1. ސުވާލު: އަޙްމަދު ޝަކީބު / ޓީ.ވީ.މޯލްޑިވްސް

ދިވެހިން މި ހޯދި ފަޚުރުވެރި ކާމިޔާބީއަށްޓަކައި މަނިކުފާނަށްވެސް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ޝުކުރު ދަންނަވަން އިނގޭތޯ. އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ޤައުމީ ޓީމަށް މިފަހަރު ދިވެހިރާއްޖޭގެ ރައްޔިތުން މިދިން އާދަޔާ ޚިލާފު ތަރުޙީބުގެ ޙަޤީޤީ ސިއްރަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ

އަޅުގަނޑު ދެކޭގޮތުގައި ދިވެހިރާއްޖޭގެ ރައްޔިތުން ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމަށް މި ދިން ތާއީދުގެ ސިއްރަކީ ހަމަ ޤައުމީ ލޯބި، ޤައުމީ ރޫޙު. ދިވެހި ރައްޔިތުންގެ ހިތްތަކުގައި އޮތް ޤައުމީ ލޯތްބާއި، ޤައުމީ ރޫޙުގެ ފުރިހަމަކަން. ރާއްޖެއަށް ރީތި ނަމެއް ހޯދައިދިނުމަށްޓަކައި ރައްޔިތުން ޢަޒުމު ކަނޑައަޅާފައިވާ މިންވަރު ހާމަކޮށްދިނުމުގެ ގޮތުން ކުރި ތާއީދެއް އެއީ.


2. ސުވާލު: އަޙްމަދު ޝަކީބު / ޓީ.ވީ.މޯލްޑިވްސް

މިފަހަރުގެ ފުޓްބޯޅަ ޓީމުގެ ކުޅުމަށާއި އަދި ފުޓްބޯޅަ ޓީމަށް ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާ ދެއްވި ތަރުޙީބު ކޮންމެވެސްވަރަކަށް ސިޔާސީ ކަންތައްތަކާ ގުޅުވަން އަޅުގަނޑަށް ހީވާގޮތުން ބަޔަކު މަސައްކަތް ކޮށްފައި އެބައޮތް. މަނިކުފާނު މިކަން ޙަޤީޤަތުގައި ދެކެވަޑައިގަތީ ކޮންގޮތަކަށްތޯ؟

ރައީސުލްޖުމްހޫރިއްޔާ

އަޅުގަނޑު މިކަން ދުށީ ހަމައެކަނި ޤައުމީ ކަމެއްގެ ގޮތުގައި. އެއްވެސް ސިޔާސީ ކަމެއް މިއަކު ހިމެނިފައެއް ނެތް. އަޅުގަނޑު ދަންނަވާނީ، ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު މި ހޯދައިދިން ކާމިޔާބީއާއި ފަޚުރުގެ އިތުރުން، ރާއްޖެއަށް މިވަގުތު ބޭނުންވެފައިވާ ވަރަށްބޮޑު ޤައުމީ މަޞްލަޙަތެއް، އެމީހުން ރަން ތަބަކަކަށް ލައިގެން ގެނެސް އަޅުގަނޑުމެންނަށް ހަދިޔާކޮށްފިއޭ. އާދެ، އެކިއެކި ބައިބައިވުންތަކާއި، ޚިޔާލުތަފާތުވުންތަކާއި، ހަނި ވިސްނުންތައް ގިރާކޮށް، ރާއްޖޭގެ ރައްޔިތުން އެކަތިގަނޑަކަށް މި ޓީމު ހަދައިދީފިއޭ. ދިވެހިރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި ޤައުމީ ރޫޙު މިއިން ޒަމާނަކު އުފެދިފައި ނުވާހާ މިންވަރަކަށް އެމީހުން، ދިވެހިންގެ ހިތްތަކުގައި ޤައުމީ ރޫޙާއި ޤައުމީ ލޯބި އުފައްދައިދީފިއޭ. އެހެންވީމާ، މިއީ ވަރަށް ބޮޑު ޤައުމީ ކަމެއް.

3. ސުވާލު: އަޙްމަދު ޝަކީބް / ޓީ.ވީ.މޯލްޑިވްސް

ރާއްޖޭގެ ޤައުމީ ޓީމު މިފަހަރު އަޅުގަނޑު ސިފަކުރާހިތްއޮތީ ދިވެހިރާއްޖޭގެ ރައްޔިތުންވެސް ހިމަނައިގެން 12ވަނަ ކުޅުންތެރިޔާގެ ގޮތުގައި. ރާއްޖޭގެ ޤައުމީ ޓީމު، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ސިފަކުރައްވާ ގޮތަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ

އަޅުގަނޑު ރާއްޖޭގެ ޤައުމީ ޓީމު ސިފަކުރަނީ، ޤައުމީ ބަޠަލުންތަކެއްގެ ގޮތުގައި. ޓީމުގެ ކޮންމެ ކުޅުންތެރިއަކީ އަދި ކޮންމެ އޮފިޝަލަކީ، އަދި އަޅުގަނޑުމެންނަށް މި މަތިވެރި ފަޚުރު ހޯދައިދިނުމުގައި ހިއްސާކުރި ކޮންމެ މީހަކީ ވަރުގަދަ ޤައުމީ ބަޠަލެއް. ޤައުމީ ހާލުގެ ދުލުން މިހާރު ބުނާ އެއްޗަކީ، އަހަރެމެން ދިވެހި ޤައުމީ ފުޓްބޯޅަ ޓީމަށްޓަކައި ފަޚުރުވެރިވަމޭ. ވަރަށް ބޮޑަށް ޝުކުރިއްޔާއޭ.

