ސުވާލު 1:

އެފް.އެމް.އަށް މި ފުރުޞަތު ދެއްވީތީ އެންމެ ފުރަތަމަވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އަޅުގަނޑުގެ ވަރަށް ގިނަ ސުވާލުތައް އެބަހުރި. އެހެންނަމަވެސް، ވަގުތު ތަންދޭ މިންވަރަކުން ބައެއް ސުވާލުތައް ދަންނަވާލާނަން. ފުރަތަމަވެސް އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ، މިހާރު އަޅުގަނޑުމެންގެ ތެރޭގައި މިދެކެވޭ ވާހަކަތަކުން، އަދި މީޑިއާގައި ފެތުރޭ ވާހަކަތަކަށް ބަލައިލާއިރު، ސިޔާސީ ބައެއް ބޭފުޅުން ދައްކަވާ ވާހަކަފުޅުތަކަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވޭ އެއް ވާހަކައަކީ، ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބުގައި މަނިކުފާނު ވާދަނުކުރައްވާނެ ކަމަށް، ކުރިމަތިނުލައްވާނެ ކަމަށް ދެކެވޭ ވާހަކަ. އޭގެ ބައެއް ސަބަބުތައްވެސް އެބޭފުޅުން ވިދާޅުވޭ. އެހެންވީމާ، އަޅުގަނޑު ހިތަށްއަރަނީ މިކަމާ ބެހޭގޮތުންނޭ އެންމެ ފުރަތަމަ ސުވާލެއް ދަންނަވާލާނީ. އެހެންތޯ އެކަން އޮތީ؟ 

ރައީސުލްޖުމްހޫރިއްޔާ:

ނޫން. މިއަހަރު ބޭއްވޭ ރިޔާސީ އިންތިޚާބުގައި މާތްﷲގެ ވާގިފުޅާއެކު އިރާދަކުރެއްވިއްޔާ އަޅުގަނޑު ކުރިމަތިލާނަން. އަދި އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުންގެ ވަރަށް ބޮޑު ތާއީދަކާއި އެއްބާރުލެއްވުމަކާ އެކީގައި އެ އިންތިޚާބު ކާމިޔާބުވެސް ކުރާނަން. އަޅުގަނޑު މި ކުރިމަތިލަނީ އަޅުގަނޑުމެންގެ ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން އަޅުގަނޑު ކުރިމަތިލާންޖެހޭތީ. އެއީ ދިވެހިރައްޔިތުންގެ ޕާޓީގެ އަސާސީ ގަވާއިދުގައި މިއޮންނަނީ، ރިޔާސީ އިންތިޚާބުގައި ކުރިމަތިލާންޖެހޭނީ ޕާޓީގެ ޒަޢީމޭ. އެކަން މެންބަރުންނަށް ރަނގަޅަށް އެނގިވަޑައިގެން ތިއްބަވައިގެން އަޅުގަނޑު މިހިރީ މިމަގާމަށް ޕާޓީގެ މެންބަރުން ޤައުމީ ޖަލްސާގައި އިންތިޚާބު ކުރައްވާފައި. މީގެ ދެއަހަރު ކުރިން. އިންތިޚާބުގެ މުއްދަތަކީ 4 އަހަރު. އެހެންވީމާ، މެންބަރުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާ، 2006 ގައި އިންތިޚާބުވާ ޒަޢީމަކު 2010 ވަންދެން އެ މަގާމުގައި ހުންނާނެކަން. އަދި 2008ގައި ރިޔާސީ އިންތިޚާބު އަންނާނެކަން. އެކަން ރަނގަޅަށް އެނގިވަޑައިގެން ތިއްބަވައިގެން މެންބަރުން އެގޮތަށް ފާސްކުރެއްވީ. އަޅުގަނޑު ހޮއްވަވައި ދެއްވީ. އެހެންވީމާ، އަޅުގަނޑުމެންގެ ޕާޓީ، ޑީ.އާރު.ޕީ.ގެ އަސާސީ ގަވާއިދު ބުނާގޮތުން މިވަގުތު އަޅުގަނޑު ޕާޓީގެ ޒަޢީމުގެ މަގާމުގައި ހުރީމާ އަޅުގަނޑު ކުރިމަތިލާން އެބަޖެހޭ. އެހެންވީމާ އެގޮތުން އަޅުގަނޑު މި ކުރިމަތިލަނީ. މިހާރު ތިޔަ ދެކެވޭ ވާހަކައަކީ އެއްވެސް އަސާސެއް އޮތް ވާހަކައެއް ނޫން. އިރާދަކުރެއްވިއްޔާ އަޅުގަނޑު ކުރިމަތިލާނަން.

ސުވާލު 2:

މަނިކުފާނު ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބުގައި ކުރިމަތިނުލައްވާނެ ކަމަށް ދެކެވޭ ވާހަކަތަކުގެ ތެރޭގައި، އޭގެ ސަބަބުތަކެއްގެ ގޮތުގައި ފާހަގަކުރެވޭ ބައެއް ނުކުތާތައްވެސް އަޅުގަނޑު ހިތަށްއަރާ ދަންނަވާލާނަމޭ. ބައެއް މީހުން މިބުނަނީ އަލަށް މިނުކުންނަ ޤާނޫނުއަސާސީން، މިހާރު މިއޮންނަ ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ހުރިހާ ބާރުތަކެއް ނުލިބޭނެއޭ. އެހެންވީމާ، އާ ޤާނޫނުއަސާސީގެ ދަށުން އެހާ މަދު ބާރުތަކަކާއެކު މަނިކުފާނު މިޤައުމުގެ ވެރިކަން ކުރައްވަން ބޭނުންފުޅެއް ނުވާނެއޭ. އެހެންތޯ ވިސްނުންފުޅު ހުރީ؟

ރައީސުލްޖުމްހޫރިއްޔާ:

ނޫން. އެއީވެސް ރަނގަޅު ވާހަކައެއް ނޫން. އަޅުގަނޑު މިމަގާމު މި އަދާކުރަނީކީ މާބޮޑެތި ބާރުތަކެއް ބޭނުންވެގެނެއް ނޫން. އަދި ކުރިއަށް އޮތް ތާނގައިވެސް އިރާދަކުރެއްވިއްޔާ ދިވެހިރައްޔިތުން އަޅުގަނޑު މިމަގާމަށް އިންތިޚާބު ކޮށްދެއްވައިފިއްޔާ، އަޅުގަނޑު މަގާމުގެ ވާޖިބުތައް އަދާކުރާނީ ރައްޔިތުންގެ ފައިދާއާއި ލާބަޔަށްޓަކައި. އެއްވެސް ހާލެއްގައި މާގިނަ ބާރުތަކެއް އަޅުގަނޑުގެ މުށުތެރޭގައި ބާއްވަން ވެގެންނެއްނޫން. ޙަޤީގަތުގައި މިހާރުވެސް ވަރަށްގިނަ ބާރުތައް އަޅުގަނޑު ވަނީ ދޫކޮށްލާފައި. އެނގިވަޑައިގަންނަވާނެ، މިދައުރު ފެށިގެން އައިއިރު، މިދެންނެވީ އަޅުގަނޑު ރައީސްކަމާ ޙަވާލުވެ، ފެށިގެން އައިއިރު މިނިސްޓަރ އޮފް ޑިފެންސް ކަމުގެ މަގާމުގައިވެސް ހުރީ އަޅުގަނޑު. މިނިސްޓަރ އޮފް ފިނޭންސްގެ މަގާމުގައި ހުރީވެސް އަޅުގަނޑު. ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެހެން ހުރެފައި އެދެ މަގާމު އަޅުގަނޑު އަމިއްލައަށް ދޫކޮށްލީ. މިހާރު މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީގެ މަގާމުގައި އެހުންނެވީ އެހެން ބޭފުޅަކު. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަގާމުގައި އެހުންނެވީ އެހެން ބޭފުޅަކު. މިހުރިހާ ބާރުތަކެއް އަޅުގަނޑުވަނީ ދޫކޮށްލާފައި. ހަމައެހެންމެ، އެމް.އެމް.އޭ.ގެ ގަވަރނަރުގެ މަގާމުގައިވެސް ހުރީ އަޅުގަނޑު. އެމަގާމުވެސް އަޅުގަނޑުވަނީ ދޫކޮށްލާފައި. އެހެންވީމާ، މިހުރިހާ ކަމަކުން އެނގޭނެ، އަޅުގަނޑު މިއީ މާގިނަ ބާރުތަކެއް ބޭނުންވެގެން އުޅޭ މީހެއް ނޫންކަން. އަޅުގަނޑުގެ ހަމައެކަނި މަޤްޞަދަކީ، ރައްޔިތުންނަށް ޚިދުމަތް ކުރުން.

ސުވާލު 3:

9 ޖޫން ގައި މަނިކުފާނު ރައްޔިތުންނާ ޙިއްޞާކޮށްލެއްވި ޚިޔާލުފުޅުތަކަކީ ވަރަށް މަޝްހޫރު ޚިޔާލުފުޅުތަކެއް. އޭގެކުރީގައިވެސް ވޭތުވެދިޔަ މާޒީގައިވެސް ވަރަށްގިނަ ވާހަކަފުޅުތައް ހުރީ ރައްޔިތުންނާ ޙިއްސާކޮށްލައްވާފައި. އެހެންނަމަވެސް، 9 ޖޫން 2004 ގައި ޙިއްޞާ ކޮށްލެއްވި ވާހަކަފުޅުތައް ވަރަށް މަޝްހޫރުކޮށް އަދިވެސް ދެކެވޭ. އެޚިޔާލުފުޅުތަކުގެ ތެރޭގައި ހިމެނޭ އެއް ޚިޔާލު މިއީ، ވެރިކަން ކުރައްވާ ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާގެ ދައުރު ކަނޑައެޅުމުގައި ދެ ދައުރޭ އެންމެ ބޮޑަށް އޮންނަންވާނީ އިނގޭތޯ. މިކަހަލަ ގޮތަކަށް ފާޅުކުރެއްވި ޚިޔާލުފުޅު. މިގޮތަށް ޚިޔާލުފާޅުކުރައްވާފައި، ދެން ކުރިމަތިލައްވާނެ ކަމަށް ވިދާޅުވީމާ، އަދި އެބަ އިތުރަށް އެވާހަކަ ދެކެވޭ މާބޮޑަށް އިނގޭތޯ. މިކަމުގައި ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ:

މިކަމުގެ ޙަޤީގަތަކީ، އަޅުގަނޑު މި އިޞްލާޙުތައް ހުށަހެޅީ 2004 ވަނަ އަހަރު. މީގެ 4 އަހަރު ކުރިން. އޭރު އަޅުގަނޑުގެ ޚިޔާލުގައި އޮތީ އިރާދަކުރެއްވިއްޔާ ގާތްގަނޑަކަށް އެއް އަހަރެއްހާ ދުވަހުގެ ތެރޭގައި އިޞްލާޙީ ޕްރޮގްރާމް ނިމުމަކާ ހަމައަށް އަންނާނެއޭ. އާ ޤާނޫނުއަސާސީއެއް އުފަންވާނެއޭ. އެހެންވެއްޖިއްޔާ އެބައޮތް 3 އަހަރު އަޅުގަނޑުގެ މުއްދަތުގެ ތެރޭގައި. 3 އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ކަމެއް ރަނގަޅަށް ހަމަޖެހުނީމާ، އޭގެފަހުން މި މަގާމު ދޫކޮށްލަން. އެހެންނަމަވެސް، އެނގިވަޑައިގަންނަވާނެ ފަދައިން، ވަރަށްގިނަ ސަބަބުތަކެއް ދިމާވެގެން ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް މިއޮތީ ވަރަށް ބޮޑުތަން ލަސްވެފައި. އަދިވެސް އަޅުގަނޑުމެންނަށް މިއުޅެނީ ޤާނޫނުއަސާސީ އިޞްލާޙުކޮށް ނުނިންމިގެން. އެހެންވީމާ، މިހާރު އަޅުގަނޑު ދޫކޮށްލައިފީވިއްޔާ އަޅުގަނޑު ގެންނަން ބޭނުންވާ އިޞްލާޙީ ޕްރޮގްރާމް، އޭގައި ހުރި މަޤްޞަދުތައް ހާސިލުވާގޮތަށް، ދެން ގެނެވޭނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތް. އަޅުގަނޑު އިސްވެ މިކަން މިހުށަހެޅީ. އަދި އަޅުގަނޑު ހުށަހެޅި ވަރަށް މުހިންމު ނުކުތާތަކެއް، ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް އަޅުގަނޑު ފޮނުވާފައި އޮންނާނެ. 31 ޕޮއިންޓް. އޭގެތެރޭގައި އެއް ޕޮއިންޓަކަށް އޮންނާނެ، ތިޔަ ވިދާޅުވާ ކަންތައް. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި މީހަކަށް ހުރެވޭނީ ގިނަވެގެން ދެ ދައުރަށޭ. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތް. އެހެންނަމަވެސް، އާ ޤާނޫނުއަސާސީ ފެށުނީމާ، ދެން ދެ ދައުރު ގުނަން ފެށޭނީ. ކުރީގައި އެދިޔަ ބައި އެދިޔައީ. މިއީ މުޅިން އާ ޤާނޫނުއަސާސީއެއް. އާ ޤާނޫނުއަސާސީ ފެށުނީމާ، އޭގައި ހުރި ހުރިހާ ކަމެއް ދެން އަންނަ ބަޔަކަށް އޮންނާނެ. އެހެންވީމާ، އެ ދެ ދައުރު އަޅުގަނޑު ބޭނުމީވިއްޔާ ނުވަތަ އަޅުގަނޑު އިންތިޚާބު ވެއްޖިއްޔާ، އަޅުގަނޑަށް ހަމަ ކުރިއަށް ގެންދެވޭނެ. އެއީކީ، އަޅުގަނޑު ކުރިން ދެއްކި ވާހަކައަކާ އެއްވެސް ތަޢާރުޒެއްވާ ވާހަކައެއް ނޫން. މިކަންތައްތައް މިހާދިގުލައިގެން ދިޔައިމާ މިހާރު އަޅުގަނޑަށް މަޖުބޫރުވީ މިކަން ކުރަން. އެހެން ނޫނީވިއްޔާ އިޞްލާޙީ ޕްރޮގްރާމްގެ ވަރަށް ބޮޑުތަން ކާމިޔާބު ކުރެވިފައި އޮއްވައި، އެންމެފަހު މަރުޙަލާގައި އަޅުގަނޑު ދޫކޮށްލާފައި ހިނގައްޖިއްޔާ، އެއަށްވާނެ ގޮތެއްވެސް ނޭނގެ. އެހެންވީމާ، އެއީކީ އަޅުގަނޑު ކުރަން ބޭނުންވާ ކަމެއްނޫން. އަޅުގަނޑު ބޭނުންވަނީ އިޞްލާޙީ ޕްރޮގްރާމްގެ ފުރިހަމަ ފައިދާ ރައްޔިތުންނަށް ހާސިލުކޮށްދީފައި، އޭގެފަހުން، އަޅުގަނޑު ދަންޏާ، ދާން.

