بســم اللّـه الرّحمـن الرّحيــم.

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّـدنـا محمّـد وعلى آلـه وأصحـابه أجمعـين.

އާދެ! ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅުއްވާ، ލޮބުވެތި ދިވެހި ރައްޔިތުންނަށާއި އަދި މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް އިލްޔާސް އިބްރާހީމަށާއި، އެމިނިސްޓްރީގެ އެންމެހާ ވެރިންނަށާއި، އަދި ޞިއްޙީ ދާއިރާގައި ޚިދުމަތް ކޮށްދެއްވަމުން ގެންދަވާ ހުރިހާ ބޭފުޅުންނަށާއި، މުލަކަތޮޅު އަތޮޅުވެރިޔާ، އަލްފާޟިލް ޢަބްދުއްރަޝީދު ޢަލީއަށާއި، އަތޮޅުއޮފީހުގެ އިސްވެރިންނަށާއި، މުލަކުގެ ވެރިންނަށާއި، ކޮމިޓީތަކުގެ މެންބަރުންނަށާއި، ރައްޔިތުންނަށާއި، އަތޮޅުގެ ރަށްރަށުގެ ވެރިންނަށާއި، ރައްޔިތުންނަށް، މިއަހަރުގެ ޞިއްޙަތު ދުވަހުގެ ތަހުނިޔާ ވަރަށް އިޚްލާޞްތެރިކަމާއެކު ދަންނަވަން. މިއަހަރުގެ ބައިނަލްއަޤްވާމީ ޞިއްޙަތު ދުވަސް، ފާހަގަކުރުމަށް މުލަކުގައި މި ބާއްވާ ޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނުކަމީ، އަޅުގަނޑަށް ވަރަށް ބޮޑު އުފަލެއް އިޙްސާސް ކުރެވޭ ކަމެއް.

އާދެ، އަޅުގަނޑު މިއަދު މުލަކަށް އައުމުން، މުލަކުގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ވިދާޅުވި ވަރަށް ހޫނު މަރުޙަބާއަށްޓަކައި، މުލަކުގެ ވެރިންނަށާއި، ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މިއަހަރުގެ ބައިނަލްއަޤްވާމީ ޞިއްޙަތު ދުވަހުގެ އިޙްތިފާލަށް މިރަށް ތައްޔާރުކުރެއްވުމަށް ކުރައްވާފައިވާ ބުރަ، އަދި ގިނަގުނަ މަސައްކަތްތަކަށްޓަކައި އަތޮޅުވެރިންނަށާއި، މިރަށުގެ ވެރިންނަށާއި، ކޮމިޓީތަކުގެ މެންބަރުންނަށާއި، މުލަކުގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

މިއަހަރުގެ މިޖަލްސާ މިބޭއްވެނީ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ތަންކޮޅެއް ފަހުން. ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި އެވާހަކަ ވިދާޅުވެއްޖެ. އެހެންނަމަވެސް، ދުވަހަކީ ވަރަށް މުހިންމު ދުވަހެއް. މިޖަލްސާއަކީވެސް ވަރަށް މުހިންމު ޖަލްސާއެއް. މިދުވަހާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ތަފާތު ޕްރޮގްރާމްތަކެއްވަނީ ހިންގަވާފައި. އަދި މިއަހަރު ފާހަގަކޮށްލެވޭ އެންމެ މުހިންމުކަމަކީ، މި މުނާސަބަތާ ގުޅިގެން ޕޯސްޓަރ ކުރެހުމުގެ މުބާރާތެއް ބޭއްވެވިކަން. މި މުބާރާތުން ވަރަށް ފުރިހަމަ އެއްވަނަ، ދެވަނަ، އަދި ތިންވަނަ ހާސިލުކުރި ސްކޫލްތަކަށް، އާދެ، ތާޖުއްދީން ސްކޫލަށާއި، ޣިޔާސުއްދީން ސްކޫލަށާއި، އަމީނިއްޔާ ސްކޫލަށާއި، މި ސްކޫލުތަކުގެ ވެރިންނަށާއި ދަރިވަރުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ތަހުނިޔާ ދަންނަވައި މުބާރަކްބާދީ އަދާކުރަން.

މިއަހަރުގެ ބައިނަލްއަޤްވާމީ ޞިއްޙަތު ދުވަހުގެ ޝިޢާރު، މިހާރު ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އާދެ، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ދެބޭފުޅުންވެސް އެވާހަކަ ވިދާޅުވެއްޖެ. އެއީ، "މޫސުމަށް އަންނަ ބަދަލުތަކުން، ޞިއްޙަތު ރައްކާތެރިކުރުން." މޫސުމަށް މިއަންނަ ބަދަލުތަކާ ބެހޭގޮތުން ޑޮކްޓަރ ލޫނާ، ދެންމެ ވަރަށް ތަފްޞީލުކޮށް ވާހަކަފުޅު ދައްކަވައިފި.

