بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالـىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ! މިރޭ އަޅުގަނޑުމެން އެންމެން މިއުފާވެރި ވަގުތުގައި، އެންމެ ފުރަތަމަވެސް ކުރަންވީ ކަމަކީ، اللّـه سبحـانـه وتعـالـى އަށް ޙަމްދާއި ޝުކުރު ކުރުން. ކޮންމެ ނިޢުމަތެއްގެވެސް ވެރިފަރާތަކީ، اللّـه سبحـانـه وتعـالـى. އެހެންވީމާ، މިދަނޑިވަޅުގައިވެސް އަޅުގަނޑުމެން އެންމެން اللّـه އަށް ޙަމްދާއި ޝުކުރު ކުރަންޖެހޭނެ. އެއަށްފަހުގައި މިއަދު އަޅުގަނޑުމެން ޝުކުރު އަދާކުރަންވީ ފަރާތަކީ، ތިޔަ ފަޚްރުވެރީން، ޓީމް، ތިޔަ ކުޅުންތެރިން.

ޝައްކެއްނެތް، މިއަދު ނުވަތަ މިރޭ ދިވެހި ޤައުމީ ޓީމު، ތިޔަ ހޯދައިދިނީ ރާއްޖެއަށް ވަރަށް ބޮޑު ފަޚްރެއް. ވަރަށް މަތިވެރި ކާމިޔާބީއެއް. ވަރަށް ރީތި ނަމެއް. މިސަރަޙައްދުގައި ރާއްޖެ ފުޓްބޯޅަ ކުޅެމުންދާތާ ދުވަސްތަކެއްވެއްޖެ. މީގެކުރިން ވަރަށް ގިނަ ކާމިޔާބީތައްވެސް ވަނީ ހޯދާފައި. އެހެންނަމަވެސް، މިވަރުގެ ކާމިޔާބީއެއް އަޅުގަނޑުމެންނަކަށް ކުޅިވަރުގެ މައިދާނަކު އަދި ހޯދިފައެއް ނެތް. އެހެންވީމާ، އެކަމަށްޓަކައި މިރޭ މުޅި ދިވެހި ޤައުމު އުފާކުރޭ. މުޅި ދިވެހި ޤައުމު، ދިވެހި ޤައުމީ ފުޓްބޯޅަ ޓީމަށްޓަކައި ފަޚްރުވެރިވޭ.

މިރޭ އެތާ އިންއިރު އަޅުގަނޑު ހަނދާނަށް އައީ، މީގެ ގާތްގަނޑަކަށް 24 އަހަރުގެ ކުރީގެ ރެއެއް. އަޅުގަނޑު، ސްރީލަންކާއަށް ރަސްމީ ދަތުރެއް ކުރި ފަހަރު، ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު ސްރީލަންކާއަށް އައިސް، ސްރީލަންކާގެ ޤައުމީ ފުޓްބޯޅަ ޓީމާ ބައްދަލުކޮށް، އެކުވެރިކަމުގެ ފުޓްބޯޅަމެޗެއް ކުޅުނު. އަޅުގަނޑަކަށް ނޭނގެ، އެރޭގެ ނަތީޖާ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާ ކަމެއް. އޭރު ތިޔަ ކުޅުންތެރިންނެއް ފުޓްބޯޅަ ކުޅެމަކުންނެއް ނުގެންދާނެ. އޭރު މާކުޑަވާނެ. ބައެއް ކުދިން ދުނިޔޭގައި ތިބިކަމެއްވެސް ނޭނގެ. މީގެ 24 އަހަރު ކުރިން. އެރޭ ލަންކާ ޓީމު އަޅުގަނޑުމެން ކޮޅަށް 5 ލަނޑުޖަހައި، 5-0 ން މޮޅުވީ. އެއީ، އަޅުގަނޑު ވަރަށް ހިތާމަކުރި ރެޔެއް.