ސުވާލު 4:

އެހެންވީމާ، ކުރިން ރޭއްވެވި ގޮތަށް ކަންތައްތައް ރަނގަޅަށް އޮމާންކޮށް ދިޔަނަމަ، ކުރިއަށް މިއޮތް އިންތިޚާބަކީ ކުރިމަތިލައްވާނެ އިންތިޚާބެއް ނޫނޭ. އެހެން ތިޔަ ވިދާޅުވަނީ، ދޮގެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ:

ޝައްކެއްވެސްނެތް، 2004 ގައި ފެށީ. 2005 ގައި ނިމުނުނަމަ، ދެން އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑު ބޭނުންވާ ހުރިހާ ނިޒާމުތަކާއި މުއައްސަސާތައް ޤާއިމުކޮށް، އުސޫލުތަކާއި، ޤާނޫނުތަކާއި އެއްޗެތި ހަދައި، ހުރިހާ ކަމެއް ހަމަޖެހުނީމާ، ދެން އަޅުގަނޑު ހުންނާކަށް ބޭނުމެއްނުވާނެ، 2008ގެ ފަހަކުންނެއް. އެކަމަކު މަޖިލީހުގެ ކަންތައްތައް ދިޔަގޮތުން އެހެނެއްނުވި. އެހެންވީމާ، އަޅުގަނޑަށް މިހާރު މަޖުބޫރުވޭ، ރައްޔިތުންނަށް އަޅުގަނޑު ވެދީފައި އޮތް ވަޢުދު ފުރިހަމަކޮށްދޭން. އަޅުގަނޑު ވަޢުދުވެފައި އޮންނާނީ، އިޞްލާޙީ ޕްރޮގްރާމެއް ގެނެސްދޭނެކަމަށް. އެހެންވީމާ، އެޕްރޮގްރާމް ނިމެންދެން އަޅުގަނޑު ހުރުމަކީ އަޅުގަނޑު ކުރަންޖެހޭނެ ކަމެއް ކަމުގައި އަޅުގަނޑު ގަބޫލުކުރަން.

ސުވާލު 5:

ދެންމެ ވާހަކަފުޅުގައި ވިދާޅުވެއްޖެ، ފިނޭންސް މިނިސްޓަރުކަން، ޑިފެންސް މިނިސްޓަރުކަން އަދި ގަވަރނަރުކަން ދޫކޮށްލެއްވި ވާހަކަ. އެހެންނަމަވެސް، ރަށުތެރޭގައި ނުވަތަ މީޑިޔާގައި ދެކެވޭ ބައެއް ވާހަކަތަކަށް ބަލައިލާއިއިރު، ބައިނަލްއަޤްވާމީ ޕްރެޝަރ ކުރިމަތިވެވަޑައިގެން އަދި އެތެރޭގެ، ދާޚިލީގޮތުން ބައެއް ކަހަލަ ޕްރެޝަރ ކުރިމަތިވެވަޑައިގެން ރިފޯމްގެ މަސައްކަތްތައް ފެށްޓެވި ކަމަށް މި ސިފަވެގެންދަނީ އިނގޭތޯ. އެއީތޯ ޙަޤީޤަތަކީ؟


ރައީސުލްޖުމްހޫރިއްޔާ:

އެއީ އެއްގޮތަކަށްވެސް ޙަޤީޤަތެއް ނޫން. ޙަޤީޤަތުގައި އިޞްލާޙީ ޕްރޮގްރާމް އަޅުގަނޑު އަމިއްލައަށް ޚިޔާލުކުރީ. 2003 ވަނަ އަހަރު އަޅުގަނޑު މިދައުރަށް އިންތިޚާބުވުމާ ގުޅިގެން އަޅުގަނޑު އެވާހަކަ އޮންނާނީ ބުނެފައި. ވަރަށްގިނަ ޖަމާޢަތްތަކާ ބައްދަލުކޮށް، އެމީހުންގެ ޚިޔާލުވެސް ހޯދައި، އެތައް ފަހަރެއްގެ މަތިން ރައީސް އޮފީހަށް އެކިއެކި ގްރޫޕްތައް ގެނެސްގެން، އެމީހުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން. އެގްރޫޕްތަކުގައި ތިއްބަވާނީ ސަރުކާރުގެ ބޭފުޅުންނާއި، ސަރުކާރު ނޫން ކިތަންމެ ބޭފުޅުންނަކާ، ޒުވާނުންނާއި ހަރުމީހުންނާ، އަންހެނުންނާއި ފިރިހެނުންނާ، މިކަހަލަ ގްރޫޕްތަކެއް ގެނެސްގެން އަޅުގަނޑު ޚިޔާލު ބަދަލުކުރީމާ، އެބޭފުޅުންގެ ވާހަކަފުޅާ އެކީގައި އަޅުގަނޑަށް ގަބޫލުކުރެވުނީ މިހާރު އިޞްލާޙީ ޕްރޮގްރާމެއް ހުށަހަޅަންވެއްޖެކަން. އެހެންވީމާ، އެޚިޔާލު އެއީ އަޅުގަނޑުގެ އަމިއްލަ ޚިޔާލެކޭ ދަންނަވަންޖެހޭނީ. ދެން އަޅުގަނޑު އެޚިޔާލު ލިޔެ ހަދާފައި ވަޒީރުންގެ މަޖިލީހަށް ހުށަހެޅީ. ވަޒީރުންގެ މަޖިލީހަށް ހުށަހެޅީމާ، އެ މަޖިލީހުގެ އިއްތިފާޤުން އެއީ ރަނގަޅު ކަމެއް ކަމަށް ފާސްކޮށްދެއްވީ. އަދި ވިދާޅުވި، ތިޔަ އިޞްލާޙީ ޕްރޮގްރާމް އިޢުލާނު ކުރާށޭ. ވަޒީރުންގެ މަޖިލީހުން އެހެން އަޅުގަނޑަށް ލަފާދެއްވީމާ، 2004 ޖޫން 9 ގައި އަޅުގަނޑު އިޞްލާޙީ ޕްރޮގްރާމް އިޢުލާނުކުރީ. އެހެންވީމާ، އެކަމަކީ އަޅުގަނޑުމެން އަމިއްލައަށް ފަށައިގެން އަދި ޚާއްޞަކޮށް، އަޅުގަނޑު އިސްނަގައިގެން ކުރަމުން އައި މަސައްކަތެއް. މިކަމުގައި ބޭރުގެ އެއްވެސް ފަރާތެއްގެ ފިއްތުމެއް ނެތް. އަދި އެތެރޭގެ ފިއްތުމެއްވެސް ނެތް. ޙަޤީގަތުގައި ކިތަންމެ ބޭފުޅުންނެއް މިހާރު ބޭރުން ޒިޔާރަތް ކުރައްވައި، އަޅުގަނޑާ ބައްދަލުކުރައްވައި ވިދާޅުވޭ، މިއީ ވަރަށް އާދަޔާޚިލާފު ކަމެކޭ. ތިމަންނާމެން ނުދެކެމޭ، ދުނިޔޭގެ އެއްވެސް ރައީސަކު އަމިއްލައަށް އިޞްލާޙީ ޕްރޮގްރާމެއް ހުށަހަޅައިގެން މިހެން ގެންދާތަނެއް. ހައްތާވެސް އަންނަނީ ކޮންމެވެސް ފިއްތުންތަކެއްގެ ސަބަބުން އެކަން ކުރާތަނޭ މިފެންނަނީ. އެކަމަކު ރާއްޖެ މިހެން ހެދީމާ، ތިމަންނާމެން ވަރަށް އެކަމާ ޙައިރާންވެ ވަރަށް އުފާކުރަމޭ. ވަރަށް ރަނގަޅު މިސާލެކޭ، ދުނިޔޭގެ އެހެން ޤައުމުތަކަށް ރާއްޖޭގެ ރައީސް ތިޔަ ދައްކަނީ. އެވާހަކަ ހަމަ ކޮންމެ ބޭފުޅަކުވެސް ވިދާޅުވޭ.

ސުވާލު 6:

ތިޔަ އިޝާރަތް ކުރެއްވި އިޞްލާޙީ ޕްރޮގްރާމް، ފެށިގެން މިދިޔަ ދުވަސްތަކުގެ ތެރޭގައި ވަރަށްގިނަ ކަންތައްތައް ހިނގައިފި. ވަރަށް ގިނަ އާ ކަންތައްތައްވެސް ހިނގައިފި. އަދި ސަރުކާރުގެ އެތެރޭގައި، މަނިކުފާނުގެ ކެބިނެޓްގައި ތިއްބެވި ބައެއް ބޭފުޅުންވެސް މިހާރު ތިއްބެވީ ބޭރުގައި. އެބޭފުޅުން ބޭރަށް ވަޑައިގެން މަނިކުފާނަށް އެބަ ފާޑުވިދާޅުވޭ. ދެން މިގޮތުން އަންނަ ފާޑުކިޔުންތަކަށް އަޅުގަނޑު ނަޒަރު ހިންގާލާއިރު ފާހަގަކޮށްލެވޭ އެއްކަމެއް، ތިޔަ ވިދާޅުވި އިޞްލާޙީ ޕްރޮގްރާމް، އިޞްލާޙީ އެޖެންޑާ ފެއިލްވެފައިވާ ކަމަށް. އަދި އިޞްލާޙީ އެޖެންޑާ ކާމިޔާބު ކުރުމަށްޓަކައި އެކުލަވާލި މަގުޗާޓްގައި އޮތްގޮތަށް ކަންތައްތައް ނުދާކަމަށް. އެވެސް ފެއިލް ވެފައިވާކަމަށް. އެކަން ގަބޫލުފުޅު ކުރައްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ:

ނޫން. އެއީ ޙަޤީޤަތެއް ނޫން. އިރާދަކުރެއްވީތީ، އިޞްލާޙީ ޕްރޮގްރާމް ވަރަށް ރަނގަޅަށް ކުރިއަށް އެބަދޭ. އިޞްލާޙީ ޕްރޮގްރާމްގެ ތަފާތު މުހިންމު ބައިތަކެއް އެބަހުރި. އެހުރިހާ ބައިތަކެއް ވަރަށް ރަނގަޅަށް އެބަދޭ. އެންމެ ބައެއް އަދި ނުނިމި އޮތީ. އެއީ ޤާނޫނުއަސާސީ އިޞްލާޙު ކުރުން، ނުވަތަ އާ ޤާނޫނުއަސާސީއެއް އުފެއްދުން. އެކަންތައް އަދި އަޅުގަނޑުމެންނަށް މިއުޅެނީ ނުނިންމިގެން. އެހެން ހުރިހާ ކަމެއް އެހެރީ ނިމިފައި. މިސާލަކަށް، ރާއްޖޭގައި ހިއުމަން ރައިޓްސް ކޮމިޝަނެއް، މުސްތަޤިއްލު ހިއުމަން ރައިޓްސް ކޮމިޝަނެއް އުފެއްދުން. ޕެރިސް ޕްރިންސިޕަލްސްގެ އުސޫލުގެ މަތިން އުފެދޭ، ޤާނޫނަކުން އުފެދޭ ހިއުމަން ރައިޓްސް ކޮމިޝަނެއް އުފެއްދުން. އެ ކޮމިޝަން އެވަނީ އުފެދިފައި. އަނެއްކަމަކަށް މިއޮންނަނީ މީޑިއާގެ ޚަބަރުފަތުރާ ވަސީލަތްތަކުގެ މިނިވަންކަން ފުރިހަމައަށް ދިނުން. އެކަން މިއޮތީ ހާސިލުވެފައި. މިހާރު ދިވެހިރާއްޖޭގެ ނޫސްތަކާއި މަޖައްލާތަކާއި އަދި ދިވެހިރާއްޖޭގެ އަމިއްލަ، ތިޔަބޭފުޅުން ކަހަލަ ދި.އެފް.އެމް ނުވަތަ ކެޕިޓަލް ރޭޑިޔޯ ކަހަލަ އަމިއްލަ ރޭޑިޔޯ ސްޓޭޝަންތަކާ، އަދި މިހުރިހާ އެއްޗެއް ބައްލަވައިލެއްވީމާ އެނގިވަޑައިގަންނަވާނެ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން، ދުނިޔޭގެ އެއްވެސް ޤައުމެއްގައި ނެތް ފެންވަރަށް ރާއްޖޭގައި މިހާރު އެބައޮތްކަން. އެހެންވީމާ، އެއީ ވަރަށް ބޮޑު ކަމެއް ހާސިލުވި. ދެން އަނެއްކަމަކީ ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާކުރުން. އެކަމަށްޓަކައި މިހާރު ބޭރުގެ އެހީއާ އެކީގައި ވަރަށް ރަނގަޅު ޤާނޫނެއް ޑްރާފްޓް ކޮށްގެން ރައްޔިތުންގެ މަޖިލީހަށްވަނީ ހުށަހެޅިފައި، ރާއްޖޭގެ ޕީނަލް ކޯޑް އިޞްލާޙު ކުރުމަށް. އެހެންވީމާ، އެއީވެސް ވަރަށް ބޮޑު ކުރިއެރުމެއް. ހަމައެއާއެކީގައި ޖަލުގެ ނިޒާމު ހަރުދަނާ ކުރުން. ކުރީގައި ބައެއްކަހަލަ ނޭދެވޭ ކަންތައްތައް ހިނގާފައި ހުރުމާ އެކީގައި، މިހާރު އެކަހަލަ ކަންތައްތައް ނުހިނގާގޮތަށް ޖަލު މީހުންނަށްވެސް އެމީހުންނަށް ރަނގަޅަށް ކަންތައް ކުރެވޭ ގޮތަށް، އެމީހުންނަކީވެސް އިންސާނުން، ދިވެހިން. އެހެންވީމާ، އެމީހުންގެވެސް ޙައްޤުތަކެއް އޮވެގެން، އެ ޙައްޤުތައް ރައްކާތެރި ކުރެވޭގޮތަށް ޖަލުގެ ނިޒާމުވެސް އެވަނީ ފުރިހަމަކުރެވިފައި. ވަރަށް ބޮޑުތަން ރަނގަޅުކުރެވިފައި. އަޅުގަނޑު ނުދަންނަވާނަން، ދުނިޔޭގެ އެންމެ މޮޅު ފެންވަރަކަށް ދިޔައެކޭ. އަދި އަޅުގަނޑުމެންގެ ވަސީލަތްތައް މަދުކަމުން އެހިސާބަށް ނުދެވެނީ. އެކަމަކު މިހުރިހާކަމެއް މިހިރީ ހާސިލުވެފައި. އެހެންވީމާ، އިޞްލާޙީ ޕްރޮގްރާމްގައި ހިމެނޭ ހަމަ ހުރިހާ ކަމެއްހެން އިރާދަކުރެއްވީތީ ވަރަށް ރަނގަޅަށް ކުރިއަށް މިދަނީ. އެއްވެސް ކަމެއް ފެއިލްވެފައެއް ނެތް. ހަމައެކަނި އޮތްކަމަކީ މިހާރު ރައްޔިތުންގެ ޚާއްޞަ މަޖިލީހުން އެކުރައްވާ މަސައްކަތް ނިންމެވުން. އެއީ އާ ޤާނޫނުއަސާސީއެއް އަޅުގަނޑުމެންނަށް ހަދިޔާކޮށްދެއްވުން، ގެނެސްދެއްވުން. އޭރުން ޤާނޫނުއަސާސީ ލިބުނީމާ، އެ ތަޞްދީޤުކޮށްގެން އޭގެމައްޗަށް ބިނާކޮށް ދެން ކުރަންޖެހޭ ކަންތައްތައް ކުރެވެން އޮތީ. އިތުރު މުއައްސަސާތައް އުފެއްދުން. މިސާލަކަށް، އިންޑިޕެންޑެންޓް އިލެކްޝަން ކޮމިޝަނެއް އުފެއްދުން. އޭގެތެރެއިން އަންނަ ކަމެއް ރިޔާސީ އިންތިޚާބާބެހޭ އާ ޤާނޫނެއް ހެދުން. އެންޓި-ކޮރަޕްޝަން ކޮމިޝަނެއް އުފެއްދުން. މުސްތަޤިއްލު ޖުޑީޝަލް ސަރވިސަސް ކޮމިޝަނެއް އުފެއްދުން. މިކަހަލަ ކަންތައްތައް މިއޮތީ ޤާނޫނުއަސާސީގެ މައްޗަށް ބިނާވެފައި. އެހެންވީމާ، އެއީކީ ފެއިލިއަރއެއް ނޫން. ޤާނޫނުއަސާސީ އިޞްލާޙުވެ ނިމުނީމާ، މިހުރިހާ ކަމެއް ހިނގާނެ. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، މާތްﷲގެ ވާގިފުޅާއެކީގައި އިޞްލާޙީ ޕްރޮގްރާމް ވަރަށް ރަނގަޅަށް ހަމަ ކުރިއަށް އެބަދެއޭ.

