ތިމާވެއްޓާ ރަޙްމަތްތެރި ވައްޓަފާޅިއަކަށް، ދިރިއުޅުމުގެ އާދަތައް ބަދަލުކުރުމަކީ، ފަރުދީ ފެންވަރުގައި ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއްކަމަށާއި، ވައި ސާފުވުމާއި ވައި ތަޣައްޔަރުވުމަކީ، ދިރިހުރުމާ ގުޅިފައިވާ ކަމެއްކަން ޤަބޫލުކޮށް، ނޭވާ ލާން ބޭނުންކުރާ ވައި، އަމިއްލަ އަތްތަކުން ތަޣައްޔަރު ނުކުރާ ބަޔަކަށްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެންމެހައި ދިވެހިންނަށް އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ތިރީގައި އެވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ފޮނުއްވި ތަހުނިޔާގެ ޚިޠާބެވެ.

"ބައިނަލްއަޤްވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުން އަންނަ، މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް ފޮނުވަމެވެ. އަދި، ރާއްޖޭގެ ތިމާވެށީގެ ޙިމާޔަތުގައި މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުންނަށާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށް، އެ ފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ އަގު ވަޒަންކޮށް، އައްސަރިބަހާއި ސާބަސް ރައްދުކުރަމެވެ.

މި އަހަރުގެ ތިމާވެށީގެ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރު ކަމަށްވާ "އެއަރ ޕޮލިއުޝަން" ނުވަތަ "ވައި ތަޣައްޔަރުވުން" މިއީ، ދުނިޔޭގެ ތިމާވެށީގެ އިތުރުން، އިންސާނުންގެ ޢާންމު ޞިއްޙަތާ ވެސް ނުހަނު ބޮޑަށް ގުޅިފައިވާ ޝިޢާރެކެވެ. ތަފާތު ވިހަ މާއްދާތަކުން ތަޣައްޔަރުވެފައިވާ ވައިގެ ތެރެއަށް ނޭވާލާން ޖެހުމުގެ ސަބަބުން، ކޮންމެ އަހަރަކު ގާތްގަނޑަކަށް 4.2 މިލިއަން މީހުން، ނުޢުމުރުގައި (ޕްރިމެޗުއަރކޮށް) މަރުވެގެންދާ ކަމަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ)ގެ ތަފާސްހިސާބުތަކުން ދައްކައެވެ. ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 91 އިންސައްތަ ދިރިއުޅެމުން އަންނަނީ، ރައްކާތެރިކަމަށް އެ ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ، މާ ބޮޑަށް ވައި ތަޣައްޔަރުވެފައިވާ ސަރަޙައްދުތަކުގައެވެ.

ވައި ތަޣައްޔަރުވުމަށް މެދުވެރިވާ އެތައް ސަބަބުތަކެއް ހުރި އިރު، އަޅުގަނޑުމެންގެ ރާއްޖެވެސް ވަނީ އެފަދަ ބައެއް ކަންތައްތަކާ ކުރިމަތިލާން ޖެހިފައެވެ. ޞިނާޢީ ބޮޑެތި ކާރުޚާނާތައް ނެތެއް ކަމަކު، އެއްގަމާއި ކަނޑާއި ވައިގެ ދަތުރުފަތުރުތަކަށް އަޅުގަނޑުމެން ބޭނުންކުރާ އުޅަނދުތަކުން، ޖައްވަށް ބޭރުވާ ވިހަ ދުމުގެ ބާވަތްތަކާއި މިންވަރު މަދެއް ނޫނެވެ. އާބާދީގެ ބޮޑު އިންސައްތައެއް، ވެރިރަށް މާލެއަށް ތޮއްޖެހިފައިވާ އިރު، އެ އެންމެން ނޭވާލާންޖެހިފައިވަނީ، އެއްގަމު އުޅަނދުތަކުގެ ވިހަ ދުމުން ތަޣައްޔަރުވެފައިވާ ވައިގެ ތެރެއަށެވެ. މާލެ ސަރަޙައްދުގައި އެކަނިވެސް، 60000 އަށް ވުރެ ގިނަ، އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްފައިވެއެވެ.