އާދެ، އަޅުގަނޑުމެންނަށްވެސް ކޮންމެވެސްވަރަކަށް އެކަމުގެ މަޢުލޫމާތު، ކުރިއްސުރެ ލިބިފައިވޭ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޖައްވު ހޫނުވުން، އެއީ ވަރަށް ބޮޑު ކަމެއް. ކަނޑުގެ ލޮނުގަނޑު އުފުލުން، އަޅުގަނޑުމެންގެ ރާއްޖެފަދަ ޤައުމުތަކަށް ކުރިމަތިވާ ތަފާތު މައްސަލަތައް، އަދި ވާރޭވެހުމުގެ ނިޒާމަށް އަންނަ ބަދަލުތަކާއި، ގަނޑުފެން ވިރިގެން ދިޔުން، މިހެންގޮސް މުޅި ދުނިޔެއަށް ތަފާތު ބަދަލުތައް އަންނަމުންދާތީ، އެކަމުގެ އަސަރު އިންސާނުންގެ ޞިއްޙަތަށް ކުރަމުންދޭ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ބަލިތައް ފެތުރެން މަގުފަހިވޭ. ޚާއްޞަކޮށް، މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތަކާއި އަދި އެނޫން ކަންތައްތައްވެސް ހިމެނޭ. އަދި ފެން ތަޣައްޔަރުވުމުގެ ސަބަބުންވެސް ވަރަށްގިނަ ބަލިތައް އެބަ ކުރިމަތިވޭ. ރަށްގިރުމާއި، ގަސްގަހާގެއްސަށް ލިބޭ ގެއްލުމުގެ ސަބަބުންނާއި، މިހެންގޮސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންސާނުންގެ ޞިއްޙަތަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން މިހާރު ބުނަމުން އެގެންދަނީ. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ މިކަންކަމަށް ހޭލުންތެރިވާން.

އާދެ، އަޅުގަނޑަށްވެސް އެނގޭ މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވުމަކަށް އަޅުގަނޑުމެންނަކަށް ކުރެވޭނެ މާބޮޑު މަސައްކަތްތަކެއް ނެތްކަން. އަދި ޚާއްޞަކޮށް، ރާއްޖެކަހަލަ ކުޑަކުޑަ ޤައުމަކަށް ކުރެވޭނެ މާބޮޑު ކަމެއް ނެތްކަން. އެހެންނަމަވެސް، އެކަމުގެ ހޭލުންތެރިކަން، އަޅުގަނޑުމެންގެ ތެރޭގައި އުފައްދައިގެން، އަޅުގަނޑުމެންނަށްވެސް ކުރެވުނު މިންވަރަކުން އެކަންތައް ކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް މިއަދު ވާޖިބުވެފައިވާ ކަމެއް. ތިމާވެށި ރައްކާތެރި ކުރުމުގެ ގޮތުން، ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަންތައްތަކެއް ހުންނާނެ. ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް، ކޮންމެ ޖަމާޢަތަކަށްވެސް ކުރެވޭނެ ކަންތައްތަކެއް ހުންނާނެ. އެކަންތައްތައް އަޅުގަނޑުމެން އެބަޖެހޭ ކުރަން. އެއީ ހަމައެކަނި އަޅުގަނޑުމެންގެ ތިމާވެށްޓަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަކަށް ނޫން. އޭގެ ސަބަބުން ދިމާވާ ޞިއްޙީ ނުރައްކާތަކުންވެސް ސަލާމަތްވުމަށްޓަކައި. އެހެންވީމާ، އެ މަސައްކަތް ކުރުމަށް އަޅުގަނޑުމެން އެންމެން މިއަދު ޢަޒުމު ކަނޑައަޅައިގެން، ކުރިއަށްދާންޖެހޭ ކަމަށް އަޅުގަނޑަށް ފެނޭ.