ސުވާލު 7:

ދެންމެގެ ވާހަކަފުޅުގައި، ޖަލުގެ ވާހަކަ ވިދާޅުވީމާ، އަޅުގަނޑު ހިތުގައި އުފެދޭ ސުވާލެއް، އަދި މަނިކުފާނުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުން ދައްކަވާފައި ހުރި ވާހަކަފުޅުތަކުގައިވެސް އަޅުގަނޑު ސުވާލު ދަންނަވަން މިއުޅޭ ވާހަކައަށް އިޝާރާތް ކުރައްވާފައި އެބަހުރި. އެއީ، މި އިޞްލާޙީ ނުވަތަ އަޅުގަނޑުމެންގެ ތެރޭގައި މިހާރުގެ މި އޮއިވަރުގެ ފެށުމާއި، ޖަލުގައި މީހަކު މަރުވުމަށް އެދިމާވި ސަބަބާ މިކަންކަމާ ގުޅުންތަކެއް ހުރިކަމަށް، އިނގޭތޯ. އެގޮތަށްތޯ؟

ރައީސުލްޖުމްހޫރިއްޔާ:

ނޫން. އެއީކީ އެއްވެސް ގުޅުމެއް ހުރިކަމެއްނޫން. ޖަލުގެ ތެރޭގައި އެ ހިނގި ހާދިސާއަކީ އެދުވަސްވަރު ކަންތައްތައް ހިނގި ގޮތުން ދިމާވި ހާދިސާއެއް އިނގޭތޯ. ކޮންމެހެން އެއެއްނޫން އިޞްލާޙީ ޕްރޮގްރާމެއް ހުށަހަޅަން ޖެހުނު ސަބަބަކީ. ކުރިންވެސް ދެންނެވި ފަދައިން، އިޞްލާޙީ ޕްރޮގްރާމެއް އަޅުގަނޑު ހުށަހަޅަން ޖެހުނު ސަބަބަކީ، އަޅުގަނޑު 2003 ވަނަ އަހަރު ރައީސްކަމަށް އިންތިޚާބުވުމާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކެއްގެ މަޝްވަރާ ހޯދީ. ވަރަށް ގިނަ ބޭފުޅުންގެ ޚިޔާލު ހޯދީމާ، މިވަގުތު ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެއްކަމަކީ ސިޔާސީ އިޞްލާޙުކަން އެބޭފުޅުންވެސް ފާހަގަކުރެއްވި. އަޅުގަނޑުވެސް އެވާހަކަ ދެއްކިން. އޭގެމައްޗަށް ބިނާކޮށް، އިޞްލާޙީ ޕްރޮގްރާމް އަޅުގަނޑު ހުށަހެޅީ. އެހެންވީމާ، އެކަމަކާ، މިކަމަކާ އެއްވެސް ކަހަލަ ގުޅުމެއް ނެތް. އެހެންނަމަވެސް، ދަންނަވަން ޖެހެނީ، އިޞްލާޙީ ޕްރޮގްރާމްގެ ތެރޭގައި ދެންމެ މިދެންނެވިހެން، އޭގެތެރެއިން ވަރަށް މުހިންމު ބައެކޭ ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމާއި، އަދި ޖަލުގެ ކަންތައްތައްވެސް ހަރުދަނާކޮށް، ރަނގަޅު އުސޫލަކުން ކަންތައްތައް ކުރިއަށް ގެންދިއުން. އެގޮތުން މިއޮތީ ގުޅިފައި.

ސުވާލު 8:

އަޅުގަނޑު ގިނަ ސުވާލުތައް ޙަޤީޤަތުގައިވެސް މިއަމާޒު ކުރަނީ، އަޅުގަނޑު ސުވާލުތައް މި ބިނާކުރަނީ، އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެންގެ މުޖުތަމަޢުގައި މަނިކުފާނުގެ ސަރުކާރަށް އަދި މަނިކުފާނަށް އިވެމުންދާ ފާޑުކިޔުންތަކާއި ވާހަކަތަކަށް ބިނާކޮށް. އެހެންވީމާ، އަޅުގަނޑު ވަގުތުގެ ތެރޭގައި އެގޮތުގައި ސުވާލުތައް ދެންނެވޭތޯ މަސައްކަތް ކުރާނަން. މަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ކަންކަމުގެ ޙަޤީޤަތް އޮޅުވާލައްވާކަމަށް އަޑުތައް އިވޭ އިނގޭތޯ. އަޅުގަނޑުގެ ސުވާލަކީ މިފަދަ އަޑުތައް މަނިކުފާނަށް އިވިވަޑައިގަންނަވާތޯ، މިދެންނެވިފަދަ މައްސަލައެއް އެއްވެސް ފަރާތަކުން ހުށަހަޅުއްވައިގެން ބައްލަވާފައި އެބައޮތްތޯއޭ؟


ރައީސުލްޖުމްހޫރިއްޔާ:

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެއްވެސް ވަޒީރަކު މިހާތަނަކަށް އަޅުގަނޑަށް ކަމެއް އޮޅުއްވާލައްވާފައެއް ނެތޭ. އަޅުގަނޑު އެބޭފުޅުން މަސައްކަތް ކުރައްވާގޮތް ބަލަމުން މިގެންދަނީ. އެބޭފުޅުން ވިދާޅުވާ އެއްޗެތިވެސް އަޑުއަހަމުން މިގެންދަނީ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެއިން އެއްވެސް ބޭފުޅަކު ނުވަތަ އެނޫން ވެރިއަކުވެސް ކަނޑައެޅިގެން ގަސްދުގައި އަޅުގަނޑަށް ކަމެއް އޮޅުއްވާލައްވާފައެއް ނެތް. އެހެންނަމަވެސް، މީހުންގެ ތެރޭގައި އެކަހަލަ ވާހަކަ ދެކެވޭނެ. ކުޑަކުޑަ މުޖްތަމަޢެއްގައި ތަފާތު ވާހަކަތައް ދެކެވޭނެ. އެކަހަލަ ވާހަކަ ދެކެވެނީކަންނޭނގެ. އެއްވެސް ބޭފުޅަކާ ބެހޭގޮތުން، ވަޒީރަކަށްވިޔަސް އެނޫން ބޭފުޅަކަށްވިޔަސް އެކަހަލަ ވާހަކައެއް އަޅުގަނޑަށް އިވިއްޖިއްޔާ އަޅުގަނޑު ސީދާ އެކަމެއް އެބަ ބަލަން. އެބޭފުޅަކާ ސީދާ އަޅުގަނޑު އެބަ ސުވާލުކުރަން. ބައެއް ވަޒީރުންނާ ހަމަ އެގޮތަށް އަޅުގަނޑު ސުވާލުކޮށް ޖަވާބުވެސް ހޯދާފައި ހުންނާނެ. އެމަގާމުތަކުގައި އެބޭފުޅުން ބައިތިއްބާފައި އެތިބެނީ އަޅުގަނޑު ހިތްހަމަޖެހިގެން. އެބޭފުޅުންގެ އެކަހަލަ ކަމެއް ނެތްކަން އަޅުގަނޑަށް ގަބޫލުކުރެވޭތީ. އެހެންވީމާ، އަޅުގަނޑަށް އެކަހަލަ ޝަކުވާއެއް އަތުވެއްޖިއްޔާ، އަޅުގަނޑު އަމިއްލައަށް ބަލަން. އެއީ ވަޒީރުންގެ ކަންތައްތަކަކީ އާދައިގެ މީހުންނާ ހަވާލުކޮށްގެން ބެލޭނެ ކަންތައްތަކެއް ނޫން. އޭގެ ވާހަކައެއް އިވިއްޖިއްޔާ ސީދާ އަޅުގަނޑު އެވަޒީރަކު ގެނެސް، ދެމީހުން އެކަނި ތިބެގެން އަޅުގަނޑު އެވާހަކަ ދަންނަވަނީ. ދަންނަވާފައި އޭނާ އެ ދެއްވާ ޖަވާބު އަޅުގަނޑު އަޑުއަހަނީ. ގަބޫލުކުރެވޭ ޖަވާބެއްވިއްޔާ އެކަމެއް އެހިސާބުން އެނިމުނީ.

ސުވާލު 9:

ސަރުކާރުގެ އެންމެ އިސްމަގާމަކީ ރައީސުލްޖުމްހޫރިއްޔާ. ރައީސުލްޖުމްހޫރިއްޔާގެ ދަށުން ދެން މިތިއްބަވަނީ ވަޒީރުން. ދެން އެހެން މަގާމުތައް މިހުންނަނީ. އެންމެ އިސްމަގާމެއް ލިބިވަޑައިގަންނަވާތާ މާގިނަ ދުވަހެއް ނުވެ ބައެއް ބޭފުޅުން ވަރަށް ބޮޑަށް ތަނަވަސްވެ، ގެދޮރު އެތައް ބުރިއަކަށް އަރާ، އަދި ވިޔަފާރި ކުންފުނިތަކުގެ ހިއްސާދާރުންނަށް ބަދަލުވަމުންދާ ތަން ފެންނަމުންދާ ވާހަކަވެސް މިއީ، އަޅުގަނޑުމެން މުޖްތަމަޢުގައި ހަމަ ވަރަށް ގިނައިން ދެކެވޭ ވާހަކައެއް. ނޫސްތަކުގެ ސުރުޚީތަކުގައިވެސް އެވާހަކަތައް އެބަހުރޭ. މިފަދަ މައްސަލަތަކުގެ މަޢްލޫމާތު ކިހާވަރަކަށް ލިބިވަޑައިގަންނަވާތޯ؟ ލިބިވަޑައިގަތީމާ ކޮންކަހަލަ ފިޔަވަޅުތަކެއްތޯ އަޅުއްވަނީ؟


ރައީސުލްޖުމްހޫރިއްޔާ:

އަޅުގަނޑު ހަމަޖައްސާފައި އޮންނަ ގަވާއިދެއް އޮންނާނެ. ވަޒީރުން އެބޭފުޅުންގެ މިލްކިއްޔާތުގައިވާ އެއްޗިއްސާބެހޭ މަޢްލޫމާތާއި، އެބޭފުޅުން ވިޔަފާރި ކުރައްވާނަމަ، ވިޔަފާރި ކުރައްވާ އެކުންފުނިތަކާބެހޭ މަޢްލޫމާތާ އެއެއްޗެތި އަޅުގަނޑަށް ދެއްވަން. ހުރިހާ ބޭފުޅުންވެސް އަޅުގަނޑަށް ދެއްވާ. ހުރިހާ ބޭފުޅުންވެސް އަޅުގަނޑަށް ދެއްވަމުން ގެންދަވަނީ. އެއީކީ އަޅުގަނޑު ހާމަކުރާ އެއްޗިއްސެއް ނޫން. އަޅުގަނޑުގެ އަމިއްލަ މަޢްލޫމާތަށް އެއެއްޗެތި އެއްކޮށްފައި އަޅުގަނޑު އަތުގައި ހުންނާނެ.

ދެން ދަންނަވާލަން ބޭނުންވާ ވާހަކައަކީ އެއްވެސް ވަޒީރަކަށް މަގާމު ލިބިވަޑައިގަތީމާ، ނުވަތަ ސަރުކާރުގެ އިސްމަގާމެއް ލިބިވަޑައިގަތީމާ، ތިޔަ ވިދާޅުވާ ކަހަލަ ކަންތައްތައް ކުރައްވަންޏާ، ކުރެއްވޭނެ ކިތަންމެ ގޮތެއް އެބަހުއްޓޭ. އެއީ މިސާލަކަށް، ޢިމާރަތް ކުރައްވަން ބޭންކުން ލޯނުވެސް ނެންގެވިދާނެ. އަޅުގަނޑަށް އެނގޭ، ބައެއް ވަޒީރުން އެހެން ހައްދަވާފައި އެބަހުރިކަން. އަދި ސަރުކާރުންވެސް ލޯނު އެބަދޫކުރޭ. ބައެއް ބޭފުޅުންނަށް ހުންނާނެ، ސަރުކާރުން ލޯނު ދޫކޮށްގެން އެލޯނުގެ ދަށުން އެބޭފުޅުން ގެދޮރު ހައްދަވާފައި. އެހެންވީމާ، ކޮންމެހެން ބޭފުޅަކު ޢިމާރާތެއް ކުރެއްވިޔަސް، ގެއެއް ހެއްދެވިޔަސް އެއީކީ ނުޖެހޭ ނާޖާއިޒް ގޮތުގައި ފައިސާ ހޯއްދަވައިގެން ކުރެއްވި ކަމެއްކަމަކަށް ދެކޭކަށެއް. އެކަހަލަ އެއްވެސް ޝަކުވާއެއް އަތުވެއްޖިއްޔާ، އެ އަޅުގަނޑު ބަލަން. އަނެއްކާ އެނގިވަޑައިގަންނަވާނެ، އެންޓި-ކޮރަޕްޝަން ބޯޑުވެސް އެއޮތީ އުފައްދާފައި، ހަމަ ސަރުކާރުން އިސްވެ އުފައްދާފައި އޮތް ބޯޑެއް. އެބޯޑަށް ހުށަހެޅޭ މައްސަލަތައްވެސް އެބޯޑުން ބައްލަވަމުންވެސް ގެންދަވާ. ބައްލަވާއިރު އެއްވެސް ކަހަލަ ޙަޤީޤަތެއް އޮތް ކަމެއްވަންޏާ، ޝަރީޢަތަށްވެސް ފޮނުއްވާ. ޝަރީޢަތުން އެބަހުރި ބައެއް މީހުން ކުށްވެރިވެސްވެފައި.

ދެން މީހުން ދައްކާނެ ވާހަކަ. ދެން ވަރަށް ގިނައިން ވާހަކަ ދައްކާނެ އެހެންނޫންތޯ! އަޅުގަނޑުމެން ކަހަލަ ކުޑަކުޑަ މުޖްތަމަޢެއްގައި ހަމަ ވަރަށް ފަސޭހަވާނެ އެކިއެކި ވާހަކަތައް ފެތުރެން. ޙަޤީޤަތާ ޚިލާފު ބައިވަރު ވާހަކަ އެބަ ފެތުރޭ. އޭގެތެރޭގައި ވަރަށް ގިނަ ވާހަކަ ހުންނާނެ، ތިޔަ ވިދާޅުވިގޮތަށް ދެކެވޭ ވާހަކަވެސް.