 

5. ސުވާލު: މުޙަންމަދު އަފްޒަލް / ދިވެހިރާއްޖޭގެ އަޑު

އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ޤައުމީ ޓީމު ކާމިޔާބީއެއް ހޯދިތަން. އަނެއްކާ، ކުރިއަށް އޮތް އަހަރުތަކުގައި މިތަށި ދިފާޢުކުރަން މަސައްކަތްތަކެއް ކުރަން އެބަޖެހޭ. މިތަށި ދިފާޢު ކުރުމަށްޓަކައި ކުރިއަށް އޮތްތާނގައި ސަރުކާރުން ކުރައްވާނީ ކޮންކަހަލަ ކަންތައްތަކެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ

ދިވެހި ސަރުކާރުން އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ކުޅިވަރު ތަރައްޤީ ކުރުމަށާއި، އަދި ފުޓްބޯޅަ ތަރައްޤީ ކުރުމަށް ވަރަށްބޮޑު އަހަންމިއްޔަތެއް މިހާރުވެސް މިދަނީ ދެމުން. އަދި ކުރިއަށް އޮތް ތާނގައި އެ އަހަންމިއްޔަތު އިތުރުވެގެންދާނެ. އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ، މިފަހަރު އަޅުގަނޑުމެންގެ ޤައުމީ ޓީމު، މިފަހަރަކީ އަހަރެމެންގެ ފަހަރުކަން ސާބިތުކޮށްދީފިއޭ. އަޅުގަނޑު ދަންނަވާނީ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ކޮންމެ ފަހަރަކީވެސް ހަމަ އަހަރެމެންގެ ފަހަރޭ.

6. ސުވާލު: މުޙަންމަދު އަފްޒަލް / ދިވެހިރާއްޖޭގެ އަޑު

އަޅުގަނޑުމެންނަށް އެބަ ފެނޭ، ބޭރުގެ ބައެއް ޤައުމުތަކުގައިވެސް ޒުވާން ކުދިން، ޔޫރަޕްގެ ޤައުމުތަކަށް ފޮނުވައިގެން ފުޓްބޯޅަ ތަރައްޤީ ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާތަން. ޚާއްޞަކޮށް، އަޅުގަނޑުމެންނާ މިފަހަރު އެންމެ ވާދަވެރިކޮށް ފާހަގަކުރެވިގެން މިދިޔަ އިންޑިޔާވެސް، އަޅުގަނޑުމެންނަށް އެގޮތަށް ފެނިފައިވަނީ. ކުރިއަށް އޮތް އަހަރު މިމުބާރާތްވެސް މިއޮތީ އިންޑިޔާގައި. އެހެންވީމާ، މިތަށި ދިފާޢު ކުރުމަށްޓަކައި ޚާއްޞަގޮތެއްގައި ކޮންކަހަލަ ކަންތައްތަކެއް ސަރުކާރުން ކުރާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ

މިތަށި ދިފާޢުކުރުމަށްޓަކައި ކުރަންޖެހޭ އެންމެ ބޮޑު ކަމަކީ އެންމެން އެއްބައިވުން، އެކަތިގަނޑަކަށްވުން. ޙަޤީޤަތުގައި ރާއްޖޭގެ ކުޅުންތެރިންނަކީ ވަރަށް މޮޅު ބަޔެއް. އެމީހުންގެ ފަންނީ ހުނަރުތައް، އެހެން ހުރިހާ ޤައުމުތަކުގެ ކުޅުންތެރިންނާ އަޅައިބަލާއިރު ވަރަށް މަތި އިނގޭތޯ. މިއީ ހަމަ ވަރަށް ޢަޖައިބެއް ކަހަލަ ކަމެއް. މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ވަރަށް ބޮޑު ނިޢުމަތެއް. އެހެންވީމާ، މިހުނަރުވެރިކަން އިތުރަށް ތަރައްޤީކޮށް، ހަރުދަނާކޮށް، އަޅުގަނޑުމެންގެ ޓީމުގެ މެދުގައި އެއްބައިވަންތަކަން އުފައްދައި، މުޅި ޤައުމު އެމީހުންގެ ފަހަތުގައި ތިބުން އެއީ، އަޅުގަނޑުމެން ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ. އެހެން މިދެންނެވީ އެހެން ތަންތާނގައި އެތައް މިލިއަން މިލިއަން މީހުންނެއް އުޅޭ ތަންތާނގައި ވަސީލަތްތައް ވަރަށް ގިނަ. މިކަމަށް އެތައް މިލިޔަން މިލިޔަން ޑޮލަރެއް އެބަ ޚަރަދުކުރޭ. އަޅުގަނޑުމެން އަތުގައި، އެކަހަލަ ވަސީލަތްތަކެއް ނެތް. އަޅުގަނޑުމެންގެ ރާއްޖެ ވަރަށް ކުޑަ. މީސްކޮޅު މަދު. ދަނޑުތައްވެސް މަދު. އަދި އަޅުގަނޑުމެންނަށް ކުޅުންތެރިންނަށް ދެވޭ ފައިސާ ނުވަތަ މުސާރަ، އަދި އެކި ޢިނާޔަތްތަކަކީވެސް އެހެން ތަންތަނާ އަޅައިބަލާއިރު ވަރަށް ކުޑަކުޑަ އެއްޗެއް. އެހެންނަމަވެސް، އަޅުގަނޑުމެންގެ ކުޅުންތެރިން ސާބިތުކޮށްދީފި، އެމީހުންނަކީ ވަރަށް މޮޅު ބަޔެއްކަން. އެމީހުންގެ އެހުރި ހުނަރާއި، އެމީހުންގެ ޤާބިލުކަމާއި އަދި އެމީހުންގެ އެކުވެރިކަމާއި މުޅި ޤައުމު އެމީހުންގެ ފަހަތުގައިވާކަމާ، މިއީ ޙަޤީޤަތުގައި އަޅުގަނޑުމެންގެ މިކާމިޔާބުގެ ސިއްރަކީ. އެކަން ދެމެހެއްޓުން އެންމެ މުހިންމު ކަމަކީ. ތިޔަ ވިދާޅުވި ކަންތައްތައްވެސް ކުރަންޖެހޭނެ އިނގޭތޯ. އަޅުގަނޑުމެންގެ ކުޅުންތެރިން ބޭރަށް ފޮނުވައިގެން ނުވަތަ އެނޫން ގޮތްގޮތުންވެސް އެމީހުންގެ ހުނަރުތައް އިތުރަށް ތަރައްޤީ ކުރުމަށް މަސައްކަތް ކުރަންޖެހޭނެ. އިރާދަކުރެއްވިއްޔާ، މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ފަރާތުން އެމަސައްކަތް ކުރައްވާނެ.

7. ސުވާލު: އަޙްމަދު ޝަކީބް / ޓީ.ވީ.މޯލްޑިވްސް

އަޅުގަނޑު ހަމަ އަނެއްކާވެސް ދަންނަވާލާހިތްވޭ، ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ދެންމެވެސް ފާހަގަކުރެއްވިހެން، ދިވެހި ރައްޔިތުން މިފަހަރު ދިވެހި ޤައުމީ ޓީމަށް ވަރަށް އާދަޔާ ޚިލާފު ތަރުޙީބެއް ދީފި. ރައްޔިތުންގެ ބޮޑު ބައެއް މިއޮތީ ރާއްޖެތެރޭގައި، އަތޮޅުތަކުގައި، ރަށްރަށުގައި. ރާއްޖެތެރޭގެ ރައްޔިތުން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންދާ ކަމެއް، މި ފަޚުރުވެރި ތަށީގައި އަތް ބީއްސާލުމުގެ ފުރްޞަތު، ރާއްޖެތެރޭގެ ރަށްރަށުގައި ތިބި ރައްޔިތުންނަށްވެސް ލިބުން. މިކަމާ ދޭތެރޭގައި، މަނިކުފާނު އެއްވެސް ފިޔަވަޅެއް އަޅުއްވާނަންތޯ ނުވަތަ އުންމީދީ ޚަބަރެއް ދެއްވަފާނަންތޯ، ރާއްޖެތެރޭގެ ރައްޔިތުންނަށް؟

ރައީސުލްޖުމްހޫރިއްޔާ

އާދެ، އަޅުގަނޑު ދީފާނަން ވަރަށް އުފާވެރި ޚަބަރެއް. އިރާދަކުރެއްވިއްޔާ މިތަށި، ރާއްޖޭގައި މީހުން އުޅޭ ކޮންމެ ރަށަކަށް ޒިޔާރަތްކުރާނެ. ކޮންމެ ރަށަކަށް ޒިޔާރަތްކޮށް، އެރަށުގެ ރައްޔިތުންނަށް ތަށި ދައްކާލައި، ރައްޔިތުންގެ ތެރެއިން ތިޔަ ވިދާޅުވިހެން ތަށީގައި ބީހިލަން ބޭނުންވާ ކޮންމެ މީހަކަށް އެފުރްޞަތު އިރާދަކުރެއްވިއްޔާ ސަރުކާރުން ހަމަޖައްސައިދޭނަން.

އަޙްމަދު ޝަކީބް / ޓީ.ވީ.މޯލްޑިވްސް

ޢިއްޒަތްތެރި ރައީސް، ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. އަދިވެސް އެއްފަހަރު ޤައުމީ ޓީމުގެ ފަރާތުން މަނިކުފާނަށް މަރުޙަބާ ދަންނަވަން. އަދި ރައްޔިތުންގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ ޢިއްޒަތްތެރި ރައީސް.