އެހެންނަމަވެސް، މިއަދު މިއޮތީ މުޅިން މަންޒަރު ބަދަލުވެފައި. މިއަދު އަޅުގަނޑުމެން މިކާމިޔާބުކުރީ މިސަރަޙައްދުގައި އޮތް އެންމެ ބޮޑު ޤައުމާ ވާދަކޮށްގެން. ފައިނަލްގައި ދިވެހިރާއްޖޭގެ ޤައުމީ ޓީމް މިކުޅުނީ އިންޑިޔާގެ ޤައުމީ ޓީމާ. މިރޭ އަޅުގަނޑުމެން މޮޅުވީކީ ހަމައެކަނި ޖެހި ލަނޑަކުންނެއް ނޫން. އާދެ، ވަރަށް ރީތި ލަނޑެއް. ވަރަށް މޮޅު ލަނޑެއް. އަޅުގަނޑުމެންނަށް ވަރަށް ބޮޑު ފަޚްރެއް ލިބިދިން ލަނޑެއް. އެހެންނަމަވެސް، މިރޭ އަޅުގަނޑުމެންގެ ޓީމް ބަލިވިނަމަވެސް، އަޅުގަނޑުމެން ތިބޭނީ ފަޚްރުވެރިކަމުގެ ޝުޢޫރުތަކެއް ވަރަށް ބޮޑަށް އިޙްސާސް ކުރަމުން. އެއީ، ދިވެހި ޤައުމީ ޓީމު ކުޅުނުލެއް މޮޅުކަމުން. އަޅުގަނޑުމެން އެއްވެސް ހާލެއްގައި ލަދުގަންނަ ކަހަލަ ކަމެއް، ޓީމުގެ ފަރާތަކުން ނުފެނޭ. ދެރަވަންވީ ކަމެއް، ޓީމުގެ ފަރާތަކުން ނުފެނޭ. އަޅުގަނޑުމެންނަށް ފެނުނީ ވަރަށް ރީތި މޮޅު ކުޅުމެއް. ވަރަށް ހުނަރުވެރި ކުޅުމެއް.

އެނގިވަޑައިގަންނަވާނެ، ފުޓްބޯޅައިގައި މޮޅަށް ކުޅެގެން ބައެއް ޓީމުތައް ބަލިވެފައިވެސް އެބަހުރި. އަބަދު ފެންނަ މަންޒަރެއް. ފަހަރެއްގައި އަޅުގަނޑުމެންގެ ނަސީބު ދެރަކަމުން މިރޭ އެގޮތްވެސް ވީސްކަންނޭނގެ. ފަހަރެއްގައި ވެދާނެ. އެވެސް ހަމަ ފުޓްބޯޅައިގައި ދުރުކަމެއް ނޫން. އެހެންނަމަވެސް، މިރޭ އެހެންވިނަމަވެސް އަޅުގަނޑުމެން ދެރައެއް ނުވީމުސް. މިރޭ އެހެންވިނަމަވެސް އަޅުގަނޑުމެން ހަމަ އުފާކުރާނަން. އެއީ ދިވެހި ޤައުމީ ޓީމު ކުޅުނުލެއް ފުރިހަމަކަމުން.

މި މަތިވެރި ފަޚްރު އަޅުގަނޑުމެންނަށް ހޯދައިދިނީތީ، ދިވެހި ޤައުމީ ޓީމުގެ ކުޅުންތެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރިކްބާދީ އަދާކުރަން. މުޅި ދިވެހި ޤައުމުގެ ނަމުގައި ތިޔަ ހުރިހާ ކުދިންނަށް، ތިޔަ ހުރިހާ ކުޅުންތެރިންނަށް، އައްސަރިބަހާއި ސާބަސް ރައްދުކުރުމަކީ، އަޅުގަނޑަށް މިރޭ ލިބޭ ވަރަށް ބޮޑު އުފަލެއް.