ސުވާލު 10:

މަސްތުވާތަކެތީގެ މައްސަލަ ރާއްޖޭގައި މިހާ ބޮޑުވެގެން ދިޔުން އެއީ، މަނިކުފާނުގެ ސަރުކާރުގެ ފެއިލިއަރއެއް ކަމަށް، ބައެއް ފަރާތްތަކުން ސިފަކޮށްފައި އެބަހުރި. މިކަން ރާއްޖޭގައި މިހާ މައްޗަށް ދިޔައީ ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް ނޭޅުއްވިގެން ކަމަށް ގަބޫލުފުޅު ކުރައްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ:

އަޅުގަނޑު ގަބޫލެއްނުކުރަން. ކޮންމެއިރަކުވެސް އެޅެން ހުރި ހުރިހާ ފިޔަވަޅެއް މިދަނީ އަޅަމުން. އަޅުގަނޑު ރައީސްކަމާ އެންމެ ފުރަތަމަ ހަވާލުވިއިރު، އެ މައްސަލަ އުޅެނީ ވަރަށް ކުޑަކޮށް. އޭރުވެސް ހުންނާނެ ފިޔަވަޅުތަކެއް އަޅާފައި. އަދި އެމައްސަލަ އިތުރުވަމުންދިޔަވަރަކަށް އިތުރު ފިޔަވަޅު އަޅަމުން މިގެންދަނީ. އެކަމާބެހޭ ވުޒާރާއެއް ނުވަތަ ވުޒާރާގެ ބައެއް ހަމަޖައްސައި، އެކަމާބެހޭ ޚާއްޞަ އޮފީހެއް ޤާއިމުކޮށް، އަނެއްކާ މަސްތުވާތަކެތި ބޭނުންކުރުމާބެހޭ ޤާނޫނެއް ޑްރާފްޓްކޮށް އެ ޤާނޫނު ހަދައި، މިހުރިހާ ކަމެއް މިދިޔައީ ވޭތުވެދިޔަ ހުރިހާ އަހަރެއްގައި ކުރަމުން. އެ ޤާނޫނުގެ ދަށުން ފިޔަވަޅުތައްވެސް އަޅަމުން. އެހެންނަމަވެސް، އެނގިވަޑައިގަންނަވާނެ، މަސްތުވާތަކެތީގެ ވިޔަފާރިއަކީ، ވަރަށް ބޮޑެތި މަހުޖަނުން ކުރާ ވިޔަފާރިއެއް. ރާއްޖެއަކު ނޫން. ރާއްޖެއިން ބޭރުގައި. މިއީ އެތައް ބިލިއަން ބިލިއަން ޑޮލަރެއްގެ ވިޔަފާރި މިކުރަނީ. އެމީހުންގެ ނުފޫޒު ވަރަށް ގަދަވާނެ. އެމީހުން ގޮތްތައް ވަރަށް ހޯދާނެ. އެގޮތުން އެމީހުން ކުރާ މަސައްކަތް، ދުނިޔޭގެ އެއްވެސް ޤައުމަކަށް ހުއްޓުވިފައެއް ނެތޭ އަދިއެއް. ރާއްޖެ ކީއްކުރަންތޯ، ރާއްޖެއަށްވުރެ މާބޮޑެތި ޤައުމުތަކުގައިވެސް އެމަސައްކަތް ކުރަނީ. އެއިން އެއްވެސް ޤައުމެއްގައި މަސްތުވާތަކެތީގެ ނުރައްކާތެރިކަން ފިލުވާލެވިފައެއްނެތް. އެހެންވީމާ، އެއީކީ އެއްވެސް މީހަކު ނުބުނޭ، އެޤައުމެއްގެ ސަރުކާރުތަކުގެ ފެއިލިއަރއެކޭ. އެކަމުގެ ބޮޑުކަމާއި، އެއުޅޭ މީހުން ކަންތައް ކުރާގޮތުން ހަމަ އެހިސާބަށް ނުގެންދެވިގެން އުޅެނީ. ރާއްޖޭގައިވެސް އެކަންވަނީ އެހެން. ވަރަށް ބޮޑަށް މަސައްކަތް އެބަކުރަން. އެކުރާ މަސައްކަތުގެ ނަތީޖާވެސް ފެނިވަޑައިގަންނަވާނެ. ވަރަށްގިނަ ފަހަރަށް އެތެރެކުރާ ވަގުތު ހަމަ އެނގިގެން އެތައް ބައިވަރު އެއްޗިއްސެއް އެބަހުރި، ސަރުކާރުން އަތުލައިގެންފައި. އަދި އެނޫން ގޮތްގޮތުންވެސް މީހުން އަތުގައި ހުއްޓާ އެބަހުރި ފެނިފައި. މިހާރު ރޭޑިޔޯ ޓީ.ވީ ޚަބަރުތަކުން އަބަދުއަބަދު އެބައި އެނގިވަޑައިގަންނަވާނެ، ފެނިވަޑައިގަންނަވާނެ. އަނެއްކާ އެގޮތަށް ހައްޔަރުކުރެވޭ މީހުންގެ މައްސަލަތައް ޝަރީޢަތަށް ގޮސްގެން، އެމީހުންގެ މައްޗަށް ޙުކުމް ކަނޑައެޅިގެން ޖަލުގައި އެތިބީ. ޖަލުގައި މިހާރުވެސް ތިބި މީހުންގެ 80 އިންސައްތައަކީ، މަސްތުވާތަކެތީގެ އެކިއެކި ކުށްކުށުގައި ތިބިމީހުން. އެހެންވީމާ، ފިޔަވަޅު ނާޅަނީކީ ނޫން. އެހެންނަމަވެސް، ކަމުގެ ބޮޑުކަމުން އަޅުގަނޑުމެންނަށް ޙައްލެއް ނުގެނެވިގެން އުޅެނީ. ދުނިޔޭގެ އެހެން ތަނެއްގައިވެސް އަދި އެކަހަލަ ޙައްލެއް ގެނެވިފައެއް ނެތް.

އެހެންނަމަވެސް، އަލަށް އަޅުގަނޑުމެން މި އުފެއްދި މަޝްރޫޢު، "މަސްތުވާތަކެއްޗާބެހޭ މައި މަޝްރޫޢު" އަޅުގަނޑު ވަރަށްފަހުން އިފްތިތާޙުކޮށްދީފިން. އޭގައި އެބަހުރި، އަޅުގަނޑުމެންގެ މިހާރުގެ ޙާލަތަށް ބަލާފައި ބޭރުގެ އެހީއާވެސް އެކީގައި މި މަޝްރޫޢު ތައްޔާރުކޮށްފައި މިއޮތީ. ރާއްޖޭގައި ސަރވޭއެއް ކޮށްގެން، ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދާއި ބާވަތާއި އެއީ ކީއްވެގެންކަން ބޭނުންކުރަނިއްޔާ، މިހުރިހާ އެއްޗެއް ދިރާސާކޮށްފައި މިކަންކަމަށް ޙައްލުގެނެވޭ ގޮތަށް ރާވާފައި އޮތް ޕްރޮގްރާމެއް. އިރާދަކުރެއްވިއްޔާ މި ޕްރޮގްރާމް ވަރަށް ކާމިޔާބުކޮށް ހިނގަމުންދާނެ. މި ޕްރޮގްރާމް ކާމިޔާބު ވެއްޖިއްޔާ، މަސްތުވާތަކެތީގެ މައްސަލަ މިހާރަށްވުރެ ވަރަށް ބޮޑުތަން ރަނގަޅުވެގެންދާނެ. އެކަމަކު އަޅުގަނޑަކަށް ދަންނަވާކަށް ނުކެރޭނެ، މުޅިން ފިލުވާލެވޭނެއެކޭ. ދުނިޔޭގެ އެއްވެސް ޤައުމެއްގައި މުޅިން ފިލުވައިލެވިފައެއް ނެތް. އެހެންނަމަވެސް، އެގޮތަށް މަސައްކަތްކޮށް، އިރާދަކުރެއްވިއްޔާ ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލު ކުރެވޭނެ.

ސުވާލު 11:

މަނިކުފާނުގެ ޢާއިލާގެ ނުވަތަ ގާތްތިމާގެ މީހުންނަށް ސަރުކާރުގެ އިސް މަގާމުތައް ދެއްވާ ވާހަކަ، މިއީވެސް ހަމަ ދެކެވޭ ވާހަކަތަކެއް އިނގޭތޯ. ހަމައެކަނި ވާހަކަތަކެއް ނޫން. އަޅުގަނޑު ކުރިން ފާހަގަކުރިގޮތަށް ރާއްޖޭގެ މީޑިއާ ހުޅުވާލެވިގެން ދިޔައިރު، މިކަހަލަ ހުރިހާ ވާހަކަތަކެއް މީޑިއާގެ ފަލަ ސުރުޚީތަކަށް އެބަހުރި އަރާފައި. މިކަމާމެދު ވިދާޅުވާނީ ކީކޭތޯ؟

ރައީސުލްޖުމްހޫރިއްޔާ:

އަޅުގަނޑުގެ ޢާއިލާގެ މީހުން، ގާތްތިމާގެ މީހުން، ސަރުކާރުގެ އިސް މަގާމުތަކުގައި ތިބޭނެ. ކުރިންވެސް އަދި މިހާރުވެސް ތިބޭނެ. އެކަމަކު އެމީހުން އެތިބެނީކީ ވަކި އަޅުގަނޑުގެ ޢާއިލާގެ މީހަކަށްވީމަކާ ނޫން. އަޅުގަނޑާ ތިމާގެކަން ވަކި އޮވެގެނެއްނޫން. އެމީހެއްގެ އަމިއްލަ ޒާތުގައި ކަމުގެ މަޢުލޫމާތާއި، ތަޖުރިބާއާއި ޤާބިލިއްޔަތު ހުރީމާ އެގޮތަށް ޢައްޔަން ކޮށްފައި އެތިބެނީ. އޭގެތެރެއިންވެސް މިހާރު އެހާގިނަ މީހުން ނުވެސް ތިބޭނެ. ތަންކޮޅެއް ކުރިން ތިބިކަންނޭނގެ. މިހާރު އެބައިވެސް މަދުވަމުން މަދުވަމުން މިދަނީ. ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެހެން ބަލަނީ، އެހެންނޫންތޯ. ހަނދުމަފުޅު ހުންނާނެކަންނޭނގެ، ޖޯން ކެނެޑީ ރައީސަކަށް ހުންނެވިއިރު، ރޮބަޓް ކެނެޑީ ހުންނެވީ އެޓަރނީ ޖެނެރަލަކަށް. އޭނާގެ ކޮއްކޯފުޅު. އެގޮތަށް ދުނިޔޭގެ އެތަން މިތާނގައި މިހިރީ. ބައްލަވާލި ކޮންމެ ދިމާއަކުން ފެންނާނެ، ހަމަ ރައީސަކަށް ހުންނަވާ ބޭފުޅެއްގެ، ބޮޑުވަޒީރަކަށް ހުންނަވާ ބޭފުޅެއްގެ ކޮއްކޮއެއް، ބޭބޭއެއް، ތިމާގެ މީހަކު، ހަމަ ވަޒީރަކަށް ހުއްޓާ. ނުވަތަ އެނޫން މަގާމުތަކުގައި ތިއްބާ. މިއީކީ ދުނިޔޭގެ އެއްވެސް ތަނެއްގައި މައްސަލައަކަށްނުވޭ. މައްސަލައަކަށްވާނީ ގަވާއިދާ ޚިލާފަށް އެމީހަކު ގެނެއްސިއްޔާ. އެހެނެއްނޫން، އޭނާގެ ޢިލްމާއި ތަޖުރިބާއާއި ޤާބިލިއްޔަތަށް ބަލާއިރު، ކަމަށް އެކަށީގެންވަންޏާ ގެންނަން ޖެހޭނެތާ. އެހެންނޫނީވިއްޔާ އެމީހަކަށްވެސް ކުރެވޭ ބޭއިންޞާފަކަށް އެކަންވާނީ. އެއީވެސް ދިވެހިރައްޔިތެއް. ޚިދުމަތްކުރަން ތައްޔާރަށް ހުރި މީހެއް. އެހެންވީމާ، އެގޮތުން މިހާރުވެސް ތިއްބަވާނެކަންނޭނގެ ކޮންމެވެސްވަރަކަށް. ކުރިން ތިއްބެވި، މިހާރަށްވުރެ ގިނައިން. އެގޮތުން އެބޭފުޅުން އެ ޢައްޔަން ކުރެވެނީ. ފަހަރެއްގައިވެސް އަޅުގަނޑާ އޮންނަ ތިމާގެ ކަމުގެ ގޮތަކުން ނޫން. ނުވަތަ ޢާއިލީ ގުޅުމެއް އޮންނާތީކީ ނޫން.

ސުވާލު 12:

ދިވެހިރާއްޖެއަށް ލިބުނު ފައިސާ ރަނގަޅުގޮތުގައި ބޭނުންކުރެވުނުނަމަ، ދިވެހިން ދިރިއުޅޭނީ މިހާރަށްވުރެ އުފަލާއި އަރާމުގައި ކަމަށް އެބަ ވާހަކަ ދެކެވޭ. މިވާހަކަތަކާމެދު ކީކޭތޯ ވިދާޅުވާނީ؟

ރައީސުލްޖުމްހޫރިއްޔާ:

އެއީވެސް ރަނގަޅު ވާހަކައެއް ނޫން. ނިކަން ބައްލަވައިލައްވާ! އަޅުގަނޑުމެން 1978 ގައި ތިބި ޙާލަތާއި މިހާރު އޮތް ޙާލަތާ. އެންމެ ކުޑަމިނުގައި އަޅުގަނޑުމެންގެ ޤައުމީ އުފެއްދުންތެރިކަމުން ބޮލަކަށްޖެހޭ މިންވަރު ބައްލަވައިލެއްވިޔަސް، އޭރު 300 އެމެރިކާ ޑޮލަރު ހަމައެއްނުވޭ. މިހާރު މިއުޅެނީ ގާތްގަނޑަކަށް 3000 ޑޮލަރާ ހަމައަށް ގޮސްގެން. މީހުން މަރުވާ އަދަދު އެތައް ތަނެއް ކުޑަކުރެވިއްޖެ. ކުޑަކުދިން ޅަފަތުގައި މަރުވާ އަދަދު 120 އޭރު އޮވެފައި، މިހާރު އެވަނީ 14،15 ގައި. މީހަކު ދުނިޔޭގައި ހުންނާނެ ކަމަށް ބެލެވޭ އުމުރު 46 އިން މިހާރު މިއޮތީ 70 އަށް ގޮސްފައި. އަޅުގަނޑުމެންގެ ލިޔަން ކިޔަން ދަތުމުގެ ނިސްބަތް މިހާރު މިއޮތީ 98 އަށްވުރެ މައްޗަށް ގޮސްފައި. މީހުންގެ އަތްމަތި ތަނަވަސްކަން، މާލެއަށާއި އަތޮޅުތަކަށްވެސް ބައްލަވާލައްވާ! މިހިރަ އިމާރާތްތަކާއި. މަގުތަކާއި، މީހުން ގެންގުޅޭ ވެހިކަލްތަކާއި، ޓީ.ވީއާއި، ރޭޑިޔޯއާއި، ވީ.ސީ.އާރުތަކާ، މިހެންގޮސް ދަންނަވާފައި ނުދަންނަވާނެ އެއްޗެއްނެތް. މޯބައިލް ފޯނުތަކާ، މިހުރިހާ އެއްޗަކުން އެނގެނީ، އަޅުގަނޑުމެން މިތިބީ މިހާރު ވަރަށް ބޮޑުތަން ތަރައްޤީވެފައިކަން. ތަރައްޤީވެފައި މިއޮތީ އެހުރިހާ އެއްޗެއް ރަނގަޅަށް ބޭނުންކުރެވިގެން. ބޭރުން ލިބޭ އެހީއާއި، އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތާ، މިކަންތައްތައް ރަނގަޅަށް ކުރެވިގެން، މިނަތީޖާ ހާސިލު ކުރެވުނީ. ތިޔަ ވިދާޅުވާ ގޮތަށް ކަންތައް ދިޔަނަމަ، އެހެނެއް ނުވެސްވީސް.