ވައި ތަޣައްޔަރުވާ މިންވަރު ދަށް ކުރެވޭނީ، ޖައްވުގެ ތެރެއަށް ވިހަ ގޭސްތައް ބޭރުކުރާ މިންވަރު މަދުކޮށްގެންނެވެ. ހަމައެއާއެކު، ހަކަތަ އުފެއްދުމަށްޓަކައި، ތެޔޮ އެންދުމުގެ ބަދަލުގައި، އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް އިތުރުކޮށްގެންނެވެ. ބޭކާރު ގޮތުގައި އުފެދޭ ކުނީގެ މިންވަރު މަދުކޮށް، ކުންޏަކީ އަލުން ބޭނުންކުރެވޭ އެއްޗަކަށް ހެދުމަކީ ވެސް، ވައި ތަޣައްޔަރުވާ މިންވަރު ދަށް ކުރުމަށްޓަކައި، ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. ވައި ސާފުކޮށްދޭ ޤުދުރަތީ ނިޒާމަކީ ގަސްގަހާގެހި ކަމަށްވާއިރު، ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން އެއްތަނުން އަނެއް ތަނަށް ގެންދިޔުމަކީ، ކޮންމެހެން ކުރަންޖެހިގެން ނޫނީ ނުކުރެވޭނެ ކަމަކަށް ހަދަންޖެހެއެވެ.

ރާއްޖެ ތަރައްޤީކުރުމުގެ ނަމުގައި ތިމާވެށި ސުންނާފަތިކޮށް، މި ރާއްޖޭގެ ޖަޒީރާވަންތަކަން ނަގައިލުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫނެވެ. މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް، ތިމާވެށީގެ ޙިމާޔަތަށް މުހިންމު ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. ތޮއްޖެހިފައިވާ މާލެ ފެހިކޮށް، ވައި ސާފު ރަށަކަށް ބަދަލުކުރުމަށްޓަކައި މާލޭގައި ހުސްޖާގަތައް ހަދައި، ޕާކް ކުރުމަށް ލުއިފަސޭހަ ގޮތްތައް މިއަންނަނީ ހޯދައިދެމުންނެވެ. ތިމާވެއްޓާ ރަޙްމަތްތެރި ދަތުރުފަތުރުގެ ނިޒާމެއް ތަރައްޤީކޮށް، މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ، ސަރުކާރުގެ ވަރަށް މުހިންމު އަމާޒެކެވެ.

މިފަދަ ދުވަހެއް ފާހަގަކުރާއިރު، ތިމާވެއްޓާ ރަޙްމަތްތެރި ވައްޓަފާޅިއަކަށް، ދިރިއުޅުމުގެ އާދަތައް ބަދަލުކުރުމަކީ، ފަރުދީ ފެންވަރުގައި ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެކެވެ. ވައި ސާފުވުމާއި ވައި ތަޣައްޔަރުވުމަކީ، އަޅުގަނޑުމެންގެ ދިރިހުރުމާ ގުޅިފައިވާ ކަމެއްކަން ޤަބޫލުކޮށް، އަޅުގަނޑުމެންނަކީ، އަޅުގަނޑުމެން ނޭވާ ލާން ބޭނުންކުރާ ވައި، އަމިއްލަ އަތްތަކުން ތަޣައްޔަރު ނުކުރާ ބަޔަކަށްވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، އަޅުގަނޑުމެންނަކީ، މާތް ﷲ އަޅުގަނޑުމެންނަށް ދެއްވި މި ހިތްގައިމު ޖަޒީރާވަންތަ ދިރިއުޅުމުގެ ނިޢުމަތްތައް، އޭގެ އެންމެ ފުރިހަމަ ގޮތުގައި ޙިމާޔަތްކޮށް ދެމެހެއްޓުމަށް މަސައްކަތްކުރާ ބަޔަކު ކަމުގައި ލެއްވުމެވެ. އަޅުގަނޑުމެންނަކީ ތިމާވެއްޓަށް ގެއްލުންދެނިވި އެންމެހައި ކަންކަމުން ދުރުހެލިވެފައިވާ ބަޔަކު ކަމުގައި ލައްވައި، ދެދުނިޔޭގެ ބާއްޖަވެރިކަން އަޅުގަނޑުމެން އެންމެންނަށް މިންވަރު ކޮށްދެއްވާށިއެވެ. އާމީން."