އާދެ! މިކަމުގެ ތަފްޞީލުތައް، އަޅުގަނޑު ކޮންމެހެން ދަންނަވާކަށްނެތިން. އެއީ އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން އެ ވާހަކަ ދައްކަވައިފި. އަޅުގަނޑު ދަންނަވާލަން ބޭނުންވާކަމަކީ، އަޅުގަނޑުމެން މިކަމަށް ހޭލުންތެރިވާންވެއްޖެއޭ. މޫސުމަށް މިއަންނަ ބަދަލުތަކުގެ ސަބަބުން، އަޅުގަނޑުމެންގެ ޞިއްޙަތަށް އެކިއެކި ގެއްލުންތައް ކުރިމަތިވާކަން، އަޅުގަނޑުމެން އެންމެން ވިސްނަންވެއްޖެ. އަޅުގަނޑުމެން ދަންނަންވެއްޖެ. ޤަބޫލުކުރަންވެއްޖެ. އެކަމުން ސަލާމަތްވުމަށްޓަކައި އެޅެންހުރި ފިޔަވަޅުތައް އަޅަންވެއްޖެ.

އާދެ! މާދަމާ ނޫން އަނެއް ދުވަހަކީ، ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސްކަމަށްވާތީ، އަޅުގަނޑުމެން އެކަމާ ބެހޭގޮތުންވެސް ވިސްނަންވެއްޖެ. ދެންމެ މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް އިލްޔާސް އިބްރާހީމްގެ ވާހަކަފުޅުގައި، ވަރަށް ތަފްޞީލުކޮށް އެވާހަކަ ވިދާޅުވެދެއްވައިފި. ދުންފަތުގެ އިސްތިޢުމާލު ކުރުމުން އިންސާނާގެ ޞިއްޙަތަށް ލިބޭ ގެއްލުން. ހަމައެހެންމެ، ފެތުރެމުންދާ ބަލިތައް. އަދި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމަށްޓަކައި ނުވަތަ މަދުކުރުމަށްޓަކައި ދުނިޔޭގެ އެހެން ޤައުމުތަކުން އަޅަމުންގެންދާ ފިޔަވަޅުތައް. އަޅުގަނޑުމެންވެސް އެބަޖެހޭ، މިކަންތައްތައް މިގޮތަށް ކުރަން. އަޅުގަނޑު އަހާގޮތުގައި ސިނގިރެޓް އުފައްދާ ޤައުމުތަކަށްވުރެ، ރާއްޖޭގައި ސިނގިރެޓްގެ އަގު މާ ހެޔޮ. މިއީ، ޢަޖައިބުވާންވީ ކަމެއް. އެކަމަކު މިކަމުގެ އަޑީގައިވެސް ސިއްރުތަކެއް ހުންނާނެ.

އެހެންވީމާ، އަޅުގަނޑުމެން މިކަންތައްތަކަށް ހޭލުންތެރިވާން އެބަޖެހޭ. ކީއްވެގެންތޯ މިހެން މިވަނީ. އެއީ ބަޔަކުމީހުން ގަސްދުގައި ކުރާ ކަމަކަށްވެސް ވެދާނެ. ވިޔަފާރި ކުރިއެރުވުމަށްޓަކައި ސިނގިރެޓް އުފައްދާ ކުންފުނިތަކުން ކުރާ ކަމަކަށްވެސް ވެދާނެ. މިކަންކަން އަޅުގަނޑުމެން ދެނެގަންނަން އެބަޖެހޭ. އަޅުގަނޑުމެންގެ ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލު ކުރުން މަދުކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަންއެބަޖެހޭ.

އާދެ، ދެންމެ މިނިސްޓަރު އެވިދާޅުވިފަދައިން، ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ، މަސްތުވާތަކެތި ބޭނުންކުރުމަށްވެސް މަގުފަހިކޮށްދޭ ކަމެއް. އޭގެ އެންމެ ފުރަތަމަ ދޮރަކީ އެއީ. އެހެންވީމާ، އަޅުގަނޑުމެންގެ ޤައުމުގައި މަސްތުވާތަކެތީގެ ނުރައްކާ މިހާރު އޮތްގޮތުން އެކަމުން ސަލާމަތްވާން އަޅުގަނޑުމެން ބޭނުންވާ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް އެޅެންއޮތް އެންމެ ފުރަތަމަ ފިޔަވަޅަކީ، ސިނގިރެޓް ބުއިން މަދުކުރުން. ނުވަތަ ދުންފަތުގެ އިސްތިޢުމާލު ކުރުން މަދުކުރުން. އަދި ޚާއްޞަކޮށް، އަޅުގަނޑުމެންގެ ކުޑަކުދިންނާއި ޒުވާނުންގައި، މި ނުބައި އާދަ އަށަގަތުމަށް އަޅުގަނޑުމެން ހުރަސްތަކެއް އެޅުން.