އަނެއްކާ އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައެއް އެބައޮތް. އެއީ ވާރލްޑް ބޭންކާއި އައި.އެމް.އެފް.ގެ ފަރާތުން ހަމަ ކޮންމެ އަހަރަކުހެން ބޭފުޅުން ވަޑައިގެން، ރާއްޖޭގެ އިޤްތިޞާދު އެބަ ދިރާސާ ކުރައްވާ. ރިޕޯޓްތަކެއް އެބަ ހުށަހަޅުއްވާ. އެއިން އެއްވެސް ރިޕޯޓެއްގައި، މިލިބޭ ފައިސާއަކީ ގޯސް ގޮތެއްގައި ބޭނުންކުރެވޭ ފައިސާއެކޭ، އެއްވެސް ފަހަރަކު ވިދާޅުވެފައެއް ނުވޭ. މިހާރުވެސް އެހެރީ ރިޕޯޓްތައް ބައްލަވައިލައްވާ! އެއްވެސް ރިޕޯޓެއްގައި ނޯންނާނެ، ބޭރުގެ އެހީގެ ގޮތުގައި ލިބޭ ފައިސާއެއްވެސް، ލޯނުގެ ގޮތުން ލިބޭ ފައިސާއެއްވެސް، ނުބައިގޮތަކަށް ބޭނުންކޮށްފައި އޮތެކޭ. އެއާ ޚިލާފަށް އެހުރިހާ ފަރާތްތަކަކުންވެސް ރާއްޖެއަށް ވަރަށް ތަޢުރީފް ކުރައްވާ، ރާއްޖެއަށް ލިބޭ ފައިސާ ރަނގަޅުގޮތުގައި ބޭނުންކުރާތީ. އެހެންވީމާ، މީހުން ދައްކާ ކަމަށްވަންޏާ އެއްވެސް ޙަޤީޤަތެއް އޮތް ވާހަކައެއް ނޫން، މީހުން ތިޔަ ދައްކަނީ.

ސުވާލު 13:

މިހާރު ޢައްޔަން ކުރެވިފައިވާ އޮޑިޓަރ ޖެނެރަލް، ދި.އެފް.އެމް.ގެ [ވަން ޓު ވަން] ޕްރޮގްރާމަށް ދެއްވި އިންޓަރވިޔުއެއްގައި ފާހަގަކުރައްވާފައި އެބައޮތް، މިހާތަނަށް އެމަނިކުފާނުގެ އޮފީހުން ބެއްލެވި ބެއްލެވުންތަކުގެ އަލީގައި، ސަރުކާރުގެ އެކި ދާއިރާތަކުގެ އިސްރާފު ވަރަށްބޮޑު ކަމަށް. އިސްރާފު ކުޑަކުރެއްވުމަށް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް. އިސްރާފު ބޮޑުކަމަށް މަނިކުފާނު ގަބޫލުފުޅު ކުރައްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ:

އިސްރާފަކީ ކޮން އެއްޗެއްކަން ބަލައިލަން އެބަޖެހޭ ދޮގެއްތޯ؟ ތިޔަ ވިދާޅުވި އިންޓަރވިޔުއެއް އަޅުގަނޑު އަޑެއްނާހަން. އިސްރާފަކީ ކޮންއެއްޗެއް ކަމަށް ބަލައިލާއިރު އެއީ މުވައްޒަފުންގެ މުސާރަ ކަމަށްވަންޏާ، އަޅުގަނޑަށް ދަންނަވަންޖެހެނީ އެއީކީ އިސްރާފެއް ނޫނޭ. ޙަޤީޤަތުގައި އަދިވެސް ސަރުކާރުގެ މުވައްޒަފުންގެ މުސާރަ، އެމީހުންކުރާ މަސައްކަތަކާ އެއްވަރަކަށް ހަމައެއްނުޖެއްސޭ. ހަމަޖެއްސޭނެ ގޮތެއްވެސް ނެތް. އެއީ، ބަޖެޓުގެ ދަތިކަން ހުރިގޮތުން. އަދި ސަރުކާރުގެ ވަޒީފާތަކާއި، އަމިއްލަ ކުންފުނިތަކާއި ފަރާތްތަކުގެ ވަޒީފާތަކުގެ މުސާރައާ އަޅައިބަލާއިރު، ވަރަށް ބޮޑު ތަފާތު އެބަހުރި. އެހެންވީމާ، އެއީކީ އިސްރާފެއް ކަމަކަށް ނުބެލެވޭނެ، މުވައްޒަފުންނަށް މުސާރަ ދިނުން ނުވަތަ އެމީހުންގެ މުސާރަ އިތުރުކުރުން.

ދެން މިސާލަކަށް، ކަރަންޓް ބޭނުންކުރާއިރު، މާގިނައިރު ވަންދެން އޮފީސްތައް ދިއްލާފައި ހުރުން، ނުވަތަ އެއަރކޮންޑިޝަން ބޭނުންކުރުން ނުވަތަ އެނޫން ކަންތައްތައް ކުރުން. ފަހަރެއްގައި މި ކުޑަކުރެވިދާނެކަންނޭނގެ. އެކަމަށް އަޅުގަނޑުމެން އަބަދުވެސް އެބަ މަސައްކަތްކުރަން. އަދި މިހާރަކަށް އައިސް ތެލުގެ ޚަރަދު ބޮޑުވުމާ، މިކަންތައްތައް މިހެން ހުރުމާއެކީގައި އަޅުގަނޑު އެބަ ވަރަށް މަސައްކަތް ކުރަން، މިޚަރަދުތައް ވަރަށް ކުޑަކުރެވޭތޯ. އެއީ ސަރުކާރުގެ އެކަންޏެއްނޫން. މުޅި ޤައުމުގެ ޚަރަދު. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ކޮޓަރިން ނުކުންނައިރު ބޮކި ނިއްވާލާފައެއް ނޫން ނުކުންނަނީކީ. އެއަރކޯން ނިންވާލާފައެއް ނޫން ނުކުންނަނީކީ. ފަންކާ ނިއްވާލާފައެއް ނޫން ނުކުންނަނީކީ. އަބަދުވެސް ހުންނަނީ ޖައްސާފައި. ރޭޑިޔޯވެސް ޓީ.ވީ.ވެސް ހުޅުވާފައި. މިހުންނަނީ ވަރަށް ބޮޑެތި އިސްރާފު. އަޅުގަނޑުމެންނަށް ދަސްވެފައި ހުރިގޮތް އެއީ. އެއީކީ އެކަމަކު މިހާރަކަށް ކަމުދާގޮތެއްނޫން. އެހެންވީމާ، އެކަހަލަ ކަންތައްތައް ކުޑަކުރެވޭތޯ މަސައްކަތް އެބަކުރަން. އެހެންނޫނީވިއްޔާ ތިޔަ ވިދާޅުވާ ކަހަލަ އިސްރާފުތަކެއް އަޅުގަނޑަށް ފެނިފައެއް ނެތް. އަދި މިވެނިކަމަކީ އިސްރާފެކޭ ކިޔާފައި އެއްވެސް ބޭފުޅަކު އަޅުގަނޑު ގާތުގައި ވިދާޅުވެފައެއް، އެވާހަކަ ދައްކަވާފައެއްވެސް ނެތް. އެހެންވީމާ، އަޅުގަނޑަށް ހީވަނީ ތިޔައީ ބުނާ އެއްޗެއް މީހުންނަށް ރަނގަޅަށް ނޭނގި ދެއްކޭ ވާހަކައެއްހެން. އިސްރާފަކީ ކޮން އެއްޗެއްކަން. އެހެން ދެކެވޭ ވާހަކައެއްހެން އަޅުގަނޑަށް ހީވަނީ.

ސުވާލު 14:

ރާއްޖެއަށް މިހާރު އަންނަމުންމިދާ އިޞްލާޙީ ތަފާތު ބަދަލުތަކުގެ ތެރެއިން، އެކި ދާއިރާތަކަށް ވަކިވަކިން ބަލައިލާއިރު، މަނިކުފާނުގެ ވާހަކަފުޅުގައިވެސް ކުރިން އިޝާރަތް ކުރެއްވި ޢަދްލުއިންޞާފު ޤާއިމުކުރުމުގެ ދާއިރާގެ ބައެއް ބަދަލުތަކުގެ ވާހަކަވެސް. ރާއްޖޭގެ ޢަދްލުއިންޞާފު ރަނގަޅަށް ޤާއިމުނުކުރެވޭ މައްސަލަ ނުވަތަ ޤާއިމުކުރެވޭނަމަ، މިހާރު ދިމާވާ އިޖްތިމާޢީ ބައެއް މައްސަލަތައް ނުނުކުންނާނެ ކަމުގެ ވާހަކަތައް. މިއީ ހަމަ ތަކުރާރުކޮށް އިވެމުންދާ އަޑުތަކެއް. ރާއްޖޭގައި ޢަދްލުއިންޞާފު ރަނގަޅަށް ޤާއިމުކުރެވޭތޯ؟

ރައީސުލްޖުމްހޫރިއްޔާ:

ދުނިޔޭގެ އެއްވެސް ތަނެއްގައި އަޅުގަނޑު ހިތެއް ނުބުނޭ، އެންމެ ފުރިހަމައަކަށް ޢަދްލުއިންޞާފު ޤާއިމުކުރެވެއެކޭ. އޭގެ މިސާލުތައްވެސް އަޅުގަނޑުމެންނަށް ފެނޭ ވަރަށް ގިނަ ތަންތަނުން. މިއީވެސް ނިސްބީކަމެއް ދޮގެއްތޯ. އެކަމަކު ރާއްޖެއަށް ވާގޮތަކީ ރާއްޖޭގެ ކުޑަކަމާއެކީގައި ކިރިޔާވެސް ކަމެއް ގޯސްކޮށް ހިނގައްޖެ ކަމަށް އެކަކަށްވެސް ފެނިއްޖިއްޔާ، އެވާހަކަ ފަތުރާނެ. ދެން މީހުންނަށް އިވޭނީ އެ ވާހަކަ. ރަނގަޅަށް ހިނގާ ކަމެއްގެ ވާހަކައެއް ނުމެ ދައްކާނެ. އަދި ވަރަށް ގިނައިން ޢަދްލުއިންޞާފު ޤާއިމުކުރުމުގައި ދޭދޭ މީހުންގެ ދޭތެރޭގައި އޮންނަ ޝަރީޢަތުގެ މައްސަލަ މި ހުށަހެޅެނީ. ޝަރީޢަތުން ދެފަރާތުންކުރެ އެއްފަރާތަކަށް އެމައްސަލަ ނިމިގެންދާނީ. އަނެއް ފަރާތުން އަބަދުވެސް ބުނާނެ، އެއޮތީ ގަވާއިދާ ޚިލާފަށް ނުވަތަ ގޯސްކޮށް ނުވަތަ ޢަދްލުއިންޞާފެއް ނެތިއްޔޭ. އެހެންވީމާ، މިވާހަކަތައް ފެތުރޭނެ ހަމަހަމަގޮތެއްގައި. ހަމަ ކޮންމެ މައްސަލައަކާ ގުޅިގެން އެއްފަރާތުން ބުނާނެ ރަނގަޅޭ، އަނެއް ފަރާތުން ބުނާނެ ގޯހޭ. އެހެންވީމާ، އަޅުގަނޑުމެން މިހާރު ކޮންމެ ތަނެއްގައިވެސް މިހަދާ ގޮތަކީ ޢަދްލުއިންޞާފު ޤާއިމުކުރުމުގެ ތަފާތު މަރުޙަލާތަކެއް މި ހަދަނީ. ރާއްޖޭގައިވެސް މިއޮތީ ހަދާފައި. އެންމެ ފުރަތަމަ މިހާރު މިހިރަ ޖަސްޓިސް މިނިސްޓްރީގެ ކޯޓްތައް. ކޯޓްތަކުން ނިންމަވާ ކަންތައްތައް، އެއްފަރާތަކުން ހިތްހަމަ ނުޖެހިއްޖިއްޔާ، އެބައޮތް ހައިކޯޓަށް ހުށަހެޅުމުގެ ޙައްޤު. އެހެންވީމާ، ހައިކޯޓަށް ހުށަހަޅާނީ. ހައިކޯޓަށް ހުށަހަޅައިގެން ހައިކޯޓުން އަނެއްކާ އެމައްސަލަ ބައްލަވާފައި، ގޮތަކަށް ނިންމަވާނެ. ނިންމަވާއިރު އެނިންމަވަނީ އެންމެފުރަތަމަ ކޯޓުން ނިންމެވި ގޮތަށް ތާއީދުކުރައްވާފައި ކަމަށްވެސް ވެދާނެ. ނުވަތަ އެއާ ދެކޮޅަށް ކަމަށްވެސް ވެދާނެ. ކޮންމެ ޙާލަތެއްގައިވެސް ދެންވެސް އެބައޮތް އެތަނުން ހިތްހަމަނުޖެހުނު މީހަކަށް ފުރުޞަތެއް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮންނަ ކޮމިޓީއަށް ހުށަހަޅަން. އެއީ ތިންވަނަ މަރުޙަލާ. އެއީ ރާއްޖޭގައި ސުޕްރީމް ކޯޓެއް ނެތީމާ، ވަގުތީ ގޮތުން ހަދާފައި ހުރިތަނެއް. ސުޕްރީމް ކޯޓް އުފެދުނީމާ އެތަން މުޅިން އުވިގެންދާނެ. ދެން އަނެއްކާ އެތާ ތިއްބަވާ ބޭފުޅުންނަކީ ހަމަ ރާއްޖޭގެ، ޝަރުޢީ ޤާނޫނީ މަތީ ފެންވަރުގެ ތަޢުލީމު ހާސިލު ކުރައްވާފައި ތިއްބެވި، ހަމަ ތަޖުރިބާކާރު ބޭފުޅުން. އަޅުގަނޑެއް ނީންނަން. އެހެންވީމާ، އެބޭފުޅުން ބައްލަވާފައި އެބޭފުޅުންގެ އަޣްލަބިއްޔަތަކުން ނިންމަވާ ގޮތަކަށް ނިމިގެން، ރައީސް އޮފީހުން ޖަވާބުދޭނެ، މިވެނި ގޮތަކަށޭ މައްސަލައޮތީ. އެހެންވީމާ، މިހާ ބޮޑަށް ރަނގަޅަށް ގެންދެވޭތޯ މަސައްކަތްކުރަން. އެހެންނަމަވެސް، އިންސާނުންނަކީ އިންސާނުން ކަމަށްވީތީ ހުރިހާކަމެއް ނިމިފައި ހުރީކީ ރަނގަޅަށޭ، އަޅުގަނޑު ދަންނަވާކަށް ނެތިން. އަދި ދުނިޔޭގެ އެއްވެސް ތަނެއްގައި ހިއެއްނުވޭ، ޝަރީޢަތުގެ ހުރިހާކަމެއް، ހުރިހާ ތަނެއްގައި ހުންނާނީ ރަނގަޅަށް ނިމިފައި ހެންނެއް. އެކަމަކު ވަރަށް ބޮޑަށް އިޞްލާޙު ކުރަން، ވަރަށް ބޮޑަށް އެބަ މަސައްކަތް ކުރެވޭ. މިދެންނެވި ތަފާތު މަރުޙަލާތަކުން ކޮންމެ މީހަކަށްވެސް އެމީހެއްގެ ޙައްޤު ލިބިގަތުމަށްޓަކައި މަސައްކަތްކުރުމުގެ ފުރުޞަތުވެސް އެބައޮތް.

ސުވާލު 15:

ރައީސް މައުމޫނުގެ ސަރުކާރަކީ ވަރަށް އަނިޔާވެރި ސަރުކާރެއް ކަމަށް ބައެއް ފަރާތްތަކުން ސިފަކޮށް، ރާއްޖޭގައި މިއޮތް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި އެބަ ދެކެވޭ އިނގޭތޯ؟ މަނިކުފާނުގެ ވާހަކަފުޅުގައިވެސް ވިދާޅުވެއްޖެ، ދެކެވޭ ކޮންމެ ވާހަކައަކީ ޙަޤީޤަތަކަށް ނުވާނެއޭ. މިދެކެވޭ ވާހަކަތަކުގެ އަސްލަކީ ކޮބައިތޯ؟ އަދި މިއީ އެއްވެސް އަސްލެއްނެތް ވާހަކަތަކެއް ކަމަށް ސާބިތުކޮށްދެއްވިދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ:

އަޅުގަނޑަށް ހީވަނީ، ތިޔައީވެސް ނިސްބީކަމެއްހެން. އަނިޔާއަކީ ކޮބައިތޯ؟ އަނިޔާވެރި ސަރުކާރެކޭ ބުނާ މީހަކު އެބުނަނީ ކީކޭތޯ އަޅުގަނޑުމެން އެބަ ބަލައިލަންޖެހޭ. އަޅުގަނޑަށް އެނގޭ އެއްޗަކީ އަޅުގަނޑާ ހަމައަށް މައްސަލައެއް އައިސްގެން އިރާދަކުރެއްވީތީ ނޯންނާނެ، އެއްވެސް މީހަކަށް ބޭއިންޞާފު ގޮތަކަށް ކަމެއް ކޮށްފައެއް. ދެން ތިޔަ ވިދާޅުވި ޝަރީޢަތުގެ ކަންތައްތައް. ޝަރީޢަތުގައިވެސް ނިމޭނީ އަޅުގަނޑު މިދެންނެވި އުޞޫލުން. ޝަރުޢީ ޤާނޫނީ ހަމަތަކުގެ މައްޗަށް ބައްލަވާފައި، ޤާޟީން ނިންމަވަނީ، ނިންމެވީމާ، ހިތްހަމަނުޖެހޭ މީހަކުވިއްޔާ، ހައިކޯޓަށް ދަނީ. ހައިކޯޓަށް ގޮސްގެން ހިތްހަމަނުޖެހުނިއްޔާ ރައީސް އޮފީހަށް ލިޔަނީ. މިހުރިހާ ކަންތައްތަކެއް އެބަހުރި. އެކަމަކު އަނިޔާގެ ގޮތުގައި ކަނޑައެޅިގެން ގަސްދުގައި މީހެއްގެ ޙައްޤު އެމީހަކަށް ލިބިނުދިނުމަށް، އެއިން މަޙްރޫމް ކުރުމަށް، ނުވަތަ އެކަހަލަ ކަމެއް ކުރުމަކަށް، ނޯންނާނެ އިރާދަކުރެއްވީތީ އެއްވެސް ކަމެއް ސަރުކާރުން ކޮށްފައެއް. ހަމަ ޔަޤީނުންވެސް އަޅުގަނޑު ކޮށްފައެއް ނޯންނާނެ. އަދި އަޅުގަނޑަކަށް ހިއެއްނުވޭ، އެހެން އިސްވެރިޔަކުވެސް އެގޮތަށް ކުރައްވާފައި ހުންނާނެހެނެއް. އެހެންވީމާ، އެބުނާ އަނިޔާއަކީ ކޮބައިތޯއޭ. އެހަމަ އަޅުގަނޑު ކުރިން ދެންނެވިހެން ގޯއްޗެއްގެ މައްސަލައިގައި ޝަރީޢަތަށް ގޮސްގެން އޭނާ ބޭނުންނުވާގޮތަކަށް ނިމިއްޖިއްޔާ، ބުނާނީ އަނިޔާއޭ. އަދި ފައިސާގެ މައްސަލެއް، ކޮންޓްރެކްޓެއް ހަދައިގެން އޭގެދަށުން ލިބެންޖެހޭ، ކޮންމެވެސް އެއްޗެއް ނުލިބި، ފައިސާއެއް ނުލިބި ނުވަތަ ކުރަންޖެހޭ ކަމެއް ނުކުރެވި ދިޔައިމާ، ކޮންމެވެސް އެއްކޮޅަކަށް ނިމުނީމާ، އަނެއްކޮޅަށް ހުރި މީހާ ބުނާނެ، ތިމަންނާގެ މައްޗަށް ހަމަ އަނިޔާއޭ މި އަންނަނީ. އެހެންވީމާ، އެއީ އަޅުގަނޑު ހިތަށްއަރަނީ އެއީ ހަމަ ވިސްނާލަންޖެހޭ ނުކުތާއެކޭ. އެއްގޮތަކަށްވެސް އަޅުގަނޑަކަށް އެނގިފައެއް ނެތް، ގަވާއިދާ ޚިލާފަށް ގަސްދުގައި އެއްވެސް ފަރާތަކުން ކަމެއް ނިންމާފައި، މީހަކަށް އަނިޔާކޮށްފައި އޮތް ކަމެއް އިނގޭތޯ.

ދެން އަނެއްހެން ބައްލަވައިލައްވާއިރުވެސް ދުނިޔޭގެ އެހެން ތަންތާނގައި މިހިނގާ ކަހަލަ ބޮޑެތި ހާދިސާތަކެއް އިރާދަކުރެއްވީތީ ރާއްޖެއަކު ނުހިނގާ. ބައެއް ތަންތާނގައި މީހުންނަށް ވާނުވާގޮތް ނޭނގި، އެތައް ބަޔަކު ވީތަނެއް ނޭނގިދަނީ. އަވަށްޓެރި ޤައުމުތަކުގައިވެސް އެތައްސަތޭކަ، އެތައްހާސް ބަޔަކަށް ވީނުވީގޮތެއް ނޭނގި އެބަދޭ. ރާއްޖޭގައި އެބަހުރިތޯ، އެއްވެސް މީހަކަށް ވީނުވީގޮތެއް ނޭނގިފައި. ނުހުންނާނެ. އޭނާ ހުންނާނީ ރަނގަޅަށް. ނޫނީވިއްޔާ ކޮންމެވެސް މައްސަލައެއްގައި ބަންދުގައި ހުރިއްޔާ، އޭނާ ހުރިކަންވެސް އެނގޭނެ. އަނެއްކާ އޭނާގެ ހާލު ބެލޭނެ. ޢާއިލާތަކަށް ޒިޔާރަތް ކުރެވޭނެ. ފޯނު ކުރެވޭނެ. އެކިގޮތްގޮތުން ހާލުބެލޭނެ. އެހެންވީމާ، އެކަހަލަ ބޮޑެތި ކަންތައްތަކެއް ހިނގާފައެއް ނެތް. އެހެންވީމާ، އަޅުގަނޑަކަށް ނޭނގެ، އަނިޔާވެރި ސަރުކާރެކޭ ބުނަންޖެހޭ ސަބަބެއް. ހަމަ ޔަޤީނުންވެސް އަޅުގަނޑަކަށް އެކަމެއް އިރާދަކުރެއްވީތީ ގަބޫލެއްނުވެސްކުރެވޭ. ގަބޫލެއްނުވެސްކުރާނަން.

 

ސުވާލު 16:

ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް ލަސްވީ މަނިކުފާނު ޒަޢީމަކަށް ހުންނެވި ޕާޓީ، ޑީ.އާރު.ޕީ އިން ބޭނުންވާ ގޮތަށް ކަންކަން ނިމެމުން ނުދާތީކަމަށް ދެކެވޭ ވާހަކަތަކަށް ދެއްވާނެ ޖަވާބަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ:

އަޅުގަނޑު ދަންނަވާނީ އެއީ ހަމަ ވަރަށް ބޮޑު ތެދެކޭ. އެކަންވަނީ އެހެންނޭ. އެނގިވަޑައިގަންނަވާނެ، ޑިމޮކްރަސީގެ އެންމެ މުހިންމު އަސާސަކީ އަޣްލަބިއްޔަތަށް ތަބަޢަވުން. މެޖޯރިޓީ ރޫލް. އެހެންވީމާ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ތިއްބަވާ، އަޣްލަބިއްޔަތު ބޭނުންވާ ގޮތަކަށް އެކަން ނިމެންޖެހޭނެ. ޑިމޮކްރަސީއަކީ އެއީ. ފަހަރެއްގައިވެސް މަދު ބަޔަކު ބޭނުންވާ ގޮތަކަށް ކަންތައްތައް ހިނގުމެއްނޫން. އެހެންވީމާ، މިވާގޮތަކީ ޑީ.އާރު.ޕީ.ގެ އަޣްލަބިއްޔަތެއް، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި އޮވެގެން، ޤައުމަށް އެންމެ ފައިދާހުރި ގޮތުގައި ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް ނުވަތަ އާ ޤާނޫނުއަސާސީ ހެދުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، އެކަމަށް ހުރަސްއަޅާ މަދު ބަޔަކު ތިބެނީ. އެމީހުން ކަންތައް ކުރިގޮތް ތިޔަބޭފުޅުންނަށް އޮންނާނީ ފެނިވަޑައިގެންފައި. އަޅުގަނޑު ކޮންމެހެން ދަންނަވާކަށް ނުޖެހޭ. ޖަލްސާތަކުގައި އަޑުގަދަކުރުމާއި، ވޯޓަށް އެހީމާ، ވޯޓްދިނަނުދިނުމަށް އެކިގޮތްގޮތުން ހުރަސްއަޅައި، ބައެއް ޖަލްސާތައް ބޮއިކޮޓްކޮށް، ކަންތައް ލަސްކޮށް، މިހެން މިހެދީ. އެއީ މަދު ބަޔަކު ކުރިކަމެއް. އެކަމަކު އެހެން ކުރުމުގެ ސަބަބުން މިއޮތީ މަސައްކަތް ލަސްވެފައި. އެއީ އަޣްލަބިއްޔަތު ބޭނުންވާ ގޮތަށް އެކަންތައް ނުގެންދެވިގެން. ޙަޤީޤަތުގައި ކޮންމެ ކަމެއްވެސް ނިމެންޖެހޭނީ އަޣްލަބިއްޔަތު ނުވަތަ މެޖޯރިޓީ ބޭނުންވާ ގޮތަށް. އެއީ ޑިމޮކްރަސީއަކީ. އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ ޑިމޮކްރަސީ. އެހެންވީމާ، ޑިމޮކްރަސީއެއްގައި އޮންނަންޖެހޭނީ އެގޮތް. ތިޔަ ވިދާޅުވީ ތެދެއް.

ސުވާލު 17:

ފަހަކަށްއައިސް މި ފާސްވެގެންދިޔަ ޤާނޫނުތައް، އަދި ރައީސުލްޖުމްހޫރިއްޔާ މި ތަޞްދީޤު ކުރެއްވި ޤާނޫނުތަކުގެ ތެރެއިން، އެޤާނޫނެއްގެ އަސަރު ނުވަތަ އެޤާނޫނެއްގެ ވާހަކަ އެންމެ އަޑުގަދަވެގެންދިޔަ ޤާނޫނަކީ، އަޅުގަނޑު ދަންނަވާނީ ސިވިލް ސަރވިސްއާ ބެހޭ ޤާނޫނޭ. އެ ޤާނޫނުގެ ދަށުން ތަންފީޒުވެގެންދިޔަ ކަންތައްތަކުގެ އަސަރުވެސް ތަންކޮޅެއް ފުޅާކޮށް މުޅި ޤައުމަށް ފެތުރިގެންދިޔަ. ދާދިފަހުން ބޭއްވުނު މަޖިލީހުގެ ޖަލްސާއެއްގައި، މަޖިލީހުގެ ތަޅުމުގައި ބައެއް މެންބަރުންވެސް އެބަހުރި ވާހަކަފުޅު ދައްކަވާފައި، މަނިކުފާނު ޑީ.އާރު.ޕީ.ގެ ޒަޢީމުގެ ހައިސިއްޔަތުން ޕާޓީގައި ދެއްކެވި ވާހަކަފުޅެއްގައި، މަޖިލީހުގެ މެންބަރުންނަށް މުޚާޠަބުވާ ގޮތަށް މަޖިލީހުގެ މެންބަރުންނަކީ، އިންސާނިއްޔަތުކަމެއް ނެތް ބައެއްކަން ދޭހަވާ މޭރުމުން، ވާހަކަފުޅު ދެއްކެވި ކަމަށް. ދެން އެގޮތަށް ވާހަކަފުޅު ދެއްކެވީތީ، އެބޭފުޅުން އެބަހުރި، ތަޅުމުގައި އެވާހަކަތައް ދައްކަވާފައި. ދެން ދިވެހި ރައްޔިތުންނަށް އަޅުގަނޑު ހިތުން އޮންއެއަރވެގެން ގޮސްފައިވަނީ. ދެން މިކަމާ މަނިކުފާނު މަޢާފަށް އެދިވަޑައިގަންނަވަން ޖެހޭނެ ކަމަށްވެސް ބައެއް ބޭފުޅުން އެބަހުރި ވިދާޅުވެފައި. ކީކޭތޯ މިކަމާ ދޭތެރޭގައި ވިދާޅުވާނީ؟

ރައީސުލްޖުމްހޫރިއްޔާ:

އަޅުގަނޑަށް ހީވަނީ ތިޔަ އުޅެނީ ވަރަށް ބޮޑު އޮޅުމެއްހެން. އެންމެ ފުރަތަމަ އަޅުގަނޑުގެ ތަފާތު ތިން ހައިސިއްޔަތެއް އެބައޮތް ދޮގެއްތޯ. އެއް ހައިސިއްޔަތަކީ، ދިވެހިރައްޔިތުންގެ ޕާޓީގެ އިންތިޚާބު ކުރައްވާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތު. އަނެއް ހައިސިއްޔަތަކީ ދިވެހި ޕާޓީގެ މެންބަރުން އިންތިޚާބު ކުރައްވާފައިވާ، އެޕާޓީގެ ޒަޢީމުގެ ހައިސިއްޔަތު. ތިންވަނަ ހައިސިއްޔަތަކީ އަޅުގަނޑުގެ އަމިއްލަ ހައިސިއްޔަތު. އިންސާނެއްގެ ހައިސިއްޔަތު. ދިވެހި ރައްޔިތެއްގެ ހައިސިއްޔަތު. އެހެންވީމާ، މިކަން ބަލަން އެބަޖެހޭ، އަޅުގަނޑު ތިޔަބުނި އެއްޗެއް ބުނީ ކޮން ހައިސިއްޔަތަކުންތޯ.

