ނިމިދިޔަ އިންޑިޔާގެ އާންމު އިންތިޚާބުގައި އިންޑިޔާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ނަރެންދްރަ މޯދީއާއި ވެރިކަން ކުރާޕާޓީ، ބާރަތިޔާ ޖަނާތާ ޕާޓީ (ބީ.ޖޭ.ޕީ) ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި އިންޑިޔާގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިކާމިޔާބީން ދައްކުވައިދެނީ ބޮޑުވަޒީރު މޯދީގެ ޒައާމަތުގައި ގެނެސްދެއްވި ކުރިއެރުން އިންޑިޔާގެ ރައްޔިތުން ބަލައިގަނެ އެގޮތުގައި ކުރިޔަށްދާން ބޭނުންވާކަން ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިޔަށް އޮތްތަނުގައިވެސް ރާއްޖެއާ އިންޑިޔާއާ ދެގައުމުގެ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވާނެކަމަށް ޤަބޫލުފުޅު ކުރައްވާކަމުގައެވެ. މީގެ އިތުރުން އިންޑިޔާ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގައި، އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާފައިވާތީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިންޑިޔާގެ ބޮޑުވަޒީރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި ސަރަހައްދުގެ ލާބައާ މަންފާއަށް ކުރެވޭ ކަންކަމުގައި ރާއްޖެއިން މިހާރެކޭ އެއްގޮތަށް ކުރިޔަށްއޮތް ތަނުގައިވެސް އިންޑިޔާއާ ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިންޑިޔާގެ ބޮޑުވަޒީރަށް އެރުވިއެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ އިންޑިޔާގައި ބާއްވާ މިފަދަ އިންތިޚާބު ތަކުގައި ފެނިގެންދާ ޑިމޮކްރެސީގެ ރިވެތި ނަމޫނާއާއި ރައްޔިތުންނަށް ލިބިދޭ ފުރިހަމަ ޙައްޤުތަކަށް ތަޢުރީފުކުރައްވައިފައެވެ.

މީގެ އިތުރުން، އިންޑިޔާއާ ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވައި، ދެޤައުމުގެ ސަރުކާރުގެ މެދުގައި މަތީފެންވަރުގެ މަޝްވަރާތައް ބޭއްވެވުމަށް ކުރިޔަށް އޮތްތަނުގައި އިންޑިޔާގެ ބޮޑުވަޒީރު ރާއްޖެއަށް ޒިޔާރަތެއް ކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.