އާދެ، މިކާމިޔާބީ ޙާޞިލު ކުރުމުގައި ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. ވަރަށް ގިނަ ހޭދަތަކެއް ވަނީ ކުރެވިފައި. ވަރަށްގިނަ ވިސްނުންތަކެއް ވަނީ ވިސްނިފައި. ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާއި ތާއީދު ވަނީ ލިބިފައި. އެހެންވީމާ، މިފުރްޞަތުގައި އެހުރިހާ ފަރާތްތަކަކަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އޭގެތެރޭގައި ޓީމުގެ މެނޭޖްމަންޓް، ޓީމުގެ ކުޅަދާނަ ކޯޗް، އެފް.އޭ.އެމް އަދި ކުޅިވަރާބެހޭ ވުޒާރާ ހިމެނޭ. ހަމައެހެންމެ، އަޅުގަނޑުމެންގެ ދިވެހި ސަޕޯޓަރުން، ދިވެހި ރައްޔިތުން، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތައް، މިހުރިހާ ފަރާތްތަކެއްގެ ވަރަށް ފުރިހަމަ އެއްބާރުލުމަކާއި، ތާއީދެއް ލިބިގެން އަޅުގަނޑުމެންނަށް މިރޭ މި ކާމިޔާބު ކުރެވުނީ. އެހެންވީމާ، އަޅުގަނޑުގެ ވާހަކަ މާދިގުކުރަން ބޭނުންނުވާތީ، އެހުރިހާ ފަރާތެއްގެ ނަން ވަކިވަކިން ދަންނަވާކަށް ބޭނުމެއްނޫން.

ހަމައެއާއެކީގައި މިކަން ކަމުގައި އެހީތެރިވެދެއްވި އެހެން ފަރާތްތަކެއްވެސް އެބަހުރި. މިސާލަކަށް، ސްރީލަންކާގައި ހުރި ދިވެހިރާއްޖޭގެ ހައިކޮމިޝަން. އަދި ހައިކޮމިޝަނަރ އަލްފާޟިލް ޢަލީ ޙުސައިންދީދީ. އެބޭފުޅުން ކަންތައްތައް ވަރަށް ބޮޑަށް ރާއްވަވައި، ވަރަށް ރަނގަޅަށް އިންތިޒާމް ކޮށްދެއްވައި، ހުރިހާ ކަމެއްވެސް ޓީމަށް އޮތީ ވަރަށް ރަނގަޅަށް ހަމަޖައްސަވައިދެއްވާފައި. އެހެންވީމާ، ހައިކޮމިޝަނަރ އަލްފާޟިލް ޢަލީ ޙުސައިންދީދީއަށާއި، އަދި ހައިކޮމިޝަންގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ހަމައެހެންމެ، އަޅުގަނޑުމެންގެ އެކުވެރި ސްރީލަންކާ ސަރުކާރުން މިކަމަށް ބެހެއްޓެވި ގާތްކަމާއި ކޮށްދެއްވި ކަންތައްތަކަށްޓަކައި ސްރީލަންކާ ސަރުކާރަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މެޗު ނިމުމާއެކީގައި ސްރީލަންކާގެ ރައީސް ޕްރެޒިޑެންޓް ރާޖަ ޕަކްސާ އަޅުގަނޑާ ފޯނުން ގުޅުއްވި. އަޅުގަނޑު ދަނޑުގައި ހުއްޓާ. ގުޅުއްވާފައި އަޅުގަނޑަށް މަރުޙަބާ ވިދާޅުވި. ދިވެހި ޤައުމީ ޓީމަށް ތަހުނިޔާ އަދާކުރެއްވި. ހަމައެއާއެކީގައި، އަޅުގަނޑުމެންގެ މިދަތުރުގެ ކަންތައްތަކާއި، މި މެޗާބެހޭ ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމައަށް މިތާނގެ ކަމާބެހޭ ފަރާތްތަކުންވަނީ އިންތިޒާމް ކޮށްދެއްވާފައި. އެހެންވީމާ، އެކަމަށްޓަކައި ސްރީލަންކާ ސަރުކާރަށާއި، ސްރީލަންކާގެ ރައީސަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! ސަޕޯޓަރުންގެ ވާހަކަ ކޮންމެވެސްވަރަކަށް ދަންނަވާލެވިއްޖެ. އެހެންނަމަވެސް، އެހާ ކުޑަކޮށް ދަންނަވާލައިގެން ނުފުދޭނެކަންނޭނގެ. ޙަޤީޤަތުގައި މިފަހަރު ދިވެހިރާއްޖޭގެ ސަޕޯޓަރުން، ދިވެހި ރައްޔިތުން މިކަމަށް ދެއްވި އަހަންމިއްޔަތާއި، އެ ފާޅުކުރެއްވި ޝުޢޫރުތައް އެއީ، ޝައްކެއްނެތްގޮތުގައި ތިޔަބޭފުޅުން ތިޔަހޯއްދެވި ކާމިޔާބީގެ ފަހަތުގައިވާ ވަރަށް ބޮޑު ބާރެއް. ރާއްޖޭގެ އެންމެން، މިހާރުވެސް މާލޭގައިވެސް މަގުމަތީގައި އެންމެން އުފާފާޅުކުރަމުން އެގެންދަނީ. ވެހޭ ބޯވާރޭގެ ތެރޭގައިވެސް ނިކުމެގެން، ދިވެހިދިދަ ހިފައިގެން، ދިވެހި ކުލަ ހިފައިގެން އެމީހުން އުފާ ފާޅުކުރަމުން އެގެންދަނީ. ރާއްޖޭގެ އަތޮޅުތަކުގައިވެސް، އަދި ރާއްޖެއިން ބޭރުގައިވެސް.

މިރޭ މެޗު ނިމުނީމާ އަޅުގަނޑު ދަނޑުން ނިކުމެގެން ދިޔައިރު، ދެފަރާތުގައި ދިވެހިރާއްޖޭގެ ސަޕޯޓަރުން، އަޅުގަނޑުމެންގެ ޖާރޒީގައި ނުވަތަ ރަތްކުލައިގެ ޓީޝާޓުގައި، ރަތް ހެދުމުގައި، ދިދަ ހިފައިގެން އަޅުގަނޑަށް ތަރުޙީބު ދެމުން ގެންދިޔަ. މަގުގެ ދެފަރާތުގައި ފުރެންދެން ދިވެހިން. ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ދަނޑުން ނިކުންނައިރުވެސް، މިވަރެއް ނުފެންނާނެކަން ނޭނގެ. ކަންތައްތައް ދޫކޮށްލައްވާފައި، އެހާގިނަ އަދަދަކަށް ދިވެހިން މިތަނަށް ވަޑައިގެން އެބަ ތިއްބެވި. ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އެބަ ތިއްބެވި. އަދި އަމިއްލަ ފަރާތްތައް ވަރަށް ގިނަ އަދަދަކަށް އައިސް އެބަތިބި. މި އެންމެންގެ މަޤްޞަދަކީ އެންމެ ފުރަތަމަވެސް އަޅުގަނޑުމެން ނިންމި، މޮޓޯ ހާސިލުކުރުން. "މިފަހަރު މިއީ އަހަރެމެންގެ ފަހަރު"، އެކަން އެގޮތަށް ކާމިޔާބުކުރުމަށްޓަކައި މިހުރިހާ ފަރާތަކުން މިހާ ބުރަ މަސައްކަތެއް މިކުރީ. އެހެންވީމާ، އިޚްލާޞްތެރި މަސައްކަތްތަކެއް ކުރާ ބަޔަކަށް ﷲ ތައުފީޤު ދެއްވާނެކަން، އަޅުގަނޑުމެންނަށް މިރޭ މި ފެނިގެން މިދިޔައީ.

