ސަރުކާރުން ކޮންމެ އަހަރަކު ދެއްވަމުން ގެންދަވާ ޤައުމީ އިނާމު، މި އަހަރުން ފެށިގެން ޤައުމީ ދުވަހު ދެއްވާގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ. މިގޮތަށް ހަމަޖެއްސެވީ، ޤައުމީ އިނާމަކީ ޤައުމަށް ތަފާތު އެކި ރޮނގު ރޮނގުން ޚިދުމަތް ކުރައްވާ ބޭފުޅުންގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ދެއްވާ އިނާމަކަށްވާތީ، މި އިނާމު ދެއްވުން އެންމެ އެކަށީގެންވާ މުނާސަބަތަކީ ޤައުމީ ދުވަހުގެ މުނާސަބަތު ކަމަށްވާތީއެވެ.

1979 ވަނަ އަހަރު ޤައުމީ އިނާމު ދެއްވަން އޭރުގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ފެށްޓެވިއިރު، މި އިނާމު ދެއްވަމުން ގެންދަވަނީ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. ފަހުން ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި މި އިނާމު ދެއްވާގޮތަށް ހަމަޖެއްސެވީއެވެ.

ޤައުމީ ދުވަހު ޤައުމީ އިނާމު ދެއްވާގޮތަށް ހަމަޖެއްސެވުމުން، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުތައް ދެއްވާނީ، މިހާރެކޭވެސް އެއްގޮތަށް ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

މި އަހަރު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރްޞަތު، އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހު، ޤައުމީ އިނާމާބެހޭ ކޮމިޓީން ހުޅުއްވައިލައްވާގޮތަށް މިހާރުވަނީ ނިންމަވާފައެވެ. ޤައުމީ އިނާމު މިހާރު ދެވޭ މައިގަނޑު ދާއިރާތަކާއި، ރޮނގުތަކާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުގެ ޚިޔާލު، އެ ކޮމިޓީން މިހާރުވަނީ ހޯއްދަވާފައެވެ. އަދި ޤައުމީ އިނާމުގެ އުޞޫލުތަކަށް ގެންނަވަންޖެހޭ އިތުރު ބަދަލުތައް ގެންނެވުމުގެ މަސައްކަތް، އެ ކޮމިޓީން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ.