީ އަޅުގަނޑުމެން އެއްގޮތަކަށްވެސް އަތްއުރާލައިގެން ތިބެންވީ ކަމެއްނޫން. މިހާރުން ފެށިގެން ވަރަށް ބޮޑެތި މަސައްކަތްތަކެއްކޮށްގެން، އަޅުގަނޑުމެންގެ ރާއްޖެއިން މަސްތުވާތަކެތީގެ ވަބާ މުޅިން ނައްތާލަން އެބަޖެހޭ.

އާދެ، ސަރުކާރުން މި އިޢުލާނުކުރި މައި މަޝްރޫޢުގައިވާ ގޮތުގެ މަތިން އިރާދަކުރެއްވިއްޔާ ސަރުކާރުގެ ފަރާތްތަކުން އެކަންތައްތައް ކުރަމުން ގެންދާނެ. އަދި އަޅުގަނޑު އެ މަޝްރޫޢު އިފްތިތާޙުކޮށްދިން ދުވަހު، އެތަނަށް ވަޑައިގެން ތިއްބެވި ބޭފުޅުންނާ މުޚާޠަބުކޮށް ދެންނެވިފަދައިން، އިރާދަކުރެއްވިއްޔާ އަޅުގަނޑުވެސް މިކަން ސީދާ ބަލަމުން ގެންދާނަން. މިކަމުގައި ވާގޮތާއި، އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، މި ހުރިހާ ކަމެއް ބަލަމުން ގެންދާނަން. މިކަމަކީ ހުރިހާ އެންމެންގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ ކަމެއް. އިރާދަކުރެއްވިއްޔާ މި މަސައްކަތް ކާމިޔާބުވާނެ.

އާދެ، ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމް ޤައުމެއް. މުސްލިމް ޤައުމެއް. އަޅުގަނޑުމެން އެންމެންނަކީ މުސްލިމުން. އެހެންކަމުން، އަޅުގަނޑުމެންގެ ތެރޭގައި އޮންނަންޖެހޭނީ، މުސްލިމުންގެ މެދުގައި މާތްﷲ ޤާއިމުކުރައްވާފައިވާ އުޚުއްވަތްތެރިކަން. އެއްބަނޑުއެއްބަފާކަން. އެއްވެސް ކަމެއްގައި އަޅުގަނޑުމެން ބައިބައިވެގެނެއް ނުވާނެ. އަޅުގަނޑުމެންގެ ތެރޭގައި ފިތުނަތަކެއް އުފެދުނަދީގެނެއްނުވާނެ. އެއްވެސް ބަޔަކު އަޅުގަނޑުމެން ބައިބައިކުރުވަން މަސައްކަތްކުރިނަމަވެސް، އެމަސައްކަތަށް އަޅުގަނޑުމެން ޖާގަދީގެނެއްނުވާނެ. ދީނީގޮތުންނަމަވެސް، އެނޫންގޮތަކުން ނަމަވެސް، ދިވެހިރައްޔިތުން ބައިބައިވެގެން ދިޔުމަކީ، އޭގެ ގެއްލުމާއި ހަލާކު މުޅި ޤައުމަށް ކުރިމަތިވަމުންދާނެ ކަމެއް. އެހެންވީމާ، މިކަމަށްވެސް އަޅުގަނޑުމެން ވަރަށްބޮޑު ސަމާލުކަމެއް ދޭންއެބަޖެހޭ. އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީތީ އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭ އިސްލާމީ އަޚްވަންތަކަމުގެ ގުޅުން، އެއްބަނޑުއެއްބަފާކަމުގެ ގުޅުން ދަމަހައްޓަން އެބަޖެހޭ. އެގުޅުން ދެމެހެއްޓުމަކީ ވަކި ސަރުކާރުން ކުރަންވީ ކަމެއްނޫން. އެއީ ހަމަ ކޮންމެ މީހަކު، ކޮންމެ މުސްލިމަކު ކުރަންވީ ކަމެއް. ކޮންމެ ޖަމާޢަތަކުން ކުރަންވީ ކަމެއް. ސަރުކާރުންވެސް ކުރަންވީ ކަމެއް. މިކަން އަޅުގަނޑުމެން އެންމެން ގަބޫލުކުރަން އެބަޖެހޭ.