އެހެންވީމާ، ޙަޤީޤަތުގައި މިރޭ އަޅުގަނޑުމެންނަކީ، ވަރަށް ފަޚުރުވެރި ބައެއް. މިރޭ މިލިބުނު ކާމިޔާބީގެ ސަބަބުން ދިވެހިރާއްޖެއަކީ ވަރަށް ފަޚުރުވެރި ޤައުމެއް. މިރޭ ދިވެހި ޤައުމީ ޓީމު، އަދި ޤައުމީ ޓީމާ އެކުގައިވާ އެހެން ފަރާތްތަކުން އަޅުގަނޑުމެންނަށް މިހޯއްދަވައިދެއްވި މަތިވެރި ކާމިޔާބީގެ އުފާ ފާޅުކުރުމުގެ ގޮތުން މާދަމާއަކީ ރަސްމީ ބަންދު ދުވަހެއް ކަމުގައި މިހާރު އަޅުގަނޑުވަނީ ހަމަޖައްސާފައި. އާދެ، މާދަމާ ރަސްމީ ބަންދު ދުވަހެއް ކަމުގައި މިހަމަޖެއްސީ މިރޭ މުޅި ދިވެހިރާއްޖެ މިކަމުގެ އުފާފާޅުކުރާތީ. މިކަމުގެ ފޯރީގައި ތިބީމާ. އަޅުގަނޑަށް އެނގޭ، ޓީމު މާލެ އެނބުރިދަނީ މާދަމައަކު ނޫންކަން. އެހެންނަމަވެސް، މާދަމާ ރަސްމީ ބަންދު ދުވަހެއް ކަމުގައި ހަމަޖެއްސުން، މިދަނޑިވަޅުގައި ވަރަށް މުހިންމު. އެހެންވީމާ، އެގޮތަށް ހަމަޖެއްސީ. ޓީމް ރާއްޖެ ދާއިރު އިރާދަކުރެއްވިއްޔާ ރާއްޖެއިން، ދިވެހި ރައްޔިތުން ވަރަށް ހޫނު މަރުޙަބާއެއް ކިޔާނެ. އެކަން އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށް އިންތިޒާމު ކުރެވިގެންދާނެ.

ހަމައެއާއެކީގައި، ޓީމަށް ދިވެހި ސަރުކާރުން އެކަށީގެންވާ ވަރަށް ރަނގަޅު އިނާމެއްދޭނެ. މި މުބާރާތް ފެށުނުތަނާ ކުރީކޮޅު މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނަށް އަޅުގަނޑު ދަންނަވާލިން، މިފަހަރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޓީމު ތަށި ޙާޞިލު ކުރާނެއޭ. އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރާނެއޭ. އެހެންވީމާ، އަޅުގަނޑުމެން ޖެހޭނެޔޭ، ޓީމުގެ ކުޅުންތެރިންނަށް ރަނގަޅު އިނާމެއް ދޭން. އެހެން ދެންނެވީމާ، އެމަނިކުފާނު އެމަސައްކަތް ވަނީ ކުރިއަށް ގެންގޮސް ދެއްވާފައި. އެއީ ކޮން އިނާމެއްކަން މިރޭ އަޅުގަނޑު ނުމެ ދަންނަވާނަން. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ ޓީމުގެ ހުރިހާ ކުޅުންތެރިން އުފާކުރާވަރުގެ އިނާމެއް، ދިވެހި ސަރުކާރުން އަދި ދިވެހި ޤައުމުގެ ފަރާތުން ޓީމަށް ލިބޭނެ.

މިރޭ ދެން އަޅުގަނޑު މާގިނަ ވާހަކަ ދައްކާކަށް ބޭނުމެއް ނޫން. ހުރިހާ ކުޅުންތެރިން ތިޔަތިބީ ވަރަށް ބޮޑަށް ވަރުބަލިވެފައި. ވަރަށް ވަރުގަދަޔަށް ކުޅެގެން ކާމިޔާބު ޙާޞިލުކުރިނަމަވެސް ވަރަށް ވަރުބަލިވެފައި. މިހާރު ބޭނުންވާނީ އަރާމުކޮށްލަން. އުފާކޮށްލަން. އެހެންވީމާ، އަޅުގަނޑު ވާހަކަކޮޅު ނިންމާލަމުންވެސް އަދިވެސް އެއްފަހަރު ދިވެހި ޤައުމީ ޓީމަށް ވަރަށް އިޚްލާޞްތެރި މަރުޙަބާއެއް ކިޔަން. ހިތުގެ އެންމެ ފުންމިނުން ތަހުނިޔާ އަދާކުރަން. ތިޔަ ކުޅުންތެރިން ދިވެހިރާއްޖެއަށް ތިޔަ ހޯދައިދިން ފަޚުރަށްޓަކައި ތިޔަ ހުރިހާ ކުދިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަދިވެސް އެއްފަހަރު ޝުކުރު އަދާކުރަން.