އެންމެ ފުރަތަމަ ދަންނަވާލަން ޖެހެނީ، އިންސާނިއްޔަތުކަމެއް ނެތެކޭ އަޅުގަނޑު ދުވަހަކުވެސް ނުބުނަން.
އެ ޢިބާރާތް އަޅުގަނޑު ދުލަކުން ނުނުކުންނާނެ. ނުކުމެފައެއްވެސް ނެތް. އެހެނެއްނޫން، ތިޔަ ވިދާޅުވިހެން ޑީ.އާރު.ޕީ.ގެ ޖަލްސާއެއްގައި ވާހަކަ ދައްކަމުން އަޅުގަނޑު ބުނިން، އަޅުގަނޑު ވަރަށް ދެރަވެޔޭ، 65 އަހަރުވީ މީހުން ވަޒީފާއިން ވަކިވިއިރު، އެމީހުންނަށް އެކަށީގެންވާ ނޯޓިހެއް ނުލިބި، ކުއްލިއަކަށް ވަޒީފާއިން ވަކިވާންޖެހޭގޮތް ދިމާވީމާ. އެހެންވީމާ، އަޅުގަނޑު ހުށަހެޅީމޭ ދިވެހި ސަރުކާރުން އިޞްލާޙުތަކެއް. އެއިޞްލާޙުތަކުގައި އޮންނާނެއޭ، ދެ އަހަރު ދުވަހުގެ މުއްދަތު އެމީހުންނަށް ލިބޭގޮތަށް. އޭރުން ކޮންމެ މީހަކަށްވެސް އެނގޭނެ، މީގެ ދެ އަހަރު ފަހުން ވަކިވާނެކަން. އޭނާއަށް އޭނާގެ ކަންތައްތައް އަމިއްލައަށް ރާވައި، ޕްލޭން ކުރުމުގެ، ކުރިއަށް ރޭވުމުގެ ފުރުޞަތު އޮންނާނެ. 65 އަހަރުވީމާ ކުއްލިއަކަށް ވަކިކޮށްލީމާ އެހެނެއްނުވާނެ. އަދި ޙަޤީޤަތުގައި އަޅުގަނޑުމެންނަކީ ޤާނޫނެއް ފާސްވިޔަސް، އެ ޤާނޫނުގައި ބުނާ ހުރިހާ އެއްޗެއް އެނގޭ ބަޔެއް ނޫން. އެއްވެސް މީހަކަށް ނޭނގޭނެ. ކިހިނެއްތޯ އެނގެނީ ސިވިލް ސަރވިސް ޤާނޫނެއް ފާސްވެއްޖެކަން، އެ ޤާނޫނުގައި 65 އަހަރުވެފައިވާ މީހަކު ވަކިވާނެކަން، މަށަކީ 65 އަހަރުވެފައި ހުރި މީހެއްކަން، މަ ވަކިވާނެކަން. ވަރަށް މަދު މީހަކަށް އެނގޭނީ. އެވަރަކަށް ކިޔައިދެވިފައިވެސް ނުހުރޭ. އެވަރަކަށް މީހުންނަށް އޮޅުންފިލުވައިދެވިފައެއްވެސް ނުހުރޭ. އެހެންވީމާ، ވަރަށް ގިނަ ބަޔަކަށް ވަރަށް ބޮޑު ޝޮކަކަށް މިކަންވީ. ކުއްލި ޙައިރާންކަން ލިބިގެން ވަރަށް ބިރުގަތް. ބައެއް މީހުން ބަލިވެސްވި. ހޮސްޕިޓަލަށްވެސް ދާންޖެހުނު. ދުނިޔޭގެ އެހެން ތަންތާނގައިވެސް މިހެން ވެފައި އެބަހުއްޓޭ. ރާއްޖެ އެކަންޏެއްނޫން އިނގޭތޯ.

އެހެންވީމާ، އަޅުގަނޑު އެރޭ ބުނި ވާހަކައަކީ އަޅުގަނޑުމެން އެބަޖެހެޔޭ، އެކަހަލަ ކަންތައްތަކަށް ވިސްނާލަން. ސަރުކާރުން ހުށަހެޅީމޭ އިޞްލާޙުތަކެއް، އެއްވެސް ދިވެހި ރައްޔިތަކަށް މިގޮތް ކުރިމަތިވިޔަނުދިނުމަށްޓަކައި. އެއްވެސް ދިވެހި ރައްޔިތަކަށް ގޯސްގޮތެއްވާކަށް ސަރުކާރަކުން ނޭދޭ. އަމުދުން 65 އަހަރުވާ މީހަކު ހުންނާނީ ވަރަށް ގިނަ ދުވަހު ސަރުކާރަށް ޚިދުމަތް ކޮށްފައި. އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްފައި ހުރި މީހަކަށް ކުއްލިއަކަށް މިހެން ވާކަށްނުޖެހޭ. އެހެންވީމާ، އެހެންވިޔަ ނުދިނުމަށްޓަކައި ސަރުކާރުން ހުށަހެޅީމޭ އިޞްލާޙުތަކެއް. އެހެންނަމަވެސް، މަޖިލީހުން އެ ބަލައެއްނުގަތޭ. އެއީ އެމީހުންނަށް އޮންނަ ރަޙުމްނެތީ ކަމަށޭ އަޅުގަނޑަށް ފެންނަނީ. އެއްގޮތަކަށްވެސް މުޅި ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ ގޮތަކަށް، ވަކި ބޭފުޅުންނަކަށް ނިސްބަތްވާ ގޮތަކަށް، ވަކި މެންބަރަކަށް ނިސްބަތްވާ ގޮތަކަށް އަޅުގަނޑު އެއްޗެއް ނުބުނަން. އެހެންވީމާ، އެއީ ހަމަ ޙަޤީޤަތާ ޚިލާފަށް ދެކެވުނު ވާހަކަތަކެއް. މަޖިލީހުގެ ތަޅުމުގައި ތިޔަ ދެކެވުނީ.

ސުވާލު 18:

ތިޔަ ދެއްވި ޖަވާބާ ގުޅިގެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މަޖިލީހުގެ ބައެއް މެންބަރުން އެބަ ވިދާޅުވޭ،
މި ސަރުކާރަށް އެކަށީގެންވާ މުއްދަތެއް ލިބިވަޑައިގެންނެވިޔޭ، އެ ޤާނޫނު ތަންފީޒު ކުރުމަށް. އަދި ސަރުކާރު މުވައްޒަފުންގެ ތެރޭގައި އުމުރުން މިދެންނެވި ގިންތީގެ ތެރޭގައި ހިމެނޭ މީހުންނަށް ނޯޓިސް ދިނުމަށް. އެހެންވީމާ، ސަރުކާރުން މިކަން ލަސްކުރެއްވި ކަމަށް، ބައެއް ބޭފުޅުން އެބަ ސަރުކާރުގައި އެ އިލްޒާމް އެބަ އަޅުވާ. މިދެންނެވީ އެޒިންމާ ސަރުކާރުން ނަގަންޖެހޭނެކަމަށް އެބަ ފާހަގަކުރައްވާ. އެކަން ގަބޫލުފުޅުކުރައްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ:

އިލްޒާމް އެޅުވުމަކީ އެމީހަކު ބޭނުންގޮތަކަށް ކުރެވިދާނެ ކަމެއް ދޮގެއްތޯ. ހަމަޖެހިފައި އޮންނަ އުޞޫލަކީ އެއްވެސް ބިލެއް ފާސްވެއްޖައީވިއްޔާ، ސަރުކާރުން އެބިލެއް ފޮނުވާނެ ދައުލަތުގެ އެޓަރނީ ޖެނެރަލްގެ އަރިހަށް. ފޮނުވީމާ، އެޓަރނީ ޖެނެރަލް ބައްލަވާފައި ރައީސަށް ލަފާ ދެއްވާނެ، މި ބިލް ތަޞްދީޤުކުރުން އެންމެ ރަނގަޅޭ. ނުވަތަ ތަޞްދީޤުކުރުން ރަނގަޅެއް ނޫނޭ. އެއީ އޭނާ ކުރައްވަންޖެހޭ ކަމެއް. އޭނާގެ މަސްއޫލިއްޔަތެއް. ރައީސުލްޖުމްހޫރިއްޔާއަކަށް ނުޖެހޭނެ، ޤާނޫނެއް ފާސްވީމާ، އަކުރުން އަކުރަށް ކިޔާފައި، އެ ރަނގަޅުތޯ ނުބައިތޯ ބަލާކަށެއް. އެކަމަށް ޚާއްޞަކުރެވިފައި ހުންނަ މަސްއޫލުވެރިޔަކު އެބަ ހުންނަވާ. އެއީ އެޓަރނީ ޖެނެރަލް. އެޓަރނީ ޖެނެރަލް އެހެން ފޮނުއްވައިފީވިއްޔާ، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރާނެ. ހުރިހާ ޤާނޫނެއްވެސް ތަޞްދީޤުކޮށްގެން ދިޔައީ ހަމަ އެގޮތުގެ މަތިން.

ދެން ތިޔަ ކަހަލަ މައްސަލަތަކެއް ހުރިކަން އެނގިގެން ވަޒީރުންގެ މަޖިލީހުގައި އަޅުގަނޑުމެން ތިޔަކަމާ ޚިޔާލުފާޅުކޮށް މަޝްވަރާ ކުރިން. އެބޭފުޅުންނަށްވެސް ފާހަގަކުރެވުނު، ތިޔަ ވިދާޅުވާ ކަންތައްތައް. އެހެންނަމަވެސް، ހުރިހާ ބޭފުޅުންވެސް އަޅުގަނޑަށް ލަފާދެއްވީ ތަޞްދީޤުކުރާށޭ. ތަޞްދީޤުކޮށްފައި ވީއެންމެ އަވަހަކަށް، އެމައްސަލަތައް ޙައްލުކުރުމަށްޓަކައި އިޞްލާޙު ހުށަހަޅާނީއޭ. އެހެންވީމާ، ވަޒީރުންގެ މަޖިލީހުން ނިންމެވި ގޮތެއްގެ މަތިން، އަޅުގަނޑު ތަޞްދީޤުކޮށްފައި، އަދި އިޞްލާޙުތައް ތައްޔާރުކޮށްފައި އިޞްލާޙުތައް ފޮނުވީ. ފޮނުވީމާ އިޞްލާޙުތަކަށް ވީގޮތް ތިޔަ އެނގިވަޑައިގެންނެވީ. އެހެންވީމާ، އެއީކީ ސަރުކާރުން ގަސްދުގައި ނުވަތަ އޮޅުވާލައިގެން ނުވަތަ އިހުމާލުން ކޮށްފައި އޮތް ކަމެއްނޫން. އެކަން ހަމަ ވެގެންދިޔަގޮތް.

ސުވާލު 19:

ދެން މިއަދުގެ ދިވެހިރާއްޖެއަކީ، މީގެކުރީގެ ދިވެހިރާއްޖެއާ އަޅާބަލާއިރު، ވަރަށް ގިނަ އާ ކަންތައްތަކެއް ހިނގަމުންދާ ރާއްޖެއެކޭ އަޅުގަނޑު ދަންނަވާނީ އިނގޭތޯ. މިއަދުގެ ރާއްޖޭގެ ޙާލަތު އޮތްގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން، މަނިކުފާނު އެންމެބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަންކަމަކީ ނުވަތަ މައްސަލަތަކަކީ ކޮބައިތޯ؟


ރައީސުލްޖުމްހޫރިއްޔާ:

ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން، އަޅުގަނޑު ކަންބޮޑުވާ ވަރަށް ގިނަ ކަންތައްތައް އެބަހުރި. އެހެންނަމަވެސް، މިވަގުތަށް ދަންނަވަންޖެހެނީ، އޭގެތެރެއިން އެންމެ ބޮޑު ކަމަކީ، ހަމަ މަސްތުވާތަކެތީގެ މައްސަލައޭ. މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުން ގިނަވަމުން ދިޔުމާއި، އޭގެ ވިޔަފާރި ރާއްޖޭގައި ފެތުރެމުން ދިޔުމާއި، އޭގެސަބަބުން އަޅުގަނޑުމެންގެ އަމިއްލަ އަފްރާދުންނަށާއި ޢާއިލާތަކަށް ލިބޭ ހިތާމައާއި ގެއްލުން، އިޙްސާސްކުރަންޖެހޭ ވޭން، މިއީ އަޅުގަނޑުގެ އެންމެ ބޮޑު މައްސަލައަކީ، މިހާރު އެންމެ ބޮޑަށް ކަންބޮޑުވާ މައްސަލައަކީ. އެހެންވީމާ، މިކަން ޙައްލުކުރެވޭތޯ ކުރިން ދެންނެވި، މަސްތުވާތަކެއްޗާބެހޭ މައި މަޝްރޫޢު މި އިފްތިތާޙުކުރީ. އިރާދަކުރެއްވިއްޔާ، އެ ހަމަ ކާމިޔާބު މަޝްރޫޢަކަށް ވެގެންދާނެ. އެހެންވެއްޖައީވިއްޔާ، މި މައްސަލަ ކުރިއަށް އޮތް ތާނގައި ވަރަށްބޮޑުތަން ކުޑަވެގެން އަންނާނެ.

އަނެއް މައްސަލައަކީ، ތެލުގެ އަގު ބޮޑުވުމާއި، ކާބޯތަކެތީގެ އަގު ބޮޑުވުމުން މި ދިމާވާ މައްސަލަ. މިއީ މުޅި ދުނިޔެއަށް ކުރިމަތިވެފައި އޮތް މައްސަލައެއް. މިކަމުގައި އަޅުގަނޑުމެންނަށް ހެދޭނެ ގޮތްތައް ވަރަށް މަދު. އެއީ އަޅުގަނޑުމެންނަކީ ތެޔޮ އުފައްދާ ޤައުމެއްވެސް ނޫން. އަޅުގަނޑުމެން ބޭނުންވާ ތެޔޮ ބޭރުން މި އެތެރެކުރަނީ. ބޭރުން ލިބެން ހުންނަ އަގަކަށް އަޅުގަނޑުމެން ގަންނަންޖެހެނީ. އެހެންވީމާ، އެ އަގާ ދޭތެރޭގައި އަޅުގަނޑުމެންނަށް ކުރެވޭނެ އެއްވެސް ކަމެއްނޯވޭ. އޭގެސަބަބުން، ކާބޯތަކެތީގެ އަގުބޮޑުވަންޏާ، ހަމަ އެއީވެސް އަޅުގަނޑުމެންނަށް ކުރިމަތިވާ ވަރަށްބޮޑު މައްސަލައެއް. ރާއްޖެއަކީ ހަމަ ގާތްގަނޑަކަށް ހުރިހާ އެއްޗެއްހެން ބޭރުން އެތެރެކޮށްގެން އުޅޭ ޤައުމެއް. އެހެންވީމާ، މިކަމުގެ ސަބަބުން ކާބޯތަކެތީގެ އަގު މައްޗަށްވެސްދާނެ. އަދި އެނޫން ސަބަބުތަކާހުރެވެސް އެބަދޭ. އެއީ މިސާލަކަށް، ވިއްސާރައިގެ ސަބަބުން ނުވަތަ ޠޫފާނެއްގެ ސަބަބުން ބައެއް ތަންތާނގައި ހައްދާ އެއްޗެހި ހަލާކުވެގެންދިޔުން. ދަނޑުތައް ހަލާކުވެގެންދިޔުން. މިހެންވެސް އެބަދިމާވޭ. ނުވަތަ ބައެއްކަހަލަ އެއްޗިއްސަށް ރަނގަޅު އަގު ނުލިބޭތީ، އެހެން އެއްޗިއްސަށް ބަދަލުވެގެންދިޔުން.