ދެންމެ އެވިދާޅުވި ފަދައިން، ވަރަށް ކުޑަކުދިން، 13 އަހަރާއި 15 އަހަރާ ދޭތެރޭގެ ކުޑަކުދިންނަށް ބަލާއިރު، އަޅުގަނޑުމެން ހީނުކުރާހާ އިންސައްތައެއްގެ ކުދިން ދުންފަތުގެ އިސްތިޢުމާލު އެބަކުރޭ. އަދި ކުރަން ގަސްދުކުރާ ވާހަކަވެސް އެބަ ބުނޭ. މިއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް. މިކަންކަމަށް އަޅުގަނޑުމެން ރައްކާތެރިވެ، ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރުން، ހުއްޓުވުން، ޚާއްޞަކޮށް ކުޑަކުދިންނާއި ޒުވާނުން، އެކަމުން އެކަހެރިކުރުން އެއީ، އަޅުގަނޑުމެން މިއަދު ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހިއްޖެ ކަމެއް. އެކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަން އެބަޖެހޭ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ރާއްޖޭގައި މިކަން ހުއްޓުވުމަށް އެބަ ޕްލޭނެއްވެސް ތައްޔާރުކުރެވޭ. އަދި ދެންމެ ވިދާޅުވިފަދައިން، އިތުރު އެހެން މަސައްކަތްތައްވެސް ކުރުމަށް ދަނީ ރޭވެމުން. އެހެންވީމާ، އެކަންތައްތައް ކުރުމުގެ ސަބަބުންވެސް، ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލު ކުރާލެއް މަދުކުރެވިއްޖިއްޔާ އެއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށްވާނެ.

އާދެ! އަޅުގަނޑު މިއަދު މުލަކަށް އައުމުން، މުލަކުގެ ރައްޔިތުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން. މުލަކަށް އައުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް. އެންމެފަހުން، މިރަށަށް އަޅުގަނޑަށް ޒިޔާރަތް ކުރެވުނީ މީގެ 18 އަހަރުކުރިން، 1990 ވަނަ އަހަރު. އޭގެފަހުން، މިރަށަށް އައުމުގެ ފުރުޞަތު އަޅުގަނޑަށް ލިބިފައެއްނުވޭ. އެކަމަށްޓަކައި ވަރަށް ހިތާމަކުރަން. އަޅުގަނޑަށް އެނގޭ، މިރަށުގެ ރައްޔިތުން އަޅުގަނޑުގެ ޒިޔާރަތަކަށް ވަރަށް ބޮޑަށް ބައްލަވަބައްލަވާ ތިއްބެވިކަން. ވަރަށް ބޮޑަށް އިންތިޒާރު ކުރެއްވިކަން. އެންމެފަހުން 2006 ވަނަ އަހަރު، މިނިސްޓަރ އޮފް އިންފޮމޭޝަން އަލްއުސްތާޛު މުޙަންމަދު ނަޝީދު މިރަށަށް ކުރެއްވި ދަތުރުފުޅެއްގައި، މިރަށުގެ ރައްޔިތުން، އަޅުގަނޑު މިރަށަށް ޒިޔާރަތް ކުރުމަށް އެދިވަޑައިގަންނަވާތީ، މިރަށުގައި ހުންނަވާފައި އެވާހަކަ ތެލިފޯނުގެ ޒަރީޢާއިން އަޅުގަނޑު ގާތުގައި ވިދާޅުވި. އަދި އިރާދަކުރެއްވިއްޔާ އަޅުގަނޑު މިރަށަށް އަންނާނަމޭވެސް ދެންނެވިން. އެހެންނަމަވެސް، މިވޭތުވެދިޔަ ދުވަސްތަކުގައި އެކަހަލަ ފުރުޞަތެއް ނުލިބި މިދިޔައީ. އޭގެ ބަދަލުގައި މިއަދު އަޅުގަނޑަށް މިރަށަށް އާދެވުމުން ވަރަށް ބޮޑަށް އުފާކުރާ ވާހަކަ ދަންނަވަން. އަޅުގަނޑު އެދުވަހުވެސް މުޙަންމަދު ނަޝީދަށް ވަޢުދުކުރިން، އަޅުގަނޑު މުލަކަށް ޒިޔާރަތްކުރާނެ ކަމަށް. އެ ވަޢުދު ފުއްދުނުކަމަށްޓަކައި اللّـه سبحـانـه وتعـالـىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. އަދި މިދަތުރު މިގޮތަށް ހަމަޖެހުމުގައި މުޙަންމަދު ނަޝީދު އެ ކޮށްދެއްވި މަސައްކަތްޕުޅުތަކަށްޓަކައި، އޭނާއަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