ކުރިންވެސް ދެންނެވިފަދައިން އަޅުގަނޑުމެންނަށް ތަރައްޤީގެ ކާމިޔާބީތަކެއް ހާސިލުކުރެވިފައި މިވަނީ މިހާތަނާ ޖެހެންދެންވެސް އަޅުގަނޑުމެން އެކުވެރިވެ ތިބެގެން މަސައްކަތްކޮށްގެން. އެކަތިގަނޑަކަށްވެގެން ތިބެގެން ހިންމަތްތަކެއް ކޮށްގެން. އެހީތެރިކަމާއި އެއްބާރުލުން އެކަކު އަނެކަކަށް، އެއްބަޔަކު އަނެއްބަޔަކަށް ދީގެން، ކުރި މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުން. އެހެންވީމާ، ކުރިއަށް އޮތް ތާނގައިވެސް އަޅުގަނޑުމެން ކުރިއަށްދާން ބޭނުންވާ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހުން އޮންނަން އެބަޖެހޭ. އަމަންއަމާންކަން ޤާއިމުވެފައި އޮންނަން އެބަޖެހޭ. ސުލްހަމަސަލަސްކަން ދެމެހެއްޓިފައި އޮންނަން އެބަޖެހޭ. ރާއްޖެއަށް ޒިޔާރަތް ކުރައްވާ ބޭރުގެ ވަރަށްގިނަ ޢިއްޒަތްތެރިން މިވާހަކަ ދައްކަވާ. އެއީ ދުނިޔޭގެ އެހެން ޤައުމުތަކާ ޚިލާފަށް ރާއްޖެއަކީ ވަރަށްބޮޑަށް ހަމަޖެހިފައި އޮތް ޤައުމަކަށްވާތީ. ސިޔާސީގޮތުން، އިޖްތިމާޢީގޮތުން، ހުރިހާ ގޮތަކުންވެސް ރާއްޖެއަކީ މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން ވަރަށް ބޮޑަށް ހަމަޖެހިފައި އޮތް ޤައުމެއް.

އަޅުގަނޑުމެންގެ ތެރޭގައި މާބޮޑެތި ހަމަނުޖެހުންތަކެއް ނޫޅޭ. ދުނިޔޭގެ އެހެން ޤައުމުތަކުގައި އެކަންތައްތައް ވަމުންދާ ގޮތުގެ ވާހަކަ އަބަދުއަބަދު އަޅުގަނޑުމެންނަށް އިވެމުން އެބަދޭ. ޓީ.ވީ.އިން އޭގެ މަންޒަރުތައް ފެންނަމުން އެބަދޭ. ރޭޑިޔޯތަކުން އޭގެ ޚަބަރުތައް ކިޔާތީ އަޅުގަނޑުމެން އެބަ އަހަމު. ނޫސްތަކުގައި އެވާހަކަ އެބަޖަހާ. މިއީކީ އަޅުގަނޑުމެންނަށް ނޭނގޭ ކަމެއްނޫން. ވަންހަނާވެފައި އޮތް ކަމެއްނޫން. އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުގައިވެސް ވަރަށް ގިނަ ބޮޑެތި މައްސަލަތައް ހިނގަމުން އެބަދޭ. ވަރަށް ގިނަ ބަޔެއްގެ ލޭއޮހޮރުވަމުން އެބަދޭ. ތަންތަން ހަލާކުވަމުން އެބަދޭ. ހަމަނުޖެހުންތައް ހިނގަމުން އެބަދޭ. މިއިން އެއްވެސް ކަމެއް އިރާދަކުރެއްވީތީ ރާއްޖެއަކު ނުހިނގާ. މި ކުރިއެރުން އަޅުގަނޑުމެންނަށް ލިބިފައި މިވަނީ އޭގެސަބަބުން. ބޭރު ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތް ކުރައްވާ ޢިއްޒަތްތެރިން މިވާހަކަ އަޅުގަނޑާ ދައްކަވާ. މިގޮތަށް ރާއްޖެ ބާއްވާށޭ. މިގޮތަށް މަސައްކަތް ކުރާށޭ. އެއްވެސް ސަބަބަކާހުރެ ރާއްޖޭގެ ރައްޔިތުންގެ މެދުގައި ބައިބައިވުމެއް އުފެދުނަ ނުދޭށޭ. އެހެންވީމާ، މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންވެއްޖެ ކަމެއް. މިހާރު މިއޮތް ހަމަޖެހުމާއި އެއްބައިވަންތަކަން އަޅުގަނޑުމެން އެބަޖެހޭ ދަމަހައްޓަން.