މިސާލަކަށް، އަޅުގަނޑު ދަންނަވާފާނަން، ކޮންމެވެސް އެއް ޤައުމެއް، ހަނޑޫ ވަރަށް ގިނައިން އުފައްދާ ޤައުމެއް. އެހެންނަމަވެސް، އެމީހުންނަށް ހަނޑުލަށް ރަނގަޅު އަގެއް، ނުލިބޭތީ، ހަނޑޫ ހައްދާ މީހުން އެ ދޫކޮށްލާފައި އެހެން އެއްޗެއް ހައްދަން ފެށީ. އެހެންވީމާ، ހަނޑުލުގެ ބާޒާރަށް ވަރަށް ބޮޑު އުނިކަމެއް ލިބިގެން ދިޔައީ. ނުވަތަ އެހެން ކަހަލަ އުފެއްދުންތަކަކުން ބޮޑަށް އިޤްތިޞާދީ ފައިދާ، އެ މަސައްކަތްކުރާ ބަޔަކަށް ލިބޭތީ ކާބޯތަކެތި އުފެއްދުން ހުއްޓާލާފައި އެހެން އެއްޗިއްސަށް ބަދަލުވެގެން ދިޔައީ. މިހިރަމިހިރަ ބޮޑެތި ކަންތައްތަކާ ހެދި ކާބޯތަކެތީގެ އަގުވެސް މައްޗަށް މިދަނީ. އެހެންނަމަވެސް، މިކަމަކީވެސް އަޅުގަނޑުމެންނަށް ކުރެވެން އޮތް ފެންވަރަކުން އަޅުގަނޑުމެންވެސް އެއިން ލުއި ހޯދަން މަސައްކަތްކުރަންޖެހޭނެ ކަންތައްތަކެއް. މިސާލަކަށް، ދަންނަވަންޏާ، ކުރިން ދެންނެވިހެން ތެލުގެ އަގުމައްޗަށް ދަންޏާ، އަޅުގަނޑުމެންވީ ތެލުގެ އިސްރާފު ކުޑަކުރަން. އަޅުގަނޑުމެންވީ، މިސާލަކަށް، އަޅުގަނޑުމެން ބޭނުންކުރާ ކަރަންޓްވެސް ވީހާ މަދުކުރެވޭތޯ ބަލަން. ކަރަންޓްގެ ބޭނުންކޮށްގެން ކުރާ އެހެން ޚަރަދުތައްވެސް މަދުކުރެވޭތޯ ބަލަން. މިހާރު މިސާލަކަށް، މިފްކޯއިން އެހެއްދެވި ގޮތަށް، އިންޖީނު ދޯނީގައި ރިޔާ ނަގައިގެން ދަތުރުކުރުން، ބައެއްފަހަރަށް ރިޔަލުގައި އެކަނިވެސް ދަތުރުކުރެވިދާނެ. އަނެއްބައިފަހަރަށް ރިޔަލާއި އިންޖީނާ ދޭތީގައި ދަތުރުކުރާނީ. އޭރުންވެސް ތެލުގެ ޚަރަދު ވަރަށްބޮޑުތަން އެބަ ކުޑަވޭ. މިގޮތަށް އެބަހުރި، އަޅުގަނޑުމެން އަފުރާދުންނަށްވެސް ކުރެވޭނެ ކަންތައްތައް. އަދި ސަރުކާރުގެ ފަރާތްތަކަށާއި ކުންފުނިތަކަށްވެސް ކުރެވޭނެ ކަންތައްތައް. މިކަންތައްތައް ކޮށްގެން ތެލުގެ ޚަރަދު ކުޑަކުރުން. ކޮންސަމްޕްޝަން. ބޭނުންކުރާވަރު ކުޑަކުރުން، އެއީވެސް ވަރަށް މުހިންމު ކަމެއް. އެއީވެސް އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއް. ހަމައެހެންމެ، ރާއްޖޭގައި ކާބޯތަކެތި އިންދާ، ހެއްދުންވެސް ވަރަށް މުހިންމު.

ހަނދުމަފުޅު ހުންނާނެ، އިރާޤު ހަނގުރާމައާ ގުޅިގެން އޭގެކުރިން ކުވޭތު ހަނގުރާމައާ ގުޅިގެން މިކަހަލަ ނުރައްކަލެއް ކުރިމަތިވީމާ، އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނަށް އިލްތިމާސްކޮށްގެން، އެދުވަސްވަރުވެސް ވަރަށްގިނަ އަދަދަކަށް، ވަރަށް ގިނަ ރަށްރަށުގައި ކާބޯތަކެތި ހެއްދި. ހެއްދީމާ އޭގެ ނަތީޖާ އަޅުގަނޑުމެންނަށް ފެނުނު. މިހާރުވެސް އަޅުގަނޑު މި އިލްތިމާސް ކުރަނީ މީގެކުރިން ވަރަށްފަހުންވެސް އޮންނާނެ އިލްތިމާސްކޮށްފައި، އަޅުގަނޑުމެން ރާއްޖޭގައި ވެއްޖެޔޭ، އަޅުގަނޑުމެން ރާއްޖޭގައި ހެއްދޭ ބާވަތުގެ ކާބޯތަކެތި ހައްދަން އިތުރަށް މަސައްކަތްކުރަން. އެބަހުރި ހެއްދޭ އެއްޗެތި. އެ އެއްޗެތި އަޅުގަނޑުމެން ހައްދައިފިއްޔާވެސް އަޅުގަނޑުމެންނަށް އެއެއްޗެތި އިމްޕޯޓުކުރާކަށް ނުވަތަ އެތެރެކުރާކަށް ނުޖެހޭނެ. އަނެއްކާ ކެއިންބުއިމުގައި ރައްޔިތުންނަށް ބޭނުންކުރެވޭނެ. މިކަހަލަ ކަންތައްތަކެއް އަޅުގަނޑުމެން ކުރަން އެބަޖެހޭ. އެހެންވީމާ، މިއީވެސް އަޅުގަނޑު ވަރަށް ކަންބޮޑުވާކަމެއް.

ދެން ކަންބޮޑުވާ އަނެއްކަމަކީ، ކުރިން ދެންނެވި މަސްތުވާތަކެއްޗާ ގުޅިފައި އޮތް ކަމެއް. މާރާމާރީއާ މިކަހަލަ ކަންތައްތައް އިތުރުވެގެންދިޔުން. އެއީވެސް އެއާ ގުޅިފައި ހުރި ކަމެއް. ގިނައިން އޭގައި މިއުޅެނީ ހަމަ މަސްތުވާތަކެތި ބޭނުންކުރާ މީހުން. އެމީހުންނަށް ޙައްލެއް ހޯދިއްޖިއްޔާ މިކަންވެސް ދަށަށްދާނެ. އިރާދަކުރެއްވީތީ، ފަހަކަށްއައިސް ކުށްތައް ވަރަށްބޮޑުތަން މަދުވެސް ކުރެވިއްޖެ، މިހާރު މާލޭގައިވެސް މާރާމާރީގެ ކަންތައްތައް، ކުރިން ހިނގިވަރަކަށް ނުހިނގާ. މިހިރަމިހިރަ ކަންތައްތައް މިއީ ދެން އަޅުގަނޑު އެންމެ ކަންބޮޑުވާ ކަމަކީ.

އެހެންނަމަވެސް، އަދިވެސް އެބަހުރި ދޮގެއްތޯ، އިޤްތިޞާދީ ގޮތުން ފުދުންތެރިކަން އިތުރުކުރުން. އެއީ އަޅުގަނޑުމެން އިތުރަށް މަސައްކަތްކޮށްގެން ހޯދަންޖެހޭ ނަތީޖާއެއް. ހަމައެއާއެކީގައި، އިޖުތިމާޢީގޮތުން ކުރިއަށްދާ ދިޔުންވެސް. އެހެންވީމާ، މިހިރީ ރައީސަކަށް ހުންނަ މީހަކު ކަންބޮޑުވާންޖެހޭ ނުވަތަ ފިކުރުކުރަންޖެހޭ ބައިވަރު ކަންތައްތައް.

ސުވާލު 20:

ދެންމެ ތިޔަ ފާހަގަކުރެއްވި ކަންތައްތަކުގެ ތެރެއިން ހަމަ އެއްކަމަކާ ގުޅިގެން އަޅުގަނޑު ދަންނަވާލާނަން. އެއީ، މިއަދު މުޅި ދުނިޔެވެސް ކަންބޮޑުވެ، ދުނިޔޭގައި އަދި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުންނާއި ޤައުތަކުންވެސް ވަރަށް ޚާއްޞަ ފިޔަވަޅުތައް އަޅަމުން ގެންދާކަމެއް. ކާބޯތަކެތީގެ މައްސަލައާއި، ތެލުގެ އަގު އުފުލެމުން ދިއުމާ. މިހާރު ބައެއް ޤައުމުތަކުގެ ވެރިން އަދި އ.ދ.އިންވެސް ގޮވާލާފައި އެބައޮތް، ކޮންމެ ޤައުމެއްގެވެސް އެޤައުމެއްގެ އަމިއްލަ ޕްލޭންތަކެއް އެކުލަވައިލުމަށް. މިކަންކަން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިޔުމަށް. ދުނިޔެ ބަނޑަށް ޖެހިދާނެއޭވެސް ބައެއް މީހުންނަށް އެބަ ހީވޭ. ނާޒުކު އިޤްތިޞާދުތައް އޮތް ޤައުމުތަކަށް ކުރާ އަސަރު ވަރަށްބޮޑުވެދާނެ ކަމަށް ދެކެވޭ ވާހަކަތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ ރާއްޖޭގައި މިއޮތް އިޤްތިޞާދުގެ ނާޒުކުކަން އަޅުގަނޑުމެން އެންމެންނަށް އިޙްސާސްކުރެވޭ. އެހެންވީމާ، ސަރުކާރު ހިންގަވާ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން، ދިވެހި ރައްޔިތުންނަށް ކިހާވަރެއްގެ ޔަޤީންކަމެއް ދެއްވިދާނެތޯ، ދުނިޔެއަށް މިއަދު މިކުރިމަތިވަމުންދާ ބަނޑުހައިހޫނުކަން، ނުވަތަ ކާބޯތަކެތީގެ ތަދުކަން، ތެލުގެ އަގު ބޮޑުވުން، މިކަންކަމުގެ އަސަރު، ރާއްޖޭގެ ރައްޔިތުންނަށް ވީހާވެސް ކުޑަކުރެއްވުމަށްޓަކައި ވަރަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް، ނުވަތަ އެކަމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށް.

ރައީސުލްޖުމްހޫރިއްޔާ:

އާދެ، އަޅުގަނޑު ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކު ޔަޤީންކަން އަރުވަން، އެކަމާ ބެހޭގޮތުން ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް މިހާރުވެސް މިދަނީ ކުރަމުން. އަދި ކުރިއަށް އޮތްތާނގައިވެސް ކުރާނެ. މިވާހަކަ އަޅުގަނޑުމެން ވަޒީރުންގެ މަޖިލީހުގައިވެސް ވަރަށް ރަނގަޅަށް ދައްކައި، އެބަހުރި ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުން ބައްދަލުވެވަޑައިގެންފައި، ގޮތްތަކެއް ހުށަހަޅުއްވަން ނިންމަވާފައި. އެހެންވީމާ، އެމަސައްކަތް އެބަ ހިނގާ. އެކަންތައްތައް ނިމުމަކަށް އައިމާ ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނެ، ކޮންކަހަލަ ފިޔަވަޅުތަކެއްތޯ އެޅެންހުރީ، އަޅާނީ. އެހެންނަމަވެސް މިކަމަކީ ކުރިންވެސް ދެންނެވިހެން، އަޅުގަނޑުމެންގެ ކޮންޓްރޯލް ވަރަށް ނެތް ކަމެއް. ކާބޯތަކެތީގެ ހުރިހާ އެއްޗަކީވެސް އަޅުގަނޑުމެން ބޭރުން ގެންނަ އެއްޗެތިތަކަށްވެފައި، ތެލަކީވެސް އެކަހަލަ އެއްޗަކަށްވީމާ، އަޅުގަނޑުމެންގެ އަމިއްލަ ކޮންޓްރޯލް މިކަމުގައި އޮތްލެއް ވަރަށްކުޑަ. އެހެންނަމަވެސް، ކޮންޓްރޯލް އޮތްވަރަކުން ކުރަންވެސް އެބަޖެހޭ. އޭގެއިތުރުން، އަޅުގަނޑުމެންގެ ރާއްޖެއިން މިބޭނުންވާ އަދަދަށް އެއްޗެތި އެތެރެކުރުން ކުޑަކުރުމަށްޓަކައި އެޅެންހުރި ފިޔަވަޅުތަކެއްވެސް ހުންނާނެ. އެފިޔަވަޅުތައް ދެނެގަނެ، އެފިޔަވަޅުތައްވެސް އަޅަންޖެހޭނެ. އެހެންވީމާ، އެމަސައްކަތް އިރާދުކުރެއްވިއްޔާ އެބަ ހިނގާ.

ސުވާލު 21:

އަޅުގަނޑުދެން އެންމެފަހު ސުވާލެއް ގޮތުގައި ދަންނަވާލަން ބޭނުންވަނީ، މިފަހަރު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރައްވާނެކަމަށް، ކުރިމަތިލައްވާނެކަމަށް، އަދި ކުރިމަތިލައްވާ ކާމިޔާބުވެސް ކުރައްވާނެ ކަމަށް، މިބަސްދީގަތުން ފުރަތަމަ ފެށުނުއިރުވެސް ވިދާޅުވި. ދެން އަޅުގަނޑު އެންމެފަހު ސުވާލެއް ގޮތުން ދަންނަވާލަން ބޭނުންވަނީ ވެރިކަން ދޫކުރެއްވުމަށްފަހު ގަސްދުކުރައްވަނީ، ދިވެހިރާއްޖޭގައި ދިރިއުޅުއްވަންތޯ، ނުވަތަ ރާއްޖެއިން ބޭރުގައި ދިރިއުޅުއްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ:

އަޅުގަނޑަކީ ދިވެއްސެއް. ދިވެހި ރައްޔިތެއް. އެހެންވީމާ، އަޅުގަނޑު ބޭނުންވާނީ އަބަދުވެސް ދިވެހިރާއްޖޭގައި އުޅެން. ވަކި ރައީސްގެ މަގާމުގައި ހުރީމަކާނޫން. ވަކި އެހެން މަގާމެއްގައި ހުރީމަކާވެސް ނޫން. އަޅުގަނޑަށް އެންމެ ހިތްފަސޭހަ، އެންމެ އުޅޭހިތްވާ ޤައުމަކީ ދިވެހިރާއްޖެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑު އުޅޭނީ ދިވެހިރާއްޖޭގައި.

އިބްރާހީމް ޚަލީލް: ވަރަށް ބޮޑަށް ޝުކުރިއްޔާ މިފުރުޞަތު ދި.އެފް.އެމް.އަށް ދެއްވީތީ.

ރައީސުލްޖުމްހޫރިއްޔާ:

އާދެ، އަޅުގަނޑުވެސް ވަރަށް އުފާކުރަން، މި ފުރުޞަތު ލިބުނީމާ އަދި ތިޔަ ވިދާޅުވި ކަންތައްތަކަށް އަޅުގަނޑަށްވެސް ކޮންމެވެސްވަރެއްގެ ޖަވާބުތަކެއް ދެވުނީމާ. އަޅުގަނޑަށް ހީވަނީ ރައްޔިތުންގެ ގިނަ ބަޔަކަށް އޮޅިފައިހުރި ކަންތައްތަކެއް، މި ދެވުނު ޖަވާބުތަކުގެ ސަބަބުން އޮޅުންފިލާފާނެހެން.