ދެންމެ އަޅުގަނޑު މިޖަލްސާއަށް ވަނުމުގެ ކުރިން، މުލަކު ބޮޑުކަތީބު، އަލްފާޟިލް މުޙަންމަދު އާދަމް، އަޅުގަނޑާ ބައްދަލުކުރައްވައި، މިރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ކަންތައްތަކުގެ ވާހަކަ ވިދާޅުވެ، އަދި އެކަމާބެހޭ ލިޔުމެއް އަޅުގަނޑަށް ދެއްވި. އޭގެތެރޭގައި ހުރި ކަންތައްތަކަކީ، ޝައްކެއްނެތްގޮތުގައި މުލަކު ރައްޔިތުން ބޭނުންފުޅުވާ ކަންތައްތައް. އޭނާވެސް ވިދާޅުވިފަދައިން، ތަރައްޤީގެ ވަކި މަރުޙަލާއަކަށް ދެވުމުން، އެއަށްވުރެ މަތީ މަރުޙަލާއަކަށް ދާން ބޭނުންވާނެ. އެއީ ހަމަ އިންސާނީ ޠަބީޢަތް. އަޅުގަނޑުވެސް ދެންނެވިން، އެކަން އޮންނަންޖެހޭނީވެސް ހަމަ އެހެންނޭ. އެގޮތުން މުލަކު ރައްޔިތުން އިތުރަށް އެދިވަޑައިގަންނަވާ ކަންތައްތަކެއް އެބަހުރި. މިހާރުވެސް ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މިރަށުގައި ސަރުކާރުން ކޮށްފައިވާ ތަފާތު ކަންތައްތަކެއް ފެންނަންވެސް އެބަހުރި. އެކަމުގެ ތަނަވަސްކަމާއި ލުއިފަސޭހަ ރައްޔިތުންނަށް ލިބެމުންދޭ. އެހެންނަމަވެސް، އޭގެ އިތުރުންވެސް މިހާރުން މިހާރަށްވެސް ރައްޔިތުން ބޭނުންވާ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި. އޭގެތެރެއިން ބައެއް ކަންތައްތަކަކީ ކުރުމުގެ މަގުމަތީގައިވާ ކަންތައްތައް. މިސާލަކަށް "އައުޓަރ އައިލެންޑް އިލެކްޓްރިފިކޭޝަން ޕްރޮޖެކްޓް"ގެ ދަށުން އިންޖީނުގެ ރާނާ ހިޔާކޮށް މިހާރުވަނީ ނިމިފައި. އިމާރާތުގެ ގާތްގަނޑަކަށް 85 އިންސައްތަ މިހާރުވަނީ ނިމިފައި. ޑިސްޓްރިބިއުޝަން މަސައްކަތް ކުރުމަށްޓަކައި މިހާރުވަނީ ސަރވޭކޮށް ނިމިފައި.

ބަނދަރު ހެދުމާއި، ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން މިމަސައްކަތްވަނީ 19 ޖޫން 2007 ގައި ފެށިފައި. ނަރުދަމާގެ ޚިދުމަތް ދިނުމުގެ މަޝްރޫޢު ފެށުމަށްޓަކައި ނަރުދަމާގެ ނިޒާމު ފަރުމާކުރުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް އިޢުލާނުކޮށް، އެ ހުށަހެޅުންތައް ބެލުމުގެ މަސައްކަތް މިހާރުވަނީ ނިމިފައި. މިނިޒާމު ފަރުމާކުރުމުގެ މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވާ ފަރާތާ، މިމަހުގެ 22 ވަނަ ދުވަހު އެގްރީމެންޓް ކުރެވިފައިވާ ކަމަށް ކަތީބު އަޅުގަނޑު ގާތު ދެންމެ ވިދާޅުވި. އެހެންވީމާ، އެމަސައްކަތްވެސް އިރާދަކުރެއްވިއްޔާ އެއޮތީ ފެށޭ ހިސާބަށް ގޮސްފައި.

އާދެ، ތަރައްޤީގެ ތަފާތު މަސައްކަތްތައް ހިނގަމުންދާއިރު، އަޅުގަނޑުމެންގެ މެދުގައި އޮންނަ އިޖުތިމާޢީ ގުޅުންތައްވެސް ވަރުގަދަވާންޖެހޭ. އާދެ، އަޅުގަނޑުމެން މިހާރު މިކުރިމަތިލަނީ ސިޔާސީ އާ މަރުޙަލާއަކާ. އަޅުގަނޑުމެންގެ ރާއްޖެ މިވަނީ މިހާރު ދީމުޤްރާޠީ އިޞްލާޙުގެ ޕްރޮގްރާމެއް ފަށާފައި. އޭގެތެރެއިން ވަރަށް ގިނަ ކަންތައްތަކެއް ވަނީ ޙާޞިލުކޮށްފައި. އަދި އިތުރު ކަންތައްތައް ޙާޞިލުކުރުމަށް މަސައްކަތް ކުރަމުން މިހާރު މިގެންދަނީ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ރައްޔިތުންގެ ޚާއްޞަ މަޖިލީހުން އާ ޤާނޫނުއަސާސީ އެކުލަވައިލުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމަވާނެ. އޭގެފަހުން އޮންނާނީ އެ ޤާނޫނުއަސާސީ ތަޞްދީޤު ކުރުމުގެ މަރުޙަލާ. އެ މަރުޙަލާއަކީ ޤާނޫނުއަސާސީއާ ބެހިގެން ހިނގާ ހުރިހާ މަރުޙަލާތަކުގެ ތެރެއިން އެންމެ ކުރު މަރުޙަލާ ކަމުގައި ހެދުމަށް އަޅުގަނޑުވަނީ ޢަޒުމް ކަނޑައަޅާފައި. މިވާހަކަ ވާނީ މީގެކުރިންވެސް އަޅުގަނޑު ދަންނަވާފައި. އިރާދަކުރެއްވިއްޔާ އެމަރުޙަލާ އަޅުގަނޑު ވަރަށް އަވަސްކުރާނަން. އޭގެފަހުން، އަޅުގަނޑުމެން ޤާނޫނުތަކެއް އެބަ ހަދަންޖެހޭ. އުފައްދަންޖެހޭ މުއައްސަސާތަކެއްވެސް އެބަހުރި. އެކަންތައްތައްކޮށް ނިމިގެން، ރިޔާސީ އިންތިޚާބަކަށް ކުރިމަތިލާން އެބަޖެހޭ. މިއަހަރު ރާއްޖޭގައި ބޭއްވޭ ރިޔާސީ އިންތިޚާބަކީ، ހުރިހާ ޕާޓީތަކެއް ވާދަކުރާ އިންތިޚާބަކަށް ވެގެންދާނެ. އެއީ، އަޅުގަނޑުމެންގެ ރާއްޖެއަށް ލިބޭ ވަރަށްބޮޑު ކުރިއެރުމެއް.

އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އެކި ޕާޓީތަކުގެ މެންބަރުން މިރަށުގައިވެސް އެބަ އުޅުއްވާ. އެއީ، އެއްވެސް މައްސަލައެއް ނޫން. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިރަށުގައި އެކި ޕާޓީތަކުގެ މެންބަރުން އުޅުއްވިޔަސް، ރަށުގެ ރައްޔިތުންގެ މެދުގައި، ހަމަނުޖެހުމެއް ނެތް. ބައިބައިވުމެއް ފިތުނަތަކެއް ނެތް. ދެކޮޅުވެރިކަމެއް ނެތް. އެއީ އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ކަމެއް. އެކި ޕާޓީއަށް ނިސްބަތްވުމަކީ މައްސަލައެއްނޫން. އެހެންނަމަވެސް ޕާޓީތަކުގެ ބޭނުމަކަށް ވާންޖެހޭނީ، ހުރިހާ ޕާޓީތަކެއް ގުޅިގެން އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ދަމަހައްޓައިގެން، އިޞްލާޙީ ހެޔޮ ބަދަލުތަކަކަށް މަސައްކަތްކުރުން. އެގޮތުގައި ޕާޓީތަކުގެ މެންބަރުން ކަންތައް ކުރައްވާ ކަމަށްވަންޏާ، އޭގެ ސަބަބުން ރާއްޖެއަކަށް ގެއްލުމެއް ނުލިބޭނެ. އޭގެ ސަބަބުން ލިބޭނީ ފައިދާ.