އަޅުގަނޑުގެ އިލްތިމާސަކީ މުލީގެ ރައްޔިތުންވެސް މިކަމާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނަވައި، މިރަށުގައި އެއްވެސް ކަހަލަ ހަމަނުޖެހުމަކަށް ފުރުޞަތު ނުދެއްވުން. އެއްވެސް ކަހަލަ ބައިބައިވުމަކަށް، ދެކޮޅުވެރިވުމަކަށް އެއްވެސް ޖާގައެއް ނުދެއްވުން. ހަމައެއާއެކީގައި އަޅުގަނޑުމެންގެ މެދުގައި އޮންނަ އިޖުތިމާޢީ ގުޅުންވެސް ބަދަހިކުރަން އެބަޖެހޭ. ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުމާއި، ޢާއިލާތަކުގެ މެދުގައި އޮންނަ ގުޅުމާއި، މުޅި ރައްޔިތުންގެ ތެރޭގައި އޮންނަ ގުޅުމާއި، ރައްޔިތުންނާއި ސަރުކާރާއި ސަރުކާރުގެ ފަރާތްތަކާ ދޭތެރޭގައި އޮންނަ ގުޅުމާއި، މިހެންގޮސް މިހުރިހާ ގުޅުންތަކެއް އެބަޖެހޭ އަޅުގަނޑުމެން އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރަން. އޭރުން އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ފައިދާ އަޅުގަނޑުމެންނަށް ފެނިގެންދާނީ.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، މުލީގެ ޢިއްޒަތްތެރި ދަރިއެއްގެ ވާހަކަ ދަންނަވާލަން ބޭނުންވޭ. އާދެ، އެއީ އަލްފާޟިލް ޢަބްދުﷲ ޞާދިޤް. އެނގިވަޑައިގަންނަވާނެ، އޭނާއަކީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު 3 ފަހަރު ލިބިވަޑައިގެންފައިވާ ބޭފުޅެއް. އެއީ، ދިވެހިބަހަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުންނާއި، ޅެންވެރިކަމުގެ ރޮނގުން އިނާމު ލިބިވަޑައިގެންފައިވޭ. އަދި އާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމުވެސް، ދިވެހިބަހަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުން 1998 ވަނަ އަހަރު އޭނާއަށް ލިބިވަޑައިގެންފައިވޭ. މިނިވަން 25ގެ އިނާމުވެސް ލިބިވަޑައިގެންފައިވޭ. ވަރަށް އަގުހުރި ޢިއްޒަތްތެރި ބޭފުޅެއް. އެހެންވީމާ، އެކަމަށްޓަކައި އޭނާއަށާއި ތިޔަބޭފުޅުންނަށް އަޅުގަނޑު މަރުޙަބާއާއި މުބާރަކްބާދީ ދަންނަވަން. މާތްﷲ އަލްފާޟިލް ޢަބްދުﷲ ޞާދިޤަށް ފުރިހަމަ ޞިއްޙަތާއި ޢާފިޔަތު ދެއްވައި އަދި އިތުރަށް ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދެއްވާށި!

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން، އަޅުގަނޑު މިރަށަށް އައުމުން، މިރަށުގެ ލޮބުވެތި ރައްޔިތުންނާއި، ރައްޔިތުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހުރިހާ ފަރާތްތަކުން އަޅުގަނޑަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި އަދިވެސް އެއްފަހަރު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މުއްޔަށާއި، މިއަތޮޅުގެ ރައްޔިތުންނަށާއި، ދިވެހި ރައްޔިތުންނަށް މާތް اللّـه سبحـانـه وتعـالـى އިތުރު ތަރައްޤީއާއި ކުރިއެރުން މިންވަރުކޮށްދެއްވައި، މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި ސާބިތުކޮށްގެން ތިބުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވައި، އަޅުގަނޑުމެން ކުރާ މަސައްކަތުގައި ބަރަކާތްލައްވައި، ދިވެހިރާއްޖެއަށް އިތުރު ހަމަޖެހުމާއި، އަމަންއަމާންކަމާއި، ކުރިއެރުމާއި ތަރައްޤީ މިންވަރު ކޮށްދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި އަޅުގަނޑު ދުޢާ ދަންނަވަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.