ހަމައެހެންމެ، ޓީމުގެ މެނޭޖްމަންޓަށާއި، ޓީމުގެ ކޯޗަށާއި އަދި އެފް.އޭ.އެމް އަށާއި، ކުޅިވަރާބެހޭ ވުޒާރާއަށާއި، އެ ހުރިހާ ފަރާތެއްގެ އިސްވެރިންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ދިވެހިރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކުން މިކަމަށް ދެއްވި އަހަންމިއްޔަތަށްޓަކައި، ސަރުކާރުގެ ޚަބަރުފަތުރާ ވަސީލަތްތަކާއި އަދި އަމިއްލަ ޚަބަރުފަތުރާ ވަސީލަތްތަކުން މިބެހެއްޓެވި އަހަންމިއްޔަތަށްޓަކައި އެހުރިހާ ފަރާތްތަކަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން. ހަމައެހެންމެ، މުޅި ދިވެހިރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ ދަންނަވައި އަދި ދިވެހި ޤައުމީ ޓީމަށް ރައްޔިތުން އެދެއްވި ހިތްވަރަށްޓަކައި އައްސަރިބަހާއި ސާބަސް ދަންނަވަން.

ދެން ދަންނަވާލަން އޮތީ މިއީ އަނެއްކާވެސް ވަރަށް ދިގު ރާސްތާއެއްގެ ފެށުމޭ. މިރޭ އަޅުގަނޑުމެންނަށް މި ލިބުނީ ސާފް ޗެމްޕިއަންޝިޕް. އޭގެ ތަށި. އެހެންވީމާ، މިތަށި މިއީ އަޅުގަނޑުމެން ދުވަހެއްގައިވެސް ދޫކޮށްލައިގެންވާނެ އެއްޗެއް ނޫން. މި ވާންޖެހޭނީ އަޅުގަނޑުމެން މިފަށާ ކާމިޔާބުގެ ރާސްތާގެ ފެށުމަކަށް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގައި، މިއަށްވުރެވެސް ބޮޑެތި ކާމިޔާބީތައް ދިވެހިރާއްޖޭގެ ޤައުމީ ޓީމު ހޯދާނެ. އެކަމަށްޓަކައި މިހާރުއްސުރެ އަޅުގަނޑުމެން ކަމަރު ބަންނަންވީ. ޢަޒުމު ކަނޑައަޅަންވީ. އެކަމަށްޓަކައި މަސައްކަތްތަކެއް ކުރަންވީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާނެ.

އަދި އެއް ވާހަކަ ދަންނަވާލާނަން އިނގޭތޯ! އަޅުގަނޑުމެންގެ ރާއްޖެ މިހޯދި ކާމިޔާބީގެ ފަހަތުގައި ހުންނެވި ވަރަށް މުހިންމު ބޭފުޅެއްގެ ވާހަކަ ދަންނަވާލަން އެބަޖެހޭ. އެއީ އަލްފާޟިލް ޢުމަރު ޒާހިރު. އާދެ، އޭނާ ކޮންމެ މަގާމެއްގައި ހުންނެވިޔަސް، މިކަހަލަ ކަންތައްތަކުގައި ބައިވެރިވެވަޑައިގަންނަވަނީ ވަރަށް ފޯރިއާއެކީގައި. އަޅުގަނޑު ހަނދާން އެބަހުރި، އެއްދުވަހަކު ޖަލްސާއެއްގައި އިންދާ ވަޑައިގެން ވިދާޅުވި "ވާނެއޭ ދިވެހި ޤައުމީ ޓީމާ ބައްދަލުކޮށްލަން" އަޅުގަނޑު ދެންނެވިން އާދޭހޭ، އަޅުގަނޑު އެގޮތަށް ހިތުގައި ލައިގެންނޭ މިހުރީވެސް. އެހެންވީމާ، ތިޔަކަން ކުރާނަމޭ. މިކަމުގައި ވަރަށް ބޮޑަށް އުޅުއްވައިދެއްވި. ހުރިހާ ތަނަކަށް ވަޑައިގެން، ހުރިހާ ކަމެއް ކޮށްދެއްވައި ހައްދަވާ. އެހެންވީމާ، ޢުމަރު ޒާހިރަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވާލަމުން، މިރޭގެ މިކޭކު ޢުމަރު ޒާހިރު ފަޅުއްވައިދެއްވަން އަޅުގަނޑު އެދެން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.