ދެން އަޅުގަނޑު ދަންނަވާލަން އޮތީ މަސްތުވާތަކެތީގެ ވާހަކަ. މިރަށަށް އައިސް މިރަށުގެ މަޢުލޫމާތު އަޅުގަނޑު އޮޅުންފިލުވިއިރު، އަދި އޭގެކުރިންވެސް އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތުގެ އަލީގައި ދަންނަވަންޖެހެނީ މިރަށުގައިވެސް މަސްތުވާތަކެތީގެ ނުރައްކާ ކުރިއަށް އެބަދެއޭ. އެ ބަލި ދަނީ ފެތުރެމުންނޭ. އެއީ ވަރަށް ހިތާމަހުރިކަމެއް. އެކަން އަޅުގަނޑުމެން އެބަޖެހޭ ހުއްޓުވަން. އެނގިވަޑައިގަންނަވާނެ ފަދައިން، މިމަހު އަޅުގަނޑުވާނީ މަސްތުވާތަކެތި ކޮންޓްރޯލް ކުރުމާބެހޭ މައި މަޝްރޫޢެއް އިފްތިތާޙު ކޮށްދީފައި. އެ މަޝްރޫޢުގައި ކުރުމަށް ހަމަޖެހިފައިވާ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި. އެކަންތައްތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކުރައްވަމުން ގެންދަވާނެ. އަދި މިކަމުގައި ދިވެހިރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން، ޚާއްޞަކޮށް، މިކަމުގައި ހަރާކާތްތެރިވެވަޑައިގަންނަވާ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކާއި ކްލަބުތަކާއި އަދި އެނޫން ފަރާތްތަކުގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑުގެ ހިތުގައި އެބައޮތް. އެހެންވީމާ، އެކަމަށްޓަކައި ރައްޔިތުންނަށާއި އަދި މި މަސައްކަތުގައި އުޅުއްވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑު ދަންނަވަން ބޭނުންވަނީ ރައްޔިތުންގެ ފަރާތުން މި ތާއީދާއި މި އެއްބާރުލެއްވުން ލިބޭނެކަމުގެ ޔަޤީންކަން އޮތުމާއެކީގައި، އިރާދަކުރެއްވިއްޔާ ސަރުކާރުންވެސް މިކަންތައްތައް ކުރިއަށް ގެންދިޔުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެއޭ. އިރާދަކުރެއްވިއްޔާ މާތްގެ ވާގިފުޅާއެކު ނަތީޖާ ޙާޞިލުކުރާނެއޭ.

އާދެ، ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް، އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީ ކުރައްވައި ފުޅާކުރެއްވުމަށްޓަކައި މިނިސްޓަރ އޮފް ހެލްތު އަލްފާޟިލް އިލްޔާސް އިބްރާހިމް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްޓަކައި މިއަދުގެ މިޖަލްސާގައި އޭނާއަށް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެއާއެކީގައި، މީގެކުރިން ޞިއްޙަތާބެހޭ ވަޒީރުގެ މަގާމު ފުރުއްވި ހުރިހާ ބޭފުޅުންނަށްވެސް، ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ދައުރުގައި އެކޮށްދެއްވި ޚިދުމަތްތަކަށްޓަކައި އެބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން. ހަމައެއާއެކީގައި، މިނިސްޓްރީ އޮފް ހެލްތުގެ ވެރިންނާއި، މުވައްޒަފުންނާއި އަދި ޞިއްޙީ ދާއިރާގައި ޚިދުމަތްކޮށްދެއްވާ ހުރިހާ ބޭފުޅުން، އާދެ، ޑޮކްޓަރުންނާއި، ނަރުހުންނާއި، ޞިއްޙީ ޚިދުމަތްތެރިން މިހުރިހާ ބޭފުޅުން އެ ކުރައްވަމުން ގެންދަވާ އަގު ބޮޑު މަސައްކަތްތަކަށްޓަކައި، އެހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތްތެރިންގެ ތެރޭގައި ވަރަށް ގިނަ އަދަދަކަށް ބިދޭސީންވެސް އުޅޭ. ބިދޭސީ ޑޮކްޓަރުންނާއި އެނޫން މީހުންވެސް އަޅުގަނޑުމެންގެ ތެރޭގައި ޚިދުމަތްކުރޭ. އެ ޚިދުމަތުގެ އަގުވެސް އަޅުގަނޑުމެން ވަޒަންކުރަން އެބަޖެހޭ. އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި މި ޚިދުމަތް އަދާކޮށްދެއްވާ ބިދޭސީ ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ރާއްޖޭގެ ޞިއްޙީ ކަންތައްތައް އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީކޮށް ކުރިއަށް ގެންދިޔުމަށްޓަކައި، ބޭރުގެ ވަރަށްގިނަ ފަރާތްތަކުންވެސް ވަރަށް ތަފާތު ގިނަގުނަ އެހީތަކެއް ވެދެއްވަމުން އެބަ ގެންދަވާ. އެހެންވީމާ، އެފަރާތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން. ޚާއްޞަކޮށް ޑަބްލިޔޫ.އެޗް.އޯ.އަށް. ޑަބްލިޔޫ.އެޗް.އޯ.ގެ ފަރާތުން ވަރަށް ގިނަ މަޝްރޫޢުތަކެއް ހިންގަވާ. އެޖަމާޢަތުގެ މަންދޫބު ޑޮކްޓަރ ލޫނާ ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވަމުން އެބަގެންދަވާ. އެހެންވީމާ، އޭނާއަށާއި ޑަބްލިޔޫ.އެޗް.އޯ.އަށް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެއާއެކީގައި ޔުނިސެފް، ޔޫ.އެން.އެފް.ޕީ.އޭ، ޔޫ.އެން.ޑީ.ޕީ، މިހުރިހާ ފަރާތްތަކުންވެސް އަޅުގަނޑުމެންގެ ކަންތައްތަކަށް ވެދެއްވާ އެހީތެރިކަމާއި، ޚާއްޞަކޮށް ޞިއްޙީ ކަންތައްތައް ތަރައްޤީކޮށް ކުރިއަށް ގެންދިޔުމަށް ވެދެއްވާ އެހީތަކަށްޓަކައި، އެހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މިޖަލްސާއަކީ އަޅުގަނޑު މިފަހަރު މުލަކު އަތޮޅަށް މިކުރާ ދަތުރުގައި ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވޭ އެންމެފަހު ޖަލްސާ ކަމަށްވާތީ، އަދިވެސް އިތުރު ފަރާތްތަކަކަށް އަޅުގަނޑު ޝުކުރު ދަންނަވާލަން ބޭނުންވޭ. އާދެ، ރާއްޖެތެރެ، އަތޮޅުތައް ތަރައްޤީ ކުރެއްވުމުގެ ގޮތުން މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމެންޓް، އަލްފާޟިލް އަޙްމަދު ތަސްމީނު ޢަލީ ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުތަކަށްޓަކައި އޭނާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި އޭގެކުރިން، އެމިނިސްޓްރީ ހިންގެވި ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން. ޚާއްޞަކޮށް އެންމެގިނަ ދުވަހު އަތޮޅުތަކާބެހޭ ވުޒާރާ ހިންގެވި ވަޒީރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، ކޮށްދެއްވާފައިވާ ގިނަގުނަ މަސައްކަތްޕުޅުތަކަށްޓަކައި އެމަނިކުފާނަށް ޝުކުރު ދަންނަވަން. ހަމައެހެންމެ، އެޓޮލްސްގެ ދާއިރާގައި އަލްފާޟިލް އިލްޔާސް އިބްރާހީމްވެސް ވަނީ ދުވަސްތަކެއް ވަންދެން ޚިދުމަތްތަކެއް ކޮށްދެއްވާފައި. އެކަމަށްޓަކައި އެމަނިކުފާނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

މިއަތޮޅަށް އަޅުގަނޑު އައުމާއެކީގައި، މިއަތޮޅުން އަޅުގަނޑަށް މަރުޙަބާ ވިދާޅުވެ، އަތޮޅާބެހޭ މަޢުލޫމާތު ދެއްވައި، ދަތުރުގެ ކަންތައްތައް ވަރަށް ފަސޭހަކޮށްދެއްވި ކަމަށްޓަކައި މިއަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުއްރަޝީދު ޢަލީއަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެހެންމެ، މިއަތޮޅުން އަޅުގަނޑު މިފަހަރު މި ޒިޔާރަތްކުރި ހުރިހާ ރަށްރަށުގެ ވެރިންނާއި ރައްޔިތުން އަޅުގަނޑަށް ވިދާޅުވި މަރުޙަބާއަށްޓަކައި، އެހުރިހާ ބޭފުޅުންނަށްވެސް އަދިވެސް އެއްފަހަރު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالـى އަޅުގަނޑުމެން އެންމެންނަށް ހެޔޮވިސްނުން ދެއްވުން. އަދި އަޅުގަނޑުމެންގެ ޞިއްޙަތު ސަލާމަތްކުރުމަށްޓަކައި ކުރަމުން ގެންދާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލެއްވުން. އަޅުގަނޑުމެން ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރަމުން މިގެންދާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ، އަވަސް މަގަކުން އެކަލާނގެ އަޅުގަނޑުމެންނަށް ދެއްކެވުން. ރާއްޖެއަކީ މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން އޮންނަ ޤައުމެއް ކަމުގައި އަބަދުމެ ލެހެއްޓެވުން. ދިވެހިރާއްޖޭގެ އަމަންއަމާންކަމާއި ސުލްހަމަސަލަސްކަމާއި، މިނިވަންކަމާއި ސިޔާދަތު އަބަދަށްޓަކައި ރައްކާތެރި ކޮށްދެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.